ވިހަ ތީރު (77)

( 7 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ކުރާޖެއްސުމެއް އޭނާއަށް ކޮށް ، ބުނަންބޭނުންވާ އެއްޗެއް އޭނާއާ ދިމާލަށް ބުނުމަށް ، ޙައިދަރު ބުންޏެވެ. އެއްވެސް ޙާލެއްގައި މަންމަގެ އިޙްތިރާމް ކުޑަކުރެވޭނެ އެއްވެސްކަމެއް ، ދިލްނަޝީންގެ ފަރާތުން ވާކަށް ޙައިދަރެއް ނޭދެއެވެ.

ޙައިދަރަށް އޭނާ އެއްވެސް ޖެއްސުމެއް ނުކުރާކަމަށް ދިލްނަޝީން ބުންޏެވެ. އެކަމަކު އޭނާގެ މަންމަޔަށް ޖެއްސުންކުރިކަމަށް ޙައިދަރު ބުނުމާއެކީ ، މަންމަޔަށްވެސް އެއްވެސް ޖެއްސުމެއް ނުކުރާކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީންގެ ވާހަކަ ޤަބޫލުކުރާކަށް ޙައިދަރު ބޭނުމެއްނޫނެވެ. މަންމަޔާ ދިމާލަށް ހެނދުނު ދިލްނަޝީން އެބުނި ވާހަކައެއް ބުނީ މަލާމާތްކޮށްފައި ، ޙައިދަރުގެ ކުރިމަތީގައެވެ. ނޯކަރުވެސް އެތާ ހުއްޓައެވެ. އޭގެފަހުން ، މަންމަކުރި އެއްވެސް ސުއާލަކަށް ، ދލްނަޝީން ޖަވާބެއް ނުދެއެވެ. އެއީ އޭނާގެ މުސްކުޅި މަންމަޔަށް ، ދިލްނަޝީންގެ ފަރާތުން ލިބުނު ތަކުލީފެއްކަން ޙައިދަރު ހާމަކުރިއެވެ.

" އަނގަހިމޭނުންލައިގެން ހުރުން އެއީ ޖެއްސުންކުރުމެއްކަމަށް ޙައިދަރަށް ފެންނަންޏާ އެކަމުގައި އަހަރެން ކުރާނެކަމެއް ނެތެވެ. އަހަރެންނަކަށް އެކަމުގައި ތަފާތެއް ނުފެނެއެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން ފުންމައިގެން އެނދުން ތެދުވެ އެތަނުން ދުރަށްދާން ހިނގައިގަތުމާއެކީ ، އެކަމުގައި ދިލްނަޝީނަށް ތަފާތު ފެންނަން ޖެހޭނެކަމަށް ޙައިދަރު ބުންޏެވެ. މަންމަޔަށް ކުރެވޭ ޖެއްސުމެއްފިޔަވައި އެހެން ހުރިހާކަމެއް އޭނާ ތަޙައްމަލު ކޮށްފާނެއެވެ. އެކަމަކު ، އެއްވެސްމީހެއްގެ ފަރާތުން މަންމަޔަށް ލިބޭ ތަކުލީފެއް ، އޭނާ ބަރުދާސްތެއް ނުކުރާނެއެވެ.

" އަހަރެންވެސް ، މިއަދުންފެށިގެން އަހަރެންގެ ޒާތަށް އަމާޒުކުރެވޭ ކަންކަން ބަލައެއް ނުގަންނާނަމެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީނުގެ ޒާތަށް އަމާޒުކުރެވޭ ކަންކަމަށް އޭނާ ޒިންމާވާންޖެހޭނެކަމަށް ނުފެންނަކަމުގައި ޙައިދަރު ބުންޏެވެ.

" ދެން ކާކު ހެއްޔެވެ ؟ ޙައިދަރާއި ޙައިދަރުގެ މީހުން ފިޔަވައި އެހެން ކޮންބައެއް ހެއްޔެވެ ؟ " ޙައިދަރާ ދިމާލަށް ދިލްނަޝީން ހަޅޭއްލަވައިގަތެވެ.

