(13 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެފަދަ ގޮތެއް ދިމާވެގެން އެދެމީހުންގެ ގުޅުން ކެނޑިގެންދާކަށް ނޫރުއެއް ނޭދެއެވެ. ނޫރު ބޭނުންވަނީ ، އޭނާގެ އިޙްސާސްތައް މުރުތަޟާވެސް ދެނެގަތުމަށެވެ. އެހެން ވެއްޖެނަމަ ، މުޅި ޢުމުރުވެސް މުރުތަޟާއާއެކު ހޭދަކުރުމަށް ނޫރު އެހުރީ ތައްޔާރަށެވެ. ނޫރު ބޭނުންވަނީ މުރުތަޟާގެ އަނތްބެއްގެ ގޮތުގައިހުރެ ދުނިޔެ ހޭދަކުރުމަށެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ހިތާމައަކާއި އުފަލެއް މުރުތަޟާއާއެކު ޙިއްޞާ ކުރުމަށެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ، އޭނާއަށްޓަކައި މުރުތަޟާ ކުޑަދުވަސްކޮޅެއް ދިނުމަށެވެ. ކައިވެންޏަކަށް ފުރިހަމަޔަށް ތައްޔާރު ވުމަށްޓަކައި ނޫރުއަށް ބޭނުންވާ ވަގުތުކޮޅުގެ ތަކުލީފު މުރުތަޟާ އުފުއްލައި ދިނުމަށެވެ.
އެއީ އެހާ ގިނަ ދުވަހެއްނޫނެވެ. ނޫރުގެ ވަޒީފާއަށް ކުރިއެރުންލިބި ހަރުދަނާމީހަކަށްވާން ބޭނުންވާ ވަގުތު ކޮޅެކެވެ. މުރުތަޟާވެސް އޭނާގެ ވަޒީފާގައި އިތުރު ކުރިއެރުމަކާއެކު އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރު ކޮށްލުމަށެވެ. ނޫރު ބޭނުންވަނީ ، އެތިބީ ނޫރުލް ޢައިނާއި މުރުތަޟާއޭ މީހުން ބުނެ ، އެދެމީހުންނަކީ އެކަކު އަނެކަކު ދޫކޮށްލާނެ ބައެއްނޫނޭ މީހުންގެ ދުލުން ބުނާނެ އުފާވެރި ދުވަހެއް ފެނުމަށެވެ. އެ ޙަޤީޤަތް މީހުންނަށް ދައްކައި ދިނުމަށެވެ.
މުރުތަޟާ ، އަނގައިންވެސް ނުބުނެ ، ނޫރު އެދައްކާ ވާހަކައަށް ސަމާލުކަން ދީގެން ކަނުލައި އަޑުއަހަންއިނެވެ. އިރުއިރުކޮޅުން ނޫރުގެ އެ ޖަޒުބާތީ ވާހަކަތަކުން ނޫރުއާ ދިމާއަށް ބަލައިލ ލެވެއެވެ. އެހާ ލޯބިން ނޫރު އެދައްކަމުންގެންދާ ވާހަކަތަކަށް މުރުތަޟާދޭނެ ޖަވާބެއް ނެތެވެ. އޭނާއަކީ މަންމަގެ ނުފޫޒުގެ ދަށުގައި ފިތި ، ނޫރުގެ ކުރިމަތީ އިސް އުފުލައި ލެވޭވަރަށް ބޮޑަށް ، ނަފްސުގެ އަޅަކަށްވެފައި ހުރި މީހެކެވެ. އެވާހަކަ ނޫރުގާތު އޭނާ ބުނާނީ ކިހިނެއް ހެއްޔެވެ ؟ އެކަމަކަށް އޭނާގެ ހިތެއް ނޭދެއެވެ. އޭނާގެ މަޖުބޫރީ ޙާލަތު ނޫރުއަށް ސާފުކޮށްދެވޭނެ ގޮތެއް މިހާރަކު ނެތެވެ. އެއަށްވުރެ ބޮޑަށް މަޝްރަޙު އޮތީ ހޫނުވެފައެވެ. އޭނާއަކީ އެއްވެސް އަމިއްލަ އިޚްތިޔާރެއް އަދި މިނިވަންކަމެއް ނެތި ، ކޮށްޓަކަށްލައި ބަންދުކުރެވިފައިވާ ގުރައެއްފަދަ މީހެކެވެ.
