
( 4 މޭ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ކުލްސޫމް ހޮސްޕިޓަލުގައި ބާއްވައިގެން ބަލަހައްޓަމުން ގެންދިޔައެވެ. ލޭގެ ޕްރެޝަރވެސް މިހާރު ހަމަޔަކަށް އެޅިއްޖެއެވެ. ހޮސްޕިޓަލްގެ ރީތިކަމާއި ފުރިހަމަކަމަށް ، ކުލްސޫމް ތަޢުރީފުކުރަމުން ގެންދިޔައެވެ. އޭނާއަށް ޚިދުމަތްކުރުމަށްޓަކައި ، އޭނާގެ ދެކުދިން ކުރަމުން އެގެންދާ ޚަރަދުތަކަކީ ، އޭނާ ސުވަރުގެއެއްފަދަ ތަނެއްގައި ބޭއްވުމަށް ކުރަމުންގެންދާ ޚަރަދުތަކެކެވެ. ކުލްސޫމްގެ މުޅި ޙަޔާތުގައިވެސް ، އޭނާގެ ފިރިމީހާ ނިޔާވިފަހުން ، ހުރިހާކަމެއް ބަލަހައްޓަމުން ގެންދިޔައީ ޙައިދަރެވެ. ޙައިދަރަށް ހެޔޮގޮތް މިންވަރު ކޮށްދެއްވުންއެދި ﷲ އަށް ކުލްސޫމް ދުޢާ ކުރިއެވެ.
ތިންމައިން ވާހަކަ ދައްކަމުންގެންދަނިކޮށް ، ޙައިދަރަށް ފޯނެއް އައެވެ. ފޯނުކުރީ ހޮސްޕިޓަލުގެ އެކައުންޓްސް ޑިޕާޓްމަންޓުންނެވެ. އެއީ ޙައިދަރުތޯ އަހައި ، އޭނާގެ އަންހެނުން އެ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި އޮތްތޯ ސުއާލު ކުރިއެވެ. އެއީ ވެދާނެކަމެއްކަމަށް ޙައިދަރު ބުންޏެވެ. ހޮސްޕިޓަލުން އެގުޅީ ، ދައްކަންޖެހޭ ފައިސާ ހުރެގެންކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެފައިސާ ދައްކަންޖެހެނީ ކޮންއިރެއްގެ ކުރިންތޯ ޙައިދަރު ސުއާލު ކުރިއެވެ. ވީއެންމެ އަވަހަކަށް ކަމުގައި ހޮސްޕިޓަލުން ބުނުމާއެކީ ، ގަޑިއެއްހާ އިރުގެ ތެރޭގައި އޭނާގެ ވަޒީފާގައިހުރި މީހަކު ގޮސް ، އެބިލްތަކަށް ފައިސާ ދައްކާނެކަމަށް ޙައިދަރު ބުންޏެވެ.
ދިލްނަޝީންގެ ބިލްތަކަށް ފައިސާ ދައްކަން ހޮސްޕިޓަލުން ޙައިދަރަށް ގުޅީމަ ، ސާރާހުރީ ހިތްހަމަ ނުޖެހިފައެވެ. އެމީހުން އައްވަލަށް ނުގުޅީ ކީއްވެތޯ ، ސާރާ ސުއާލު ކުރިއެވެ. އެހެންނަމަވެސް އެއީ ކަމަކަށް ނުހެދުމަށް ޙައިދަރު އެދުނެވެ. އަދި ، އޮފީހުގެ އެކައުންޓެންޓަށް ގުޅާފައި ، ހޮސްޕިޓަލަށްގޮސް އެބިލްތައް ދެއްކުމަށް އެދުނެވެ. އަދި އެޑްވާންސަށް ، ދިލްނަޝީންގެ އެކައުންޓަށް ފައިސާކޮޅެއް ޖަމާކުރުމަށްވެސް ބުންޏެވެ. އެގެއިން ދިއުމަށްފަހުވެސް ، ދިލްނަޝީނަށް ، މުސްތަޤްބަލްގައި އެފައިސާގެ ބޭނުން ޖެހިދާނެތީއެވެ.
