
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ އިޙްޔާ ފޯރަމް އޮންނާނެއެވެ.
މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައެވެ. މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރެއެވެ. މި ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މީގެ އިތުރުން އިޙްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމްއެވެ.
މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.