(6 ޑިސެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ވާހަކައިގެ މިސްރާބު ބަދަލުކުރުމުގެ ގޮތުން އެންޖެލާ ބުނެލިއެވެ. [މިއީ ހާދަހާ ރީތި މަންޒަރެކެވެ. ކޮންމެ ދުވަހަކު މިތަނަށް ވަޑައިގަންނަވަންތޯއެވެ؟]
[އާދޭހެވެ. އެކަމަކު މިހާރު އަޅުގަނޑު އެނބުރި ދަނީއެވެ. ގިނަ ދުވަސްދުވަހު ކުރިމަތީގައި އެހެރަ ފަރުބަދައިގެ މައްޗަށްވެސް އަރަމެވެ.]
[މިހެން މި ދިމާވީ އަޅުގަނޑަށް މި ހިސާބަށް އާދެވޭނޭ ގޮތް ގުދުރަތުން މެދުވެރި ކުރައްވާން ވެގެން ކަމުގައި ވެދާނެއެވެ.]
[އަޅުގަނޑާ ނުލައިވެސް މިތަނަށް ވަޑައިގެންނެވިދާނެއެވެ.]
[ނޫނެކެވެ. އަޅުގަނޑު މި ދަންނަވަނީ ތެދު ވާހަކައެކެވެ. އަޅުގަނޑުގެ އޭރު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އަޅުގަނޑުމެން މި އުޅެނީ މާދަމާ ނޫން އަނެއް ދުވަހު ފުރާށެވެ. ބަޝީރުގެ ފައިންޕުޅު ނުފެނުނަމަ ފުރަން ޖެހުނީހީ މިތަނަށް އައުމުގެ އެދުން ނުފުދިއެވެ.]
[މިއީ މީހަކު ނުފުދިގެން ދެރަވާވަރުގެ އެދުމެއް ނޫނެވެ.]
[މި ރީތި މަންޒަރު އަޅުގަނޑުގެ ހިތަކުން ދުވަހަކުވެސް ނުފިލާނެއެވެ. އަޅުގަނޑު އަހައިފައިވާ ގޮތުގައި ސަރަހައްދީ ބާޒުގެ ޖަންގަލީގެ މަންޒަރުތައްވެސް ވަރަށް ރީއްޗެވެ.]
[އާދޭހެވެ. އެއީ ވަރަށް ރީތި ސަރަހައްދެކެވެ.]
[ތިޔަ ބޭފުޅުން ބޮޑެތި ސަހަރުތަކަށް ވަޑައިނުގަންނަވާން އުޅުއްވަނީ އެހެން ވެގެންތާއެވެ.]
[އުޅެން ކަމުދާ ތަނަކަށް ވާނީ ފައިދާއެއް ހުރި ކަމެއް ކުރެވޭ ތަނެކެވެ.]
[މި ޖަންގަލީގައި އުޅުމުގެ ބަދަލުގައި ކަސްތިއްޔާއާއި ސެބިއްޔާއާއި ކޯރްދޮބާ ކަހަލަ ސަހަރެއްގައި އުޅުއްވީމާ މާ ފައިދާހުރި ކަންކަން ކުރެއްވޭނެއެވެ. އެތާގެ ވެރިންނާއި ގަވަރުނަރުންނާއި ރަސްގެފާނަށް ދާންދެން ބަޝީރަށް ގަދަރުކުރައްވާނެއެވެ. ކޯފާ އިސްނުކުރައްވާނޭ ނަމަ ދަންނަވަންތޯއެވެ. މި ތާގައި ބަޝީރްގެ ވަގުތު ބޭކާރު ގޮތުގައި ހޭދަކުރައްވަނީއެވެ. ބައްޕަ ބުނުއްވާ ގޮތުގައި ބަޝީރް ކަސްތިއްޔާއަށް ވަޑައިގެންފިނަމަ ރަސްގެފާނުގެ ދަރުބާރުން އިސް ގޮނޑިކޮޅެއް ލިބިވަޑައިގަންނަވާނެއެވެ.]
[އަޅުގަނޑު ކަސްތިއްޔާއަށް ދާން އެންޖެލާގެ ބައްޕަ ލަފާދެއްވާނެކަން ޔަގީނެވެ. އެކަމަކު ތިޔަބޭފުޅުންގެ ރަސްގެފާނުގެ ދަރުބާރުގެ އުސް ގޮނޑިއެއްގައި އިނުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ލިބެނީ ބަދްރު ބިން މުޣީރާފަދަ ފަހުލަވާނަކަށް ބޭސްކުރީމައެވެ. މިތާގައި އުޅޭ މީހުންނަށް ބައެއް ފަހަރަށް ޖިސްމާނީ ބަލިތައް ޖެހެއެވެ. އެ ބަލިބައްޔަށް ބޭސް ކުރެވިދާނެއެވެ. އެކަމަކު ތިޔަބޭފުޅުންގެ ރަސްގެފާނާއި ވެރިން އެ ތިބެނީ ރޫޙާނީ، އަޚްލާގީ ބަލިމަޑުކަމެއްގެ ތެރޭގައެވެ.]
އެންޖެލާ ހިނިތުންވެލައިފައި ބުންޏެވެ. [ބަޝީރް ކްރިސްޓިއަނުންނަށް ނަފުރަތުކުރައްވާ ވާހަކަ ފާޅުކޮށް ވިދާޅުވާންވީ ނޫންތޯއެވެ؟]
[ޑަކްޓަރެއްގެ ހައިސިއްޔަތުން ކޮންމެ އިންސާނަކަށްމެ ބޭސްކުރުމަކީ އަޅުގަނޑުގެ ވާޖިބެކެވެ. އިސްލާމެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ އަންދަލުސްގައި ޢިއްޒަތާއި މިނިވަންކަމަށްޓަކައި ހަނގުރާމަކުރާ އިސްލާމުންނަށް އެހީތެރިވުމެވެ. އެންޖެލާއަށް އިންސާނިއްޔަތުކަން ފެނިވަޑައިގަންނަވަނީ ކަސްތިއްޔާގައި އިސްލާމުން އަޅުވެތިކުރުމުގެ ހިލިހިލާ ތައްޔާރުކުރެވެމުންދާ ދަރުބާރުތަކުންނެވެ. އަޅުގަނޑަށް އިންސާނިއްޔަތުކަން ފެންނަނީ ކުދި ޖިފުޓިތަކުގައި އުޅުނު ކަމުގައި ވިޔަސް، އެހެން ބައެއްގެ އަޅުވެތިކަމުގައި ދިރިތިބުމަށްވުރެ މިނިވަންވާން ކުރާ މަސައްކަތުގައި މަރުވުންވެސް މާ ރަނގަޅުކަމަށް ދެކޭ މީހުންގެ ތެރެއިންނެވެ.]
އެންޖެލާ ހިތާމަވެރި ރާގަކަށް އަހައިލިއެވެ. [އަޅުގަނޑުމެންގެ ރަސްގެފާނާ މާ ގިނަ ދުވަހު ތިޔަ ގޮތަށް ހަނގުރާމަ ކުރެއްވިދާނޭ ކަމަށް ދެކެވަޑައިގަންނަވަނީތޯއެވެ؟]
[މުގާބިލާ ކުރަނީއަކީ ހުރިހައި ފަހަރަކު ނަސްރު ލިބޭނޭ ކަމުގެ އުއްމީދު އޮވެގެންނެއް ނޫނެވެ. ބައެއް ހާލަތުގައި ހަނގުރާމަ ކުރުމަކީ ނިކަމެތީންގެ ވާޖިބަކަށް ވެދެއެވެ. އަޅުގަނޑުމެންނަށް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ ދިރިތިބިހައި ހިނދަކު އެއްވެސް ބަޔަކަށް އަޅުގަނޑުމެން އަޅުވެތި ނުކުރެވޭނޭ ކަމެވެ... ދެން ހިންގަވާށެވެ. މިހާރު މާ ލަސްވެއްޖެއެވެ.]
