(8 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ތަހުނިޔާ ވަޒީފާއެއް ހޯދުމަށްޓަކައި ، ބަސްދީގަތުން ދިންތަނުން ދެވަނަ ފަހަރަށް އޭނާ އެތަނަށް އައުމަށް ދަޢުވަތު ލިބުނެވެ. އޭނާވަނީ ބަސްދީގަތުމުގެ ދެވަނަ ބުރަށް ހޮވިފައެވެ. ވަޒީފާއެއް ލިބުމުގެ އުއްމީދު ވަރަށް ބޮޑުވިއެވެ. ދެވަނަބުރުގައި އޮންނާނީ މުސާރައާ ބެހޭގޮތުންނާއި ވަޒީފާދިނުމާބެހޭގޮތުން އެތަނުން ދޭންޖެހޭ މަޢުލޫމާތު ދިނުމެވެ. އެވަޒީފާއަށް ތަހުނިޔާ އަދި ހޮވުނީކީ ނޫނެވެ. އެހެންނަމަވެސް ، އެލިބުނީ ކޮންމެވެސް ވަރެއްގެ އުއްމީދެކެވެ. ވަޒީފާއެއް ހޯދަން އެތައްތަނަކަށް ސިޓީލައިގެންވެސް އެވަރުވީތަނެއްވެސް އަދި ނުފެނެއެވެ. އެކަމާ ތަހުނިޔާހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނޫރު ފަދައިން ، ގޭގައި ނީނދެ ، ބޭރުތެރޭގައި ހަމަނޭވާ ލެވި ، އޭނާގެ ހުނަރުވެރިކަން ހާމަކޮށް ، މަސައްކަތެއްކޮށްގެން އާމްދަނީއެއް ލިބޭނެ މަގު އޭނާއަށް ތަނަވަސް ވަމުންދާތީއެވެ. އޭނާގެ ފަރާތުން މަންމަމެންނަށް ކުރިމަތިވާ ތަކުލީފާއި އުނދަގުލުން ، މަންމަމެން ސަލާމަތް ކޮށްދެވޭތީއެވެ.
އެވާހަކަ ދައްކައި އެ އުފާވެރި ޚަބަރު ، ތަހުނިޔާ އޭނާގެ މަންމަޔަށް ދިނެވެ. ފޫހިވެފައި ގޭގައި އިނުމުގެ ދުވަސް އެދިޔައީކަމަށް ބުނެއެވެ. ތަހުނިޔާގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން ފެނި ، މަންމަވެސް ތަހުނިޔާއަށް މަރުޙަބާ ކިޔައި އޭނާގެ އުފަލުގައި ބައިވެރިވިއެވެ. އެހެންނަމަވެސް ، ތަހުނިޔާގެ މަންމަޔަކީވެސް ބޯދާ ވިސްނުމުގެ މީހެކެވެ. އެމަންމަވެސް ބޭނުންވަނީ ، ކިޔަވައިގެން ހުއްޓަސް ، ތަހުނިޔާ ގޭގައި ހުރުމަށެވެ. އޭނާގެހުރި ހަމައެކަނި އަންހެންދަރިފުޅު ، ގޭތެރެއިން ފެނުމަކީ އަބަދުވެސް ، އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. ވަޒީފާއެއް އަދާކުރުމަކީ ، ތަހުނިޔާގެ އަމިއްލަ ނިންމުމެކެވެ. ތަހުނިޔާ ، އޭނާގެ މަންމަމެން ދޫކޮށްލާފައި އެގެއިން ނުކުމެގެން އެހެންތާކަށް ނުދާނެއެވެ. އޭނާ ބޭނުންވަނީ ، މަންމަ ބަލައިގެން މަންމަމެންނާއެކު އެއްގެޔެއްގައި އޭނާގެ ދިރިއުޅުން އާބާދު ކުރާށެވެ. ވަޒީފާއަކީ ، އެހެންކުދިން ފަދައިން ތަހުނިޔާވެސް އޭނާގެ އަމިއްލަ ފުދުންތެރިކަމާއި އަމިއްލަ އުފަލަށްޓަކައި ކުރާ ކަމެކެވެ.
