
ވިލިމާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު، މިހާތަނަށް 3875 ކާނު ސާފުކޮށްފިއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ވިލިމާލެއިން ޖުމްލަ ނުވަ މަގެއްގެ ކާނު ވަނީ ސާފުކޮށްފައެވެ. އެ ގޮތުން އެ ނުވަ މަގަކީ، ބޯކެޔޮ ގޯޅި އާއި ޝަމްސުއްދީން މަގާއި، މާލެ ހިނގުމާއި ވެށި މަގާއި ގުލްސަންޕާމާ ގޯޅިއާއި ކަޅުތުއްކަލާ ގޯޅިއާއި ސިނަމާލެ 4 މަގާއި ދިއްގާމާ ގޯޅި އަދި ހުޅުލެ ހިނގުންމަގެވެ.
މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ވިލިމާލެއާއި މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި އެހެންކަމުން ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މަގުތަކުގައި ފެން ބޮޑު ވުމަކީ، ކާނުތައް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ކާނުތަކުގައި ކުނި ގިނަވުމުން ވާރޭވެހޭ ކޮންމެ ފަހަރަކު ކާނުތަކުން ފެން ބޭރުނުވެ، ކާނުތަކުގައި ހުންނަ ކުންޏާއި ހަޑި އެއްޗެހި މަގުތަކަށް އެޅި މަގުތައް ހަޑިވެއެވެ.
މޭޔަރ ޢާޒިމްގެ އަމާޒަކީ، މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނަކަށް ހަދައި، ރައްޔިތުން އެދޭ ފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވުމެވެ.