ސިޔާސީ ޕާޓީތަކުގެ މަޤްޞަދަކަށް ވާންޖެހޭނީ ޤައުމު ބިނާކުރުން. ފަނާކުރުމެއް ނޫން.

(މި ފޮޓޯ ނަގައިފައި ވަނީ ފިރާޒްސް ބްލޮގް (މުޙައްމަދު ފިރާޒް) އިންނެވެ.)

ދިވެހި ޤައުމަށް އައި އަންނަމުން މިދާ ހަލުވި ބަދަލުގެ ތެރެއިން ފާހަގަކޮށްލެވުނު އެންމެ ބޮޑު ސިޔާސީ އެއް ބަދަލަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި ޙަރަކާތްތެރިވާން ފެށުން ކަމަށް ބެލިދާނެއެވެ. ސިޔާސީ ޕާޓީއަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ދައުރުގައި ތަޖްރިބާކުރި ކަމެއް ނަމަވެސް ސިޔާސީ ރޫޙެއްގައި މި ޙަރަކާތް މި ފެށުނީ  ދެހާހުގެ އަހަރުތަކުގެތެރޭގައެވެ. އަލްއަމީރު މުޙައްމަދު އަމީންގެ ދުވަސްވަރު "މުތަޤައްދިމު ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެދި "ޙަރަކާތްތެރި"ވީ ނަމަވެސް އެއީ ކީއްކުރަން ކޮން ބޭނުމަކު އުފައްދާ އެއްޗެއްކަމެއް ދިވެހީންނަކަށް ނޭނގެއެވެ. އަދިވެސް ގިނަ ދިވެހީންނަށް މިކަން އެނގެޔެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.

ބައެއް މީހުންނަށް ސިޔާސީ ޕާޓީތައް އަދިވެސް ތަޞައްވުރުކުރެވެނީ ޓެރަރިސްޓް ޖަމާޢަތްތަކެއްގެ ސިފައިގައެވެ. އެއީ ޤާނޫނީ އިންސަރަޙައްދުން ބޭރުގައި ގަދަ ބާރުން ޤައުމުގައި އިންޤިލާބު ގެނައުމުގެ "ރަސްމީ" ހަރަކާތެއްގެ ގޮތުގައެވެ. މިފަދަ ގޮތަކަށް ބައެއް މީހުންނަށް ސިފަކުރެވޭ ކަހަލަ ޙަރަކާތްތައް ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވާ ކަހަލަ މަންޒަރުތައް ވެސް ފެނެއެވެ. އެހެންވީމާ ސިޔާސީ ޕާޓީތަކުގެ ބޭނުމާއި މަޤްޞަދާއި ޙަރަކާތްތަކުގެ މައްޗަށް އަޅުގަނޑުމެން ހޭލުންތެރިވާން އެބަޖެހެއެވެ.

ސިޔާސީ ޕާޓީތައް އުފައްދައި ޙަރަކާތްތެރިވުމުގެ  އެންމެ ބޮޑު ބޭނުމަކީ އެތަނެއްގައި އޮންނަ ޤާނޫނީ އިމުގެ ތެރޭގައި ސިޔާސީ ގޮތުން ޙަރަކާތްތެރިވުމެވެ. ޕާޓީ ޤަބޫލުކުރާ ކަންތައްތަކެއް ކުރިޔަށްނެރެ ކެންޕޭންކޮށް، އިންތިޚާބުތަކުގައި ވާދަކުރާ މީހުން ޕްރޮމޯޓްކޮށް އެކަންތައްތައް ކުރިޔަށް ގެންދިޔުމެވެ. އަދި އިންތިޚާބުތަކުގައި ވާދަކޮށްގެން އިންތިޚާބުތަކުގައި ކުރިހޯދުމެވެ. ރައްޔިތުންގެ އަޣުލަބިއްޔަތުގެ ރުހުމާއެކު ވެރިކަމަށް އައުމެވެ.

އިންތިޚާބުތަކުގައި މިކަންތައްތައް މިހެންކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު ބޭނުމަކަށް ވާންޖެހޭނީ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމެވެ. ޤައުމުގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމެވެ. ތަރައްޤީގެ ދުވެލި ހަލުވިކުރުމެވެ. ފަސާދައިގެ ފުރުޞަތު ހަނިކުރުމެވެ.

