( 10 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
" މުރުތަޟާ ތިބުނީ ހަމަ ރަނގަޅަށެވެ. އެއްވެސް ވާހަކައެއް އެއޮތްގޮތަކަށް މުރުތަޟާއަކަށް ނުބުނެވޭނެއެވެ. ހުރިހާކަމެއް ހިތުގައި ބާއްވައިގެން ، ކެތްކޮށްލައިގެން ހުންނާނީއެވެ. ހިތުގައިވާ ތަކުލީފުތައް ނުބުނަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ ގޮތްދޫކޮށް ، މުރުތަޟާއަށް ލިބުނު ފުރުސަތަށް މޫނު އަނބުރައިނުލިނަމަ އެވެ. " ނޫރު ބުންޏެވެ.
މުރުތަޟާގެ ހިތުގައި އެއިން އެއްވެސްކަމެއް ނެތެވެ. މުރުތަޟާގެ ހިތުގައި ދެންއޮތީ ކޮން އެއްޗެއްތޯ ނޫރު ، ސުއާލުކުރިއެވެ. ނޫރުގެ އަޑުހަރުވެފައި ހަރުކަށިވިއެވެ. ކުރިމަތީހުރި ތަނބުގައި އަތުން ބާރަށް ޖަހައި ލެވުނެވެ. މުރުތަޟާގެ ހިތުގައި އޮތީ ކޮން އެއްޗެއްތޯ އަނެއްކާވެސް ނޫރު ސުއާލު ކުރިއެވެ. އެ ސުއާލަށް ޖަވާބުދިނީ މުރުތަޟާއެއް ނޫނެވެ.
" މިސިޒް އަމީން އިޙްސާން އެވެ ! މުރުތަޟާގެ ހިތުގައި އޮތީ ، ރަނގަޅުނޫން ވަގުތެއްގައި ރަނގަޅުނޫން ލަހުޖާއެއްގައި ރަނގަޅުނޫން ސުއާލެއް ކުރާކަމުގައެވެ. " އެތަނަށް ވަންނަމުން ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ އަޑުގައިވަނީ މަލާމާތާއި ޖަދަލު ކުރުމެވެ.
" މިއަދު އޮފީހަށް ނުދަނީ ހެއްޔެވެ ؟ ނޫނީ ކޮންމެ މުއައްޒަފެއްގެ ގެޔަށްގޮސް ، ޒާތީ ސުއާލުކުރުމަށް ޚާއްޞަކޮށްފައި އޮތް ދުވަހެއް ހެއްޔެވެ ؟ އެކަން ފެއްޓީ މުރުތަޟާއިން ހެއްޔެވެ ؟ " ތަހުނިޔާ އިތުރަށް ސުއާލުކޮށްލިއެވެ.
ނޫރު އެއައީ އެގެޔަށްނޫންކަމުގައި ނޫރު ބުންޏެވެ. ހަމަ ރަނގަޅަށްހޭ ތަހުނިޔާއަށް އަހައި ލެވުނެވެ. ނޫރު އެހުރީ އެގޭގައެވެ. އެގޭގެ ބަދިގޭގައެވެ. އެހުރީވެސް ، ތަހުނިޔާގެ ފިރިމީހާއާ އެކީގައެވެ. ދެމީހުން އެކަންޏެވެ.
ނޫރުއެއައީ ، އޭނާގެ ގެޔަށްކަމަށާއި ، އައިއިރު ޓެސްޓްތަކެއް ހެދުމަށް ބައްޕަ ގޮވައިގެން ރައިދާ ދިޔައީ ގޭގެ ދޮރޯށި ބަންދު ކޮށްފައެވެ. އެގެޔަށް ވަދެލީ ރައިދާމެން އަންނަންދެން ، މަގުމަތީ ނުހުންނަން ވެގެންނެވެ.
