ފަލްސަފާ (26)

(22 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" އަހަރެންނާމެދު މަންމަމެންގެ ހިތުގައި ޝައްކާއި ވަހުމު އުފެދިގެން ނުވާނެއެވެ. އަހަރެންގެ ޒިންމާ ، އަހަރެންގެ ހިތުން ، ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ. " މުރުތަޟާގެ އަޑު އިވުނެވެ.

މުރުތަޟާ އެހާ އަވަހަށް ގެޔަށް އައިސް ފަހަތުގައި ހުންނާނެކަމެއް ޙަފުޞާއަކަށް ނޭނގެއެވެ. ޙަފުޞާދެއްކި ހުރިހާ ވާހަކައެއް މުރުތަޟާއަށް އިވުނެވެ. ޙަފުޞާއާއި ޠާހިރާގެ ތަރުބިއްޔަތުން ، އެކަންކަން ކުރަންވީގޮތް މުރުތަޟާއަށް އޮތީ ދަސްވެފައެވެ.

މުރުތަޟާގެ ހިތްހަމަނުޖެހުމުން ޠާހިރާއަށްކުރި އަސަރު ޙަފުޞާއަށްވުރެ ބޮޑެވެ. މުރުތަޟާ ހަމަޖައްސައިލުމަށްޓަކައި ކޮންމެވެސް އެއްޗެކޭ ބުނުމަކީ ، ޙަފުޞާއަށް ނުކޮށް ދޫކޮށްލެވޭނެކަމެއް ނޫނެވެ. ޙަފުޞާގެ އެވާހަކަތަކުގެ މާނަ ގޯސްކޮށް ނުނެގުމަށް މުރުތަޟާގެ ކިބައިން އެދުނެވެ. މުރުތަޟާ އެވާހަކަތައް މާނަކުރަނީ ގޯސްކޮށްކަމަށް ޙަފުޞާ ބުންޏެވެ.

" ގޯސްކޮށް ވިސްނަނީ އަހަރެންނެއް ނޫނެވެ. މަންމަވެސް އަދި ދައްތަވެސް އަހަރެންނާމެދު ވިސްނާ ވިސްނުން ގޯހީއެވެ. އަބަދު އަބަދު ، އަހަރެންގެ ޒިންމާގެ މަތިން ހަނދާންކޮށްދިނުމަކީ އަހަރެންގެ ނަފުސަށް ލިބޭ ތަކުލީފެކެވެ. ދެރަވާ ކަމެކެވެ. " މުރުތަޟާ ، އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

އަރުސަލާން ގޮވައިގެން ، އެއްޗެއްކާންދޭން މުރުތަޟާ ހިނގައިގަތެވެ. މުރުތަޟާ ދިއުމާއެކު ، ޠާހިރާވެސް މަންމަޔާ ދިމާއަށް އެއްޗެތި ކިޔައިގަތެވެ. އެމީހުންނަށްޓަކައި މުރުތަޟާ ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ ؟ މުރުތަޟާ އެބުނީ ރަނގަޅު ވާހަކަ އެކެވެ. އެކަމަކު ، މަންމައެއްގެ ހިތުގައި ދަރިޔަކާމެދު އޮންނަ ވިސްނުން ޠާހިރާއަކަށް އަދި ނޭނގޭނެއެވެ. އަރުސަލާން ބޮޑުވީމަ ، އެކަން ޠާހިރާއަށްވެސް އިޙުސާސް ކުރެވޭނެއެވެ. އެދުވަހަކުން ޠާޙިރާއަށްވެސް އަރުސަލާން އާ ދިމާއަށް އެކަހަލަ ވާހަކަ ބުނެވޭނެއެވެ. އެއަށްވުރެ ބޮޑަށް ޙަފުޞާ ކަންބޮޑުވީ އެހެން ކަމަކާއެވެ. މުރުތަޟާމެން ދިޔައީ ރޭގަނޑުގެ ކެއުމަށެވެ. އެހާ އަވަހަށް މުރުތަޟާ ގެޔަށް އައުމުގެ މާނަޔަކީ ، ކާން އެއްވެސްތާކަށް ނުގޮސް މުރުތަޟާ ގެޔަށް އައުމެވެ. އެއީ ކިހިނެއްވީ ކަމެއް ބާވައެވެ ؟

