(22ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
" އަހަރެމެންގެ މިގުޅުމާއި މިއުފާވެރިކަމަކީ ނޫރުއަށް އަހަރެމެންދޭ ހަދިޔާއެއްނޫން ހެއްޔެވެ ؟ އެއަށްވުރެ އަގުބޮޑު ހަދިޔާއެއް ނޫރުއަށް ދެވޭނީ ކާކަށް ހެއްޔެވެ ؟ "
މުރުތަޟާ އެބުނީ ހަމަ ރަނގަޅަށެވެ. މުރުތަޟާ ބޭނުންވާ ހުރިހާ ގޮތެއްހަދަން އެއްބަސްވެފައި އޮއްވައި ، އޭނާ ދޫކޮށްލުމަށްފަހު ، ނޫރުގެ އެންމެ ގާތް ރަޙުމަތްތެރިޔާއާ ގުޅުމަކީ ، މުރުތަޟާއަށް ދެވޭނެ އެންމެ ބޮޑު އަދި އެންމެ އަގުހުރި ހަދިޔާއެވެ. އެއަށްވުރެ އަގުހުރި ހަދިޔާއެއް ، އެއްވެސްމީހަކަށް އޭނާއަކަށް ނުދެވޭނެއެވެ. ހިތަށް ލިބިފައިވާ ތަދާއެކުވެސް ، އެއްވެސް އިންސާނިއްޔަތުކަމެއްނެތް އިންސާނެއްގެ ކިބައިން ، އޭނާ ސަލާމަތްވީތީ ނޫރުގެ ހިތަށް ހަމަޖެހުން ލިބުނެވެ. މުރުތަޟާއާ ކައިވެނިކޮށްގެން އެގެޔަށް ދެވުނުނަމަ ، ޙަފުޞާމެންގެ ފަރާތުން އޭނާއަށް ކުރިމަތިވާނީ ކޮންފަދަ މުސީބާތެއްކަމެއްވެސް ނޭނގެއެވެ. ޠާހިރާއަކީވެސް ވަކި ، ޙަފުޞާއަށް ދޫކުރާނެމީހެއްނޫނެވެ. ފިރިމަރުވެ ، ހުވަފަތްވެފައި ހުރިނަމަވެސް ، ދުނިޔެއިން އެލިބުނު ތަޖުރިބާއިން ، އެހެންމީހެއްގެ މައްޗަށް ރަޙުމެއްކުރާކަށް ޠާހިރާއަކަށް ދަހެއްނުވިއެވެ. ކުރާނީ ކީއްހެއްޔެވެ ؟ އެއީ ޙަފުޞާގެ ތަރުބިއްޔަތެވެ. މުރުތަޟާއާ ވަކިވުމަކީ ، އޭނާގެ ނަސީބެވެ. އެ ވަގުތަށް އެއީ ، ތަކުލީފުން ފުރިގެންވާ ހިތްދަތިކަމެކެވެ. އެހެނަސް ، އޭގެ ފަހަތުގައި ކޮންމެވެސް ރަނގަޅެއް އޮންނާނެއެވެ. އުއްމީދުކުރަންވީ ، އެ ރަނގަޅަށެވެ. އިރާދަކުރެއްވިއްޔާ ، ފަހުން ރަނގަޅުވާނެއެވެ.
ތަހުނިޔާގެ ކައިވެނީގެ ރަސްމިއްޔާތުން ، އޭނާއަށްވެސް އަންގައިނުލާ ގެޔަށް އާދެވުނީތީ ، ނޫރު ކަންބޮޑުވިއެވެ. ރަސްމިއްޔާތަށްދިޔަ އެންމެންނެއް އެހާ އަވަހަކަށް އެތަނަކުން ނުނުކުންނާނެއެވެ. ގާތް އެތައްބަޔަކު އެތަނުގައި އެންމެ ފަހުވަގުތާ ހަމަޔަށްވެސް ތިބޭނެއެވެ. އެކަމަކު ، ނޫރު އެހެދީ ކިހިނެއް ހެއްޔެވެ ؟ ނުކުމެގެން އައިއިރު ، އެންމެ ދެރަވެގެން ތަހުނިޔާގާތުވެސް ބުނެނުލައެވެ. އެއީ ކޮންކަހަލަ ރަޙުމަތްތެރިކަމެއް ހެއްޔެވެ ؟ މުރުތަޟާއާއި ނޫރުއާ ދެމެދު އެ ހިނގައިދިޔައީ ވަކި ކަމެކެވެ. ނޫރުއާއި ތަހުނިޔާއާ ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ، ހަމަ އެއޮތްގޮތަށް އަދިވެސް އެބަ އޮތެވެ. އެކަން ނޫރުގެ ހަނދާނުން ކައްސައިލީ ކީއްވެގެން ހެއްޔެވެ ؟ އެއީ ނޫރުއަށް ކުރެވުނު އެންމެ ރަނގަޅުކަމެއް ނޫނެވެ. ނޫރުގެ ހިތް އޭނާއަށް ވިސްނައިދިނެވެ. ކޮޓަރިތެރެޔަށް ވަދެ ، ހެދުން ބަދަލުކޮށްލައި ، ރީތިވެލައިގެން އަލުން އެގެޔަށް ދިއުމަށް ނޫރުގެ ހިތް އޭނާއަށް ބާރުއެޅިއެވެ.
ރަސްމިއްޔާތަށްދިޔަ ، ގާތް ރަޙުމަތްތެރިން އަދިވެސް އެތަނުގައި އެބަތިއްބެވެ. އެ ރަސްމިއްޔާތުގެ އުފާވެރިކަން އިތުރަށް ފުރިހަމަކޮށްދިނުމަކީ ، އެމީހުންގެ އަމިއްލަ އުފަލެއްކަމަށް ދެކިގެންނެވެ. ނޫރުގެ ފަހަރި ، ރައިދާވެސް ރައްޓެހި ބަޔަކާއެކު އަނގަތަޅަން އިނެވެ.
އެތަނަށް ވަންނަންހުރި ބޮޑުދޮރުން ވަދެގެން އެއަންނަނީ ނޫރު ފިޔަވައި އެހެންމީހެއްނޫނެވެ. އޭނާހުރީ ކުރިން އައިއިރަށްވުރެ ބޮޑަށް ނަލަހެދި ، ރީތިވެގެންނެވެ. ނޫރު އައިގޮތަށް އައިސް ، ޙަފުޞާއާ ގާތަށް ޖެހިލައި ، ހިނިތުންވުމާއެކު ، ޙަފުޞާއަށް މަރުޙަބާ ކިޔައި ސަލާމް ކޮށްލިއެވެ. އޭރު ، ޙަފުޞާގެންދިޔައީ މެހެމާނުންގެ ތެރެއިން ބަޔަކާ ވާހަކަ ދައްކަމުންނެވެ. އޭނާ ބޭނުންވަނީ ، އެއްވެސް މީހެއްގެ ފަރާތުން އޭނާގެ ކުދިންނަށް ތަކުލީފެއް ނުޖެހި ، އެދެކުދިންނަށްވެސް ބާއްޖަވެރިކަމުން ފުރިގެންވާ އުފާވެރި ޙަޔާތެއް މިންވަރު ކުރެއްވުންކަމަށް ބުންޏެވެ. އެއަޑު ނޫރުއަށް އިވުނެވެ.
" އިރާދަކުރެއްވިއްޔާ ، އެއްވެސްމީހެއްގެ ފަރާތުން އެދެމީހުންނަށް ތަކުލީފެއް ނުލިބޭނެއެވެ. އެއްވެސް މީހެއްގެ އެސްފިންނާއެއް އެމީހުންނަކަށް ނުޖެހޭނެއެވެ. ބާއްޖަވެރިކަމުން ފުރިގެންވާ އުފާވެރި ދިރިއުޅުމެއް އެދެމީހުންނަށް މިންވަރު ކުރައްވާނެއެވެ. " ޙަފުޞާގެ ބަސްތަކަށް ނޫރު ހެޔޮދުޢާ ކުރިއެވެ. ނޫރުގެ އެ ހެޔޮދުއާގައި އާމީންކިޔައި ޙަފުޞާ ބައިވެރިވިއެވެ.
ޙަފުޞާ ބަލައިގެންހުރީ ، ނޫރު ގެޔަށްދިޔައީ ކަމަށެވެ. ވަޞީމެއްވެސް އަދި ހާރިސެއްވެސް އެތަނަކުން ނުފެނެއެވެ. އެދެމީހުންނާ ބެހޭގޮތުން ، ޙަފުޞާކުރި ސުއާލަށް ނޫރު ޖަވާބުދިނެވެ.
އެދެމީހުން އިރުކޮޅަކުން އަންނާނެކަމަށް ނޫރު ބުންޏެވެ. ނޫރު އެއައީވެސް ، އެމީހުން ލަސްވެގެން ، ޚަބަރުބަލައިލަން ގެޔަށްގޮސްފައިކަމަށް ބުނެ ، ކުޑަދޮގެއް ހަދައިލިއެވެ. މިއަދުގެ ރަސްމިއްޔާތަށް ނޫރު ލަސްވީ އޮފީހުން ލަހުން އާދެވުނީތީއެވެ. މިއަދަކީ ، އޭނާގެ ދިރިއުޅުމަށްވެސް އުފާވެރި ދުވަހެކެވެ. އޭނާގެ މުސާރަވެސް ބޮޑުވެ ، މަޤާމުގެ ދަރަޖަވެސް މިއަދު މަތިވިއެވެ. އެއީ ، އުފާވެރިކަމުގެ އިއްތިފާޤެކެވެ. އޭނާއަށް އެކަމަށް މަރުޙަބާއެއް ނުކިޔާނަންހޭ ބުނެ ، ނޫރުއަށް މަރުޙަބާކިޔުމަށް ޙަފުޞާއަށް މަޖުބޫރު ކުރުވިއެވެ. ހިނިތުންވެލުމާއެކު ، އިތުރު ކާމިޔާބީ މިންވަރުކުރައްވާށިއޭ ބުނެ ޙަފުޞާ ، ނޫރުއަށް މަރުޙަބާ ކިޔެވެ.
ދެވަނަފަހަރަށް ގޮސްވެސް ، ނޫރު ހުންނަންޖެހުނީ ވަރަށް އެކަނިވެރިކޮށެވެ. އޭނާއާ ބައިވެރިވާނެ އެއްވެސްމީހަކު ނެތެވެ. އެއްވެސްމީހަކު ، އޭނާއަކީ މީހެއްކަމަކަށް ނުދެކެއެވެ. ބަލައިލާފައި އޭނާއާ ދިމާއަށް ހީލާމީހަކުވެސް އެތާކު ނެތެވެ. އެހެނަސް ، އިރުއިރުކޮޅުން ، ތަހުނިޔާމެންނާ ދިމާއަށް ބަލައިލާ ނޫރުއަށް ހީލެވެއެވެ. އޭނާއަށް ކޮށްލެވެން އޮތްހާވެސް ކަމަކީ އެއީއެވެ. އެ އުފާވެރި މާޙައުލުން ލިބެންޖެހޭ އުފާވެރިކަން އެންމެ ފުރިހަމަގޮތުގައި އޭނާއަށް ނުލިބިގެން އެއުޅެނީ ކީއްވެގެންކަމެއް ނޭނގެއެވެ. އެއީ އެކަން ވާންވީ ގޮތެއްނޫނެވެ. މަޑުމަޑުން ހިނގާފައިގޮސް ، ތަހުނިޔާއަށް އަނެއްކާވެސް މަރުޙަބާ ކިޔައި އޭނާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ތަހުނިޔާގެ ކަނާތްފަރާތުގައިހުރި ސޯފާގައި ޖައްސައިލިއެވެ.
" ތަހުނިޔާ ހާދަ ލޯތްބެވެ. ކައިވެނީގެ ތި ހެދުމުގައި ، ތަހުނިޔާ އިންނައިރު ، ފެންނަ ކޮންމެމީހެއްގެ ހިތްވެސް ކަތިލެވިގެންދާނެއެވެ. " ވާހަކަ ނުދައްކައި ގަބުވެފައި ނީންނަންވެގެން ، ނޫރު ބުނެލިއެވެ.
ނޫރުއާ ދިމާއަށް ބަލައިލައި ތަހުނިޔާ ހީލިއެވެ. އަދި ، ނޫރުވެސް އެހާލޯބިކަމުގައި ބުނެ ، ނޫރުއަށް ތަޢުރީފު ކުރިއެވެ.
