ވިހަ ތީރު (4)

( 11 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( " އެހެންވިއްޔާ ، އަހަރެންގެ ލޯބިވާ މަންމަވެސް ބޭނުންވަނީ ، އެ ފިރިހެން މީހާއާ އަހަރެން  ރައްޓެހިވާން ތާއެވެ . " ދިލްނަޝީން އޭނާގެ މަންމައާ ސަމާސާ ކޮށްލިއެވެ. އަދި އަޑުގެ ނެތްތަނަށް ހީގަތެވެ. )

 

ދިލްނަޝީނަށް މިއަދު އެކުރެވުނު ކަމަކާމެދު ، ޚުދު އޭނާވެސް ވިސްނައިލިއެވެ. އެ ފިރިހެނާ ގައިގާ ލައިގަތްތަނުން އޭނާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެވުނު ކަން އިޙްސާސް ވިއެވެ. އޭނާގެ ލޮލަށް ބަލަހައްޓައިގެން އެތައް އިރަކު ހުރެވުނެވެ. އެ ލޮލުގައިވާ ޖަޒުބާތުތައް ، ލޯބިވެރިއެއްފަދައިން އިޙްސާސް ކުރެވުނެވެ. އަދި ކޮޓަރިތެރޭ ބަންދުވެފައި ދެމީހުން ތިބިއިރު ، ދިލްނަޝީނާ ދިމާއަށް އެ ފިރިހެނާ ބަލަހައްޓައިގެން ހިނިތުންވެފައި ހުރި މަންޒަރު ހިތަށް ސިފަކޮށްލެވުނެވެ. އެއީ ހިތްސާފު ، މާތް އިންސާނެކެވެ. ފުރުޞަތުގެ އެއްވެސް ނާޖާއިޒް ފައިދާއެއް ނަގަން އޭނާގެ ވިސްނުމުގައި ނެތްކަން ، ދިލްނަޝީނަށް ކަށަވަރު ވިއެވެ. އޭގެ ބަދަލުގައި އޯގާތެރިކަމާއެކީ ، އޭނާ ބޭނުންވީ ދިލްނަޝީންގެ ކަންބޮޑުވުން ކުއިކޮށްދިނުމަށެވެ. ޚުދު އޭނާވެސް ، ދިލްނަޝީނާއެކީ އެކޮޓަރިތެރޭ ހުންނާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ އަބުރާއި ޢިއްޒަތާމެދު ވިސްނި ފަދައިން ، ދިލްނަޝީންގެ ކަންބޮޑުވުމާއި އަބުރާ އަދި ޢިއްޒަތަށް އެ ފިރިހެނާ އިޙްތިރާމް ކުރިއެވެ. ޚިޔާލީ ދުނިޔެއަށް ގެއްލިފައިހުރެ ، ދިލްނަޝީން އޭނާގެ ސޫރަޔަށް ލޯގަނޑުން ބަލައިލާ ، ހިތްހަމަ ޖެހުމުގެ ލަދުރަކި ނޭވާޔަކާއެކީ ހިނިތުން ވެލިއެވެ.

 

ހެނދުނު އޮފީހަށް ދިއުމުގެ ކުރިން މަންމައާ އެއްމޭޒެއްމަތީ ، ހެނދުނުގެ ނާސްތާ ކުރުމަކީ ، ހައިދަރުގެ އާދައެކެވެ. ކުލްސޫމް އިނީ ނޫސް ކިޔާށެވެ. ހައިދަރު އޭނާގެ ސައިތަށި ގިރައިލުމަށްފަހު ، މަންމަގެ ސަމާލުކަން ހޯދުމަށްޓަކައި ސަމުސަލުން ދެތިންފަހަރު ، ޖޯޑުގައި ޖަހައިލިއެވެ. މަންމަޔަކަށް ޚަބަރެއް ނުވިއެވެ. ކަރުކަހައިލިއެވެ. ޚަބަރެއް ނުވިއެވެ.  ކަހާތަން ހިރުވައިވެސް ނުލިއެވެ. އެންމެފަހުން ، ހައިދަރު އޭނާގެ މަންޔަށް ގޮވައިލިއެވެ.

