(11 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ތަހުނިޔާ ބޭރަށްދިޔައިރު ، އޭނާ އެދަނީ ކޮންތާކަށްކަން މަންމަޔަކަށް ނާންގައެވެ. ސާޖިދާހުރީ ތަހުނިޔާ ދިޔަތަނެއް ނޭނގި ، އެކަމާ ކަންބޮޑުވެފައި ، ގޭތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިންޓަވިއު ނިންމާފައި ގެޔަށް އައިސް ދޮރުހުޅުވައިލިއިރު ، ތަހުނިޔާގެ ކުރިމަތީ އެހުރީ އޭނާގެ މަންމައެވެ. މަންމަގެ ސުއާލުތައް ލަހެއްނުވާނެކަން ތަހުނިޔާއަށް އެނގުނެވެ. ފުރަތަމަ ސުއާލަކަށްވީ ، ތަހުނިޔާ އެއައީ ކޮންތާކަށްގޮސް ކާކާ ބައްދަލުކޮށްފައިތޯ ކުރެވުނު ސުއާލެވެ. ބޭރަށްދާއިރު ، މަންމަގާތު ބުނެލުމުގެ މުހިންމުކަން ހަނދާން ނެތުނީ ކޮންއިރަކުތޯއެވެ ؟ ބޭރަށް ދިޔައީ ކާކާއެކުގައި ތޯއެވެ ؟
މަންމަގެ އެހުރިހާ ސުއާލުތަކަށް ޖަވާބު ދިނުމަށްޓަކައި ތަހުނިޔާ ދައްކައިލީ ، އޭނާގެ އަތުގައި އޮތް ކަރުދާސް ގަނޑެވެ. އެއީ ކޮން އެއްޗެއްތޯ ސާޖިދާ ސުއާލު ކުރިއެވެ.
" އަހަރެންނަށް ވަޒީފާ ލިބިއްޖެއެވެ. މިއީ ވަޒީފާގެ ޗިޓެވެ. މުސާރަވެސް އެހާ ރަނގަޅެވެ. މުސާރަ އެނގިއްޖިއްޔާ މަންމަ ، އުފަލުން މަރުވާނެއެވެ. އެހާ ރަނގަޅު މުސާރައެކެވެ. " ހިނިތުންވެފައިހުރެ ތަހުނިޔާ ޖަވާބު ދިނެވެ.
ސާޖިދާއަށް އެއީ އުފާވެރި ޚަބަރެއްނޫނެވެ. ވަޒީފާއެއް އަދާކުރުމުގެ ވިސްނުން ، ތަހުނިޔާގެ ހިތުން މިވަގުތަށް ފިލުވައިލުމަށް ސާޖިދާއަށް އެންގިއެވެ. އަދި ، ތަހުނިޔާ އެދިޔަތާކަށް ދިޔައީ ކާކާ އެކުގައިތޯ އަނެއްކާވެސް ސާޖިދާ ސުއާލު ކުރިއެވެ.
ތަހުނިޔާ ދިޔައީ ނޫރުއާ އެކުގައިކަމުގައި ތަހުނިޔާ ބުންޏެވެ. އޭނާދިޔައީ އޭނާގެ އަމިއްލަ އިޚުތިޔާރުގައެވެ. އެ ލިބުނު ވަޒީފާއަކީ ރަނގަޅު ވަޒީފާއެކެވެ. އެހެންކަމުން ، ތަހުނިޔާހުރީ ކޮންމެ ޙާލެއްގައިވެސް އެވަޒީފާއަށް ނުކުތުމަށް ނިންމައިގެންނެވެ.
ތަހުނިޔާގެ ކަންތައް މިހާރު ތިދަނީ މާމައްޗަށޭ ސާޖިދާއަށް ބުނެވުނުތަނާ ، ސަލާމް ގޮވައިލާފައި ގޭތެރެޔަށް އެވަނީ ޙަފުޞާއާއި ޠާހިރާއާ ދެމައިންނެވެ. އެކަކު އަނެކަކަށް ސަލާމްކޮށްލައި ހެދުމަށްފަހު ، އޭނާގެ އަމާނާތް އޭނާއާ އަވަހަށް ޙަވާލުކުރުމަށް ހަފުޞާ ބުންޏެވެ. އެއީ ޙަފުޞާގެ އަމާނާތެއްކަމަށާއި ބޭނުންއިރަކު ތަހުނިޔާ ގެންދަންވީކަމުގައި ބުނެ ސާޖިދާ ޖަވާބު ދިނެވެ.
