
( 16 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ދިލްނަޝީންމެންގެއިން ނުކުމެގެން ، ރިދާ ސީދާ ދިޔައީ ، ދިލްނަޝީންގެ މަންމަމެން ގެޔަށެވެ. ބޭރުދޮރުގެ ރަނގަބީލުޖަހަން ފެށީމަ ، ޢާފިޔާ އައިސް ދޮރުހުޅުވައިލުމާއެކީ ، ސަލާމްވެސް ގޮވާނުލައި ، ރިދާ ގޭތެރެޔަށް ވަދެގެން ދިޔައެވެ. ރިދާ ހުއްޓުވަން ޢާފިޔާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، ރިދާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ގޭތެރެޔަށް ވަދެގެން ދިޔަގޮތަށްގޮސް ، އަނީސާގެ ކުރިމައްޗަށް ރިދާ ހުއްޓުނެވެ. އެހާ ކުއްލިގޮތަކަށް ރިދާ އައުމާއެކީ ، އަނީސާއަށްވެސް ޙައިރާންކަން ލިބުނެވެ. އަނގަހުޅުވިފައި ހުއްޓާ ، ރިދާ ވާހަކަ ދައްކަން ފެއްޓިއެވެ.
އެގެޔަށް އޭނާ އަންނަން މަޖުބޫރުކުރީ ، ދިލްނަޝީންކަމަށް ރިދާ ބުންޏެވެ. ދިލްނަޝީންގެ ޙިމާޔަތުގައި ވާހަކަ ދައްކަން އައިކަމަށް ވަންޏާ އެގެއިން ރިދާ ނުކުމެގެން ދިއުމަށް އަނީސާ ބުންޏެވެ. ރިދާގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަނީސާ ބޭނުމެއް ނޫނެވެ. ރިދާއައީ ދިލްނަޝީން ގެ ޙިމާޔަތުގައި ވާހަކަ ދައްކަން ނޫންކަން ރިދާ ހާމަކުރިއެވެ.
" ދިލްނަޝީނާހުރެ ، އަހަރެންގެ ކޮއްކޮ މަރުން ސަލާމަތްވެގެން އެއައީ އިހަކަށް ދުވަހުއެވެ. އަހަރެންގެ ކޮއްކޮއާއެކީ ދިލްނަޝީން މިހާރު އަނެއްކާވެސް ގުޅުމެއް އެބަ ހިންގައެވެ. " ރިދާ ބުންޏެވެ.
ދިލްނަޝީން އެކަހަލަކަމެއް ނުކުރާނެކަމަށް ޢާފިޔާ ބުންޏެވެ. ދިލްނަޝީން ފަހަތުން އަޅައިގަނެގެން ނުނެއްޓިގެން އެއުޅެނީ ރިދާގެ ކޮއްކޮ ޙަމްޒާ ކަމުގައި ޢާފިޔާ ބުންޏެވެ. މައްސަލައެއް ނެތެވެ. ކުރިން ، ޙަމްޒާ އުޅުނީ ދިލްނަޝީނާ އަޅައިގަނެގެން މޮޔަވެގެންނެވެ. އެކަމަކު ، ޙަމްޒާގެ ފަހަތުން އަޅައިގަނެގެން މިހާރު އެއުޅެނީ ދިލްނަޝީންކަމަށް ރިދާ ބުންޏެވެ. އަދި ، ދިލްނަޝީނަކީ އެހާ ވަފާތެރި އަންހެނެއްކަމަށް ވަންޏާ ، ޙަމްޒާއަށް ނޫނެކޭ ނުބުނަންވީ ކީއްވެ ހެއްޔެވެ ؟ ޙަމްޒާއާ ވާހަކަ ދައްކަންވީ ކީއްކުރަން ހެއްޔެވެ ؟ ޙަމްޒާ މާޔޫސްކޮށް ، ދިލްނަޝީންގެ ޙަޔާތުން ، އެކަހެރި ނުކުރަންވީ ކީއްވެ ހެއްޔެވެ ؟ ޙަމްޒާއާ ދިލްނަޝީން މިހާރުވެސް އެ ބައްދަލު އެކުރަނީ ކީއްވެތޯ ރިދާ ސުއާލު ކުރިއެވެ.
ދިލްނަޝީން ޙަމްޒާއާ ބައްދަލު ކުރިޔަސް އަދި ވާހަކަ ދެއްކިޔަސް އެއީ ، ޙައިދަރުގެ މައްސަލައެއްކަމަށް އަނީސާ ބުންޏެވެ. އެއީ އެމީހުންނާ ބެހޭކަމެއްނޫނެވެ.
އެކަމާ އަނީސާމެންނާ ގުޅުމެއް ނޯންނަންވީ ސަބަބެއް ރިދާއަކަށް ނޭނގެއެވެ. ޙައިދަރަށް އެކަން ފަޅާއެރީމަ އެންމެ ފުރަތަމަވެސް އައީ ، އަނީސާމެންގާތަށް ނޫންތޯ ރިދާ ސުއާލު ކުރިއެވެ. އެމީހުންނާ ސުއާލުކޮށް ޒުވާބު ކުރުމުގެ ކުރިން ރިދާގެ ކޮއްކޮ މައިތިރިކުރުމަށް އަނީސާ ބުންޏެވެ. މީހެއްގެ އަނތްބަކާ އެކު ނާޖާއިޒް ގުޅުމެއް ހިންގަން ، ޙަމްޒާއަށް ރިދާމެން ފުރުޞަތު ދެނީ ކީއްވެތޯ އަނީސާ ސުއާލު ކުރިއެވެ. އެހެންމީހުންނާ ދިމާލަށް އިނގިލި ދިއްކުރުމުގެ ކުރިން އެންމެ ފުރަތަމަ ، ރިދާގެ ކޮއްކޮ މައިތިރި ކުރަންވީ ނޫންހެއްޔެވެ ؟ ދިލްނަޝީނަށް ހަމަޖެހިލައިގެން ނޭވާއެއް ލެވޭނެ ފުރުޞަތުވެސް ރިދާމެންނެއް ނުދެމުއެވެ. އެފަކީރު ގަނަތަޅުވާފަ މުޅިރަށަށް ގިނަކޮށްލި ހުތުރުގޮތް ހަނދާންނެތުނީތޯ އަނީސާ ސުއާލު ކުރިއެވެ. މެހެމަލްއާ ބައިވެރިވެގެން ދިލްނަޝީން ބްލެކްމެއިލް ކުރަމުން ގެންދިޔައިރު ، އެމީހުންގާތަށް އަންނަން ނޭނގުނީ ކީއްވެ ހެއްޔެވެ ؟ އެންމެފަހުން ، ޙަމްޒާވެސް އޭގެތެރެޔަށް ވައްދައިގެން ، ދިލްނަޝީންގެ ދިރިއުޅުން ބަރުބާދުކޮށްލަން އެމީހުން ނުކުރާކަ ކަމެއް ނެތެވެ.
" ދާށެވެ ! ގޮސް ، ކައިވެންޏެއްގެ މަތީގައިހުރި އަންހެންކުއްޖަކު ހައްލާލައިގެން ، ނާޖާއިޒް ގުޅުމެއް ހިންގަނީ ކީއްކުރަންތޯ ރިދާގެ ކޮއްކޮގާތުގައި އަހާށެވެ ! ކުށްވެރިޔަކީ ހަމައެކަނި ދިލްނަޝީނެއް ނޫނެވެ. ޙަމްޒާވެސް ދިލްނަޝީނެކޭ އެއްވަރަށް އެކަމުގައި ކުށްވެރިއެވެ. ދާށެވެ ! ގޮސް ، ރިދާގެ ކޮއްކޮ ހުއްޓުވާށެވެ ! އޭގެފަހުން އަހަރެމެންނާ ޒުވާބުކުރަން އަންނާށެވެ ! ދިލްނަޝީން ހުއްޓުވުމަށްޓަކައި ކުރަން ޖެހޭކަންކަން އަހަރެން ކުރާނަމެވެ. " އަނީސާ ބުންޏެވެ.