ޢާންމުގޮތެއްގައި އަންހެންކުދިން އެތަނެއްގައި އެއްވެ އުޅޭ ކައިވެނީގެ އެކި ރަސްމިއްޔާތުތަކުން ނިމިގެން ގެޔަށް އައިސް ، ހައިދަރާ ސުއާލުކުރުމަކީ ، ކުލްސޫމުގެ އާދައެކެވެ. ގަޔާވާ ކަހަލަ ކުއްޖަކު ފެނުނުތޯ އަހައި ، އެތައް ސުއާލެއް ކުރާނެއެވެ. އެންމެފަހުން އެއޮތް ރަސްމިއްޔާތުން އައިސް ، އޭނާގެ މަންމަ އެއްވެސް ސުއާލެއް ނުކުރީތީ ހައިދަރުހުރީ ޙައިރާން ވެފައެވެ. އެއީ އެހެންނޫނީ ، ނުވާ ކަމެކެވެ. ރޭގެ ރަސްމިއްޔާތާ ގުޅިގެން އެކަހަލަ އެއްވެސް ކަމެއް ނެތެވެ.

ކުލްސޫމް އޭނާގެ ދަރިފުޅާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ، އޭނާގާތު މުހިންމު ވާހަކައެއް ބުނަން އެބައޮތޭ ބުނޭތޯ ، އިންތިޒާރު ކުރަމުންގެންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އޭނާގެ ދަރިފުޅަށް އަންހެންކުއްޖަކު ކަމުދިޔަ ވާހަކަ ބުނެ ، އެކުއްޖަކާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނެލާ އަޑުއަހާލަން ބޭނުންވެފައި އިންނަތާ ޒަމާންތަކެއް ވެއްޖެއެވެ. އޭނާގެ ދަރިފުޅާއެކު ، އެކުއްޖާގެ ގެޔަށްގޮސް ކައިވެނީގެ ވާހަކަ ދައްކަން ބޭނުންވާ ވާހަކަ އެއީ ، ކުލްސޫމުގެ ކަންފަތަށް އިވެން ، ބޭނުންވެފައި އޮތް އެންމެ މުހިންމު ވާހަކައެވެ.

ކުލްސޫމް އިތުރު ވާހަކައެއް ނުދައްކައެވެ. އަނެއްކާވެސް ނޫސްކިޔަން ފެއްޓިއެވެ. އޭނާ އެބުނީ އޭނާގެ ދަރިފުޅުގެ އަނގައިން ނުކުމެދާނެ ވާހަކަތަކެއްކަމަކަށް ، ކުލްސޫމަކަށް މިހާރު ޤަބޫލެއް ނުކުރެވެއެވެ. އެކަމަށް އޭނާ މިހާރު އެހުރީ އާދަވެފައެވެ.

" މަންމާއެވެ ! މަންމަގެ ހުވަފެން ޙަޤީޤަތަކަށް ވެއްޖެއެވެ. މަންމަޔާ ވަރަށް މުހިންމު ވާހަކައެއް ދައްކަން އަހަރެން ބޭނުން ވެއްޖެއެވެ. އަހަރެންނަށް ކުއްޖަކު ކަމުހިނގައްޖެއެވެ. " ލަސްލަހުން ، ހައިދަރު ވާހަކަ ދެއްކިއެވެ.

ކުލްސޫމަށް ލިބުނު ޙައިރާންކަމުގައި ދެލޯބޮޑުވިއެވެ. އެއިނދެވެނީ ހުވަފެނެއްގައިތޯ ބަލައިލަން އަތުގައި އަމިއްލަޔަށް ވިކައިގަތެވެ.

ހައިދަރު ، ކައިވެނިކުރާނީ ހަމައެކަނި އެކުއްޖާއާއެވެ. އެކުއްޖާގެ ގެޔަށްގޮސް ، އޭނާގެ މައިންބަފައިން ، އެކުއްޖާއާ އޭނާ ކައިވެނިކުރަން ރުހޭތޯ ބަލައިދިނުމަށް ، ހައިދަރު އެދުނެވެ.

