ދީލަތިކަމަކީ، ކޮންމެ މުސްލިމަކު، އެ ސިފަތަކަކުން ސިފަ ލިބިގަތުމަށް، އިސްލާމްދީން ގޮވާލާ، މަތިވެރި އަޚްލާޤީ ސިފަތަކުގެތެރެއިން އެއްސިފައެވެ. ދީލަތިކަމަކީ، ތިމާއަށް ލިބިފައިވާ ތަނަވަސްކަމާއި ނުތަނަވަސްކަމުގައި، ތިމާއަށް ވާޖިބުވެފައިވާ ކަންތައްތަކާއި ވާޖިބުނުވާ ކަންތައްތަކަށް، ހިތާއި ރުހުމުން ހޭދަކުރުމެވެ. ދީލަތިކަމުގެ އިދިކޮޅަކީ ދަހިވެތިކަމެވެ. އެހެންކަމުން، އިސްލާމްދީނުގައި ދީލަތިކަމުގެ މަތިވެރި ސިފައިން ސިފަލިބިގަތުމަށް ގޮވާލައްވާފައިވާއިރު، ދަހިވެތިކަމުން ސަލާމަތްވެ ތިބުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
ދަހިވެތިކަމުގެ ބައްޔަކީ، އެއިން ސަލާމަތްވުމަށް އިންސާނުންނަށް އުނދަގޫ، ހިތުގެ ބައްޔަކަށްވިޔަސް، ނަމާދާއި ޒަކާތާއި މިފަދަ އަޅުކަންތަކުގެ އެހީގައި، މި ނުރައްކާތެރި ވަބާއިން ސަލާމަތްވެ، ރައްކާތެރިވާނެ މަގު، މާތްﷲ ވަނީ، މުސްލިމުންނަށް ތަނަވަސްކޮށްދެއްވާފައެވެ. މިކަން ވަނީ، ކީރިތި ޤުރްއާނުގެ، އަންނަނިވި އާޔަތްތަކުން އަންގަވާފައެވެ. إِنَّ الإِنْسَانَ خُلِقَ هَلُوعًا ﴿١٩﴾ إِذَا مَسَّهُ الشَّرُّ جَزُوعًا ﴿٢٠﴾ وَإِذَا مَسَّهُ الْخَيْرُ مَنُوعًا ﴿٢١﴾ إِلاَّ الْمُصَلِّينَ ﴿٢٢﴾ الَّذِينَ هُمْ عَلَىٰ صَلاَتِهِمْ دَائِمُونَ ﴿٢٣﴾ وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ ﴿٢٤﴾ لِّلسَّائِلِ وَالْمَحْرُومِ ﴿٢٥﴾ (المعارج) މާނައީ: "ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ. ނަމާދުކުރާ މީހުން މެނުވީއެވެ. އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭ މީހުންނެވެ. އަދި، އެއުރެންނީ ސުވާލުކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ." އަދި ނަފްސުގެ ދަހިވެތިކަމުން، ސަލާމަތް ވުމުގެ މަތިވެރިކަން އަންގަވައި، ﷲ ތަޢާލާ ވަޙިކުރައްވާފައިވެއެވެ. وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٩﴾ (الحشر) މާނައީ: " އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ."
ދީލަތިކަމުގެ ސިފަ، ތިމާގެ ކިބައިގައި އަށަގެންނެވުމަށް ބޭނުންވާ ކޮންމެ މުސްލިމަކުވެސް ބަލަންވީ، ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގައި މި މަތިވެރި ސިފައިން ސިފަލިބިގަތުމަށް އަންގަވަމުން، ދެއްވާފައިވާ މަތިވެރި އިރުޝާދުތަކަށެވެ. މިގޮތުން ފުރަތަމަ، ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތްތަކަށް ބަލައިލާނަމެވެ. وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلاَ أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ ﴿١٠﴾ (المنافقون) މާނައީ: "އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި އަޖަލަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ ޞަދަޤާތްކޮށް، ޞާލިޙު އަޅުންގެ ތެރެއިން ވާހުށީމެވެ".
