ދޮންބެއްޔާގެ ލޮލުގައި އަޅައިގަތް އާ ބަހެކެވެ. " ޖަލުގައިވާ ކުށްވެރިޔާ " މިބަސް ، ދިވެހިބަހުގެ ރަދީފުގައި ޙަވާލާދީފައިވަނީ ، އިނގިރޭސިބަހުން ބޭނުންކުރާ " ޕްރިޒަނަރ " އަށެވެ. މާނަޔަކީ ، ޖަލުގައި ބަންދުކޮށްފައިވާ މީހާއެވެ. ޖަލުގައި ބަންދުކޮށްފައިތިބޭ މީހުންނަށްވެސް ލިބެންޖެހޭ ޙައްޤުތަކެއް ހުންނާނެއެވެ. ހަމައެއާއެކު ، ކިތަންމެ ބޭނުންވިޔަސް ، އެމީހުންނަށް ލިބެންނުޖެހޭ ޙައްޤުތަކެއްވެސް ހުންނާނެއެވެ. ޖަލުގައި ބަންދުކޮށްފައިތިބޭ މީހުންނަށް ދަރަޖަތަކެއް ބެހިފައި އޮވެއެވެ. ނިކަމެތިންނަށް ދެރަގޮތެވެ. މުއްސަނދިންނަށް މޮޅުގޮތެވެ. ނިކަމެތިންނަށް ކުޑަގޮޅިއެވެ. " ބޮޑެތި " މީހުންނަށް އެޕާޓްމަންޓެވެ. އެއީ އިސްސާފެއްނޫންކަމަށްވިޔަސް އެކަން އޮންނަނީ އެގޮތަށެވެ. އިންސާނީ ޙައްޤު މިހާރު އޮންނަނީ އެގޮތަށެވެ.
ބައިލަންއަޤްވާމީ މިންގަނޑުން ބަލާއިރު ، ޖަލުގައި ބަންދުކޮށްފައި ހުންނަމީހާއަށް ، ތަފާތުކުރުމެއް ނުއޮންނަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ނަސްލާއި ކުލަ ، ޖިންސާއި ބަސް ، ދީނާއި ސިޔާސީ ވިސްނުން ، ޤައުމީ ނިސްބަތާއި މިލްކިއްޔާތު އަދި އުފަންވީތަނާއި ދަރަޖަ ހިމެނެއެވެ.
ރާއްޖޭގެ ޖަލުގެ ނިޒާމުގެ ތާރީޚުގައި " މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް " ގެ ނަމަށް ޖަލާބެހޭ ކަންކަން ބަދަލުވީ ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 31 ޑިސެމްބަރ 2013 ގައެވެ. އޭގެ ދިހަވަރަކަށް އަހަރުފަހުން ، މިހާރު ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޖަލުގައި ބަންދުކުރެވިފައިވާ ކުށްވެރިޔެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި ، ތިން ގިންތިއަކަށް ތަފާތުކޮށްގެން ދެވޭ ، ރައްކާތެރިކަމުގެ ޚާއްޞަ ޚިދުމަތްތަކެއް ޤާއިމްވެފައި އޮވެއެވެ. ކުރިން ރައީސްކަންކުރިމީހުން ހިމެނެނީ މިގިންތިތަކުގެ އެންމެ ކުރީ ގިންތީގައެވެ. މޮޅުމީހުންނަށް މޮޅު ގޮތެވެ.
ކުރިން ، ރައީސްކަންކުރިމީހުން ޖަލުގައި ބަންދުކޮށްފައި ބައިތިއްބެނީ ވަކި އެޕާޓްމަންޓެއްގައެވެ. މިއެޕާޓްމަންޓްގައި މެސްރޫމަކާއި ޓީވީބެލޭނެގޮތް ، އަދި އަމިއްލަޔަށް އަންނަނައުނު ދޮވެވޭނެގޮތް ހަމަޖެހިފައި އޮންނަން ޖެހެއެވެ. ނުވަތަ ، ދާ އެއްޗެތި ދޮންނަން ހަފުތާއަކު އެއްފަހަރު އެމީހެއްގެ ޢާއިލާއަށް ފޮނުވިދާނެއެވެ. ޢާއިލާއަށް ، ދުވާލަކު އެއްފަހަރު 10 މިނިޓްގެ ކޯލެއް ކުރެވޭނެއެވެ. ކާންބޭނުންވާ އެއްޗެއް އިޚުތިޔާރުކުރަން ، ޚާއްޞަ މެނޫއެއް އޮވެއެވެ. ހަފުތާއަކު ދެދުވަހު ، 2 ގަޑިއިރަށް ޢާއިލާއާ ބައްދަލު ކުރެވެއެވެ.
ދަށް ގިންތިތަކުގެ ޖަލުމީހުންނަށް ޢާއިލާއަށް ނުވަތަ ޤާނޫނީ ވަކީލަށް ފޯނުކުރެވެނީ މަހަކު ދެފަހަރު 7 މިނިޓަށެވެ. ޢާއިލާ ނުވަތަ ޤާނޫނީ ވަކީލާ ބައްދަލު ކުރެވެނީ މަހަކު އެއްފަހަރު ދެގަޑިއިރަށެވެ.
ކުށްވެރިން އިޞްލާޙުކޮށް މުޖުތަމަޢަށް ނެރުމުގެ މަޤްޞަދުގައި ، ތަޢުލީމީ އަދި ފަންނީ ތަމްރީނުގެ ކޯސްތައް ޖަލުގައި ހިންގެއެވެ.
ރައީސްކަންކުރިމީހުން ކޮންމެފަދަ ކުށެއްކުރިޔަސް ، މީހަކު މެރިޔަސް ، ބޮޑުވެގެންވާ ވަށްކަމެއްކޮށް ، ޝަރުޢީ ޙުކުމެއްކޮށް އެ ޙުކުމް ތަންފީޒު ކުރުމަށް އަރާމު އެޕާޓްމަންޓަކަށް ލެވެއެވެ. ދެރަ ނިކަމެތިމީހާ ރިހާކުރުފުޅިއެއް ވަގަށްނެގުމުން ޖަލަށްލީމާ އޮންނަންޖެހެނީ ކުޑަކުޑަ ގޮޅިއެއްގައެވެ. ރިހާކުރުފުޅިއެއް ވަގަށްނަގާ މީހާއާ އެތައްމިލިޔަން ރުފިޔާއެއްގެ ޚިޔާނާތުގެ ކުށުގައި ޖަލަށްލާ " ބޮޑެތި " މީހުންނާ ދެމެދު ، އެހާބޮޑު ތަފާތެއް ހުރުމަކީ އިންސާފު ހެއްޔެވެ؟ އިންސާނީ ޙައްޤު އޭގެތެރެޔަށް ވަންނަނީ ކިހާ ހިސާބަކުން ހެއްޔެވެ ؟
ޖަލުގައި ހައްޔަރު ކުރެވޭ " ބޮޑެތި " މީހުންނަށް ، ރައްޔިތުންގެ ޓެކްސް ފައިސާއިން އެހާބޮޑު ޚަރަދެއް ކޮށް ، އަމިއްލަ އަތުން ޚަރަދެއް ނުކޮށް އަރާމުގައި ދިރިއުޅެން ފުރުޞަތު ލިބެއެވެ. އަރާމު އެޕާޓްމެންޓެއް ލިބެއެވެ. ބޭނުން އެއްޗެއް ކާން ލިބެއެވެ. ކޮންމެ ދުވަހަކު ޢާއިލާއާ ފޯނުން ގުޅެއެވެ. ނިކަމެތިމީހާ ކޮންމެތާކުވެސް އުޅެން މިޖެހެނީ ނިކަމެތި ޙާލުގައެވެ. ޖަލުގައި ވިއްޔާ ކުޑަކުޑަ ކުޑަގޮޅިއެއްގައެވެ. މި ދުނިޔެއަކީ އިންސާނީ ޙައްޤުތައް ގެއްލި ، ހަމަހަމަ ކަމާއި އިންސާފުން އެއްކިބާވެފައި އޮންނަ ތަނެއްކަން ޖަލުގެ ނިޒާމުން ސާބިތެއް ނުވޭ ހެއްޔެވެ ؟ " ބޮޑެތި " މީހުންނަށް އޮންނަ އިންސާނީ ޙައްޤު ، ދެރަ ނިކަމެތި މީހާއަށް ނުއޮންނަންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ ؟
ދެމީހުންނަކީވެސް ޖަލަށްލައިފާތިބޭ ކުށްވެރިންނެވެ. ދެމީހުންވެސް ކުރާނީ ހަމަ އެއް އިޙްސާސެކެވެ. ﷲ ގެ ދަރުބާރުގައި އެދެމީހުންނަކީ ތަފާތެއްނެތި ، ހަމަހަމަ ކަމާއެކު އިންސާފު ލިބިގެންދާނެ ދެމީހުން ކަމަށްވާއިރު ، އެހާ ބޮޑު ތަފާތަކުން އިންސާނީ ޙައްޤު އޮޅުވާލެވިގެން ވެދާނެ ހެއްޔެވެ ؟ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ނުއޮންނަ ގިންތިއަކާއި ތަފާތެއް ، މިދުނިޔެމަތީ އިންސާނުން އެއުފައްދަނީ ކޮން ޙައްޤަކުން ، ކޮން ހަމަޔަކުން ހެއްޔެވެ ؟ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެ މަތިވެރި ނިންމެވުން ، އިންސާނާ އަމިއްލަ އަތުން ލިޔެ އުފައްދާ ޤާނޫނަކާއި ޤަވާޢިދަކުން މުގުރައި ލެވިދާނެ ހެއްޔެވެ ؟