ކުލްސޫމަށް ހީވީ ، ހައިދަރު އޭނާއާ ސަމާސާ ކުރަނީ ކަމަށެވެ. އޭނާގެ ދަރިފުޅު އެބުނި ވާހަކައެއް ކުލްސޫމަކަށް ޤަބޫލެއް ނުކުރެވުނެވެ. ހައިދަރަށްވެސް އެކަން އިޙްސާސް ވިއެވެ. އޭނާ އެދެއްކި އެއްވެސް ވާހަކައެއް މަންމަޔަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. އޭނާ އެވާހަކަ ދެއްކީ ހިތުގެ އަޑިންކަން ޔަޤީންކޮށްދިނުމަށްޓަކައި ، އިންތަނުން ތެދުވެގެންގޮސް ، މަންމަގެ ބޮލުގައި ބޮސްދިނެވެ. އަދި ގުދުވެލައި މަންމައާ ހަތަރުކަޅި ހަމަކޮށްލައި ، އޭނާ އެބުނީ ތެދެއްކަން ލޮލުން ހާމަކޮށްލިއެވެ. އެއީ ހަމަ ހިތުގެ އަޑިން އެދޭ އެދުމެކެވެ. އެކަން ކޮށްދިނުމަށް މަންމަގެ ކިބައިން ހައިދަރު އެދެއެވެ.

 

ދިލްނަޝީން ، ރިދާގެ ގެޔަށްގޮސް އުޅުނު ދުވަހެކެވެ. ކޮންމެވެސް ގޮތަކުން ފުރުޞަތު ހޯދައިގެން ، ހަމްޒާއާއެކީ ރެސްޓޯރެންޓަކަށް ޖައްސައިލިއެވެ.

" އަހަރެމެންގެ ކައިވެނީގެ ހެދުމުގެ ކުލަޔަކީ ، މިއޮތީއެވެ. " ދިލްނަޝީން އަށް ފޯނުން ، ހަމްޒާ ފޮޓޯއެއް ދައްކައިލިއެވެ.

ހަމްޒާ އެބުނި ވާހަކަޔަކުން ދިލްނަޝީން ސިހިގެން ދިޔައެވެ. ލަދުރަކި ކަމާއެކު އެފޮޓޯއަށް ދިލްނަޝީން ބަލައިލިއެވެ. ދިލްނަޝީން އެއަކަށް ވަކި އެއްޗެއް ނުބުނެ  އޭނާގެ އަމިއްލަ ފޯނާ ކުޅެން ފެށްޓިއެވެ. އެހެންނަމަވެސް ، އެ ކުލަތަކަކީ ދިލްނަޝީނަށް ކަމުދިޔަ ކުލަތަކެއްކަން ، އޭނާގެ މޫނުމަތިން ހަމްޒާއަށް އެނގެއެވެ. ދިލްނަޝީނަކީ ހަމްޒާއާ މާގިނަ ވާހަކަ ދައްކާމީހެއްނޫނެވެ. ކުރާ ސުއާލަކަށް ޖަވާބެއްވެސް ނުދޭނެއެވެ. ދިލްނަޝީންގެ ޖަވާބު ، ހަމްޒާއަށް އަބަދުވެސް ހޯދަންޖެހެނީ ،  ދިލްނަޝީންގެ މޫނުމަތިންނެވެ. ދިލްނަޝީންގެ ލޮލުގެ އެތެރެޔަށް ފީނައިގަނެގެންނެވެ. އެއީ ހަމްޒާއަށް އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަށް އޭނާހުރީ އާދަވެފައެވެ.  ދިލްނަޝީނުދެކެ ހަމްޒާ ލޯބިވާ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. ދިލްނަޝީންގެ މަޢުޞޫމިއްޔަތު ކަމެވެ.

އެކަމަކު ، އެމީހުން ހަނީމޫނަށް ދާނީ ކޮންތާކަށްތޯ ހަމްޒާކުރި ސުއާލަށް ދިލްނަޝީން ޖަވާބު ދިނެވެ. އެހާކުރިން އެކަމާ ވިސްނުމުގެ ބޭނުމަކީ ކޮބައިތޯ ދިލްނަޝީން ސުއާލުކުރިއެވެ. އޭނާއާއި ދިލްނަޝީންގެ ކައިވެނީގެ ، އެތައްކަމަކާމެދު ވިސްނައި ޚިޔާލުކޮށް ، ހަމްޒާވަނީ ވަރަށްގިނަ ކަންކަން ރާވާފައެވެ. އެހުރިހާކަމެއް އަދި ، ދިލްނަޝީން  ގާތަކު ނުބުނެއެވެ.