ނޫރު ، ވާހަކަ ދައްކަމުން ދިޔައިރު ، އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމާއި މިޒާޖުގެ ހަމަޖެހުމާއި މޫނުމައްޗަށް ވެރިވެގެންދާ ހިނިތުންވުން މުރުތަޟާއަށް ފާހަގަ ކުރެވުނެވެ. ނޫރު އެދެއްކި ވާހަކަ ވިސްނިއްޖެތޯ މުރުތަޟާއާ ސުއާލު ކުރިއެވެ. އަދި އޭނާއަށް މުރުތަޟާގެ ފަރާތުން މާގިނަ ކަންތައްތަކަކަށް އެދެވުނީތޯ ސުއާލު ކުރިއެވެ.
އިންސާނަކު މީހަކު ދެކެ އެހާ ލޯބިވާކަމަށް ވަންޏާ ، އެ ލޯބިވާ މީހެއްގާތު އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ބުނުމުގެ ޙައްޤު އޮންނާނެ ނޫންހޭ ބުނެ ، ނޫރުގެ އިޙްސާސްތައް ފާޅުކުރިއެވެ. މުރުތަޟާގެ މޫނުމަތިންވެސް ފަނޑު ހިނިތުންވުމެއް ފާޅުވާން ހުށްޓެވެ. ނޫރު އެދައްކާ ވާހަކަތަކުން މުރުތަޟާއަށް ތަސައްލީއެއް ލިބި ތަންކޮޅެއް ބޮޑަށް ހީލައި ނޫރުއާ ސަމާސާ ކޮށްލުމަށް ބޭނުމެވެ. އެހެނަސް ، އެއްޗެކޭ ބުނަން އޭނާ އަނގަ ހުޅުވައިލާނީ ކިހިނެއް ހެއްޔެވެ. އޭނާގެ އަނގަ އޮތީ ބަންދު ކުރެވިފައެވެ.
ހުރިހާ ކަމެއް އެހާ ކުއްލިގޮތަކަށް ކުރިމަތިވީމަ ހިތްހަމަ ނުޖެހިގެންހުރެ ، މުރުތަޟާއާއި ޙަފުޞައްތައަށް އަމާޒުކޮށް ބުނެވުނު ބަސްތަކާއި ޢަމަލު ބެހެއްޓުނު ގޮތުން ނޫރު އިނީ ދެރަވެފައެވެ. އަދި އެކަމަށް މުރުތަޟާގެ ކިބައިން މަޢާފަށް އެދުނެވެ. މުރުތަޟާގެ ހިތަށް އުނދަގޫވެ ތަކުލީފެއް ލިބޭނެ އެއްވެސް ވާހަކައެއް އަދި އެފަދަ އެއްވެސްކަމެއް ކުރާކަށް ނޫރު ބޭނުމެއް ނޫނެވެ. މުޅި ޢުމުރުގައިވެސް ނޫރު ހުންނާނީ އެގޮތުގައިކަމަށް ބުނެ ނޫރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
އިންސާނާގެ ދިރިއުޅުމުގައި ދުރުން ފެންނަން އޮންނަ އުއްމީދީ އުފާވެރިކަމެއްގައި ، އަމާން މަންޒިލަކަށް އެ ދިރިއުޅުން ގެންދަން ބޭނުންވާނަމަ ، ކިތަންމެ އެއްޗެއް ދޫކޮށްލަން އެއިންސާނާއަށް މަޖުބޫރު ވާނެއެވެ. އޭނާގެ އަމިއްލަ ލެއާގުޅުންހުރި އެތައްބަޔަކާ ވަކިވާން މަޖްބޫރު ވާނެއެވެ. އެކަން އެހެންވާކަށް ، މުރުތަޟާވެސް އަދި ނޫރުވެސް ނޭދޭނެއެވެ. ލޭގެ ގުޅުމުން ، އަދި ރަޙިމުގެ ގުޅުމުން ގުޅިފައިވާ ގުޅުންތަކަކީ އިންސާނާގެ ގުޅުން ބަދަހިކުރާ ވަޞީލަތެކެވެ. އެއިންސާނާ މާޔޫސްކޮށް ދުނިޔެއިން ބޭކާރުކުރާނެ ގުޅުމެއްނޫނެވެ. އެފަދަ ގުޅުންތައް އެއީ ވިސްނައިލުމެއްނެތި ވިއްސި ވިހާލި ވެގެންދާން ދޫކޮށްލާވަރަށްވުރެ އަގުހުރި ރަޙުމަތެކެވެ.
" ނިކަން ވިސްނައިލަ ބަލާށެވެ. އަހަރެންގެ ބައްޕައާއި ބޭބެދެކެ އަހަރެން ލޯބިވާވަރު މުރުތަޟާއަށްވެސް އެނގޭނެއެވެ. އެކަމަކު ، މާދަމާވެސް މުރުތަޟާއާ އިނދެގެން މުރުތަޟާއާއެކު ދިރިއުޅެން އަހަރެން އަންނާނީ އެދެމީހުން ދޫކޮށްލާފައެވެ. އަހަރެމެންގެ ދިރިއުޅުމުގެ ބިންގާ އަޅައި އެބިންގަލުގެ މަތީގައި އަހަރެމެންގެ ދިރިއުޅުން އާބާދުކުރާނީ ދެމީހުން ގުޅިގެން އެކީގައި ނިންމާ ނިންމުންތަކާއި އަހަރެމެންގެ އަމިއްލަ މަސައްކަތުންނެވެ. އެހެންމީހުންގެ ގުޅުމާއި ނުފޫޒު އޭގެތެރެޔަކަށް ނުވަންނާނެއެވެ. އެމީހުންނާއެކު އޮންނަ ގުޅުންވެސް ، އެގުޅުމަށް އަހަރެމެންގެ ދިރިއުޅުމުގައި ދެވިފައި އޮންނަ ދަރަޖައިގާ ދެމި އޮންނާނެއެވެ. އެއީ އެހިސާބުން ތަފާތު ގުޅުމަކަށް ބަދަލު ވާނެއެވެ. ލޯބީގެ ގުޅުމާއި ޢާއިލީ ގުޅުމަކީ އެއް އުރައެއްގައި އޮންނަ ދެކަނޑިއެއްފަދަ އެއްޗެކެވެ. އެއިން އެއްވެސް ކަނޑިޔަކުން އަހަރެމެން އަމިއްލަޔަށް ޒަޚަމްވާނެ ކަމެއް ނުކުރާނެއެވެ. " ނޫރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
ނޫރު ، މާނޭވާއެއްލިއެވެ. އަދި އޭނާގެ ވާހަކަ ކުރުކޮށްލުމަށް ނިންމިއެވެ. މިހާރުވެސް މާގިނައިރު އަނގަ ތެޅިއްޖެއެވެ.
" ވަރަށް ގިނަ ގުޅުންތައް ފަހަތަށް ދޫކޮށްލަން ޖެހޭނެއެވެ. އަހަރެން މިހުރީ އެކަމަށް ތައްޔާރު ވެގެންނެވެ. އަހަރެންނަށް ބޭނުންވަނީ ، އެކަންކަން ފުރިހަމަކުރުމަށް އަހަރެންނަށް ބޭނުންވާ ވަގުތުކޮޅު އަހަރެންނަށް ލިބުމެވެ. އަހަރެންގެ ހިތުގައިވާ އެއްވެސް އެއްޗެއް ، މުރުތަޟާއަކަށް ސިއްރެއް ނުކުރާނަމެވެ. އެއްވެސް ކަމެއް ނުފޮރުވާނަމެވެ. އަހަރެން އެދެނީ ، މިވާހަކަތަކާމެދު މުރުތަޟާ ފުންކޮށް ވިސްނާލައި އަހަރެންނަށް އެހީތެރިވެދިނުމެވެ. " ނޫރު އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.
