ފަލްސަފާ (28)

(29 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތަހުނިޔާއަށް ވަޒީފާ ހަމަޖެހުނު އޮފީހަށް ގޮސް އައިސް ގެޔަށް ވަންނަމުން ތަހުނިޔާ ، ނޫރުއަށް ފޯނުކުރިއެވެ. ތަހުނިޔާގެ ކައިވެނީގެ ވާހަކަ ދެއްކުމުން ، ވަޒީފާ ދިނުމަށް އޮފީހުން އިންކާރުކުރިވާހަކަ ނޫރުގާތު ބުންޏެވެ. އެއީ ، ނޫރުވެސް ކަންބޮޑުވި ކަމެކެވެ. އެކަމަކު ، ތަހުނިޔާގެ ކައިވެންޏާ ވަޒީފާއާ އޮތްގުޅުމެއް ނޫރުއަކަށްވެސް އަދި ތަހުނިޔާއަކަށްވެސް ނުވިސްނުނެވެ. މީހަކާ އިނުމަކީ ، ވަޒީފާއެއް އަދާނުކުރެވޭނެ ސަބަބެއްނޫނެވެ. އެއޮފީހުގައިވެސް ، މީހުންނާ އިނދެގެންއުޅޭ އެތައް އަންހެންކުދިންނެއް އުޅޭނެއެވެ. ތަހުނިޔާއަށް އެފުރުޞަތު ގެއްލެންވީ ކީއްވެ ހެއްޔެވެ ؟

މިވަގުތަށް އެމީހުން ބޭނުންވަނީ މީހުންނާ ނީނދެ ހުސްހަށިބަޔަށްތިބޭ ކުދިންނެވެ. އަދި ގޭގެ އެއްވެސް ޒިންމާއެއްވެސް ނެތް ކުދިންނެވެ. ނޫރުއަށް އެމީހުންގެ ވިސްނުން ގޯހެއް ނޫނެވެ. ކައިވެނިކޮށްގެން އުޅޭ ގެވެހި އަންހެންކުދިންނަށް ވަޒީފާއަށް ސަމާލުކަން ދިނުމަށް އޮންނާނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ހުރިހާ މަސައްކަތެއްވެސް ކުރަން ޖެހޭނީ އޮފީހުގައެވެ. ނުނިމި އޮންނަ މަސައްކަތެއް ހިފައިގެން ގެޔަށް ދިޔަޔަސް ، ގޭގައި ކުރަން ހުންނަ މަސައްކަތް ގިނަކަމުން ، އޮފީސް މަސައްކަތް ނިންމާލަން ވަގުތެއް ނުލިބޭނެއެވެ. ފިރިހެންކުދިންނާ އެއްފެނަވަރެއްގައި މިޤައުމުގައި އަންހެންކުދިންނަށް މަސައްކަތް ނުކުރެވޭނެކަމަށް ، ފިރިހެނުން ވަކާލާތު ކުރާ ސަބަބަކީ އެއީކަން ތަހުނިޔާއަށް ، ނޫރު ވިސްނައިދިނެވެ.

ގޭގެ ހުރިހާ ޒިންމާއެއް އުފުއްލަންޖެހޭނީ އަންހެންކުދިންނަށެވެ. ގެއިން ބޭރުގައި އެއްވެސް މަސްއޫލިއްޔަތެއް އަދާކުރުމަށް އަންހެންކުދިންނަކަށް ފުރުޞަތެއް ނުލިބޭނެއެވެ. ގޭގައި އުޅޭ އެހެން މީހުންވެސް ، އެކުދިންނަށް އެ ފުރުޞަތު ހޯދައިދޭކަށް ނުވިސްނާނެއެވެ. އެހެންވީމާ ދެކޮޅަށް ދުއްވާ ސަވާރީއަކަށް އެކަކަށް އެރޭނީ ކިހިނެއް ހެއްޔެވެ ؟