ދިލްނަޝީން ދިރިހުރިހާ ހިނދަކު ، އޭނާ އެކުރިކަންކަމާމެދު ދެރަވެ ، ހިތާމަކުރާނެކަމަށް ކުލްސޫމް ބުންޏެވެ.
" އެ ފިރިހެނަކަށްޓަކައި އެމީހުން ދޫކޮށްލާފައިދިޔަ ފިރިހެނާވެސް ދިލްނަޝީން ދޫކޮށްލާނެއެވެ. ދުވަހަކުވެސް ، ދިލްނަޝީނަކަށް އުފާވެރިކަމެއް ނުލިބޭނެއެވެ. " ސާރާ ބުންޏެވެ.
ޙައިދަރަށް ދިލްނޝީން ފޯނުކުރިތޯ ކުލްސޫމް ސުއާލު ކުރިއެވެ.
" އާނއެކެވެ ! ފޯނުވެސް ކުރިއެވެ. މެސެޖްވެސް ކުރިއެވެ. ދިލްނަޝީން ބުނާގޮތުގައި ޙަމްޒާއާ ބައްދަލު ކުރުމަށް ދިޔައީ އެގުޅުން ނިމުމަކަށް ގެނެސް ، ޙަމްޒާއަށް ނޫނެކޭ ބުނުމަށެވެ. އެކަމަކު ، ދިލްނަޝީން ބަލިވެއިންކަން އެނގުމުން ، ޙަމްޒާގާތަށް ރުޅިއައިސްގެން ކޮންޓްރޯލުން ނެއްޓީއެވެ. އަދި ، އެކަމުގެ ބަދަލު ހިފުމަށްޓަކައި އެކްސިޑެންޓް ކުރުވީއެވެ. އެ އެކްސިޑެންޓަކީ ވީކަމެއްނޫނެވެ. ގަސްތުގައި ކުރި ކަމެކެވެ. " ޙައިދަރު ބުންޏެވެ.
ޙައދަރަށް އެހާބޮޑު ލަނޑެއް ދިލްނަޝީން ދޭނޖެހޭ ސަބަބަކާމެދު ، ކުލްސޫމް ސުއާލު އުފެއްދިއެވެ. އޭނާއަށް ދިލްނަޝީން ، ލަނޑެއްނުދޭކަމަށް ޙައިދަރު ބުންޏެވެ. އޭނާއަކަށް ދިލްނަޝީން ބޭވަފާތެރިއެއް ނުވެއެވެ. ޙައިދަރުގާތުން ވަރިވާން ، ވަރަށްކުރިންވެސް ދިލްނަޝީން އެދުނެވެ. އެކަމަކު ، ވަގުތުކޮޅެއް ދިނުމަށް ޙައިދަރު އެދުނީއެވެ. އޭގެ ބޭނުމަކީ ކޮބައިތޯ ކުލްސޫމް ސުއާލު ކުރިއެވެ.
" މަންމަގެ ބަލި ރަނގަޅުވަންދެން މަޑުކޮށްލުމަށް އަހަރެން އެދުނީއެވެ. އޭގެފަހުން ، ދިލްނަޝީން ބޭނުންވާ ކޮންމެ ގޮތަކަށް ހަދަން އަހަރެން ފުރުޞަތުދިނީއެވެ. ގެއިންނާއި އަހަރެންގެ ދިރިއުޅުމުން ވަކިވެގެން ދިއުންވެސް އަހަރެންނަށް އެންމެ ރަނގަޅެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް އެވަގުތު އަހަރެންނަށް މުހިންމުވީ މަންމަގެ ޞިއްޙަތެވެ. " ޙައިދަރު ބުންޏެވެ.