ޙަފުޞާ ވަކިގޮތަކަށް ވާހަކައެއް ބުނެފިއްޔާ ، އުޞޫލެއްގެ ގޮތުން ، ސަބަބެއްނެތި އެވާހަކައެއް ، ބަދަލެއް ނުކުރާނެއެވެ. އެހެންނަމަވެސް ، މިއަދު ، ޙަފުޞާ އެގެޔަށް އެއައީ ، ވަކިގޮތަކަށް ކަމެއް ނިންމަން މަޖުބޫރު ވެގެންނެވެ.
ޙަފުޞާ އެބުނި ވާހަކަޔަކުން ، ސާޖިދާ އިނީ ކަންބޮޑުވެ ، ދެލޯ ބޮޑުވެފައެވެ. އަނެއްކާ އެކައިވެންޏާމެދު ޙަފުޞާގެ ވިސްނުން ބަދަލުވީ ބާވައެވެ ؟ ސާޖިދާ އިނީ ތުރުތުރު އަޅައަޅައެވެ.
" އަހަރެންނަށް ވިސްނޭގޮތުގައި އިންސާނާއަށް ގެޔާއި އެ ގެ ހުންނަ މަގު އޮޅިއްޖިއްޔާ ޖެހޭނީ މިސްރާބު ބަދަލުކޮށްލާށެވެ. " ޙަފުޞާ ބުންޏެވެ.
ޙަފުޞާ އެބުނާ އެއްޗެއް ސާޖިދާއަށް ވިސްނުނެވެ. އަދި އެއީ އެކަން އޮންނަންވާނެގޮތްކަމަށް އެއްބަސްވިއެވެ. އެހެންނަމަވެސް ޙަފުޞާ އެބުނި ވާހަކައެއް ތިލަކޮށްލަދިނީ ޠާހިރާއެވެ. އެމީހުންނަށް ފެންނަ ގޮތުގައި ، ކުރިޔަށްވުރެ ކައިވެނި އަވަސްކުރަން އެބަ ޖެހެއެވެ. އަންނަ ނޮވެމްބަރ މަހުގެ ފުރަތަމަ ހަފުތާގައި އަންނަ ފުރަތަމަ ހުކުރު ދުވަހަށެވެ. ލަސްވެއްޖިއްޔާ އެކައިވެންޏަށް ހުރަސްތަކެއް ކުރިމަތިވެދާނެތީއެވެ.
ތަހުނިޔާއަށް އާދެވުނީ ދަމާލި ކަނޑީގެ މިޔަމައްޗަށެވެ. ޠާހިރާ ދެއްކި ވާހަކަތައް ތަހުނިޔާއަށް އަޑުއިވުނެވެ. ޠާހިރާއަށް ގޮވާލައި ، އޭނާ އެހާ އަވަހަށް އެކައިވެނިކުރަން ބޭނުން ނުވާކަމުގައި ތަހުނިޔާ ބުންޏެވެ. ތަހުނިޔާ އަދި އެހުރީ އެއްވެސް ވަރަކަށް އެކައިވެންޏަށް ތައްޔާރުވެގެންނެއް ނޫނެވެ.