އަނީސާ ރުޅިއައިސް ހަޅޭއްލަވައިގެންފައި ރިދާ އެގެއިން ފޮނުވައިލިއެވެ. ބޯހަލާކުވެގެންގޮސް ، އަނީސާ ސޯފާމައްޗަށް ވެއްޓިގަތެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ފަރާތުން ، އެފެންނަނީ ކޮންފަދަ ކަންތައްތަކެއް ހެއްޔެވެ ؟ ރިދާވެސް އެބުނީ ރަނގަޅު ވާހަކަ އެކެވެ. ޙަމްޒާއާ ދިލްނަޝީން ވާހަކަ ދައްކައިގެން ނުވާނެއެވެ. ބައްދަލުކޮށްގެންވެސް ނުވާނެއެވެ.
ދިލްނަޝީންމެންގެ ގެޔަށް ރިދާގޮސް ، ދިލްނަޝީނާ ދިމާލަށް އެއްޗެތި ކީމަ ، ޙަމްޒާހުރީ ނައްޓާފައެވެ. ބުޝްރާ އަހާއަހާވެސް ވެގެން އުޅޭގޮތެއް ޙަމްޒާއެއް ނުބުންޏެވެ. ޙަމްޒާ މަޑުކޮށްގެން އެހުންނަނީ ރިދާ އަންނާނެ ވަގުތަކަށެވެ. ރިދާ ކުއްލިޔަކަށް ގެޔަށްވަދެ މަންމައަށް ސަލާމް ގޮވައިލިއެވެ. ޙަމްޒާއަށް ކެތްނުވެގެން ގޮސް ރިދާއާ ދިމާލަށް ފުންމައިގަތެވެ. ޙަމްޒާ ހުއްޓުވުމަށް ބުޝްރާ މަސައްކަތް ކުރިއެވެ. އެކަމަކު ، އެއީ ބުޝްރާއަށް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
ދިލްނަޝީންމެންގެޔަށް ގޮސް ދިލްނަޝީނާ ދިމާލަށް ރިދާ ، އެއްޗެތި ކީ ކީއްވެތޯ ޙަމްޒާ ސުއާލު ކުރިއެވެ. އެއީ ކޮން ޙައްޤެއް އޮވެގެން ރިދާ ކުރިކަމެއްކަން ސާފުކޮށްދިނުމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީނާ ޙަމްޒާއާ ދުރުކޮށް ވަކިކުރުމަށްޓަކައި އޭނާއަށް ކުރެވުނު ކޮންމެކަމެއް ކުރާނެކަމަށް ރިދާ ބުންޏެވެ. ޙަމްޒާއަކަށް އޭނާ ނުހުއްޓުވޭނެ ކަމަށާއި ޙަމްޒާގެ ވާހަކަ އޭނާ ނާހާނެކަމަށް ރިދާ ބުންޏެވެ.
ރިދާ މިހާރު އެކުޅެނީ ، މަންމައާއި ބައްޕަ ކުރިން ކުޅުނު ރޯލެވެ. މިފަހަރު ، ކުރީފަހަރު ވީ އެއްވެސްކަމެއް ތަކުރާރުވިޔަ ނުދޭނެކަމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީނަކީ ޙަމްޒާގެ ޙައްޤެކެވެ. ކޮންމެފަދަ އަގެއްދީފައިވިޔަސް ، މިފަހަރު އޭނާ ދިލްނަޝީން ޙާޞިލް ކުރަން އެހުރީ ޢަޒުމް ކަނޑައަޅައިގެންނެވެ. އަދި އެކަން ރިދާއަށާއި މަންމަޔަށް ޔަޤީންކޮށް ސާފުކޮށްދިނެވެ. ދިލްނަޝީން ޙާޞިލްކުރުމަށްޓަކައި ކޮންމެފަދަ ކަމެއްކުރަންޖެހުނަސް އޭނާ އެކަމެއްކުރާނެކަމަށް ޙަމްޒާ ބުންޏެވެ. ރިދާއާއި މަންމަގެ ފަރާތުން ، ޙަމްޒާ އެކުރާ މަސައްކަތަށް ކުޑަވެސް ހުރަހެއް އެޅިއްޖެނަމަ ، އެދެމީހުންނާ އޭނާ ވަކިވާނެއެވެ.