ދިލްނަޝީން ހަމްޒާއަށް ގޮވައިލިއެވެ. އެދެމީހުންނަށް ، ކައިވެނިވުމުގެ ފުރުޞަތު ނުލިބިއްޖިއްޔާ ވާނީ ކިހިނެއްތޯ ސުއާލު ކުރިއެވެ. ދިލްނަޝީންގެ އެ ސުއާލުން ، ހަމްޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެފަދަ ދުވަހެއް އަތުވެއްޖިއްޔާ އޭނާ ދުނިޔެއަކު ނުހުންނާނެއެވެ. ހަމްޒާގެ އެ ޖަވާބުން ، ދިލްނަޝީންގެ ހިތަށް ބިރުވެރިކަން ލިބިގެންދިޔައެވެ. އެދެމީހުންގެ ކައިވެނި ކުރެވިދާނެކަމެއް އަދި ނުކުރެވޭނެކަމެއް ދިލްނަޝީނަކަށް ނޭނގެއެވެ. ހުރިހާ ގޮތަކުންވެސް އެދެމީހުންނަކީ އުޑާއި ބިމާހާ ތަފާތު ދެމީހުންނެވެ. ދިލްނަޝީންގެ އަމިއްލަ ޙާލާއި ފެންވަރަށް ވިސްނައި ، ފިކުރުކޮށްލުމުން ، ހިތަށް އުނދަގޫވެގެންގޮސް ހާސްވާވަރަށް ދިލްނަޝީން ކަންބޮޑު ވެއެވެ. ހަމްޒާދެކެ ކިތަންމެ ލޯބިވިޔަސް ، ދިލްނަޝީންގެ ހިތުގައި އެ ބިރުވެރިކަން އަބަދުވެސް އޮވެއެވެ. އެއީ ހަމްޒާދެކެ ލޯބިވުމުގެ ކުރިން ، ދިލްނަޝީން ވިސްނަންޖެހޭނެ ކަމެކެވެ. އެކަމަކު ، އެކަމަށް އޮތް ވަޤުތު މިހާރު އެވަނީ ފާއިތުވެފައެވެ.

 

އޭނާ އެންމެ ފަހުން އެދިޔަ ޕާޓީން ފެނިގެން އޭނާގެ ލޮލުގައި އަޅައިގަތް ކުއްޖާގެ ނަމެއް ، ހައިދަރަކަށް އަދިވެސް ނޭނގެއެވެ. އެހެނަސް ، އެކުއްޖާގެ ގެޔަށްގޮސް ، އޭނާގެ ކައިވެނި ހުށަހެޅުމަށް ، މަންމަގެ ކިބައިން އެއޮތީ އެދިފައެވެ. ވިޔަފާރީގެ މުޢާމަލާތަކަށް އިސްލާމްއާބާދަށް ދިއުމަށްޓަކައި ހައިދަރު އެހުރީ ތައްޔާރުގައެވެ. ފްލައިޓްގެ ގަޑިވެސް ޖެހެނީއެވެ. ކައިވެނިކުރަން ބޭނުންވާ ކުއްޖާގެ ގެޔަށްގޮސް ހުރިހާކަމެއްކުރަން އެޖެއްސީ މަންމައާއެވެ. ހައިދަރަކަށް ، މަންމަޔާއެކީ އެގެޔަށް ދެވޭކަށް ނެތެވެ. އޭނާގެ ދަރިފުޅަކީ ކޮންކަހަލަ މީހެއް ބާވައޭ ކުލްސޫމުގެ ހިތަށް އެރިއެވެ. ހައިދަރަކީ ، ކާމިޔާބު ވިޔަފާރި ވެރިޔެކެވެ. އެހެނަސް ، ދިރިއުޅުމަކާމެދު އޭނާގެ ވިސްނުން ހުރިގޮތުން ، ކައިވެންޏެއްކޮށްގެން ޙަޔާތުގައި ދިމާވާ ގޮންޖެހުންތައް ހައިދަރަށް ޙައްލު ކުރެވޭނީ ކިހާވަރަކަށް ބާވައޭ ކުލްސޫމުގެ ހިތަށް އަރައެވެ. އެހުރިހާ ވަހުމަކާއެކުވެސް ، ހައިދަރު މީހަކާ ދެވުމަކީ ، ކުލްސޫމުގެ ޙަޔާތުގައި ،  މިހާރު އެންމެ ބޭނުންވާ މުހުތާދެވެ.

