ވިހަ ތީރު (75)

( 5 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

" އަހަރެން މިހުންނަނީ ޤަބޫލުކުރަން އުނދަގޫ ވެފައެވެ. އަހަރެންގެ ބޭވަފާތެރިކަން ، ޙައިދަރު  ތަޙައްމަލުކުރާތާ އެތައްއަހަރެއް ވެއްޖެއެވެ. ތިންޖުމްލައެއް ބުނެލީމަ މީހަކުދެކެ ލޯބިވެވިގެން ތިއައީ ހަދިޔާއާއި މާބޮނޑި ހިފައިގެންނެވެ. އެހެންކަމަށްވަންޏާ ، ޙައިދަރަށް ކޮންމެ މީހަކާވެސް ކައިވެނިކުރެވިދާނެއެވެ. އަދި ޙައިދަރުގެ ގެ ، އެމީހަކާއެކު އާބާދު ކުރެވިދާނެއެވެ. އެތައް އަހަރެއްވަންދެން އަހަރެންނާ ކައިވެނި ނުކޮށް ޙައިދަރު ތި މަޑުކުރި ސަބަބަކީ ކޮބައިހެއްޔެވެ ؟ އަހަރެންނަށް ޙައިދަރު ދެކެ ލޯބިނުވެވުނީތީ މަޢާފަށް އެދެމެވެ. ޙައިދަރުގެ ގޮތްވެސް ދޫނުކޮށް ތިމަޑުކުރީ ނޫންހެއްޔެވެ ؟ ލޯބި ތަޖުރިބާކޮށްލަން ބޭނުންނަމަ ، ޙައިދަރުގެ އަންހެނުންގެ ލޯބިވެރިޔާއާ ބައްދަލުކޮށްލާށެވެ. ލޯތްބަށްޓަކައި ދިލްނަޝީން ދޫކޮށްލަންވެސް ޙަމްޒާ އެހުރީ ތައްޔާރަށެވެ. " މެހެމަލް ސުއާލުކުރިއެވެ.

ލޯބީގައި މީހަކު ނާކާމިޔާބުވެއްޖެނަމަ ،  ކޮންމެފަދަ ކަމެއްކުރަންވެސް އޭނާހުންނާނީ ތައްޔާރަށްކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރު އެ މަސައްކަތްކުރަނީ އުފަލުގައި ހުރުމަށެވެ. މެހެމަލް ޙައިދަރުގެ ގާތަށް އެނބުރި އައީ މާޔޫސްކަމެއްގެ ތެރެއިންލާފައެވެ. މެހެމަލްވެސް އޭނާގެ ކައިވެނި ދެމެހެއްޓުމަށްޓަކައި ކުރިމަތިލާން ޖެހޭނެއެވެ. ޙައިދަރުވެސް އެ ހަނގުރާމަކުރަނީ އޭނާގެ ކައިވެނި ދެމެހެއްޓުމަށްޓަކައެވެ. ޙައިދަރު އެހުރީ އެންމެ ފަހު ނޭވާއަށްދާނދެން އެ ހަނގުރާމައިގައި ކުރިޔަށް ދާ ގޮތަށެވެ.

" އެހެންވިއްޔާ އެންމެ ރަނގަޅެވެ. ހަނގުރާމަކޮށްކޮށް ވަރުބަލިވެ ، ނާކާމިޔާބުވެގެން އަހަރެންގާތަށް އަންނަންދެން އަހަރެން މަޑުކުރާނަމެވެ. މީގެފަހުން ، ޙައިދަރު ޙާޞިލްކުރުމަށްޓަކައި އަހަރެންގެ ނަފްސު ވަރުބައްޔެއް ނުކުރާނަމެވެ. ތި ހަނގުރާމައިގާ ވަރުބަލިވިޔަސް ޙައިދަރު މަރެއް ނުވާނެއެވެ. ހަމައެކަނި ، އިޙްތިރާމާއި އަބުރު ގެއްލިދާނީއެވެ. " މެހެމަލް ބުންޏެވެ.

