ކޮމިޝަންގެ މަސައްކަތަށް އެއްވެސް ބަޔެއްގެ ނުފޫޒެއް ނުފޯރުވެވޭނެ: ޑރ. މުނައްވަރު

މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތަށް އެއްވެސް ބަޔެއްގެ ނުފޫޒެއް ނުފޯރުވެވޭނެ ކަމަށް އެކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުވުމުގައި ޑރ. މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މައްޗަށް ބެލުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އެގޮތުން ކޮމިޝަންގެ މަސައްކަތައް އެއްބާރުލުން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރަން ފަށާފައިވާކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް މާގިނަ ދުވަސްތަކެއް ނަގާނެކަމަށް ނުބެލެވޭކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުތުރުން ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މިމަހުގެ 18ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، ކޮމިޝަނެއް އުފައްދަވާފައިވަނީ މިމަހުގެ 27ވަނަ ދުވަހުގައެވެ. އެ ކޮމިޝަނުގައިި 5 މެންބަރުން ތިއްބަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.