ޒާތާއި އުޅުމާ ގުޅުވައިގެން ، އެއީ ދިލްނަޝީނަށް އެއްޗެތިކިޔޭ ފުރަތަމަ ފަހަރުކަމަށް ނުބަލާށޭ ޙައިދަރު ބުންޏެވެ. ޙައިދަރަށް އެކަން ޔަޤީންވާކަމުގައި ބުންޏެވެ. ދިލްނަޝީން ހިންގައިގެން އެއުޅޭ ގުޅުމުގެ ޚަބަރު ، ފިރިހެންކުއްޖާގެ މައިންބަފައިންނާ ހަމަޔަށް އޮންނާނީ ގޮއްސައެވެ. ދިލްނަޝީނަކީ ހުދުކާފޫރުކޮޅަކަށް ހަދައިގެންނެއް އެމީހުންނެއް ނުތިބޭނެއެވެ. އެކަމުގައި ، އެއްފަހަރަށްވުރެ ގިނަފަހަރަށް ، އެމީހުންގެ ބަދުބަސްތަކާ ޒާތަށް ދެވޭ ޙަމަލާތަކާ ދިލްނަޝީން އޮންނާނީ ކުރިމަތިލާފައެވެ. އެފިރިހެންކުއްޖާ ، ބޮލުރޮދިކެނޑިގެން ތިގެޔަށްގޮސް ، ދިލްނަޝީންގެ މަންމަމެންނަށްވެސް އޮންނާނީ ކުޅިވަރު ދައްކައިލާފައެވެ.

" އެއްޗެތި ކިޔުމުގައި ޙައިދަރަކީ އަރާހުރިމީހެއްކަން މިއެނގުނީ މިއަދުއެވެ. މިހާރު ތިޔަފެންނަނީ ޙައިދަރުގެ އަސްލު ސިފައެވެ. އިންސާނާގެ އަސްލު ސިފަ ފެންނާނީ މީހަކާމެދު ހިތްހަމަ ނުޖެހުނީމައެވެ. ރުޅިއައިމައެވެ. މެހެމަލްގެ އުނިކަމެއް ޙައިދަރަށް ނުފެނިގެން ތިއުޅެނީ ، އަދި މެހެމަލްދެކެ ރުޅިއަންނަން ނޭނގިގެން ތިއުޅެނީ ، މެހެމަލްގެ ލޯބި ، ޙައިދަރުގެ ރުޅިޔަށްވުރެ ގަދަވެފައި އޮތީމައެވެ. މެހެމަލްގެ ނަސީބު ގަދައީތާއެވެ. ޙައިދަރު ދެކެ ލޯބިވެފައި ، ކެހިދީފައި ، ޙައިދަރަށްވުރެ މުއްސަނދި އެހެން ފިރިހެނަކު ފެނުނީމާ ގޮސް އެމީހާއާ އިނދެ ، ދަރިޔަކު ވިހައިގެން ގޮވައިގެން އައިމަވެސް ، މެހެމަލް ވަރެއް ނެތެވެ. އަހަރެންނެއް ޙައިދަރާ އިންފަހަކުން ، ޙައިދަރުދެކެ ލޯބިވިފަހަކުން ، އެހެންމީހަކާ ހިތައެއް ނުވަމެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީނާ ދޭތެރޭ ގޯސްކޮށްކަމެއްކުރަން މަޖުބޫރު ނުކުރަން ދިލްނަޝީންގާތު އެބުނަނީ އެހެންވެގެންކަމުގައި ޙައިދަރު ބުންޏެވެ. އޭނާގެ އަސްލު ސިފައިގާ ދިލްނަޝީނާ ކުރިމަތިލާން ޖެހިދާނެތީއެވެ. އެވާހަކަތައް އެހިސާބުން ނިންމާލައި ، އަލުން އާ ފެށުމަކުން ދިރިއުޅުން ފެށުމަށް ދިލްނަޝީނަށް ޙައިދަރު ލަފާދިނެވެ.

