ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު 'ސުޕަރ މެޖޯރިޓީ' ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ މި ސަރުކާރުން 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ޤައުމަށް ތަރައްޤީ ގެނައުންކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ.
މިވަގުތަށް ރައްޔިތުންގެ ކަންބޮޑުވުން އެންމެ ފާހަގަކުރެވޭ ދާއިރާއަކީ ރަމަޟާން މަހުގެ ކަރަންޓް ބިލު ބޮޑުވުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ފެނަކަ އޮފީހާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުންނާ ސުވާލުކުރެއްވުމަށް ނޫސްވެރިންނަށް ފުރުޞަތު ދެއްވާފައެވެ. އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ އާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުން ވަކިވަކީން ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ޑިސްކައުންޓް ދެއްވާފައިވާ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ފެނަކަ އާއި ސެޓެލްކޯގެ ފަރާތުން ނޫސްވެރިންނާ ޙިއްޞާކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ.