އެކާވީސްވަނަ ސައްތައިގެ އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން: މުސްކުޅީންގެ ހިޔާވަހިކަމުގެ މަރުކަޒުތައް – 3

(28 ސެޕްޓެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކޮންމެ މީހަކުވެސް ފިޠުރީގޮތުން އެމީހެއްގެ ގެދެކެ ލޯބިވެއެވެ. ކޮންމެ މީހެއްގެވެސް ގެޔަކީ އެމީހެއްގެ ޙަޔާތުގެ އެންމެ އަގުހުރި ދުވަސްތައް ހޭދަކޮށްފައިވާ ތަނެވެ. އެންމެ އުފާވެރި ހަނދާންތަކެއް އެތަނަކާ ގުޅިފައިވާ ތަނެވެ. އެހެންކަމުން އެގޭގެ ފާރުތަކާއި ދޮރާއި ދޮރުފަތްތަކަކީވެސް އެމީހަކަށް ޚާއްޞަ މުނިއަވަސްފިލުމެއް ލިބޭތަންތަނެވެ. އެގޭގައި ދިރިއުޅޭ އެހެންމީހުންނަކީ އެމީހަކަށް ޚާއްޞަ އަމިއްލަވަންތަކަމެއް ފިޠުރީގޮތުން އިޙްސާސްވާ މީހުންނެވެ. ކަންމިހެން ހުރުމާއެކުވެސް ޢުމުރުން ދުވަސްވީ މީހުން އެބައިމީހުންގެ ގެދޮރުދެކެ ފޫހިވަނީ ކީއްވެގެންތޯއެވެ؟ ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ގެތަކަށް ތަރުޙީބުދެނީ ކީއްވެގެންތޯއެވެ؟ އޭގެ ސަބަބަކީ ކޮބައިތޯއެވެ. އާދެ ސަބަބަކީ އެމީހެއްގެ އަމިއްލަ މީހުންގެ އެކުލުންތެރިކަން ކުޑަވުމެވެ. އަޅައިލުން ކުޑަވުމެވެ. އަގަލުނެތުމެވެ.

1. ދަރީން ވަކި ފުރާވަރަކަށްއަރައި ވަކި ޢުމުރަކަށް އެޅުމުން އެކުދީން އުޅެނީ އެކުދީންގެ އަމިއްލަ ދުނިޔެއެއްގައެވެ. އެކުދީންނަށް މުހިންމުވަނީ އެކުދީންގެ ވަޒީފާއެވެ. އަމިއްލަ ތަނަވަސްކަން ހޯދުމެވެ. އެކަންކަމާ މަޝްޣޫލުވެވޭލެއް ބޮޑުކަމުން ޢާއިލާގެ ދުވަސްވީ މީހުންނަކާ ފުރިހަމަޔަކަށް އަޅައެއް ނުލެވެއެވެ. އެކުދީން ގިނަވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. މަސައްކަތުގެ މާޙޫލުގައި އުޅެފައި ވަރުބަލިވެފައިތިބެ ގެއަށް އާދެވުމާއެކު އިސްކަންދެވެނީ އަމިއްލަ އަރާމަށެވެ. ބޭރުގެ ފިކުރުތަކުން ދުރުވެ ހިތްހަމަޖައްސައިލުމަށެވެ. އެކަންކަން ދޫކޮށްލައިފައި މައިންބަފައިންނަށް ޚިދުމަތްކޮށްދޭކަށެއް ނުއުޅެވެއެވެ.