މުރުތަޟާ ، ތަހުނިޔާއަށް ގޮވައިލިއެވެ. ނޫރު އެގެޔަށް ނާންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމުގައި އޮތީ ކޮން މައްސަލައެއްތޯ ، މުރުތަޟާ ސުއާލު ކުރިއެވެ. ނޫރު އެގެޔަށް އައުމަކީ ، ތަހުނިޔާއަށް އެއްވެސް މައްސަލައެއްނޫނެވެ. މައްސަލަޔަކަށްވީ ، މުރުތަޟާއާއި ނޫރުއާ ދެމީހުންގެ ، މާޒީއާ ގުޅިފައިހުރި ވާހަކަ ދެއްކުމެވެ. ފަހަރެއްގައި ، ތަހުނިޔާއަށް ގޯސްކޮށް އަޑުއިވުނީކަމަށް ވެދާނެއެވެ. ތަހުނިޔާ ހަމަޖެހިލިއެވެ.
ފަހަރެއްގައި އެމީހުންގެ މާޒީގެ ވާހަކަ ނުދެއްކޭކަމަށް ވެދާނެކަމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާއަށް އެއިވުނީ ގޯސް އަޑެކެވެ.
އަމީން އިޙްސާން އޮފީހަށް ވަދެ ، ނޫރުލްޢައިނު ކޮބައިތޯ ސުއާލު ކުރިއެވެ. ނޫރު އޮފީހުގައި ނޫޅޭކަމަށް އޭނާގެ ސެކްރެޓަރީ ބުނުމާއެކު ، މުރުތަޟާ ކޮބައިތޯ އިޙްސާން ސުއާލު ކުރިއެވެ. މުރުތަޟާ އެދުވަހު އޮފީހަށް ނާންނަކަމަށް ސެކްރެޓަރީ ބުންޏެވެ. ހަމަ އެއާއެކު ، އިޙްސާން ފޯނުނަގައި ، ނޫރުއާ ގުޅިއެވެ. ނޫރުއެއުޅެނީ މުރުތަޟާމެންގޭގައިކަން އެނގުމާއެކު ، މުރުތަޟާ ގޮވައިގެން އޮފީހަށް އައުމަށް އިޙްސާން އެދުނެވެ.
" މުރުތަޟާއެވެ ! މުރުތަޟާގެ ބޭނުން އޮފީހަށް ޖެހިއްޖެއެވެ. އަހަރެންނާއެކު މުރުތަޟާ އޮފީހަށްދާން އެބަޖެހެއެވެ. އެއީ އިޙްސާންގެ އެދުމެކެވެ. " ނޫރު ބުންޏެވެ.
މުރުތަޟާވެސް ، ނޫރުއާއެކު އޮފީހަށް ނުދާކަށް ނޫޅެއެވެ. ނޫރު އެތަނުން ދިއުމަށާއި އޭނާ ތައްޔާރުވެލައިގެން އެބައަންނަންކަމަށް ބުނެ ، ނޫރު އެތަނުން ފޮނުވައިލިއެވެ.
އޮފީހަށް ދިޔަމަގުމަތީ ، ނޫރުވެސް އަދި މުރުތަޟާވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. އެދެމީހުން އެކުގައި ތިބެލަން ފުރުސަތު ނުލިބޭތާ ހާދަ ދުވަހެއް ވެއްޖެއޭ ބުނެ ، ލިބިފައިއޮތް ހަމަހިމޭންކަން ކަނޑުވައިލީ ނޫރުއެވެ.
ދިރިއުޅުމަކީ ، ހާދަ ފާޑެއްގެ ކަމެކެވެ. ދިރިއުޅުމުގެ މައިދާނުގައި މީހުން ،ކުރިޔަށްދާނީ ކާކާއެކުގައި ކިހިނެއްކަން އެއީ ، އެއްގޮތަކަށްވެސް ނޭނގޭ އެއްޗެކެވެ. ދާންވާ މިސްރާބަށް އެކުގައި ދެވޭނެކަމެއްވެސް ނޭނގެއެވެ. އެހިސާބަށް ދެވޭނީ ކާކާއެކުގައިކަމެއްވެސް ނޭނގޭނެއެވެ. ނޫރުއާއި މުރުތަޟާގެ ދިރިއުޅުމަށް ބަލާއިރު ، އެދެމީހުންނަށް ދެވިފައި އެވަނީ ، އުއްމީދުކުރި މަގުންލާފައެއްނޫނެވެ. ކާރުގައި ޑްރައިވަރު އިނުމާއެކު ، އަދަބާޚިލާފުކަމަކަށް ވެދާނެތީ ، ނޫރު އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް މުރުތަޟާ ހިމޭނުން އިނެވެ.