އެހެންކަމަށް ވަންޏާ ، ދިލްނަޝީންގެ ދައުރު ވަރަށް ފުރިހަމަޔަށް އަދާކޮށްފިކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީންގެ ރަނގަޅު ސިފަތައް ، އޭނާގެ ގޯސްކަންކަމުން ނުފެނިގޮސްގެން ނުވާނެއެވެ. އެއީ އިންސާފެއް ނޫނެވެ. ކުލްސޫމްގެ ވާހަކަތަކަށް ހިތްހަމަ ނުޖެހިގެން ސާރާ ވާހަކަ ދައްކަން ފެއްޓިއެވެ. އެހެންނަމަވެސް ، އެކަމުގައި ގޮތެއް ނިންމަން ސާރާގެ ބޭބެއަށް ދޫކޮށްލުމަށް ކުލްސޫމް އެދުނެވެ. ކުލްސޫމްގެ އެންމެ ބޮޑުއެދުމަކީ ، ދިލްނަޝީނާއެކީ ޙައިދަރުގެ ދިރިއުޅުން ކުރިޔަށް ނުގެންދިޔަނަމަވެސް ، އަދި ، ހިތަށް އުނދަގޫވިޔަސް ، ދިލްނަޝީނަށް މަޢާފު ކުރުމެވެ. މީހަކަށް މަޢާފުކުރުމަކީ ، ހިލޭލިބޭ ސަވާބެކެވެ. އެއީ ، ކުލްސޫމް މަރުވުމުގެކުރިން އޭނާއެދޭ އެންމެ ބޮޑު އެދުމެވެ. ދިލްނަޝީނަށް މަޢާފުކުރުން އެދި ޙައިދަރު ގާތު ކުލްސޫމް އެދެމުން ގެންދިޔައެވެ.
މާދަމާ ބާރަޖަހާއިރު ، ހޮސްޕިޓަލުން ، ދިލްނަޝީން ދޫކޮށްލެވޭނެކަމަށް ނަރުސްކުއްޖާ ބުންޏެވެ. އެހެންވީމާ ، ދިލްނަޝީންގެ ބަލަދުވެރިޔަކު އޭނާ ބަލައި އަންނަން ބުނުމަށް ނަރުސްކުއްޖާ ، ދިލްނަޝީނަށް ލަފާދިނެވެ. ދިލްނަޝީން ފޯނުކުރަންޖެހޭ އެއްވެސް މީހަކު ، އޭނާގެ ފޯނެއް ނުނަގައެވެ. އެތަނުން މީހަކަށް ނަރުސްކުއްޖާ ފޯނުކޮށްލަ ދިނުމަށް ދިލްނަޝީން އެދުނެވެ. ދިލްނަޝީންގެ ފިރިމީހާއަށް ނަރުސްކުއްޖާ ފޯނު ކުރިއެވެ. އެކަމަކު ، ޙައިދަރު ބުނީ ، ދިލްނަޝީންގެ ބޭބެ ، އައްވަލަށް އެކަން އެންގުމަށެވެ. ދިލްނަޝީންގެ ހޮސްޕިޓަލުގެ ބިލްތައް ، މީހަކު ފޮނުވައިގެން ދެއްކީ ޙައިދަރުކަމަށް ނަރުސްކުއްޖާ ބުންޏެވެ. އެހެން ގޮތެއް ނެތިގެން ، ނަރުސްކުއްޖާވަނީ އައްވަލަށްވެސް ފޯނުކޮށްފައެވެ. ދިލްނަޝީނަކީ އޭނާއާބެހޭ މީހެއްނޫންކަމަށާއި ، އޭނާއަށް އެކަމުގައި އިރުއިރުކޮޅުން އުނދަގޫނުކުރުމަށް އައްވަލް ބުނިވާހަކަ ނަރުސްކުއްޖާ ބުންޏެވެ.
ދިލްނަޝީން ހޮސްޕިޓަލަށް ގެނެވުނުއިރު ލާފައި އޮތް ހެދުން އޮތީ ލެއިން ތަތްތެޅިފައެވެ. އެހެދުންވަނީ ހޮސްޕިޓަލުން އެއްލާލައިފައެވެ. ކޮންމެވެސް ތާކުން ބާހެދުމެއް ހޯދައިގެން އޭނާއަށް ގެނެސްދީފާނަންތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ. އެއީ އެކުއްޖާ އޭނާއަށް ކޮށްދޭ ވަރަށްބޮޑު ހެޔޮ ކަމެކެވެ. ދިލްނަޝީނަށް އެކަން ކޮށްދިނުމަށް ނަރުސްކުއްޖާ އެއްބަސް ވިއެވެ.