ހައިދަރަށް އެފެނުނު ކުއްޖާ ، އޭނާގެ މަންމަޔަށް ސިފަކޮށްދިނީ މަންޒަރުންނެވެ. އެ ދުވަހުގެ އެޕާޓީގައި އެކުއްޖާގެ ޙަރަކާތްތައް ހުރިގޮތާއި ދިމާވި ކަންކަމުންނެވެ. އެ ހުރިހާ ކަމަކީވެސް ، ކުލްސޫމަށްވެސް ފާހަގަ ކުރެވުނު ކަންކަމެވެ. އެހެންކަމުން ، އެއީ ކޮންކުއްޖެއްކަން ވަރަށް ފަސޭހައިން ކުލްސޫމް ދެނެގަތެވެ. އެއީ ބަލައި ފޫހިނުވާވަރަށް ، ރީތި ކުއްޖެކެވެ. ޕާޓީއަށްދިޔަ އަންހެންވެރިންވެސް އެކުއްޖާގެ ރީތިކަމަށް ތަޢުރީފް ކުރިއަޑު ، ކުލްސޫމަށް އޮތީ އިވިފައެވެ. އެ ކުއްޖާގެ ނަން ނޭނގުނަސް ، އެއީ ޢާފިޔާގެ ކުއްޖެއްކަން ، ޢާޞިމްގެ ފަރާތުން ކުލްސޫމަށް އޮތީ އެނގިފައެވެ. ޢާޞިމަކީ ، ކުލްސޫމުގެ އަންހެންދަރިފުޅު ، ސާރާގެ ފިރިމީހާއެވެ. އެހެންވީމާ ޢާޞިމަށް އެކުއްޖާ ރަނގަޅަށް އެނގޭނެއެވެ. އެ ކުއްޖާއަކީ ، މުއްސަނދި ކުއްޖެއްތޯ ނުވަތަ ފަޤީރު ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެއްތޯ ބަލާކަށް ކުލްސޫމް ބޭނުމެއް ނޫނެވެ. ހަމައެކަނި ބޭނުންވަނީ ، ހައިދަރާ ކައިވެނިކުރަން ، އެކުއްޖާގެ ޢާއިލާގެ ރުހުމެވެ.

އިސްލާމްއާބާދަށް ދިއުމަށް ތައްޔާރުވެގެން މަންމަ ކުރިމަތީ ހައިދަރު ހުއްޓިހުރިއިރު ، އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަން ، ކުލްސޫމަށް ފާހަގަ ކުރެވިގެން ، ހައިދަރުގެ ޚިޔާލު ބަދަލުވީކަމަށް ހީކޮށް ، އެކަމާ ސުއާލު ކުރިއެވެ.

އެކައިވެންޏާމެދު ، ހައިދަރުގެ ޚިޔާލު ބަދަލެއް ނުކުރެއެވެ. ކައިވެންޏެއްކުރާއިރު ، އަނެއް ބައިވެރިޔާއާމެދު ، ކޮންމެ މީހަކުވެސް ވިސްނާނެއެވެ. ހައިދަރުގެ ކަންބޮޑުވުމަކީ ، ހައިދަރަށްވުރެ ، އެކުއްޖާ ، މާބޮޑަށް ޢުމުރުން ޅަވުމެވެ. ކުލްސޫމް އެކަމަކަށް އެއްބަހެއް ނުވެއެވެ. އެ ކުއްޖާޔަކީ ، ހައިދަރަށްވުރެ އެހާބޮޑުތަން ޢުމުރުން ތަފާތުވާ ވަރަށްވުރެ ހަރު ކުއްޖެކެވެ. އެންމެ މިޒަމާނުގެ ޒުވާނެއް ނޫނެވެ. އެންމެ ގިނަވެގެންވެސް ވާނީ ވިއްސަކަށް އަހަރެވެ. ޢުމުރު ތަފާތުވިޔަސް ، އެކުއްޖާއަށް ހައިދަރު ހިތްކިޔުމުން އެކަނިވެސް ކުލްސޫމަށް ފުދެއެވެ.

