އެކާވީސްވަނަ ސައްތައިގެ އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން: މުސްކުޅީންގެ ހިޔާވަހިކަމުގެ މަރުކަޒުތައް - 1

އަސްލު ލިޔުއްވީ: ޑޮކްޓަރ محـمّــد رضــا الإســـلام نــــدوى
ތަރުޖަމާ: عــبــد اللّـــه فــاروق حســن


މުސްކުޅީންގެ ހިޔާވަހިތައް ހެދުމަކީ އިސްލާމްދީން ދެކޮޅުހަދާކަމެއް ނޫނެވެ. އިސްލާމްދީނަކީ ޚަލްޤުތަކުންނަށް ޚިދުމަތްކުރުމާ އެއްވެސްވަރަކަށް އިދިކީލި މިޒާޖުގެ ދީނެއް ނޫނެވެ. އަންހެނުންވެސް ފިރިހެނުންވެސް މުސްކުޅި ޢުމުރަށްދާއިރު ވާވެރިޔަކު ނެތުމަކީ ވަރަށްގިނަފަހަރު ދިމާވާގޮތެކެވެ. ދަރިޔަކު ނެތުމުގެ ސަބަބުންނެވެ. ނުވަތަ އެހެންވެސް ސަހަރޯވެރީން ނެތުމުގެ ސަބަބުންނެވެ. ނުވަތަ ދަރީން ތިބެމެ އެދަރީން މައިންބަފައިންނާ ދުރުގައި އުޅޭތީއެވެ. ނުވަތަ ދަރީން ކައިރީގައި ތިބެމެ، އެކުދީންގެ ނާލާއިޤުކަމުގެ ސަބަބުން މައިންބަފައިން ރަނގަޅަށް ނުބެލެހެއްޓޭތީއެވެ. ނުވަތަ މިނޫންވެސް ސަބަބުތަކާ ހުރެއެވެ.

މިދެންނެވިފަދަ މަޖްބޫރީ ޙާލަތްތައް ކުރިމަތިވެފައިވާ ސަހަރޯވެރިޔަކު ނެތްމީހުންނަށް އެހީތެރިވުމާއި އެފަދަ މީހުން ބެލެހެއްޓުމާއި އަޅައިލައި ހޭހަންކޮށް އަތްބާރުއަޅައިދޭ ނިޒާމުތަކަކީ ކޮޅެއްނެތްހައި ބޭނުންތެރިކަންކަމެވެ. އެހެންކަމުން ނިކަމެތީންނާއި ވާވެރީންނެތް މީހުންނާ އަޅައިލައި އެފަދަ މީހުން ފިކުރުތަކުން އެއްކިބާކުރުވައި ބަލަހައްޓާނެ ތަންތަން ބިނާކުރުމަކީ ޝައްކެއްނެތްގޮތުގައި އިސްލާމްދީން ރުހުމުގެ ލޮލުން ދެކޭނެކަމެކެވެ. ތަރްޙީބުގެ ނަޒަރުން ބަލާނެކަމެކެވެ. މާތް اللّــــه ގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބަސްފުޅެއްގައިވާގޮތުން "މީސްތަކުންކުރެ އެންމެ ހެޔޮމީހަކީ އެމީހެއްގެ ފުށުން އެހެންމީހުންނަށް އެންމެ ފައިދާކުރާ މީހެކެވެ."

ކަންމިހެން ހުރުމާއެކު މި މަޒުމޫނުގެ މަޤްޞަދަކީ މުސްކުޅީންގެ ހިޔާވަހި ބިނާކުރުމާ ބެހޭގޮތުން ނައްސި ޚިޔާލުތަކެއް ފާޅުކުރުމެއް ނޫނެވެ. އެކަމާ ބެހޭގޮތުން ތަފާތު އަރިއަރިމަތީން ބަލައިލައި ޚިޔާލުފާޅުކުރުމެވެ. އުންމަތުގެ މާޒީގެ ރަންޒަމާނުގައި ކަންހުރިގޮތް ހަނދާނަށް ގެނެސްގަތުމެވެ.

