(15 ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކުޑަކޮށް ވިސްނާލީ. ސަމީނާ ދެއްކީ ރަނގަޅު ވާހަކައެއް. އަހަރެން ނުރައްކަލަކާ ކުރިމަތިލާންވީ ކީއްކުރަން؟ އިތުރު މީހަކު މަރުނުވަންޏާ އަހަރެން އެއްވެސް ފިޔަވަޅެއް ނާޅާނަން."
ސަމީނާގެ މޫނުމަތީން ހިތްހަމަޖެހުމުގެ އަސަރު ފެނުނެެވެ.
އޭގެ ފަހުން އެއް މަސްދުވަސް ވީއިރުވެސް ރީނދޫކިނބޫ އެއްވެސް މީހަކަށް ހަމަލައެއް ނުދެއެވެ. ކާނަލް އަންވަރު އަބަދުވެސް ސަމީނާގެ ކައިރީގައި ހުރެއެވެ. ރޭގަނޑު ސަމީނާއަށް ހޭލެވޭއިރުވެސް އަންވަރު ހޭލައި ހުރެއެވެ.
އަންވަރުގެ މިއާދައިގެ ސަބަބުން ސަމީނާ ކަންބޮޑުވެސް ވެއެވެ.
އެއްދުވަހަކު އޭނާއަށް ހޭލެވުނީ ގަބީލާގެ ބަޔަކު އައިސް ގޮވާ އަޑަށެވެ. ތެދުވެގެން ނުކުމެ ޚަބަރު ބަލައިލީއިރު ގަބީލާގެ މީހަކު ދޮރުމަތީގައި ހުއްޓެވެ. ހުރީ މާނޭވާލެވި ގުނބުހިލިފައެވެ. ރީނދޫ ކިނބުލުގެ ޝިކާރައަކަށްވެ ގަބީލާގެ އައު ސަރުދާރު މަރުވެެފައި އޮއްވާ ފެނުނު ވާހަކަ އޭނާ ބުންޏެވެ. އޭރު މެންދުރުން އަނބުރައިފިއެވެ.
ސަމީނާ ޖިފުޓިއަކު ނެތެވެ. އެންމެ ފުރަތަމަ އަންވަރު ސުވާލު ކުރީ ސަމީނާ ކޮބައިތޯއެެވެ. އޭނާ ކޯރަށް ފެންވަރަން ދިޔަ ވާހަކަ އެ ތަނުން މީހަކު ބުންޏެވެ.
"މިހާރު ރީނދޫ ކިނބޫ ދުވާލުވެސް ޝިކާރަ ކުރަން ފެށީތާއެވެ!" އަންވަރު އަމިއްލަ ނަފުސާ މުޚާތަބުކުރިއެވެ. އޭނާ މޫނު ދޮވެލައިގެން އެ މީހާއާއެކު ސަރުދާރު އޮތް ތަނަށް ހިނގައްޖެއެވެ. އެ ތަނަށް ގަބީލާގެ ވަރަށް ގިނަ މީހުން އެއްވެފައި އޮތެވެ. އެންމެންވެސް ތިބީ ބިރުންނެވެ. ގިނަ މީހުން ގަބީލާ ދޫކޮށް އެހެން ތަނަކަށް ދާ ފިކުރުވެސް ކޮށްފިއެވެ. ކާނަލް އަންވަރު ސަރުދާރުގެ ހަށިގަނޑު ބަލައިލިއެވެ. އިހަށް މަރުވި މީހުންނެކޭ ވަކި ތަފާތެއް ނެތެވެ. އޭނާ އެތާގައި ތިބި މީހުންނާ ހިސާބަކަށް ވާހަކަ ދެއްކިއެވެ. އެ ވާހަކައިގެ ތެރޭގައި ރީނދޫ ކިނބުލުގެ ކިބައިން ގަބީލާގެ މީހުން ސަލާމަތްވޭތޯ މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން ދިނެވެ.
އެނބުރި އައި މަގުމަތީގައި އަންވަރު ކޯރުގެ ކައިރިއަށް ހިނގައްޖެއެވެ. ސަމީނާ ކޯރުގައި އޮތެވެ. އަންވަރު ފެނުމުން ކޯރުން އަރަގެން އައިސް ހެދުން ލައިފިއެވެ. ކާނަލް އަންވަރު މިއަދުގެ ހާދިސާގެ ވާހަކަ ސަމީނާއަށް ކިޔައިދިނެވެ. އަދި ކަންތައްތައް މާ ބޮޑަށް ނުރައްކާ ވެފައި ވާތީ އެކަނި ތަންތަނަށް ނުދާށޭވެސް ބުންޏެވެ.
