ގެދޮރުގެ މައްސަލައަކީ މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. މިއީ ރައްޔިތުންގެ މަޖިލީހުންނާއި ހުރިހައި ސަރުކާރަކުންވެސް ގަބޫލުކުރާ ކަމެކެވެ. ފުލެޓު އެޅުމާއި ގޯތި ދިނުމަކީ މި މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ފުލެޓާއި ގޯތި ދީފައެވެ. ދީފައޭ މި ދެންނެވީ ހޮވުނު ވަކި ބަޔަކަށް ކަމުގައި ވިޔަސް ރަޖިސްޓަރީ ނުވަތަ ލިޔުން ދޫކޮށްފައި ވާތީއެވެ.
ފުލެޓަށް އެދުނު ތޭރަ ވަރަކަށް ހާސް މީހުންގެ ތެރެއިން ސަރުކާރުން ފުލެޓު ދޭން ނިންމީ ހަތަރު ހާސް މީހުންނަށެވެ. އެއީ އެންމެ އަވަހަށް ނިންމޭ ހަތަރު ހާސް ފުލެޓެވެ. އެކަމަކު ބާކީ ތިބި މީހުންނަށްވެސް ފުލެޓު ލިބޭނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަތަރު ހާސް މީހުންނަށް ފުލެޓު ދޭން ނިންމާފައި ވަނީ ޖުމުލަ 76 ޕޮއިންޓަށްވުރެ އިތުރަށް ޕޮއިންޓު ލިބުނީމައެވެ. ޕޮއިންޓު ދެނީ ކިހިނެއް ކޮންކޮން ބަޔަކަށްކަން ފުލެޓަށް އެދޭ މީހުންނަށް އެނގޭ ގޮތަށް އޮތީ އިއުލާނުކޮށްފައެވެ. އެކަމަކު ޕޮއިންޓު އެކި ބައިބަޔަށް ދިނީ ނުވަތަ ލިބުނީ ކިހިނެއް ކަމެއް އެދުނު މީހުންނަކަށް ފުރަތަމަ ނޭނގެއެވެ. އެކަން އެނގުނީ ޝަކުވާ ގިނަވެގެން ފަހުން އެ މައުލޫމާތު ފެންނަ ގޮތަށް ޕޯޓަލަށް ލީމައެވެ.
ފުލެޓުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން ހާޒިރު ކުރައްވައިގެން ވަނީ ސުވާލު ކުރައްވައިފައެވެ. މި ސުވާލު ކުރައްވަން މެދުވެރިވީ ސަބަބަކީ ހައުސިންގ މިނިސްޓްރީން ފުލެޓު ދޫކުރުން ހުއްޓާލަން އޭސީސީން އެންގުމެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭރުގެ ސަރުކާރަށް ތާއިދުކުރާ މެންބަރުންނަށެވެ. އެމްޑީޕީއަށެވެ. އެމްޑީޕީ މެންބަރުންގެ ނަޒަރުގައި ސަރުކާރުން ރައްޔިތުންނަށް ދޫކުރާ ފުލެޓު ދޫކުރުން އޭސީސީން ހުއްޓުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ ރައްޔިތުންނަށް ދެވޭ ގެއްލުމެކެވެ.
އެމްޑީޕީގެ ނުވަތަ އެމްޑީޕީގެ މެންބަރުންގެ ވިސްނުން މިފަދަ ގޮތަކަށް ހުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެ ބަޔަކު ތާއީދުކުރާ ބަޔަކު މަލާއިކަތުންނަށް ހެދުމާއި ތާއީދުނުކުރާ މީހުން ޝައިތާނުންނަށް ހެދުމަކީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އާދައެކެވެ. އެހެންވީމާ އެމްޑީޕީގެ މެންބަރުން ގަބޫލުފުޅު ކުރައްވާ ގޮތުގައި ހައުސިންގ މިނިސްޓްރީން އެއްވެސް ގޯހެއް ނުހަދައެވެ. ގޯހެއް ނުހަދަނީސް އޭސީސީން އެކަމުގެ ތެރެއަށް ވަދެ، މަސައްކަތް ހުއްޓުވައިގެން ނުވާނެއެއް ނޫންތޯއެވެ؟
