ފަލްސަފާ (36) 

(4 ޑިސެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުރުތަޟާވެސް އަދި ތަހުނިޔާވެސް ، ކޮންމެހެން ރަށުންބޭރަށް ދާކަށް ބޭނުމެއް ނުވެއެވެ. އަދި އަމްދުން އެމީހުންގެ ކައިވެނީގެ އުފަލުގައި އިންތިޒާމްކުރެވޭ އިތުރު އެހެންކަމެއްގައި ޝާމިލްވުމަކީ ، ދެމީހުންގެވެސް ހިތްއެދޭކަމެއްނޫނެވެ. އެހެނަސް ، ޙަފުޞާގެ ކުރިމަތީގައި ބޯލެނބުމަކީ ، މުރުތަޟާއަށް ކުރަން މަޖުބޫރުވެފައި އޮންނަ ކަމެކެވެ. އެކަން ، ހަމަ އެންމެ ދުވަހެއްގެ ތެރޭގައި ތަހުނިޔާއަށްވެސް އެނގިއްޖެއެވެ. އޮފީހުގެ އެކުވެރިން ރާވައިފާ އޮތްގޮތަށް ، މަންމަގެ އަމުރަށް ކިޔަމަންވެ ، މާދަމާ ފުރާގޮތަށް ނިންމިއެވެ. އަދި ތަހުނިޔާގާތު ފޮށްޓަށް އެއްޗެހި އަޅައި ތައްޔާރުވުމަށް އެދުނެވެ. 

ދަތުރުގެ ވާހަކަ ދައްކަމުންގެންދަނިކޮށް ، އެ ހިތްނުތަނަސްކަމުގެ ތެރޭގައި މުރުތަޟާވެސް އަދި ތަހުނިޔާވެސް ތިއްބާ ، ނޫރުއައިސް އެތަނަށް ވަނެވެ. އެންމެންނަށް ސަލާމް ގޮވައިލިއެވެ. ޙަފުޞާގެ މޫނުމަތި ވަގުތުން ތަޣައްޔަރުވިއެވެ. މުރުތަޟާއަށްވެސް އިސްޖަހައި ލެވުނެވެ. އެހާ ހެނދުނާ ނޫރު އައިސް އެގެޔަށް ވަނުމުން ، އެންމެންނަށްވެސް ލިބުނީ ޙައިރާން ކަމެކެވެ. ނޫރު އެއައީ ކީއްކުރަންތޯ އަހައިލާކަށްވެސް ، އެއްވެސްމީހެއްގެ ހިތަކަށް ނުވަނެވެ. އެންމެންގެ ހިތުގައި ފުނިޖެހިފައިވާ އެ ސުއާލަށް ޖަވާބުދިނީ ނޫރުއެވެ.  

" މިހާ ހެނދުނާ އައިއިރު ، އަހަރެން އުޅުނީ ނާސްތާ ހިފައިގެން އަންނާށެވެ. އެކަމަކު ރޭގަ ނުނިދުނީމަ ، ހޭލެވުނެއްލަސްކަމުން ، އެއްޗެއްހަދައިގެން ހިފައިގެން އަންނަން ނޫޅެވުނީއެވެ. އަހަރެން މިއައީ ، މިދެކުދިންގެ ޙާލު ބަލައިލާށެވެ. ރެޔަކީ ، ކައިވެނީގެ ފުރަތަމަ ރޭނޫންހެއްޔެވެ ؟ " ނޫރު ބުންޏެވެ. 

ރޭގަނޑު ނުނިދުނުވާހަކަ ، ނޫރުގެ އަނގައިން ބޭރުވުމާއެކު ، މުރުތަޟާގެ މޫނުމަތިން ފާޅުވެގެންދިޔަ ނުތަނަވަސްކަން އަދި ވަކިން ބޮޑުވިއެވެ. އެކަމާބެހޭގޮތުން ، އެއްޗެއް ބުނުމަކީ އެވަގުތަށް އެހާ ރަނގަޅުކަމެއްނޫނެވެ. އެންމެންގެ ކުރިމަތީ ، މުރުތަޟާ ، ނޫރަށް ދޭން އޮންނާނެ ޖަވާބަކީ ، އެހާ ރީތި ބަސްތަކަކަށް ނުވާނެއެވެ. އެކަމުން އެންމެ ބޮޑަށް އަސަރުކުރާނީވެސް ތަހުނިޔާއަށެވެ. މުރުތަޟާއާއި ތަހުނިޔާގެ ގުޅުމަށް ، އިތުރަށް ހިޔަނިއެޅުން ނޫންކަމެއްނުވާނެއެވެ.  