ކުއްލިޔަކަށް އެކޮޓަރިޔަށް އެވަނީ ބުޝްރާއެވެ. ބުޝްރާ އެތަނަށް އެއައީ ކޮންބޭނުމަކުތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ. ބުޝްރާ އެއައީ ، އަފްސިޔާއާ އިންނަން ޙަމްޒާ އެއްބަސްވީމަ ، އެކަމުގެ އުފަލުގައި ދިލްނަޝީނަށް ފޮނިކާއެއްޗެއް ހިފައިގެންނެވެ. އޭނާގެ ދަރިފުޅު ، ދިލްނަޝީން ދޫކޮށްލާފައި އަފްސިޔާގެ ކައިވެންޏަށް އެއްބަސްވީމަ ، ދިލްނަޝީންގެ ހިތްފަޅައިގެން ގޮސް ހޮސްޕިޓަލުން ދޫކޮށްލާ ދުވަސް ލަސްވެދާނެކަމަށްބުނެ ، ބުޝްރާ ދިލްނަޝީނަށް މަލާމާތް ކޮށްލިއެވެ. އޭނާ ދޫކޮށްލީ ބުޝްރާގެ ދަރިފުޅު ، ޙަމްޒާ ނޫންކަމަށް ދިލްނަޝީން ބުންޏެވެ. ޙަމްޒާ ، ދިލްނަޝީން ދޫކޮށްލީކީ ނޫނެވެ. އެއްވެސް އަންހެނަކާއެކީ ، ބާއްޖަވެރި ޙަޔާތެއް ބިނާކުރެވޭވަރަށްވުރެ ބޮޑަށް ، ބުޝްރާމެންވަނީ ، ޙަމްޒާގެ ދިރިއުޅުން ހަލާކުކޮށްލާފައެވެ. ދީނީގޮތުންވެސް ކުރަން ނުޖެހޭ އެތައްކަމެއް ކުރަން ޙަމްޒާއަށް މަޖުބޫރުކޮށްފައެވެ. އަތުގައި ފައިސާ ހުރެގެން ޅަފިރިހެންކުއްޖަކަށް ހެދޭނެ ހުރިހާ ގޯހެއް ހަދަން ޙަމްޒާއަށް ދަސްކޮށްދީފައެވެ. ޙަމްޒާގެ ދިރިއުޅުން އެވަނީ ، ގޮތްދޫނުކުރާ ބޮޑާ އަދި ކިބުރުވެރި މަޔެއްގެ އަތުން ހަލާކުވެފައިކަމުގައި ދިލްނަޝީން ބުންޏެވެ.
" ތިމާގެ ކުއްޖަކާ ޙަމްޒާ ދެވާ ވާހަކަ ބުނާއިރު ، އެކަން އެގޮތަށް ކުރުމަށްވެސް ، އަހަރެން ޙަމްޒާއަށް ނަޞޭޙަތް ދިނީމެވެ. އަހަރެންނާ ދިމާލަށް މަލާމާތް ކުރުމަށްވުރެ ، އަހަރެންކުރި ދުޢާ އިޖާބަކުރައްވައި ، މީހަކާއިންނަން ޙަމްޒާ އެއްބަސްވިކަމާމެދު އުފާކުރަންވީ ނޫންހެއްޔެވެ ؟ މިއަދު ، އަހަރެންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ، އަހަރެންގެ ޙަޔާތުން ޙަމްޒާ ވަކިވުމުގެ އުފަލެވެ. މުސްތަޤްބަލްގައި ވާނެގޮތެއް ދެނެވޮޑިގެންވާނީ ﷲ އެވެ. އެކަލާނގެ އެއްވެސް މީހަކަށް ދެރަގޮތެއް އިރާދައެއް ނުކުރައްވާނެއެވެ. ކޮންމެ އަންހެނަކީ ، އެ މުއްސަނދި ޞާދިޤް ގެ އަންހެނުން ކަހަލަ މީހަކަށް ނުވާނެއެވެ. އެބުނާ ޞާދިޤް މިހާރު ކޮބައިހެއްޔެވެ ؟ ކަލޭމެންގެ ޖާހާ މުއްސަނދިކަމުން ، ޞާދިޤް ހިފެހެއްޓުނު ހެއްޔެވެ ؟ ތަޤްދީރާ ދެކޮޅަށް އެއްވެސްމީހަކަށް ތަދުބީރެއް ނުކުރެހޭނެއެވެ. ދެންވެސް ހޭއަރާށެވެ ! އަހަރެންގެ އަމިއްލަ ޙާލަށް އަހަރެން ދޫކޮށްލާށެވެ ! ފަސްދޮޅަހުން މަތީގެ މުސްކުޅި އަންހެނަކަށް ، ބާވީސް އަހަރުގެ އަންހެންކުއްޖަކު ، މިކަހަލަ ނަޞޭޙަތްދޭން ޖެހުނީމަ ލަދެއް ނުގަނޭ ހެއްޔެވެ ؟ ދިލްނަޝީން ބުނަމުން ގެންދިޔައެވެ.