"އެހެން ނޫނަސް މިހާރު އުޅެން ޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެން." ކާނަލް އަންވަރު ސަމީނާގެ ބަނޑަށް ބަލައިލާފައި ބުންޏެވެ. "ދަރިފުޅުގެ ސިއްހަތު އާދަޔާ ޚިލާފަށް ރަނގަޅުހެޖް އަހަންނަށް ހީވޭ. ދިމާވާ ގޮތަކުން ފުރާނައަށް އަސަރު ފޯރަފާނެތީ އަހަރެން ބިރުގަނޭ."
"އެންމެ ރަނގަޅު. އަހަރެން އުޅޭނީ ވިސްނައިގެން." ސަމީނާ ވައުދުވިއެވެ.
އެ ދުވަހު ގަބީލާގެ މީހުންނާ ވާހަކަ ދައްކައިގެން ހަމަޖެހުނީ ކޮންމެ ރެޔަކުވެސް ގަބީލާ ބަލަހައްޓަން ދެ މީހަކު ހޭލައި ފޯރިއަށް ތިބޭ ގޮތަށެވެ.
މި ގޮތަށް ފޯރިމެރުން ދައުރު ވަމުން ގޮސް ކާނަލް އަންވަރާ ޖެހުނީ އެއް ހަފުތާ ފަހުންނެވެ. އެ ރޭ ސަމީނާ ބަލަހައްޓަން އަންވަރު ބެހެއްޓީ އެހެން މީހެކެވެ. ރަށުތެރެއަށް ދާން އަންވަރު ނުކުތް ވަގުތު ސަމީނާ އަހައިލިއެވެ. "އަންވަރު ނެތީސް އެ ސޮރު މި ތަނަށް އަތުވެއްޖެއްޔާ ހަދާނީ..."
"އަހަރެން މި ދަނީ ސަމީނާ ބަލަހައްޓަން މީހަކު ބަހައްޓައިފަ."
"އެ ސޮރު އަހަރެން ދޫކޮށްލާފައި، ފޯރިއަށް ތިޔަ ބެެހެއްޓި މީހާ ޝިކާރަކޮށްލިއްޔާ ހަދާނީ ކިހިނެއް؟"
"އެއީ އޭނާގެ ނަސީބު ދެރަކަން." ކާނަލް އަންވަރު ބުންޏެވެ.
ގަބީލާގެ ވަށައިގެން ދެތިން ބުރެއް ޖަހައިލުމަށް ފަހު ދެން ފޯރިއަށް ހުރި މީހާގެ ގާތުގައި ވަަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައި އަންވަރު އޭނާގެ ޖިފުޓިއާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެއެެވެ. އޭނާ ހުރީ ކުރިމަތި ވެދާނޭ ހުރިހައި ނުރައްކަލަކަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
ވަލުތެރެއަށް މަރުވީ ކަލޭގެ ހަށިގަނޑުގައި ޒަޚަމް އުފެއްދި ދަތަކީ ކޮންމެވެސް ޖަނަވާރެއްގެ ދަތްކަން ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް ރަށުތެރެއަށް މަރުވަމުންދާ މީހުންގެ ހަށިގަނޑުން ފެންނަ ޒަޚަމްތައް ވައްތަރީ އިންސާނެއްގެ ދަތުން އުފެދިފައިވާ ޒަޚަމްތަކަކާއެވެ. މި ތަފާތު އޭނާއަށް ޔަގީން ކުރެވުމާއެކު އެންމެ ފުރަތަމަވެސް ޝައްކު ކުރެވުނީ ސަމީނާއަށެވެ. ރަށުތެރެ ބެލެހެއްޓުމުގެ ބޭނުމުގައި އޭނާ ބޭރަށް ދިޔައީ ސަމީނާއަށް ފުރުސަތު ދޭން ވެގެންނެވެ.
ޖިފުޓިއާ ހަމައަށް ދިޔައިރު މުޅި އެ ހިސާބަށް ވެރިވެފައިވާ އާދަޔާ ޚިލާފު ހިމޭން ކަމެއްގެ ސަބަބުން ކޮންމެވެސް ނުބައެއް ހިނގައިފި ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ. އޭނާ ޖިފުޓީގެ ޖާއްޔަކުން ބޯދީ އެތެރެ ބަލައިލިއެވެ. އެ ވަގުތު އޭނާގެ ހިތް ލުހިގެން އަނގައަށް އައި ކަހަލައެވެ.
އޭނާގެ ލޯބިވާ އަނބިމީހާ ސަމީނާ އޮތީ ފާރައަށް ބެހެއްޓި މީހާއާ ދިމާއަށް ގުދުވެގެންނެވެ. އެ މީހާ އޮތީ އެއްވެސް ހަރަކާތެއް ނެތި ބިންމައްްޗަށް ދެމިފައެވެ. ސަމީނާ އެ މީހާގެ އެއްއަތުގެ މުލައްދަނޑިން ލޭ ބޮނީއެވެ.
ކާނަލް އަންވަރު ލޮންސި ހިފައިގެން ގޮސް ޖިފުޓީގެ ދޮރުގައި ފައިން ޖެހިޖެހީނުން ދޮރު ހުޅުވައިލިއެވެ. އަދި ލޮންސި ސަމީނާއާއި ދިމާއަށް އަމާޒުކޮށްލިއެެވެ.
ދޮރު ހުޅުވުނު އަޑާއެކު ސަމީނާ ސިއްސައިގެން ގޮސް އެނބުރި ބަލައިލިއެވެ. ކާނަލް އަންވަރު ފެނުމުން ކޮޅަށް ތެދުވެއްޖެއެވެ. އޭރު އޭނާގެ ދެ މިޔަކަނުން ހޯސްލައިފައި ލޭ ފައިބައެވެ.
ކާނަލް އަންވަރަށް ބަލަހައްޓައިގެން ހުރެވިއްޖެއެވެ. އޭނާގެ ލޮލަށް ފެންނަ މަންޒަރު ޔަގީން ނުކުރެވުނީ ކަހަލައެވެ. ސަމީނާގެ މުޅި ހަށިގަނޑު ވަނީ ރީނދޫ ކުލައަށް ބަދަލުވެފައެވެ. މުޅި ގައިގައި ވަނީ ކިނބުލުގެ ހަށިގަނޑުގައި ހުންނަ ކަހަލަ ގޮށް ފަޅައިފައެވެ.
"އަންވަރު؟" ސަމީނާއަށް ބޭއިޚުތިޔާރުގައި އަހައިލެވުނެވެ.
"އާނ... އަހަރެން." ކާނަލް އަންވަރު ރުޅިވެރިކަމާއެކު ބުންޏެވެ. "ގަބީލާ މީހުންގެ ލޭ ބޮނީ ސަމީނާކަން އަހަންނަށް ކުރިން ޔަަގީން ކުރެވިއްޖެ. ސަމީނާގެ ދަތްތައް ކިތަންމެ ތޫނު ވިޔަސް ޖަނަވާރުގެ ދަތާ މުޅިން ތަފާތު."
"އަންވަރު ތިޔަ އުޅެނީ ކިހިނެއް ހަދަން؟"
ޖަވާބު ދިނުމުގެ ބަދަލުގައި ކާނަލް އަންވަރު ލޮންސި އަމާޒު ކުރުމަށްފަހު ސަމީނާއާ ދިމާއަށް ދޫކޮށްލިއެވެ. ސަމީނާ ހިސާބަކަށް ސިހުނެވެ. އެހެންނަމަވެސް އެ ހަމަލައިން ރެކޭކަށް މަސައްކަތެއް ނުކުރެއެވެ. ލޮންސި އޭގެ ފުރިހަމަ ބާރުމިނުގައި ގޮސް ސަމީނާގެ މޭގައި ޖެހިފައި ވެއްޓިއްޖެއެވެ. ހީވީ ދަނގަޑު ގަނޑެއްގައި ޖެހުނުހެންނެވެ. އޭނާގެ ހަށިގަނޑުން ހަންފަށެއްވެސް ނުކެނޑުނެވެ.
