ހިންމަފުށީގައި ހުންނަ ޑީޓީއާރްސީގެ ކްލައިންޓުންނަށް ހުނަރު ދަސްކޮށްދިނުމަށް އެއްބަސްވެއްޖެ

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ކްލައިންޓުންނަށް ހުނަރު ދަސްކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ނެޝަނަލް ޑްރަގް އެޖެންސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ޗެއާޕާސަން، އަލްއުސްތާޛާ ލުބްނާ ޒާހިރު ސޮއިކުރެއްވިއިރު މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީންއެވެ.

ނެޝަނަލް ޑްރަގް އެޖެންސީގައި ކުރިއަށްގެންދިޔަ މި އެއްބަސްވުމުގެ ސަބަބުން ރީއިންޓަގްރޭޝަން މަރުހަލާގައި ކްލައިންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްކިލް ބޭސްޑް ތަމްރީނުތަކެއް ލިބިގެންދާނެ ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ.

އަދި މި ޕްރޮގްރާމުގެ އަމާޒަކީ ކްލައިންޓުނަށް އައު ޓެކްނިކްތައް ދަސްކޮށްދީ، ކްލައިންޓުންގެ މުސްތަގުބަލުގައި ކުރިއެރުމަށް އަމަލީ ހުނަރުތައް ދަސްކޮށްދިނުމުގައި އެހީތެރިވެދިނުމެވެ.

ނެޝަނަލް ޑްރަގް އެޖެންސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފަވާއިރު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން މަސައްކަތް ކުރުމަށް ދާދި ފަހުން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންޑީއޭގެ ސައިކޭޓްރީ ޚިދުމަތް ލިބޭނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި ދެ އިދާރާ ގުޅިގެން މަސައްކަތް ކުރުމުން އަވަސް އަދި ފެންވަރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން އެހީ ހޯދަމުން އަންނަ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ގިނަ ފަސޭހަތަކެއް ވެގެންދާނެކަމަށް ވެސް ލުބުނާ ވިދާޅުވިއެވެ. އަދި އެންޑީއޭގެ ފަރާތުން ޑީޖޭޖޭއިން ބޭނުންވާ ހުރިހާ ކަމެއް އެއްބަސްވުމެއްގެ ދަށުން ތަރުތީބުވެގެން ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.