 

އަނެއްކޮޅުން ، ސާޖިދާވެސް ތަހުނިޔާއާ ކުރަމުން އެގެންދަނީ ހަމަ އެސުއާލެވެ. ރޭގަނޑު ކާންގޮސް އެހާއަވަހަށް އެއައިގޮތެއް ސާފުކޮށްދިނުމަށް ތަހުނިޔާގާތު ސާޖިދާ އެދުނެވެ. އެހާ އުފަލުން އެހާ ލޯބިން ތަހުނިޔާ ގޮވައިގެން މުރުތަޟާ އެދިޔައީ ދެމީހުންވެސް އެކުގައި ވަގުތުކޮޅެއް ހޭދަކުރާށެވެ. މުރުތަޟާގެ ކިބައިން އެ އުފާވެރިކަން ތަހުނިޔާ ލިބިގަންނަން ނޫޅުމަކީ ސާޖިދާގެ ކަންބޮޑުވުމެކެވެ. މުރުތަޟާގެ މޫނުމަތިންނާއި ޢަމަލުން ސާޖިދާއަށް ފެންނަ އުފާވެރިކަމާއި ލޯބި އެއީ ތަހުނިޔާއަށް ފެންނަ އެއްޗަކާ ތަފާތު އެއްޗެކެވެ. ތަހުނިޔާއަށް މުރުތަޟާގެ މޫނުމަތިން ފެންނަނީ ، ނޫރުއަށް ކުރާ ޖެއްސުމެވެ. ބާޒާރަށް ދިޔައީއްސުރެ ، އެތިން އަންހެނުންނާ މުރުތަޟާގެ ކަމަކީ ، ނޫރުއާ ދިމާކުރުމެވެ. ނޫރު ބޭނުންވާގޮތްނޫންގޮތަކަށް ތަހުނިޔާލައްވާ އެކަމެއް ކުރުވުމެވެ. އެކަން ކުރަން ތަހުނިޔާއަށް މަޖުބޫރު ކުރުމެވެ. އެހަތަރުމީހުން އެކަން ކޮށްފިއެވެ. ނޫރުއަށް ބޭނުންގޮތެއް  ހަދާފައި ، އެފަކީރުގެ ކާރުގައި ގެޔަށްވެސް ދިޔައީއެވެ. ގެޔަށް އައިމަގުމަތީ ، ނޫރުއަށް ޖެއްސީ ކޮންޙާލެއްކަމެއްވެސް ނޭނގެއެވެ. އެހާ އުފަލުން ލޯބިން ، އޭނާ ގޮވައިގެންގޮސް ، މުރުތަޟާ އެދިޔައީ ތަހުނިޔާގެ ހިތަށް އިތުރު ތަކުލީފުތަކެއް ދީފައެވެ. އެކަމެއް ސާޖިދާމެންނަކަށް ނޭނގޭނެއެވެ. އެއަށްވުރެ ، މުރުތަޟާއާއި ތަހުނިޔާގެ ގުޅުމުގައި އެމީހުންކުރާ އުއްމީދު މާބޮޑެވެ.