ސަމީނާ ހީނގެންފައި ކުރިއަށް ހިނގައިގަންނަމުން ބުންޏެވެ. "އަންވަރު ހަނދާން ނެތުނީތަ؟ ރީނދޫ ކިނބުލަކަށް އެއްވެސް ހަތިޔާރަކުން އަސަރެއް ނުކުރާނެ. އަހަންނަށް މިހާރު މިހިރީ ރީނދޫ ކިނބުލުގެ ހުރިހާ ސިފައެއް ލިބިފައި. އަދި އަހަރެންގެ ހަން ބޭނުން ކުލައަކަށް ބަދަލުކުރެވިދާނެ."
އެއީ ތެދެކެވެ. މިހާރު ސަމީނާގެ ހަން އާދައިގެ ގޮތަށް ބަދަލުވާން ފަށައިފިއެވެ. ގޮށްތައްވެސް މަޑުމަޑުން ފިލަން ފަށައިފިއެވެ.
މިހާރު ސަމީނާ އަންވަރުގެ ނޭވާގެ ހޫނު ފޯރާ ހިސާބަށް ކައިރިއަށް ހިނގައްޖެއެވެ. އަންވަރު ހުރީ ދެލޯ ދެކާށިކިބަހެން ހަދައިގެން ސަމީނާއާ ދިމާއަށް ބަލާށެވެ. ކައިރިއަށްގޮސް ސަމީނާބުންޏެވެ. "އަހަރެން ބޭނުމިއްޔާ ފަސޭހަކަމާއެކު އަންވަރު މަރާލެވިދާނެ. އެކަމަކު އަހަރެން އަންވަރު ދެކެ އިންތިހާއަށް ލޯބިވޭ. އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީވެސް އަންވަރު. އަދި އަނެއްކާ އަންވަރަކީ އަހަރެންގެ އުފަންވާން އުޅޭ ދަރިފުޅުގެ ބައްޕަ. މި ދަރިފުޅު އަހަރެންގެ ފުރާނަ ހިފާނެ. އަހަރެން ނެތް ދުވަހަކުން މިކުއްޖާ ރަނގަޅަށް ބަލަހައްޓާނޭ ކަމަށް ވައުދުވެދީ."
"ލޭބޯ ފުރޭތައަކަށް އަހަރެން ވާނެ ވައުދެއް ނޯންނާނެ." ކާނަލް އަންވަރުގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ.
"އަހަންނަށް ވަނީ ލޭ ބޯން މަޖުބޫރުވެފައި. އަހަރެންގެ ދަރިފުޅަށް ލޭ ބޭނުންވޭ. ގަބޫލުކުރޭ. މިއީ އަހަރެންގެ އެންމެ ފަހުގެ ޝިކާރަ. އަހަެންގެ އެންމެ ފަހުގެ ނިޝާން ފަރުވާތެރިކަމާއެކު ބަލަހައްޓާނަން ދޯ؟"
"ޝައިތާނަކަށް އަހަރެންގެ ފަރާތުން ލިބެންވީ ކޮން ހަމްދަރުދީއެއް؟"
"ނޫނޭ. ބައްޕަގެ ވާހަކަ މުޅިން ރަނގަޅު ނޫންކަން އަހަންނަށް ޔަގީން. ޝައިތާނީ ޒަހަރު ހުރީ އަހަރެންގެ ހަށިގަނޑުގައި. އަހަރެންގެ ދަރިއަކަށް އެ ސިފަތައް ވާރުތައެއް ނުވާނެ. ހެޔޮ ގޮތުގައި ގެންގުޅެ ބޮޑުކޮށްފިއްޔާ އަހަރެމެންގެ ދަރިފުޅުވާނީ އިންސާނަކަށް. ފުރިހަމަ އިންސާނަކަށް."
ސަމީނާގެ ވާހަކަތައް ހަގީގަތަކަށް ވެދާނެ ކަމުގައި އަންވަރަށް ހީކުރެވުނެވެ. އޭނާ ހިސާބަކަށް ވިސްނައިލިއެވެ. ވިސްނި ވަރަކަށް ސަމީނާގެ ވާހަކައިން އޭނާއަށް ކުރި އަސަރު ދިޔައީ ބޮޑުވަމުންނެވެ.
