
މި ރޯދަ މަހު ވެސް ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެކުންފުނިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި އަންނަ އެޕްރީލް މަހު، އެ ކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލްތައް ”އާންމު މަހަކަށްވުރެ ބޮޑު ނުވާނެ ގޮތުގެ މަތިން“ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ”އާންމު މަހެއްގައި“ ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާޗު އަދި އެޕްރީލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރޭޖް މިންވަރަށް ކަމަށާއި މިގޮތުން ކަނޑައެޅޭ ”އާންމު މަހުގެ“ ބިލުގެ މިންވަރަށްވުރެ އެޕްރީލް މަހު ތައްޔާރު ކުރެވޭ ބުލް ބޮޑުނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ މިންވަރު މަތިކޮށްދޭނެ ކަމަށް ބުނެއެވެ.
މީގެ އިތުރުން އުނިކޮށްދޭ މިންވަރަކީ އެޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސަންޓަށްވުރެ ކުޑަމިންވަރެއް ކަމުގައިވަނީ ނަމަ 10 ޕަސަންޓާއި އެއްވަރަށް ޑިސްކައުންޓް މަތިކޮށްދޭނެ ކަމަށާއި އެޕްރީލްގައި ފޮނުވާ ބިލު ”އާންމު މަހުގެ“ ބިލަށްވުރެ ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދޭނެ ކަމަށް ބުނެއެވެ.
އެމްޑަބްލިުއުއެސްސީ އިން ބުނީ އެޕްރީލްގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި ކުރިން ރެޖިސްޓްރީ ކޮށްފައީވީ ނަމަވެސް، މިހާތަނަށް ބިލުކުރެެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އެޕްރީލް މަހު ފޮނުވާ ބިލް ކަމުގައިވަނީ ނަމަ، އެފަދަ ފަރާތްތަކަށް ވެސް އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދޭނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީ ބުނީ އެ އުސޫލުތަކާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ 105 ގުޅައިގެން ނުވަތަ 1050 އެސްއެމްއެސް ކޮށްގެން ނުވަތަ mail@mwsc.com.mv މެއިލްކޮށްގެން އެ މައުލޫމާތެއް ލިބޭނެ ކަމަށެވެ.
ރޯދަމަހަށް ދެއްވި ރަނގަޅު އިނާޔަތެއް، އުންމީދު ކުރަނީ، ބޮޑު ފައިދާއެއް ހޯއްދަވާ ކުންފުންޏަކަށް ވުމުގެ ބަދަލުގައި ރައްޔިތުންނަށް ލުއިފަސޭހަ ދެއްވައިގެން އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏަކަށް ވުން.