އެވާނީ ތަހުނިޔާ ބުނި އެއްޗަކުން ނުވަތަ ކުރިކަމަކުން މުރުތަޟާ ހިތްހަމަ ނުޖެހުނީ ކަމަށެވެ. ބާޒާރަށް ގެންގޮސް އެތައް ލައްކަ ރުފިޔާއެއްގެ ތަކެތި ގަނެދީފިއެވެ. ތަހުނިޔާއަށް ރޭގަނޑުގެ ކެއުން ނުދޭންވީ ކީއްވެ ހެއްޔެވެ ؟ އަންހެނާގެ މަޑުމައިތިރިކަމަކީ ، ފިރިހެނާއަށް އެއަންހެނާގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވަން އަދި ބޭނުންގޮތެއް ހަދައިލަން ފުރުޞަތުދޭނެ ކަމެކެވެ. ބާޒާރަށްގޮސްވެސް ތަހުނިޔާގެ ހުރިހާ ސަމާލުކަމެއް ދިނީ ނޫރުލްޢައިނަށެވެ. އެތަން ސާޖިދާ އެއައީ ބަލާފައެވެ. އެންމެ ފަހަރަކުވެސް މުރުތަޟާއާ ދިމާއަށް އަދި ޙަފުޞާމެންނާ ދިމާއަށް ތަހުނިޔާ ބަލައެއް ނުލައެވެ.

ތަހުނިޔާގެ މޫނުމައްޗަށް ހިނިތުންވުން އަންނަނީ ނޫރުގެ އަދާތަކުންނެވެ. ހުރިހާވެސް އެއްޗަކީ ނޫރުއެވެ. އެހެން މީހުންނަކީ ބޭކާރު ބަޔެކެވެ. ތަހުނިޔާގެ ބޮލަށް އެވަނީ ނޫރުލްޢައިނުގެ ރޫޙު ސަވާރުވެފައެވެ. ނޫރު އެވަނީ ، ދީވަލްޕާއެއްހެން ތަހުނިޔާގެ ކޮނޑަށް ސަވާރު ވެފައެވެ. ސާޖިދާގެ ރުޅިވެރިކަން އިތުރު ވިއެވެ. އަދި ، ތަހުނިޔާގެ ޢަމަލުތައް ބަދަލުކޮށް ، ނޫރުގެ ފަރާތުން ކުރިމަތިވާން އޮތް ނުރައްކަލަށް ތައްޔާރުވުމަށް ތާޙިރާގާތު ސާޖިދާ ބުންޏެވެ.

ނޫރުއާ ބެހޭގޮތުން ސާޖިދާ ދައްކަމުންދިޔަ ، ބޭއަދަބީ ވާހަކަތަކަށް ތަހުނިޔާއަކަށް ކެތެއް ނުކުރެވުނެވެ.

" ތިހުރިހާކަމެއް އެނގިހުރެ ، ވާނެހުރިހާ ގޮތެއްވެސް އެނގިހުރެ ، އަހަރެންނާ ނުގުޅޭ މީހަކާ އަހަރެންގެ ކައިވެނިކުރުވަން ތިއުޅެނީ ކޮންމަޤްޞަދެއްގައި ހެއްޔެވެ ؟ މޫނުމައްޗަށް ވެރިވާ ހިނިތުންވުމާއި ހިތުގައި އުފެދޭ އުފާވެރިކަމަކީ ، އިންސާނުންގެ އިޚުތިޔާރުގައި އޮންނަކަމެއްނޫނެވެ. އެއީ ޙާލާތާ ގުޅިފައި އޮންނަ ކަމެކެވެ. އަހަރެންގެ ހިތްހަމަ ޖެހުމާއި ހިތުގެ ތަކުލީފުތަކަށް އެއްވެސްމީހަކު ނުވިސްނާ ކަމަށް ވަންޏާ ، އަހަރެން އުޅޭގޮތަކާއި އަހަރެންގެ ފަރާތުން ކުރިމަތިވާ ކަންކަމުގެ ޝަކުވާ ކޮށްގެން ނުވާނެއެވެ. " ތަހުނިޔާ ބުންޏެވެ.