"އަހަރެމެންގެ ދަރިފުޅުގެ ކިބައިގައި އެއްވެސް ކަހަލަ ހައިވާނީ ސިފައެއް އަށަގެންފައި ނުވާނަމަ ރަނގަޅަށް ގެންގުޅެ ބޮޑުކުރާނޭ ކަމަށް އަހަރެން ވައުދުވަން."
ކާނަލް އަންވަރު ރަށުތެރޭ ފޯރިއަށް ތިބި މީހުން ގެނެސް މަރުވެފައި އޮތް މީހާ އެމީހުންނާ ހަވާލުކޮށްފިއެވެ. މިއަދުން ފެށިގެން ރީނދޫ ކިނބުލުގެ ދުއްތުރާލުން ގަބީލާގެ މީހުން މިންޖުވީ ކަމަށްވެސް ބުންޏެވެ. އަދި ރީނދޫ ކިނބޫ މަރުވީ ސަމީނާގެ އަތުން ކަމަށްވެސް ބުންޏެވެ.
ގަބީލާގެ މީހުން ވަަރަށް އުފާކުރިއެވެ. ބެރުޖަހައި ނަށައި، ލަވަކިޔައި ހެދިއެވެ. ރީނދޫ ކިނބޫ މަރުވީ ކިހިނެއްތޯ އާއި، މަރުވުމަށް ފަހު އެ ސޮރަށް ވީ ކިހިނެއްތޯ އޮޅުން ފިލުވާކަށް އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ. އެ މީހުން އެންމެން އައިސް ސަމީނާއަށް ޝުކުރު އަދާކުރިއެވެ. މިއީ އެ މީހުން ކާނަލް އަންވަރަށް އިތުބާރުކުރާ މިންވަރެވެ.
އެއް ހަފުތާ ފަހުން ސަމީނާ ވިހައިފިއެވެ. ސިއްހަތު ރަނގަޅު ރީތި ކުއްޖެކެވެ. އެހެން ނަމަވެސް ސަމީނާގެ ފުރާނަ ސަލާމަތެއް ނުވިއެވެ. ދަރިފުޅު އުފަން ކުރުމަށްފަހު އޭނާ ދުނިޔެ ދޫކޮށްފިއެވެ.
އެކަމާ ކާނަލް އަންވަރު ވަރަށް ހިތާމަ ކުރިއެވެ.
އޭނާ ދަރިފުޅުގެ މޫނުގައި ބޮސްދިނެވެ. ދަރިފުޅުގެ ހަމުގައި އެއްވެސް ނުބައެއް ނެތެވެ. އޭނާ ދަރިފުޅުގެ ހުރިހައި ގުނަވަނެއް ރަނގަޅަށް ބެއްޔެވެ. ސަމީނާގެ ވާހަކަ މުޅީން ރަނގަޅެވެ. އެ ދެ މީހުންގެ ދަރިފުޅަށް ޝައިތާނީ އަސަރު ތަކެއް ނުފޯރައެވެ. އޭނާ ވަރަށް ހިތްހަމަ ޖެހުނެވެ.
އެހެންނަމަވެސް ސާޅީސް ދުވަސް ވީތަނާ އޭނާގެ އުއްމީދުތައް މުޅިން ވިއްސިވިހާލި ވެއްޖެއެވެ.
އެއްދުވަހަކު އޭނާ ދަނޑިބުރިއެއް ފޭއްސަން އުޅެނިކޮށް އިނގިލި ކެނޑިއްޖެއެވެ. އިނގިލިން ލޭޭ މަނާވޭތޯ އޭނާ މަސައްކަތް ކުރީ ދަރިފުޅުގެ ކައިރީގައި އިށީނދެ އިނދެގެންނެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން ފެނުނީ ދަރިފުޅު އޭނާގެ އިނގިއްޔާ ދިމާއަށް ބަލަން އޮއްވައެވެ.
"ދަރިފުޅު ބަލަނީ ކޯޗަކަށް؟" އޭނާ ހިނިތުންވެލިއެވެ. "އަމާހެން ލޭބޯންވީތަ؟"
އޭނާ މިހެން ބުނެލީ މަޖަލަކަށެވެ. އެހެންނަމަވެސް އޭނާގެ ހިތަށް އައު ބާވަތެއްގެ ޚިޔާލެއް އަތުވެއްޖެއެވެ. ދަރިފުޅުގެ ލޮލުން ފެންނަނީ ސަމީނާ ކިނބުލުގެ ސިފައަށް ބަދަލުވެފައި ހުރިއިރު ލޮލުން ފެންނާން ހުރި ވިދުވަރެވެ.