މުރުތަޟާ ދިއުމާއެކު ، ތަހުނިޔާ އެކަނިވިއެވެ. ދެމީހުން އެއްބަސްވިގޮތަށް މުރުތަޟާއަކަށް އެދުވަހު ގޭގައި ހުންނާކަށް ފުރުސަތެއް ނުލިބުނެވެ. އައިމަލްގާތު އިށީނދެލައިގެން އިންއިރު ، ތަހުނިޔާގެ ކަންފަތްދޮށުގައި ފަށްފަށްވަމުން އެދަނީ ، ނޫރުއާއި މުރުތަޟާ ދެންމެއަކު އެދެއްކި ވާހަކަތަކެވެ. ނޫރު އެގެޔަށް އައުން އެއީ މައްސަލަޔަކަށްވަނީ ކީއްވެތޯ މުރުތަޟާކުރި ސުއާލާމެދު ތަހުނިޔާ ކަންބޮޑުވިއެވެ. އެކަމާ ހިތަށް އުނދަގޫވިއެވެ. އެވަގުތު އަރުސަލާން އައިސް ، މެންދުރުކާން ، ބޭރަށްދާން ބޭނުންވާވާހަކަ ބުންޏެވެ. އަރުސަލާން އެބުނި އެއްޗެއް ދެފަހަރަށް ބުނިއިރުވެސް ތަހުނިޔާއަކަށް ފަހުމްވާގޮތެއް ނުވެއެވެ. އަރުސަލާން ބުނަމުން ގެންދިޔައީ މެންދުރުކާން ބޭރަށްދާނެކަމަށް މުރުތަޟާ ބުނެފައިވާ ވާހަކައެވެ. އަދި އެކަން ބޭބެޔަށް ހަނދާންކޮށްދީގެން ބޭރަށް ދާން ބޭނުންވާވާހަކަ ބުނެ ، އަރުސަލާން ޝަކުވާކުރަމުން ގެންދިޔައެވެ.
އަރުސަލާން ކުރުނުކުރުމާއެކު ، މާބޮޑަށް އުނދަގޫނުކޮށް ތަހުނިޔާ އެބުނި ވާހަކައެއް ޤަބޫލުކުރުމަށް ، ތަންކޮޅެއްބާރަށް ތަހުނިޔާއަށް ބުނެވުނެވެ. އެވަގުތު ، އެތަނަށް އައިސް އެވަނީ ޙަފުޞާއެވެ. ތަހުނިޔާ ރުޅިއައިސް ، އަރުސަލާންއާ ދެއްކި ވާހަކަތައް ޙަފުޞާއަށް އިވުނެވެ. އެކަމާ ޙަފުޞާ ހިތްހަމަ ނުޖެހިގެން ތަހުނިޔާއާ ދިމާއަށް ލޯއަޅައިލެވުނެވެ. ތަހުނިޔާއަށް އެކުރެވުނު ކަމަކާމެދު ، ތަހުނިޔާވެސް ކަންބޮޑުވިއެވެ. ގޭތެރޭގައި އެހިނގައިދިޔަ އެއްވެސްކަމެއް ޙަފުޞާއަކަށް ނޭނގޭނެއެވެ. ޙަފުޞާއަށް ހަމައެކަނި އިވޭނީ ، ތަހުނިޔާ ރުޅއައިސްގެން އަރުސަލާންއާ ދިމާއަށް ހަޅޭއްލަވައިގަތް އަޑެވެ.