" އަދި ބުނަން ހެއްޔެވެ ؟ މުރުތަޟާގެ ގޭގެމީހުން އަހަރެންނަށް އެކޮށްދިން ބާޒާރަކީ ، އެންމެ އާދައިގެ މީހަކު ކޮށްލާނެ ވަރަށްވުރެވެސް ދަށް ބާޒާރެކެވެ. އެކަމާ އުފަލުންހުރެ މަންމަ ނަށާއިރު ، އެހޯދައިދިން އެއްޗިއްސަކީ ، އެމީހުންގެ ކުރިމަތީގައި އޮތް އަހަރެންގެ އަގުކަމުގައި ބަލާށެވެ. އެކަމަކު އެކައިވެންޏަކަށް އަހަރެންގެ އެއްވެސް ޝަޢުޤުވެރިކަމެއްނެތް ކައިވެންޏަކަށް ހޯދޭ ތަކެއްޗަކީ އަހަރެންނަށް ކޮންއަގެއް އޮންނާނެ އެއްޗެއް ހެއްޔެވެ ؟ އަހަރެންނަށް ދިރުމެއްނެތް އުއްމީދު ނުދޭށެވެ. އެޢާއިލާގެ ކޮންމެ މީހަކުވެސް އަހަރެން ރަނގަޅަށް ދަންނަމެވެ. އެއިން ކޮންމެ މީހެއްގެ މަޤްޞަދަކީ ކޮބައިކަން އަހަރެންނަށް ވަރަށް ސާފުކޮށް އެނގެއެވެ.  " ކޮޓަރިއާ ދިމާއަށް ހިނގައިގަންނަން ފަހަތަށް އެނބުރެމުން ތަހުނިޔާ ބުންޏެވެ.

 

މުރުތަޟާއާއި ނޫރުގެ ވަކިވުމުން ، ނޫރުއަށް އެއްވެސް އަސަރެއްކުރިކަމަކަށް މުރުތަޟާއަކަށް ނުފެނެއެވެ. އަދި ، ތަހުނިޔާއާ ނޫރުއާ ދެމެދު އޮތްގުޅުމުގެ ތެރެއިން ، މުރުތަޟާގެ ކައިވެނީގެ ތެރެޔަށް ވަންނަމުން ، ނޫރު ސާބިތުކޮށްދޭން އެއުޅެނީ ކޮންކަމެއްކަން މުރުތަޟާއަކަށް ނޭނގެއެވެ.

މުރުތަޟާ އޭނާގެ ދިރިއުޅުމުން ވަކިވުމުން ތަފާތެއް އައިކަން ދައްކާކަށް ނޫރު ބޭނުމެއްނޫނެވެ. ނޫރު ބޭނުންކަމަށް ވަންޏާ ، ޙަފުޞާމެންގެ ހިތްރުއްސަމުން ، އެޅިހާ ބަތަކަށް ރިހައަޅައިގެން ، މުރުތަޟާ ޙާޞިލްކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. މުރުތަޟާއާ ނޫރުއަކީ އެއްފެންވަރެއްގެ ދެމީހަކަށްނުވާއިރު ، މުރުތަޟާއާ އެއްފެންވަރަކަށް ނޫރު ތިރިއަށް ދިއުން އެއީ ނޫރުގެ ހިތްރުހޭ ކަމެއްނޫނެވެ. ތަހުނިޔާއަކީ މުރުތަޟައަށް އެންމެ ކަމުދާނެ ވައްތަރުގެ އަންހެނެކެވެ. މުރުތަޟާގެ ކައިވެންޏަށް ތަހުނިޔާ އިޚްތިޔާރުކުރުން އެއީ ، މުރުތަޟާއަށް ކުރެވުނު މޮޅު ކަމެއްކަމަށް ނޫރު ދެކެއެވެ.

މުރުތަޟާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ނިންމުމުގެކުރިން ، މުރުތަޟާގެ ހިތަށް އެންމެ ފުރަތަމަ އަރާނީ އޭނާގެ މަންމައާއި ދައްތައެވެ. އެދެމީހުންނަކީ ، މުރުތަޟާގެ ދިރިއުޅުމުގެ މުހިންމު ނިންމުންތައް ފާސްކުރާ ދެމީހުންނެވެ. އެދެމީހުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަކީ ، މުރުތަޟާގެ މައްޗަށް ވާޖިބުވެފައި އޮންނާނެ ކަމެކެވެ.

ނޫރުއަށް އެއުޅެނީ ޙަޤީޤަތް ޤަބޫލު ނުކުރެވިގެންނެވެ. މުރުތަޟާ އޭނާއާ ވަކިވެގެންދިއުން އެއީ ނޫރުގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިގެންދިޔަ ކަމެކެވެ. އެކަމަކު ، އެއީ ނޫރުއަށް ބޮޑުކަމަކަށްވެގެން އުޅޭތަން އެހެންމީހުންނަށް ފެންނާކަށް ނޫރު ، ބޭނުމެއް ނުވެއެވެ.

ނޫރުއަށް އެކުރެވުނީ ގޯސްކަމެއްކަމާއި ، ނޫރުގެ އީގޯ އޭނާ އެގެންދަނީ ގޯސްމަގުންކަން ވިސްނާކަށް ނޫރުގެ އަމިއްލަ ނަފްސު ބޭނުމެއް ނުވެއެވެ. އެކަން ނޫރުއަށް ވިސްނޭނީ ކޮންދުވަހަކުންކަމެއް ނޭނގެއެވެ. ނޫރުގެ ޙާލަތު ، އޭނާއަށް ދުނިޔެއަށް އޮޅުވައިލެވިދާނެއެވެ. އެހެނަސް ، ނޫރުގެ ހިތް ، މުރުތަޟާއަކަށް އޮޅުވައެއް ނުލެވޭނެއެވެ. މުރުތަޟާއަކީ ، ނޫރުފިޔަވައި އެހެންމީހަކަށް ބަލައިލެވުނަސް އެއީ ނޫރުގެ ލޯތްބަށް ބޭވަފާތެރިވެވުނީކަމަށް ބަލަމުންއައި މީހެކެވެ.

މުރުތަޟާގެ ހިތުގައި ނޫރުގެ މައްޗަށް އޮތް ލޯތްބަކީ މުރުތަޟާއަށް އަގުހުރި އެއްޗަކަށް ނުވިއެވެ. މަންމައާއި ދައްތަގެ ނުފޫޒު އެ ލޯބީގެ މައްޗަށް ހިޔަނި އެޅި ، ކުރިމަގު ބަނަވެގެން ދިޔައެވެ. އެވަގުތަކީ ، މުރުތަޟާއަށް އޭނާގެ ނޭފަތު ކުރިޔަށްވުރެ ދުރަށް ބަލައިލަން މަޖުބޫރުވި ޙާލަތެކެވެ. އެހެނަސް ، އެކަންކުރާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. މުރުތަޟާ ބޭނުންވީ ، އޭނާގެ ހިތުގައި އޮތް ލޯބި ، މަންމައާއި ދައްތަގެ ނުފޫޒަށް ޤުރުބާން ކުރުމަށެވެ. މުރުތަޟާގެ ހިތަކީ ، ނޫރުގެ ލޯބި ހިފަހައްޓައިލެވޭވަރަށްވުރެ ނިކަމެތި އެއްޗަކަށް ވެއްޖެނަމަ ، ނޫރުވެސް އެހުރީ އޭނާގެ ހިތުގައި އޮތް މުރުތަޟާގެ ލޯބި އެހިތުން ފިލުވައިލަން ނިންމައިގެންނެވެ. އެއަށްފަހު ، ލޯތްބެއްގައި ކުލައެއްޖެހިގެން ނޫރުގެ މޫނުން ފެންނަ އެއްވެސް ނިޝާނެއް މުރުތަޟާއަކަށް ނުފެންނާނެއެވެ. އެހިސާބުން ހުރިހާކަމެއް އެ ނިމުނީއެވެ.