ނޫރު ހޯދަމުންދާ ކާމިޔާބީތަކަކީ ، ތަހުނިޔާގެ މަންމަގެ ހިތުގައިވެސް ، ތަހުނިޔާއަށްޓަކައިވެސް ކުރެވޭ އުއްމީދެކެވެ. އޭނާގެ ދަރިފުޅު ތަހުނިޔާއަކީވެސް ނޫރުއާ އެއްފަދަ ކުއްޖަކަށްވާން އެމަންމަވެސް ބޭނުމެވެ. އެދުވަހު ، އެގެޔަށް ޠާހިރާ އައިސް ، މުރުތަޟާއާއި ނޫރުގެ ކައިވެނީގެ ތާރީޚު ކަނޑައަޅަން ޙަފުޞާ އެގެޔަށްދާ ވާހަކަ އޮތީ ތަހުނިޔާގެ މަންމައަށްވެސް އިވިފައެވެ. އެކަން ނިމުނުގޮތެއް ތަހުނިޔާއަކަށްވެސް އަދި ނޭނެގއެވެ. އަދި ނިމުނުގޮތެއް ސާފުކުރުމަށް ތަހުނިޔާވެސް ހުރީ ކެތް މަދުވެފައެވެ. ނޫރުއަކީ ، ތަހުނިޔާގެ އެންމެ ގާތް އެކުވެރިޔާއެވެ. ނޫރުވެސް ގުޅާލާފައިވެސް އެކަހަލަ ވާހަކައެއް އަދި ނުބުނެއެވެ.
ނޫރުއަކީ ، ވަރަށް ހީވާގި ކުއްޖެކެވެ. ކޮންމެކަމަކާ ކުރިމަތިލިޔަސް އެކަމެއް ކާމިޔާބު ކުރާނެއެވެ. ތަހުނިޔާވެސް ބޭނުންވަނީ އެކަހަލަ ކުއްޖަކަށްވާށެވެ. ޔަހުނިޔާގެ މަންމަގެ ލޯސީދާވެފައި އޮތީ މުރުތަޟާގެ މައްޗަށެވެ. މުރުތަޟާއަކީ ވަރަށް ރަނގަޅު މީހެކެވެ. މުރުތަޟާފަދަ ރަނގަޅު މީހަކު ލިބޭނީ ވަރަށް ނަސީބުގަދަ އަންހެނަކަށެވެ. ހަތަރުދަމު ވަޒީފާގައި ބޭރުގައި އުޅޭ ނޫރުފަދަ ކުއްޖަކަށް މުރުތަޟާ ލިބުމަކީ ، ނަސީބެކެވެ. އެކަމަކު ، މުރުތަޟާގެ ދިރިއުޅުމަށް ނޫރުގެ ފަރާތުން ހަމަޖެހުމެއް ލިބޭނެކަމަކަށް ތަހުނިޔާގެ މަންމަޔަށް ނުފެނެއެވެ. ޔަހުނިޔާގެ ވިސްނުން އެއާ ތަފާތެވެ. ޒަމާން ބަދަލު ވެއްޖެއެވެ. ޒުވާން އަންހެންކުދިންނަށްވެސް ވަޒީފާގެ މާޙައުލަށް ނުކުމެ ، މިނިވަންކަމާއެކު ، ދިރިއުޅުމުގެ ފުރުޞަތު މިހާރު އެބައޮތެވެ. އަމިއްލަޔަށް މަސައްކަތްކޮށްގެން އެހެން މީހުންނަށް ބަރޯސާނުވެ ، ލާރިހޯދައިގެން ދިރިއުޅުމަށް ޖާގަ ލިބެއެވެ. ގެވެހި އަންހެނެއްގެ ގޮތުގައި ހަތަރުދަމު ގޭގައި އިނދެ ، ޢާއިލާއަށް ޚިދުމަތް ކުރުމުގެ ބުރައިން ، އެކުދިން މިންޖުވުމުގެ ފުރުޞަތު ، ޒަމާން އަންނަނީ ތަނަވަސް ކޮށްދެމުންނެވެ. އެފަދަ ފުރުޞަތު ތަނަވަސް