މުރުތަޟާ އޮފީހަށް ގެންދެވުނީ ، އިޙްސާން އެމެރިކާއަށް ފުރުމުގެކުރިން ، ޕްރޮޖެކްޓް ފައިނަލް ކުރުމަށްޓަކައެވެ. ޕްރޮޖެކްޓްގެ ހުށަހެޅުންތައް ތަފްސީލުކޮށް ނިމުމާއެކު ، އޭގެ ފުރިހަމަކަމަށްޓަކައި ، އިޙްސާން ޝުކުރު އަދާކުރިއެވެ. އަދި ، މުރުތަޟާވެސް އިޙްސާނަށް ޝުކުރުއަދާކުރިއެވެ. އެއީ ، އޭނާގެ ކިބައިގައިވާ ޤާބިލްކަން ސާބިތުކޮށްދިނުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އެކަމަށްޓަކައި ނޫރުއަށް ޝުކުރުއަދާކުރުމަކީ ، މުރުތަޟާކުރަންޖެހޭނެކަމެއްކަމަށް އިޙްސާން ބުންޏެވެ. އެމެރިކާގައި ތިބިއިރު ، މުރުތަޟާގެ ޤާބިލްކަމާމެދު ތަޢުރީފްކޮށް ، ކުންފުނީގެ ވަޒީފާގެ ފުރުސަތު މުރުތަޟާއަށް ތަނަވަސްކޮށްދިނީ ނޫރުއެވެ. ކުންފުނީގެ އެހާ އިސްމަޤާމެއް މުރުތަޟާއަށް ހޯދައިއެދިނީ ނޫރުއެވެ. ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރާނީ ، މުރުތަޟާއާއި އެދެމަފިރިންގެ ރޭގަނޑުގެ ކެއުމަކުންކަމަށް އިޙްސާން ނިންމިއެވެ.
ރޭގަނޑުގެ ވަގުތު ، އިޙްސާން އާއި ރަމްޝާއާ ދެބަފައިން ، އެދެމީހުންގެ ގުޅުމާމެދު ވާހަކަ ދައްކަމުންގޮސް ، އެގުޅުން ހަރުދަނާކުރުމަށްޓަކައި އަދި ، ރަމްޝާއަށް ބައްޕައާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުސަތު ދިނުމަށްޓަކައި ، އެދެބަފައިން އެރޭގެ ރޭގަނޑުގެ ކެއުމަށް ދާން ނިންމިއެވެ. ރަމްޝާ ބޭނުންވީ އެހެން އެއްވެސް މީހަކު ނެތި ، ހަމައެކަނި ބައްޕައާއި އޭނާއާ ދެމީހުން ކެއުމަށްދާށެވެ. އެކަމަށް އިޙްސާން އެއްބަސްވިއެވެ. އެވަގުތު އެއައީ ނޫރުގެ ކޯލެކެވެ. އެރޭގެ ކެއުމަށް މުރުތަޟާއާއެކީ ދާން އޮތްކަން އިޙްސާންއަށް ހަނދާން ކޮށްލަ ދިނުމަށްޓަކައެވެ. އެކެއުމުގެ މަތިން ، އިޙްސާން އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. އެހެނަސް ، އެއީވެސް ދޫކޮށް ނުލެވޭވަރުގެ މުހިންމު ބައްދަލުވުމެކެވެ. މުރުތަޟާ ގޮވައިގެން ނޫރު ދިއުމަށް ބުނެ ، އޭނާ ކުޑަކޮށް ލަހުން އެދެމީހުންނާ ، ކެއުމުގައި ބައިވެރިވާގޮތަށް ނިންމުމުން ނޫރުވެސް އެގޮތަށް އެއްބަސްވިއެވެ.
އަރުސަލާނާދިމާއަށް ހަޅޭއްލަވައިގަނެވުނީތީ ، އެކަމާ ދެރަވެގެން ، ތަހުނިޔާ އަރުސަލާނާ ދެމީހުން، އެރޭގެ ރޭގަނޑުގެ ކެއުމަށް ބޭރަށްދާން ނިންމިއެވެ. އަދި ޙަފުޞާގާތުވެސް އެމީހުންނާއެކީ ދިއުމަށް އެދުނެވެ. ބޭރުން ކެއުމަކީ ، ޙަފުޞާ ކުރާހިތްވާކަމެއްނޫނެވެ. އެހެންކަމުން ، ތަހުނިޔާމެންނާއެކީ ދާކަށް ޙަފުޞާ ބޭނުމެއް ނުވިއެވެ. އަރުސަލާންގޮވައިގެން ، ތަހުނިޔާ ދިޔައީ ، މުރުތަޟާ އެންމެ ގަޔާވާ ރެސްޓޯރެންޓަށެވެ. ރެސްޓޯރެންޓަށް ވަނުމާއެކު ނޫރުއާއި މުރުތަޟާއާ ދެމީހުން މޭޒެއްގައި ޖައްސާލައިގެން ތިބިތަން ތަހުނިޔާއަށް ފެނުނެވެ. އަރުސަލާނަށް އެތަން ފެނުމުގެކުރިން ތަހުނިޔާ އެތަނުން ނުކުތެވެ. އެއީ ބޭބެއާއެކީ އަންނަތަނެއްކަމަށާއި ، އޭނާއަށްވެސް ވަރަށްކަމުދާ ރެސްޓޯރެންޓެއްކަމަށް އަރުސަލާން ބުންޏެވެ. އެހެންނަމަވެސް ، އެމީހުންދާނީ އެހެން ތާކަށްކަމަށް ބުނެ ، އެތަނަށް ނުވަންނަން ތަހުނިޔާ ނިންމިއެވެ.