އެއީ އެހާ ފަސޭހައިން ނިމެން އޮތް ކަމެއްނޫނެވެ. ނޫރުގެ ލޮލުން ، މުރުތަޟާގެ ލޯބީގެ އިޙްސާސްތައް ކެނޑިގެން ދިއުން އެއީ ވެދާނެކަމެއްކަމަކަށް މުރުތަޟާއަކަށް ނުފެނެއެވެ. ނޫރު އެހަދަނީ ދޮގެވެ. ނޫރު އެއޮޅުވައިލަނީ އޭނާގެ އަމިއްލަ ނަފުސަށެވެ. އެކި ޙާލަތުގައި ނޫރުގެ ވިސްނުންގެންގުޅެނީ ކޮންގޮތަކަށްކަމާއި ، ނޫރުބޭނުންވާ ގޮތްތަކަކީ ކޮބައިކަން ، އަދި އެކަންކަމަށް ނޫރު ޖަވާބުދާރީވާނީ ކޮންގޮތަކަށްކަންވެސް މުރުތަޟާއަށް އެނގެއެވެ. މިހާރުވެސް އެއުޅެނީ ، އެދެމީހުންގެ ވަކިވުމުގެ ހިތްދަތިކަން ނޫރުއަށް ތަޙައްމަލުކުރަން އުނދަގޫވެގެންނެވެ. އެކަންކަން އެންމެންނަށް ފޮރުވަންވެގެންނެވެ.   އެހެނަސް އެއީ ނޫރު ޤަބޫލުކުރާނެ ކަމެއްނޫނެވެ. އިޙްސާސްތައް ހިފަހައްޓައި އެހެންމީހުންގެ ނަޒަރަށް އެ އިޙްސާސްތައް ފޮރުވައި ފަސްއެޅުމަކީ ، މުރުތަޟާމެންކަހަލަ ފިނޑިންގެ ޢަމަލެކެވެ.

ތަހުނިޔާ އޭނާގެ ދިރިއުޅުމުގައި ޝާމިލްކޮށްގެން ދޮގުހަދައި ، އޮޅުވައިލަމުން އެގެންދަނީ މުރުތަޟާކަމުގައި ނޫރު ހުރީ ނިންމައިގެންނެވެ. ހިތުގައި ފޮރުވިފައިވާ އެސިއްރު ފޮރުވަމުން އެގެންދަނީ ، މުރުތަޟާގެ އަމިއްލަ ނަފުސަށް އެކަންޏެއްނޫނެވެ. ތަހުނިޔާއަށްވެސް އެކަން އެދަނީ ސިއްރުކޮށް އޮޅުވައިލަމުންނެވެ.

ނޫރުގެ ލޯބި ، މުރުތަޟާގެ ހިތުން ފިލުވާލައި  ، އެލޯތްބާ ދުރަށް ދިޔަގޮތަށް ، ނޫރުވެސް މިހާރު އެހުރީ އެލޯބި ހަނދާން ނައްތައިލައިގެންނެވެ. ނޫރުގެ ލޮލުން ދެނެއް ، މުރުތަޟާއަކަށް އެލޯތްބެއް ނުފެންނާނެއެވެ.

އެހެނަސް ، މުރުތަޟާއަށް ނޫރުގެ ލޮލުގައި އޭނާއަށްޓަކައި ފޮރުވިފައިވާ ލޯބި އެބަފެނެއެވެ. ނޫރު އެހަދަނީ ދޮގެވެ. ނޫނެކެވެ. ނޫރު އެއުޅެނީ އެދޮގުވެސް ހަދަން ނޭނގިގެންނެވެ.