" އެ ހުރިހާ ގަނޑެއް ގަނެފައިވެސް ، އަހަރެންނާ ދިމާލަށް ހެޔޮހިތަކައިގެން ދިލްނަޝީން އައުމުން ، އަހަރެންވެސް ހިތްހެޔޮކޮށްފައި ދިލްނަޝީން ތިހުރީ ބަލައިގެންފައެވެ.  އަހަރެންގެ މަޤާމުގައި އެހެންފިރިހެނަކު ހުރިނަމަ ، ދިލްނަޝީނާ ދިމާލަށް ބަލައިވެސް ނުލާނެއެވެ. އޮޅުމެއްގެ ތެރެއިން ކައިވެނިކުރެވުނަސް ، ދިލްނަޝީންގެ ލޯބިވެރިޔާގެ ބަދަލުގައި ، ދިލްނަޝީންގެ ދުވަސް ދުއްވައިލާނެއެވެ. " ޙައިދަރު ބުންޏެވެ.

ދިލްނަޝީން އަތްތިލަބަޑި ޖަހައިލިއެވެ. ރަނގަޅު ނަތީޖާޔަކުން ޙައިދަރު ފާސްވެއްޖެކަމަށް ، ދިލްނަޝީން ބުންޏެވެ. ދިލްނަޝީނަށްވެސް ރަނގަޅު މާރކްސްއެއް ދީގެން ފާސްކޮށްދީފިންކަމުގައި ޙައިދަރު ބުންޏެވެ. ދެމީހުން އެކުގައި ފާސްވެގެން ދެން އޮތް ކްލާހަށް ބަދަލުވުމަކީ ، ރަނގަޅަށްވީކަމެއްކަމަށް ޙައިދަރު ބުންޏެވެ.

" އެހާވަރަށް އަބުރުކަތިލައި ، އަނިޔާދީ ހެދުމަށްފަހުގައިވެސް ، ދެމީހުންނަށް އެކުގައި ކުރިޔަށް ދެވިދާނެކަމަށް ޙައިދަރަށް ޤަބޫލުކުރެވޭ ހެއްޔެވެ ؟ އިޙްތިރާމާއި ޤަދަރަކީ ، ހަމައެކަނި ޙައިދަރުގެ މަންމަޔަށް އޮންނަ އެއްޗެއްނޫނެވެ. ކޮންމެ އަންހެނެއްގެވެސް އަބުރަކާއި ޢިއްޒަތެއް އޮންނާނެއެވެ. ތިޔައިން އެކަކީވެސް ، ފެންނަ ފެނުމަށް ރަނގަޅޭ ހީވިޔަސް ، އެހާރަނގަޅުބައެއްނޫންކަން މިހާރު އެއޮތީ ސާބިތު ވެފައެވެ. " ދިލްނަޝީން ބުންޏެވެ.

ހަމަ އެގޮތަށް ، ދިލްނަޝީންމެންނަކީވެސް ، މާ ރަނގަޅުބަޔެކޭ ހީވިޔަސް ، ޙަޤީޤަތަކީ އެއީނޫންކަމަށް ޙައިދަރު ބުންޏެވެ.

" އަހަރެންވެސް ، އަހަރެންގެ ޢާއިލާގެ އެއްވެސްމީހަކަށް އަމާޒުކޮށް ދެވޭ ބަހުގެ ޙަމަލާއަކަށް ކެތެއް ނުކުރާނަމެވެ. " ދިލްނަޝީން ހަޅޭއްލަވައިގަތެވެ.