ނޫރުގެ ވާހަކަ އެހިސާބަށް ދިޔަތަނާ ، މުރުތަޟާއަށް ފޯނެއް އައެވެ. ކުޑައިރުކޮޅެއް ކޮށްލުމަށްފަހު މުރުތަޟާ ފޯނު ނެގިއެވެ. ފޯނުނަގައި މަންމަޔަށް ސަލާމް ގޮވައިލިއެވެ. އެއީ ޙަފުޞާގެ ފޯނެކެވެ. ޙަފުޞާހުރީ ރުޅިއައިސް ރަތްވެފައެވެ. ބަސްމަގު ހުރީ ވަރަށް ހަރުކަށި ކޮށެވެ.
" ތިއުޅެނީ ކޮންތާކު ހެއްޔެވެ ؟ ހަނދާން ނެތުނީއެވެ. މިއަދު އޮފީހުގައި މާ މަސައްކަތް ބޮޑު ދުވަހެއް ދޯއެވެ. އެހެން އެއްވެސްކަމެއް ކުރާކަށް ވަގުތެއް ނޯންނާނެއެވެ. ގިނައިރު ކޮށްފައިނަމަވެސް އަހަރެންގެ ފޯނު ނެގީތީ ޝުކުރިއްޔާއެވެ ! " ޙަފުޞާ ބުންޏެވެ.
މުރުތަޟާ އެއުޅެނީ މަންމަ އެބުނިތަނެއްގައި ކަމަށްބުނެ ، ދޮގެއް ހަދައިލުމަށް މުރުތަޟާއަށް މަޖުބޫރު ވިއެވެ.
ޙަފުޞާގެ ވާހަކަ ރަނގަޅަށް އަޑުއަހަން ޙަފުޞާ އަމުރު ކުރިއެވެ. މަންމަ ބުނާ އެއްޗެއްގެ އަޑުއެހުން މުރުތަޟާއަށް މާ މުހިންމުވެފައި ، މާ ރަނގަޅުވާނެކަމަށް ބުންޏެވެ. މިރޭ 8 ޖަހާއިރު ، ތަހުނިޔާގެ ގެޔަށް އަހަރެމެން ދާން ޖެހޭނެއެވެ. ވަގުތަށް އަންނަން ވާނެއެވެ. އެއްވެސް ބަހަނާއެއް ދައްކާކަށް ނުޖެހޭނެއެވެ. އެނގިއްޖެ ހެއްޔެވެ ؟ " ޙަފުޞާ ފޫހިވެފައިހުރެ ބުންޏެވެ.
ޙަފުޞާ ބުނަން ބޭނުންވާ އެއްޗެއް ބުނެ އެންގުމަށްފަހު ފޯނު ކަނޑައިލިއެވެ. މުރުތަޟާ އެއްޗެކޭ ބުނާކަށް ފުރުޞަތެއް ނުދެއެވެ. މުރުތަޟާގެ މޫނުމަތިން ކުއްލިޔަކަށް އެ ފާޅުވި ކަންބޮޑުވުން ނޫރުއަށް ފެނުނެވެ. އަދި މުރުތަޟާއަށް ގޮވައިލާފައި ބުންޏެވެ.