ނޫރުއަށް ވެފައި އިންގޮތުން ، ނޫރުގެ ޙާލު ރަނގަޅުތޯ ޙަފުޞާ ސުއާލުކުރިއެވެ. ނޫރުއަށް އެއްވެސްކަމެއް ނުވެއެވެ. އޭނާގެ މައްސަލަޔަކީ ، ހިތަށް އުނދަގޫ ވުމެވެ. ނޫރު އެއައީ އުފާވެރި ޚަބަރެއްވެސް ހިފައިގެންނެވެ. ނޫރު ، އެހެން ބުނުމާއެކު ، ޙަފުޞާގެ މޫނުމަތި އަލިވެގެންދިޔައެވެ. އަދި ، ކައިވެނި ކުރާނެކުއްޖަކު ލިބުނީތޯ ސުއާލު ކުރިއެވެ. ރަނގަޅުމީހަކު ހޯދާފަ ނޫރު ، މީހަކާދެވުމަށް ޢާޞިފަށް އެރޭ ލަފާދިންކަން ޙަފުޞާގެ ހަނދާނަށް އައެވެ. ޢާޞިފަކީ އެހާ ކުޅަދާނަ މީހެއްކަމެއް ޙަފުޞާއަކަށް ނޭނގެއެވެ.  

ޙަފުޞާގެ ސުއާލަށް ދޭނެޖަވާބެއް ނޫރުއަކަށް ނުވިސްނުނެވެ. އެކަހަލަކަމެއްނުވާކަން އަންގައިދިން އިރުވެސް ނޫރުއިނީ އުފަލުންގޮސް ފޮޅިފައެވެ. ނޫރުގެ މޫނުމަތިން އެފެންނަ އުފާވެރިކަން އެއީ ، ޠާހިރާއަށް މައްސަލަޔަކަށްވިއެވެ. އަދި ، ޙަޤީޤަތުގައިވެސް ނޫރު އެހުރީ ، މޫނުމަތިން ފެންނަމުންދާފަދަ އުފާވެރިކަމެއްގައިތޯ ޠާހިރާއަށް ސުއާލުކުރެވުނެވެ. 

" އެއީ ވެދާނެ ކަމެއްނޫން ހެއްޔެވެ ؟ އަހަރެންނަށް ކުރިމަތިވި ކަންކަމާ ގުޅިގެން ހިތަށް ލިބޭ ކެކުޅުމާ ހަނގުރާމަ ކުރުމަށް ، ގަދަކަމުންނަމަވެސް ހިނިތުންވެލައި ، އުފާވެރިކަން އިޙްސާސްކުރުމަކީ ، ކުރަންޖެހޭނެ ކަމެއްނޫންހެއްޔެވެ ؟ އަހަރެންނަކީވެސް ، އެހެންކުދިންނެކޭ އެއްގޮތަށް ، އިންނާނެމީހަކު ހޯދަންޖެހޭނެ މީހެކެވެ. އަހަރެންވެސް އެދުވަސް ދެކެން ބޭނުންވާނެއެވެ. އެއީވެސް ، ހިތަށް އުފާވެރިކަން ގެނެސްގެން ނޫނީ ، ކުރެވޭނެކަމެއް ނޫނެއްނޫންހެއްޔެވެ ؟ ހިތަށް ލިބިފައިވާ ތަކުލީފުތައް އެއްފަރާތްކޮށްގެންނޫނީ އެކަމެއް ނުކުރެވޭނެއެވެ. " ނޫރު ބުންޏެވެ. 

