ފަލްސަފާ (32)

(19ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކައިވެނީގެ ރަސްމިއްޔާތަށް އަންނަމުންދިޔަ މެހެމާނުންނަށް މަރުޙަބާ ކިޔުމަށްޓަކައި ، ސާޖިދާހުރީ ، ދޮރުމަތީގައި ކޮޅުމެތްކޮޅަށް ހިނިތުންވެގެންނެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ތަހުނިޔާއަކީ އެމީހުންގެ ހުރި ، ހަމައެކަނި ދަރިފުޅެވެ. އެ ކައިވެންޏާ ، ތަހުނިޔާ އެހާ ގަޔާނުވިނަމަވެސް ، އެއީ ސާޖިދާގެ ދެމަރިފިރިން ، އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ ދިރިއުޅުމަށް ކޮށައިދޭ މަގެކެވެ. ﷲ ގެ އިރާދަފުޅުން ، އެމީހުންނަށް އެލެއްވީ ، ހީވެސްނުކުރާފަދަ މަތިވެރި ނަސީބެކެވެ. މުރުތަޟާފަދަ ރަނގަޅު ފިރިހެނަކު ހޯދުމަކީ ، މިޒަމާނުގައި ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. ޙަފުޞާފަދަ ، ގޮތް އެނގޭ ، އަވަށްޓެރިއަކާ އެމީހުންގެ ދަރިފުޅު ޙަވާލުކުރެވޭތީ ހިތަށްލިބޭ ހަމަޖެހުންވެސް ވަކިކުޑައެއްނޫނެވެ. ޙަފުޞާމެންގެ ގެޔަކީ ، ތަހުނިޔާއަށް ކަމެއްދަމެއް ބޮޑުވިޔަސް ، ލަހެއްފަހެއްނެތި ، ދެތިން މިނިޓުން ދެވޭހާ ކައިރީގައިހުރި ގެޔެކެވެ. އެހުރިހާ ގޮތަކުން ބެލިނަމަވެސް ، އެއީ ، އެމީހުންގެ ދަރިފުޅަށް ލެއްވި ނަސީބެކެވެ. އަދި ސާޖިދާއާއި ޢާޞިފުގެ ހިތަށްލިބުނު އަރާމެކެވެ.

ސާޖިދާގޮސް ، ދޮރުމަތީ ހުއްޓުނުތަނާ ، ޕާޓީއަށް އަންނަމީހުން ޖަމާވާން ފަށައިފިއެވެ. ރައިދާއާއި ނޫރުވެސް ، ނަލަހެދިގެން އައެވެ. ސާޖިދާގޮސް ރައިދާއާ ސަލާޟްކޮށްލި ނަމަވެސް ، ނޫރުއަކަށް ސަމާލުކަމެއް ނުދެއެވެ. ވަށްކަޅިންވެސް ނޫރުއާ ދިމާއަކަށް ބަލައެއް ނުލައެވެ. ނޫރުމެންގެ ފަހަތުން އައި އެހެން ބަޔަކަށް ހިނިތުންވަމުން ، ސާޖިދާ މަސައްކަތްކުރީ އެތަނުން ދުރަށް ދިއުމަށެވެ. ކުޑައިރުކޮޅަކުން ، ޙަފުޞާމެންވެސް އަތުވެއްޖެ އެވެ. ޠާހިރާއާއި އަރުސަލާނާއެކު މުރުތަޟާވެސް އައެވެ. ނޫރުއަށް އެއްލުނު ކަޅިޔަކުން މުރުތަޟާ ފެނުނެވެ. ރަކި ހިނިތުންވުމެއްގައި މުރުތަޟާއާ ދިމާއަށް ބަލަހައްޓައިގެން ، ނޫރުއަށް އެތައް އިރަކު ހުރެވުނެވެ. މުރުތަޟާވެސްހުރީ ، ނޫރުއާ ދިމާއަށް ބަލަންފެށިގޮތަށް ކަޅިޖަހައިނުލާ ، ނޫރުގެ ލޮލަށް ބަލަހައްޓައިގެންނެވެ. އެދެމީހުންގެ ހިތުގައި އެވަގުތު އުފެދިފައި އެއޮތް އިޙްސާސްތައް ، އެއީ އެތަން ފެނުނު ކޮންމެ މީހަކަށްވެސް ސާފުކޮށް އެނގޭނެ އެއްޗެކެވެ.

އަރުސަލާންހުރީ މުރުތަޟާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މުރުތަޟާއަށް އެހުރެވުނު ޙާލަތު އިޙްސާސްކުރެވުނީ ، އަރުސަލާން އޭނާގެ އަތުގައި ހިފައި ތަޅުވައިލުމުންނެވެ. އަރުސަލާންއާ ދިމާއަށް ހީލުމަށްފަހު ، މުރުތަޟާ ވަދެގެން ދިޔައިރު ، ނޫރުއާ ދިމާއަށް ހިނިތުންވެސް ވެނުލައެވެ. އެހެނަސް ، މުރުތަޟާ ވަދެގެން އެދިޔައީ ، އޭނާގެ ލޮލުން ، އެތައް ވާހަކައެއް ނޫރުގާތު ބުނުމަށްފަހުގައެވެ. އެވާހަކަތައް ، ނޫރުއަށް ކިޔަން އެނގޭނެކަން މުރުތަޟާއަށް އެނގެއެވެ. ނޫރުހުރީ ، އެކަނިވެރިވެފައެވެ. އެ ރަސްމިއްޔާތަށް އައި މީހުން ، އެކަކު އަނެކަކާ ވާހަކަ ދައްކައި ހީ ސަމާސާ ކުރަމުންގެންދާއިރު ، ނޫރުއާ ވާހަކަ ދައްކައިލާނެ ހަމައެކަކުވެސް ނެތެވެ. ނޫރުހުރީ ، މަޑުމަޑުން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ރައިދާވެސް ، ނޫރު ދޫކޮށްލާފައި ދިޔަތަނެއް ނޭނގެއެވެ.

ފުންނޭވާއެއް ލުމަށްފަހު ، ނޫރުހަދަންވީގޮތެއް އޭނާ ނިންމިއެވެ. ވަކިމީހަކަށް ބެލުމެއް ނެތެވެ. އެދިޔަގޮތަށްގޮސް ، ގޭތެރެޔަށް ވަދެ ، ނޫރު ވަދެގެން އެދިޔައީ ތަހުނިޔާގެ ކޮޓަރިއަށެވެ. އޭނާއާ ދިމާއަށް އެއްވެސް މީހަކު ، އެއްވެސް އެއްޗެއް ބުނެފިނަމަ ، ރައްދުގައި ބުނާނެ އެއްޗަކަށް ނޫރުހުރީ ތައްޔާރު ވެގެންނެވެ.

އިރުކޮޅެއްނުވެ ، މަތީބުރިން ބޭރަށް ފޭބެންހުރި ސިޑިއަކުން އެފައިބަނީ ތަހުނިޔާއެވެ. ތަހުނިޔާހުރީ ، ކޮޅުނެތްކޮޅަށް ނަލަހެދިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ހިނިތުންވުމަށްޓަކައި އޭނާގެ ތުންފަތް ހަލުވައިލި ދުވަހެއްވެސް ހަނދާނެއް ނެތެވެ. ތަހުނިޔާގެ ކަނާތްފަރާތުގައި ހުރީ އޭނާގެ މަންމަ ސާޖިދާއެވެ. ވައަތް ފަރާތުގައި ތަހުނިޔާގެ އަތުގައި ހިފަހައްޓައިލައިގެން ހުރީ ނޫރު އެވެ. މަޑުމަޑުން ، ސިޑިން ފައިބައިގެން އައިސް ، ކައިވެނީގެ ރަސްމިއްޔާތު ބޭއްވޭ މޭޒުދޮށަށް އެމީހުން އައިސް މަޑުކޮށްލިއެވެ.