މުރުތަޟާއާއި ނޫރު އެތާ އެތައް އިރަކު ތިބިއިރުވެސް އިޙްސާނަކަށް ނާދެވުނެވެ. ފޯނުކޮށްކޮށް ފޯނެއް ނުނަގައެވެ. އިޙްސާނާ ގުޅުމާއެކު ، އޭނާއަށް ވަގުތުހޯދަން ދަތިކަމަށް ބުނިވާހަކަ ނޫރުބުންޏެވެ. އަދި އިޙްސާނުގެ ފަރާތުން ކުރަންޖެހޭކަމެއް ވިއްޔާ ނޫރުފުރިހަމަކުރުމަށް ، އެދުނުކަމަށްވެސް ބުންޏެވެ. އެބައްދަލުވުމުގައި އެދެމީހުން އެކަނި ތިބެން ޖެހުމަކީ ، ނުރުއަށް ލިބުނު ފުރުސަތެކެވެ. ނޫރުހުރީ ، މުރުތަޟާއާ ވާހަކަ ދައްކައިލުމަށް ބޭނުންވެފައެވެ. މިސިޒް އިޙްސާންގެ ޙައިޞިއްޔަތަކުން ނޫނެވެ. އަދި ކުންފުނީގެ އެމްޑީގެ ޙައިޞިއްޔަތަކުންވެސް ނޫނެވެ. ނޫރުލްޢައިނުގެ ޙައިޞިއްޔަތުން ، ރައްޓެއްސެއްގެ ގޮތުގައެވެ. މުރުތަޟާއާ ޙިއްޞާކުރަން ނޫރުބޭނުންވާ ، އެވާހަކަތައް އޭނާގާތު ބުނެވިދާނެތޯ ނޫރު ސުއާލު ކުރިއެވެ.
މުރުތަޟާއަށް ގެޔަށް އާދެވުނީ ވަރަށް ލަހުންނެވެ. ކޮޓަރިޔަށް ވަތްއިރު ، ތަހުނިޔާހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މުރުތަޟާހުރީ ވަރަށް ވަރުބަލިވެފައެވެ. އެކަން ތަހުނިޔާއަށް ފާހަގަ ކުރެވުނުކަން މުރުތަޟާއަށް އަންގައިލިއެވެ. ޒިންމާއާއި މަސްއޫލިއްޔަތަށް ވިސްނާމީހުންނަށް އަބަދުވެސް މަސައްކަތް ބުރަވާނެކަމުގައި މުރުތަޟާ ބުންޏެވެ. އަމީން އިޙްސާންވަނީ ، ވަރަށް ގިނަ ބޮޑެތި ޒިންމާތަކެއް މުރުތަޟާއާ ޙަވާލުކޮށްފައެވެ. މުރުތަޟާއަށް ދެން އެއިވުނީ ތަހުނިޔާގެ މަލާމާތުގެ ބަސްތަކެކެވެ.
" އަމީން އިޙްސާނަކީ ، ޕާކިސްތާނުގައި ނެތްފަދަ މުއްސަނދި މަހުޖަނެކެވެ. ވަގުތަކީ އޭނާއަށް ވަރަށް މުހިންމު އެއްޗަކަށް ވާނެއެވެ. ހުރިހާކަމެއް ބަލަހައްޓާކަށް ވަގުތެއް ނުލިބޭނެއެވެ. މުރުތަޟާމެންގެ ދިރިއުޅުމުގެ ޙާލަތާމެދު އިޙްސާންމެންނަކަށް އެއްވެސް ކަމެއް އިޙްސާސެއް ނުވާނެއެވެ. ގޭގެމީހުންނާއެކީ އެއްމޭޒުމަތީ ، މުރުތަޟާ ނުކާތާ އެތައް ދުވަހެއް ވެއްޖެއެވެ. " ތަހުނިޔާ ބުންޏެވެ.
