ފަލްސަފާ (40)

(25 ޑިސެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެދެމަފިރިންވެސް ތިބީ ، މުރުތަޟާފަދަ ރަނގަޅު ފިރިހެނަކު ތަހުނިޔާއަށް ލިބުނީތީ ކޮޅުނެތްކޮޅަށް އުފާ ވެފައެވެ. އެކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ، ޝުކުރު އަދާކުރެއެވެ. ދެމަފިރިން ވާހަކަ ދައްކަން ތިއްބާ ، ގޭގެ ރަނގަބީލު ޖެހުނެވެ. ސާޖިދާގޮސް އެއީ ކާކުތޯ ބަލައިލިއިރު ، އެއީ ރައިދާއެވެ. ނުވަގުތެއްގައި ރައިދާ އެގެޔަށް އައުމުން ސާޖިދާ ހުރީ ޙައިރާންވެފައެވެ. އެހެންނަމަވެސް ، މަރުޙަބާ ކިޔައި ސަލާމް ކޮށްލުމަށްފަހު ގޭތެރެޔަށް ވަނުމަށް ރައިދާގާތު ބުންޏެވެ. ރައިދާގޮސް ، ސިޓިންރޫމުގައި އިށީނދެލިއެވެ.

ރައިދާ އެގެޔަށް އެއައީ ، ތަހުނިޔާ ދިޔައިމަ އެދެމަފިރިންގެ ހިތަށް ލިބިފައިވާ އުދާސްކަން ފިލުވައިލާ ، އަނގަ ތަޅައިލުމަށެވެ. ތަހުނިޔާ ނެތިގެން އެމީހުންނަށް އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނުލިބޭކަން ހާމަކުރުމަށް ސާޖިދާ ބޭނުންވިއެވެ. ގޭތެރޭގައި ކުރަން ހުންނަ މަސައްކަތާހުރެ ، ތަހުނިޔާ ނެތިގެން މާބޮޑަށް ހިތަށް އުނދަގޫވާން ފުރުޞަތު ނުލިބޭކަމުގައި ސާޖިދާ ބުންޏެވެ.

ނޫރުއާމެދުވެސް ސާޖިދާމެން ވިސްނައެވެ. އަދި ، ޚަބަރުވެސް ބަލައި ހަދައެވެ. ތަހުނިޔާ ، މުރުތަޟާއާ އިނުމުގެ ކުރިން ނޫރުއަކީ އެގެޔަށް އަބަދު އައިސް އުޅުނު ކުއްޖެކެވެ. ބައެއްކަހަލަ ކަންކަމުގައި ނޫރުގެ ނުފޫޒު ތަހުނިޔާގެ މައްޗަށް ފޯރިނަމަވެސް ، ނޫރުއަކީ ގޯސް ކުއްޖެއްކަމަކަށް އޭގެ ކުރިޔަކުން ސާޖިދާއެއް ނުބަލައެވެ. ނޫރު ގޯސްވީ ، ނޫރުއާ ރުޅިވެފައި މުރުތަޟާ ، ތަހުނިޔާއާ ކައިވެނި ކުރުމަށް ފުރުޞަތު ލިބުނު  ހިސާބުންނެވެ. އޭގެފަހުން ، ނޫރުކުރާ އެއްވެސް ކަމަކީ ސާޖިދާމެންނަށް ކަމުދާ ކަމަކަށް ނުވެއެވެ. އަދި ، ތަހުނިޔާ ކުރާ ކަންކަމަކީވެސް ނޫރުގެ އަވައިގާ ޖެހި ނޫރުގެ ނުފޫޒު ފޯރައިގެން ކުރާ ކަންކަމަށް އޮންނަނީ ވެފައެވެ.

ނޫރުއަށް ވަޒީފާގެ ކުރިއެރުން ލިބުނުކަންވެސް ސާޖިދާމެންނަށް އޮތީ އެނގިފައެވެ. އެކަމަށްޓަކައި ، ރައިދާއަށް މަރުޙަބާ ކިއެވެ.

ރައިދާވެސް އެއްވެސް ޚިޔާލެއްނެތި ، ނޫރުއަށް ވަޒީފާގެ ކުރިއެރުން ލިބުނުކަމަށް ބުންޏެވެ. އަދި އެކަމުގެ އުފަލުގައި ، އޮފީސް ކުދިން ރޭވި ދަތުރެއްގައި ނޫރު މިހާރުވީ އިސްލާމްއާބާދަށް ގޮސްކަމުގައިވެސް ބުންޏެވެ. ނޫރުމެން ދާން ހަމަޖައްސާފައި އޮތީ ނަތިޔާގަލީ އާއި މަރީ އަށެވެ. މަރީއަކީ ، ޢާންމު ގޮތެއްގައި ފިނި އަދި ރީތި ތަނެކެވެ. މަރީގެ ވަކި ހިސާބަކުން ، ޕާކިސްތާނު ފަޅިން ކަޝްމީރު ފެންނަން އޮވެއެވެ. އެއީ ، ޕާކިސްތާނުގެ އެކިސިޓީތަކުގެ މީހުން ހަނީމޫނަށް ގޮސް އުޅޭ ތަނެކެވެ.

މަރީއަށް ނޫރުލްޢައިނު ދިޔަވާހަކަ ، ރައިދާ ބުނުމާއެކު ، ސާޖިދާގެ ނޭވާ ކުރުވިއެވެ. ކަންބޮޑުވެގެންގޮސް ނޭވާ ހާސްވިއެވެ.

" އެހެން ހެއްޔެވެ ؟ ނޫރު ދިޔައީ ކޮންއިރަކު ހެއްޔެވެ ؟ ތަހުނިޔާމެންވެސް އެދިޔައީ މަރީއަށެވެ ؟ " ސާޖިދާގެ ހާސްކަން ވަކިން ބޮޑުވިއެވެ.

ނޫރުވެސް ފުރީ ހަވީރު 4 ގެ ފްލައިޓުންނެވެ. ތަހުނިޔާމެންވެސް ފުރީ ހަމަ އެގަޑީގައެވެ. އެއީ އިއްތިފާޤެއްނޫންކަމަށް ސާޖިދާ ނިންމިއެވެ. އެވާނީ ނޫރުގެ ރޭވުމަކަށެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދު ކޮށްލުމަށްޓަކައި ނޫރު ، ކޮށްފައި ނުކުރާނެކަމެއް ނޯންނާނެކަމަށް ސާޖިދާ ނިންމިއެވެ. އެންމެ އަޖައިބު ކަމަކީ ، އެދެބައިމީހުން އެއްގަޑިއެއްގައި އެއް ފްލައިޓަކުން ފުރިއިރު އެއްބަޔަކު އަނެއްބަޔަކާ ދިމާނުވުމެވެ.

މުރުތަޟާ ލަސްވެގެން ތަހުނިޔާހުރީ ކަންބޮޑުވެފައެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިރުކޮޅަކުން މުރުތަޟާ އައިސް ކޮޓަރިޔަށް ވަނެވެ. އަދި ކާއެއްޗެތި މޭޒުމަތީ ބަހައްޓާފައި ، އަވަހަށް ކާން އަންނާށޭ ބުންޏެވެ.

ތަހުނިޠާ އައިސް ކާއެއްޗިއްސަށްވުރެ ބޮޑަށް މުރުތަޟާ ލަސްވެގެން ސުއާލު ކުރިއެވެ. މުރުތަޟާއަށް އޭނާ ފޯނުކުރާތާ އެތައް އިރެއް ވެއްޖެއެވެ. ފޯނެއް ނުނަގައެވެ. ތަހުނިޔާގެ އެ ސުއާލަށް މުރުތަޟާއަށް ދޮގެއްހަދައި ޖަވާބުދޭން މަޖުބޫރުވިއެވެ. އޭނާއަށް ތަހުނިޔާގެ ފޯނު ނުނެގުނީ ، ބާޒާރުމަތީ އުޅުނުއިރު ، އަޑުގަދަކަމުން ފޯނުވާކަން ނޭނގިގެންކަމުގައި ބުނެ ދޮގެއް ހަދައިލިއެވެ. ދެން އަދި ކުރިމަތިވީ މާ އުނދަގޫ ސުއާލެކެވެ.