މުރުތަޟާއިނީ މާކުރިންއައިސް މޭޒުގެ އެއްފަރާތުގައިހުރި ގޮނޑީގައި އިށީނދެލައިގެންނެވެ. މޭޒުގެ އެފަރާތުގައި ދެން ބެހެއްޓިފައިހުރީ ތަހުނިޔާއަށް ހުރި ގޮނޑިއެވެ. މޭޒުގެ އަނެއްފަރާތް ޚާއްޞަކުރެވިފައިހުރީ ޢާޞިފަށާއި ސާޖިދާއަށެވެ. ޤާޒީ އިށީންނަން ޚާއްޞަކުރެވިފައިހުރީ ގޮނޑީގެ އެއްކޮޅުގައިހުރި ގޮނޑިއެވެ. ޤާޒީގެ ފަގަތުގައި ދެހެކިވެރިން އިށީނދެލައިގެން ތިއްބެވެ. ތަހުނިޔާ ގެންގޮސް ، އޭނާއަށް ޚާއްޞަކުރެވިފައިހުރި ގޮނޑީގައި ، މުރުތަޟާގާތުގައި ތަހުނިޔާ ބޭންދުވީ ނޫރުއެވެ. ތަހުނިޔާ ބޭންދުމަށްފަހު ، އެތަނުން ނޫރު ދުރަށް ޖެހިލިއެވެ.

ނޫރުހުރީ ހިނިތުންވެފައެވެ. ނޫރުގެ ހިތުގައި އެއްވެސްމިންވަރެއްގެ ހިތި އިޙުސާސެއް އޮތްކަމެއް ، އެއްވެސްމީހަކަށް ފާހަގައެއް ނުކުރެވެއެވެ. އެހާ އުފަލުން ހިނިތުންވެފައި ނޫރުހުރިތަން ފެނި ، އެކަމާ ސާޖިދާ ކަންބޮޑުވިއެވެ. އަދި ރައިދާއާ ގާތަށް ޖެހިލައި އެކަމާ ބެހޭގޮތުން ސުއާލުކޮށްލިއެވެ. ހަމަ އެހާބޮޑަށް ނޫރު އުފާވަނީ ހެއްޔެވެ ؟ ނުވަތަ އެއީ ދައްކާ ދަޅައެއް ހެއްޔެވެ ؟ ރައިދާވެސް ހުރީ އެކަމާމެދު ޙައިރާން ވެފައެވެ. ހިތަށް އެއްވެސް އެއްޗެއް އަރާކަމުގެ އެއްވެސް އަސަރެއް ނޫރުގެ މޫނުމަތިންނެއް ނުފެނެއެވެ. އެއީ ކިހާބޮޑު އަޖައިބެއް ހެއްޔެވެ ؟ ނޫރުގެ މޫނުމަތިން އެފެންނަ އުފާވެރިކަން އެއީ ، އެންމެންނަށްވެސް މައްސަލައެކެވެ. ތަހުނިޔާވެސް އިނީ ލަދުވެތިކަމެއްގެ އިޙްސާސެއްގެ ތެރެޔަށް ގެއްލިފައެވެ. ބޭ އިޚުތިޔާރުގައި ، އިރުއިރުކޮޅުން އޭނާއަށް ހީ ލެވެއެވެ. މުރުތަޟާގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. އޭނާއިނީ ،  އެއްވެސް މީހަކާ ދިމާއަށް ބަލައިލަން ނުކެރި އިސްޖަހައިގެންނެވެ. ނޫރުއާއި މުރުތަޟާގެ ގުޅުން ، އެ ޙަފުލާއަށް އައި ގިނަމީހުންނަށް އެނގޭނެއެވެ. ޚާއްޞަކޮށް އަންހެންވެރިންނަށް އެއީ އޮޅިފައި އޮންނާނެކަމެއްނޫނެވެ. މުރުތަޟާއާއި ނޫރު ރުޅިވިކަން ، ގިނަމީހުންނަކަށް ނުވެސް އެނގެއެވެ. ކަން އެހެން އޮއްވައި ކުއްލިޔަކަށް އެފެންނަނީ ، ނޫރުގެ އެންމެ ގާތް ރަޙުމަތްތެރިޔާ ، ތަހުނިޔާއާއި މުރުތަޟާގެ ކައިވެނި ކުރެވޭތަނެވެ. އެ މުނާސަބަތުގެ އުފާވެރިކަމާއެކުވެސް ، އެތަނަށް ގޮސްތިބި ގިނަބަޔެއްގެ ހިތުގައި ، ޖަވާބު ނުލިބޭ އެތައް ސުއާލެއް ފުނިޖެހިފައި ހުށްޓެވެ. އެކަމާބެހޭގޮތުން ސުއާލުކޮށްލާނެ ފުރުސަތުވެސް އެއިން މީހަކަށް ނުލިބެއެވެ.

