ފަލްސަފާ (31)

(13 ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނޫރުއާއި ތަހުނިޔާ އާ ދެމީހުން ، ބާޒާރަށްގޮސް ، ތަހުނިޔާއަށް ހެދުމެއް ގަނެދޭން އެތައް އިރެއް ވަންދެން ، ހެދުންތައް ހާވަމުން ދިޔައިރުވެސް ، ނޫރުއަށް ކަމުދާ ހެދުމެއް ނުފެނުނެވެ. ތަހުނިޔާހުރީ ބަސްމަދުވެފައެވެ. އެއީ ނޫރުއަށް ކަމުދާ ކަމަކަށް ނުވިއެވެ. އަދި އެކަމާބެހޭގޮތުން ސުއާލު ނުކޮށެއްވެސް ނޫރުއަކަށް ނުހުރެވުނެވެ.

ތަހުނިޔާ ، ކަންބޮޑުވެފައި އެހުރީ ، ކައިވެންޏަށްފަހު ވާނެގޮތެއް ނޭނގޭތީއެވެ. އޭގެފަހުން ، އެދެރަޙުމަތްތެރިން ބައްދަލުވެލަން ފުރުޞަތެއް ލިބިދާނެކަމެއް ނޭނގެއެވެ. ނޫރު ދެކޭގޮތުގައި އެކަން އޮންނާނީ ތަހުނިޔާ ބޭނުންވާ ގޮތަކަށެވެ. އެކަހަލަ ކަންކަމުގައި ގޮތް ނިންމުމުގެ ޙައްޤު ، ތަހުނިޔާއަށް އޮންނަން ޖެހޭނެއެވެ. މީހަކާ އިނުމަކީ ، އެހެންމީހުންނާއެކުގައި އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމަށް އަސަރުކުރަންޖެހޭނެ ކަމެއްނޫނެވެ. ތަހުނިޔާ ބޭނުންކަމަށް ވަންޏާ ، ރަޙުމަތްތެރިންނާއެކު އޮންނަ ގުޅުން ތަހުނިޔާއަށް ދެމެހެއްޓޭނެއެވެ.

" ކައިވެންޏެއްކޮށްގެން ފިރިމީހާގެ ގެޔަށްދާއިރު ، ތަހުނިޔާގެ އަމިއްލަ ނަފުސުގެ ބޭނުންތަކާއި އަމިއްލަ ޙައްޤުތައް އެގެޔަށް ނުވައްދާށެވެ. އެއީ ، ފިރިމީހާގެ މީހުން ، ތަހުނިޔާއަށް ދޭނެ އެއްޗެއްނޫނެވެ. ތަހުނިޔާއަކީ ، އެމީހުން ބޭނުންވާގޮތަކަށް މޮޑޭ ފުށްގަނޑަކަށް ވެގެން ނުވާނެއެވެ. މުރުތަޟާގެ ކައިވެންޏަށް އެމީހުން ، ތަހުނިޔާ އިޚުތިޔާރުކުރީ ކީއްވެގެންކަމާމެދު ތަހުނިޔާ ވިސްނައިލިން ހެއްޔެވެ ؟ އެކަމާމެދު ، ތަހުނިޔާ ވިސްނައެއް ނުލަމެއް ނޫންހެއްޔެވެ ؟ އެމީހުން އެކަން އެކުރީ ، ތަހުނިޔާއަކީ ، އެމީހުން ބޭނުންވާހާ ގޮތަކަށް ، ބޭނުންގޮތެއް ހަދައިލެވޭނެ ކުއްޖެއްކަން އެމީހުންނަށް އެނގޭތީއެވެ. " ނޫރުގެ ވާހަކައިން ތަހުނިޔާގެ ކަންބޮޑުވުން އިތުރުވިއެވެ.

ތަހުނިޔާގެ ދިރިއުޅުމުގެ ބައިވެރިޔަކަށް ، މުރުތަޟާ އިޚުތިޔާރު އެކުރީ ، ނޫރު ދޫކޮށްލި މީހެކެވެ. ނޫރުއާ އެކީގައި އުޅެން އުނދަގޫވި މީހެކެވެ. އެއީ ތަހުނިޔާގެ ސިކުނޑީގައި ތެތްކަމެއް ނެތުމުގެ ސަބަބުން ، އޭނާއަށް ނިންމުނު ނިންމުމެކެވެ. އެކަން އެގޮތަށް ކުރެވުނުއިރު ، ތަހުނިޔާގެ ސިކުނޑި އެކަމަށް ހޭލައްވައެއް ނުދިނެވެ. އެކަމަށް ވިސްނައި ، ތަހުނިޔާ ބޭނުންވާގޮތަކަށް ނިންމުމުގެ އިޚުތިޔާރު ، އޭނާގެ އަމިއްލަ ނަފުސަކަށް ނުލިބެއެވެ. ކުރިމަތިވި މަޖުބޫރީ ޙާލަތަށް ، އޭނާގެ އަމިއްލަ ނަފުސަށް ފެންނަ އެންމެ ރަނގަޅުގޮތެއް ނިންމުމުގެ ފުރުޞަތެއް ނުލިބެއެވެ. އޭގެ ހުރިހާ ފައިދާއެއް ނަގާނީ ޙަފުޞައްތަމެންނެވެ. ހުރިހާ ތަކުލީފެއް ލިބޭނީ ޚުދު ، ތަހުނިޔާއަށެވެ.

" އަހަރެންގެ ޙަޔާތަކީ ކިހާ އުފާވެރި ޙަޔާތެއްކަން އެނގޭ ހެއްޔެވެ ؟ އަހަރެންނަކީ ، އަހަރެންގެ އަމިއްލަ ނަފުސަށް އިތުބާރުކުރަން އެނގޭ ، އެހެން މީހުން ބޭނުންހާގޮތެއް ހަދައިނުލެވޭ ، އަމިއްލަ ޙައްޤުތައް ކަށަވަރުކުރާ މީހަކީމެވެ. މީހަކު ބޭނުންވާހާގޮތަކަށް އަހަރެންގެ އަމިއްލަ ދިރިއުޅުން ބަދަލުކުރުމުގެ ހުއްދަ ، އެއްވެސްމީހަކަށް ނުދެމެވެ. އެއަށްވުރެ ބޮޑު ފަޚުރެއް ، އިންސާނަކަށް ލިބޭހެ ހެއްޔެވެ ؟ އަމިއްލަ މިނިވަންކަން ދެމެހެއްޓުމަށް ލިބޭ ފުރުޞަތަކީ ، އިންސާނާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އަހަރެންގެ ޙަޔާތުގެ ނިންމުންތައް ، އެހެންމީހުން ބޭނުންވާހާގޮތަކަށް ނިންމާކަށް ، އަހަރެން ހުއްދައެއް ނުދެމެވެ. އަހަރެންގެ ކަންކަން ނިންމާނީ އަހަރެންނަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށެވެ. އެހެންމީހުންނަށް ގޮތްކިޔައި ، ނަޞޭޙަތް ލައިދެވިދާނެއެވެ. އެމީހުންނަށް ފެންނަ ގޮތެއް ބުނެވިދާނެއެވެ. އެކަމަކު ، ވަކިކަމެއް ވަކިގޮތަކަށް ނިންމަން ، އެއްވެސްމީހަކަށް ، އަހަރެންގެ މައްޗަށް  މަޖުބޫރެއް ނުކުރެވޭނެއެވެ. އަހަރެންނަށް ރަނގަޅުވާނެގޮތް އެނގޭނީ އަހަރެންނަށެވެ. އެއީ އަހަރެންގެ އަމިއްލަ ޙަޔާތެވެ. އެޙަޔާތުގެ އުފަލާއި ތަކުލީފަކީ އަހަރެން ތަޙައްމަލުކުރަންޖެހޭ ، އަހަރެންގެ ޙައްޤެވެ. އަހަރެންގެ ތަކުލީފުތަކަށް އެހެންމީހުން ހޭނެއެވެ. އަހަރެންގެ އުފާތަކުގެ އިޙުސާސް އެހެންމީހުންނަކަށް ނުލިބޭނެއެވެ. އެއީ ދުނިޔެ ހިނގާ ގޮތެވެ. އެކަންކަމަކީ ، ތަހުނިޔާމެންނާ ބީރައްޓެހި ކަންކަމެވެ. އޭގެ ފައިދާ ނަގާނީ އެހެން މީހުންނެވެ. ހުރިހާ ތަކުލީފެއް އޮންނާނީ ތަހުނިޔާއަށެވެ. " ނޫރުގެ ވާހަކަތަކުން ، ތަހުނިޔާގެ ކަންބޮޑުވުން ހައްތާ ދިޔައީ ބޮޑުވަމުންނެވެ.