ވެގެން އަންނަނީ އަދިވެސް މަދު ބަޔަކަށެވެ. ނޫރަކީ އޭގެ މިސާލެކެވެ. ތަހުނިޔާވެސް ބޭނުންވަނީ އެގޮތެވެ. އެއީ ނޫރުއާއި ތަހުނިޔާވެސް ވަރަށްގިނައިން ވާހަކަ ދައްކާ މަވްޟޫއެކެވެ. މަންމަމެންގެ ބޯދާ ޚިޔާލަށް ބަދަލު ގެނައުމަކީ ކުރެވޭނެކަމެއްނޫނެވެ. ނޫރު އެބުނަނީ ހަމަ ރަނގަޅަށެވެ. ޒަމާނަށް އަންނަ ބަދަލުގައި ހުޅުވޭ ހަނި ފުރުޞަތުތަކުގެ ބޭނުން ، އަންހެންކުދިން ނުހިފައިފިނަމަ ، އެއީ އެކުދިންގެ މުސްތަޤްބަލަށް އެޅޭ ހުރަހެކެވެ. އެކުދިން ކެރިގެން އެކަމާ ކުރިމަތިލައިގެން ނޫނީ ދުވަހަކުވެސް އެކަން ބަދަލެއް ނުވާނެއެވެ. މަންމަމެންގެ ބޯދާ ވިސްނުމުގައި އަދިވެސް އޮންނަނީ ޒުވާންޖީލަށް ، އަންހެންކުދިން އަހުލުވެރިވުމުގެ ވިސްނުމެއްނޫނެވެ. އެލިބޭ މިނިވަންކަން އެކުދިންނަށް ހޯދައިދޭކަށް ބޭނުމެއް ނުވެއެވެ. އެއީ މިޒަމާނުގެ އަންހެންކުދިންނަށް ، ޢާއިލާގެ ތެރޭގައި ކުރަންޖެހިފައި އޮންނަ ހަނގުރާމައެކެވެ. ކޮންމެވެސް ބަޔަކު އެކަމަށް ކެރިގެން ކުރިމަތިލައިގެން ނޫނީ ޒަމާނަށް އަންނަ ތަހުޒީބީ ބަދަލުތަކުގެ ފޮނިމީރުކަން ، އަންހެން ކުދިންނަކަށް ނުލިބޭނެއެވެ.
މުރުތަޟާ އޮފީހަށްގޮސް ، މަސައްކަތެއްކުރަން އުޅެއުޅެ ކުރިޔަށް ގެންދެވޭގޮތެއް ނުވިއެވެ. ކޮޅަށް ތެދުވެ ހިންދެމިލައި ކިޑިކީދޮރުކައިރިޔަށް ޖެހިލައި މުޅިމީހާ ގަނޑުވެފައި ހުއްޓެވެ. އޭނާގެ ދެކަންފަތަށް ތަކުރާރުކޮށް އިވެމުން އެދަނީ ނޫރު ، ބުނިބަސްތަކުން އެންމެ ބަހެކެވެ. " އަހަރެން ، މިވަގުތު ކައިވެނިކުރާކަށް ތައްޔާރެއްނޫނެވެ. " ނޫރުދެއްކި އެހެން އެއްވެސް ވާހަކައެއް މުރުތަޟާގެ ކަންފަތަކަށް ނީވެއެވެ. އެއީ ކީއްވެގެންކަމާއި ، އެކަމުގައި އޮތީ ރަނގަޅެއްކަމާމެދު ، އަދި ގޯހެއްކަމާމެދުވެސް އިތުރަށް ވިސްނާކަށް މުރުތަޟާ ބޭނުމެއްނޫނެވެ. ކަންތައްތައް ކޮންމެ ގޮތަކަށް ހުއްޓަސް މުރުތަޟާ ބޭނުންވަނީ އެ ކައިވެނި ކުރާށެވެ. ކައިވެނީގެ ފަހުން ކުރިމަތިވާ ކަންތައްތަކާ ކުރިމަތިލާނީ ފަހުންނެވެ. ކަމެއް ވާނެގޮތް އެނގޭނީވެސް އެކަމެއް ފެށުނީމައެވެ. މާދުރާލައި ކަންކަން ރާވައި އެމަގުން އެކަމެއްކުރަން އަމާޒު ހިފުމަކީ ، ކެތްތެރިކަންކުޑަމީހުންގެ ކަމެކެވެ. ދިރިއުޅުމަކީ އުއްމީދެކެވެ. ދިގު ރާސްތާއެކެވެ. ދިރިއުޅުމަށް ކުރިމަތިލާއިރު ، ކުރާ އުއްމީދުތަކެއް ، ހިފޭ އަމާޒުތަކެއް ނެތްނަމަ ، އެއްވެސް ރަށެއް ފެންނަންނެތް މާ ސިންގާ ކަނޑެއްގައި އެއްވެސް މިސްރާބެއްނެތި ، ދަތުރުކުރާ ދޯންޏެއް ފަދައެވެ. އަތުގައި ސަމުގާއެއް އޮވެ ، އޭގެ ބޭނުން ނުހިފައި ދަތުރުކުރަމުންދާ އޮޑިޔަކަށް ދެވޭނެ ވަކިތަނެއް ނޭނގޭނެއެވެ.
މުރުތަޟާގެ ވިސްނުންވެސް ގޯހެއްނޫނެވެ. އޭނާފަދަ މީހަކަށް އެއީ އެންމެ ރަނގަޅުގޮތްކަމަށް ވެދާނެއެވެ. އެހެނަސް ، ނޫރުގެ ވިސްނުމަށްވެސް އިޙްތިރާމްކުރަން ޖެހެއެވެ. އެއީވެސް ޒުވާން އަންހެން ކުއްޖެކެވެ. ދިރިއުޅުމެއް ފެށުމުގެ ކުރިން ޙާޞިލްކުރަން އޭނާ ބޭނުންވާ ލަނޑުދަނޑިތަކެއް އެބަހުއްޓެވެ. މިސްރާބެއް އެބައޮތެވެ. އުއްމީދުން ފުރިގެންވާ އުޖާލާ ދިރިއުޅުމަކަށް ދިރުމެއް އެބަ އޮތެވެ. އެއީ ނޫރު ބޭނުންވާ ގޮތެވެ. ދެމީހުން އެއްގޮތެއް ބޭނުން ނުވާނަމަ ، އެކުގައި ކުރިޔަށް ދިއުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެކެއްގެ މިސްރާބެއް އޮވެ ، ދެމީހުން އެކުގައިކުރާ ދަތުރުގައި ، ދެންހުރި މީހާއަށް ކުރިމަތި ނުފެންނަނަމަ ، އެއީ ފަސޭހަ ދަތުރަކަށް ނުވާނެއެވެ. ދެމީހުންނަށްވެސް ، ދުރުން ފެންނަން އޮންނަ މަންޒިލް ޤަބޫލުކުރެވެން ވާނެއެވެ. ދެމީހުން ދެކޮޅަށް ފަލިޖަހާނަމަ ، ބޮއްކުރާ އެނބުރި ގަންނާނެއެވެ. ދެވޭ ނުދެވޭތަނެއް ނޭނގި މިސްރާބު ގެއްލޭނެއެވެ.
މުރުތަޟާއަށް ލިބިފައިވާ ހާސްކަން އޭނާއާ ދުރަށް ގެންދިޔައީ ، ފޯނުގެ ރަނގަބީލުވާން ފެށުމުންނެވެ. އެތައް އިރަކު ރަނގަބީލުވުމުން ބޮލަށް އުނދަގޫވެގެން އައިސް ، ފޯނުގެ އަތްގަނޑު ނެގިއެވެ. އެއީ ނޫރުގެ ފޯނެކެވެ. ވާހަކަ ދައްކަން ފެށީ ނޫރުއެވެ.