ތަހުނިޔާގެ އެވާހަކައިން ، ޙަފުޞާއާއި ޠާހިރާއަށް ލިބުނު ސިހުން ސާޖިދާއަށް ފެނުނެވެ. ކުއްލިޔަކަށް ، ތަހުނިޔާއާ ދިމާއަށް އެނބުރުނެވެ. ޙަފުޞާމެންނަށް ފުރަގަސްދީގެންހުރެ ، ސާޖިދާ އައިސްހުރި ރުޅި ، އޭނާގެ މޫނުމަތިން ފާޅުކޮށް ދަތްކުނޑި ވިކައިގެން ހުރެ ތަހުނިޔާއާ ވާހަކަ ދައްކަން ފެށްޓިއެވެ. ބައެއް ކަންކަމަކީ ، ބޮޑެތިމީހުން ނިންމާ ނިންމުންތަކާ އެއްގޮތަށް ދޫކޮށްލަންޖެހޭނެ ކަންކަން ކަމުގައި ބުންޏެވެ. ބޮޑެތިމީހުން ނިންމާ ނިންމުންތަކުގައި ، ފައިދާއެއްނޫންކަމެއް ނުއޮންނާނެއެވެ. ދެލޯއަޅައިގެން ހުރެ ، ސާޖިދާ ބުންޏެވެ.
" މަންމާއެވެ ! އަހަރެންގެ ވަޒީފާގެ ޗިޓް ލިބުނީ މިއަދު އެވެ. އެވަޒީފާ އަދާކުރަން އަހަރެން ބޭނުމެވެ. އެވާހަކަ މިމީހުންގާތު މަންމައެއް ނުބުނަން ހެއްޔެވެ ؟ " ތަހުނިޔާ ބުންޏެވެ.
ތަހުނިޔާ އެދައްކާ ވާހަކަޔަކާމެދު ޙަފުޞާ ވިސްނައިލިއެވެ. ކުއްލިޔަކަށް ތެދުވެ ތަހުނިޔާއާ މުޚާތަބު ކުރިއެވެ.
" ދަރިފުޅާއެވެ ! ދަރިފުޅު ކުރަން ބޭނުންވާ ކަމަކަށް އެއްވެސްމީހަކު ހުރަހެއް ނާޅާނެއެވެ. އެކަމަކު ، ދިރިއުޅުމުގެ ބައެއް ކަންކަމަކީ ވިސްނައިގެން ގޮތްނިންމަންޖެހޭ ކަންކަމެވެ. ޙާލާތަށް ރިޢާޔަތްކޮށް ، ބައެއްކަންކަމުގައި އަވަސް ނިންމުންތަކަށް އިސްކަންދޭން ޖެހޭނެއެވެ. އެހެން ނޫނީ ދިރިއުޅުން އެކޮޅުކޮޅުން ޖެހިގެން ހިނގައިދާނެއެވެ. ހުރިހާކަމަކަށްވުރެވެސް މުހިންމީ ، މުރުތަޟާ އާއި ދަރިފުޅުގެ ކައިވެންޏެވެ. އަހަރެމެން މިވާހަކަ ދައްކަނީ އެކައިވެނި އަވަސްކުރަންޖެހިގެން ، އެވާހަކައެވެ. " ޙަފުޞާ ބުންޏެވެ.
ތަހުނިޔާހުރީ ، މަންމަގެ ނުރުހުމުގެ ޢިޝާރާތަށް ، އެއްޗެކޭ ނުބުނެ ތަށްބައްދައިގެންނެވެ. އެވަގުތު އޭނާއަށް ބުނެވޭ އެއްޗަކުން ، އެންމެން ރުޅިއައުންނޫންކަމެއް ނުވާނެއެވެ. އެ ކައިވެންޏާމެދު ސާޖިދާމެން އެއޮތީ ގޮތް ނިންމާފައެވެ. އަވަހަށް ވިޔަސް އަދި ލަހުންވިޔަސް ، ޙަފުޞާމެން ނިންމާ ގޮތެއްގެ މަތިން އެކައިވެނީގެ ހުރިހާކަމެއް ކުރުމަށް ، އެ ޢާއިލާގެ އެއްވެސްމީހެއްގެ ފަރާތުން ހުރަހެއް ނޯންނާނެކަމުގައި ސާޖިދާ ބުންޏެވެ. އޭނާގެ ދަރިފުޅު ބޭނުންވާ ގޮތަކަށްވުރެ ބޮޑަށް ސާޖިދާއަށް މުހިންމުވީ ޙަފުޞާ ނިންމާގޮތަކަށް އެއްބަސް ވުމެވެ. ލިބިފައި އޮތް ރަނުގެ ފުރުޞަތު އެއްވެސް ކަމަކާހުރެ ، ގެއްލިގެންދާކަށް ސާޖިދާ ބޭނުމެއްނޫނެވެ. ޙަފުޞާމެން ހިތްހަމަ ނުޖެހޭނެ އެއްވެސްކަމެއް ސާޖިދާމެންގެ ފަރާތަކުން ނުހިނގާނެއެވެ. އެކަން ޙަފުޞާއަށް ކަށަވަރުކޮށްދީފައި ބާއްވަން ސާޖިދާ ބޭނުންވިއެވެ.