ނޫރުގެ އެ ޖަވާބުގައި އެބުނަނީ ކީކޭކަން ނުވިސްނޭ އެކަކުވެސް އެތާކު ނެތެވެ. މުރުތަޟާގެ މޫނުމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ. ޙަފުޞާގެ ދެބުމަ ގޮށްޖެހުނެވެ. ތަހުނިޔާގެ މޫނުމަތިން ފާޅުވީ ހިތްދަތިކަމެވެ. އޭނާގެ ސަބަބުން ނޫރުއަށް ލިބެމުންއެދާ ތަކުލީފަކީ ، ގަސްތުގައި އޭނާކުރިކަމަކުން ނޫރުއަށް ލިބެމުންދާ އަނިޔާއެއްނޫނެވެ. ނޫރުއަށް އެކަން ޤަބޫލުކުރެވޭނެކަމަށް ތަހުނިޔާއަށް ފެނުނުނަމަވެސް ، އެކަން ނޫރުއަކަށް މުޅިއަކުން ޤަބޫލެއް ނުކުރެވެއެވެ. ނޫރު ޤަބޫލުކުރާގޮތުގައި ، އެދެމީހުންގެ ރަޙުމަތްތެރިކަމުގެ ޙައްޤުގައިނަމަވެސް ، އެކައިވެންޏަށް ނޫނެކޭ ބުނުމުގެ އިޚުތިޔާރާއި ޙައްޤު ، ތަހުނިޔާއަށް ލިބިގެން ވެއެވެ. ތަހުނިޔާ ޖަހައިގަނެގެން އެގެންދިޔައީ ނޫރުގެ އަތުގައިވާ އޭނާގެ މިލްކެކެވެ. އެއީ ، އެއްވެސްމީހަކަށް ދޭން ނޫރު ބޭނުންވާނެ އެއްޗެއްނޫނެވެ. 

ނޫރުގެ ހިތުގައިވާ އެއްޗަކާ ބުނާބަހާ ދިމާވަމުން ނުދާކަމުގެ އިޙްސާސް އެންމެ ބޮޑަށް ކުރެވޭނީ މުރުތަޟާއަށެވެ. ނޫރުގެ ޙަޤީޤަތްވެސް އެންމެބޮޑަށް އެނގޭނީ މުރުތަޟާ އަށެވެ. މުރުތަޟާގެ މޫނުމައްޗަށް ، އަނެއްކާވެސް ވެރިވީ ، މަލާމާތުގެ ހިނިތުންވުމެކެވެ. ނޫރުއާ ދިމާއަށް އެއްޗެކޭ ނުބުނެ މުރުތަޟާއަކަށް ނުއިނދެވުނެވެ. 

" ހަމަ ، ރަނގަޅަށް ހެއްޔެވެ ؟ ނޫރުގެ ޙަޔާތަށް ބޭނުންވަނީ ކޮންކަހަލަ ، ކޮންފެންވަރެއްގެ ބައިވެރިއެއް ހެއްޔެވެ ؟ އަހަރެމެންގާތުވެސް  ބުނެބަލާށެވެ ! އަހަރެމެން އެންމެން ގުޅިގެން ، ނޫރު ތިބޭނުންވާކަހަލަ ކުއްޖަކު ، ނޫރުއަށް ހޯދައިދޭން މަސައްކަތް ކުރާނަމެވެ. " މުރުތަޟާ ބުންޏެވެ.   

މުރުތަޟާ އެބުނީ ، ޙަފުޞާވެސް ބުނަން ބޭނުންވި އެއްޗެކެވެ. ޙަފުޞާގެ މޫނުމަތިންވެސް މަލާމާތުގެ އަސަރު ފާޅުވިއެވެ. މުރުތަޟާ އާއި ނޫރު ، ދުރުވަމުންދާކަމުގެ އިޙްސާސް ، އެހިސާބުން ޙަފުޞާއަށް ކުރެވުނެވެ. އެއީ އޭނާ އެދޭގޮތެވެ. އަދި މިވަގުތަށް ، އޭނާގެ ހިތުގައިއޮތް އެންމެބޮޑު ކަންބޮޑުވުމަކީވެސް އެއީއެވެ. އޭނާގެ ދަރިފުޅު ، ނޫރުގެކިބައިން ސަލާމަތްވުމެވެ. މުރުތަޟާވެސް މިހާރު ދިމާކޮށްފައި އެހުރީ އެކަން އެގޮތަށް ކުރުމަށްކަން ، ޙަފުޞާއަށް އިޙްސާސް ކުރެވުނެވެ.  