2. ޝައްކެއްނެތެވެ. ގޭގެ ވެރިޔަކީ ބައްޕައެވެ. ގޭގެ ކަންތައްތައް ރާވައި އިންތިޒާމުކޮށް ގޭގެ ވެރިކަންކުރަނީ ބައްޕައެވެ. ގޭގެ ކޮންމެކަމެއްގައިވެސް ފަހުބަސް އިއްވައި އަމުރުބުނާ މީހަކީ ބައްޕައެވެ. ގޭގެ ކުދިބޮޑު އެންމެހައި މުޢާމަލާތަކެއްގައިވެސް ހިނގަނީ ބައްޕަގެ މަނަހެވެ. ބައްޕަ މުސްކުޅިވުމުންވެސް ބޭނުންވަނީ އެކަން އެގޮތަށް ބާއްވާށެވެ. ގޭގެ އެންމެންވެސް އޭނާގެ އާނބަހަށް އާނއެކޭބުނެ ނޫންބަހަށް ނޫނެކޭ ބުނާށެވެ. އެކަމަކު ކުދީން ބޮޑެތިވުމުން އެކުދީންވެސް ބޭނުންވަނީ ގޭގެކަންކަމުގައި އެކުދީންގެ ބަސްވިކުމެވެ. އެހެންކަމުން ޢުމުރާއި މިޒާޖުގެ ތަފާތުގެ ނަތީޖާއަކަށްވަނީ ވަރަށްގިނަފަހަރަށް ބައްސެރިވެވޭތަން އައުމެވެ. ބައްޕަގެ ހުށަހެޅުމަކަށް ދަރީން ނޫނެކޭ ބުނެފިކަމުގައިވާނަމަ ބައްޕަ އެކަން މާނަކުރަނީ އޭނާގެ ޙުރުމަތަށް އަރައިގަނެވުނީ ކަމުގައެވެ. އަގުވަޒަން ނުކުރީކަމުގައެވެ. ނަތީޖާއަކަށްވަނީ ގެއާއި ޢާއިލާއާމެދު ހިތްކުޑައިވުމެވެ. ހިތްހަމަ ނުޖެހުމެވެ.

3. ޢާއިލީ ގުޅުންތަކުގެ މުހިންމުކަމުގެ އިޙްސާސުދަނީ ޒަމާނާއެކު ކުޑަވަމުންނެވެ. ޅީދަރީން އެކުދީންގެ ކާވެނީގެ ކުރީން އަމިއްލަ މައިންބަފައިންނަށް ޚިދުމަތްކުރި ގޮތަކަށެއް އެބޭބެއިންނަށާއި އެދައިތަމެންނަކަށް ޚިދުމަތެއް ނުކުރެއެވެ. އަނެއްކޮޅުން އެބޭބެއިންނާއި އެދައިތައިން ޅީދަރީންނާމެދު އުންމީދުކުރަނީ އުފަން އަންހެންދަރީން އެމީހުނަށް ޚިދުމަތްކުރިގޮތަށް ޚިދުމަތްކުރާނެ ކަމުގައެވެ. ޚާއްޞަކޮށް އެވީދީދަރިފުޅަކީ ނުވަތަ އެކޮއްކޮއަކީ އެހެން ޢާއިލާއަކުން ގެނެވިފައިއިން ކުއްޖެއްކަމުގައިވާނަމަ ޢާއިލީ ކުލުނުވެސް ތަފާތެވެ. ޞަރީޙުކޮށް ދަންނަވާނަމަ އެކުދީން އެބޭބެއިންނާއި އެދައިތައިންދެކެ ލޯތްބެއްވެސް ނުވެއެވެ. ސާފުބަހުން ނުވަތަ އިޝާރަތުން އެކުދީންގެ ފިރީންވެސް މައިންބަފައިންނަށް ޚިދުމަތްކުރުން މަނާކުރެއެވެ. އެކަމަށް ހުރަސްއަޅައެވެ.