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ﴿٥﴾ وَصَدَّقَ بِالْحُسْنَىٰ ﴿٦﴾ فَسَنُيَسِّرُهُ لِلْيُسْرَىٰ ﴿٧﴾ وَأَمَّا مَن بَخِلَ وَاسْتَغْنَىٰ ﴿٨﴾ وَكَذَّبَ بِالْحُسْنَىٰ ﴿٩﴾ فَسَنُيَسِّرُهُ لِلْعُسْرَىٰ ﴿١٠﴾ وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ ﴿١١﴾ (الليل) މާނައީ: "ފަހެ، މުދަލުން ހޭދަކޮށް، ﷲ އަށް ތަޤްވާވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް، މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށް ހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި އެމީހާ ނަރަކަޔަށް ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ."
وَمَا لَكُمْ أَلاَّ تُنفِقُوا فِي سَبِيلِ اللَّـهِ وَلِلَّـهِ مِيرَاثُ السَّمَاوَاتِ وَالأَرْضِ ﴿١٠﴾ (الحديد) މާނައީ: "އަދި ﷲ ގެ މަގުގައި ތިޔަބައިމީހުން ހޭދަނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އުޑުތަކާއި، ބިމުގެ މިލްކުވެރިކަންވަނީ ﷲއަށެވެ."
وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لاَ تُظْلَمُونَ ﴿٢٧٢﴾ (البقرة) މާނައީ: "އަދި، މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް (ގެ ޘަވާބާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެތެވެ. އަދި، ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ".
ދެންއޮތީ، ނަބަވީ ސުންނަތެވެ. އޭގައިވެސް މިކަމާބެހޭ ވަރަށް ގިނަ އިރުޝާދު ވެއެވެ. އޭގެތެރެއިންވެސް، އަންނަނިވި އިރުޝާދުތައް، ޚާއްޞަކޮށްލެވެއެވެ. {إِنَّ اللهَ جَوَادٌ يُحِبُّ الْجُوْدَ وَ يُحِبُّ مَكَارِمَ الأَخْلاَقِ وَيَكْرَهُ سِفْسَافَهَا} (فتح الباري) މާނައީ: "ހަމަ ކަށަވަރުން، މާތް ﷲއީ، ދީލަތިވަންތަ، ދީލަތިކަމަށް ލޯބިވެވޮޑިގެންވާ އިލާހެވެ. އަދި، އަޚްލާޤުގެ މަތިވެރި ސިފަތަކަށް އެއިލާހު، ލޯބިވެވޮޑިގަންނަވައެވެ. އަދި އޭގެ ދަށްފެންވަރުގެ ސިފަތަކަށް އެއިލާހު ނުރުއްސަވައެވެ."
{لاَ حَسَدَ إِلاَّ فِيْ اثْنَتَيْنِ، رَجُلٌ آتَاهُ اللهُ مَالاً فَسَلَّطَهُ عَلَى هَلَكَتِهِ فِي الحَقِّ، وَرَجُلٌ آتَاهُ اللهُ الْحِكْمَةَ فَهُوَ يَقْضِيْ بِهَا وَ يُعَلِّمُهَا} (رواه البخاري) މާނައީ: "ދެކަމެއްގައިމެނުވީ، ޙަސަދަވެރިވުމެއް ނުވެއެވެ. ފުރަތަމަ ކަމަކީ، މާތްﷲ މީހަކަށް މުދަލެއް ދެއްވުމުން، ޙައްޤުގެ މަގުގައި އެ މުދަލެއް ހޭދަކޮށް ހުސްކޮށްލުމެވެ. އަނެއްކަމަކީ، މާތް ﷲ، މީހަކަށް ޙިކްމަތް ދެއްވުމުން، އެއާ އެއްގޮތަށް ތިމާގެ ޢަމަލުތައް ބަހައްޓައި، އެ ޙިކްމަތެއް އެހެން މީހުންނަށް އުނގަންނައިދިނުމެވެ."
{اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ} (رواه البخاري) މާނައީ: "ކަދުރުފަޅިއަކުން ޞަދަޤާތްކޮށްގެންނަމަވެސް، ތިޔަބައިމީހުން ނަރަކައިން ސަލާމަތްކަން ހޯދާށެވެ!"
{اتَّقُوا الشُّحَّ، فَإِنَّ الشُّحَّ أَهْلَكَ مَنْ كَانَ قَبْلَكُمْ} (رواه مسلم) މާނައީ: "ތިޔަބައިމީހުން، ދަހިވެތިކަމުން ރައްކާތެރިވާށެވެ! ފަހެ، ހަމަ ކަށަވަރުން، ތިޔަބައިމީހުންގެ ކުރީގައި އުޅުނު މީހުން ހަލާކުކޮށްލީ ދަހިވެތިކަމެވެ."