" މިއަދަކީ އަހަރެންނަށް އެހީތެރިވެ ހިތްވަރުދޭނެ މީހަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދުވަހެވެ. އަދި އެމީހަކީ ، މުރުތަޟާއެވެ. އަހަރެންގެ ޙަޔާތުގެ ކޮންމެ ނިންމުމެއްގައިވެސް ، މުރުތަޟާ އަހަރެންނާއެކު ހުންނާނެކަމަށް އުއްމީދު ކުރަމެވެ. "
މުރުތަޟާ އިނީ ނޫރުގެ ލޮލަށް ބަލަހައްޓައިގެންނެވެ. ނޫރުގެ ލޮލުން ފާޅުވަމުންދިޔަ ، އޭނާގެ ލޯބީގެ އަސަރު އިޙްސާސް ކޮށްލުމުގައެވެ.
މުރުތަޟާއާއި ނޫރު ، މެންދުރުގެ ކެއުމުން ވަކިވީ ނޫރު ، ދައްކަނހުރި ވާހަކައެއް ދައްކާފައެވެ. ނޫރުގެ އެއްވެސް ވާހަކަޔަކަށް މުރުތަޟާ ޖަވާބެއް ނުދެއެވެ. އެއީ ، ކިތަންމެ ބޭނުންވެފައި އިންނަމަވެސް މުރުތަޟާއަށް ކުރެވެން އޮތް ކަމެއްނޫނެވެ. އެއީ އޭނާއަށް މަނާ ކުރެވިފައި އޮތް ކަމެކެވެ. ވަގުތުންވެސް އަދި ފަހުންވެސް ، އެކަން ކުރެވޭފަދަ މިނިވަންކަމެއް މުރުތަޟާއަށް ލިބިގެންނެއް ނުވެއެވެ. މުރުތަޟާގެ ހިތްވަނީ ، ނޫރުއާ އެކުގައެވެ. އެހެނަސް ، އޭނާގެ ނަފުސާއި ޖިސްމަކީ މަންމަގެ ބާރުގެ ދަށުގައިވާ އެއްޗެކެވެ.
ސާޖިދާއާއި ތަހުނިޔާއާ ދެމައިން އުޅެނީ ބަދިގެ ތެރޭގައެވެ. ސާޖިދާހުރީ އެއްޗެއް ތެލުލާށެވެ. ތަހުނިޔާ އިނީ އެތާހުރި މޭޒެއްކައިރީ ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އަނގަ ހުއްޓައިނުލާ ސާޖިދާ ވާޙަކަ ދައްކަމުން ގެންދެއެވެ. ތަހުނިޔާ އެއްވެސް އެއްޗެކޭ ނުބުނެ ތަށްބައްދައިގެން ފޫހިވެފައި އިނެވެ.
" ތަހުނިޠާއަށް އެނގޭ ހެއްޔެވެ ؟ އަހަރެން ހެދި ކަވާބު ، ޙަފުޞައްތަ އެކެއީ އެންމެ ފަހަރަކު އެވެ. މީރުވެގެން ކިހާ ތަޢުރީފެއް ކުރި ހެއްޔެވެ ؟ އެއީ ތަހުނިޔާ ވަރަށްބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. އަންހެނުންނަކީ ބެލްޓް އަޅާފައި ހަނދަށްވެސް ދާން ޖެހޭ ބަޔެކެވެ. އެކަމަކު ، ދަރިން ވިހަންޖެހެނީވެސް އެމީހުންނަށެވެ. ލިބޭ ދަރިންނާއި ފިރިމީހާއަށް މީރުކޮށް ކާން ހަދައިދިނުމަކީ އަނބިމީހާގެ ކަމެކެވެ. އެކަން ނުކުރެވޭކަމަށް ވަންޏާ އަންހެނަކަށް ނުވާނެއެވެ. އަންހެންކުދިން މޮޅަށް ކިޔަވައި މިނިވަންކަން ހޯދުމަކީ ރަނގަޅު ކަމެކެވެ. އެހެނަސް ، އެއީ ހިނދުކޮޅެއްގެ ކަމެކެވެ. ދިރިއުޅުމުގައި ޙާޞިލްކުރަންޖެހޭ ކަމަކީ އެއީއެވެ. " ސާޖިދާ އަނގަ ތަޅަމުން ގެންދިޔައެވެ.