" މުރުތަޟާ ދިޔައީ ޖެކެޓް ހިފައިގެން ދޯއެވެ ؟ ޖެކެޓް ކޮބައި ހެއްޔެވެ ؟ " ތަހުނިޔާ ސުއާލު ކުރިއެވެ.

މުރުތަޟާއަށް އެއީ ތެދަށް ޖަވާބު ދެވޭނެ ސުއާލެއްނޫނެވެ. އަނެއްކާވެސް ހަދަންޖެހުނީ ދޮގެކެވެ. މީހުން ގިނަކަމުން ކޮންމެވެސް ތަނެއްގައި ޖެކެޓް ބޭއްވިފައި ނަގަން ހަނދާން ނެތުނީކަމަށް ވެދާނެކަމަށް ބުނެ މުރުތަޟާ ޖަވާބު ދިނެވެ. އެކަމާ ކަންބޮޑު ނުވުމަށާއި އެހެން ޖެކެޓެއް ނަގާނީކަމަށް ބުނެ އެކަންކަން ހަމަޖައްސައި ލެވޭތޯ މުރުތަޟާ މަސައްކަތް ކުރިއެވެ. އެކަންކަން ހަނދާން ނައްތާލައިފާ އަވަހަށް ކާން އައުމަށް މުރުތަޟާ ބުންޏެވެ.

އެހެންނަމަވެސް ، ތަހުނިޔާއަށް އެއީ އެހާ ފަސޭހައިން ހަމަޖައްސައި ލެވޭނެ ކަމަކަށް ނުވިއެވެ. ރަނގަޅަށް ދޮގެއް ހަދަންވެސް މި ފިރިހެނުންނަކަށް ނޭނގޭނެއެވެ. ތަހުނިޔާގެ ހިތަށް އެރިއެވެ. އަދި ، މުރުތަޟާއަށް ލިބިފައިވާ ހާސްކަމަށް އިތުރު ކަންބޮޑުވުމެއް ކުރިމަތި ކުރުވިއެވެ.

" އަހަރެންވެސް މިއައީ ރެސްޓޯރެންޓަށް ގޮސް ކައިގެންނެވެ. ހަމައެކަނި ޖެކެޓެއްނޫނެވެ. މުރުތަޟާ ބޭރަށްގޮސް ވީ ކިހާއިރެއްކަންވެސް މުރުތަޟާއަށް ވިސްނާލާކަށް ނޭނގުނެއް ނޫންހެއްޔެވެ. އަމިއްލަ ނަފްސުގެ މަތިންވެސް ތިހުރީ ހަނދާން ނައްތައި ލެވިފައެވެ. " ހިނިތުންވެފައިހުރެ ، ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ މާނަފުން އެ ބަސްތަކުން މުރުތަޟާ ގަނޑުވިއެވެ. ދެން ހަދާނެގޮތަކާމެދު ހާސްވެގެންގޮސް ދާހިއްލައިގަތެވެ. އަނެއްކާ ، ނޫރުއާއި އޭނާއާ ދެމީހުން ރެސްޓޯރެންޓްގެ ބޭރުގައި ތިއްބާ ، ތަހުނިޔާއަށް ފެނުނީ ބާވައެވެ ؟ މިލައިގަތީ އަނެއް ކަންތަކާއެވެ.