ނޫރުގެ ހިތުގައި އެއޮތީ ކޮންއެއްޗެއްކަމެއް ޚުދު ރައިދާއަކަށްވެސް ނޭނގެއެވެ. ހިތާމަކުރަންޖެހޭފަދަ ވަގުތެއްގައި އެހާ އުފާވެރި ހިނިތުންވުމަކުން ، ނޫރުގެ މޫނުމަތި އުޖާލާވެފައިހުރިތަން ފެނުމުން ރައިދާވެސް ހުރީ ކޮސްވެފައެވެ. އެވަގުތަކީ ނޫރުގެ ހިތުގައި ވޭންއަޅައި ހިތްދަތިކަމުގެ އިޙްސާސުން ހިތުގައި ވޭންއަޅައި މޫނުމަތި މިލައިމޯޅިވާފަދަ ވަގުތެކެވެ. އެކަމަކު ، ނޫރުގެ މޫނުމަތިން އެފެންނަނީ އެއާ އިދިކޮޅަށެވެ. އެއްވެސް މިންވަރެއްގެ ކަންބޮޑުވުމެއް ނޫރުގެ މޫނުމައްޗަކުން ނުފެނެއެވެ. ޙާފުޞާއަށްވެސް ދޭތެރެ ދޭތެރެއިން ، ނޫރުއާ ދިމާއަށް ބަލައިލެވެއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ހުންނާނެއެވެ. އެހެން ހުރެފައި ކުރާނީ ކޮންފަދަކަމެއްކަމެއްވެސް ނޭނގެއެވެ. ނޫރުއަކީ ، ހިތަށް އަރައިފިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކުއްޖެކެވެ. ހިތަށްއެރި ކޮންމެ އެއްޗެއް ، ކޮންމެ މީހަކާ ދިމާއަށްވެސް ، ބުނާކަށް ފަހަކަށް ނުޖެހޭނެއެވެ. ތަނަށް ވެރިވެފައިއޮތް އުފާވެރިކަން ގެއްލުވައިލުމަކީ ނޫރުއަށް ދާދި ފަސޭހަ ކެމެކެވެ. ޙަފުޞާގެ ހިތަށް އެއެރި އެއްޗެހިތަކުން ، ނީނދެވިގެންގޮސް ޠާހިރާގެ އަތުގައި ހިފައި ބާރަށް ވިކައިގަނެވުނެވެ. ތާހިރާގެ އަތަށް ތަދުވެގެން ހަޅޭއްލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ.

ސާޖިދާވެސް ހުރީ ހަމައެފަދަ ޙާލަތެއްގައެވެ.

" އެއީ ، މުރުތަޟާއާއި ތަހުނިޔާއަށް ލިބިފައިވާ އުފާވެރިކަމަށް ކެތްނުކުރެވިގެން ނޫރުއަށް ވެފައިހުރި ގޮތެކެވެ. މިއުފާވެރި މާޙައުލު ، ޚަރާބުކޮށްނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. " ރައިދާއާ މުޚާތަބުކޮށް ސާޖިދާ ބުންޏެވެ.