އަވަސްފިޔަވަޅުތަކެއް އަޅަމުން ، ދިލްނަޝީން ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުތުމުގެ ކުރިން ޙައިދަރާ ދިމާލަށް ބަލައިލިއެވެ. އަދި ނުކުމެގެންދަމުން ، އަތުގައިހުރިބާރެއްލާފައި ދޮރު ޖެހިއެވެ. ދިލްނަޝީން ބޭރަށް ނުކުމެ ، ގޯތިތެރޭގެ ބަގީޗާތެރޭގައިހުރި ގޮނޑިއެއްގައި ޖައްސައިލިއެވެ. މީހަކަށް ނުފެނި އެތާ އިރުކޮޅަކު އިނދެވޭހާ ބޮޑު ބަގީޗާއެކެވެ. އެހެންމީހަކު އެތާ އުޅޭކަމުގެ އިޙްސާސް ދިލްނަޝީންގެ ހިތަށް ލިބި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވިއެވެ. އަނެއްކާ އެއީ ، ޙަމްޒާ ބާވައެވެ ؟ އެއީ ، ކުޑަކުޑަ ދުލެއް ދޭއިރަށް ދެމިގަންނާނެ އިންސާނެކެވެ. ހިތަށް ކެކުޅުންތަކެއް ލިބުނު ވަގުތު ، ޖަޒުބާތުގައި ޖެހި ، ފޯނުކޮށްލެވި އަދި ދެމީހުން ވާހަކަ ދައްކައިހެދުމަށް އެއްބަސްވެވުނު ތަނުން ، ދިލްނަޝީންގާތަށް ނައިސް ޙަމްޒާއަކަށް ނުހުރެވޭނެއެވެ. އެއީ ، އަބަދުވެސް ކެތްމަދުވެފައި ހުންނަ ފިރިހެނެކެވެ.  އިރުކޮޅަކުން ، ފަހަތުން މީހަކު ކަރުކެހިލިއަޑު އިވިގެން ބަލައިލިއިރު ، އެއީ މެހެމަލް އެވެ. މިމުޞީބާތުން ސަލާމަތްވާނީ ކޮންދުވަހަކުން ބާވައެވެ ؟ ދިލްނަޝީންގެ ހިތަށް އެރިއެވެ.

" މީހެއްގެ އަބުރާއި ޢިއްޒަތަށް އަރައިގަނެވޭހިނދު ، އެއީ ހާދަބޮޑު ތަކުލީފެއް ލިބޭނެކަމެކެވެ. ދޯއެވެ ! އަހަރެންނަށް އެކަން އެނގެއެވެ. " މެހެމަލް ބުންޏެވެ.

މެހެމަލްގެ ވާހަކައިން ދިލްނަޝީނަކަށް މާބޮޑު އަސަރެއް ނުކުރެއެވެ. މެހެމަލްގެ ފަރާތުން އަބަދުވެސް ލިބޭނީ ތަކުލީފެވެ. ހިތަށް އުނދަގޫވެ ހިތްހަލާކުވާކަހަލަ ބަހެއްނޫނީ ، އެ ވިހަދުލުން ބޭރެއް ނުވާނެއެވެ. މީހަކު ނުކުރާކަމެއްގައި އެއްވެސް ސަބަބެއްނެތި  އިލްޒާމް އެޅުވި ، އަބުރު ދުއްވައިލެވުނީމަ ، ހިތުގައި އަޅާ ވޭނާއި ލިބޭ ތަކުލީފު ވަކިންބޮޑުކަމަށް ދިލްނަޝީން ބުންޏެވެ.

" ދިލްނަޝީނަށްޓަކައި ، އަހަރެންނާ ދިމާލަށް އެއްޗެތިކީ މީހަކަށްޓަކައި ، އެންމެ ދެރަވެގެން އަމިއްލަ ނަފްސަށް ތެދުވެރިވެ ބަލާށެވެ ! " މެހެމަލް ބުންޏެވެ.

ދިލްނަޝީން ހެދީ ކޮންދޮގެއްތޯ ސުއާލު ކުރިއެވެ.