ޙައިދަރު އައިސް ކޮޓަރިޔަށް ވަންނަން އަތްގަނޑުގާ ހިފައިލިއިރު ، ކޮޓަރިހުރީ އެތެރެއިން ތަޅުލާފައެވެ. އޭރު ، ދިލްނަޝީން އިނީ ޙަމްޒާއަށް ފޯނުކޮށްގެން ވާހަކަ ދައްކާށެވެ. ދެތިންފަހަރު ދޮރުގައި މީހަކު ޓަކިޖެހުމުން ، މީހަކު އަތުވެއްޖެޔޭ ފަހުން ގުޅާނަމޭ ބުނެ ، ދިލްނަޝީން ފޯނުކަނޑައިލާ ، ދޮރުހުޅުވައިލިއެވެ. އެކޮޓަރިޔަށް އޭނާ ވަންނަންތޯ އަހަމުން ޙައިދަރު ކޮޓަރިތެރެޔަށް ވަނެވެ. އޭނާ ލަދުގަންނުވަން ނޫޅޭށޭ ދިލްނަޝީން ބުންޏެވެ. އެކޮޓަރިޔަކީވެސް އަދި އެ ގެޔަކީވެސް ޙައިދަރުގެ މިލްކެވެ. ބޭނުން ކޮންމެ އިރަކު ބޭނުންތާކަށް ވަދެވޭނެއެވެ. އެހެން އެއްވެސްމީހެއްގެ ފަރާތުން ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ.

ދިލްނަޝީން އެހުރީ ހިތްހަމަ ނުޖެހިފައިކަން ޙައިދަރަށް އެނގެއެވެ. އެހެނަސް ، ނުދަންނަމީހެއްގޮތަށް އޭނާއާދޭތެރޭ ކަންތައް ނުކުރުމަށް ޙައިދަރު އެދުނެވެ.

" އަހަރެން ، މަންމަމެންގެޔަށް މިއަދު ދިޔައިމެވެ. އެނގޭ ހެއްޔެވެ ؟ މީހަކާ އިނދެގެން އުޅޭ އަންހެންކުއްޖަކު ، އޭނާގެ އުފަން މަންމަގެ ގެޔަށް ދިޔައިމަ ، އެކުދިންނާމެދު ކަންކުރެވެނީ ވަރަށް އޯގާތެރިކަމާއެކީ ކިޔޭ މެހެމާންދާރީއަކުންނެވެ. މުޅިގެޔަށް އަލިކަން އައުންފަދަ އުފާވެރިކަމަކާ އެކީގައެވެ. އެންމެންގެ މޫނުމަތިންވެސް ، ފެންނާނީ ހިނިތުންވުމެވެ. އެކަމަކު ، އަހަރެން މިއައީ ތަފާތު ގޮތަކަށެވެ. މަންމަމެން ގެޔަށް ގޮސް އަހަރެން މިއައީ މަންމަގެ ދެއަތުން އަހަރެންގެ މޫނުމަތީ ތަޅައި ، ގައިގެ އެތަންމިތަނަށް ތަދުކޮށް އަނިޔާ ލިބިގެންނެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީންގެ ވާހަކަ އަޑުއިވިފައި ، ޙައިދަރުގެ އަތުގައި އޮތް މާބޮނޑި އެއްލައި ލެވުނެވެ. އަދި ޔާރައްބީއޭ ބުނެ ، ބާރަށްގޮސް ދިލްނަޝީންގެ ކުރިމަތީ އުޑުފައިން އިށީނދެ ، ދިލްނަޝީންގެ މޫނުގައި ފިރުމާލުމަށް އަތްއުފުލާލައި ، ވަރަށް ބޮޑަށް މަޢާފުކުރާށޭ ، ޙައިދަރު ބުންޏެވެ. ޙައިދަރުގެ އަތް ދިލްނަޝީންގެ މޫނުގައި ޖެހުނަކަ ނުދެއެވެ.

" އަހަރެންގެ ކިބައިން މަޢާފުކުރާށޭ ޙައިދަރުބުނާ އަޑުއަހާކަށް އަހަރެން ބޭނުމެއްނޫނެވެ. " ދިލްނަޝީން ބުންޏެވެ.

އެހެންނަމަވެސް ، އެއީ ޙައިދަރު ބުނަންޖެހޭ ވާހަކައެއްކަމަށް ޙައިދަރު ބުންޏެވެ.