ޙަމްޒާގެ ރުޅިއާއި ޖޯސް ފެނިފައި ބުޝްރާވެސް ހުރީ ބަސްހުއްޓިފައެވެ. ހާރޫނު ބޭބެގެ އަންހެންދަރިފުޅު އަފްސިޔާ ، ކަރާޗީއަށް ބުޝްރާ އެގެނައީ ޙަމްޒާއަށްޓަކައެވެ. އެވާހަކަ ދެކެވި ، ޙަމްޒާވެސް އެކަމަށް އެއްބަސްވެ ، ތައްޔާރުތައް ދަނީ ވަމުންނެވެ. ޙަމްޒާ އެއުޅެނީ ކޮންގޮތަކަށް ހެއްޔެވެ ؟
އޭނާގެ ޢާއިލާއަށް އެއްވެސް އެހީތެރިކަމެއްނުވާ އަންހެންކުއްޖަކަށްޓަކައި އެދެމައިން ، ޙަމްޒާއަށް ދޫކޮށްލެވިދާނެތޯ ރިދާ އެހިއެވެ. ފިރިމީހާއަށް ބޭވަފާތެރިވެފައިވާ އަންހެނަކަށްޓަކައި ، ޙަމްޒާ އެވަނީ ކޮންކަހަލަ ޤުރުބާނީއެއް ހެއްޔެވެ ؟
ޙަމްޒާއަށްޓަކައި ހުރިހާ އެއްޗެއް ދޫކޮށްލާފައި ދިލްނަޝީން އޭނާގާތަށް އަންނަން ހުރިއްޔާ ، އޭނާވެސް ހުރިހާ އެއްޗެއް ދޫކޮށްލާނެކަމަށް ޙަމްޒާ ބުންޏެވެ.
" މަންމާއެވެ ! އަފްސިޔާއާ ޙަމްޒާގެ ކައިވެނިކުރަން މަންމަ ތިކުރަމުންދާ މަސައްކަތް އެއްފަހަރުން ހުއްޓައިލާށެވެ. އަފްސިޔާއަކީ ، ޙަމްޒާކަހަލަ އިންސާނަކަށް ޙައްޤު ކުއްޖެއްނޫނެވެ. ޙަމްޒާގެ ކިބައިން އަފްސިޔާ ސަލާމަތް ކުރަން އެބަ ޖެހެއެވެ. ޙަމްޒާއަށްވެސް އަދި އަހަރެމެންނަށްވެސް ވާނީ ކިހިނެއްކަމެއް ނޭނގެއެވެ. ﷲ އާ ވަކީލެވެ. " ރިދާ ބުންޏެވެ.
ކޮޓަރިތެރޭގައި އިނދެގެން ޙަމްޒާއަށް މެސެޖް ކުރަމުން ގެންދިޔައިރު ފަހަތުގައި ޙައިދަރު ހުރިކަމެއް ދިލްނަޝީނަކަށް ނޭނގެއެވެ. ޙަމްޒާ ފޮނުވި ފޮޓޯއެއް ބޮޑުކޮށްލައިގެން ދިލްނަޝީން ބަލައިލިއެވެ. އެފޮޓޯވެސް ޙައިދަރަށް ފެނުނެވެ.
ފަހަތުގައި ޙައިދަރު ހުރިކަން އެނގުމާއެކު ، ދިލްނަޝީން ފޯނުބޭއްވިއެވެ. އަދި ނުގޮތަކަށް ޙައިދަރާ ދިމާލަށް ބަލައިލިއެވެ.
ޙައިދަރުގެ ލޮލުން ފާއްދާލި ކަރުނަތައް ބޭރުވިޔަނުދީ ހިފަހައްޓައިލުމަށްފަހު ، ދެލޯމަރައިލާ ގަދަކަމުން ހިންދިރުވައިލިއެވެ.