4. މައިންބަފައިން ދަރީން ބޮޑެތިކުރަނީ އަމިއްލަ އުފާތަކާއި އަރާމު ޤުރްބާންކޮށްގެންނެވެ. ލިބޭ އާމްދަނީގެ އެންމެ ބޮޑުބައި ހޭދަކުރަނީ އެކުދީންނަށެވެ. އެކުދީން ނަލަހައްދައި މީރުއެއްޗެހި ކާންދޭށެވެ. ރަނގަޅު ބޭސްފަރުވާއަށާއި އެދެވޭ ފެންވަރު ރަނގަޅު ތަޢުލީމަށެވެ. ނަމަވެސް އެކުދީން ބޮޑެތިވެ އަތްފައި ފޯރާވަރުވުމުން މައިންބަފައިންނާ މެދަކު އެކުލުނެއް ނުހުރެއެވެ. މައިންބަފައިން އެކުދީންގެ އަޅައިލުމަށާއި ޙާލުބެލުމަށާއި ހޭހަންކުރުމަށް މުހުތާދުވާ ދުވަހު ތިމަންމެންނަށް ލިބުނު ޚިދުމަތަށް ހެޔޮބަދަލުދީ ޝުކުރުވެރިވުމުގެ ޖަޒުބާތެއް ނުހުރެއެވެ. އެކުދީންގެ ކިބައިގައި ހުންނަނީ އަމިއްލަ އެދުމެވެ. އިޙްސާންތެރިކަމަށް އިޙްސާންތެރިކަމުން ބަދަލުދިނުމުގެ ރޫޙެއް ނޫނެވެ.

5. ކުދީންގެ މާލީޙާލަތާއި ފުދުންތެރިކަމަކީވެސް ޢާންމުގޮތެއްގައި މައިންބަފައިންނަށް ޚިދުމަތްކުރުމަށާއި އަޅައިލައި ހޭހަންކުރާން ހުރަސްއެޅޭ ކަމެކެވެ. ކުދީންގެ އާމްދަނީގެ ވަސީލަތްތައް ތަނަވަހެއް ނޫނެވެ. ޒަމާނުގެ ބޭނުންތަކާއި ހޭދަކުރާންޖެހޭ ދާއިރާތައްވެސް ތަފާތުވެއްޖެއެވެ. އެކުދީންގެ އާމްދަނީން އެކުދީން އިސްކަންދެނީ އެކުދީންގެ އަނބިދަރީންގެ ނަފަގާތަށް ކުރާހޭދަޔަށެވެ. އެހެންކަމުން މައިންބަފައިންގެ މުހުތާދުތައް ފުއްދައިދޭންޖެހޭ ގޮތަކަށެއް ފުއްދައެއް ނުދެވެއެވެ.

އިސްވެދިޔަތާނގައި ޙަވާލާދީފައިވާ ސާވޭގެ ތެރެއިން ކެރެލާގައި ކުރެވުނު ސާވޭގައި އިތުރު ސުވާލެއް ހިމަނައިފައިވެއެވެ. "ތިބާގެ އަމިއްލަފުޅު ގެދޮރުހުއްޓައި "އޯލްޑް އޭޖު ހޯމަށް" ވަޑައިގެންނެވީ ކީއްވެގެންތޯއެވެ؟" މި ސުވާލަށް ފަސްދޮޅަސްހަތެއް އިންސައްތަ މީހުންދޭ ޖަވާބަކީ "ގެ އެބަހުއްޓެވެ. އެކަމަކު ގޭގައި އަހަރެމެންގެ ޚަބަރު ބަލައިލައިއުޅޭ އެކަކުވެސް ނުހުރެއެވެ." މިޖަވާބެވެ.

އެއްވެސް އިދާރާއަކީ އަމިއްލަ ޚާންދާނުގެ ބަދަލެއް ނޫނެވެ.