ތަހުނިޔާއަށް އެނިންމުނު ނިންމުމަކީ ، އެންމެ ރަނގަޅަށް އޭނާއަށް ނިންމުނު ނިންމުމެއްނޫންކަމުގެ އިޙުސާސް އޭނާއަށް ކުރެވުނެވެ. އެކަހަލަ ވާހަކަޔަކީ ، މަންމަމެން އޭނާއާ ދައްކާ ވާހަކައެއް ނޫނެވެ. ކިރިޔާވެސް އެކަހަލަ ވާހަކައެއް ދައްކައިލަނީ ނޫރުއެވެ. މަންމަމެންގެ ބޯދާ ވިސްނުމުގައި އެކަހަލަ އެއްވެސް ކަމެއް ނޯންނާނެއެވެ. ތަހުނިޔާއަކީ ، ރަނގަޅާއި ނުބައި ވަކިވާ ވަރަށް ކިޔަވައިގެންހުރި ، މިޒަމާނުގެ އަންހެން ކުއްޖެކެވެ. އެހެންނަމަވެސް ، މަންމަމެންގެ ހުންނަ ބޯދާވިސްނުމުގެ ތެރެއިން ނުކުންނާކަށް އޭނާއަކަށް ނޭނގުނެވެ. އެއީ މިޒަމާނަށް ނުފެތޭ ތަރުބިއްޔަތެއްކަން  ތަހުނިޔާއަކަށް އިޙުސާސެއް ނުކުރެވެއެވެ. އެފަދަ އިޙުސާސެއް ކުރެވޭނެ ފުރުޞަތެއްވެސް ، މަންމަމެން އޭނާއަކަށް ނުދެއެވެ. ނޫރުއާ އެކީ އޮންނަ ގުޅުމަށް ، މަންމަމެން ނަފުރަތުކުރަނީ އެ ސަބަބަށްޓަކައެވެ. މަންމަމެންގެ ބޯދާ ވިސްނުމުގެ ނާރެހުގެ ތެރެއިން ތަހުނިޔާއަށް ނުނުކުމެވިގެން އުޅެނީ ، ތަހުނިޔާއަށް އޭނާގެ އަމިއްލަ ޙައްޤުތަކާމެދު ވިސްނައި ނުލެވޭތީއެވެ. މަންމަމެން ބުނާގޮތަށް ، އޭނާގެ ހުރިހާކަމެއް ދޫކޮށްލާފައި ބޭއްވޭތީއެވެ. ކައިވެނީގެ ވާހަކަ ފެށުނީއްސުރެ ، ދިމާވަމުންދިޔަ ހުރިހާކަމެއްވެސް ދިޔައީ އެގޮތަށެވެ. ތަހުނިޔާ ބޭނުންވާ އެއްވެސްކަމެއް ، އޭނާ ބޭނުންވާގޮތަކަށް ހިނގައި ގޮސްފައެއް ނެތެވެ. ހުރިހާކަމެއް ހިނގައި ، ނިމިގޮސްފައިވަނީ ތަހުނިޔާ ބޭނުންވާގޮތާ ދިމާ އިދިކޮޅަށެވެ.