" އަބަދުވެސް ވަނީ އެހެންނެވެ. ވާހަކައެއް ބުންނަޖެހޭ މީހާ ވާހަކައެއް ބުނަންޖެހޭ ވަގުތެއްގައި އެވާހަކައެއް ނުބުނެއެވެ. އަދި ވާހަކައެއް ބުނަންޖެހޭގޮތަކަށް ބުނާކަށްވެސް ނޭނގެއެވެ. މުޅިންވެސް ބުނެވެނީ ނުބައިކޮށް ދިމާ އިދިކޮޅަށެވެ. " ދިލްނަޝީން ބުންޏެވެ.

އެކަން އޭނާ ޤަބޫލުނުކުރާކަމަށް ޙައިދަރު ބުންޏެވެ. ހަމައެއާއެކީ ، އަދިވެސް ، އޭނާއަށް ޝައްކު ކުރަނީތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ނޫނެކެވެ. ޙައިދަރު ބުންޏެވެ. ޙައިދަރު ބޭނުންވަނީ އެހުރިހާކަމެއް އެހިސާބުން ނިންމައިލުމަށެވެ.

އެކަން އެނިމުނީކަމަށާއި ، އޭނާއަށް ކުށްހީތަކެއްގެ ބަނދެވުމަކުން ނުނެއްޓިގެން އުޅެވުނީކަމަށް ޙައިދަރު ބުންޏެވެ. އޭނާ ބޭނުންވަނީ ، ދިލްނަޝީން އުފަލުގައި ބެހެއްޓުންކަމުގައި ޙައިދަރު ބުންޏެވެ. އެހެންވެ ، އޭނާ އެއައީ ދިލްނަޝީނަށް މާބޮނޑިއެއްވެސް އަދި ހަދިޔާއެއްވެސް ހިފައިގެންނެވެ. އެތަކެތި ޤަބޫލުކުރުމަށް ، ދިލްނަޝީންގެ ކިބައިން ޙައިދަރު އެދުނެވެ. ދިލްނަޝީންގެ ކުރިމަތީ ޙައިދަރު އިނީ ލަދުންގޮސް އަވަދިވާވަރު ވެފައެވެ. އެހެނަސް ، ދިލްނަޝީނާ ވާހަކަ ނުދައްކައެއްވެސް ވާކަށް ނެތެވެ. ހުރިހާވެސް ގޯހެއް ހެދިފައިވަނީ އޭނާއަށެވެ. ދިލްނަޝީން ފުންމައިގެން ތެދުވިއެވެ. ޙައިދަރުގެ ދެއަތުން ދިލްނަޝީންގެ ފައިގައި ހިފައި އޭނާ ހުއްޓުވިއެވެ. އަދި އޭނާގެނައި ހާރު ، ދިލްނަޝީންގެ ކަރުގައި އެޅުވުމަށް ފުރުޞަތު ދިނުމަށް ޙައިދަރު އެދުނެވެ. ދިލްނަޝީން ވަކި އެއްޗެކޭ ނުބުނެއެވެ. އެހެނަސް ، ޙައިދަރު އަވަސް އަރުވާލައިފާ ، ހާރުނަގައި ދިލްނަޝީންގެ ކަރުގައި އެޅުވިއެވެ. ޙައިދަރަށް ހުރީ ރޮވިފައެވެ.