ނޫރު ދެރަވާކަށް ބޭނުމެއްނުވިއެވެ. އެތާތިބި އެންމެންވެސް އެތިބީ ނޫރުއާ ދެކޮޅަށްކަން ނޫރުއަށް އެނގެއެވެ. އޭނާގެ މައްޗަށް ކިރިޔާވެސް ރަޙުމެއް އޮންނާނީ ތަހުނިޔާގެ ހިތުގައެވެ. ތަހުނިޔާއަކީ އެހެންމީހުންހާ ގޯސްމީހެއްނޫނެވެ.  

" ވަރަށްބޮޑަށް ޝުކުރިއްޔާއެވެ ! ހިތްއެދޭ އެއްޗެއް ލިބެން ނަސީބުގައި އޮތިއްޔާ އެއެއްޗެއް ލިބޭނެއެވެ. ނަސީބުގައި ނެތިއްޔާ އެއެއްޗެއް ބީވެގެން ދާނެއެވެ. އަހަރެން ގެންގުޅޭނެ އެއްޗެއް ހޯދާނީ އަހަރެން އަމިއްލަޔަށެވެ. ބޭނުންވާ އެއްޗެއް ލިބިއޮވެ އަތުން ބީވެގެންދިއުން އެއީ މައްސަލައެއް ނޫނެވެ. އަނެއްކާވެސް ބޭނުންވާ ކަހަލަ އެހެން އެއްޗެއް ހޯދާނީއެވެ. އެއީ އެހާބޮޑުކަމަކަށް ނުވާނެއެވެ. ހިތްއެދޭ އެއްޗެއް ލިބުމުން ، އެއެއްޗެއް ދޫކޮށްލުމަކީ ، އެންމެންގެ އާދަޔަކަށް ނުވާނެއެވެ.  އެއެއްޗެއް ދޫކޮށްލާކަށް ނުޖެހޭނެއެވެ. އެއީ އެންމެން ބޭނުންވާނެ ގޮތެއްވެސްނޫނެވެ. " ނޫރު ބުންޏެވެ. 

ނޫރުގެ ވާހަކަ އެ އަމާޒުކުރީ މުރުތާޟާއަށްކަން އޭނާ ދެނެގަތެވެ. އަދި އެކަމަށް ފުރިހަމަ ރައްދެއްދިނުމަށް މުރުތަޟާ ނިންމިއެވެ.  

" ނޫރުލްޢައިނު ތިބުނީ ރަނގަޅު ވާހަކައެކެވެ. ދުވާލު ތަރިބަލައި ، ރޭގަނޑު އިރު ބެލުމުގެ ހުވަފެން ދުށުން ދޫކޮށްލާށެވެ. ރޭގަނޑުގެ ވަގުތުގައި އިރުދެކެން ބޭނުންވެއްޖެނަމަ ، ތިދެކޭ ހުވަފެންވާނީ ބިލާހަކަށެވެ. އިރަކީ ރޭގަނޑު ފެންނާނެ އެއްޗެއްނޫނެވެ. ރޭގަނޑު ފެންނާނީ ހަނދާއި ތަރިއެވެ. ފެންނަ އެއްޗެއްގެ ބަދަލުގައި ނުފެންނަ އެއްޗެއް ބަލަން ، ކިތަންމެ މަސައްކަތެއްކުރިޔަސް އެއެއްޗެއް ނުފެންނާނެއެވެ. އެކަން ނޫރުލްޢައިނަށް މިހާރު އޮންނާނީ އެނގިފައެވެ. ތިހެން އުޅެންހަދައިގެން ، ދުވާލުގެ އިރުން އަލިކަންވެސް ނުފެނި ހިނގައިދާނެއެވެ. " މުރުތަޟާ ބުންޏެވެ. 