" ދޮގަކީ ، މުރުތަޟާމެންކަހަލަ ، އެހެންމީހުންގެ އިޙްސާސްތަކާ ކުޅެ ، އެހެންމީހުންނަށް ބޭވަފާތެރިވާ މީހުން ހަދާ އެއްޗެކެވެ. ތަހުނިޔާ ، ދިރިއުޅުމުގައި ޝާމިލްކޮށްގެން ދޮގުހަދަމުން ތިގެންދަނީ މުރުތަޟާއެވެ. މިއަދުގެ ފަހުން އަހަރެންނާ ދިމާވިނަމަވެސް ، އަހަރެމެންގެ މާޒީގެ ވާހަކަތައް އަހަރެންނަށް ހަނދާންކޮށް ނުދެއްޗެވެ. މިއަދަށްފަހު ، އަހަރެމެން ބައްދަލުވެއްޖިއްޔާ ވާހަކަ ދައްކާނީ މުސްތަޤްބަލާ ދޭތެރޭގައެވެ. އެއީ މުރުތަޟާގެ ވާންއުޅޭ އަނބިމީހާއަކީ ، އަހަރެންގެ ބެސްޓް ފްރެންޑެވެ. " ނޫރު ބުންޏެވެ.

ނޫރުގެ ވާހަކަ ނިންމައިލުމަށްފަހު ، މުރުތަޟާއާ ދިމާއަށް ހީލިއެވެ. އަދި ހަމައެއާއެކު ކުއްލިޔަކަށް އެހިނިތުން އޭނާގެ މޫނުމަތިން ފުހެލައި އެތަނުން ހިނގައިގަތެވެ. ނޫރު ހިނގައިގަތުމާއެކު ، " ރަނގަޅު ނަޞީބަކަށް އެދެން " ކަމުގައި ބުނެ ، މުރުތަޟާ ، ނޫރުއަށް އަލްވަދާޢު ކިޔެވެ.

މުރުތަޟާއާއި ނޫރުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް އިވޭ ހިސާބުގައި އަރުސަލާން ހުއްޓިލައިގެން ހުއްޓެވެ. ނޫރުއަށް އެތަނަށް އާދެވުނީ ، މުރުތަޟާ އޭނާއަށް ގަނެދިން ރިމޯޓު ކާރެއް ދުއްވައިލަން ، އެގޭގެ ކުރިމަތީ އޮތް ހުސްބިމަކަށް އައިސް އުޅެނިކޮންނެވެ. އަރުސަލާންވެސް ނޫރު ދިއުމުގެ ކުރިން ނޫރުއާ ދިމާއަށް ހީލިއެވެ. ވެގެން އެއުޅެނީ ކީއްކަން ވިސްނައިގަންނަން އެނގޭވަރަށްވުރެ އަރުސަލާން ކުޑައެވެ. ގޭތެރޭގައި ހިނގަމުން އެދާ އެއްވެސްކަމެއްގެ އަސަރެއް އަރުސަލާނަކަށް ނުކުރެއެވެ. އެހެންނަމަވެސް ، ބޮޑުބޭބެ ، މުރުތަޟާގެ ދިރިއުޅުމުގައި ކަންތައްތަކެއް ހިނގަމުންދާކަމުގެ އިޙްސާސް ، އެކުޑަކުޑަ ސިކުނޑިއަށްވެސް ކޮންމެވެސް ވަރަކަށް އިޙްސާސް ކުރެވެއެވެ. އެއީ ، އެކަމާ ބެހޭގޮތުން ގޭތެރޭގައި ދެކެވޭ ބައެއް ވާހަކަތަކުގެ އަޑު އޭނާއަށްވެސް އިވޭތީއެވެ.

ނޫރުގޮސް އޮބާލާންދެން ، މުރުތަޟާ ނޫރުއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މުރުތަޟާ ، އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުންނާނެކަން ނޫރުއަށް އެނގެއެވެ. އެހެންކަމުން ، ފަސް އެނބުރި އެންމެ ފަހަރަކުވެސް ބަލައެއް ނުލައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.