ތަހުނިޔާއަށްވެސް އަނގައިން ނުބުނެއެއް ނުއިނދެވުނެވެ. ދިރިއުޅުމުގައި ޙާޞިލް ކުރަންވީކަމަކީ ކޮބައިތޯ ތަހުނިޔާ އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.
" ދިރިއުޅުމުގައި އަންހެންވެރިން ޙާޞިލްކުރަންޖެހޭ ކަމަކީ ތިއީ ހެއްޔެވެ ؟ ޙަފުޞައްތަ އެންމެ ފަހަރަކު މަންމަ ހެދި ކަވާބު ކައިފަ ތަޢުރީފުކުރި ހަނދާން ، މަންމަގެ ހިތުގައި ޢުމުރަށްވެސް ބާއްވާނެއެވެ. ލޮނު ގިނަވެއްޖިއްޔާ ހިތިވާނެއެވެ. ހަވާދު ގިނަވެއްޖިއްޔާ ރަހަނުބައި ވާނެއެވެ. ތެޔޮ ގިނަވެއްޖިއްޔާ ޞިއްޙަތަށް ގެއްލުންވާނެއެވެ. މާގިނައިރު ކައްކައިފިއްޔާ އަނދާނެއެވެ. އުނދުނަށް އެއްޗެއް އުދައިފިއްޔާ އެއެއްޗެއް ކެކި ނިމެންދެން އުނދުންކައިރީ ހުންނަން ވާނެއެވެ. އަންހެނުން ސަމާލުކަންދީ ވިސްނަންވީ ކަންތައްތަކަކީ އެއީ ނޫންހެއްޔެވެ ؟ މަންމަމެންގެ ވިސްނުމާއި ފިކުރުގައި އަންހެންކުދިން އުޅެންޖެހޭނީ ބަދިގޭގައެވެ. ދިރިއުޅުމުގައި ޙާޞިލްކުރަން ޖެހޭ ކާމިޔާބީ ތަކަކީ އެއީ ހެއްޔެވެ ؟ " ތަހުނިޔާ އޭނާގެ މަންމަޔާ ދިމާއަށް އެއްޗެހި ކިޔައިގަތެވެ.
" ނޫރުލްޢައިނު ގޯހެވެ. އަހަރެންވެސް ގޯހެވެ. އަމިއްލަ ދިރިއުޅުމަށް ދިރުންހުރި އުއްމީދެއްކޮށްގެން ، ކުރިޔަށްދާން ވިސްނާ ކޮންމެ އަންހެންކުއްޖަކީ މަންމަމެންނަށް ގޯސް ބަޔެކެވެ. އެކަމަކު މީހަކާ އިނދެގެން ގެޔަކަށްގޮސް ރަނގަޅަށް ކައްކަން އެނގި ، ގޭގެ ހަތަރުފާރުތެރޭ ތާށިވެފައި އަޅުއަންހެނުން ތިބޭގޮތަށް ހައްޔަރުގައި ތިބޭ ކުދިންނަކީ މަންމަމެންނަށް ރަނގަޅު ކުދިންނެވެ. ހަދާ ކަވާބު މީރުވެގެން ތަޢުރީފުގެ ބަސްތައް ލިބޭ ކުދިންނަކީ މަންމަމެންނަށް އެންމެ ކަމުދާ ކުދިންނެވެ. މީހަކު ދެކެ ލޯބިވެފައި އެލޯބި ނުލިބި މައިންބަފައިން ދައްކާ މީހަކާ އިންނަ ކުދިންނަކީ މަންމަމެންނަށް އެންމެ ރަނގަޅުވާނެ ކުދިންނެވެ. އެކުދިންގެ ޙަޔާތުގައި އުފުއްލަންޖެހޭ ތަކުލީފަކީ އެއްވެސް އެއްޗެއް ނޫނެވެ. އެއީ ކީއްވެ ހެއްޔެވެ ؟ އެއީ ، މައިންބަފައިން ދެވާ ފިރިހެނުންނަކީ އެމީހުންނަށް ކަމުދާ ފިރިހެނުންކަމަށް ވާތީއެވެ. " މަންމަޔާ ދިމާއަށް އެތިވަރު ގޮވައިގެންފައި ތަހުނިޔާ ތެދުވެގެންގޮސް ކޮޓަރިޔަށް ވަނެވެ.