ތަހުނިޔާއަށް ތަނެއް ފެނުނުކަމެއް އަދި ކަމެއް އެނގުނުކަމެއްވެސް އެއްވެސްމީހަކަށް ނުއަންގައެވެ. އެއީ ނުވާ އަދި ނުހިނގާކަމަކަށްވެސް ވެދާނެއެވެ. މަރީއަކީ ވަރަށް ފެހި އަދި ފިނި ، އަރާމު ތަނެކެވެ. އަލަށް ކައިވެނިކުރާ ދެމީހަކަށް ، ޤުދުރަތީ މަންޒަރުތަކުން ހިތްއުފާކޮށްލަން  އެވަރުގެ ތަނެއް އެހިސާބުގައި ނުއޮންނާނެއެވެ. ޔޫރަޕްގެ ބައެއް ޤައުމުތަކުންވެސް މަރީއަށް ފަތުރުވެރިން އާދެއެވެ. އެންމެ ޒަމާނީ ބޮޑެތި މޯލްތައްވެސް ހުރެއެވެ. މުރުތަޟާއާއި ތަހުނިޔާވެސް ބާޒާރުކޮށްލަން ނުކުމެ ، ފިނިއިރުލާ ރީތި ހެދުމާއި އެނޫންވެސް ތަކެތި ގަންނަމުން ގެންދިޔައެވެ. ފިނިކަން ކަނޑުވައިލުމަށް ، ދޭތެރެޔަކުން ހޫނު ސައިތަށްޓެއް ބޯލައި ، އަދި ހިތްއުފާކޮށްލަން އައިސްކްރީމެއް ބޯލައި ހަދައެވެ. އެމީހުންގެ އުފާވެރިކަމާއި ހިތްހަމަ ޖެހުމަކީ އެއީއެވެ. އެއީ ، ކައިވެނިކޮށްގެން ހަނީމޫނަށް ، މަރީއަށް އަންނަ ކޮންމެ ދެމީހެއްގެ ކަންކަން ހުންނަގޮތްކަމަށް ނުވެދާނެއެވެ. ބައެއްމީހުން ތިބޭނީ ، ފިނިކަމުން ބޭރަށް ނުކުންނަން ބޭނުންނުވެ ކޮޓަރިތެރޭގައެވެ. އެމީހުންގެ ހިތުގެ ހަމަޖެހުމާއި އުފަލާއި އަރާމު އޮންނާނީ ކޮޓަރިތެރޭގައެވެ. އަނެއްބަޔަކު ، އަބަދު ކޮޓަރިތެރޭ ތިބެން ބޭނުން ނުވާތީ ، މަރީގެ ޚާއްޞަ ބައެއްތަންތަނަށް ޒިޔާރަތް ކުރާނެއެވެ. އޭގެ ތެރެއިން އެންމެ ގިނަބަޔަކު ޒިޔާރަތްކުރާނީ ކަޝްމީރު ޕޮއިންޓަށެވެ. އެ ޕޮއިންޓުން ، ޕާކިސްތާނުފަޅިން ކަޝްމީރު ފެންނަން އޮންނާނެއެވެ. ވަރަށްރީތި ޕާކުތައްވެސް މަރީގައި ހަދާފައި ހުރެއެވެ. ޚާއްޞަގޮތެއްގައި ޗަޓަރ ޕާކާއި ސަންގްރިއްލާ ޕާކަކީ ، ދެލޯބިވެރިޔަކު ގޮސް ތިބެ އެންމެ ސިކުންތަކުވެސް ، ފޫހިވެފައި ތިބެން ނުޖެހޭވަރުގެ ރީތި ނަލަނަލަ ތަންތަނެވެ. ލާރި ހުންނަމީހުން އަގުބޮޑު މޯލްތަކަށްވަދެ ، ހެދުންފަދަ ތަކެތި ގަންނާނެއެވެ. ގިނައިން ހުންނާނީ ފިނިއިރު ލާން ބޭނުންކުރާ ، ޑިޒައިނަރ ފެޝަންގެ އަގުބޮޑު ތަކެއްޗެވެ. އެއިން ތަނަކަށް ވަންނަންވާނީ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑުގައި ފުދޭވަރަކަށް ލާރި ބަހައްޓައިގެންނެވެ.