ނޫރުގެ ވާހަކަ ކުރިޔަށް ދިޔަދިޔަހެން ، ތަހުނިޔާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ނޫރު އެދައްކަނީ ހަމަ ރަނގަޅު ވާހަކައެވެ. އެއީ ، ތަހުނިޔާއަށްވެސް ކަންކުރެވޭ ގޮތެވެ. އޭނާގެ ޙާލުހުރި ގޮތެވެ. ތަހުނިޔާގެ ގައިން ދާހިއްލާގޮތް ވިއެވެ. ދެލޯ ބޮޑުވެ ، މީހާގެ ބަސް އެއްކޮށް ހުށްޓުނެވެ. ދިރިއުޅުމުގައި އޭނާއަށް އާދެވިފައިހުރި ހިސާބު ، ވަޒަން ކުރެވުނެވެ. އެއީ އޭނާއަށް ޙައްޤު މިންވަރުނޫންކަމުގައި ، އަމިއްލަ ނަފުސަށްވެސް ޤަބޫލު ކުރެވުނެވެ. އެހެނަސް ، މިހާރު އެވަނީ ވަގުތު ފާއިތު ވެފައެވެ.

" އަހަރެން ބޭނުންވާ ، އަހަރެންގެ ހިތްއެދޭމީހަކާ އިނދެވޭ ދުވަހަކީ ، އަހަރެންކުރާ އުއްމީދުތަކަށް ދިރުން ލިބިގެންދާނެ ދުވަހެވެ. މުރުތަޟާގެ އެއްވެސް މީހަކަށްވެސް ، އަހަރެންގެ އަމިއްލަ ގޭގެ އެއްވެސް މީހަކަށްވެސް ، އަހަރެންގެ ދިރިއުޅުމުގެ ކަންކަމާބެހުމުގެ ހުއްދައެއް ނުދެމެވެ. އެއީ އަހަރެންގެ ދިރިއުޅުމެވެ. އެކަން އޮންނަންވާނީ އެގޮތަށެވެ. " ނޫރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" ނޫރުއަކީ ނަސީބުގަދަ ކުއްޖެކެވެ. " ހާސްވެފައިހުރެ ، ތަހުނިޔާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ.

ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށްޓަކައި ، ތަހުނިޔާގެ ގޭތެރެ ޒީނަތްތެރި ކުރެވެމުން ދިޔައެވެ. އެކިމީހުން އެކި މަސައްކަތުގައި އަވަދިނެތި އުޅެމުން ގެންދެއެވެ. ސާޖިދާ އާއި ޢާޞިފުވެސް ، އެދެމީހުންގެ ހުރި ، ހަމައެކަނި ދަރިފުޅުގެ ކައިވެނީގެ އިންތިޒާމްތަކުގައި ހުރިހާވަގުތެއް ހުސްކޮށް ، އަވަދިނެތި އުޅެމުން ގެންދެއެވެ. ތަހުނިޔާ އިނީ ކޮޓަރިތެރޭ އިށީނދެލައިގެންނެވެ. ރަސްމިއްޔާތުގެ އެއްވެސްކަމެއްގައި އުޅޭހިތެއް އޭނާގެ ނެތެވެ. އެ ކައިވެންޏަކީ ، އޭނާއަށް އެހާ މުހިންމު ކަމެއްނޫނެވެ. އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައީ ނޫރުގެ ބަސްތަކެވެ.

" މިއީ ، އަހަރެމެންގެ އަމިއްލަ ދިރިއުޅުމެވެ. އެހެންމީހެއްގެ ޙައްޤެއްނޫނެވެ. އަހަރެމެންގެ ދިރިއުޅުން އޮންނަންޖެހޭނީ އަހަރެމެން ބޭނުންވާ ގޮތަކަށެވެ. އަމިއްލަ އިޚުތިޔާރާއި އަމިއްލަ ނަފުސަށް ލިބިގެންވާ ޙައްޤުގެ ބޭނުން ހިފައިގެންނޫނީ ، ދިރިއުޅުން ބާއްޖަވެރިއެއް ނުކުރެވޭނެއެވެ. އެހެންމީހުން މޮޑެން އޮންނަ ފުށްގަނޑަކަށް ، ތަހުނިޔާ ނުވާށެވެ. "

ޚިޔާލުތަކުގެ ތެރެޔަށް ގެއްލިފައި އިންދާ ، ސާޖިދާއައިސް ، ތަހުނިޔާއަށް ގޮވައިލިއެވެ. އަދި ، ފަހަން ދީފައިއޮތް ކައިވެނީގެ ހެދުން ނިންމައިގެން ، ފަހާމީހާ އަތުވެއްޖެ ވާހަކަ ބުންޏެވެ. ސާޖިދާގެ އަތުގައި އެ ހެދުން އޮތްތަން ތަހުނިޔާއަށް ފެނުނެވެ.