" ދިލްނަޝީނެވެ ! އެއްވެސް ފިރިޔަކަށް ، މިހާރު ހިނގަމުންމިދާ ކަންކަމުގައި މަގުނުއޮޅިއެއް ނުދާނެއެވެ. ޙަޤީޤަތް ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެމެއެވެ. އެހެންކަމުން އަހަރެންނާއި އަހަރެންގެ މަންމަގެ ހިތަށް ދިލްނަޝީނާމެދު ވަތް ޝައްކާއި ވަހުމަކީ ، އަހަރެމެންގެ ހިތުން ފިލުވާލައިފި އެއްޗަކަށް ހަދައިފީމެވެ. އަހަރެމެންނަށް މަޢާފުކުރާށެވެ ! ހިނގަމުން އެދާ ކަންކަމުން އަހަރެންގެ ހިތުގައި އަޅާވޭން ވަރަށް ބޮޑެވެ. އަހަރެންގެ އަމިއްލަ އެއްޗިއްސާމެދު ، އަހަރެން ވަރަށް ފަރުވާތެރިވަމެވެ. އެއިން އެއްޗެއްގައި މީހަކު އަތްލިޔަކަ ނުދެމެވެ. އަހަރެންގެ އަންހެނުންގެ ލޯބިވެރިޔާ ، ކުއްލިޔަކަށް އަހަރެމެންގެ ޙަޔާތަށް އައީ ކީއްވެގެންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެއީ އަހަރެންގެ ހިތަށް ކުއްލިޔަކަށް ލިބުނު ވޭނީ ޙައިރާން ކަމެކެވެ. އެ ފިރިހެނާއަކީ ، ދިލްނަޝީނަށްޓަކައި ޖާނުދީފާނެ މީހެކެވެ. މިހާރުވެސް ދިލްނަޝީނަށްޓަކައި ފިދާވާން އެހުރީ ތައްޔާރަށެވެ. މިއަދުވެސް ، އޭނާ ދިލްނަޝީންދެކެ އިންތިހާއަށް ލޯބި ވެއެވެ. އެކަން އަހަރެންނަށް ޤަބޫލުކުރަން ވަގުތު ނެގީއެވެ. އަހަރެންގެ ފައިމައްޗަށް އަދި އެއްފަހަރު ދިލްނަޝީން ތެދުވެ ހިންދެމިލާށެވެ ! އަހަރެން އަބަދުވެސް ބަލަމުން އައީ ދިލްނަޝީނާ އެއްކޮޅަށް ހުރެވޭތޯއެވެ. އަދި އެއްފަހަރު ދިލްނަޝީންގެ ނަފްސު ، އަހަރެންނާ ޙަވާލުކޮށްލަ ދީބަލާށެވެ ! " ރޮމުންރޮމުން ޙައިދަރު ، ދިލްނަޝީނަށް އާދޭސްކުރަމުން ގެންދިޔައެވެ. ދިލްނަޝީންގެ ދެކޮނޑުގައި ހިފައި ، ބޮލުގައި ފިރުމައި ހަދަމުންދިޔައިރު ، ދިލްނަޝީން ހުރީ އަނގައިން ނުބުނެ ހަމަހިމޭނުންނެވެ.

ޙަމްޒާހުރީ  ގޯތިތެރެޔަށް ނުކުމެ ރައްޓެއްސަކަށް ފޯނުކޮށްގެންނެވެ. މަންމަޔާއި ބޮޑުބޭބެ ހާރޫން ، އޭނާގެ ދަރިފުޅު ގޮވައިގެން އެތަނަށް އައެވެ. ބޮޑުބޭބެއަށް ސަލާމްކޮށްލުމަށްފަހު ، ޙާލުއަޙުވާލު އަހައި ހެދިއެވެ. ކުރީގެ ލޯބި ހަނދާން ނައްތާލައި ، ކުރިޔަށް ދިއުމަށް ޙަމްޒާ ނިންމިކަން އެނގުމުން އުފާވިކަމަށް ބޮޑުބޭބެ ބުންޏެވެ. ބުޝްރާވެސް އެކަމަށް ތާއީދުކޮށް ، ޙަމްޒާ އެހުރީ ކުރިޔަށްދާން ތައްޔާރުވެގެންކަމުގައި ބުންޏެވެ. ހަތަރުމީހުން ވާހަކަދައްކަމުންގޮސް ، އެތާހުރި ގޮނޑިތަކުގައި އިށީނދެ ހަމަޖެހިލައި ވާހަކަ ދައްކަމުން ގެންދިޔައެވެ. ޙަމްޒާގެ ކައިވެނީގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ދެކެވުނެވެ. އެހެނަސް ، ޙަމްޒާ ގެންދިޔައީ އެވާހަކަތަކަށް މާބޮޑު ސަމާލުކަމެއްނުދީ ، އަޅައިލުންކުޑަކޮށް ، އެއްކައިރި ކުރަމުންނެވެ.

ހެނދުނުގެ ނާސްތާކުރުމަށް ކާމޭޒުދޮށުގައި ، ކުލްސޫމާއި ޙައިދަރާ އަދި ދިލްނަޝީން ތިއްބެވެ. އެއްވެސް މީހަކު އަނގަޔަކުން ނުބުނެއެވެ. ފަރާޓާއެއް ކައިލުމަށް ދިލްނަޝީން ގާތު ޙައިދަރު އެދުނެވެ. އެހެނަސް ، އޭނާ ބޭނުންވާ އެއްޗެއް ބަދިގެއިން ގެނެސްގެން ކާނެކަމަށާއި އޭނާއަކީ މެހެމާނެއްނޫންކަމަށް ދިލްނަޝީން ބުންޏެވެ. އެކަން ދިލްނަޝީނަށް ޤަބޫލުކުރެވުނީތީ ދިލްނަޝީނަށް ، ޙައިދަރު ޝުކުރު އަދާކުރިއެވެ.

