ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ސޯލާ-ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމް ހަރުކޮށްފިއެވެ.
ތ. އަތޮޅަކީ މި ޕްރޮޖެކަޓްގެ 4 ވަނަ ފޭސްއެވެ. ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމްކުރުން ފާހަގަ ކުރަން ތ. ކިނބިދޫގައި މިއަދު ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފައެވެ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރސިސްޓަމްތައް . އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއެވެ.
އިޔާދަކުރުވަނިވި ހަކަތައިގެ 'ޕޮއިސްޑް' ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ޖުމުލަ 2.5 މވ ގެ ސޯލާ ހަރުކޮށް 2.758 މވއގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ވަނީ ހަރުކޮށްފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 5 ރަށް ޑިޒައިންކޮށްފައިވަނީ އޮފް ގްރިޑް އޮޕަރޭޝަން ގައި ޑީސަލް ޖަނަރޭޓަރުތަށް 6 ނުވަތަ 8 ގަޑި އިރަށް ދުވާލު ގަޑީގައި ނިންވާލެވޭ ގޮތަށެވެ. މި ޕްރޮޖެކްޓް ނިމުމުން އަހަރަކު 1.1 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރު 3000 ޓަނު މަދުކުރެވޭނެއެވެ.
'ޕޮއިސްޑް' ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުގައިވެސް ސޯލާ ހަރުކުރަން ނިންމާފައިވާއިރު މި އަހަރު ސެޕްޓެމްބަރ ގައި ސޯލާ ހަރުކުރަން ވަނީ ނިންމާފައެވެ. މިގޮތުން ބ. އަތޮޅުގައި 2.74 މވގެ ސޯލާ ޕީވީ ހަރުކުރާއިރު ރ. އަތޮޅުގައި 3.599 މވގެ ސޯލާ ހަރުކުރަން ވަނީ ނިންމާފައެވެ.
"ޕޮއިސްޑް" ޕްރޮޖެކްޓް އަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް ގެ އެހީގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.