މުރުތަޟާއާއި ތަހުނިޔާގެ ދަތުރަކީ ، ކޮޓަރިތެރޭ ތިބުން ފިޔަވައި ، މަރީގެ މާޙައުލުން ދެންލިބެންހުރި އެހެނިހެން އުފަލާއި ހިތްހަމަ ޖެހުންތަކަށް ޚާއްޞަ ކުރެވޭ ދަތުރެކެވެ. އެކަން އެދެމީހުންވެސް ، ހިތުގެ އަޑިން ޤަބޫލު ކުރެއެވެ. ދެމީހުން އެއްފިކުރެއްގައި ތިބީމަ ، ބަލައިލާން ދާންބޭނުންވާ ތަނަކާމެދު ، ދެމީހުންގެ ޚިޔާލު ތަފާތުވުމެއް ނޯވެއެވެ. އެކަކު އަނެކަކަށް ހިނިތުންވެލާފައި ، އެދާތަނަކަށްދާން އެކުގައި ނުކުމެއެވެ.

ނޫރުގެ ދަތުރަކީ މުޅިން އެހެންކަމެއްގެ މައްޗަށް ބިނާވެފައި އޮތް ދަތުރެކެވެ. ނޫރުއާއެކުދިޔަ ޕާޓީ މަރީން ފުރަންޖެހުމުންވެސް ދެންދާންއޮތް ، ނަތިޔާގަލީއަށް ދާކަށް ނޫރު ބޭނުމެއް ނުވިއެވެ. މުރުތަޟާއާއި ތަހުނިޔާވެސް އެއުޅެނީ މަރީގައެވެ. ނޫރުވެސް ނިންމީ ނަތިޔާގަލީއަށް ނުގޮސް ، މަރީގައި މަޑުކުރުމަށެވެ. ނޫރުއާއެކީ ދިޔަ ކުދިންތަކާ އޭނާ ބައްދަލުކުރާނީ އިސްލާމް އާބާދުންނެވެ. އެމީހުން އިސްލާމް އާބާދަށް ދާންވާއިރަށް ނޫރުވެސް މަރީން ފުރައިގެން އިސްލާމް އާބާދަށް ދާނެއެވެ. ދަތުރުގެ އާރުކާޓީއަކީ ނޫރުކަމަށްވާތީ ، ނޫރު ނުދިޔަނަމަވެސް ، އެކުދިންނަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ނޫރު މަޑުކުރާނީ އޭނާގެ ކޮޓަރީގައެވެ.

ބޭރުގައި އުޅެއުޅެފައި ހޮޓަލަށް އައިސް ވަނުމަކަށްވުރެ އަވަހަށް ، މުރުތަޟާ ބޭނުންވިއެވެ. ތަހުނިޔާ ވަރުބަލިވެފައި ހުންނާނެތީ އެއީ ބަހަނާއެއްކަމަށް ހަދައި ތަހުނިޔާ އަރާމުކޮށްލަން ކޮޓަރީގައި މަޑުކޮށްލުމަށް މުރުތަޟާ ލަފާދިނެވެ.

މުރުތަޟާ ބޭރަށް ދިއުމަކީ ތަހުނިޔާއަށް މައްސަލައެއް ނޫނެވެ. މައްސަލަޔަކީ ބޭރަށްގޮސްފައި ލަސްވާތީއެވެ. މުރުތަޟާ ބޭރަށް ދާން ތަހުނިޔާ އެއްބަސްވީ ލަސްނުވެ އަންނަ މަތިންނެވެ. މުރުތަޟާވެސް އެކަމަށް އެއްބަސްވެ ، މާގިނައިރު ނުކޮށް އަންނާނެކަމަށް ބުނެ ކޮޓަރިން ނުކުތެވެ.