ސާޖިދާ އައިސް އޭނާގެ ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ބުންޏެވެ. އަހަރެންގެ ދަރިފުޅާއެވެ ! ތިއީ ، މިގޭގެ އަލިކަމެވެ. އަހަރެމެން ދެމަފިރިންގެ ހިތުގެ ވިންދެވެ. ގެޔަށް ލިބިފައިއޮތް އުފާވެރިކަމެވެ. މިއަދު ، އެދަނީ އެ ހިތްގައިމު އުފާވެރިކަން ، އެގެއިން ނުކުމެގެން އެހެން ދިމާލަކަށެވެ. މުޅި ގޭތެރެޔަށް ، ހަމަހިމޭންކަމާއި އެކަނިވެރިކަން ދޫކޮށްލަމުންނެވެ.

" ތިޔައީ މަންމަމެން އަމިއްލަޔަށް ލިބިގަތް ޙާލަތެއްނޫން ހެއްޔެވެ ؟ އަހަރެން ، އިތުރަށް އަދި ދުވަސްކޮޅަކު މަންމަމެންނާއެކު މިގޭގައި އުޅެލުމަށް ފުރުސަތުދިންނަމަ ކީއްހެއްޔެވެ ؟ އަހަރެންގެ ހަށިގަނޑުގައިވެސް ވަނީ ހިތެކެވެ. މަންމަމެންގެ އެދުމާ އެއްގޮތަށް ކިޔަމަންތެރިކަމާއެކު ، ޢަމަލުކުރަން އަހަރެން ހުރިއިރު ، އިތުރު ވަގުތުކޮޅެއް އަހަރެންނަށް ދިންނަމަ ކޮންފަދަ ހެއްޔެވެ ؟ ދިރިއުޅުމަކާމެދު ވިސްނައިލާނެ ކުޑަވެސް ފުރުސަތެއް އަހަރެންނަކަށް ނުލިބެއެވެ. ހުރިހާކަމެއް ނިމިގެންދަނީ މަންމަމެން ޖަހާ ހިސާބާ އެއްގޮތަށެވެ. އަހަރެންގެ ބަހެއް އަހަރެންގެ ޚިޔާލެއް ، އެއްވެސްކަމެއްގައި އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެވެއެވެ. އެކަން އެހެން އޮތްއިރު ، އަހަރެން މިގެއިން ގޮސްގެން މަންމަމެން ދެރަވާންޖެހޭ ސަބަބެއް ބުނެދީފާނަން ހެއްޔެވެ ؟ " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ދިރިއުޅުމުގެ ކަންކަން ސާޖިދާމެން ނިންމަމުން ގެންދިޔައީ ، ވަގުތާއި ޙާލާތަށް ބަލައިގެންނެވެ. ފުރުސަތަށް އިސްކަންދީގެންނެވެ. ދިރިއުޅުމުގައި ލިބޭ ފުރުސަތުގެ ބޭނުން ، އެ ފުރުސަތެއް ލިބޭވަގުތު ބޭނުންކުރަންވާނެއެވެ. ތަޤްދީރަކީ ތަދުބީރުގެ އަޅެއްނޫނެވެ. ކިތަންމެ ތަދުބީރެއްކުރިޔަސް ، ތަޤްދީރު އެއަށް ބަދަލުގެންނާނެއެވެ. އެއީ އިންސާނާއަށް އެނގިގެންވާ އެއްޗެއްނޫނެވެ. ތަޤްދީރުގައި ރޭވި ޣައިބުގައި ފޮރުވިފައިވާ ކަންކަމަކީ ، އެއްވެސްމީހަކަށް އެނގޭނެ ކަންކަމެއްނޫނެވެ. ދިރިއުޅުމުގައި ލިބޭ ފުރުސަތުގެ ބޭނުން ، ވަގުތު ފާއިތު ނުވަނިސް ހިފަންޖެހެނީ އެސަބަބަށް ޓަކައެވެ. ދިރިއުޅުމުގައި ފަހިވެގެން އަންނަ ފުރުސަތަކީ ، ބޭނުންއިރަކުން ބޭނުންކުރަން އޮންނާނެ އެއްޗެއްނޫނެވެ. ފުރުސަތުގެ ބޭނުން ނުހިފައިފިއްޔާ ފަހުން ދެރަވާން ޖެހޭފަދަ ޙާލަތެއް އަތުވެދާނެއެވެ.

