އިއްޔެއިން ފެށިގެން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
އަންނަ މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
ދިރާގު އެޕް/ދިރާގު ޕޭ، އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށްގެންނާއި މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް އެޕްލިކޭޝަން އަދި ފައިސާ ނެޓް އަދި ބޭންކް އޮފް މޯލްޑިވްސް ޕޯޓަލްގެ އިތުރުން ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް އަދި ބަނޑޭރި ޕޭ ބޭނުންކޮށްގެން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އެވެ.
ޒަކާތު ހައުސް އިން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.
ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައި ވާތީ އެ ދުވަސްތަކުގައި މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހާއްސަ ގަޑިއެއް ވަނީ ކަނޑައަޅައިފަ އެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފަހުދިހަގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާތީ މިއަހަރުގެ ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރިޗް 2024ން 28 މާރިޗް 2024ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30ން މެންދުރުފަހު 1:00ށެވެ. 31 މާރިޗް 2024ން 9 އޭޕްރީލް 2024ށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވަައި ކޮންމެ ދުވަހަކު ހެނދުނު 11:00ން މެންދުރުފަހު 2:00ށެވެ.
މާލެސިޓީ ފިޔަވައި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލްތަކުންނެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. ފިތުރު ޒަކާތް ނެރެން ޖެހެނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 12ރ، ތައިލެންޑް ހަނޑުލުން ނަމަ 70ރ. އަދި އާދައިގެ ބާސްމަތީ ހަނޑުލުން ނަމަ 70ރ. އެވެ. ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.