ދިލްނަޝީން ދައްކަމުންގެންދިޔަ ވާހަކަތައް އަޑުއަހަން ބުޝްރާ މަޑުން އިނެވެ. އެވާހަކަތަކުގެ ރައްދުގައި ބުނާނެ އެއްޗެއް ބުޝްރާގެ ހިތަކަށް ނައެވެ. އެއީ ހަމަ ، ރަނގަޅު ވާހަކަތަކެއްކަމަށް ވެދާނެއެވެ. އެހެނަސް ، ދިލްނަޝީން ދެން އެބުނި ވާހަކަޔަކުން ، ބުޝްރާގެ މޫނުމަތި ބަދަލުވެގެން ދިޔައެވެ.
" ޙަމްޒާ މިހާރު މީހަކާ އިންނަން އެއްބަސްވީއެވެ. ބުޝްރާއަށް ޅީދަރިޔަކު ލިބުނީއެވެ. ޅީދަރިޔަކަށް ކަމޭހިތައިގެން އިޙްތިރާމްކޮށްގެން އުޅެން އެނގޭ މައިދައިތަ އަކަށްވާން ބޭނުންނަމަ ، އަހަރެންގެ މައިދައިތަގެ ފަރާތުން އެކަން ދަސްކުރާށެވެ. " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީން ، ކުރިން އެދެއްކި ވާހަކަތަކުގެ މަތިން ހަނދާން ނެތި ، ބުޝްރާގެ ބޮޑާކަން އޭނާގެ ނަފްސުގެ މައްޗަށް ގަދަވެގަތެވެ.
" އެހެން ހެއްޔެވެ ؟ ތިބުނަނީ ، ހޮސްޕިޓަލަށް އައިއްސަވެސް ، ދިލްނަޝީންގެ ޙާލު ކިހިނެއްތޯވެސް އަހައިނުލައި ، އެނބުރި ގެޔަށްދިޔަ މައިދައިތަގެ ވާހަކަ ހެއްޔެވެ ؟ ޙައިދަރާ ދިމާލަށް އަހަރެން ގޮވި އެއްޗެތިން ، ދުނިޔެއަށް ލަދުގަންނުވާލައި އަބުރު ދުއްވާލީމެވެ. ގޭތެރެއިން ނުކުމެ މީހުންގެ ތެރޭގައި އުޅެން ލަދުގަންނަ ވަރު ކޮށްލީމެވެ. " ބުޝްރާ ބުންޏެވެ.
އެއީ އާކަމެއްނޫނެވެ. ބުޝްރާމެންގެ ފިޠުރަތުގައި ލައްވާފައިވާ ސިފައެކެވެ. ޙަޤީޤަތް ދެނެވޮޑިގެންވާނީ ﷲ އެވެ. ބުޝްރާމެންވަނީ ، ދިލްނަޝީނާއި އޭނާގެ ބޭބެގެ އަބުރާއި ޢިއްޒަތް ، އެއްވެސް ކަމަކާނުލައި ، މީގެކުރިންވެސް ދުއްވައިލާފައެވެ.