މުރުތަޟާއާއި ނޫރުއާ ދެމެދު އުފެދިފައި އެވަނީ ނާޒުކު ބަހުސެކެވެ. އޭގެތެރެޔަށް ވަންނާކަށް އެތަނުން އެކަކުވެސް ބޭނުމެއް ނުވެއެވެ. އެކަކު އަނެކަކަށް ދެމުން އެގެންދާ މާނައިން ފުރިގެންވާ ރައްދުގެ އަޑުއަހަން އެންމެންވެސް ހިމޭނުން ތިއްބެވެ. އެކަކުވެސް އަނެކަކަށް ދުލެއް ނުކުރެއެވެ. އެހެނީ ، ކޮންމެގޮތަކަށް ކަންކަން އޮތަސް އެދެމީހުންވެސް އެތިބީ އެއްޙާލެއްގައެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން އެގެންދަނީ ، އެމީހުންގެ ހިތުގައިވާ އިޙްސާސާއި ކެކުޅުން އެއްފަރާތްކޮށް ، އެކަން ސިއްރުކޮށްގެންތިބެ ، އެހެން މީހުންނަށް ، ތަފާތު މަންޒަރެއް ދެއްކުމަށެވެ. އެހެނަސް ، އެކަންވެސް ވާނީ ވަކިވަރަކަށެވެ. ބޮލެއްހުރިމީހެއްވިއްޔާ ، އެހުރިހާކަމެއް ރަނގަޅަށް ވިސްނޭނެއެވެ. 

" އަމިއްލަޔަށް ހޯދައިގެން ބޭނުންކުރާ އަލިކަމެއްގައި ހިނގާއިރު ، ރޭގަނޑުގެ ތަރިއާއި ހަނދުގެ ބޭނުމެއް ނުއޮންނާނެއެވެ. އުޑުގައި ތަރިއެއްހާ ހިސާބު ނެތަސް ، ރޭގަނޑުގެ ކަނު އަނދިރިކަމުން ސަލާމަތްވާން މަސައްކަތްކުރާމީހާ އޭނާއަށް ބޭނުންވާ އަލިކަން ހޯދާނެއެވެ. އެއަލިކަމަށް ހުރަސް އެޅޭނެ ހިޔަނިތަކުގެ އުނދަގުލުން އެމީހަކު ސަލާމަތް ވާނެއެވެ. " ނޫރު ބުންޏެވެ. 

މުރުތަޟާއާއި ނޫރުގެ ފިނި ބަހުސުން އެންމެންނަށްވެސް ލިބެމުން ދިޔައީ އިތުރު ނުތަނަވަސްކަމެވެ. ހިތަށް ލިބެމުންދިޔައީ ހާސްކަމެވެ. އެމީހުންނަށް އެމީހުންގެ ލޯކުރިމަތީ ފެންނަމުން އެދަނީ މުރުތަޟާއާއި ނޫރުގެ ޙަޤީޤަތެވެ. އެއާ ދުރަށް ދިއުމަކީ އެއިން އެކަކަށްވެސް ކުރެވެން އޮތްކަމެއްނޫނެވެ. އެއެންމެންވެސް ދިރިއުޅެން ޖެހޭނީ އެ ޙަޤީޤަތާ އެކުގައެވެ. އެކަމުގައި އެންމެ ބޮޑު ތަކުލީފެއް އުފުއްލަން ޖެހޭނީ ތަހުނިޔާއަށެވެ. އެހެނަސް ، ތަހުނިޔާ އެހުރީ ، މާކުރިންވެސް އެކަމަށް ކުރިމަތިލައި ، ތައްޔާރުވެގެންނެވެ. 

ނޫރު އެގެޔަށް އައީ ފޮނިކާއެއްޗެތި އަޅާފައިހުރި ޕެކެޓެއް ހިފައިގެންނެވެ. ވާހަކަތައް މެދުކަނޑައިލުމަށްފަހު ، އަސްލު މަވްޟޫޢަށް ނޫރު ޖެހިލިއެވެ. ފޮނިކާ އެއްޗެއް ހިފައިގެން އޭނާ އެގެޔަށް އެއައި ބޭނުމަކީ ، އޭނާގެ ވަޒީފާއަށް ލިބުނު ކުރިއެރުމުގެ އުފަލުގައި ތަހުނިޔާ ބައިވެރިކުރުމެވެ. އެންމެ ފުރަތަމަ މެޓާ ދިނީ ޙަފުޞާއަށެވެ. ފަހަރަކު މީހަކަށް މެޓާ ދެމުން އައިސް އެންމެފަހު މީހަކަށްވީ މުރުތަޟާއެވެ. މުރުތަޟާ އެވަގުތު ހިނގައިގަތެވެ. އެހެނަސް ، ނޫރު އޭނާ ހުއްޓުވިއެވެ. މެޓާ ނުކައި ކޮންތާކަށްތޯ އެދަނީ ސުއާލުކުރިއެވެ. އަދި ، މެޓާ ކެއުން އެންމެ އަވްލާކަން ބޮޑީ މުރުތަޟާކަމުގައި ބުނެ ، މުރުތަޟާއަށްވެސް މެޓާ ދިނެވެ. އެއަށްފަހު ، ތަހުނިޔާއާ ކުރިމަތިލައި ، ތަހުނިޔާގެ ކޮޓަރި އޭނާއަށް ނުދައްކާނަންތޯ ނޫރު ސުއާލުކުރިއެވެ.  