އެންޖެލާ ބުންޏެވެ. [ކަސްތިއްޔާގެ ޝާހީ ޑަކްޓަރުގެ ވަޒީފާ ބަޝީރް ގަބޫލުފުޅު ކުރައްވައިފިއްޔާ ރަސްގެފާނުގެ ހިތްޕުޅު ހަމަޖައްސައިދެއްވައި އުފާފުޅުވާނޭ ފަދައަކުން ކަންތައް ކުރައްވައިގެން އިސްލާމުންގެ މިނިވަންކަމަށް އަރައިވަޑައިގަތަ ނުދެއްވައި ހިފެހެއްޓުވިދާނެއެވެ.]
[މިނިވަންކަމަކީ ޚުޝާމަދުކޮށްގެން ގަންނަ އެއްޗެއް ނޫނެވެ. އެއީ ލޭ އޮހުރުވައިގެން ގަންނަ އެއްޗެކެވެ.]
އެންޖެލާ ބުންޏެވެ. [ޑަކްޓަރެއްގެ ގޮތުގައި ބަޝީރް ރަސްގެފާނަށް ޚުޝާމަދު ކުރައްވާނީއެއް ނޫނެވެ. އެއީ ހެޔޮކޮށް ހިއްތެވުމެކެވެ.]ަ
ބަޝީރް ތަންކޮޅެއް ހަރުކަށި ރާގަކަށް ވިދާޅުވިއެވެ. [ތިޔަ ބޭފުޅުންގެ ކިބުރުވެރި ރަސްގެފާނަށް ހެޔޮކޮށް ހިތޭން އަޅުގަނޑުމެންނަށް އޮތީ އެންމެ ގޮތެކެވެ. އެއީ އެ ރަސްގެފާނުގެ ޚުދުމުޚްތާރު ކަނޑި ޖަހައިގަތުމުން އަޅުގަނޑުމެންގެ ރަހުމާއި އޯގާތެރިކަމުގެ ދަށަށް އޭނާ އައީމާ އަޅުގަނޑުމެންގެ ކާބަފައިންގެ ރީތި އަޚްލާގަށް އަމަލުކުރުމުގެ ގޮތުން އޭނާގެ ކުށަށް މާފުކުރުމެވެ. އޭނާ އަޅުގަނޑަށް ފަހިކޮށްދޭ ވަގުތީ ދިރިއުޅުމަކަށްވުރެ އަޅުގަނޑަށް ރަނގަޅީ އަޅުގަނޑުގެ ގައުމުގެ ދާއިމީ ދިރިހުރުމަށްޓަކައި ހަނގުރާމަކުރާ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައި ހުރުމެވެ. އެންޖެލާއަކީ އަޅުގަނޑުމެންގެ މެހުމާނެކެވެ. މި ބަހުސު ފެށްޓެވީތީ އަޅުގަނޑު ހިތާމަކުރަމެވެ. އިސްޕޭނާއި ކަސްތިއްޔާއާ އަޅުގަނޑުމެން މުގާބިލާކުރާނީ ދައްކާ ވާހަކައަކުންނެއް ނޫނެވެ. ކަނޑިންނެވެ.]
ބަޝީރް މަޑުމަޑުން ތިރިއަށް ހިންގަވައިގެންފިއެވެ. އެންޖެލާ ތެދުވެގެން ފަހަތްޕުޅުން ހިނގައިގެންފިއެވެ. އޭނާ ހިތާހިތާ ކިޔަމުން ދިޔައެވެ. [މި ވާހަކަ ނުދެއްކުނު ނަމައެވެ.]
އޭގެ ފަހުން ބަޝީރް އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. އެންޖެލާވެސް ހިމޭނުން ހުރެގެން ފައިބަމުން ދިޔައީއެވެ. އެކަމަކު ތިރިއަށް ފައިބައި ގަސްތަކުގެ ތެރެއިން ހިނގާފައިދާން ޖެހުނީމާ އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ބަޝީރާ އަރައި ހަމަކޮށްފިއެވެ. [ބަޝީރް ކޯފާވާނެއެކޭ އަޅުގަނޑުގެ ހިތަކަށް އެއްގޮތަކަށްވެސް ނާރައެވެ. އަޅުގަނޑަކީ ދުޝްމިނެއް ނޫންކަން ކަލާނގެ ދެނެވޮޑިގެންވާނެއެވެ. ބަޝީރް ކޮންމެ ކަމެއް ކުރެއްވިޔަސް އަޅުގަނޑު އަބަދުވެސް ހެޔޮ ދުޢާ ކުރާނަމެވެ. އަޅުގަނޑަށް މާފުކުރައްވާށެވެ.]