މުރުތަޟާއާ ދިމާއަށް އެއްޗެކޭ ނުބުނެ ، ނޫރުއަކަށް ނުއިނދެވުނެވެ. މުރުތަޟާއަށްވެސް މަރުޙަބާއޭ ބުނެ ، އޭނާއާ މުޚާތަބު ކުރިއެވެ. މުރުތަޟާ ، އިސްއުފުލައިލައި ނޫރުއާ ދިމާއަށް ބަލައިލިއެވެ. އަދި ބޯ ހަލުވައިލުމަށްފަހު ، ނޫރުއަށް ޝުކުރު އަދާކުރިއެވެ.
އެ ތިންމީހުންގެ މެދުގައި ދެއްކޭނެ މާގިނަ ވާހަކަތަކެއް ނުހުންނާނެކަން އެމީހުންނަށް އެނގެއެވެ. އެހެންކަމުން ، އަނެއްކާވެސް ވާހަކަ ދައްކަންފެށްޓީ ނޫރުއެވެ. އަހަރެންގެ ރަޙުމަތްތެރިޔާ ރަނގަޅަށް ބަލަހައްޓައިދެއްޗޭ ބުނެ ، މުރުތަޟާއާ ދިމާއަށް ހީލަމުންނެވެ. ތަހުނިޔާއަކީ ވަރަށް ނާޒުކު ކުއްޖެކެވެ. އެހެންކުދިންނާ ތަފާތުވާނެއެވެ. ތަހުނިޔާގެ އިޙްސާސްތައް އެއީ ކިޔަމަންތެރި އެއްޗެކެވެ. އޭނާއަށް އިޙްތިރާމްކުރުމާއެކު ، އެ އިޙްސާސްތަކަށް ވިސްނައިގެން ގެންގުޅެއްޗެވެ. ވާހަކަ ދައްކަމުން ދިޔައިރު ، ނޫރުއިނީ ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. މުރުތަޟާވެސް ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. އަދި ނޫރުއާ ދިމާއަށް އޭނާގެ މޫނު އަނބުރައިލަމުން ، އެކަމާ ނޫރު ނުވިސްނާށޭ ބުންޏެވެ. އަދި ، ތަހުނިޔާއަކީ މުރުތަޟާގެ ޒިންމާއެއްކަމަށް ބުނެ ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. މުރުތަޟާއަކީ ، ޒިންމާ އުފުއްލާނެ މީހެއްކަން ނޫރުއަށްވެސް އެނގެއެވެ. އެކަމުގައި ނޫރުގެ އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް ، ޒިންމާތައް އަދާކުރަމުންގޮސް ، ބައެއްފަހަރަށް ނުކިއްސަރު ފިޔަވަޅެއް އެޅިދާނެއެވެ. މުރުތަޟާއަކީ ، ކެތްތެރި އަދި ވިސްނުންތެރި މީހެކެވެ. އެކަން ނޫރުއަށް އޮތީ ވަރަށް ރަނގަޅަށް ސާފުވެފައެވެ. ކޮންމެ ކޮންމެ މީހަކީ ، މުރުތަޟާފަދައިން ކެތްތެރިވާން ދަސްވެފައި އޮންނަ މީހެއްނޫނެވެ. ނޫރު ވާހަކަ ދައްކަމުން ގެންދިޔައީ ، މުރުތަޟާގެ ލޮލާ އޭނާގެ ލޯ ސީދާކޮށްގެން އިނދެއެވެ.
ނޫރުގެ ބައްޕަ ، ވަޞީމުވެސް އެތަނަށްއައިސް ހުންނަތާ އެތައް އިރެއްވެއްޖެއެވެ. އޭނާއާ އަޅައިލާނެ މީހަކު ނެތެވެ. ފަހަރަކު ދިމާލަކަށް ބަލަމުންގޮސް ، ޙަފުޞާމެންތިބި މޭޒާދިމާއަށްވެސް ވަޞީމު ބަލައިލިއެވެ. އެމީހުންނަކަށްވެސް ވަޞީމެއް ނުފެނެއެވެ.