ތަހުނިޔާއަށް ރަނގަޅު އެހެންގޮތްތަކެއް އޮތީކަމަށާއި އެކަމާ އެހާ ކަންބޮޑުނުވުމަށް ނޫރު ބުންޏެވެ. މުރުތަޟާމެންގެ ޢާއިލާގެ ބަހަށް ހެއްލި އެމީހުންގެ އަވާގައި ތަހުނިޔާގެ މަންމައާއި ބައްޕަ ޖެހުނީތީ ނޫރު ކަންބޮޑުވިއެވެ. އަދި ، ވަޒީފާއަކާ ބެހޭގޮތުން ، ކޮންމެވެސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދޭނެކަމަށް ނޫރު ބުންޏެވެ. ހަފުޞާމެންގެއިން ތަހުނިޔާއަށް ކުރިމަތިވެދާނެ ޒިންމާތަކަށް ސަމާލުވުމަށް ތަހުނިޔާއަށް ، ނޫރު ނަޞޭޙަތްތެރިވިއެވެ. ޙަފުޞާ އާއި ޠާހިރާގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ނޫރުއަށެވެ. އަދި އެމީހުން މިހާރު އެހޭދަކުރާ ޢުމުރަކީ ، އެމީހުންގެ ހަރުދަނާކަން ދުނިޔެއަށް ދައްކަންޖެހޭ ދުވަސްކަމުގައި ބުންޏެވެ. އެހެންމީހުން ރުއްސަން އުޅެންހަދައިގެން ، ތިމާގެ އަމިއްލަ ތަޞައްވުރު ޚަރާބުވެގެން ހިނގައިދާނެއެވެ.

ތަހުނިޔާއާއި ނޫރުގެ ވާހަކަ އިތުރަކަށް ކުރިޔަކަށް ނުގެންދެވުނެވެ. ރޭގަނޑު ދެމީހުންއެކުގައި ކާން ތަނަކަށް ދިއުމަށް ނޫރު ، ތަހުނިޔާއަށް ދަޢުވަތު ދިނެވެ. ތަހުނިޔާގެ ކައިވެނި ވުމަށްފަހު ، އެދެމީހުން އެކުގައި ތަނަކަށް ދާނެ ފުރުޞަތު ލިބޭނެކަމެއް ނޭނގެއެވެ. ނޫރުގެ ދަޢުވަތަށް ތަހުނިޔާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ބޭރުދޮރުގެ ރަނގަބީލު ޖެހުނެވެ.

ފަހަރެއްގައި އެއައީ ޠާހިރާއޭ ބުނެ ، ނޫރުގާތު ފަހުންވާހަކަ ދައްކާނަމޭ ބުނަމުން ތަހުނިޔާ ފޯނު ކަނޑައިލިއެވެ. ނޫރުއާއެކު ރޭގަނޑުގެ ކެއުމަށް ދިއުމާމެދު ވަކި އެއްޗެކޭ ނުބުނެ ، ޠާހިރާ އައިމަ ، ތަހުނިޔާ އޭނާގެ ފޯނު ކަނޑައިލުމުން ، ނޫރުގެ ހިތަށް އުނދަގޫވިއެވެ. ނޫރުއާއި މުރުތަޟާގެ ގުޅުމަށް ހުރަސްއެޅުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެކަކީ ޠާހިރާއެވެ. މުރުތަޟާގެ ހިތަށް އުނދަގޫވާނެހާ ގޮތްގޮތަށް ނޫރުއާބެހޭގޮތުން ، ހަދަހަދައިގެން ވާހަކަ ދެއްކުމަކީ ޠާހިރާގެ އާދައެއްކަމަށް ނޫރުއަށް އޮތީ ފާހަގަ ކުރެވިފައެވެ.

ތަހުނިޔާއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެގެޔަށް އެއައީ ޠާޙިރާއެވެ. ޠާހިރާ ގޮވައިގެން އައިސް ގެޔަށް ވަންނަމުން ، މަންމަމެން ގޭގައި ނޫޅޭކަމަށް ތަހުނިޔާ ބުންޏެވެ. ޠާހިރާ އެއައީ ސާޖިދާއާ ވާހަކަ ދައްކާކަށް ނޫނެވެ. ޠާހިރާ އެގެޔަށް އެއައީ ، ފޯނުން ސާޖިދާއާ ވާހަކަ ދައްކާފައެވެ. ޠާހިރާ އެއައީ ، ތަހުނިޔާއާ ވާހަކަ ދައްކައިލާށެވެ. ޠާހިރާ ، ތަހުނިޔާއަށް ގޮވައިލިއެވެ. އަދި ، މިހާރުވެސް ތަހުނިޔާ ، ނޫރުއާ ވާހަކަ ދައްކަންތޯ ސުއާލުކުރިއެވެ.