ތަހުނިޔާއަށް އެއީ ބޮޑުކަމެކެވެ. ތަހުނިޔާއަށް ކުރެވޭ ކުޑަކުޑަކަމަކުންވެސް ޙަފުޞާ އޭނާދެކެ ރުޅިއަންނާކަށް ބޭނުމެއް ނުވިއެވެ. ދައްތާއޭ ބުނެ ، ޙަފުޞާއާ މުޚާތަބުކޮށް ، އެމީހުން ކޮޓަރިޔަށް ދަންތޯ ތަހުނިޔާ ސުއާލުކުރިއެވެ. ޙަފުޞާ އެކަމަށް އިޒުނަ ދިނެވެ. އަދި ، މިއަދުންފެށިގެން ، އޭނާއަށް ތަހުނިޔާ މުޚާތަބުކުރާނީ މަންމާއޭ ބުނެކަމުގައިވެސް ބުންޏެވެ. ދައްތަ ކިއުން މަނާކުރިއެވެ. 

ނޫރުއާއި ތަހުނިޔާ ކޮޓަރިޔަށްދާން ހިނގައިގަތެވެ. ނޫރުއާއި ތަހުނިޔާ ކޮޓަރިޔަށް އައުމަށްފަހު ، ތަހުނިޔާ އުފާވޭތޯ ނޫރު ސުއާލުކުރިއެވެ. ކަންބޮޑުވެފައިހުރި ތަހުނިޔާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެހެނަސް ، އާއނއެކޭ ބުނުމަށް ބޯހަލުވައިލިއެވެ. 

" ނޫރުއެވެ ! އަހަރެންނަށް ހީވާގޮތުގައި ، ތިދެމީހުންގެ ދެމެދަށް އަހަރެން މިވަނީ ހުރަހަކަށް ވެފައެވެ. އެ އިޙްސާސް އަހަރެންނަށް އިރުއިރުކޮޅުން އެބަ ކުރެވެއެވެ. " ތަހުނިޔާ ބުންޏެވެ.  

ނޫރުއަށް ހީވާގޮތުގައި ، މުރުތަޟާއާއި ތަހުނިޔާއާ ދެމެދަށް އާދެވިގެން އެއުޅެނީ ނޫރުއަށެވެ. ނޫރު ، އެދެމީހުންގެ ދެމެދަށް ވަދެހުރިކަމުގެ އެއްވެސް އިޙްސާސެއް ނޫރުއަކަށް ނުކުރެވެއެވެ. ފޯނުން ނޫރު އެދެއްކި ވާހަކަތަކަކީ ، މަޖަލަކަށް ދެއްކި ވާހަކަތަކެއްކަމަށް ނޫރު ބުންޏެވެ. ރަޙުމަތްތެރިންގެ މެދުގައި އެކަހަލަ މަޖާވާހަކަތައް ދެކެވޭނެއެވެ. އެއީ އެހާ ސީރިއަސްކޮށް ނަގައިގެންވާނެ ކަހަލަ ވާހަކަތަކެއްނޫނެވެ. ތަހުނިޔާއަށް ޝަކުރުއަދާކުރުމަކީ ނޫރުއަށް ވާޖިބު ކަމެކެވެ. އެއީ އޭނާގެ ބަދަލުގައި ތަހުނިޔާއަށް އެގެޔަށް އާދެވިގެންނެވެ. ކޮންމެ ޙާލެއްގައިވެސް ، ތަހުނިޔާއަށް އެގެޔަށް އާދެވުން އެއީ ނޫރުގެ ނަސީބުކަމަށްވެސް ވެދާނެއެވެ. މުރުތަޟާ ދެކެ ނޫރު ލޯބިވިޔަސް ، އަދި ނޫރު އެކަމަށް ބޭނުންވިޔަސް ، ނޫރު އެގެޔަށް ނުގެނައުމަށް މުރުތަޟާ އެނިންމި ނިންމުމަކީ ، ނޫރުއަށް އޮތް ރަނގަޅަކަށްވެސް ވެދާނެއެވެ. ނޫރުއަކީ ، އޭނާ ބޭނުންވާ ކަންކަމުގެ ހުވަފެންދެކޭ މީހެއްނޫނެވެ. ނޫރުއަށް އެންމެ މުހިންމު އެއްޗަކީ ދިރިއުޅުމަށްޓަކައި ނޫރު  ކުރަމުންގެންދާ އުއްމީދެވެ. އެހެން އެއްވެސް އެއްޗަކާ އަޅުވައި އެއުއްމީދުތައް އޭނާ ދޫކޮށެއް ނުލާނެއެވެ. އެއީ މުރުތަޟާކަމަށްވިޔަސް އެކަން އޮންނާނީ އެގޮތަށެވެ.  

