ރޯދަމަހުގެ ނަޒަރުން ރޯދަމަސް (5)

ރޯދަމަސް އިޙްޔާ ކުރުމަކީ ނުވަތަ  ކުރިން އަޅުގަނޑުމެން ކިޔަމުން އައި ގޮތުން ނަމަ، ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަކީ، މުސްލިމުން އެންމެ ކުރީއްސުރެ ވެސް ކުރަމުން ގެންދިޔަ ކަމެކެވެ. ކީރިތި ރަސޫލާ ވެސް ކުރެއްވި ކަމެކެވެ. ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ކޮންމެ އަހަރެއްގެ ރޯދަމަހު އެކަލޭގެފާނު އަރިހަށް ޖިބްރީލްގެފާނު ވަޑައިގެން ކީރިތި ޤުރްއާން މުދާރަސާ ކުރައްވާކަމަށް އޮވެއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ރޯދަމަސް ދިރުވުމަށް ޓަކައި މި ބަރަކާތްތެރި މުނާސަބަތާ އެކަށީގެންވާ ކަންކަން ކުރަމުން ގެންދެއެވެ. ކީރިތި ޤުރްއާނުގެ މަހެފިލްތައް ބޭއްވުމާއި ދީނީ ނަސޭހަތްދިނުމުގެ ހަފުލާތައް ބާއްވައެވެ.

ރާއްޖޭގައި ރަސްމީ ގޮތެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ރޯދަމަހުގެ ރޭތަކާއި ދުވަސްތައް އިޙްޔާ ކުރުމުގެ ޕުރޮގުރާމުތައް ފެށުނީ، 1978 ނޮވެންބަރު 11ގައި ރާއްޖޭގެ ރިޔާސަތާ، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ހަވާލުވެވަޑައިގަތް ހިސާބުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭ އިރުމަތީ ފެންޑާގައި ފެއްޓެވި ޖަލްސާތަކުންނެވެ. ފަހުން 1984 ނޮވެންބަރު 11ގައި އިސްލާމީ މަރުކަޒު ހުޅުވުމާ ގުޅިގެން ޖަލްސާތައް ކުރިޔަށް ގެންދެވީ އިސްލާމީ މަރުކަޒުގައެވެ. އޭރު ރޯދަމަހުގެ ކޮންމެ ރެޔަކު އެ ޕުރޮގުރާމު ކުރިޔަށް ގެންދެވިއެވެ. ގިނަ ރޭރޭ ވާހަކަފުޅުދައްކަވަނީ ވެސް ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމެވެ.

އޭގެ އިތުރުން މާލޭގެ ބޮޑެތި މިސްކިތްތަކުގައި ވެސް ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް ކޮންމެ ދުވަހެއްގެ އަސުރު ނަމާދަށް ފަހު، ކީރިތި ޤުރްއާން ކިޔެވުމާއި ދީނީ ނަސޭހަތް ދެއްވުމުގެ ޕުރޮގުރާމު ބާއްވަވަމުން ގެންދެވިއެވެ. ދުވަސްކޮޅެއް ފަހުން އަތޮޅުތެރެއަށް ވެސް އެ ޕުރޮގުރާމު ފުޅާ ކުރެއްވިއެވެ.

އޭގެ ކުރިން 1960 އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ރޭޑިޔޯ މޯލްއިވްސްއިން ކޮންމެ އަހަރެއްގެ ރޯދަމަހު ކީރިތި ރަސޫލާގެ ސިޔަރަތު ފޮނުއްވަމުން ގެންދެވިއެވެ. އަދި 8 ޝަޢުބާން 1380ގައި އުފެދުނު އަމިއްލަ ޖަމުއިއްޔާއެއްކަމުގައިވާ ޖަމްޢިއްޔަތުލް ފަލާޙްގެ ފަރާތުން ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު އަޑުގަދަކުރާއިން ސިޔަރަތު ފޮނުއްވަމުން ގެންދެވިއެވެ. އަދި ރޭގަނޑު ކީރިތި ޤުރްއާން ވެސް ފޮނުއްވަމުން ގެންދެވިއެވެ.

ރައީސް މައުމޫންގެ ޒައާމަތަށް ފަހު ދެން އައި ސަރުކާރުތަކުން ވެސް އެކި ނަންނަމުގައި ރޯދަމަސް އިޙްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުތައް އެކި ފެންވަރުގައި ހިންގަވަމުން ގެންދަވައެވެ.

ރޯދަމަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި މިސްކިތްތަކުގެ އިމާމުން ފިޔަވައި ބޭރު ރާގަށް ކީރިތި ޤުރްއާން ކިޔަވާ އިމާމުން ލައްވައިގެން ތަރާވީޙް ނަމާދު ކުރަން ފެއްޓުނީ ވެސް ރައީސް މައުމޫންގެ ދުވަސްވަރުގައެވެ.  މަޢުހަދުއް ދިރާސާތިލްއ ިސްލާމިއްޔާގެ އުސްތާޒުންނާއި ދަރިވަރުންނާއި ޤާރީ ކުލާސްތަކުގެ ބައިވެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ޤާރީން މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ގޮތަށް ހަމަޖެއްސެވިއެވެ.

އެ ގޮތުން ވަރަށް ޒުވާން އުމުރުފުޅުގައި ޑޮކްޓަރ ޝަހީދު އަފްެރާޝީމް ޢަލީ، މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި އިމާމުވެވަޑައިގެން ތަރާވީޙް ނަމާދު ކުރައްވަމުން ގެންދެވިއެވެ. އަދި މާލޭގެ އެހެން މިސްކިތްތަކުގައި އިމާމުންގެ ގޮތުގައި ތިއްބެވީ ވެސް ވަރަށް ޅަ ޒުވާން ދަރިވަރުންނެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.