ކޮޓަރިން ނުކުތުމާއެކު މުރުތަޟާ ފޯނުނަގައި ، ކޮންމެވެސް މީހަކަށް މެސެޖެއް ފޮނުވިއެވެ. އަދި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ކުރިޔަށް ހިނގައިގަތެވެ. މަޑުމަޑުން ހިނގަމުންގޮސް ، މުރުތަޟާ އެމަޑުކޮށްލީ ، ހޮޓަލެއްގެ ކުރިމައްޗަށެވެ. މުރުތަޟާއަށް އެހިސާބަށް ދެވުނުއިރު ، ކުރިމަތީގައި ނޫރު ހުށްޓެވެ. ނޫރުގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އޭނާ އެހުރީ މުރުތަޟާއާ ދިމާއަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެންނެވެ. ކުރިޔަށް ގޮސްގޮސްހުރި މުރުތަޟާއަށް ނޫރު ފެނުމާއެކު ހުއްޓިލެވުނެވެ.

ކުޑައިރުކޮޅެއްގެ ފަހުން ، އެދެމީހުން އެފެނުނީ ނޫރުގެ ކޮޓަރީގައި ތިއްބައެވެ. މުރުތަޟާ އެތަނަށް އެއައީ ނޫރު ފޯނުކޮށްގެންނެވެ. ނޫރު ފޯނުކުރީ ، މުރުތަޟާގެ ޖެކެޓް އަނބުރާ ދޭންވެގެންތޯ މުރުތަޟާ ސުއާލު ކުރިއެވެ. ނޫރުގެ ވިސްނުމަކީ ، މުރުތަޟާގެ ޖެކެޓް އަނބުރާ އޭނާއާ ޙަވާލުކުރުމެއްނޫނެވެ. އެޖެކެޓް އަނބުރާ ދިނުމަށް ނޭދުމަށް ، އެންމެ ފުރަތަމަވެސް މުރުތަޟާގެ ކިބައިން ނޫރު އޮތީ އެދިފައެވެ.

ނޫރުއާއެކީ އައި ހުރިހާ ކުދިންތައް ނަތިޔާގަލީއަށް ފުރައިފިއެވެ. ނޫރު އެހުރީ އެކަނިވެފައެވެ. އެ ވަގުތު ، އެހިސާބުގައި ރައްޓެއްސަކަށްހުރީ މުރުތަޟާއެވެ. ރައްޓެއްސަކާއެކީ ، ކޮފީއެއް ބޯލަން ބޭނުންވެގެން މުރުތަޟާއަށް އަންގައިލީއެވެ. މުރުތަޟާއަށް ނޫރު އެގުޅީ ، ރަޙުމަތްތެރިއެއްގެ ޙައިޞިއްޔަތުގެ ތެރެއިންނެވެ. ލޯބިވެރިއެއްގެ މާނައިގާ ހިމެނޭ އެއްވެސް އިޙްސާސެއް އޮވެގެންނެއްނޫނެވެ. އެ އިޙްސާސަކީ ތަހުނިޔާގެ ޙައްޤެކެވެ. އެހެން އެއްވެސް މީހަކަށް ، މުރުތަޟާގެ ލޯބީގެ ޙައްޤެއް ލިބިގެންނެއް ނުވެއެވެ. އެކަން ، ހިތާ ދެކޮޅަށްނަމަވެސް ނޫރުވެސް ޤަބޫލު ކުރެއެވެ.