+ + + + +

އިޖްތިމާޢީ މައިދާނުގައި މިޒަމާނުގައި އިސްކަންދެވޭ ކަންތައްތަކުގެ ތެރޭގައި އިސްރަށްވެހީންނަށްޓަކައި ޘަޤާފީ މަރްކަޒުތަކާއި އެފަދަ މީހުންނަށް ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅެވޭނެ ތަންތަން ބިނާކުރުމަކީ ނުހަނު އިސްކަންދެވޭ ކަމެކެވެ. އެހެންކަމުން އެފަދަ ތަންތާނގެ ލިސްޓު ދުވަހެއް ދުވަހަކަށް އަންނަނީ ދިގުލަމުންނެވެ.CARE CENTRES, OLD AGE HOMES, PAID HOME CARE, RETIREMENT NURSING HOMES ފަދަ ރީތި ނަންނަމުގައެވެ. މިހާރަކަށްއައިސް ވާހަކަ ދެކެވޭގޮތުގައި މިފަދަ ތަންތަނަކީ ވާވެރީންނާއި ސަހަރޯވެރީން އެބަޔަކާ ދުރަށް މޫނު އަނބުރައިލައިފައިވާ މުސްކުޅީންނާއި ނުކުޅެދޭ މީހުންނާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް ކޮންމެހެން ބޭނުން ތަންތަނެވެ. އެފަދަ މީހުން ފިކުރުތަކާ ދުރުވެ ހިތްހަމަޖެހުމާއެކު ދިރިއުޅުމަށްޓަކައެވެ. އެފަދަ މީހުންނަށް މިނިވަން ވެއްޓެއް ހޯދައިދިނުމަށްޓަކައެވެ. ތިމާޔާ އެއް ޢުމުރެއްގެ މީހުނާއެކު އުފަލާއި މަޖަލާއި އަރާމުގައި ޙަޔާތުގެ ހަވީރު ހޭދަކޮށްލުމަށްޓަކައެވެ. މިއީ ވަރަށް މުހިންމު އިންސާނީ ޚިދުމަތެކެވެ. މިޒަމާނުގެ ވަރަށްބޮޑު އެޗީވްމަންޓެކެވެ. ކާމިޔާބީއެކެވެ. އެކަމުގެ ފަހަތުގައިވާ ވޭނާއި ކެކުޅުމާއި ހިތްދަތިކަމުގެ ރާޅުޖަހަޖަހައިއޮތް މާސިންގާ ކަނޑު ޢާންމުގޮތެއްގައިވަނީ މީހުންގެ ލޯތަކަށް ވަންހަނާވެފައެވެ. އަންނަނިވި ފޮޅުވަތްތަކުގައި އެންމެފުރަތަމަ އަލިއަޅުވައިލާނީ މިދާއިރާގައި މިޒަމާނުގައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށެވެ. އެކަމުގެ ސަބަބުތަކާ މެދުގައެވެ. ކުރުކުރުކޮށެވެ. އެއަށްފަހު ޞަރީޙުކޮށް ބަލައިލާނީ މި މައްސަލައިގައި އިސްލާމީ ނަޒަރިއްޔާ އޮންނަގޮތުގެ މައްޗަށެވެ.