ނޫރުއާއި ތަހުނިޔާ ވާހަކަދައްކަމުން ގެންދިޔައިރު ، ކޮޓަރީގެ ބޭރުގައި މުރުތަޟާ ، ހުއްޓިލައިގެން ހުށްޓެވެ. އެދެމީހުން ދެއްކި ހުރިހާ ވާހަކައެއް މުރުތަޟާއަށް އަޑު އިވުނެވެ. އެހިސާބުން ، މުރުތަޟާ އެތަނުން ދުރަށް ޖެހިލިއެވެ. 

" ބައެއްކަހަލަ ކަންކަން ދެނެގަތުމަށްޓަކައި ވަގުތު ބޭނުންވާނެއެވެ. އެކަންކަމަށް ރޯނީތޯ ނުވަތަ ހޭނީތޯ ބުނެދޭނީ ވަގުތެވެ. ވަގުތުޖެހުމުން އެހުރިހާކަމެއްވެސް ވާނެއެވެ. އެކަމާ މާބޮޑަށް ނުވިސްނާށެވެ ! މާދަމާ އަހަރެންނާއި މުރުތަޟާ މިދަނީ އިސްލާމްއާބާދަށެވެ. އެތަނަށްގޮސް ، ފަރުބަދަމަތީގެ ކޮންމެވެސް ތާކަށްވެސް އަހަރެމެން ދާގޮތަށް އޮތީ ރާވާފައެވެ. " ތަހުނިޔާ ބުންޏެވެ.  

ތަހުނިޔާމެން އެދަނީ ހަނީމޫނަށެވެ. ތަހުނިޔާއަށްޓަކައި ނޫރު ފަޚުރުވެރިވިއެވެ. އޭނާއަށް ނުލިބުނު އުފަލެއް ، ތަހުނިޔާއަށް ލިބުމަކުން ، ނޫރުގެ ހިތް ގޯހެއް ނުވެއެވެ. ހަނީމޫނަށްގޮސް ، އުފާކޮށް މަޖާކޮށްލުމަށް ނޫރު ބުންޏެވެ. އެއީ އެކަން އޮންނަންޖެހޭނެ ގޮތެވެ. ކައިވެންޏަށްފަހު ، ދެމަފިރިންނަށް ބޭނުންވާ އެންމެ ފޮނި އަދި އެންމެ އުފާވެރި ވަގުތުކޮޅު އެއީ ހަނީމޫންގެ ވަގުތު ކޮޅެވެ. އެކަކު އަނެކެއްގެ ކަންކަން ދެނެގަނެ ، ގާތްގުޅުމެއް އުފެދިގެން ، ދިރިއުޅުމެއްގެ ބިންގާ އެޅިގެންދާ ވަގުތުކޮޅެވެ. ތަހުނިޔާއަށް ހެޔޮދުޢާ ކުރުމަށްފަހު ، އެދުވަހަށް ވާވަރުވެގެން ، ނޫރު އެގެއިން ނުކުތެވެ. ތަފާތު އިޙްސާސްތަކެއް ހިފައިގެންނެވެ. ( ނުނިމޭ ) 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.