ޝައްކެއްނެތެވެ. "އޯލްޑް އޭޖު ހޯމްސް" ޤާއިމުކުރާންޖެހުނީ ދޮށީޢުމުރުގެ މީހުންނަށް އަމިއްލަ ގޯތިގެދޮރުން ގާތްތިމާގެ މީހުންގެ ފަރާތުން އަޅައިލުމާއި ހިތްހަމަޖެހުން ނުލިބޭތީއެވެ. ނަމަވެސް އޯލްޑް އޭޖު ހޯމްސްއަކީ މައްސަލައިގެ ޙަޤީޤީ އަދި ވަށައިޖެހޭ ޙައްލެއްނޫނެވެ. ތެދުފުޅެކެވެ. އޯލްޑް އޭޖު ހޯމްސް އިން ދުވަސްވީ މީހުން ހިތްއެދޭ ހުރިހައި ޚިދުމަތެއް ލިބޭންހުންނަ ކަމުގައި ލިޔެވިދާނެއެވެ. ވާހަކަ ދެއްކިދާނެއެވެ. އެކަމަކު އެގޭގޭގައި ތިބޭމީހުން ތާއަބަދު ފެންބޮވައިގެންފައިތިބެނީ އަމިއްލަ ލޭގެ ކުލުނަށެވެ. އަޅައިލުމަށެވެ. ގާތްކަން ބޭއްވުމަށެވެ. އަމިއްލަ ގަހުގެ ޅަނދޮޅު ކުރިތަކުގައި މާފޮޅޭތަން ދެކޭށެވެ. ދުވަސްވީ މީހުންގެ މި ފިޠުރީ ބޭނުން ފުދޭނީ އެބައިމީހުންގެ އަމިއްލަމީހުންގެ ތެރޭގައި ތިބެވިގެންނެވެ. ގާތްތިމާގެމީހުން އެބައިމީހުންގެ އަޑުއަހައިގެންނެވެ. އެބައިމީހުންނަށް ގާތްތިމާގެ މީހުންގެ އަޑުއިވިގެންނެވެ. ކާފަމާފަދަރީންނާއި މުނިދަރީންނާއެކު ހުނުމުގައި ބައިވެރިވެވިގެންނެވެ. އެކުދީން ސަކަޖަހާ އަޑު އިވިގެންނެވެ. އަމިއްލަ ޢާއިލާއިން ކުލުނުވެރިކަމާއެކު ހޭހަންކޮށްގެންނެވެ. މިސަބަބާހުރެ ސަމާޖީ ގުޅުންތަކުގެ މާހިރުން ވަނީ އޯލްޑް އޭޖު ހޯމްސްގެ ތަޞައްވުރު ފާޑުވިދާޅުވުމުގެ އަމާޒުފަތްގަނޑަކަށް ހައްދަވައިފައެވެ. އެގޭގޭގެ ނައްސި ބިތްތައް ވަނީ ފާހަގަކުރައްވައިފައެވެ.

ވިހިވަނަ ސައްތައިގެ ކުރީ ދަހަރުގައި އެމެރިކާގެ ސޯޝަލް މުޙައްލިލަކު ކަމުގައިވާ Abraham Epstein އޯލްޑް އޭޖްސް ހޯމްސްއާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.

"މި އިދާރާތަކުން ސާފުކޮށް އެނގެނީ ޢުމުރުން ދުވަސްވީ މީހުންނަކީ މިހާރުގެ މަސައްކަތްތެރިކަމުގެ ދުނިޔޭގައި ކާމިޔާބު ދިރިއުޅުމެއް އުޅުމުގެ ޤާބިލުކަމެއްނެތް ބަޔެއްކަމެވެ. މި ޚިދުމަތުގެ އިދާރާތަކަކީ ޙަރަކާތްތެރި ހީވާގި ޙަޔާތެއް ވޭތިކޮށްގެން އާމްދަނީ ހޯދި މީހުންނަށް ނިހާޔަތަށް އިހާނެތިކުރެވުމާއި ނިކަމެތިކުރެވުމުގެ ބިރުވެރި ޢަލާމަތެކެވެ."