ސާޖިދާގެ ވާހަކަ އިވުމާއެކު ، ޠާހިރާ ތެދުވެގެންގޮސް ސާޖިދާގެ ކޮނޑުގައި އަތްބާއްވާލައި ، ކަންބިޑުވާނެކަމެއްނެތޭ ބުންޏެވެ. އަދި އެމީހުން އެތާ ތިއްބާ އެކަހަލަ އެއްވެސްކަމެއް ކުރަން ނޫރުއަށް ފުރުސަތު ނުދޭނެކަމަށް ބުންޏެވެ. ރައިދާވެސް ޠާހިރާއާ އެއްބައިވެ ، ސާޖިދާގެ ކަންބޮޑުވުމުގައި ބައިވެރިވިއެވެ.

ނޫރުގެ ނަޒަރު އިރުއިރުކޮޅުން މުރުތަޟާއަށް އަމާޒު ކުރެވެއެވެ. މުރުތަޟާވެސް އިނީ ނޫރުއެކުރަނީކީއްކަން އެނގި ، ހަދާނެ ގޮތެއް ނޭނގިފައެވެ. އެހެނަސް ، އިސްއުފުލައި ، ނޫރުއާ ދިމާއަށް މުރުތަޟާ ބަލައެއް ނުލައެވެ. ރައިދާއާއި ޠާހިރާދިން ހިތްވަރުން ސާޖިދާގެ ހިތަށް ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް ، ސާޖިދާގެ ހިތަށް ލިބިފައިވާ ހާސްކަން ފިލައިދާގޮތެއް ނުވެއެވެ. އެހިތަށް ހަމަޖެހުމެއް ލިބޭނީ ، ނޫރުގެ ފަރާތުން އެއްވެސްކަމެއް މެދުވެރިނުވެ ، އެ ޙަފުލާ ނިމިގެން ދިޔައިރަކުންނެވެ.

ކައިވެނިކުރެވި ، ޝަރުޢީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ނިމިއްޖެއެވެ. ފަހަރަކު މީހަކު އައިސް މުރުތަޟާއާއި ތަހުނިޔާއަށް މަރުޙަބާކިޔައި ހެޔޮދުޢާކުރަމުން ގެންދިޔައެވެ. ފުރަތަމަވެސް ، މަރުޙަބާކީ ސާޖިދާއާއި ޢާޞިފާ ދެމަފިރިންނެވެ. އެއަށްފަހު ، ޙަފުޞާއާއި ޠާހިރާއެވެ. އަދި އެއަށްފަހު ، ރައިދާއެވެ. ނޫރުގެ ބައްޕަ ، ވަޞީމަކަށް އެ ރަސްމިއްޔާތަކަށް ނާދެވުނެވެ.

ތަހުނިޔާ ، ނޫރުއަށް ގޮވައިލިއެވެ. އަދި ނޫރު ، އެމީހުންނަށް މަރުޙަބާ ނުކިޔާނަންތޯ އެހިއެވެ. ނޫރު ، މަރުޙަބާ ނުކިޔާންވީ ކީއްވެގެން ހެއްޔެވެ ؟ އެއީ ނޫރުގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އެ ރަޙުމަތްތެރިޔާއަށް ލިބޭ އުފަލުގައި ބައިވެރިނުވާންވީ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ނޫރުގޮސް ، ތަހުނިޔާއާ ޖެހިގެން އިށީނދެލިއެވެ. އަދި މުރުތަޟާގެ އަތުގައި ހިފައި އޭނާއާ ކައިރިކޮށްލިއެވެ. އެވަގުތު ، ޙަފުޞާއާއި ސާޖިދާއަށް ވެގެންދިޔަގޮތް މީހަކަށް ފެނުނުނަމަ ، ދެލޯބޮޑުނުވެއެއް ނުހުންނާނެއެވެ. އެދެމީހުންގެ ދެލޮލަށްވުރެ އެހެންމީހުންގެ ދެލޯ ބޮޑުވާނެއެވެ. އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓާލައި އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަނެ ، ހަމަޖެހިލިއެވެ.