ދިލްނަޝީން ނިންމިގޮތަކީ ކޮބައިތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީންވެސް ކުރީ ސުއާލެކެވެ. ކޮންކަމަކާ ބެހޭގޮތުން ހެއްޔެވެ ؟ ދިލްނަޝީން ނިންމިގޮތެއް އޭނާ އަޑުއަހަން ބޭނުންވަނީ ، ދިލްނަޝީންގެ ގެޔަށް ދިއުމުގެ ފަހުންކަމުގައި ޙައިދަރު ބުންޏެވެ. އަދި ، ދިލްނަޝީން ނިންމާ ނިންމުމެއް އެގޭގައި ހުރެގެން ހާމަ ނުކުރުމަށް ޙައިދަރު އެދުނެވެ. އެއީ އޭނާގެ މަންމަޔަށް ބަރުދާސްތު ކުރެވޭނެ ކަމެއްނޫނެވެ. ޙައިދަރުގެ މަންމަޔަކީ ، ވަރަށް ކުދިކުދި ކަންކަމުގައިވެސް ހާސްވެ ، ކަންބޮޑުވާ މީހެއްކަން ، ދިލްނަޝީނަށް މިހާރު އޮންނަންޖެހޭނީ އެނގިފައެވެ. ރޭގަވެސް ، މަންމަގެ ބީޕީ މައްޗަށްގޮސް ، ހޭނެތިގެން ވެއްޓުނުކަމަށް ޙައިދަރު ބުންޏެވެ. މަންމަގެ ޙާލު ކިހިނެއްތޯ ބަލައިލަން މަންމަގެ ކޮޓަރިޔަށް ގޮސްލަންވެސް ، ދިލްނަޝީންގެ ހިތަކަށް ނާރާތޯ ޙައިދަރު ސުއާލު ކުރިއެވެ.
މަންމަ ބަލިވެ އުޅޭކަން ، ދިލްނަޝީނަށް ނޭނގޭކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީން މިހާރު އެއުޅޭގޮތުން ގޭގައި ހިނގާ އެއްވެސްކަމެއް ދިލްނަޝީނަކަށް ނޭނގޭނެއެވެ. ދިލްނަޝީންގެ ވިސްނުމާއި ފިކުރު މިހާރު އޮންނަނީ އެހެންތަނެއްގައިކަމަށް ޙައިދަރު ބުންޏެވެ.
" އަނެއްކާވެސް މަލާމާތްކޮށް އެއްޗެތި ކިޔަން ފެށީއެވެ. ޙައިދަރު އަހަރެންނާ ދިމާލަށް ކިޔާ އެއްޗެތީގެ އަޑުއަހާކަށް އަހަރެންނެއް ދެނެއް ނެތީމެވެ. " ދިލްނަޝީން ބުންޏެވެ.
ޙައިދަރުވެސް އެހުރީ ، ދިލްނަޝީން ބޭނުންގޮތަކަށް އުޅެން ދޫކުރާ ގޮތަކަށް ނޫނެވެ. އެއްވެސްކަމެއްގައި އޭނާވެސް ދެނެއް ގޮތެއް ދުލެއް ނުކުރާނެއެވެ. ދިލްނަޝީން ބޭނުން ކޮންމެ ގޮތަކަށް ނިންމަންވީއެވެ. ކޮންމެ ގޮތަކަށް ނިންމިޔަސް ، ޙައިދަރަށް ތަފާތެއް ނުއޮންނާނެއެވެ. އެހެންނަމަވެސް ، ދިލްނަޝީން ނިންމި ގޮތެއް އަދި ހާމަނުކުރުމަށް ޙައިދަރު އެދުނެވެ. އޭނާގެ މަންމަޔަށް ޓަކައެވެ.
" މިގެޔަށް އަހަރެމެން ދިލްނަޝީން ގެނައި އިރު ، ގޭތެރޭގައި އޮތީ ހަމަހިމޭންކަމާއި އަމާންކަމެވެ. މިގެއިން ނުކުމެގެންދާއިރުވެސް ، އެންމެ ދެރަވެގެން ، އެ ހަމަހިމޭންކަމާއި އަމާންކަން ގެޔަށް ދޫކޮށްފައި ދިޔައްޔާ ވަރަށް ރަނގަޅެވެ. " ޙައިދަރު ބުންޏެވެ. (ނުނިމޭ)