ޤާނޫނީ މާހިރުން ދެކެވަޑައިގަންނަވާގޮތުގައި ސިޔާސީ ޕާޓީތަކުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވި، ސުލޫކީ އަދި އަޚުލާޤީ މިންގަނޑެއްގެ ތެރޭގައި ޕާޓީތައް ޙަރަކާތްތެރިވާ ނަމަ، އެ ޤައުމެއްގައި ބަޣާވަތްކޮށް އިންޤިލާބު ގެނައުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ. އަދި ޚުދުމުޚުތާރު ވެރިކަމަކަށް ފުރުޞަތު ހަނިވާނެއެވެ. ވެރިކަމަމުގައި އޮންނަ ޕާޓީއަކުން ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށް ނުދޭނަމަ ދެން އޮންނަ އިންތިޚާބެއްގައި  އެހެން ޕާޓީއެއް ވެރިކަމަށް ގެނައުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާތީއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން ބޮޑުވެ، ޕާޓީތަކުގެ ސިޔާސަތު އެއްގޮތް ވުމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ކިބައިގައި އޮންން ޝައުޤުވެރިކަން އަދުގެ ދުނިޔޭގައި ކުޑަވަމުން އަންނަކަމަށް މި ކަމާބެހޭ މުޙައްލިލުން ދެކެވަޑައިގަންނަވައެވެ. އެހެންނަމަވެސް އަދުގެ ދުނިޔޭގައިވެސް އެންމެ ކާމިޔާބު ވެރިކަމުގެ ނިޒާމަކީ ޕާޓީ ނިޒާމުކަމުގައި ޤާނޫނީ ޢިލްމުވެރީން ޤަބޫލުކުރައްވައެވެ. އެހެންކަމުން ޕާޓީ ނިޒާމަކީ މިއަދުވެސް ދުނިޔޭގެ މަޤްބޫލުކަން އޮތް ނިޒާމަކަށް ބެލިދާނެއެވެ.

ސިޔާސީ ޕާޓީތަކަކީ މިފަދަ މަތިވެރި މަޤްޞަދަކަށްޓަކައި އުފެދި ޙަރަކާތްތެރިވާ ޖަމާޢަތަކަށް ވާތީ ސަރުކާރުން އެކަމަށް ތަރުޙީބުދީ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެންކަމުން ޤަބޫލުކުރާންޖެހެނީ ސިޔާސީ ޕާޓީތަކުން ޤައުމަށް ފައިދާކުރާނެކަމަށް ޤައުމުތަކުގެ ސަރުކާރުން ދެކޭކަމުގައެވެ. އެހެންކަމަށްވާނަމަ މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޕާޓީތައް ޙަރަކާތްތެރިވާންޖެހޭނެއެވެ.

ޕާޓީތަކުގެ ޙަރަކާތްތަކުގެ ނާރެހަކީ ޕާޓީތަކުގެ މެންބަރުންނެވެ. ޕާޓީތަކުގެ އެންމެ މުހިއްމު ޙަރަކާތަކީ ޕާޓީގެ ވިސްނުމާއި ފިކުރު ޢާއްމުންގެ ތެރޭގައި ކުރިއަރުވައި (ޕްރޮމޯޓުކޮށް) ޢާއްމުންގެ ތާއީދު އެ ޕާޓީއަކަށް ހޯދުމެވެ. ސިޔާސީ މައިދާނުގައި ކާމިޔާބީ ހޯދުމަށް މަސައްކަތްކުރުމެވެ. ރައްޔިތުންގެ ރުހުން ހޯދައި، އިންތިޚާބުތައް ކާމިޔާބުކުރުމެވެ. އިންތިޚާބުތަކުގައި ވާދަކޮށްގެން ވެރިކަން ހޯދުމެވެ.

މި ފަދަ މަޤްޞަދުތަކަކީ ގަދަބާރާއި ބިރުދެއްކުމުގެ ތެރެއިން ޙާޞިލުކުރެވޭނެ މަޤްޞަދުތަކެއް ނޫނެވެ. މިކަން ކުރެވޭނީ ވިސްނުންތެރިކަމާއެކު ހަރުދަނާ ރޭވުންތެރިކަމެއްގެ ތެރެއިންނެވެ. ރައްޔިތުންގެ ރުހުމާއި ލޯބި ޙާޞިލު ކޮށްގެންނެވެ. މަކަރުވެރިކަމާއި ޚިޔާނާތުން ދުރުވެ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމުގެ ފޭރާމުން ޒީނަތްތެރިވެގެންނެވެ.

ޕާޓީއަކަށް ސިޔާސީ ގޮތުން އިންތިޚާބެއްގައި ލިބޭ ކުރިއެރުމަކާ ގުޅިގެން ޕާޓީގެ ޙަރަކާތްތަކުގެ ދާއިރާ ތަފާތުވެގެން ހިނގައިދާނެއެވެ. އެވަގުތަކު ވެރިކަންކުރާ ޕާޓީނޫން އެހެން ޕާޓީތަކުން ވެސް އަބަދުވެސް މަސައްކަތް ކުރަމުންދާނީ އިންތިޚާބުތަކުގައި ކާމިޔާބު ހޯދައި އެޕާޓީއަކީ ސަރުކާރު ހިންގާޕާޓީކަމަށް ވުމަށެވެ. ކޮންމެ ޕާޓީއެއް ވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު މަސައްކަތް ކުރާނީ ސަރުކާރުގައި ހުންނަ އުނި ކަންތައްތައް ފާހަގަކުރުމާއެކު އެ ޕާޓީއެއް ވެރިކަމަށް އަތުވެއްޖެ ނަމަ ކޮށްދޭނެ ކަންތައްތައް ހާމަކޮށްދީގެން ވެރިކަން ހޯދުމެވެ. ވެރިކަން ލިބިއްޖެ ނަމަ އިންތިޚާބުގައި ކުޅަ ހުރިހާ ވަޢުދެއް ފުއްދައިދެވޭތޯ މަސައްކަތްކުރާންޖެހެއެވެ. އެހެން ނޫނީ ވެރިކަމުގައި ދެމި ނުތިބެވޭނެތީއެވެ.

ވެރިކަންކުރާ ޕާޓީއަކުން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނީ ވެރިކަމުގައި އެ ޕާޓީއެއް ދެމިއޮތުމަށެވެ. އެހެންކަމުން ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއަކުން ކުރިއަރުވަން ބޭނުންވާ ކަންތައްތައް ވީހައިވެސް ބޮޑަށް ޢާންމުންނާ ހަމަޔަށް ފޯރުކޮށްދީ ޢާންމުންގެ ތާއީދު ހޯދާން މަސައްކަތް ކުރާނެއެވެ. މި މަސައްކަތްތައް ކުރިޔަށް ގެންދާނީ ޤާނޫނީ އިމުގެ ތެރޭގައެވެ. ޕާޓީއާ ބެހޭ ގޮތުން ވަކި ޤާނޫނެއް ހެދިފައި ނުހުންނަ ޤައުމުތަކުގައި ވެސް އެ ޤައުމެއްގެ ޤާނޫނު އަސާސީއާއި އެހެނިހެން ޤާނޫނުތަކުގައި ބަޔާންކޮށްފައި ހުންނަ މިންގަނޑުތަކާ އެއްގޮތަށެވެ. މިޔާ ޚިލާފަށް މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީއަކުން ކުރާނެ ނުވަތަ ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. މުޖްތަމަޢުގައި ފިތުނަ ފަސާދައާއި ބިރުވެރިކަން އުފައްދައިގެން ގަދަބާރުން ވެރިކަން ހޯދާން އުޅުމަކީ ސިޔާސީ ޕާޓީއަކުން ފެނިގެންވާނޭ ސިފައެއް ނޫނެވެ. މި ސިފަ ލިބިގެންވާނީ ޤާނޫނާ ޚިލާފަށް ހިންގާ ޓެރަރިސްޓު ޖަމާޢަތްތަކުންނެވެ. ބާޣީ ޖަމާޢަތްތަކުންނެވެ.

ސިޔާސީ ޕާޓީތަކުން ހިންގާ އެންމެ މުހިއްމު އަނެއް ޙަރަކާތަކީ އެޕާޓީއެއްގެ އެކްޓިވެސްޓުން (ޢަމަލީގޮތުން ޙަރަކާތްތެރިވާ މީހުން) ގެ ކަންތައްތައް ކުރިޔަށްގެންދިޔުމެވެ. އެކްޓިވެސްޓުން ހޯދުމާއި، އެމީހުން ތަމްރީނުކުރުމެވެ. އެއީ ގިނަ ބައެއްގެ ތާއީދާއި ރުހުން ޕާޓީއަށް ހޯދުމަށްޓަކައެވެ.

ޕާޓީގެ ތަފާތު ޙަރަކާތްތައް ހިންގުމުގައި، އިދާރީ ހިންގުމުގެ ބަޔަކީވެސް މުހިންމު ބަޔެކެވެ. އަދި ޕާޓީތައް ޤާނޫނީ ގިޔުގަނޑެއްގެ ތެރޭގައި ހަރަކާތްތެރިވާތީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ.  މިހުރިހާ ބަޔެއް މިހެން އޮތްކަމުގައިވިޔަސް ޕާޓީގެ މައިގަނޑު ޙަރަކާތަކަށް ވާނީ ކުރިން ވެސް ދެންނެވިފަދައިން އިންތިޚާބުތަކަށް ކުރިމަތިލުމާއި، އިންތިޚާބުތަކުގައި ވާދަކުރުމާއި، އިންތިޚާބުތަކުން ކުރިހޯދުމެވެ.

އެހެންކަމުން މާލީ ތަނަވަސްކަމަކީ ފުރިހަމަ ގޮތުގައި ޕާޓީއެއް ޙަރަކާތްތެރިވުމަށް ޓަކައި ކޮންމެހެން ބޭނުންވާކަމެކެވެ. އެހެންކަމުން މާލީ ފުދުންތެރިކަން ހޯދުމަށްޓަކއި މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީތަކުން ހިންގާނެ އަދި ހިންގާންޖެހޭނެ ވަރަށް ބޮޑު ޙަރަކާތެކެވެ.

ކުރީން ވެސް ދެންނެވިހެން ޕާޓީގެ ޙަރަކާތްތެރީން އާންމުކޮށް ކުރާ ކަމަކީ ޕާޓީ ޕްރޮމޯޓްކުރުމެވެ. ޕާޓީ ޕްރޮމޯޓް ކުރުމުގެ މައިގަނޑު ޙަރަކާތްތަކުގެ ތެރޭގައި މި ހިމެނެނީ އެމީހުންގެ ވިސްނުން (ޕާޓީގެ  ވިސްނުމާއި ފިކުރާއި ފަލްސަފާ) ވީހައިވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. ޕާޓީގެ ވިސްނުމާއި ފިކުރު ޢާއްމުންނަށް ފޯރުކޮށްދިނުމުގެ މާނައަކީ އެއްވެސް ޙާލެއްގައި ނާޙަޤީޤީ ވާހަކަތަކެއް ފެތުރުމެއް ނޫނެވެ. އަދި މުޖްތަމަޢުގައި ފިތުނަފަސާދަ އުފެއްދުމެއް ވެސް ނޫނެވެ. ސިޔާސީ ޕާޓީތަކުގެ ޙަޤީޤީ ބޭނުމަކީ ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމެވެ. ޞުލްޙަވެރިކަމާއި އަމާންކަން ޤާއިމުކުރުމެވެ. މި އަސާސާ ޚިލާފަށް އެއްވެސް މެންބަރަކު މަސައްކަތްކުރާނަމަ އެއީ ޤައުމަށް ކުރެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ.

ކޮންމެ ޕާޓީއެއް އެޕާޓީއެއް ޤަބޫލުކުރާ ފަލްސަފާއާއި ފިކުރާއި ވިސްނުން ރައްޔިތުން ބަލައިގަތުން ބިނާވެފައި އޮންނާނީ އެކްޓިވެސްޓުންގެ ދާއިރާއެއްގައި އެކްޓިވެސްޓުނަށް މަސައްކަތްކުރެވޭ ގޮތަކުންނެވެ. އެހެންވީމާ،  ޕާޓީގެ  ތަޞައްވުރު ނުވަތަ ޕާޓީގެ ޙައިޘިއްޔަތު، މީހުންގެ ހިތްތަކުގެ އެންމެ އަޑިއަށް ފޯރުކޮށްދީ އޭގެ މަޤްބޫލުކަން މީހުންގެ ކުރިމަތީގައި ހޯދައިދޭން އެންމެ ކުރީޞަފްގައި ޙަރަކާތްތެރިވަނީ ޕާޓީގެ މެންބަރުންނެވެ.

މި ބަޔާންކުރެވުނު ފަދަ ގޮތަކަށް މަސައްކަތްކުރާ ޕާޓީތަކަކީ ޤައުމު ބިނާކުރުމުގެ ޙިއްޞާދާރުންނެވެ. ޤައުމަށް ލިބޭ ކުރިއެރުންތަކުގެ ޝުކުރު އެފަރާތަކށް ޙައްޤުވާނެއެވެ. މި ނޫން ގޮތަކަށް ޙަރަކާތްތެރިވާ ނަމަ އެ ފަދަ ޕާޓީތަކުގެ މެންބަރުން ވާނީ ޤައުމު ފަނާކުރާ އަނިޔާވެރީންނަށެވެ. ޤައުމުގެ ޚާއިނުންނަށެވެ.

އެހެންވީމާ ތެދުވެރިކަމާއެކު ޤައުމީ ރޫޙެއްގައި ސިޔާސީ ޕާޓީތައް އުފެދި ޙަރަކާތްތެރިވުމަކީ ޤައުމީ ތަރައްޤީއަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. މި ނޫން ގޮތަކަށް ސިޔާސީ ޕާޓީތައް ޙަރަކާތްތެރިވާން ވިސްނާނަމަ އެ ފަދަ ޕާޓީތައް ވާނީ މުޖްތަމަޢު ފަސާދަކުރާ ފާސިދުން ނަށެވެ. އެހެންވީމާ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ޙަރަކާތްތެރިވާއިރު ޕާޓީތަކުގެ މެންބަރުންނާއި އެއްވެސް ޕާޓީއަކާ ނުގުޅި ތިބޭ ރައްޔިތުން ވެސް މި ކަންކަމާމެދު ފިސާރި ރަނގަޅަށް ސަމާލުވެ ރައްކާތެރިވާންޖެހޭނެއެވެ.


(ނޯޓު: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހިރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރެވެ.)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.