ނޫރު ، މުރުތަޟާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ، ތަހުނިޔާގެ އަތް ނެގިއެވެ. އަދި މުރުތަޟާގެ އަތުތެރެޔަށް ތަހުނިޔާގެ އަތްލައި ، އެމީހުންނާ ދިމާއަށް ހީލިއެވެ. އެއަތް ، އެކަކު އަނެކަކަށް ދޫކޮށްނުލުމަށް ނަސޭޙަތްތެރި ވިއެވެ.

" އަހަރެންގެ ހުރިހާ އެއްޗެއް ، މުރުތަޟާއާ މިއަދު މި ޙަވާލުކުރީއެވެ. މިއީ އަމާނާތެކެވެ. މުރުތަޟާގެ އަތުގައި އަހަރެންނަށް ދޭން އޮތީ ކޮންއެއްޗެއް ހެއްޔެވެ ؟ " މުރުތަޟާއާ ދިމާއަށް ނޫރުގެ އަތް ދިއްކޮށްލަމުން ، މުރުތަޟާއާ މުޚާތަބުކޮށް ނޫރު ބުންޏެވެ.

ތަހުނިޔާވެސް އިނީ މުރުތަޟާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ނޫރުގެ އަތަށް މުރުތަޟާ ލައިދޭނީ ކޮންއެއްޗެއްތޯ ބެލުމަށްޓަކައެވެ. މުރުތަޟާ ހިނިގަނޑެއް ޖަހައިލިއެވެ. އަދި ބުންޏެވެ.

" އަހަރެމެންގެ މިގުޅުމާއި މިއުފާވެރިކަމަކީ ނޫރުއަށް އަހަރެމެންދޭ ހަދިޔާއެއްނޫން ހެއްޔެވެ ؟ އެއަށްވުރެ ބޮޑު އުފަލެއް ނޫރުއަށް ދެވޭނީ ކާކަށް ހެއްޔެވެ ؟ " ނޫރުގެ ލޮލަށް ބަލަހައްޓައިގެން އިނދެ ، މުރުތަޟާ ބުންޏެވެ.

ތަހުނިޔާއިނީ ، ނޫރު ލަދުގަންނުވައިލުމަށްޓަކައި މުރުތަޟާ އެދިން ޖަވާބުން ހިތްހަމަ ނުޖެހިފައެވެ. މުރުތަޟާއާ ދިމާއަށް ތަހުނިޔާއަށް ބަލައި ލެވުނެވެ. މުރުތަޟާ ، ނޫރުއަށް އެދިން ޖަވާބަކީ ، ޙަފުޞާއާއި ސާޖިދާއަށް ވަރަށް ކަމުދާ ރައްދަކަށް ވިއެވެ. އެދެމީހުންގެ މޫނުމަތިންވެސް މަލާމާތުގެ ހިނިތުންވުމެއް ފާޅުވިއެވެ. ނޫރުގެ މޫނުމަތީ ތަފާލެއް ޖެހިފަދައެވެ. އެއީ ފަހަރެއްގައިވެސް ، އެތަނަށް އެއްވެތިބި އެންމެންގެ ކުރިމަތީގައި ، ނޫރުއާ މުޚާތަބުކޮށް ، މުރުތަޟާއަށް ދޭންކެރިދާނެ ޖަވާބެއްކަމަކަށް ނޫރުއަކަށް ހިއެއް ނުކުރެވެއެވެ. އެހެނަސް ، އެއީ މުރުތަޟާގެ ހިތުގައި ބިންވަޅު ނެގިފައިއޮތް ނޫރުގެ ލޯތްބެވެ. އެލޯބީގެ ހިތިކަން ހިތުގައި އޮތްގޮތަށް މުރުތަޟާގެ ދުލުން އެ ފާޅުކޮށްލެވުނީއެވެ.