އެންމެފަހުން ، ޙަފުޞާއަށް ވަޞީމު އެކަނިހުއްޓައި ފެނުނެވެ. ވަޞީމު އެދިމާއަށް ބަލައިލާތޯ މަޑުކޮށްލަން ޙަފުޞާ ނިންމިއެވެ. އަދި އިރުއިރުކޮޅުން ވަޞީމާދިމާލަށް ބަލައިލައެވެ. ވަޞީމުގެ ނަސީބުކަމެއް ، ޙަފުޞާގެ ނަސީބުކަމެއް ނޭނގެއެވެ. ވަޞީމަށް ބަލައިލެވުނުތަނުން ، ޙަފުޞާއަށްވެސް ފެނިގެން ، އެމޭޒުދޮށަށް އައުމަށް ، ވަޞީމަށް ޢިޝާރާތް ކުރިއެވެ. ވަޞީމުވެސް މޭޒުދޮށަށްގޮސް އެއްމިނިޓަށް ޙަފުޞާއާ ވަކިން ވާހަކަ ދައްކައިލެވިދާނެތޯ ސުއާލުކުރިއެވެ. ޖެހިލުންވެފައި އިނދެގެން މަޑުމަޑުން ތެދުވެ ، ވަޞީމާއާއެކު ޙަފުޞާ ދުރަށްޖެހިލިއެވެ.
" ޙަފުޞައްތައާއި ޙަފުޞައްތަގެ ޢާއިލާއަށް އަދި ގެޔަށް ލިބިގެންދިޔަ މިއުފާވެރިކަމަށް މަރުޙަބާއެވެ ! އަހަރެމެންގެ މެދުގައި އޮތީ ލޯތްބާއި އިޙްތިރާމެވެ. އަދި ، އެކަން އޮންނަންޖެހޭނީވެސް އެގޮތުގައެވެ. އެއްވެސް ހިތްނުތަނަވަސްކަމެއް ދެޢާއިލާގެ މެދުގައި އޮވެގެން ނުވާނެއެވެ. މުރުތަޟާގެ ނަސީބުގައި ލިޔެވިފައި އޮތީ ތަހުނިޔާގެ ނަމެވެ. ނަސީބަށްފިލަން އެއްވެސްމީހަކަށް ކަމެއް ނުކުރެވޭނެއެވެ. " ވަޞީމުގެ ބަސްތަކުން ، ޙަފުޞާ ލަދުގަތެވެ.
ޢާންމުގޮތެއްގައި ޙަފުޞާއަކީ ، ވަޞީމުމެންގެ ގާތުގައި ލަދުގަންނަންޖެހޭނެ މީހެއްކަމަކަށް ، ޚުދު ޙަފުޞާވެސް ނުބަލައެވެ. އެއަށްވުރެ ، ޙަފުޞާމެންގެ ފަރާތުން ވަޞީމުމެންނަށް ލިބިފައިވާ ލާބައާއި މަންފާ ބޮޑެވެ. އެހެންނަމަވެސް ، ވަޞީމު އެދެއްކި ވާހަކަތަކުން ، ޙަފުޞާއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ. ވަޞީމުގެ ބަސްތަކަށް ލަދުވެތިކަމާއެކު ، ޙަފުޞާ ޝުކުރު އަދާކުރިއެވެ. މިރޭ ވަޞީމުގެ ފަރާތުން އެ ޢާއިލާއިން އެނިންމި ނިންމުމަކީ ، ޙަފުޞާވެސް އެންމެ އެދޭ ގޮތެވެ. ދެ ޢާއިލާގެ ދެމެދުގައި އުފެދިފައި އޮތް ދުރުކަން ނައްތާލައި ، ގާތްތިމާގެ ގުޅުން އިހުއޮތްގޮތަށް އޮތުމަކީ ޙަފުޞާގެވެސް އެދުމެވެ. މުރުތަޟާއާއި ތަހުނިޔާގެ ގުޅުމަށްވެސް އެއީ ވަރަށް މުހިންމު ކަމެކެވެ.