އިއްޔެ އޭސީސީން ދެއްކި ވާހަކަތަކަށް ބަލާއިރު ފުލެޓު ލިބުނު މީހުންގެ މައުލޫމާތަށް ހައުސިންގ މިނިސްޓްރީން ވަނީ ގަސްތުގައި ބަދަލު ގެނެސްފައެވެ. މިނިސްޓްރީގެ ސިސްޓަމް ހުންނަ ގޮތުން ފޯމުގައި ހުންނަ މައުލޫމާތު ފުރާފައި ފޮނުވީމާ ޕޮއިންޓު ދެނީ ސިސްޓަމުން އޮޓޮމެޓިކުންނެވެ. ޕޮއިންޓް ލިބި ނިމުނީމާ އޮންނަނީ ދެ މަރުހަލާއެކެވެ. އެ ދެ މަރުހަލާއަކީ އިންސާނީ މަސައްކަތް އެކުލެވޭ ދެ މަރުހަލާއެވެ. އެއީ މައުލޫމާތު ރަނގަޅުތޯ ބެލުމާއި ސައްހަކަން ކަނޑައެޅުމުގެ މަރުހަލާއާ ދެ މަރުހަލާއެވެ. މި ދެ މަރުހަލާގައި ބޭނުންވާ ބަޔަކަށް ޕޮއިންޓު އިތުރުކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. މީގެ އިތުރަށް މާލޭގައި ދިރިނޫޅޭ މީހުންނަށްވެސް ވަނީ ޕޮއިންޓު ދީފައެވެ. އެކަން އެނގޭ ގޮތެއް ކަމަށް އޭސީސީން ބުނެފައި ވަނީ ހައުސިންގ މިނިސްޓްރީގެ ސިސްޓަމާއި ޕެންޝަން އޮތޯރިޓީގެ ސިސްޓަމާއި ސިވިލް ސްރވިސް ކޮމިޝަންގެ ސިސްޓަމާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ސިސްޓަމް ލިންކު ކޮށްފައި ހުރުމުގެ ސަބަބުން އެ މީހަކާ ބެހޭ މައުލޫމާތު ރަނގަޅަށް ފެންނާން ހުރުމެވެ. ކުރީގެ ހައުސިންގ މިނިސްޓްރީގެ ނައިބު އަކްރަމް ކަމާލުއްދީން ވަނީ އޭސީސީގެ ވާހަކަތައް ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލެޓަށް އެދޭމީހާ އެހެން ރަށެއްގައި ވަޒީފާ އަދާކުރިޔަސް އެ މީހަކުގެ އާއިލާ މާލޭގައި ދިރިއުޅޭނަމަ ޝަރުތު ހަމަވާނެއެވެ. އެކަމަކު ބައެއް މީހުން އަކްރަމްގެ ވާހަކަފުޅަށް ޖަވާބުދެމުން ބުނެފައިވާ ގޮތުގައި ޝަރުތުތަކުގެ ތެރޭގައި އަކްރަމް ވިދާޅުވި ވާހަކައެއް އެ ގޮތަކަށް ނެތެވެ.
މި ދެ ވާހަކައަށް ވިސްނައިލެވުނީމާ އަޅުގަނޑުގެ ހިތަށް އެރިއެވެ. މި ދެކެވެނީ ކޮން ވާހަކައެއް ބާވައެވެ؟ ބަޔަކު އުޅޭ ނިކަމެތި ހާލު ބަލާ ވާހަކަ ހެއްޔެވެ؟ ގެދޮރު ދިނުމުގެ ވާހަކަ ހެއްޔެވެ؟ ގެދޮރަކީ ކޮންމެ މީހަކުގެވެސް އަސާސީ ހައްގެކެވެ. އެ އަސާސީ ހައްގު އެ މީހަކަށް ލިބިދޭން އޮންނަ ޝަރުތުތަކަކީ ކޮބައި ހެއްޔެވެ؟ ޝަރުތަކީ ނިކަމެތި ހާލުގައި އުޅުން ހެއްޔެވެ؟ ނުވަތަ ގެދޮރު ނެތުން ހެއްޔެވެ؟
އެއް ފަހަރާ ފައިސާ ދީފައި ގެއެއް ގަންނާނޭ ވަރުގެ މާލީ ތަނަވަސްކަން ނެތިފައި އަމިއްލަ ގެއެއް ނެތިފައި އިޖްތިމާއީ ގެދޮރުގެ މަޝްރޫއުގެ ދަށުން ދިގު މުއްދަތަކުން މިލްކުވާ ގޮތަށް ކުއްޔަށްދޭ ގެއެއް ނުވަތަ ފުލެޓެއްގެ ކުލި އަދާކުރެވޭ ވަރުގެ މާލީ ތަނަވަސްކަން ހުރިއްޔާ އެ އޮތީ ފުލެޓެއް ހައްގު ވެފައެވެ. އެ މީހަކު އަނދެގެން ހުންނަ މުންޑުގަނޑު އޮތީ ވީދިފައިތޯ ބަލާކަށް ނުޖެހެއެވެ. އެ މީހަކު އަބަދު ހުންނަނީ ކޯޓުފަޓުލޫނުގައި ކަމަށް ވިޔަސް ގެއެއް ނެތެއް ނޫންތޯއެވެ؟ ދަރިއަކު ނެތަސް ނުވަތަ ކުއްޔަށް ތަނެއް ހިފައިގެން އުޅުނަސް އަމިއްލަ ގެއެއް ނެތެއް ނޫންތޯއެވެ؟