މުރުތަޟާގެ މޫޑު ރަނގަޅު ވެއްޖެތޯ ނޫރު އެހިއެވެ. ނޫރުގެ ސުއާލަށް މުރުތަޟާ ވަގުތުން ޖަވާބު ދިނެވެ.
" މޫޑު ރަނގަޅެވެ. ނޫރުއެވެ. އެކަމަކު ، އިންސާނާގެ ވިސްނުމާއި ފިކުރު އެކުއެކުގައި މަސައްކަތްކުރުމަކީ ، އޮންނަންޖެހޭނެ ކަމެކެވެ. ނޫރުގެ ވިސްނުމާއި ފިކުރު އެކުގައި މަސައްކަތް ކުރޭތޯ ، އަހަރެންނަށް ސުއާލުކުރެވިދާނެ ހެއްޔެވެ ؟ "
" އެހެންމީހެއްގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ، ތިމާއަށް ފެންނަގޮތް އޮތުމަކީ ، ބުއްދި މަސައްކަތް ނުކުރުމެއް ނޫނެއްނޫން ހެއްޔެވެ ؟ އެހެން މީހުންގެ ބުއްދި ހަމަނުޖެހޭކަމަށް ބުނެ ، އެވާހަކަ ދެއްކުމަކީ ، އެންމެ ރަނގަޅުކަމެއް ހެއްޔެވެ ؟ ނޫރު ސުއާލު ކުރިއެވެ.
އެކުގައި އުޅޭ ދެމީހެއްގެ މެދުގައި މައްސަލައެއް ދިމާވެއްޖެނަމަ ، އެކަމެއް ޙައްލު ކުރުމުގައި ، އެތަނުން އެކެއްގެ ވިސްނުން އަނެކާއާ އެއްގޮތަށް ދީލައިލުމަކީ ، ކުރަންޖެހޭނެ ކަމެއްކަމުގައި މުރުތަޟާ ޤަބޫލު ކުރެއެވެ. ނޫރުގެ ދިރިއުޅުން ، މުރުތަޟާއާ އެކީގައި ކުރިޔަށް ގެންދިއުމަކީ ، ނޫރުގެ ޙަޔާތުގައި އޭނާއަށް ލިބޭނެ އެންމެބޮޑު އުފާވެރިކަމެވެ. އެހެނަސް ، އެކަން މުތަޟާއަކަށް ނުވިސްނެއެވެ. ޤަބޫލުކުރާކަށްވެސް ބޭނުމެއްނޫނެވެ. ނޫރުގެ އިޙްސާސްތައް ދެނެގަނެވޭހާ ކެތްތެރިކަމެއް މުރުތަޟާގެ ކިބަޔަކު ނެތެވެ. މުރުތަޟާގެ ވިސްނުން އެއާ މުޅިން އިދިކޮޅެވެ. މުރުތަޟާއަކީ ، ނޫރުގެ ޙަޔާތުގައި ކިހާމުހިންމު މީހެއްކަމާއި މުރުތަޟާގެ މައްޗަށް ނޫރުގެ ބަރޯސާ އޮތީ ކިހާވަރެއްގައިކަން ނޫރުވަނީ އޭނާއަށް އަންގައިދީފައެވެ. ކުރީދުވަހު ، ނޫރު އެދެއްކި ވާހަކަތަކުން މުރުތަޟާ ނަގަން ބޭނުންވި މާނަޔަކީ އެއީއެވެ. ދިރިއުޅުމަކަށް ނޫރު އެކުރާ އުއްމީދުތަކުގައި ، މުރުތަޟާއަށް ބައިވެރި ނުވެވޭނެ ހުރިހާކަމެއް ނޫރުވަނީ ސާފުކޮށް ބުނެދީފައެވެ. އެ އުއްމީދުތަކަށް ދިރުމެއް އަންނާނެ އެއްވެސްކަމެއްގައި ، ނޫރުއާ ބައިވެރިވާކަށް މުރުތަޟާގެ ވިސްނުމެއްގަޔެއް ނެތެވެ. ދެމީހުންގެ ވިސްނުމާއި ފިކުރު އެއްގޮތް ކުރުމުގައި މުރުތަޟާ ބޭނުންވަނީ ، މުރުތަޟާގެ ވިސްނުން އިސްކޮށް ، ނޫރުގެ ވިސްނުން އެއްފަރާތްކޮށް ދިނުމަށެވެ.
ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކުގައި ، ނޫރު އެދެއްކި އުއްމީދީ ވާހަކަތަކުގައި ، އެއްވެސް ރަނގަޅެއް އޮތްކަމަކަށް މުރުތަޟާއަކަށް ފާހަގައެއް ނުކުރެވެއެވެ. އެކަން ޤަބޫލުކުރާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. ނޫރުގެ ވާހަކަތަކުން މުރުތަޟާ އެނަގަނީ ނުބައި މާނައެއްކަމުގައި ، އެތައް ފަހަރަކު ނޫރު ބުނެދީފައި ވެއެވެ. އެހާ ގިނަކަންކަމަކަށް މުރުތަޟާގެ ފަރާތުން ނޫރުއެއް ނޭދެއެވެ. ހަމައެކަނި ، އޭނާ އެދުނީ ކުޑަ ވަގުތުކޮޅެއް އޭނާއަށް ދިނުމަށެވެ. އެކަން ، ޤަބޫލުކުރާކަށް މުރުތަޟާ ބޭނުމެއް ނުވެއެވެ. މަންމަމެންގެ ވިސްނުމާއި ފިކުރުގެ ނުފޫޒުން ބައްޓަންވެގެން ، މުރުތަޟާގެ ވިސްނުމާއި ފިކުރުގައި އޭނާ ނިންމާފައިވާ ގޮތް ބަދަލުކުރާކަށް މުރުތަޟާ ތައްޔާރެއްނޫނެވެ. އޭނާގެ ކުރިމަތީގައި ، ނޫރުގެ އިޙްސާސްތަކަކީ ނެތް އެއްޗެކެވެ.
މުރުތަޟާ ޤަބޫލުކުރާ ގޮތުގައި ، މުރުތަޟާއަކީ ނޫރުއާ އެކަށީގެންވާ މީހެއްނޫންކަން ، ނޫރުގެ ބަހާއި ޢަމަލުން ސާފުކޮށް އަންގައިދީފިއެވެ. ނޫރު ޙާޞިލްކުރުމަކީ ، މުރުތަޟާ ވިސްނައިގެންހުރި ގޮތާ ޚިލާފަށް ، މުރުތަޟާއަށް ކުރެވޭނެކަމެއްނޫންކަން ނޫރުވަނީ އޭނާއަށް ބުނެދީފައެވެ. ނޫރުގެ ވާހަކަތަކުގެ މާނަ ، ކުރުކޮށް ފޮނިކޮށް ނަގާކަމަށްވަންޏާ މުރުތަޟާއަށް ނެގޭ މާނަޔަކީ އެއީއެވެ. ނޫރު އެހުންނަނީ ވަރަށް މަތީގައެވެ. ބިންމަތީ ހުރެ އިސްއުފުލައި އިދިފުށަށް ބޯ ދާއިރުވެސް ، މުރުތަޟާއަށް ނުފެންނަވަރުގެ އުހުގައެވެ. އެހާ ފެންވަރުމަތީ މީހަކު އެއީ ، މުރުތަޟާއާ އެކަށީގެންވާނެ މީހެއްނޫންކަމުގައި މުރުތަޟާވަނީ ނިންމައިފައެވެ. މުރުތަޟާގެ ހިތްއޮންނަނީ ބިމުގައެވެ. ނޫރުގެ ހިތް އޮންނަނީ އުޑަށް އަރައި ސިދުރަތުލްމުންތަހާގައެވެ. އުޑާއި ބިމުގެ ތަފާތުން ، އެދެހިތް ގުޅުވޭނެ އެއްވެސްމަގެއް މުރުތަޟާއަށް މިހާރަކު ނުފެނެއެވެ. މުރުތަޟާއާއެކު އުޅެން ، ނޫރު ބޭނުންވިޔަސް އަދި ބޭނުން ނުވިޔަސް ، ނޫރުއާ އެއްފެންވަރަށް މުރުތަޟާއަކަށް ނުދެވޭނެއެވެ. ނޫރު ބޭނުންވާ ގޮތަކީ އެއީ ކަމަށް މުރުތަޟާ ޤަބޫލު ކުރެއެވެ. އެދެމީހުންގެ ގުޅުމުގައި މުރުތަޟާއަށް ފެންނަ ތަޞައްވުރަކީ އެއީއެވެ.
