ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓޭބަލް ޓެނިސް، އަންހެން ސިންގަލްސް ޕްރިލިމިނަރީ ބުރުގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއަށް ހިތްވަރު ދެއްވުމުގެ ގޮތުން އެ މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.
ޕެރިސް 2024 އޮލިމްޕިކްސްގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފްރާންސަށް ކުރައްވާ މި ދަތުރުފުޅަކީ ފްރާންސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ފާޠިމަތު ދީމާ ޢަލީ ވަނީ ސައުތު އޭޝިއާ ސަރަހައްދުގެ ޓޭބަލް ޓެނިސް ފައިނަލް ކާމިޔާބުކޮށް އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ލަގަބު ހޯދާފައެވެ. ދީމާ ޢަލީ ކުޅޭ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ޕޮލެންޑްގެ ވެގްރޒިން ކަޓަޒީނާއާ އެވެ.
އެހެންނަމަވެސް މި މެޗުން ދީމާ ވަނީ ބަލިވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 11-05, 11-05, 11-02 އަދި 11-08 އިންނެވެ.