މުރުތަޟާގެ ކިބައިން ނޫރު ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަމެއް މުރުތަޟާއަކަށް ނޭނގެއެވެ. އޭނާގެ ދިރިއުޅުމަށް ނޫރުގެ ހިޔަނި އެޅިގެން ދިއުމަކީ މުރުތަޟާ އެދޭކަމެއްނޫނެވެ. އެހެނަސް ، ނޫރުއަކީ ، މުރުތަޟާއަށް އެހާ ފަސޭހައިން ހަނދާން ނައްތައިލެވޭނެ ޝަޚުޞެއްނޫނެވެ. ނޫރުގެ ނަން ތާއަބަދަށް ، މުރުތަޟާގެ ހިތުގައި ބިންވަޅުނެގިފައި އޮންނާނެއެވެ. ކަން އެހެން އޮތަސް ، ނޫރުއާ މުރުތަޟާއާ ދެމީހުންގެ ގުޅުމަކީ ، ކެނޑި ރޫޅި އުވިގޮސްފައިވާ މާޒީއެވެ. އެއީ އަނބުރާ ވުޖޫދަށް އައުން އެކަށީގެންވާ ގުޅުމެއްނޫނެވެ.

މުރުތަޟާގެ ފަރާތުން ނޫރުއަށް ބޭނުންވަނީ ކޮންކަމެއްކަން ، ޚުދު ނޫރުއަކަށްވެސް ނޭނގެއެވެ. ނޫރުއާ މުރުތަޟާއާ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ނަމުގައި ކުޑަވަގުތުކޮޅެއް ދެމީހުންނަށް ޚާއްޞަ ކޮށްލުން އެއީ ނޫރުއަށް މައްސަލައެއް ނޫނެވެ. އެހެނަސް ، މުރުތަޟާއަށް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އޭނާއަކަށް އެކަން ނޫރުއަށް ކޮށްދެވޭކަށް ނެތެވެ. އޭނާގެ އަންހެނުން އެކަނި ކޮޓަރީގައި ބައިންދާފައި އައިސް ، ނޫރުއާއެކީ ވަގުތު ހޭދަކުރުމަކީ ، މުރުތަޟާ ކުރަން ބޭނުންވާކަމެއްނޫނެވެ.

މުރުތަޟާއާއި ނޫރު މިހާރު ދަތުރުކުރަމުން އެގެންދަނީ ދެ ސަވާރީއެއްގައެވެ. ދެ މިސްރާބަކަށެވެ. އެދެމީހުން އެއްސަވާރީއަކަށް އަރައިގެން ދަތުރުކުރުން އެއީ ނުވާނެ ކަމެކެވެ. އެކަން ނޫރުއަށްވެސް ރަނގަޅަށް އެނގޭނެއެވެ. ތަހުނިޔާއާ އެކީ މުރުތަޟާ ހުންނަ ވަގުތުތަކުގައި އޭނާއަށް އިޙްސާސް ކުރެވެނީ .........

" ކޮންކަމެއް ހެއްޔެވެ ؟ " ނޫރުއަށް ނީނދެވިގެން ސުއާލު ކުރިއެވެ.

މުރުތަޟާ އޭނާ ބުނަން އެއުޅުނު އެއްޗެއް ފުރިހަމަ ކުރާކަށް ބޭނުމެއް ނުވިއެވެ. ނޫރު އެތައް ވަރަކަށް އަހާއަހާވެސް ދެން އޮތްބައި ، މުރުތަޟާ ފުރިހަމައެއް ނުކުރިއެވެ.

" އެހެންވިއްޔާ ، އަހަރެންނާއެކީ ހުންނަ ވަގުތު ތަކުގައި ކުރެވެނީ ކޮންކަހަލަ އިޙްސާސެއް ހެއްޔެވެ ؟ " ނޫރު ސުއާލު ކުރިއެވެ.

އެ ސުއާލަށްދޭނެ ޖަވާބެއް ، މުރުތަޟާގެ ހިތަކު މިހާރަކު ނެތެވެ. ނޫރުފަދަ އަންހެނެއްގެ އަޅައިލުމާއި އޯގާތެރިކަން އެހެން ސިފައެއްގައި ، މުރުތަޟާއަށް މިހާރު އެދަނީ ލިބެމުންނެވެ. އެވާހަކަ ނޫރުގާތުގައި ބުނާކަށް މުރުތަޟާ ބޭނުމެއް ނޫނެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.