އިނގިރޭސި ޕްރިމިއާލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން ވެސްޓްހޭމް ޔުނައިޓެޑް އަތުން 1-4 މޮޅުވެ ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.
ރޭގެ މެޗުން ހޯދީ ތިން ޕޮއިންޓާއިއެކު ލިވަޕޫލް ދެވަނަ އަށް އެރީ 28 މެޗުން 57 ޕޮއިންޓާ އެކު އެވެ. މިރޭ ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެނަމަ އެޓީމަށް އަލުން ދެވަނަ ލިބޭނެއެވެ. ޔުނައިޓެޑް މި ވަގުތު ލީގުގެ ތިން ވަނައިގައި 27 މެޗުން 56 ޕޮއިންޓާއިއެކު އޮތް އިރު ޗެލްސީ ހަތަރު ވަނައިގައި އޮތީ 27 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން އެވެ.
ލިވަޕޫލްގެ ދެވަނަލަނޑު ދެވަނަހާފުގެ ކުރީކޮޅު މުހައްމަދު ސަލާހު ޖަހައިދިންއިރު 57 ވަނަ މިނެޓުގައި ރޮބާޓޯ ފިރުމީނޯ ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ދެމިނެޓެފަހުން މިޚައިލް އެންޓޯނިއޯ ވަނީ ވެސްޓްހޭމް އަށް ލަނޑެއް ޖަހައިދީފައެވެ. ލިވަޕޫލްގެ ފަހު ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ސަޑިއޯ މާނޭ އެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ސަލާހު ޖެހި ލަނޑާއިއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގު ތާރީޚުގައި އެއްސީޒަނެއްގައި ވާތުފައިން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލަފައެވެ. އެއީ 20 ލަނޑު ހަމަކޮށްގެންނެވެ. ކުރިން މި ރެކޯޑް އޮންނަނީ 1994/1995 ވަނަ އަހަރުގެ ސީޒަނުގައި 19 ލަނޑުޖަހައިގެން ލިވަޕޫލްގެ ކުރީގެ ތަރި ރޮބީ ފައުލާ އަތުގައެވެ.
އިނގިރޭސި ޕްރިމިއާލީގުގައި އިއްޔެ އާއި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ލެސްޓަރ ސިޓީ އާއި ސްޓޯކް ސިޓީ ބައްދަލުކުރިމެޗު 1-1 އިން އެއްވަރުވިއިރު ބާންލީ އާއި ސައުތުހެމްޕްޓަން ބައްދަލުކުރިމެޗު ނިމުނީވެސް ހަމަ މިނަތީޖާއިންނެވެ. ވެސްޓްބްރޮމްވިޗް އަލްބިއަން އަތުން ހަޑަސްފީލްޑް ޓައުން 1-2 މޮޅުވިއިރު ބޯންމައުތު އާއި ނިއުކާސަލް ބައްދަލުކުރިމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭގެ ފަހު މެޗުގައި އެވަޓަން އަތުން ވަޓްފޯޑް 0-1 އިން މޮޅުވެފައިވެއެވެ.