މައްސަލައިގެ ބާވަތް

މުސްކުޅިކަމަކީ އިންސާނީ ޙަޔާތުގެ ފިޠުރީ މަރްޙަލާއެކެވެ. މިދުނިޔެއަށް އުފަންވާ ކޮންމެ މީހަކުވެސް ދިގުޢުމުރެއް ދެއްވައި ދުނިޔޭގައި ލަހައްޓަވައިފިކަމުގައިވާނަމަ އެމީހެއްގެ ޢުމުރުގެ ތަފާތު މަރްޙަލާތައް ކަޑައްތުކުރަމުންއައިސް ވާސިލުވަނީ މުސްކުޅިކަމަށެވެ. އެ މަރްޙަލާއާ ހަމަޔަށް ފޯރާއިރު އޭނާގެ ޖިސްމާނީ ބާރުތައްވާނީ ވާޅުވެފައެވެ. ވިސްނުމާއި ފިކުރު ހިންގުމުގެ ބާރުވެސްވާނީ މޯޅިވެފައެވެ. އާމްދަނީގެ ވަސީލަތްތައް ހޯދާން މަސައްކަތްކުރުމުގެ ބުންވަރާއި ހަކަތަވެސް ހުންނަނީ ދެރަވެފައެވެ. ޢުމުރުގެ ދުވަސްތަކާއެކު ޖިސްމާނީ ވާގި ދޫވަމުންގޮސް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އާދަވެގެން ކުރަމުންއަންނަ ކަންކަން ކުރާންވެސް އަނެކުންގެ އެހީތެރިކަމާއި އަޅައިލުމަށް ބޭނުންވެފައެވެ. އެކަމަކު މިޒަމާނުގެ ޒުވާން ޖީލުގެ ކުދީންނަށް އެބައިމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް އަތްމަތި ފާގަތިކޮށް ބަހައްޓާންކުރާ މަސައްކަތުގެ ތެރެއިން ޢާއިލާގެ ދުވަސްވީ މީހުންނާ އަޅައިލާކަށެއް ތަންވަޅެއް ނުވެއެވެ. އެބައިމީހުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައި އެބައިމީހުންނާ ވާހަކަ ދައްކައިލައި އެބައިމީހުންގެ ހިތާމަތަކާއި މޮޅިވެރިކަމުގެ ވާހަކަ އަޑުއަހައިލާކަށެއް ތަންވަޅެއް ނުވެއެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދޭކަށެއް ވަގުތެއް ނުވެއެވެ. ކަންމިހެން ހުރުމާއެކު އެމުސްކުޅީން ވަނީ އެކަނިވެރިކަމުގެ ޝިކާރަޔަކަށްވެފައެވެ. ބޮޑެތި ޢާއިލާތަކުގެ މެންބަރުންކަމުގައި ވުމާއެކުވެސްމެއެވެ. އަމިއްލަ ޢާއިލާއާއެކު އެއްފުރާޅެއްގެ ދަށުގައި އުޅެމުން ގެންދާއިރުވެސް އެމުސްކުޅީން ތިބެނީ ހަމްދަރުދީވާކަމާއި އެކަނިވެރިކަންފިލުވައިދޭކަމާއި ގާތްކަންބެހެއްޓޭކަމުގެ އިޙްސާސުން މަޙްރޫމުވެފައެވެ. ވާވެރީން ނެތްކަމުގެ ހިތި އިޙްސާސުން ހިތްތައް ވިރިވިރިއެވެ.

މި ހިތާމަވެރި މޮޅިވެރި އިޖްތިމާޢީ ޙާލަތުގެ ލާޒިމީ ނަތީޖާއަކަށްވީ އިސްރަށްވެހީން ބެލެހެއްޓޭނެގޮތުގެ ރަނގަޅު އިންތިޒާމެއް ހަމަޖައްސާންޖެހޭކަން ޢާންމުކޮށް ޤަބޫލުކުރެވުމެވެ. ޢުމުރުން ދުވަސްވީ މީހުންނަށް އެބައިމީހުން ރުހޭކަހަލަ މާޙައުލެއް ހޯދައިދޭންޖެހޭކަން ޢާންމުކޮށް ބަލައިގަނެވޭތަން އައުމެވެ. ނަތީޖާއަކަށްވީ މުސްކުޅީންގެ ގެތައް ޤާއިމުކުރާން ފަށައިގަނެވުމެވެ.