" ހަމަ ނޭނގެނީ ހެއްޔެވެ ؟ ތީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ ؟ އިންސާނަކު އަނެއް އިންސާނަކަށް ޖާނުނުދޭވަރަށް ލޯބިވާ އިންސާނަކު އެބަހުރިކަން ، ދިލްނަޝީންގެ ހިތުގެ އަޑިން ޤަބޫލުކޮށްބަލާށެވެ ! އެމީހަކަށްޓަކައި ، ދިލްނަޝީންގެ ހިތުގައި އެއްވެސް ކަހަލަ އިޙްސާސެއް ނެތީ ހެއްޔެވެ ؟ މައްސަލައެއް ނެތެވެ. އަހަރެމެން ދެމީހުންގެ ގުޅުމަކީ އެކަހަލަ އެއްޗެކެވެ. އަހަރެންގާތު ތެދަށް ، ދިލްނަޝީން ވާހަކައެއް ބުނަންވީ ކީއްކުރަން ހެއްޔެވެ ؟ އަހަރެންގެ ގޮތްދޫކޮށް މިއަދު ތައުބާ ވެއްޖައީމެވެ. އިންސާނެއްގެ ލޯބި ޙާޞިލްކުރުމަށްޓަކައި ، އަމިއްލަ ނަފްސާއި ޢިއްޒަތާ ޤަދަރު ޤުރުބާން ކުރެވޭނީ ކިހާވަރަކަށްކަން އެނގިއްޖެއެވެ. ޙައިދަރު ބޭނުމިއްޔާ ދިލްނަޝީނާއެކީ ދިރިއުޅުނަސް މައްސަލައެއް ނެތެވެ. " މެހެމަލްގެ ވާހަކަ ނންމައިލިއެވެ.

މެހެމަލްގެ ވާހަކަ އެ ނިމުނީތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އެހާއަވަހަށް މެހެމަލް ، ބަލި ޤަބޫލުކުރީ ހެއްޔެވެ ؟ ތީކީ އެކަހަލަ އަންހެނެއްނޫނެވެ. ވިހަގަދަ ހަރުފަޔަކީ ، މީހަކު ގޯނާއެއް ނުކުރިޔަސް ، ގޯނާއެއް ކޮށްފާނެހެން ހީވާއިރަށް ވިހަލާ ޖަނަވާރެކެވެ. މެހެމަލްއަކީ ، އެއަށްވުރެވެސް ނުރައްކާތެރި އެއްޗެކެވެ. އެ ނިންމުމުގެ ފަހަތުގައިވެސް މަކަރުވެރި ނުބައި ރޭވުމެއް ނެތިނުދާނެކަމަށް ދިލްނަޝީން ބުންޏެވެ.

މެހެމަލްއަށް ހީވީ ، ޙައިދަރާއި ދިލްނަޝީނަށް ދުވަހަކުވެސް އެކުގައި ، އެއްވިސްނުމެއްގައި ނޫޅެވޭނެ ކަމަށެވެ. ދުވަހަކުވެސް އުފަލުގައި ނޫޅެވޭނެކަމަށެވެ. މެހެމަލްއަށްވެސް އުފަލެއް ނުލިބޭނެ ކަމަށެވެ.

" އެންމެފަހުން އަހަރެން މިނިންމީ ، މި އަރަތް ފުރިހަމަ ކުރުމަށެވެ. އަދި ، ހުރިހާމީހުންނަށްވެސް ހަމަޖެހުމާއި އުފާލިބޭނެ ގޮތަކަށް ވިސްނުން ބަދަލު ކުރުމަށް އަހަރެން ނިންމައިފީމެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ހާދަ ރީތިވެފައި އަސަރުގަދައޭ މިހާރު. ދެންވާނީ ކިހިނެއްކަން ނޭނގިފަ ތިބެން މިޖެހެނީ. ދުވާލަކު އެއްފަހަރު ގެނެސްދެއްވާތީ ވަރަށް ބޮޑަށް ޝުކުރިއްޔާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.