
މާލެ ސިޓީ ކައުންސިލްގެ ފެންހިންދާ ގްލޯބަލް ދެ ޕައްޕު އޮޕަރޭޓްކޮށް ބެލެހެޓުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއާ އަންގާރަ ދުވަހު ހަވާލުކޮށްފިއެވެ.
މި ދެ ޕަމްޕު، ކައުންސިލްގެ ފަރާތުން އެމްއެންޑީއެފާ ހަވާލު ކޮށްފައިވަނީ، އަންގާރަ ދުވަހު ހަވީރު، މާލެއަށް ކުރި ވިއްސާރައިގައި ވާރޭ ވެހި، މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމަށް ފަހުއެވެ.
ޕަމްޕުތައް ހަވާލު ކުރެއްވުމަށް ފަހު، މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެމަނިކުފާނުގެ އަމިއްލަފުޅު ސޯސަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މާލެއަށް ބޯކޮށް ވާރޭވެހުމުން، ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުން ރައްޔިތުން ސަލާމަށް ކުރުމަށް ޓަކައި، މި ކައުންސިލުން ގެނެސްފައިވާ ގްލޯބަލް 2 ޕަމްޕު، އޮޕަރޭޓްކޮށް، މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމް.އެން.ޑީ.އެފްގެ ފަޔާ އެންޑް ރެސްކިއުއާ އަންގާރަ ދުވަހު ހަވާލު ކުރައްވާފައިވާ ކަމަށެވެ. އަދި މާލޭގައި ފެންބޮޑުވާ ކޮންމެ ފަހަރަކު، އެ ކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި، އެމް.އެން.ޑީ.އެފުން ކުރަމުންދާ މަސައްކަތަކަށް، މޭޔަރ ޢާޒިމްވަނީ ފަށްފަށުން ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވެފައިވަނީ ޙަވާލުކުރެވުނު މި 2 ޕަމްޕުގެ ސަބަބުން އެމް.އެން.ޑީ.އެފްގެ މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ދެ ޕަމްޕަކީ މާލެ ސިޓީ ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ޚާއްސަ ދިރާސާތަކެއް ހެދުމަށްފަހު، ގެނައި ޕަމްޕު ތަކެކެވެ. އާންމުކޮށް ފެންހިންދުމަށް މާލެ ސިޓީގައި މި ގެންގުޅޭ ޕަމްޕުތަކުން ފެން ހިންދާ ސްޕީޑަށް ވުރެ، 10 ގުނަ ބާރު މިނުގައި، މިއިން އެންމެ ޕަންޕަކުން ވެސް ފެން ހިންދައެވެ. އަދި މި 2 ޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެކެވެ. މި ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކޮށްލެވެއެވެ. އަދި މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ޕަމްޕު ތަކުންނެވެ.