
މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިއަ 02 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި އަންނަނީ ކުރަމުންނެވެ.
އެގޮތުން، "އިމިގްރޭޝަން ވޮޗް"އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ މެންދުރުފަހު ވަނީ މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި މިތަނުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިއަ 02 ބިދޭސީއަކު ހައްޔަރުކޮށްފައި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލައެކެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 77ހާސް ބިދޭސީންގެ މަޢުލޫމާތު ވަނީ ނަގާފައެވެ.