ފާއިތުވި ދެ ދުވަހު 15 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ފާއިތުވި ދެ ދުވަހު ޖުމްލަ 15 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މަހުގެ 8 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުން ދާ ކުދި ރީޓެއިލް ފިހާރަތަކާއި ޓޭކް އަވާ ކޮފީ ޝޮޕްތަކުގެ ތެރެއިން 03 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުން ޖުމްލަ 9 ބިދޭސީ އަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މީގެ އިތުރުން މި މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ޖުމްލަ 4 ތަނެއް ބަލާފައިވާއިރު، 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެއެވެ.
އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެކެވެ. މިކަން ތަންފީޒު ކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ ރެއިޑް އޮޕަރޭޝަންތަކެއް ވަނީ ފަށާފައެވެ.