ގާތްތިމާގެ މީހެއްގެ ޙައިޞިއްޔަތުން ، ޙަފުޞާވެސް ވަޞީމަށް މަޝްވަރާއެއްދޭން ބޭނުންވިއެވެ. އެއީ ، ރަނގަޅު ޢާއިލާއެއްގެ ކުއްޖަކު ހޯދާފައި ނޫރުގެ ކައިވެނި އަވަސް ކުރުމެވެ. އެމީހުން ދިރިއުޅެމުންގެންދާ މާޙައުލުގައި އަދި މުޖުތަމަޢުގައި ކަންކަން ހިނގަމުންދަނީ ، އެމީހުންކަހަލަ މުސްކުޅިންނަށް ކަމުދާގޮތަކަށްނޫނެވެ. ނޫރުމެންނަކަށް އެކަންކަމެއް ނުވިސްނޭނެއެވެ. އެހެނަސް ، ވަޞީމަކީވެސް އަދި ޙަފުޞާއަކީވެސް ދުނިޔެ ދެކެފައިތިބި ދެމީހުންނެވެ. އެމީހުންގެ ދަރިންނަށް ، އެމީހުންނަށް ފެނުނު ދުނިޔެ ދެއްކުމަކީ ، އެމީހުންގެ މައްޗަށް އޮތް ވާޖިބެކެވެ. ޙަފުޞާގެ ހިތުގައި ނޫރުގެ މައްޗަކަށް ނަފުރަތެއް ނެތެވެ. އަދި އަމްދުން ، މިހާރުދެން އެފަދަ ކަމަކަށް ޖާގައެއްވެސް ނެތެވެ. މަންމައެއްގެ ޙައިޞިއްޔަތުން ، މުރުތަޟާއަށް ހަމަޖައްސައިދިނުމަށް ޙަފުޞާ އެންމެ ބޭނުންވާ ކަންކަން އެދަނީ ހަމަޖެހެމުންނެވެ. އަދިހަމަ އެފަދައިން ، އެ ރަސްމިއްޔާތަށް އައިސް ، ނޫރުވެސް ފާޅުކުރަމުން އެގެންދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ޙަފުޞާ ހިތްހަމަ ނުޖެހޭނެ އެއްވެސްކަމެއް ، ނޫރުގެ ފަރާތަކުން ނުފެނެއެވެ. އެއީ ޙަފުޞާއަށް ޤަބޫލުކުރަން އުނދަގޫވިކަމެއްނަމަވެސް ، އެކަން އޮތީ އެގޮތަށެވެ.
ޙަފުޞާ އެދިނީ ރަނގަޅު މަޝަވަރާއެއްކަމަށް ވަޞީމުވެސް އެއްބަސްވިއެވެ. އަދި ، ނޫރުއާ ވާހަކަ ދައްކައިގެން ، އެކަން ނޫރުއަށް ވިސްނައިދޭނެކަމަށް ޙަފުޞާއަށް ވަޢުދުވިއެވެ.
ޙަފުލާ ނިންމައިލުމުގެ ވަގުތު ޖެހިއްޖެއެވެ. މެހެމާނުން ދަމުންދަމުންގޮސް ، މިހާރުތިބީ ދެފަރާތުގެ ތިމާގެ މީނުންނާއި ގާތް ރައްޓެހިންނެވެ. ޙަފުޞާ އައިސް މުރުތަޟާއާއި ތަހުނިޔާމެންތިބި ތަނުގައި މަޑުކޮށްލިއެވެ. ފަހަތުގައި ޢާޞިމާއި ސާޖިދާ މަޑުކޮށްލައިގެން ތިއްބެވެ. ޙަފުސާ ، ރަސްމީގޮތުން ކުރަންޖެހޭކަމަކާ ކުރިމަތިލިއެވެ.
" ސާޖިދާއެވެ ! އަހަރެންގެ ޅީދަރިފުޅު ، ތަހުނިޔާ އަހަރެންނާއެކު ގެންދަން ހެއްޔެވެ ؟ " ޙަފުޞާ ސުއާލުކުރިއެވެ.
ސާޖިދާގެ ލޮލުން ކަރުނަ އައެވެ. އަދި ، ތަހުނިޔާއަކީ އޭނާ ޙަފުޞާއާ ޙަވާލުކުރާ އަމާނާތެއްކަމަށާއި ، އޭނާގެ ދަރިފުޅު ރަނގަޅަށް ބެލެހެއްޓުމަށް ޙަފުޞާގެ ކިބައިން އެދުނެވެ. އަދި ، ތަހުނިޔާއަށް އެނގިގެންނާއި ނޭނގިކުރެވޭ ކަންކަމަށް ، ދަރިއެއްކަމަށް ހިތައިގެން މަޢާފުކޮށްދިނުމަށް ޙަފުޞާގެ ކިބައިން އެދުނެވެ.