އެއީ ހައިދަރަށް ރީތި ކުއްޖެކެވެ. ސާދާވެފައި ސަމާސާ މިޒާޖެކެވެ. އޭނާގެ ކޮއްކޮ ،  ސާރާއާވެސް ރައްޓެހި ކުއްޖެކެވެ. އެ ފަރިފަރި ނަލަ ހިނިތުންވުން އެއީ އެންމެ ފުރަތަމަ ފެނިލިހިނދުވެސް ހައިދަރު އަޅައިގަތް އެއްކަމެވެ. ހައިދަރަށް އެންމެ ހިތްގައިމުވި ކަމަކީ ، އެކުއްޖާގެ މަޢުޞޫމިއްޔަތު ކަމެވެ.

ކުއްޖަކު ފެނިލުމުން ހިތްކިޔައިލުން އެއީ ކައިވެންޏަކަށް ފުދޭނެ މިންވަރެއްނޫނެވެ. އެހާ ގިނަދުވަހު އެކަނިވެރިކަމުގައި ހިތްހުސްކޮށްގެން ހުރި ، ހައިދަރުފަދަ ، ކާމިޔާބު ވިޔަފާރިވެރިޔަކަށް ، ލޯތްބާ ނުލައި ހުސް ހިތަކައިގެން ކައިވެންޏެއް ކުރުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. ހައިދަރު ، ކައިވެންޏަކާ ކުރިމަތި އެލަނީ ، މަންމަގެ ހިތްހަމަޖައްސާލަ ދިނުމަށް އެކަންޏެއްނޫނެވެ. އޭނާއަށްވެސް އަންހެނެއްގެ ލޯބި ބޭނުން ވެއެވެ. ކުރިން ލިބުނު ލޯބި ގެއްލި ދިއުމުން ، އެކަމާ ހިތާމަކޮށްކޮށް ޢުމުރު ހުސްކޮށްލާކަށް ހައިދަރުވެސް ބޭނުމެއް ނޫނެވެ. އެހެނަސް ، އަލުން ލޯތްބެއް ލިބި އެލޯބި ބީވެގެން ހިނގައިދާނެކަމުގެ ބިރު ، ހައިދަރަށް އިޙްސާސް ކުރެވެނީއެވެ. އަދި އޭނާގެ ހިތުގައިވާ މެހެމަލްގެ ލޯބި ، ހިތުން ފިލުވައި ނުލެވިދާނެކަމުގެ ބިރުވެސް އޭނާގެ ހިތުގައި އޮންނަނީއެވެ. އެހާ ދުވަސް ވަންދެން މެހެމަލްގެ ލޯބި އޭނާގެ ހިތުން ފިލުވައި ނުލެވި ، އެހެން އަންހެންކުއްޖަކާމެދު ވިސްނައިލަން އެހިތް ނޭދުނީ ، އަންހެންކުދިންނަށް ކުރެވޭ އިތުބާރު ، ހައިދަރުގެ ހިތުން ފިލައި ގޮސްފައި ވާތީކަމަށް ވެދާނެއެވެ. ފުރަތަމަ ލޯބީގެ ހިތި ތަޖުރިބާއިންނެވެ.