މެހެމަލް ފެންނަން ނެތުމާއެކު ، ކުލްސޫމް ކަންބޮޑުވިއެވެ. އަދި ، ނޯކަރު ބާބަރާގާތު ، މެހެމަލް ކޮބައިތޯ އެހިއެވެ. މެހެމަލް ބަނޑުހައިނުވާކަމަށް ބުނިވާހަކަ ބާބަރާ ބުންޏެވެ. އޭނާގެ ޙާލު ރަނގަޅުތޯ ، ޙައިދަރުވެސް ބާބަރާއާ ސުއާލު ކުރިއެވެ.

" ތިހާބޮޑަށް މެހެމަލްގެ މަތިން ހަނދާން ވަންޏާ ގޮސް މެހެމަލް ގޮވައިގެން އަންނަނވީ ނޫން ހެއްޔެވެ ؟ " ދިލްނަޝީނަށް ނީނދެވިގެން ބުނެވުނެވެ.

ޙައިދަރު އެބުނީ މެހެމަލްގެ މަތިން ހަނދާންވާ ވާހަކަ ނޫންކަމަށާއި ، ހަނދާން ވާނަމަ ގެންނާނެކަމަށް ޙައިދަރު ބުންޏެވެ. އަދި ، އެއީ އެހެން އޮތްކަމެއްނަމަ ، ޙައިދަރު އެތަނުގައި ނީންނާނެކަމަށް ބުންޏެވެ. ކެއުން މެދުކަނޑައިލުމަށްފަހު ، މަޢާފަށް އެދެމުން ދިލްނަޝީން ތެދުވެގެން ހިނގައިގަތުމާއެކީ ، ކުލްސޫލް ، ދިލްނަޝީނަށް ގޮވައިލިއެވެ. އަދި ކާއެއްޗެތި ދޫކޮށްލާފައި އެކަހަލަ ގޮތަކަށް ނުދިއުމަށް އެދުނެވެ. ކުލްސޫމް މެން މެހެމަލްގެ ވާހަކަ އެހީ އާދަވެފައި އޮތްކަމެއްކަމަށްވާތީކަމުގައި ކުލްސޫމް ބުންޏެވެ. އޭނާވެސް ކާމޭޒުދޮށުން ތެދުވެގެން އެދަނީ އާދަވެފައި އޮތްކަމެއްކަމަށް ބަލައިގެން ކަމަށް ދިލްނަޝީން ބުންޏެވެ. އެތަނުގައި އިތުރަށް އިންނާކަށް އޭނާގެ ހިތެއް ނޭދެއެވެ.

ގޭތެރޭގެ މާޙައުލު އެހާ ގޯސްކޮށް ބަދަލުވެގެންދާތީ ކުލްސޫމް އިނީ ކަންބޮޑުވެފައެވެ. ޙައިދަރުގެ ކައިވެނި އޭނާ ކުރުވީ މިދުވަސް މިފަދަ ގޮތަކަށް ދެކެން ނޫންކަމުގައި ކުލްސޫމް ބުންޏެވެ. ހިތްހަމަޖައްސާލައިގެން ޢުމުރުގެ ދެންއޮތްބައި ވޭތުކޮށްލުމަށް ކުރި އުއްމީދުވެސް ފެނަށް ދިޔައީއެވެ. ކައިވެންޏަށްފަހު ، ގޭގެއިން ފެންނާނީ އުފާވެރިކަމެވެ. އިވޭނީ އުފާވެރިކަމުގެ ޚަބަރުތަކެވެ. އެހެނަސް ، ކުލްސޫމްގެ ގެއިން ފެންނަމުން އެދަނީ ހިތްނުތަނަވަސް ކަމެވެ. މައިދައިތައާއި ޅީދަރިފުޅާ ދެމެދު ދިގު ބަޙުސްތައް ކުރެވެމުން އެބަދެއެވެ. އެގޮތަށް ކަންތައްތައް ދާކަމަށް ވަންޏާ ، ގޭގެ އަލިކަން ދާނީ ފަނޑުވަމުންނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.