މުސްކުޅީންގެ ގެތަކުގެ ތާރީޚާއި މިހާރުގެ ޙާލަތު

"އޯލްޑް އޭޖް ހޯމްސް" ގެ ތާރީޚަށް ބަލާއިރު އެކަމުގެ ފެށުން ރައްދުވަނީ ޢީސާއީ ސަނަތުން ވިހިވަނަ ސައްތަޔަށެވެ. ނަވާރަވަނަ ސައްތައިގެ ކުރިޔަކު އެކަމުގެ ތަޞައްވުރެއް ނުފެނެއެވެ. އެހައިތަނުން ފެށިގެން އެކަމުގެ ބޭނުންތެރިކަން އިޙްސާސްކުރެވި އެކަން ބަލައިގަނެވޭން ފަށައިފިއެވެ. ތާރީޚީގޮތުން ފާހަގަކޮށްފައިވާގޮތުގައި އެފަދަ އެންމެފުރަތަމަ އިދާރާ ވުޖޫދަށް އައިސްފައިވަނީ 1823މ. ގައެވެ. އެމެރިކާގެ ފިލެޑެލްފިޔާގައެވެ. WOMEN’S WIDOWS AND SINGLE WOMEN’S SOCIETY ގެ ނަމުގައެވެ. ދެންވެސް މިފަދަ އިދާރާއެއް ފެނުނީ އެމެރިކާއިންނެވެ. 1850މ. ގައި އެމެރިކާގެ ބޮސްޓަނުންނެވެ. އެތާނގެ ނަމަކީ HOME FOR AGED WOMEN އެވެ. އެތަނަކީ ސަހަރޯވެރިޔަކުނެތް އަންހެނުންނަށް އެހީތެރިވެ އަޅައިލާ ތަނެކެވެ.

މީލާދީން ވިހިވަނަ ސައްތައިގައި މިފަދަ އިދާރާތައް ގިނަވާން ފަށައިފިއެވެ. ޚާއްޞަކޮށް ވިހިވަނަ ސައްތައިގެ ފަހުކޮޅުގައި އެފަދަ އިދާރާތައް ވަރަށް ގިނަވެއްޖެއެވެ. ރިޕޯޓެއްގައިވާގޮތުން 2005މ. ގައި އެމެރިކާގައިހުރި މުސްކުޅީންގެ ނާސިންގ ހޯމުގެ ޢަދަދަކީ އެގާރަ ހާހެވެ. ފަސްއަހަރުގެ ތެރޭގައި އެއްހާސް ނާސިންގ ހޯމް އިތުރުވިއެވެ. ޔޫރަޕުގެ ވަރަށްގިނަ ޤައުމުތަކުގައިވެސް މިކަން އޮންނަނީ މިގޮތަށެވެ. ސްޕޭނުގައި ގާތްގަނޑަކަށް ފަސްހާސް ނާސިންގ ހޯމް ހުރެއެވެ. އޭގެތެރެއިން ގިނަތަންތަނަކީ އަމިއްލަ ތަންތަނެވެ. ސަރުކާރުގެ އެހީގައި ހިންގަނީ ދާދި މަދުތަނެކެވެ. 2006މ. ގެ ރިޕޯޓެއްގައިވާގޮތުން ނޯވޭއާއި ނެދަރލޭންޑްސްއާއި ޑެންމާކުގައި އުމުރުން ދުވަސްވީ މީހުންކުރެ ޢާއިލާއާ އެއްފުރާޅެއްގެ ދަށުގައި ދިރިއުޅުމުގެ ފުރުޞަތު ލިބިފައިވާ ނަސީބުވެރީންގެ އިންސައްތައަކީ ސަތޭކައަކުން ހަތަރެކެވެ. ދެންތިބި އެންމެން ޙިމާޔަތް ހޯދާން މަޖްބޫރުވެފައިވަނީ "އޯލްޑް އޭޖު ހޯމްސް" ތަކުންނެވެ. އާދެ މުސްކުޅީންގެ ޚާއްޞަ ގޭގެއިންނެވެ. ހުޅަނގުގެ ޤައުމުތަކުގައި ހަމައެކަނި މުސްކުޅީން ތިބޭން ޚާއްޞަ ރިޒޯޓުތައްވެސް ހަދަމުން އެބަގެންދެއެވެ. އެ ރިޒޯޓުތަކުން ހުރިހައި ބާވަތެއްގެ ޚިދުމަތްތަކަކާއި ފަސޭހަތަކެއް ލިބޭންހުރެއެވެ. ރޮބޮޓް ނަރުހުންގެ އެހީތެރިކަންވެސް ލިބޭންހުރެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.