" އަހަރެންގެ އަބުރާއި ޢިއްޒަތާބެހޭގޮތުން ، އަހަރެންގެ ޝަޚުޞަށް ނިސްބަތްކޮށް އެއްވެސް ބަހެއް ބުނުމަށް ، ބުޝްރާއަކަށް ދެން ، އަހަރެން ފުރުޞަތެއް ނުދޭނަމެވެ. ސެކިއުރިޓީ ގެނެސް މިތަނުން ބޭރުކޮށް ނުލަނިސް ، ނުކުމެގެން ދާށެވެ ! " ބުޝްރާއާ ދިމާލަށް ދިލްނަޝީން ހަޅޭއްލަވައިގަތެވެ.
" ދިއުމުގެ ކުރިން ، އިތުރު ވާހަކައެއް އަޑުއަހައިލާފައި ދާށެވެ. ޙަމްޒާއާ މެދު ހިތާމަކޮށް ، ބުޝްރާމެން ރޯންޖެހޭނެ ދުވަސް މާލަހެއް ނުވާނެއެވެ. އެކަމަކު ، އަހަރެން ، އަހަރެންގެ ފިރިމީހާގެ ގޭގައި ހަމަޖެހިލައިގެން ދިރިއުޅޭ ދުވަސް ، ﷲ ގެ އިރާދަފުޅާއެކީ ، ލަހެއްނުވެ އަހަރެން ، ދުނިޔެއަށް ދައްކާނަމެވެ. " ދިލްނަޝީން ބުންޏެވެ.
އެކޮޓަރީގައި އަޑުގަދަވެގެން ، އޭރު ސެކިއުރިޓީންގެ ދެމީހުން ތިބީ ކޮޓަރިޔަށް އައިހެވެ. އިތުރަށް ފަޟީޙަތް ވާން ޖެހިދާނެތީ ، ބުޝްރާ އެދިޔަގޮތަށް ކޮޓަރިން ނުކުމެގެން ދިޔައެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ، ދިލްނަޝީން ނުކުމެގެން ދިޔައީ ، ނަރުސްކުއްޖާ ގެނެސްދިން ބާ ހެދުންގަނޑެއް ލައިގެންނެވެ. ކާރެއްގައި ތާކަށްދާކަށް އޭނާގެ އަތަކު ފައިސާއެއް ނެތެވެ. ކުރޮޅިއެއްގައި ދިޔަ މުސްކުޅިވަރެއްގެ މީހަކަށް އާދޭސްކޮށްގެން ، ޙައިދަރުގެ ގެޔަށް ދިއުމަށްޓަކައި ދިލްނަޝީން ދަތުރު ފެށިއެވެ.
ގެޔަށް ދިޔަމަގުމަތީ ، ދިލްނަޝީން ދުޢާ ކުރަމުން ގެންދިޔައެވެ. އޭނާއަށް އެކުރެވުނު ކަމަކަށް ތައުބާވެ ، އޭނާއަށް ހެޔޮ ރަޙުމަތްލެއްވުން އެދިގެންނެވެ. އެތައްބަޔަކު ދިރިއުޅޭ ދުނިޔެއެއްގައި ދިލްނަޝީން އެހުރީ އެކަނިވެފައެވެ. ވާހަކަ ދައްކައިލުން ކީއްހެއްޔެވެ ؟ އޭނާގެ އަޑުއަހައިލާނެ މީހަކުވެސް އަދި އޭނާއާ ދިމާލަށް ބަލައިލާނެ މީހަކުވެސް ނެތެވެ. ތަޤްދީރުން އިންސާނަކު އުފަލުގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާކަމެއް އޭނާއަށް ފުރިހަމަ ކޮށްދެއްވިއެވެ. ލޯބިވެ އިޙްތިރާމްކުރާ އެތައްބަޔަކު ލިބުނެވެ. އިންތިހާއަށް އަޅައިލާ ޚުލްޤު ހެޔޮ ފިރިޔަކު