އެއަރޕޯޓުތަކުގެ ފަޔަރ ޓްރަކްތައް ހަލާކުވީ ކުރީ ސަރުކާރުން އަޅާނުލުމުން: މުބީން

default

އެއަރޕޯޓުތަކުގެ ފަޔަރ ޓްރަކްތައް ހަލާކުވީ ކުރީ ސަރުކާރުން އަޅާނުލުމުން ކަމުގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން ވިދާޅުވީ ހުރިހާ އެއަރޕޯޓުތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއް ކަމަށެވެ. އަދި ފަޔަރ ޓްރަކްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ފުނަދޫ އެއަރޕޯޓުގެ ފަޔަރ ޓްރަކަށް މައްސަލައެއް ދިމާވެ، އެ އެއަރޕޯޓުގެ އޮޕަރޭޝަން އިއްޔެ ހުއްޓުމަކަށް އައިސްފައިވީނަމަވެސް މިހާރުވަނީ މައްސަލަ ހައްލުކޮށް އޮޕަރޭޝަން އަލުން ފަށާފައެވެ.

މުބީން ވިދާޅުވީ ޕަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާކަމެއް އާރުއޭސީއެލް އިން އަބަދުވެސް ކަށަވަރު ކުރާނެކަމަށާއި، އެމްއޭސީއެލް އާއި އަދި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ފަޔާ ޓްރަކްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މުބީން އިތުރަށް ވިދާޅުވީ މިއީ ކުރީ ސަރުކާރުތަކުން އެއާޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ ކަމަށާއި، އެތައްދުވަހެއް ވީއިރުވެސް އެއާޕޯޓްތަކުގައި ހުރި ބާ ފަޔާ ޓްރަކުތައް އާ ނުކުރާ ކަމަށެވެ.

މުބީން ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މޯލްޑިވިއަން އިން ފުނަދޫ އަށް ކުރަނީ ހަފްތާއަކު ތިން ދަތުރެވެ. މި ދުވަސްވަރަކީ އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްރަށަށް ދަތުރު ވެސް ކުރާ ދުވަސްވަރެކެވެ. އީދު ބަންދު ފެށިފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އަދި އީދު ފަހު ދުވަހަކީ މާދަމާއަށް ވާއިރު އެއީ ޗުއްޓީގެވެސް ފަހު ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.