ތަހުނިޔާ އެހުރީ ކައިވެނި އަވަސްކުރުމާ ދެކޮޅަށްކަން ޙަފުޞާއަށް އެނގުނެވެ. އެކަމާ ޠާހިރާވެސް ހުރީ ކަންބޮޑުވެފައެވެ. ސާޖިދާ ، ޙަފުޞާމެންނާ ދިމާއަށް އެނބުރި ، އިށީނދެ ސަޔަށް އިންސާފުކުރުމަށް އެދުނެވެ. އަދި ތަހުނިޔާ އެބުނި ވާހަކަޔަށް މަޢާފަށް އެދުނެވެ. ތަހުނިޔާގެ ކަންތައް ސާޖިދާމެން ހަމަޖައްސާނެކަމަށް ބުނެ ، ޙަފުޞާ ބޭނުންވާގޮތަކަށް ކައިވެނީގެ ކަންތައް ކުރިޔަށް ގެންދިއުމަށް އެދުނެވެ. ސާޖިދާގެ މޫނުމަތިން ފެންނަންހުރި ނުތަނަވަސްކަންވެސް ، ޙަފުޞާއަށް ފެނުނެވެ.
ކައިވެނީގެ ތާރީޚު އަވަސްވުމާގުޅިގެން ތަހުނިޔާހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ތަހުނިޔާއަށް ލިބުނު ވަޒީފާގައި ކުރިޔަށް ދެވޭނެގޮތަކަށް ސާޖިދާމެން ގޮތްދޫކުރުމާމެދު ނޫރުގެ ޔަޤީންކަމެއް ނެތެވެ. ފޯނު ނުކުރަން ހުރެފައިމެ ، ޚަބަރު ބަލައިނުލާ ނޫރުއަކަށް ކެތެއް ނުކުރެވުނެވެ. ތަހުނިޔާ ފޯނުނެގުމާއެކު ، ކަންތައްތައް ދަނީ ކިހިނެއްތޯއާއި މަންމަމެންނާ އެވާހަކަ ދައްކއިފިންތޯ ތަހުނިޔާއާ ސުއާލު ކުރިއެވެ. ނޫރުއެކޭ އެއްގޮތަށް ތަހުނިޔާވެސް ހުރީ ކަންބޮޑުވެފައެވެ. އެވާހަކަ ، އެންމެންނާވެސް ޙިއްޞާކުރިވާހަކަ ތަހުނިޔާ ބުންޏެވެ. އެއާއެކު ނަތީޖާއަކީ ކޮބައިތޯ ނޫރު ސުއާލުކުރިއެވެ.
ނަތީޖާއަކީ ކައިވެނީގެ ތާރީޚެވެ. އަންނަ ނޮވެމްބަރ މަހުގެ ފުރަތަމަ ހުކުރުދުވަހު ކައިވެނިކުރަން އެމީހުން ނިންމައިފިއެވެ. ކަންބޮޑުވެފައިހުރެ ، ތަހުނިޔާ ޖަވާބު ދިނެވެ. އޭނާއަށް ދެންއޮތީ ، ލިބުނު އުފާވެރިކަމުގައި ހުޅުރޯކުރަން ތައްޔާރުވުމެވެ. ނޫރުގެ ފައިދަށުން ބިންގަނޑު ދެމިގަތެވެ. އެއީ ކޮންކަހަލަ ބައެއް ހެއްޔެވެ ؟ އެހެންމީހުންގެ މައްޗަށް ކުޑަވެސް ރަޙުމެއް ނުބަހައްޓަނީއެވެ. އަމިއްލަ އެދުން ހިސާބަށްވުރެ ބޮޑީއެވެ. ތަހުނިޔާ ، ފޯނު ކަނޑައިލިއެވެ. އެކަމާބެހޭގޮތުން އިތުރު ވާހަކައެއް ދައްކާނެ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާގެ އަމިއްލަ މީހުންވެސް އޭނާގެ މައްޗަކަށް ވިސްނައިލުމެއް ނެތެވެ.