އެއީ ތަހުނިޔާ ވަރަށް ކަންބޮޑުވާ ކަމެކެވެ. އަބަދު ބޭރުން ކެއުމަކީ ، ޞިއްޙަތަށްވެސް އެހާ ރަނގަޅުވާނެ ކަމެއްނޫނެވެ. އެކަމަކުވެސް އެރޭ ގެއިން އެއްޗެއްކައިލަން ކާންހަދަންތޯ ތަހުނިޔާ ސުއާލުކުރިއެވެ. މުރުތަޟާ އެއައީ ، ޕްރޮޖެކްޓް ނިންމުމާގުޅިގެން އަމީން އިޙްސާން ދިން ކެއުމަކުންކަމަށް މުރުތަޟާ ބުންޏެވެ.
ތަހުނިޔާގެ ނަޒަރުގައި މުރުތަޟާ އެހެދީ ދޮގެކެވެ. މުރުތަޟާ ކާންގޮސް އިންތަން ތަހުނިޔާއަށް ފެނުނީ ނޫރުއާއެކީގައެވެ. އަމީން އިޙްސާނެއް އެތަނަކު ނެތެވެ. އަނެއްކާވެސް އެކަންތައްގަނޑު ފެށި ، މުރުތަޟާއަށް ދޮގުހެދެން ފެށުނީ ބާވައެވެ ؟ އެހެންކަމަށް ވަންޏާ ނޫރުއާއި މުރުތަޟާއަށް މިހާރު އެ އޮޅުވައިލެވެނީ ތަހުނިޔާއަށް އެކަންޏެއްނޫނެވެ. އަމީން އިޙްސާން ، އޭނާގެ ސާހިބުމީހާއަށްވެސް އޮޅުވައި ލެވެނީއެވެ. ނޫރުގެ ގޮތް ތަހުނިޔާއަށް އެނގެއެވެ. އެކަމަކު މުރުތަޟާއަކީ ، އެހާގޯސްމީހެއް ހެއްޔެވެ ؟
ނޫރުގެޔަށް އައިސް ކޮފީއެއް ހަދައިގެން ސިޓިންރޫމުގައި ޖައްސާލައިގެން އިނެވެ. އަމީން އިޙްސާންވެސް އިރުކޮޅަކުން އައެވެ. ރަމްޝާވެސް އޭނާގެ ފަހަތުން ގެޔަށް ވަނެވެ. ރަމްޝާ ގެޔަށްވަނީ ، އޭނާގެ މަންމަޔާ ފޯނުން ވާހަކަ ދައްކަމުންނެވެ. ގެޔަށްވަނުމަށްފަހު ، ނޫރުއާ ދިމާއަށް ބަލައިލާ ، އޭނާ އެއްވެސް މީހަކުދެކެ ބިރު ނުގަންނަކަމަށް މަންމަގާތު ފޯނުން ބުނިއަޑު ނޫރުއަށް އިއްވައިލިއެވެ. އަމީން އިޙްސާން އެމެރިކާއަށް ދިއުމަށްފަހު ، ރަމްޝާ ވަރަށް އެކަނިވެރިވާނެ ވާހަކައާއި ، އެކަމުން ސަލާމަތްވުމަށްޓަކައި ، ރަމްޝާ ބޭނުންގޮތަކަށް ގޭގައި މިނިވަންކަމާއެކީ އުޅެންވީކަމަށް އިޙްސާން ބުންޏެވެ. ރަމްޝާ ކުރާކަމެއް ހުއްޓުވާނެ އެއްވެސް މީހަކު އެގެޔަކު ނޫޅޭނެއެވެ. ދެންއިތުރަށް އެވާހަކަ ދައްކާނީ ހެނދުނުގެ ނާސްތާގެ ވަގުތުގައިކަމަށް އެދެބަފައިން ނިންމައި ، ނިދަން އޮށޯތުމަށްޓަކައި ރަމްޝާ ފޮނުވައިލިއެވެ. (ނުނިމޭ)
vv.reethi shukuran