ނޫރުއަށް ފެންނަ ގޮތުގައި ، ދިމާވެގެން އުޅޭ ހަމައެކަނި މައްސަލަޔަކީ ، ދެމީހުންނަށްވެސް އެކަކު އަނެކަކު ، ރަނގަޅަށް ނޭނގުމުގެ މައްސަލައެވެ. އެކެއްގެ ވިސްނުމާއި އިޙްސާސްތައް އަނެކަކަށް ޤަބޫލު ނުކުރެވުމެވެ.
މުރުތަޟާއަށް ފެންނަ ގޮތުގައި ، އެދެމީހުންގެ ވިސްނުމާއި ފިކުރަކީ ދުވަހަކުވެސް އެއްގޮތް ކުރެވޭނެ އެއްޗެއްނޫނެވެ. ތެލާއި ފެނާ އެކެއް ނުވާނެއެވެ. އަދި ، އެކަންކުރަން އުޅުމަކީވެސް ، ބޭކާރު ކަމެކެވެ. އެންމެ ރަނގަޅުވާނީ އެހިސާބުން އެކަން ދޫކޮށްލުމެވެ.
މުރުތަޟާގެ ވާހަކަތަކުން ނޫރުއަށް ވަރަށް އަސަރު ކުރިއެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ބައްޕަމެންނަށް ނޫރުގެ އިޙްސާސްތައް ސާފުކޮށްދޭން ވާހަކަ ދައްކާ ދައްކާ އޭނާ ބަލިވެއްޖެއެވެ. އަނެއްކޮޅުން ، މުރުތަޟާ އަކަށްވެސް ނޫރު އެދައްކާ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ. އޭގެ އިތުރަށް ، މުރުތަޟާ އެވާހަކަތަކުގެ މާނަ ނަގަމުން އެދަނީ މުޅިން އިދިކޮޅަށެވެ. ނޫރުއާ އެއްބައިވެ ، އޭނާއާއެކީ ކުރިޔަށްދާންހުރި މީހާގެ ވިސްނުމާއި ފިކުރު ، ނޫރުއާ ދެކޮޅަށް ހުންނައިރު ، ނޫރު އެދައްކާ ވާހަކަތައް އެހެންމީހަކަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ ؟ އެންމެ ކުޑަމިނުން ، އަދި ދުވަސްކޮޅަކު މަޑުކޮށްލުމަށްވެސް ، މުރުތަޟާ އަކަށްވެސް އެއްބަހެއް ނުވެވެއެވެ.
މުރުތަޟާގެ ކިބައިން ނޫރު އެ އެދެނީ ހަމަ އެކަނި އެންމެ ކަމަކަށެވެ. އޭނާއަށް ކުޑަވަގުތުކޮޅެއް ދިނުމަށެވެ. މުރުތަޟާ ދެކެ އޭނާ އިންތިހާއަށް ލޯބި ވެއެވެ. އަދި ކައިވެނިކުރަންވެސް ބޭނުންވަނީ މުރުތަޟާއާއެވެ. ނޫރުގެ އެ އުއްމީދުތައް ގުޅިފައިވަނީ އެދެމަފިރިންގެ ޙަޔާތުގެ ބާއްޖަވެރި ކަމާއެވެ. އެއީ ގޯސް ނިޔަތެއްގައި ނޫރު އެދެމުންދާ ކަމެއްނޫނެވެ.