ކައިވެނީގެ ތާރީޚު އަވަސްކުރުމުން ، މުރުތަޟާވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެއީ ކީއްކުރަން ކުރިކަމެއްތޯ ، މުރުތަޟާ އޭނާގެ މަންމަކުރެން އެހިއެވެ. އޭނާގެ އޮފީހުގައި އެހާ ގިނަ މަސައްކަތް އޮތްއިރު އެއީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އޮފީހުގައި އެހާ ބުރަކޮށް އުޅެމުން ކައިވެންޏަށް ތައްޔާރުވާނެގޮތެއް މުރުތަޟާއަކަށް ނުފެނެއެވެ. އެހާ އަވަހަށް ޗުއްޓީއެއްވެސް ނުނެގޭނެއެވެ.
މުރުތަޟާ އެކަމާ ވިސްނާނެކަމެއްނެތްކަމުގައި ޙަފުޞާ ބުންޏެވެ. އަޅުން ކުރާނީ މަސައްކަތެވެ. ތަވްފީޤު ދެއްވާނީ ﷲ އެވެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށެވެ. އެކަމާ މުރުތަޟާއަކަށް އެއްބަހެއް ނުވެވުނެވެ. ކަމެއް ގޯސްވެއްޖިއްޔާ އެކަމުގެ ޒިންމާ އޭނާ ނުނަގާނެކަމަށްބުނެ އެތަނުން ދިއުމަށް ތެދުވެ ހިނގައިގަތްތަނާ ، ޙަފުޞާ އޭނާއަށް ގޮވައިލާ ހުއްޓުވިއެވެ.
" މުރުތަޟާއެވެ ! ރަނގަޅަށް އަޑުއަހާށެވެ ! ތިދާ ތާކަށްގޮސް އަވަހަށް އަންނާށެވެ ! އަހަރެމެން މިއުޅެނީ ތަހުނިޔާ ގޮވައިގެން ބާޒާރަށް ދާށެވެ. " ޙަފުޞާ ، މުރުތަޟާއަށް އަމުރު ކުރިއެވެ.
މަންމަ އެބުނި އެއްޗަކަށް ޖަވާބެއްނުދީ ހުރުމަށްފަހު ، މުރުތަޟާ އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި ތަހުނިޔާ ލާ ހެދުމާބެހޭގޮތުން ، ޙަފުޞާއާއި ޠާހިރާ ، ތަހުނިޔާމެންގެ ގެޔަށް އައިސް ، ތަހުނިޔާ ބައިންދައިގެން ވާހަކަ ދައްކަމުން ގެންދިޔައެވެ. ހެދުމާބެހޭގޮތުން ތަހުނިޔާއާ ވާހަކަ ދައްކަމުންގެންދިޔައީ ޠާހިރާއެވެ. އެމީހުން އެވާހަކަ ދައްކަމުން ގެންދަނިކޮށް އެތަނަށް ނޫރުއަށް އާދެވެއެވެ. އެމީހުން ދައްކަމުން އެގެންދަނީ ކައިވެނީގެ ހެދުމުގެ ވާހަކަކަން ނޫރުއަށް އެނގުނެވެ. އަދި އެކަމުގައި އޭނާ ބައިވެރިކުރުމަށް އެދުނެވެ. ތަހުނިޔާއަކީ ، އޭނާގެ ހުރި ހަމައެކަނި އެކުވެރިޔާއެވެ. ތަހުނިޔާވެސް ތެދުވެ ، ނޫރުއާ ގާތަށް ޖެހިލައި އާނއެކޭ ބުންޏެވެ. ޙަފުޞާ އިނީ ނޫރުއާ ދިމާއަށް ލޯއަޅައިގެންނެވެ. ހިތްހަމަ ނުޖެހިފައި އިންނަމަވެސް ސާޖިދާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޠާހިރާއަކަށް އެވާހަކަ އިތުރަށް ދައްކާކަށް ނުކެރުނެވެ.