ސާޖިދާހުރީ އާގަމަ ވެފައެވެ. ތަހުނިޔާ އެކީ އެއްޗެއް އޭނާއަށް ރަނގަޅަށް އަޑުއިވުނުހެންނެއްވެސް ހިއެއް ނުވެއެވެ. ބުނާނެ ހަމަ އެކައްޗެއްވެސް ސާޖިދާއަކަށް ނޭނގުނެވެ. ސާޖިދާގެ އަމިއްލަ ނަފުސަށް ނިސްބަތްކޮށް ބުނެވުނުހާވެސް އެއްޗަކީ ، ނޫރުއެހުރީ އޭނާގެ ދަރިފުޅު މުޅިން ހަލާކުކޮށްލާފައި ކަމުގައެވެ. މިހާރު އެފެންނަނީ އޭނާއަށް ، ތަހުނިޔާ ކުޑައިރު ، ނޫރުއާއެކީ އުޅެން ދޫކޮށްލެވުނުކަމުގެ ހިތި ރަހައެވެ. މުސްކުޅިން ބުނެއުޅެނީ ރަނަގޅު ވާހަކަ އެކެވެ. ދަރިން ހަލާކުވަނީ ދަރިންނާ އެކުގައި އުޅޭ އެކުވެރިންގެ ސަބަބުންނެވެ.
މުރުތަޟާ ގެޔަށް އައިސް ، ވަދެ މަންމަ ކޮބައިތޯ ބަލަން މަންމަގެ ކޮޓަރިޔަށް ވަތްއިރު ޙަފުޞާއިނީ ބޭރަށްދާން ރީތިވާށެވެ. މަޑުމަޑުން ވަދެ މަންމަޔަށް ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ، ގަޑިޔަށް އައީތީ ހާދަ ރަނގަޅޭ ބުނެ ތަހުނިޔާމެންގެޔަށް ދާން ތައްޔާރުވެލަން ދާށޭ ބުންޏެވެ. މަންމަގާތުގައި ދައްކައިލަން ބޭނުންވާ މުހިންމު ވާހަކައެއް އެބައޮތްކަމަށް މުރުތަޟާ ބުނެލިއެވެ.
މުރުތަޟާ ބޭނުންވާ ވާހަކައެއް ސީދަލަށް ބުނަންވީކަމަށް ޙަފުޞާ ބުންޏެވެ. ކޮންމެހެން ސިއްރުން ވާހަކަ ދައްކާނެކަމެއް ނެތެވެ. ކުރާކަމެއް ކުރިމަތީ ކުރާށެވެ. ޙަފުޞާ އައިސްފައިހުރި ރުޅި މައިތިރިކުރަމުން ބުނެލިއެވެ.
މުރުތަޟާހުރީ މަންމަޔާ ވާހަކަދައްކަން ބިރުންނެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ، އަޅައަޅައިގަންނަމުން ، އޭނާގެ އޮފީހަށް މިއަދު ، ނޫރު އައިވާހަކަ ބުންޏެވެ.
" ނޫރުއަށް އަހަރެމެންނަށް އަމާޒުކޮށް ދެއްކުނު ވާހަކަތަކާމެދު އޭނާހުރީ ، ކަންބޮޑުވެފައެވެ. އަދި އެކަމަށް އަހަރެމެންގެ ކިބައިން މަޢާފަށް އެދުނެވެ. އަހަރެމެންނާ އެކު އޮތްގުޅުން ކަނޑައިލާކަށް ނޫރު ބޭނުމެއް ނޫނެވެ. މުރުތަޟާ ބުންޏެވެ. ( ނުނިމޭ )
varah reethi
varahves reethi dhukuran