ބަޝީރް އެނބުރިވަޑައިގެން ބައްލައިލެއްވިއެވެ. އޭރު އެންޖެލާގެ ލޮލުން ކަރުނަ ފައިބައެވެ.
[މިހާރު ކީރިތި ކުރައްވަނީތޯއެވެ؟]
[އަޅުގަނޑަށް މާފު ކުރައްވާށެވެ.] އޭނާ އަނެއްކާވެސް ބުނެފިއެވެ.
[ތިޔަ ކަރުނައިގެ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ކްރިސްޓިއަނުންގެ ފަރާތުން ފާތިޙެއްގެ އެކުވެރިކަމުގެ މެސެޖެއް ދެއްވަނީ ކަމުގައި ވަނީނަމަ ވަރަށް ދެރައެވެ. ތިޔަ މަސައްކަތްޕުޅު މުޅީން ބޭކާރުވެއްޖެއެވެ. އަޅުގަނޑުމެންގެ ޖިހާދަކީ ބޭކާރު މަސައްކަތެއް ކަމުގައި ބައްލަވައި ހަމްދަރުދީގެ ޝުޢޫރެއް ފައުޅު ކުރައްވަނީނަމަ އަދި އެ ދަނޑިވަޅެއް ނާދެއެވެ. އަދި މާ އަވަހެވެ. ބަޝީރް ބިން ޙަސަންގެ ފުރާނައަކީ ދިރިހުރުމާއި މަރާ ދެމެދު މި ކުރެވޭ ހަނގުރާމައިގައި އަމިއްލަ ގައުމުގެ މީހުންނާ ބައިވެރިނުވާ ވަރުގެ އަގު ބޮޑު އެއްޗެއް ކަމަށް ހީފުޅު ކުރައްވާނަމަ އެއީވެސް މުޅީން ކުށް ހީފުޅެކެވެ.]
އެންޖެލާ ޖަޒުބާތުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. [ކްރިސްޓިއަނުންގެ މައްޗަކަށްވެސް އަދި އިސްލާމުންގެ މައްޗަކަށްވެސް އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތެވެ. އަޅުގަނޑު ހެޔޮ އެދެނީ ހަމައެކަނި ބަޝީރަށެވެ. އަޅުގަނޑުގެ ވާހަކައިގެ ސަބަބުން ސަދުމާއެއް ލިބިވަޑައިގަތިއްޔާ ވަރަށް ދެރައެވެ. އަޅުގަނޑު މޮޔައީއެވެ. މި ދެއްކި ވާހަކަޔާ މެދު ނުވިސްނަވާށެވެ.]
[އެންޖެލާ... އެންޖެލާ...] ކުއްލިއަކަށް އިވުނީ ރަބީޢާގެ އަޑެވެ.
އެންޖެލާ އަނގައިން ނުބުނީމާ ބަޝީރް ގޮވައިލެއްވިއެވެ. [ކޮއްކޮ މިތާގައި މި ހުންނެވީއެވެ.] އެޔަށް ފަހު އެންޖެލާއާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [ހިންގަވާށެވެ. ދައްތަ ގޮވައިލައްވަނީ ނޫންތޯއެވެ؟]
އެންޖެލާ ބަޝީރްގެ ކުރީގައި ހުރެގެން ހިނގައިގެންފިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބަޝީރާއި ރަބީޢާއާއި އެންޖެލާއާ ތިން މީހުން ތިބީ ކިއްލާއާ ދިމާއަށް މިސްރާބުޖަހައިފައެވެ.
ކޯރު ހުރަސް ކުރުމާއެކު ފުރަތަމަވެސް ފެނުނީ އަބޫ ދާވޫދެވެ. އޭނާ ދެ ދަރިންނާ މުޚާތަބުކޮށް ބުނެފިއެވެ. [މިއަދު ތިޔަ އައީ ހާދަހާ ލަހަކުންނެވެ.]
ރަބީޢާ ބުންޏެވެ. [ބައްޕާއެވެ. މިއަދު އަޅުގަނޑުމެން ފަރުބަދަ މައްޗަށް އަރާން އުޅުނީއެވެ. އަޅުގަނޑަކަށް ނޭރުނެވެ. އެންޖެލާ އެ އައީ މައްޗަށް އަރައިފައެވެ.]
ރަބީޢާގެ ހުވަފެނުގެ ތައުބީރު
(1)
ހުކުރު ދުވަހުގެ ބޮޑު ބައެއް ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަން ހޭދަކުރެއްވީ އަބޫ ދާވޫދާ އެކީގައެވެ. ބަދްރުގެ ވާހަކަފުޅުން އަބޫ ދާވޫދަށް ޔަގީންވީ ގޮތުގައި ބަދްރު އެރޭ ހޭދަކުރައްވާނީ ކިއްލާގައެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. އެކަމަކު ކިއްލާގެ ވަރަށް ގިނަ ސިފައިން ކުއްލިއަކަށް ގެއްލުނީމާ އޭނާ ހުރީ ހައިރާން ވެފައެވެ.
ދެ ބޭފުޅުންގެ އަރިހުގައި މެންދުރު ކާން އިނދެފައި އަބޫ ދާވޫދް ބުނެފިއެވެ. [ކިއްލާގައި ތިބޭ ސިފައިންގެ އަދަދު ވަރަށް މަދު ވެއްޖެއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި މަނިކުފާނު މިތާގައި އުޅުއްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނާން ވާނީ ވަރަށް ރަނގަޅަށް އަޅައިފައެވެ.]
ބަދްރު ފަރުވާކުޑަ ރާގަކަށް ވިދާޅުވިއެވެ. [އަޅުގަނޑުގެ ރައްކާތެރިކަމަށްޓަކައި ސިފައިން ބޭނުންވާ ކަމަކަށް އަޅުގަނޑު އެއް އިރަކުވެސް ނުދެކެމެވެ.]
[މަނިކުފާނުގެ ހިތްވަރުފުޅު ގަދަކަމާއި ހިތްޕުޅު ތިރިކަމާމެދު އަޅުގަނޑު ފަހަރެއްގައިވެސް ޝައްކެއް ނުކުރަމެވެ. އެކަމަކު ކިއްލާ ބަލަހައްޓާންވެސް ތަންކޮޅެއް ގިނަ ސިފައިން ބޭނުން ވާނެއެއް ނޫންތޯއެވެ؟ ކްރިސްޓިއަނުންގެ ފަރާތުން އަތުވެދާނޭ ހަމަލައަކަށް އަބަދުވެސް ހުސިޔާރުވެވަޑައިގަންނަވާން ޖެހޭނެއެއް ނޫންތޯއެވެ؟]
ބަދްރު ވިދާޅުވިއެވެ. [ފިކުރުފުޅު ބޮޑު ނުކުރައްވާށެވެ. މުގާބިލާގެ ހާލަތުގައި އަބަދުވެސް މިތާގައި ބޭނުންވާ ވަރަށް ސިފައިން ތިބޭނެއެވެ. މިއީ އަޅުގަނޑު ވަގުތީ ގޮތުން އައިސް ހުންނަ ތަނެކެވެ. މަނިކުފާނު ފުރައިވަޑައިގަތީމާ އަޅުގަނޑު ދިރިއުޅޭ ޖަންގައްޔާއި ފަރުބަދަތަކުގެ ތެރެއަށް ހިނގައިދާނަމެވެ.]