" އަހަރެމެންގެ ރަޙުމަތްތެރިކަން އިހުއޮތްގޮތަށް އޮންނާނެއެވެ. ކުރީގައޮތް ގާތް ގުޅުމަށްވެސް އަދި އަލަށް އުފެދިގެން މިއުޅޭ ގުޅުމުންވެސް އެ ރަޙުމަތްތެރިކަމަކަށް ބަދަލެއް ނާންނާނެއެވެ. ކައިވެނީގެ ހެދުމަކީ ، އަހަރެންނާ މުރުތަޟާއާ ދެމީހުންނަށް ކަމުދާ ހެދުމަކަށް ވާންޖެހޭނެކަމަށް ޠާހިރާ ބުނީމެއް ނޫން ހެއްޔެވެ ؟ މުރުތަޟާއާއި އަހަރެންގެ ނަމުގެ އިތުރަށް ނޫރުވެސް އޭގެ ތެރެޔަށް ލައިދޭށެވެ. އެހެދުންވާން ޖެހޭނީ އަހަރެމެން ތިންމީހުންނަށް ކަމުދާ ހެދުމަކަށެވެ. އެންމެ ކުޑައިރުއްސުރެ ، އަހަރެންބޭނުންވާ ހުރިހާ އެއްޗެއް އިޚުތިޔާރު ކުރަމުން މިއައީ ނޫރުގެ ޚިޔާލު ހޯދައިގެން ނޫރު ބޭނުންވާ ގޮތަށެވެ. އެކަމަކަށް ނޫރުގެ ޚިޔާލު ނެތް އެއްވެސްކަމަކަށް އަހަރެންނަކަށް އެއްބަހެއް ނުވެވޭނެއެވެ. " ނޫރުގެ އަތުގައި ހިފައިލަމުން ތަހުނިޔާ ބުންޏެވެ.
" ނިކަން ވިސްނައިލަ ބަލާށެވެ ! ތަހުނިޔާގެ ދިރިއުޅުމަށް އިޚުތިޔާރު ކުރެވުނު މީހަކަށް އެވީވެސް ނޫރު އިޚުތިޔާރު ކުރި މީހެކެވެ." ނޫރުއަށް ބުނެވުނެވެ. އެވާހަކަ އަހަރެން މިބުނީ ވަކި ނިޔަތެއް އޮވެގެންނެއްނޫނެވެ. އެކަންއެވީގޮތަށް ބުނަން ވެގެންނެވެ. އަހަރެންނަށް މިހާރު މުރުތަޟާއަކީ އަހަރެންގެ ރަޙުމަތްތެރިޔާގެ ކައިވެންޏަށް އިޚުތިޔާރު ކުރެވިފައިވާ ފިރިހެނެކެވެ. މުރުތަޟާއާ އެކު ރަޙުމަތްތެރިކަން އެބައޮތެވެ. އެއަށްވުރެ އިތުރަކަށް މުރުތަޟާގެ މައްޗަކަށް އަހަރެންގެ ހިތުގައި ވަކި ޚާއްޞަކަމެއް ނެތެވެ. މާޒީގައި ވެފައިވާކަމެއް އަހަރެމެންގެ ދެމެދަކަށް ނުވަންނާނެއެވެ. އެކަމާ އެކަކުވެސް ކަންބޮޑު ނުވާށެވެ. " ނޫރު ބުންޏެވެ.