މައިންބަފައިންނާ ދުރަށް ، ދަރިން ފޮނުވައިލުމަކީ މައިންބަފައިންނަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެނަސް ، އެއީ ކުރަން މަޖުބޫރުވާ ކަމެކެވެ. މަޖުބޫރީ އެޙާލަތުގައިވެސް ، އެކަން އުފަލުންތިބެ ކުރުމަކީ ، އިތުރު ތަސައްލީއެއް ހިތަށް ލިބިގެންދާނެ ކަމެކެވެ. މައިންބަފައިންގެ މޫނުމަތިން ، ދަރިންގެ ކައިވެނީގެ ދުވަހު ފެންނަ އުފާވެރިކަމުގެ އަސްލަކީ އެއީއެވެ. ދެރަނުވާތީއެއް ނޫނެވެ. އެދެރައިގެ ފަހަތުގައި ، ދަރިފުޅުގެ އުޖާލާ މުސްތަޤްބަލް ކުރެހިފައި އޮންނާތީއެވެ. އަންހެނުންގެ ދިރިއުޅުމަކީ ، ފަސޭހަ ދިރިއުޅުމެއްނޫނެވެ. ދިރިއުޅުމުގައި ، އަންހެނުންނަށް އޮންނަ އުނދަގުލާއި ތަކުލީފަކީ ، އެކަމާ ކުރިމަތިލީމަ އިޙުސާސްވާނެ ކަންކަމެވެ. އޭގެކުރިޔަކުން ، އެއިން އެއްވެސްކަމެއްގެ އިޙުސާސެއް ނުކުރެވޭނެއެވެ.

" ދަރިފުޅުގެ މައިންބަފައިން ، އެއްވެސް ސަބަބަކާނުލައި ، މިގެއިން ދަރިފުޅު ފޮނުވައިލާނެ ހެއްޔެވެ ؟ " ސާޖިދާ އޭނާގެ ދަރިފުޅާ ސުއާލު ކުރިއެވެ.

ތަހުނިޔާއަކަށް ، އެއްވެސް އެއްޗެއް ނޭނގެއެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ ، އޭނާގެ އަމިއްލަ އިޚުތިޔާރާއި ޙައްޤުތައް ނުލިބޭގޮތަށް ، ކަނުއަނދިރީގައި ، ކަށިކުނބުރު ބޯ ޖަންގައްޔަކަށް އޭނާ އެއްލައިލެވެމުންދާކަމެވެ. ކައިވެނީގެ އުފާވެރިކަން ، ތަހުނިޔާގެ ހިތުގައި އޮތީ އެގޮތަށެވެ. ދިމާ އިދިކޮޅަށެވެ.

ތަހުނިޔާގެ ހިތުގައިވާ އުދާސްކަން ފެނި ، ސާޖިދާ އޭނާގެ ދަރިފުޅަށް ނަޞޭޙަތްދިނެވެ. ކުޑަދޮރުން ބޭރުބަލައިލާ ، ތަނަވަސް ވެގެންވާ އިރުގެ އަލިކަމުން އުޖާލާވެފައިވާ ދުނިޔެއަށް ބަލައިލުމަށް ، އޭނާގެ ދަރިފުޅުގެ ކިބައިން އެދުނެވެ. އަދި ، އެ އަލިކަމުން މުސްތަޤްބަލް ކުރަހައިގެން އުފާވެރިކަން ލިބިގަތުމަށް އެދުނެވެ. ލޮލުކޮޅަށް ފެންނަ އުދަރެހާއި ، އުހަށްގޮސް އޮބާލާފައިވާ އުޑާ ދެމެދުގައިވާ ތަނަވަސްކަމުން ، ހިތްއުފާވާފަދަ އުފާވެރިކަމެއް ހޯދައިގެން ދިރިއުޅުން ބާއްޖަވެރި ކުރުމަށް އޭނާގެ ދަރިފުޅަށް ނަސޭޙަތްތެރި ވިއެވެ. ދުނިޔެއަކީ ، ދުނިޔެއިން ލިބެންހުރި ފުރުސަތާއި ނަޞީބާ އަދި ހާއުހާވެރިކަމާއެކު ،  އިންސާނާއަށް ﷲ ލައްވާފައިވާ ނިޢުމަތެކެވެ. އެ ނިޢުމަތަކީ ، އެހޯދަން އެނގޭ ކޮންމެ އިންސާނަކަށްވެސް ޙައްޤު އެއްޗެކެވެ. އެ ނިޢުމަތް ހޯދަން އެނގޭނީ އެކަމަށް މަސައްކަތް ކޮށްގެންނެވެ. ދުނިޔެއާ ކުރިމަތިލައި ، އެ ދުނިޔޭގައި ހުރި ތަކުލީފުތައް އުފުއްލައިގެންނެވެ.

ސާޖިދާއަށް ،  އޭނާގެ ދަރިފުޅަށް ނަސޭޙަތްދިނުމަށް އެހާގިނަ ވަގުތެއް މިއަދަކު ނެތެވެ. މެހެމާނުން އަންނަގަޑި މިހާރު ޖެހިއްޖެއެވެ. ތަހުނިޔާގެ ނިތްކުރީ ބޮސްދިނުމަށްފަހު ، ތައްޔާރުވެލައިގެން ތިރިޔަށް އަންނާށޭ ބުނަމުން ، ސާޖިދާ ދިޔައީ މެހެމާނުންނަށް މަރުޙަބާ ކިޔުމަށްޓަކައި ދޮރުކައިރިއަށެވެ.

ތަހުނިޔާ ، އޭނާގެ ބޮލުތެރޭގައިވާ ހާސްކަން ފިލުވައިލެވޭނެގޮތަކާމެދު ވިސްނަން ބޭނުންވިޔަސް ، އޭނާއަކަށްވެސް އެކަމަށް ފުރުސަތެއް ނެތެވެ. ވަގުތު ކުޑަތަންވަނީއެވެ. ކައިވެނީގެ ރަސްމިއްޔާތު އޮތީ ހަވީރު 4 ޖަހާއިރަށް ތާވަލު ކުރެވިފައެވެ. އެއްވެސްކަމަކާމެދު އިތުރަށް ވިސްނައިލާނެ ފުރުސަތެއް ނެތެވެ.

ނޫރު ، އޮފީހުގައި އުޅެފައި ، ތަންކޮޅެއް އަވަހަށް ގެޔަށް އައީ ، ތަހުނިޔާގެ ކައިވެނީގެ ރަސްމިއްޔާތަށް ދާންވެގެންނެވެ. އާދެވުނީވެސް 4 ޖަހަން ބައިގަޑިއިރަށްވީފަހުންނެވެ. ބައްދަލުވުންތަކުގެ އިތުރަށް މަސައްކަތް ދޫކޮށްލާފައި ، އަވަސް އަރުވާލައިގެން އޮފީހުން ނުކުމެގެން އަންނާކަށް ނޫރު ބޭނުމެއް ނުވާނެއެވެ. ރައިދާހުރީ ، ނޫރު އައިލެއް ލަސްވެގެން ކަންބޮޑުވެފައެވެ. ނޫރު އެހާލަހުން އައުމުން ، ރައިދާ ޝަކުވާ ކޮށްގަތެވެ. އެ ހިސާބުގައި ކައިވެންޏެއް ނުކުރެވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ހުރިހާ އަވަށްޓެރިންވެސް ތިބީ ، އުފަލުންގޮސް އަވަދިވެފައެވެ.

ކޮފީތަށްޓެއް ހަދައިދޭން ރައިދާގާތު ބުނެ ، ތައްޔާރުވެލަން ނޫރު ، އޭނާގެ ކޮޓަރިޔަށް ވަނެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.