ނޫރުގެ ބައްޕަމެން އަދި މުރުތަޟާގެ މަންމަމެންނާ އެދެޢާއިލާގެ އެންމެންނަކަށްވެސް ނޫރުގެ ވާހަކަތަކެއް ވިސްނައިގަންނާކަށް ނޭނގުނެވެ. އެންމެ ކުޑަމިނުން ، މުރުތަޟާއާއި ނޫރުއާ ދެމީހުން އެކަމުގައި ކިޔަންޖެހޭނީ އެކައްޗެކެވެ. ނޫރުގެ އުއްމީދަކީ ، އެންމެ ދެރަވެގެން މުރުތަޟާ އޭނާގެ އެދުމަށް ޚިޔާލުކޮށްލުމެވެ. އެއިން އެކަކުވެސް ނޫރުގެ އެ އެދުމަށް އިސްކަމެއް ނުދެއެވެ. އެކުގައި ދިރިއުޅުން އާބާދުކުރަން ތިބީ ނޫރުއާއި މުރުތަޟާއެވެ. އެދެމީހުން އެކަމުގައި ކިޔަން ޖެހޭނީ އެކައްޗެކެވެ. އެކަންވެސް އެއުޅެނީ ނުވެގެންނެވެ. މުރުތަޟާގެވެސް ކެތްތެރިކަމެއް ނެތެވެ. އެއްވެސް ޕްލޭނެއްނެތި ، އަވަސް އަރުވައިލާފައި ކައިވެނިކުރަން ވީއެވެ. އެއީ ކުޅޭ ކުޅިވަރެއްނޫނެވެ. ދެމީހެއްގެ މުޅި ޢުމުރަށް އެކީގައި އުޅުމަށްވެވޭ ޢަހުދެކެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. އެ ހަނގުރާމައިގައި ބައިވެރިވާ ދެމީހުންނަށް އެކައްޗެއް ނުކިޔޭނަމަ ، އަދި އެއްގޮތަކަށް އެއްބަސް ނުވެވޭނަމަ ، އެދިރިއުޅުމެއް ބާއްޖަވެރި ކުރުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެއެވެ.
ރަނގަޅަށްވިއްޔާ އެވާނީ ، ކޮންމެވެސް މީހެއްގެ ނުފޫޒުގައި މުރުތަޟާ ޖެހުނީކަމަށް ނޫރުއަށް ޤަބޫލުކުރެވެއެވެ. ނޫރުގެ އެބަސް މުރުތަޟާގެ ކަންފަތުގައި ޖެހުމާއެކު ، މުރުތަޟާ ހަމައިން ނެއްޓިއެވެ. މުރުތަޟާ ހަމަޔަކަށް އެޅުވުމަށްޓަކައި އިތުރު ހިތްވަރެއްލާން ނޫރު ބޭނުންވިއެވެ. އަދި އެދެމީހުން އަދި އެއްފަހަރު ބައްދަލުކޮށްލައި ދެމީހުން އެއްތާކު ތިބެ ވާހަކަ ދައްކައިލާން ބޭނުވިއެވެ. އެހެންނަމަވެސް ، އެދެމީހުން އިތުރަށް ބައްދަލުކުރާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. އެކަމަށް އެދި އާދޭސް ކުރީމަވެސް މުރުތަޟާ އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. ދެމީހުންގެ ވިސްނުން އެއްގޮތްނުވާ ކަމަށް ވަންޏާ ބައްދަލުކުރުމުގެ ބޭނުމެއް ނޯންނާނެކަމަށް ބުނެ މުރުތަޟާ ފޯނު ކަނޑައިލިއެވެ.
ނޫރުގެ ލޮލުގައި ފާއްދާލާފައިހުރި ކަރުނަތައް މޭޒުމައްޗަށް ބަންޑުން ވިއެވެ. ހަދާނެގޮތް ބޮޑުވެ ، ދެއަތުން ބޮލުގައި ހިފަހައްޓައި ލެވުނެވެ. ފުންކޮށް ނޭވާއެއްލައި ހަމަޖެހިލުމަށްފަހު ، އޮފީހުގައި ކުރަންހުރި މަސައްކަތާ ކުރިމަތިލިއެވެ.
(ނުނިމޭ)