Abraham Epstein, The Challenge of the aged, Alfred A. Knopf,
New York, 1929, p. 128

ޢުމުރުން ދުވަސްވީ މީހުންނަށްޓަކައި ޤާއިމުކުރެވެމުންމިދާ އިދާރާތަކުގެ މަލަމަތި ކިތަންމެހައިވެސް ރީއްޗެވެ. ޗާލެވެ. ހިތްގައިމެވެ. ނަމަވެސް އޭގެފަހަތުގައިވަނީ އިހާނެތިކޮށް ހިތުމާއި ބޮލުން ނައްޓައިލުމާއި އަޅައިނުލައި ދޫކޮށްލުމުގެ ކިހައިބިރުވެރި ތަޞައްވުރެއްކަން ޢިލްމުވެރީންނާއި މުޙައްޤިޤުންވަނީ ދުނިޔެއަށް ހާމަކޮށް ދެއްވައިފައެވެ. ޖަނާބު ޕީ.ކޭ. މިޝްރާ (P.K. Misra) އޭނާގެ މަޒުމޫނެއްގައި މިމޭރުމުން ލިޔުއްވައިފައިވެއެވެ.

"މި މައްސަލަ ޙައްލުކުރާން ހުޅަނގުން ހޯދައިދީފައިވަނީ އޯލްޑް އޭޖު ހޯމްސް އާއި ޕެންޝަނާއި، ސޯޝަލް ސިކިއުރިޓީއާއި ހެލްތް ކެއަރގެ ފަސޭހަތަކެވެ. ޝައްކެއްނެތެވެ. މިއީވެސް މުހިންމު ފިޔަވަޅުތަކެކެވެ. ބޭނުންތެރި ކަންކަމެވެ. ނަމަވެސް މިހުރިހައި ފިޔަވަޅުތަކުގެވެސް ފަހަތުގައިވާ ތަޞައްވުރަކީ މުސްކުޅީންނަށް އެވަނީ ދުނިޔޭގައި ދިރިއުޅެވިފައެވެ. މިހާރު އެބައިމީހުންނަށް ހަމައެކަނި ބޭނުންވަނީ ހުސްއެކަނި ބައެއްކަހަލަ މާއްދީ ފަސޭހަތަކެވެ. ޖިސްމާނީ އަރާމެވެ. އެ ވިސްނުމާ އެއްގޮތަށް އެބައިމީހުންވަނީ ސަޓައިން ބޭރުކޮށް ހަވާސްއަށް ލެވިފައެވެ. ޙަރަކާތްތެރިވެ ޢަމަލީ ދިރިއުޅުމެއް އުޅުމާ އެކަހެރިކުރެވިފައެވެ. އެބައިމީހުންނަކީ ބޭކާރު ބައެއްކަމުގައި ބަލައި އެބައިމީހުންނަށް ޖާގަދީފައި އެވަނީ ބޭކާރު އެއްޗެހީގެ (Waste) ކެޓަގަރީންނެވެ."

މުސްކުޅީންނަށް އެހީތެރިވެ އަޅައިލައި ބެލެހެއްޓުމުގެ މަޠުލަބަކީ އިހުކާބަފައިންގޮތަށާއި އިންސާނީ ޚިދުމަތަށް އިސްކަންދީ އެކަން ކުރިއެރުވުމެވެ. ޝައްކެއްނެތެވެ. އެއީ ޤައުމަށް ހަކަތަލިބި ބުންވަރު ގަދަވާނެކަމެކެވެ. މުސްކުޅީންގެ ޙާލު ރަނގަޅަށް ބަލައި އެބައިމީހުންނަށް ހޭހަންކުރެވޭނީ ޢާއިލާގެ ތެރޭގައެވެ. އެބައިމީހުންގެ ފިރިހެންދަރީންނާއި އަންހެންދަރީން އެކަމަކީ އެބައިމީހުންގެ ވާޖިބެއްކަމުގައި ބަލައިގެންނެވެ. އެހެން އެއްވެސް އިދާރާއަކަށެއް ޢާއިލާގެ ބަދަލު ކަމުގައެއް ނުވެވޭނެއެވެ."