އޭނާ ކެނޑުނު އިނގިލި ދަރިފުޅާ ދިމާއަށް ދިއްކޮށްލިއެވެ. ދަރިފުޅުގެ ތުއްތު ތުއްތު އަތަށް ވަގުތުން ހަރަކާތް އަތުވެއްޖެއެވެ. އިނގިލީގައި ހިފިލެއް ބާރުކަމުން ދޫކުރުވަންވެސް އުނދަގޫވާހައި ވިއެވެ. މަޑުމަޑުން އިނގިލީގައި އަނގަޖެހުމަށް ފަހު ދަމަން ފަށައިފިއެވެ.
ކާނަލް އަންވަރު އިނގިލި ދަމައިގަތެވެ. އެ ވަގުތު އޭނާގެ ބޮލުގައި ހީވީ ވަރުގަދަ އެތިފަހަރެއް ޖެހިހެންނެވެ. އޭނާގެ ދަރިފުޅުގެ ކުލަ ރީނދޫ ކުލައަށް ބަދަލުވާން ފަށައިފިއެވެ.
"ޝައިތާނާ... ޝައިތާނާ..." އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އަޑުގައި އެތައް އަސަރެއް އެކުލެވިފައި ވެއެވެ. ރުޅިއާއި ނަފުރަތެވެ. ވޭނާއި ހިތާމައެވެ. އޭނާއަށް މި ޖެހުނީ އަމިއްލަ އަތުން އޭނާގެ އުފަން ދަރިފުޅު މަރައިލާށެވެ.
ކާނަލް އަންވަރު ހިތްވަރު ކުރުމަށްފަހު ދަރިފުޅުގެ ކަރުގައި ހިފައި ފިތައިލިއެވެ. އެވަގުތު އޭނާއަށް ހީކުރެވުނީ ހިލަގަނޑެއްގައި ހިފަހައްޓައިގެން ހުރެވުނު ހެންނެވެ. ބިރުންގޮސް ދަރިފުޅުގެ ކަރުން ދޫކޮށްލިއެވެ. އަދި ދެލޯ ބޮޑުކޮށްގެން ބަލާން ފަށައިފިއެވެ. އޭރު އެ ކުޑަ ދަރިފުޅުގެ ހަށިގަނޑުން ގޮށް ނުކުންނަމުން ދަނީއެވެ.
ކުއްލިއަކަށް އޭނާގެ ހިތަށް އައީ ސަރުދާރުގެ ވާހަކައެވެ. އޭނާ އެތަން މިތަނުން ހިކި ދަރު އެއްކުރާން ފަށައިފިއެވެ. ޖިފުޓީގެ ކުރިމަތީގައި ކުޑަ ވަރެއްގެ ދަރުފުންޏެއް ޖެހިއްޖެއެވެ. ދަރުފުނީގައި ރޯކޮށްލުމަށްފަހު ރަނގަޅަށް އަނދައިގަންނާންދެން އޭނާ އިންތިޒާރު ކުރާންފެށިއެެވެ.
އަނެއްކާވެސް އޭނާ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. އެ ކުއްޖާފުޅުގެ ލޮލުން ބިރުވެރިކަން ފާޅުވޭވެ ހުއްޓެވެ. ބައްޕަ އުޅެނީ ތިމަންނާ އަންދައިލަންކަން އެނގެނީ ކަހަލައެވެ.
"ޝައިތާނާ..." އަނެއްކާވެސް އަންވަރަށް ކިޔައިލެވުނެވެ. އެއަށްފަހު އޭނާ އަނދައަނދައި ހުރި ދަރުފުންޏާ ދިމާއަށް ބަލައިލިއެވެ. ދަރުފުނި ރަނގަޅަށް އަނދައިގަންނާނީ އަދި އިރުކޮޅެއް ފަހުންނެވެ. އޭނާ އިންތިޒާރު ކުރަން ޖެހޭނީ ދެތިން މިނިޓު ވާންދެނެވެ.
ހަމަ އެންމެ ދެތިން މިނެޓެވެ.
(ނިމުނީ)
vrah tafAtu reethi shukuran