[ދެ ދުވަސް ކުރީން ހުރިހައި ސިފައިން ފޮނުއްވައިލެއްވީ އެހެން ވެގެން ދޮގެއްތޯއެވެ؟]
[އާދޭހެވެ. މިތާގައި އެ މީހުން ތިބުމުގެ ބޭނުމެއް ނެތެވެ.]
އޭގެ ފަހުން އެކި މަވްޟޫއުތަކަށް ވާހަކަ ދެކެވުނެވެ.
މަޣްރިބު ނަމާދު ނިންމައިފައި މީހުން މިސްކިތުން ފައިބަމުން ދަނިކޮށް އަސްވާރަކު ވަރަށް ބާރަށް އައިސް ކިއްލާއަށް ވަދެއްޖެއެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް މަޑުކޮށްލީ މިސްކިތުގެ ދޮރުމައްޗަށެވެ. ބަދްރު ބިން މުޣީރާ ފެނުމާއެކު އޭނާ ފައިބައިގެން ބަދްރާ ދިމާއަށް ހިނގައިގެންފިއެވެ.
އޭނާ ވާހަކަ ދައްކާން ފެށުމުގެ ކުރީން ބަދްރު ސުވާލު ކުރައްވައިފިއެވެ. [ކިހިނެއް ވީ ހެއްޔެވެ؟ މާ ބޮޑަށް ހާސްވެފައި ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟]
އޭނާ ދަންނަވައިފިއެވެ. [ރަސްގެފާނުގެ ކޮއްކޮއާއި ގްރަނާދާގެ ސިފައިންގެ ހައެއްކަ މީހުން މަނިކުފާނުގެ ފައިންޕުޅު ދެކޭން އަތުވެއްޖެއެވެ. މަނިކުފާނުގެ ޖަގަހައިގައި ތިބެގެން އިންތިޒާރު ކުރުމުގެ ބަދަލުގައި އެ މީހުން މިހާރު މި ދިމާއަށް އެބަ އާދެއެވެ.]
[އެ މީހުން ތިބީ ކިހައި ދުރުމިނެއްގައި ހެއްޔެވެ؟]
[މިތަނާ އަށެއް ނުވަތަ ދިހަ ކޯހުގެ ދުރުމިނުގައެވެ. އެމީހުން ބުނީ ރޭގަނޑުގެ ފަރީއްކޮޅުގައި މަނިކުފާނުގެ އަރިހުގައި ބައިވެރިވާނޭ ކަމުގައެވެ.]
ބަދްރު ބަޝީރް ބިން ޙަސަނާ ދިމާއަށް ބައްލަވައިލެއްވިއެވެ. [އެމީހުން މިތާގައި ތިބުމުގެ އިންތިޒާމު ހަމަޖައްސަވާށެވެ. އަޅުގަނޑު އެ މީހުންގެ އިސްތިގުބާލަށް ދާނަމެވެ.]
އޭގެ އިރުކޮޅެއް ފަހުން ފެނުނީ އަސްކޮޅަށް ސަވާރުވެވަޑައިގެން ބަދްރު ބިން މުޣީރާ ކިއްލާއިން ބޭރަށް ނުކުމެވަޑައިގަތް ތަނެވެ. އަބޫ ދާވޫދް ދިގު ފިޔަވަޅުތަކެއް އަޅަމުން އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކުޑަ އިރުކޮޅެއް ވާންދެން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ކޮޓަރިތެރޭގައި ކުރުކާލި ކެނޑުމަށް ފަހު އަނެއް ކޮޓަރިއަށް ވަދެވޭ ގޮތަށް ހުރި ދޮރު ހުޅުވައިލުމަށް ފަހު ގޮވައިލިއެވެ. [މާރިޔާއެވެ. ނިކަން އައިސްބަލާށެވެ.]
މާރިޔާ އައިސް ކޮޓަރިއަށް ވަނީމާ އޭނާ އަވަސްއަވަހަށް ކޮޓަރީގެ ދޮރު ލައްޕައި ތަޅު ލައިފިއެވެ.
(ނުނިމޭ)
ވަރަށްވެސް ރީތި ޝުކުރަން
Haadha kurukoshey
😊👍
Shukuriyya