Development Problems and Traditional Cultures: Reflections on the
Management of the aged in India, P.K. Misra

އިސްލާމީ ވިސްނުމަކުން

އިސްލާމީ ނަޒަރުން ބަލާއިރު ދީނީ ފިކުރިއްޔާތުގައި މި މައްސަލަ ވަނީ ނުހަނު އޮމާންކަމާއެކު ރީތިކޮށް ޙައްލުކޮށްފައެވެ. އިސްލާމްދީންވަނީ ޢުމުރުން ދުވަސްވީ މީހުންނަށް މުޖްތަމަޢުން ޢިއްޒަތާއި ޙުރުމަތާއި ކަމޭހިތްވުމުގެ މަޤާމެއް ހޯދައިދީފައެވެ. ޢުމުރުން ދުވަސްވީ މީހުން (މަލިކުގައި ބޭނުންކުރާ ބަހަކީ ޢުމުރުބޮޑު މީހުން – މުސްކުޅިންނޭ ކިޔުމަށްވުރެ މުނާސަބުތޯ) ގެ ޙައްޤުތައް ފުރިހަމަޔަށް ބަޔާންކޮށްފައެވެ. އެބައިމީހުންގެ ވާވެރީންގެ މައްޗަށް އެ ޙައްޤުތައް އަދާކުރުން ލާޒިމުކޮށްފައެވެ. އިސްލާމްދީން ކަނޑައަޅައި ބަޔާންކޮށްފައިވާ ޙައްޤުތަކަށާއި އުނގަންނައިދީފައިވާ އުނގަންނައިދިނުންތަކަށް ފުރިހަމަޔަށް ޢަމަލުކުރެވެމުން ދިޔުމުގެ ސަބަބުން އިސްލާމީ ތާރީޚުގެ އެއްވެސް ދައުރެއްގައި މުސްލިމުންގެ މަނަސް ހިނގި އެއްވެސްތަނެއްގައި މުސްކުޅީންގެ ގޭގެ (އޯލްޑް އޭޖު ހޯމްސް) އަޅާންޖެހިފައެއް ނުވެއެވެ.

ތިރީގައިވާ ފޮޅުވަތްތަކުގައި އަލިއަޅުވަމުންގެންދާނީ ކީރިތި ޤުރްއާނާއި މޫރިތި ހަދީސުފުޅުތަކުގެ އަލީގައި އިސްލާމްދީނުގައި މި މައްސަލައިގައި އަޅައިފައިވާ ހަރުދަނާ ބައެއް ފިޔަވަޅުތަކާއި އިސްލާމީ ބައެއް އުނގަންނައިދިނުންތަކުގެ މައްޗަށެވެ.

މުސްކުޅިކަމަކީ އިންސާނީ ޙަޔާތުގެ ފިޠުރީ މަރްޙަލާއެކެވެ.

އިންސާނާ އުފެއްދެވުމުގެ އެކިއެކި މަރްޙަލާތައް ކީރިތި ޤުރްއާނުގެ އެކިއެކި އާޔަތްތަކުގައި އެކި މުނާސަބާތަކުގައި ވަނީ ބަޔާންކޮށްދެއްވައިފައެވެ. އޭގެ ޒަރީޢާއިން ވަނީ އަރަހުށި މާތް اللّــــه ގެ އުފެއްދެވުމުގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ޢިލްމުފުޅުގެ ތަނަވަސްކަމާއި ކަށަކުޅަދުންވަންތަކަމުގެ މައްޗަށް ދަލީލުތައް ދައްކަވައިފައެވެ. މި މޭރުމުން ވަޙީކުރައްވައިފައިވާ އެއް އާޔަތެއްގެ މާނައިގައިވެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.