ޠާހިރާގެ އެ ސުއާލަށް އާނއެކޭ ބުނެ ތަހުނިޔާ ޖަވާބު ދިނެވެ. އަދި ، އެކަމަށް ޠާހިރާމެން އިޢުތިރާޒް ކުރަނީތޯ ސުއާލު ކުރިއެވެ. ތަހުނިޔާއާއި ނޫރުގެ ރަޙުމަތްތެރިކަން ، ޠާހިރާމެންނަށް މައްސަލަޔަކަށްވަނީތޯ އެހިއެވެ. ތަހުނިޔާ ، ނޫރުއާ ވާހަކަ ދެއްކުމަކީ ، ޠާހިރާމެންނަށް މައްސަލަޔަކަށް ވާންވީ އެއްވެސް ސަބަބެއް ، ތަހުނިޔާއަކަށް ނުވިސްނެއެވެ.

އެމީހުންގެ ރަޙުމަތްތެރިކަމަކީވެސް އަދި އެދެމީހުން ވާހަކަދެއްކުމަކީވެސް ، ޠާހިރާމެންނަށް މައްސަލައެއް ނޫނެވެ. ކުޑަދުވަހުއްސުރެ ނޫރުއާއި ތަހުނިޔާއާ ދެމެދުގައި އޮތް ގުޅުމަށް ޝައްކުކުރަން ، ޠާހިރާއެއީ ކާކު ހެއްޔެވެ ؟ އެއީ ، ޠާހިރާ އެއްވެސް ގޮތަކަށް ހިތަށްވެސް އެރިކަމެއްނޫނެވެ. ޠާހިރާ އެގެޔަށް އެއައީ އެވާހަކަ ދައްކާކަށް ނޫނެވެ. އެހެންކަމެއްގައެވެ. ޠާހިރާ މިއަދު އެގެޔަށް އެއައީ ތަހުނިޔާގެ ވާންއުޅޭ ފަހަރިއެއްގެ ގޮތުގައެއްނޫނެވެ. ތަހުނިޔާގެ ދައްތައެއްގެ ގޮތުގައެވެ. ދައްތައެއްގެ ޙައިޞިއްޔަތުން ޔަހުނިޔާއާ ވާހަކަ ދައްކައިލާށެވެ. ތަހުނިޔާ އެހުރީ ، އަމިއްލަ ދިރިއުޅުމެއްފަށަން ތައްޔާރުވެފައެވެ. މާގިނަ ދުވަހެއްނުވެ ، ތަހުނިޔާގެ ކައިވެނި ކުރެވޭނެއެވެ. ކައިވެންޏެއްގެ އުފާވެރި ދިރިއުޅުމެއްގެ ފެށުމަކީ ، އަންހެންކުއްޖަކަށް ކުރިމަތިވާނެ ނާޒުކު ޙާލަތެކެވެ. އެޙާލަތު އުފާވެރިވެސް ވެދާނެއެވެ. އަދި ހިތްދަތިވެފައި އުނދަގޫވެސް ވެދާނެއެވެ. ކައިވެންޏަކަށްފަހު ފެށޭ ދިރިއުޅުމުގައި އެކުގައި ދިރިއުޅޭ މީހުންގެ މިސާލަކީ ، ތެޔޮއަޅައިގެން ދިއްލާ ފުޅިބައްތިއެއްގެ މިސާލެވެ. އެފުޅިޔަށް ތެޔޮ ނާޅަންޏާ ހުޅުކޮޅު ނިވިގެން ދާނެއެވެ. ކައިވެނީގެ ދިރިއުޅުމުގައި ، އެފުޅިބައްތިޔަށް ތެޔޮއަޅައި ، ދިއްލައި އަލިވާނެގޮތް ހެދުމަކީ އަންހެންކުއްޖާގެ ޒިންމާ އެކެވެ.

ތަހުނިޔާއާއި މުރުތަޟާގެ ދިރިއުޅުމަށް ހުރަސްއެޅިދާނެ އެއްވެސްކަމެއް އެދެމީހުންގެ ދެމެދަށް ވަނަ ނުދިނުމަށް ޠާހިރާ  ނަޞޭޙަތްތެރިވިއެވެ.

" ދިއްލާފައި ހުންނަ ފުޅިބައްތިއެއް ވެއްޓި ތެޔޮއެޅި ، ހުޅުހިފާއިރު އަންހެންކުއްޖާގެ އަތުގައިވެސް ހުޅުހިފައި ލަކުނުލާނެއެވެ. އެއީ ވައިހުންނަ މިސްރާބަކުން ، އަދި ނަސީބުތަންދޭގޮތަކުން ، އަންހެންކުއްޖާއަށް ލިބޭ ގެއްލުމެކެވެ. އެކަމުގައި އަންހެންކުއްޖާގެ އެއްވެސް ކުށެއް ނެތިއެވެ. " ތަހުނިޔާ ބުންޏެވެ.

މުރުތަޟާއާ ކައިވެނިކުރަން ، އަނގޮޓިއަޅައި ، އެކަމަށް އާނބަސް ބުނުމަށްފަހު ، އެގުޅުން ހިތާއި ސިކުނޑިން ބަލައިގަތުމަށް ޠާހިރާ އެދުނެވެ. އެގުޅުން ، ހިތުގެ އަޑިން ޤަބޫލުކުރުމަކީ ތަހުނިޔާއަށްވެސް އަދި ތަހުނިޔާގެ މައިންބަފައިންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތްކަން ޠާހިރާ ވިސްނައިދިނެވެ. އޭނާ އެގެޔަށް އެއައީވެސް ، އެވާހަކަ ތަހުނިޔާއާ ދައްކަންކަމުގައި ޠާހިރާ ބުންޏެވެ.

ނޫރުލްޢައިނާ ތަހުނިޔާއާ ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އެއޮތްގޮތަކަށް ބާއްވައި ދެމެހެއްޓިދާނެއެވެ. އެހެނަސް ، ކުޑަދުވަސްކޮޅަކަށް އެގުޅުމާ ކޮންމެވެސް ވަރަކަށް ދުރުވެ ލުމުގެ މުހިންމުކަން ، ޠާހިރާ ، ތަހުނިޔާއަށް ވިސްނައިދެމުން ގެންދިޔައެވެ. ތަހުނިޔާ މިހާރު އެހުރީ ހަދާނެ ވަކިގޮތެއް ނޭނގިއެވެ. އެހާލަތުގައި ތަހުނިޔާ ހުންނައިރު ، ނޫރުއާ ގާތްވާވަރަކަށް ، މުރުތަޟާއާ ތަހުނިޔާ ދުރުވަމުން ދާނެއެވެ. މުރުތަޟާއަކީ ތަހުނިޔާގެ ޙައްޤެކެވެ. ހަމަ އެގޮތަށް ތަހުނިޔާއަކީ މުރުތަޟާގެ މީހެކެވެ.

" ކުރިޔަށް އޮތް ދުވަސްތަކުގައި ކަންކަން ނިމިދާނީ ކޮންގޮތަކަށްކަމެއް ނޭނގެއެވެ. އެހެނަސް ، ކަންކަން ކުރިމަތިވީމާ ވާނެގޮތެއްވާން ދޫކޮށްނުލާށެވެ. ޙާލަތު ކޮންޓްރޯލްކޮށް ، އަމިއްލަ ވިސްނުމުން ގޮތް ނިންމާށެވެ. ތަހުނިޔާގެ ކަންކަން އެހެންމީހުން ގޮތްނިންމަން ދޫކޮށްނުލާށެވެ. ނޫރުއާ ގާތްކަން ބާއްވާ ވަރަކަށް މުރުތަޟާއާ ތަހުނިޔާ ދުރުވާނެއެވެ. " ޠާހިރާ ބުންޏެވެ.

ޠާހިރާ ދައްކަމުންގެންދިޔަ ތާކުންތާކުން ނުޖެހޭ ވާހަކަތައް އަޑުއަހާކަށް ، ތަހުނިޔާއަކަށް މާގިނައިރަކު ނީނދެވުނެވެ. ތަހުނިޔާއަށް ކޮޅަށް ތެދުވެވުނެވެ.

" ތިހުރިހާ ވާހަކަޔަކީ ، މުރުތަޟާގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން ޠާހިރާމެން ، މިގޭ ދޮރޯށިން އެތެރެޔަށް ވަނުމުގެ ކުރިން ދައްކަންޖެހޭ ވާހަކައެއް ނޫންހެއްޔެވެ ؟ އޭގެކުރިން ތިވާހަކަތައް ނުދެއްކީ ކީއްވެ ހެއްޔެވެ ؟ އަހަރެންނަކީވެސް އިންސާނެކެވެ. އަހަރެންގެ ހިތުގައިވެސް އަސަރުތަކެއް ހުންނާނެއެވެ. ޖަޒުބާތުތަކެއް ހުންނާނެއެވެ. އުފާވެރިކަމާއި ހިތްހަމަ ޖެހުން ، އަދި ރުޅިއާއި ހިތާމައާއި ލޯބީގެ އިޙްސާސްތައް ، އަހަރެންގެ ހިތުގައިވެސް އެހެން އިންސާނުންނެކޭ އެއްގޮތަށް ހުންނާނެއެވެ. އަހަރެންނަކީ މަޞްނޫޢީ އިންސާނެއްނޫނެއްނޫން ހެއްޔެވެ ؟ އަހަރެންނަކީވެސް މަހާއި ކަށިން އުފައްދަވާފައިހުރި އިންސާނެކެވެ. " ހިތްހަމަނުޖެހިފައިހުރެ ، ތަހުނިޔާ ބުނަމުން ގެންދިޔައެވެ.

" ޓޯނަރުގެ ކުލަ ހުސްވީމާ ބަދަލުކޮށް ، އެހެން ޓޯނަރެއްލައްވައިގެން ހިންގަން ، އަހަރެންނަކީ ފޮޓޯކޮޕީނަގާ މެޝިނެއްނޫނެވެ. އަހަރެންނަކީ ތިގޭގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރަން އިޚްތިޔާރުކުރި މީހަކަށް ޠާހިރާމެން ހަދައިފީމުއެވެ. އެކަމަކު ، އަހަރެންގެ ކުރީގެ ގުޅުންތަކުގެ މައްޗަށް އަމުރުކުރަން ، ޠާހިރާމެންނަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ ؟ އެގުޅުންތަކާއެކު އަހަރެން ޤަބޫލުކުރަން ޠާހިރާމެންނަކަށް ހިތްހަމައެއް ނުޖެހެއެވެ. އެކަމުގައި އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ ؟ " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ވާހަކަ އެހިސާބަށް ދިޔަތަނާ ، ސާޖިދާ ބޭރުން އައިސް ގެޔަށްވަދެ ، ވަރަށްބާރަށް ތަހުނިޔާއަށް ގޮވައިލާ ހަޅޭއްލަވައިގަތެވެ. ޠާހިރާއާ މުޚާތަބުކޮށް ، ތަހުނިޔާ އެދައްކަމުންގެންދިޔަ ވާހަކަތަކަކީ ، ސާޖިދާއަށް ކަމުދިޔަ ވާހަކަތަކެއްނޫނެވެ.

ތަހުނިޔާ އެދައްކަނީ ، ކޮންކަހަލަ ވިޔާނުދާ ވާހަކައެއްތޯ ސާޖިދާ ސުއާލު ކުރިއެވެ. ތަހުނިޔާއަކަށް ހަދާނެގޮތެއް ނޭނގުނެވެ. ނޫރުއާ ތަހުނިޔާއާ ދެމެދުގައި އުފެދިފައި އޮތް ޒަމާންވީ ރަޙުމަތްތެރިކަން ދޫކޮށްލުމަށް ، އެންމެން އެދެމުންދިޔަނަމަވެސް ، އެއީ ތަހުނިޔާއަށް އެހާ ފަސޭހަކަމެއްނޫނެވެ. އަދި އެކަން އެގޮތަށްކުރާކަށްވެސް ތަހުނިޔާ ބޭނުމެއްނޫނެވެ. އޭނާއަށް އެކަން އުނދަގޫވެގެން އުޅޭވާހަކަ އަޑުއަހާލާކަށްވެސް އެއިންމީހަކު ތައްޔާރެއް ނޫނެވެ. މުރުތަޟާއާ ކައިވެނިކުރުމާއެކު ، ތަހުނިޔާގެ މުޅި ތަޞައްވުރު ބަދަލުވެގެންދާން ޖެހޭ ހެއްޔެވެ ؟ ތަހުނިޔާގެ ވިސްނުމާއި ފިކުރު ބަދަލުކޮށް އެހެންމީހަކަށް ބަދަލުވާން ޖެހޭ ހެއްޔެވެ ؟ އެހެންކަމަށްވަންޏާ އެއީ އެމީހުން ތަހުނިޔާއަށް ދޭ ގެއްލުމެކެވެ.

ޠާހިރާއާ ދިމާއަށް ތަހުނިޔާ ބޭނުންހާ އެއްޗެއް ކިޔަމުން ގެންދަން ދޫކޮށްލާފައި ސާޖިދާއަކަށް ނުހުރެވުނެވެ. ދެން އިތުރަށް އެންމެ ބަހެއްވެސް ނުބުނުމަށް ތަހުނިޔާއަށް އަމުރު ކުރިއެވެ. އަދި އެތާ ނުހުރެ ، ކޮޓަރިޔަށްގޮސް ވަނުމަށް އެދުނެވެ. ސާޖިދާހުރީ ލަދުންގޮސް ޠާހިރާއާ ދިމާއަށް ބަލައިލަންވެސް ނުކެރި ، ހަދާނެގޮތް ބޮޑުވެފައެވެ. ރޮވޭގޮތް ވެފައެވެ.

ސާޖިދާ ، ތަހުނިޔާއާ ދިމާއަށް ހަޅޭއްލަވައިގަތީމަ ، ޠާހިރާހުރީ ވަރަށް ކަންބޮޑުވެފައެވެ. ތަހުނިޔާ އެދެއްކި ވާހަކަޔަކީ ރަނގަޅު ވާހަކަތަކެއްކަމަށާއި ، ތަހުނިޔާއާ ދިމާއަށް އެގޮތަށް އެއްޗެތި ނުކިއުމަށް ޠާޙިރާ އެދުނެވެ. ސާޖިދާއަށް ރޮވެންފެށީމަ ، ޠާހިރާގޮސް ސާޖިދާގެ ގާތަށް ޖެހިލައި ، ގޮނޑީގައި ބައިންދާ ، ރުއިން ހުއްޓައިލުމަށް އެދުނެވެ.

" ދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން ، މައިންބަފައިން ނުކުރާނީ ކޮންކަމެއް ހެއްޔެވެ ؟ އެކަމަކު ، ދަރިން ވިސްނަނީ އެމީހުންގެ އަމިއްލަ އުފަލާއި އަމިއްލަ ބޭނުންތަކަށެވެ. އަހަރެމެން ކުރާކަމެއް މިކުރަނީ ، ތަހުނިޔާއަށް ރަނގަޅަކަށްޓަކައިކަން ، އޭނާއަށް ރަނގަޅަށް އެނގޭނެއެވެ. އެކަމަކު ، އެކަން ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. އަބަދު އަބަދު އަހަރެމެން ދެރަކޮށް ، އެހަދަނީ ކީއްވެގެންކަމެއް ނޭނގެއެވެ. " ރޮމުންރޮމުން ، ސާޖިދާ ވާހަކަ ދެއްކިއެވެ.

ތަހުނިޔާއަށް ނިސްބަތްކޮށް އެހެން ނުބުނުމަށް ޠާހިރާ ބުންޏެވެ. ތަހުނިޔާއަކީ ރަނގަޅު ކުއްޖެކެވެ. ސާޖިދާމެން ހިތުގައި ޖެހޭނެކަމެއް ކުރާކަށް އޭނާ ބޭނުމެއްނުވާނެއެވެ. ކުއްލިޔަކަށް ދިމާވާ ބޮޑެތި ކަންކަމުގައި އެޢުމުރުގެ ކުދިންނަށް އެކަހަލަ ވާހަކަ ދެއްކޭނެކަމަށް ޠާހިރާ ބުންޏެވެ. އެއީ ކިޔަމަންތެރި ، ޚުލްޤު ރަނގަޅު ކުއްޖެކެވެ. އޭނާގެ ހިތަށް އުނދަގޫވާ އެތައްކަމެއް ކުރިމަތިވެގެން އެދިޔައީ ކުއްލިޔަކަށެވެ. އެފަދަ ޙާލަތުގައި ތަހުނިޔާފަދަ ޅަކުދިންގެ ހިތަށް އުނދަގޫވާނެއެވެ. އަދި އެކުދިންނަށް ދެއްކޭ ވާހަކައާއި ކުރެވޭކަންކަން އެއީ ގޯސްކޮށް ނަގަންވާނެ ކަންކަމެއްނޫނެވެ. އަމިއްލަޔަށް ހަމަޔަކަށް އެޅެން އެކުދިންނަށް ވަގުތުދޭން ވާނެއެވެ. އެހެން ނޫންނަމަ ، ޠާހިރާއާ މުޚާތަބުކޮށް ، ތަހުނިޔާ އެކަހަލަ ވާހަކައެއް ނުދައްކާނެއެވެ. ޠާހިރާއާ ދިމާއަށް އެކަހަލަ އެއްވެސް ވާހަކައެއް މީގެކުރިން ތަހުނިޔާ ބުނެފައެއް ނެތެވެ.

ތަހުނިޔާގެ ފަރާތުން އެފެންނަނީ ނޫރުލްޢައިނުގެ ފަރާތުން ލިބިފައިހުރި ނޭދެވޭ ސިފަތައްކަމަށް ސާޖިދާ ބުންޏެވެ. އެބުނާ ބަސްތަކާއި ކުރާ ކަންކަމަކީ ނޫރުލް ޢައިނު ބުނެގެން ކުރާ ކަންކަމެވެ. ނޫރުލް ޢައިނުގެ ބޭނުމަކީ ، މުރުތަޟާއާއި ތަހުނިޔާއާ ދެމީހުން ދުރުކުރުމެވެ. އެކަމަކު ، އެކަން އެހެން ވިޔަނުދޭނެކަމަށް ސާޖިދާ ބުންޏެވެ. ނޫރުލްޢައިނުގެ ކިބައިން އެމީހުންގެ ދަރިފުޅު ސަލާމަތްވާނީ ކޮންއިރަކުންކަމެއް ސާޖިދާމެންނަކަށް ނޭނގެއެވެ. މިހާރު މިއީ ، ތަހުނިޔާގެ ދިރިއުޅުމުގެ އެންމެ ނާޒުކު ދުވަސްވަރެވެ. މިދުވަސްކޮޅު ، ނޫރުލް ޢައިނުއާ ތަހުނިޔާ ބައްދަލުކޮށް ހެދުމަކީ ، ތަހުނޔާއަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެކެވެ. އެކަން ތަހުނިޔާއަށް އިޙްސާސް ކުރެވޭނެނަމަ ، ކިހާ ރަނގަޅު ހެއްޔެވެ ؟

ތަހުނިޔާ އެދެއްކި ވާހަކަތަކުން ކަންބޮޑު ނުވުމަށް ޠާހިރާގާތު ސާޖިދާ އެދުނެވެ. ޢާޞިފާ ދެމީހުންވެގެން ތަހުނިޔާއާ ވާހަކަ ދައްކައި އޭނާ ހަމަޔަކަށް އަޅުވާނެކަމަށް ސާޖިދާ ބުންޏެވެ.

ޠާހިރާހުރީ ، ތަހުނިޔާއާ އެވާހަކަތައް ދައްކަން އެގެޔަށް އާދެވުނު މޮޔަހިތަށް އަރާފައެވެ. އޭނާ އެއައީ ، މުރުތަޟާ ކަންބޮޑުވެފައި ހުރިވަރުން ، މުރުތަޟާ ބުނެގެން ތަހުނިޔާއަށް ނަސޭޙަތް ދޭން ވެގެންނެވެ. އެހެންނަމަވެސް ، އެކަން އެދިޔައީ ޠާހިރާ ބޭނުންވި ގޮތަކަށް ނޫނެވެ. ޠާހިރާއަށް އެގެޔަށް އައިސް އެކުރެވުނުކަމަކުން ، ގޭތެރޭގައި އެއުފެދުނީ ނުތަނަވަސްކަމެވެ. ޠާހިރާއަށް އެކުރެވުނު ކަންތަކަށް މަޢާފަށް އެދެމުން ، ދެރަވެފައިހުރެ  އެގެއިން ނުކުތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.