މުރުތަޟާގެ ޖަވާބުން ، ނޫރުވެސް ލަދުގަތެވެ. އެހެނަސް އޭނާގެ ހިތަށްކުރި އަސަރުގެ މައްޗަށް ބާރުފޯރުވައި ، ގަދަކަމުން ހިނިތުން ވެލިއެވެ. އަދި ، ގަތްލަދުން އިތުރަށް އެތާނގައި އިންނަން ނުކެރިގެން ތެދުވެ ، ދުރަށް ޖެހިލިއެވެ. ނޫރުއަށް މުރުތަޟާ އެދިން ޖަވާބަކީ ، އެތާ އެއްވެފައިއޮތް އެންމެންގެ ކުރިމަތީގައި ނޫރު ލަދުގަންނުވައިލުމަށްޓަކައި ދިން ޖަވާބެއްކަން ތަހުނިޔާއަށް އެނގެއެވެ. އެހެނަސް ، އެވަގުތު އެކަމަށް އެއްޗެކޭ ބުނުމަކީ ، އެހާ މުނާސަބު ކަމެއްނޫންކަން ތަހުނިޔާ ދެނެގަތެވެ. ތަހުނިޔާއަށް ބުނެވޭ ބަހަކުން ، އެ އުފާވެރި މާޙައުލު ޚަރާބުވެގެން ހިނގައިދާނެއެވެ. އަދި އެވާހަކަ ، މުޅި ޢުމުރަށްވެސް އޭނާއާ ދިމާއަށް ގޮވޭނެއެވެ. ޙަފުޞާ އެވާހަކަ ނުގޮވިއްޔާ އޭނާގެ މަންމަ ، ސާޖިދާ ، ތަހުނިޔާއާ ދިމާއަށް އެވާހަކަ ގޮވާނެއެވެ. ދެމީހުންކުރެ އެކެއްގެ ކިބައިންވެސް އޭނާއަކަށް ސަލާމަތެއް ނޯންނާނެއެވެ.

ކައިވެނީގެ ރަސްމިއްޔާތު ނިމިގެން ، ކޮންމެވެސް ސަބަބަކާހުރެ ، ނުކައި އެތަނުން ނުކުތްމީހުންގެ ތެރޭގައި ނޫރުވެސް ހިމެނުނެވެ. ނޫރު އެގެޔަށްދިޔައީ ތައިދާއާ އެކީގައިކަމަށްވިޔަސް ، ރައިދާއަކަށް އޭނާއެއް ނުބަލައެވެ. އެހެން ނޫނަސް ،  ރައިދާ އެހާ އަވަހަކަށް ނުވެސް އަންނާނެއެވެ. ރައިދާއަކީ ، " ފައްކާ " ފަހަރިއެއްކަން ، ނޫރު ހަނދާން ބަހައްޓައެވެ.

ގެޔަށް އައިސް ، ބެލްކަނީތެރެޔަށް ނުކުމެ ނޫރުހުރީ ބޭރު މަގަށް ބަލަހައްޓައިގެންނެވެ. ތަހުނިޔާމެންގެއިން ނުކުމެގެންދާ މީހުން އޭނާއަށް ރީތިކޮށް ފެނެއެވެ. އެއެންމެންގެ ކުރިމަތީ ، މުރުތަޟާ އޭނާ ލަދުގަންނުވައިލިޔަސް ، ނޫރުއާ ދިމާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތު އެއިން އެކަކަށްވެސް ނުލިބެއެވެ. އެއަށްވުރެ ކުރިން އޭނާ އެތަނުން ނުކުތީއެވެ. ބޭރު ބަލަހައްޓައިގެން ހުރިއިރު ، ނޫރުގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައީ ، މުރުތަޟާގެ މަލާމާތުން ފުރިގެންވާ ޖަވާބެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.