ކުލްސޫމު ބޭނުންވަނީ ، އޭނާގެ ޅީދަރިފުޅު ، ހައިދަރުދެކެ ލޯބިވަމުންގޮސް ، ހުރިހާކަމެއް ހައިދަރުގެ ހިތުން ފިލުވައިލެވޭވަރަށް ލޯބިވުމެވެ. ހައިދަރުގެ ޙަޔާތުގައި ހުސްކޮށްދިޔަ ހުރިހާ ދުވަސްތަކެއްގެ އުފާވެރިކަން ، އެކުއްޖެއްގެ ލޯބިން ހައިދަރަށް ލިބުމެވެ. މަންމަ ކަމަށްވިޔަސް ޚުދު އޭނާގެ މަތިންވެސް ، ހައިދަރަށް ހަނދާން ނައްތައިލެވޭވަރަށް ، އެކުއްޖަކު ހައިދަރު ދެކެ ލޯބިވުމެވެ. ހައިދަރުވެސް ލޯބިންގޮސް މަރުވާވަރަށް އެކުއްޖަކު ދެކެ ލޯބިވުމެވެ. މެހެމަލްގެ ހަނދާނުން ހައިދަރުގެ ހިތަށް ލިބިފައިވާ އަނިޔާގެ ޒަޚަމާއި ތަކުލީފުތަކުން ސަލާމަތްވެ ، ހައިދަރު އުފަލުގައި ހުރުމެވެ. އެއީ އެހާ ފަސޭހަކަމެއްނޫނެވެ. މާއަވަހަށް ވެދާނެކަމެއްވެސް ނޫނެވެ. ކެތްތެރިކަމާއި މަޑުމައިތިރިކަން ، އިސްކުރަންޖެހޭނެއެވެ.

މަންމަ ބޭނުންވަނީ ، އޭނާ އުފަލުގައި ހުރެވޭނެފަދަ ކައިވެންޏަކުން އޭނާގެ ޙަޔާތް ، ބާއްޖަވެރިވެގެންދިއުންކަން ހައިދަރަށްވެސް އެނގެއެވެ. ހައިދަރު އޭނާގެ މަންމަގެ ހިތްހަމަ ޖެހުމާއި އުފަލަށްޓަކައި ، ނުކޮށް ދޫކޮށްލާފައިވާ އެއްވެސްކަމެއް ދުނިޔެއަކު ނެތެވެ. އެހެނަސް މިއަދު ، އެ މަންމަގެ މޫނުމަތިން ފާޅުވަމުންއެދާ އުފާވެރިކަމުގެ ތަޞައްވުރަކީ ދުވަހަކުވެސް މަންމަގެ މޫނުމަތިން ހައިދަރަށް ފެނިފައިވާ އަސަރެއްނޫނެވެ. އޭނާގެ ކައިވެންޏަކީ ، މަންމަޔަށް ކިހާ މުހިންމުކަމެއްކަން ، އެކަމުން އެކަނިވެސް ހައިދަރު ވިސްނައިގަތެވެ.

ކައިވެންޏަކާމެދު ނުވަތަ އަންހެންކުދިންނާމެދު ، ހައިދަރުގެ ވިސްނުމާއި ފިކުރު ހުންނަގޮތް ކުލްސޫމަށް ވަރަށް ސާފުކޮށް އެނގެއެވެ. އަންހެންކުއްޖަކު ކަމުދިއުމަކީ ، ހައިދަރަށް އެހާ ފަސޭހަ ކަމަކަށް ނުވާނެކަން ކުލްސޫމަށްވެސް އެނގެއެވެ. ހައިދަރަށް އަންހެންކުއްޖަކު ކަމުހިނގައްޖެނަމަ ، އެއީ ހައިދަރުގެ ހިތުގެ އަޑިން އެކުއްޖަކު ކަމުދިޔައީއެވެ. އެއީ ވަރަށް އާދަޔާ ޚިލާފު ކުއްޖަކަށް ވާނެއެވެ.

ދެމައިން ވާހަކަދައްކަން ތިއްބާ ، ހައިދަރު އެއަރޕޯޓަށްދާންޖެހޭ ގަޑި ޖެހިއްޖެއެވެ. ކިތަންމެ އިރަކުވެސް އެދެމައިންނަށް ވާހަކަ ދައްކަން ތިބެވިދާނެއެވެ. މަންމަޔާ ސަލާމް ކޮށްލުމަށްފަހު ، އޭނާ ޙަވާލުކުރި މަސައްކަތް ފުރިހަމަކޮށްދިނުމަށް އެދެމުން ، އެއަރޕޯޓަށް ދިއުމަށްޓަކައި ހައިދަރު ނުކުތެވެ. ކުލްސޫމުވެސް ، އޭނާގެ ދަރިފުޅު ޙަވާލުކުރި މަސައްކަތް ފުރިހަމަކުރާނެކަމަށް ވަޢުދު ވިއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.