ނޫރު ވާހަކަ ދައްކަމުން ގެންދިޔައިރު ، ގޭތެރެޔަށް ވަދެގެން އައި މުރުތަޟާ ވަކިހިސާބެއްގައި ހުއްޓި ހުއްޓެވެ. ޙަފުޞާ އެތާ އިންނަން ބޭނުންނުވެގެން ، ތެދުވާން އުޅުނުތަނާ ، ޠާހިރާ އެކަން ހުއްޓުވިއެވެ. ނޫރުގެ ވާހަކަ ނިމުމުން ، މުރުތަޟާ އައިސް ، އެންމެންނަށް ސަލާމް ގޮވައިލިއެވެ. އަދި އެންމެން ތައްޔާރުކަމަށް ވަންޏާ ބާޒާރަށްދާންވީ ނޫންހޭ ބުންޏެވެ.
ދާންވާނީ ސައިބޮއެގެންނޭ ބުނެ ސާޖިދާ ތެދުވެ ، ތަހުނިޔާއަށް ގޮވާލައި އޭނާއާ އެކުގައި އައުމަށް ޢިޝާރާތްކޮށްލަމުން ބަދިގެފަރާތަށް ދިޔައެވެ. ނޫރު އައިސް އެތާހުރި ގޮނޑިއެއްގައި ޖައްސައިލިއެވެ. އެތަނުން ނުކުމެގެން ދާކަށް ނޫރު އެއް ނޫޅެއެވެ.
ބަދިގެތެރެޔަށް ތަހުނިޔާ ގެންގޮސް ، އެގަޑިޔަށް ނޫރު އެތަނަށް އައި ގޮތަކާމެދު ، ސާޖިދާ ސުއާލު ކުރިއެވެ. އެމީހުން ބާޒާރަށްދާކަން ނޫރުއަށް އެނގުނީ ކިހިނެއްތޯ އެހިއެވެ. އެވާޙަކަ ނޫރުގާތު ބުނީ ތަހުނިޔާއެވެ. ދެންމެވެސް ބުނިހެން ، ތަހުނިޔާގެ ހުރިހާކަމެއް ކުރާނީ ނޫރުގެ ލަފަޔާ އެއްގޮތަށްކަމުގައި ތަހުނިޔާ ބުންޏެވެ. ނޫރުގެ ޚިޔާލަކި އޭނާއަށް މުހިންމު އެއްޗެކެވެ. އެހެން ނޫނަސް ، ކައިވެންޏަކީ ، ތަހުނިޔާގެ ޙަޔާތުގެ އެންމެ މުހިންމު ފިޔަވަޅެވެ. އެފިޔަވަޅު އަޅާއިރު ، ކުރިން ނޫރުގެ އެހީތެރިކަން އޭނާއަށް ލިބުނުގޮތަށް ، ކައިވެނީގެ ކަންކަމުގައިވެސް ނޫރުގެ އެހީތެރިކަން އޭނާއަށް ބޭނުންވާނެއެވެ. މިހާރު ، މަންމަމެން އެކަމާ ނުރުހުންވާންވީ ސަބަބަކީ ކޮބައިތޯ ތަހުނިޔާ ސުއާލުކުރިއެވެ.
" ތަހުނިޔާގެ ޙަޔާތުގެ އެންމެ މުހިންމު ފިޔަވަޅަކީ ކައިވެނީގެ ފިޔަވަޅުކަމަށް ބުނެފީމެއްނޫން ހެއްޔެވެ ؟ ކުރިޔަށް އޮތް ތާނގައި ތަހުނިޔާގެ ޙަޔާތަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތް ހިފައިގެން އަންނަ މީހަކު އޭގެތެރެޔަށް ވައްދަންވީ ކީއްވެ ހެއްޔެވެ ؟ އަހަރެމެންނާއެކު ނޫރުލްޢައިނު ބާޒާރަކަށް ނުގެންދެވޭނެއެވެ. " ސާޖިދާ ، ހަރުކަށިކަމާއެކު ބުންޏެވެ.
އެމީހުންނާއެކު ނޫރު ނުދަންޏާ އޭނާވެސް ނުދާނެކަމަށްބުނެ ތަހުނިޔާ ބޮޑާ ހާކައިގަތެވެ. (ނުނިމޭ)