ތަހުނިޔާއަކީ މީގެފަހުން އޭނާގެ ދެވަނަ އަންހެންދަރިކަމަށާއި ، އެއްވެސްކަމަކާ ސާޖިދާމެން ކަންބޮޑުނުވުމަށް ޙަފުޞާ ބުންޏެވެ. ތަހުނިޔާ ބަލާނީ އޭނާގެ ޅީދަރިއެއްގެ ގޮތުގައި ނޫންކަމަށާއި ، އޭނާގެ އަމިއްލަ އުފަންދަރިއެއްގެ ގޮތުގައި ކަމަށްވެސް ޙަފުޞާ ވަޢުދުވިއެވެ. ޢާޞިފާއި ސާޖިދާއަށް ރޮވުނެވެ. ސާޖިދާއައިސް ، ތަހުނިޔާގެ އަތުގައި ހިފައި ، ޙަފުޞާގެ އަތުތެރެޔަށް ލައި ، އެތަނަށް އެއްވެތިބި އެންމެން ހެކިކޮށް އޭނާގެ އަމާނާތް ، ޙަފުޞާއާ ޙަވާލުކުރިއެވެ.
މުރުތަޟާއާ ދިމާއަށް ޙަފުޞާ ބަލައިލިއެވެ. އަދި މުރުތަޟާގެ އަތުގައި ހިފާލައި ބުންޏެވެ. މީގެ ފަހުން ، މުރުތަޟާގެ ލޯތްބާއި އަޅައިލުމާ އަދި އޯގާތެރިކަން ޚާއްޞަކުރަންޖެހޭނީ ތަހުނިޔާއަށެވެ. ތަހުނިޔާގެ ހިތް އާބާދު ވެއްޖެނަމަ ، މުރުތަޟާގެ ދިރިއުޅުން އާބާދުވާނެއެވެ. އެކަމަށް ވަޢުދުވުމުގެގޮތުން ، މުރުތަޟާ ބޯޖަހައިލިއެވެ. އަދި ، ތަހުނިޔާއާ ދިމާއަށް އޭނާގެ އަތްދިއްކޮށްލިއެވެ. ތަހުނިޔާއަށް ނޫރުއާ ދިމާއަށް ބަލައިލެވުނެވެ. ތުރުތުރު އަޅަމުން އަތްއުފުލާލައި ، މުރުތަޟާގެ އަތުގެ ތެރެޔަށް އޭނާގެ އަތްތިލަލިއެވެ. ނޫރުއަށް ، ކަޅިޖަހައިނުލާ އެތަން ބަލަހައްޓައިގެން ހުރެވުނެވެ. ވަޞީމުހުރީ ނޫރުއަށް ވާގޮތް ބަލަހައްޓައިގެން ، އެކަމަށް ސަމާލުވެގެންނެވެ. މުރުތަޟާ ، ތަހުނިޔާގެ އަތުގައި ހިފައިލައިގެން ހުރެ އެތަނުން ނުކުމެގެންދިޔައިރު ، އެންމެންވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ. ނޫރުވެސް ، އެމީހުންނާއެކު ދިޔައެވެ.
ވަކިހިސާބަކަށް އެމީހުންނަށް ދެވުނުތަނާ ، ވަޞީމު ނޫރުއާ ގާތަށްޖެހިލައި ، ނޫރުގެ ބޮލުގައި ފިރުމައިލިއެވެ. އަދި ނޫރުގެ މިސްރާބު ބަދަލުކޮށްލައި އެއްފަރާތަކަށް އަނބުރައިލިއެވެ. ބައްޕަ އެ ޢިޝާރާތްކުރީ ، އެމީހުންނާއެކީ ނޫރު ނުދިއުމަށްކަން ނޫރު ދެނެގަތެވެ. އަދި އެހުރިތަނުގައި އޭނާހުއްޓުނެވެ. (ނުނިމޭ)
ތަންކޮޅެއް އަވަހަށް އަޕްލޯޑްކޮށްލަ ދެއްވުން އެދެން.
ވަރަށް ވަރަށްވެސް ރީތި