ލިބުނެވެ. ކުރިމަތިވި ކަންކަމަށް ކެތްތެރިނުވެވިގެން ، އޭނާއަށް މަގުއޮޅިގެން ދިޔައީއެވެ. ކެހިވެރި އަންހެނެއްގެ ބަސްއަހައިގެން ، އޭނާގެ ދިރިއުޅުން ދިލްނަޝީން އެވަނީ އަމިއްލަ އަތުން ހަލާކު ކޮށްލާފައެވެ. ޙައިދަރާ އަޅައިގަނެގެން މެހެމަލް އެކުރި ހުރިހާކަމެއްގެ އަނިޔާއާ ކުރިމަތިލާން އެޖެހުނީ އެނާގެ އަމިއްލަ ނިންމުންތަކެއްގެ ސަބަބުންނެވެ. ޙައިދަރުގެ ބަސް ނާހައި ، މެހެމަލްގެ ބަހަށް ހެއްލުމުގެ ސަބަބުން ، އޭނާގެ މުޅިދުނިޔެ އެދިޔައީ ބަނަވެގެންނެވެ. މެހެމަލް މިއަދު އެއިނީ ، އޭނާގެ ފިރިމީހާގެ ގޭގައި އުފަލުގައެވެ. ހުރިހާ ހިތާމަޔަކާ ކުރިމަތިލާން މިޖެހުނީ ދިލްނަޝީނަށެވެ.
ކައިވެންޏަށް ޙަމްޒާ އެއްބަސްވީމަ ، ބުޝްރާހުރީ އުފަލުންގޮސް ފޮޅިފައެވެ. ހާރޫނުވެސް ، އެލިބުނު ފުރުޞަތު ނަގައިލާކަށް ބޭނުމެއް ނޫނެވެ. ހާރޫނުވެސް މިހާރު ބޭނުންވަނީ ހޮސްޕިޓަލުގައިނަމަވެސް އެކައިވެނި ކުރުވާށެވެ. އަފްސިޔާއަށް ވިސްނައިދީގެން ، އެކައިވެންޏަށް އެއްބަސް ކުރުވީވެސް އެސަބަބަށްޓަކައެވެ. ތިމާއާ ދިމާލަށް ލައްގަމުން އައި މާވަހަރަކާ ދުރަށް ކަޅިގެންދަން ބޭނުންވާނީ ކާކު ހެއްޔެވެ ؟ ޙަމްޒާ ފަސޭހަވެގެން ގެޔަށް އަންނަތަނުން ޚިޔާލު ބަދަލުކޮށްފާނެއެވެ. ކައިވެންޏަށް ދެކޮޅު ހަދައިފާނެއެވެ، އެކަން އެހެން ވެއްޖެނަމަ ، ހާރޫނު ދެކެމުން އައި ހުވަފެން ބިލާހަކަށްވީއެވެ.
ޙަމްޒާއަކީ އަފްސިޔާ އެދޭފަދަ މީހެއްނޫނެވެ. ވިޔާނުދާ ހުރިހާކަމެއް ކުރެއެވެ. ކިޔެވުންވެސް ނިންމީއަކީ ނޫނެވެ. ރޭގަނޑުގެ ގިނަވަގުތު ހޭދަކުރަނީ މަސްތުގެ ޙާލަތުގައެވެ. އެހުރިހާކަމެއް އެހެން ހުރިނަމަވެސް ، ހާރޫނުގެ ބަހަށް ހެއްލި ، އަފްސިޔާގެ ވިސްނުމަށްވެސް އައީ ޙަމްޒާގެ ޢާއިލާގެ މުދަލާއި ފައިސާއެވެ. ހިތްހަމަޖެހޭ ދިރިއުޅުކަމަށްވުރެ ފައިސާ އާއި މުދާ އަފްސިޔާއަށް މުހިންމުވީއެވެ. ޙަމްޒާ އުޅޭނެގޮތަކަށް އުޅެން ވީއެވެ. އެއީ ، އަފްސިޔާ ބެހޭނެކަމެއް ނޫނެވެ. އަފްސިޔާގެ ދުނިޔެއަކީ ، މުދަލާއި ފައިސާއެވެ. ( ނުނިމޭ )
varahves reethi shukura