ގެދޮރު ހުރިތޯއާއި މާލީ ތަނަވަސްކަން ހުރި މިންވަރަކީ ސަރުކާރުގެ އިދާރާތަކުން ވަރަށް ފަސޭހައިން ބަލައިލެވޭނޭ ޝަރުތުތަކެކެވެ. ސަރުކާރުން މިހާރު ބަލަން އެ އުޅޭ ނުވަތަ ބަލަމުން ގެންދާ ޝަރުތުތަކަކީ އަބަދުވެސް ޝައްކަށް ޖާގަ އޮންނާނޭ ޝަރުތުތަކެކެވެ. މާލޭގައި ދިރިއުޅޭ ކަމަށް ހޯދާ ލިޔުމުގެ ސައްހަކަން ކަށަވަރު ކުރުމަކީ އެތައް ދުވަހަކުން ނޫނީ ބައެއް ހާލަތުގައި ކުރެވޭނޭ ކަމެއް ނޫނެވެ. މަކަރު ހަދަން ފުރުސަތު ދިނީމާ ބައެއް މީހުން މަކަރު ހަދާނެއެވެ. މިހާރުގެ ހައުސިންގ މިނިސްޓަރު ޙައިދަރު ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ތެދުވެރިވާށެވެ. އެއީ ވަރަށް ރަނގަޅު އެދިވަޑައިގަތުމެކެވެ. ބޭފުޅަކު ބާރަށް ވިދާޅުވެލުމާއެކު ތެދުވެރިވާ ކަހަލަ ބަޔަކު އުޅޭ ގައުމަކަށް މި ގައުމު ވާނަމަ ވަރަށް ރަނގަޅެވެ.
މީހުން ދިރިއުޅޭ ގޮތް ބަލަން ވެގެން ހައުސިންގ މިނިސްޓްރީން ގޭގެއަށް ދެއެވެ. ކުއްޔަށް ހިފައިފައި ހުންނަ ތަނުގެ ތަނަވަސްކަމަކީ ގޭގެ އަސްލު ވެރިމީހާގެ (ކުއްޔަށްދޭ މީހާގެ) ތަނަވަސްކަމެވެ. އެއީ ކުއްޔަށް ހިފާ މީހާޔާ ގުޅުން ހުރި ކަމެއް ނޫނެވެ. ގޭގައި ދިރިއުޅޭ ހައެއްކަ މީހުން ވެގެން ބޮޑު ކުލި ދެއްކުމަކީ ގޭގައި އިސްކޮށް ހުންނަ މީހާގެ މާލީ ތަނަވަސްކަން ދައްކައިދޭ ކަމެއްވެސް ނޫނެވެ.
ގެދޮރު ދޭން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ދުވަހަކުވެސް ސައްތައިންސައްތަ ކަށަވަރު ކުރެވޭނޭ ޝަރުތުތަކެއް ބާވައޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ހާލަތަކީ އެ މީހަކު ބޭނުންވާ ކޮންމެ ގޮތަކަށްވެސް ދެއްކިދާނޭ އެއްޗެކެވެ. އެކަމަކު މި ޒަމާނަކީ ގެދޮރާއި މާލީ ހާލަތު ފޮރުވޭނޭ ޒަމާނެއް ނޫނެވެ. އެހެންވީމާ ގެދޮރު ހުރިތޯ ބަލާފައި މާލީ ހާލަތުގެ މައްޗަށް ބިނާކޮށް ފުލެޓާއި ގޯތި ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ.
މި ފަހަރު މި ދިމާވެގެން އުޅޭ މައްސަލައަކީވެސް ކުރީގެ ސަރުކާރުން އަމިއްލައަށް ބުއި ބޮނޑިއެކެވެ. އެންމެ ފުރަތަމަވެސް ސަރުކާރުން ބުނެފައި އޮތީ ފޯމުލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފުލެޓު ދޭނޭ ކަމަށެވެ. އެހެންވީމާ ފުރަތަމަ ހަތަރު ހާސް ފުލެޓު ދޭނޭ މީހުން ކަނޑައަޅަން ވަކި ވަރަަކަށް ޕޮއިންޓު ހަމަވުން ޝަރުތަކަށް ހެދީ ކީއްކުރަން ހެއްޔެވެ؟ ތޭރަހާސް މީހުން ގަލޮޅު ދަނޑަށް ނަމަވެސް ޖަމާކޮށްފައި އެންމެންނަށް ފެންނަ ގޮތަށް (ޓީވީން ވަގުތުން ދައްކަމުން) ނަގާ ގުރުއަތަކުން ހަތަރު ހާސް ފުލެޓު ލިބޭ މީހުން ކަނޑައެޅިނަމަ މިހާރު މި ދިމާވެގެން އުޅޭ މައްސަލައެއް ދިމައެއް ނުވީހެވެ.