ދީލަތިކަމުގެ ނިޝާންތައް:
- ކަލަގޮވުމެއް، އުނދަގޫ ދިނުމެއްނެތި، ޞަދަޤާތް ދިނުން؛
- މީހަކު ސަލާންޖެހުމުން، ހިތުން ރުހުމުން، ޞަދަޤާތް ދިނުން؛
- އިސްރާފުކުރުމެއް އަދި މުށްބާރުކުރުމެއްވެސް ނެތި، މެދު މިންވަރުން ޞަދަޤާތް ދިނުން؛
- ތަނަވަސްކަމާއި ނުތަނަވަސްކަމުގައިވެސް ހެޔޮހިތުން، ޞަދަޤާތް ދިނުން.
ދީލަތިކަމުގެ މަތިވެރި މިސާލުތައް:
- مُعَاوِيَة رَضِيَ اللَّهُ عَنْهُ އެއްފަހަރަކު، عَائِشَة رَضِيَ اللَّهُ عَنْهَا އަށް، އެއްލައްކަ އައްޑިހަހާސް ދީނާރު ފޮނުއްވިކަމަށް ރިވާވެގެންވެއެވެ. ކޮންމެއަކަސް، މި ފައިސާ ލިބިވަޑައިގަތުމުން، عَائِشَة رَضِيَ اللَّهُ عَنْهَا ހެއްދެވިގޮތަކީ، މިފައިސާ ދޮލަނގަކަށް އަޅުއްވައިގެން މީސްތަކުންގެތެރެއަށް ނިކުމެވަޑައިގެން ބައްސަވައި ހުސްކޮށްލައްވައިފިއެވެ. ދެން އިރުއޮއްސި ރޭވުމުން، ޚާދިމުކަމަނާއަށް، ފަރިއްކޮޅު ގެންނެވުމަށް ވިދާޅުވިއެވެ. އެހިނދު ޚާދިމުކަމަނާ، ރޮށްޓާއި ތެޔޮ ފަރިއްކޮޅަށް އެރުވިއެވެ. އަދި ދެންނެވިއެވެ. ކަމަނާ އެހާގިނަ ފައިސާ ބެއްސެވިއިރުވެސް، ފަރިއްކުޅުއްވާނެ މަސްކޮޅެއް ގަންނަން، ދިރުހަމެއްހާ މިންވަރުވެސް ބޭއްވެވިނަމަ މިހެން ނުވީސް ނޫންތޯއެވެ؟ ޖަވާބުގައި عَائِشَة رَضِيَ اللَّهُ عَنْهَا ވިދާޅުވިއެވެ. "ކަމަނާ، ތިމަންކަމަނާއަށް ހަނދާންކޮށްދެއްވިނަމަ، އެކަން ކުރެއްވީމުހެވެ."
- عَبْدُ اللَّهِ بنُ عَامِر رَضِيَ اللَّهُ عَنْهُ، خَالِدُ بنُ عُقْبَة بنُ أَبِي مُعِيْط رَضِيَ اللَّهُ عَنْهُ ގެ ގެކޮޅު، ހަތްދިހަހާސް ދީނާރަށް ބައްލަވައިގަތްކަމަށް، ރިވާވެގެންވެއެވެ. މިގެކޮޅު ހުންނަކަމަށްވަނީ، މައްކާގެ ބާޒާރުގައެވެ. ކޮންމެއަކަސް، މިކަން ހިނގިދުވަހުގެރޭ، عَبْدُ اللَّهِ بنُ عَامِر رَضِيَ اللَّهُ عَنْهُ އަށް، خَالِدُ بنُ عُقْبَة ގެ ޢާއިލާގެތެރެއިން ރޯއަޑު އިވިވަޑައިގެން، އެކަމުގެ ޚަބަރު ބެއްލެވުމުން އެނގިވަޑައިގަތީ، އެ ރުއިމަކީ، ގެކޮޅު ވިއްކާލުމުގެސަބަބުން ރޯ، ރުއިމެއްކަމެވެ. މިކަން، عَبْدُ اللَّهِ بنُ عَامِر رَضِيَ اللَّهُ عَنْهُ އަށް އެނގިވަޑައިގަތުމުން، ޚާދިމަށް ވިދާޅުވިއެވެ. އެމީހުންގެގާތަށްގޮސް ބުނާށެވެ. "ގެއާއި ފައިސާވެސް، ތިޔަ ޢާއިލާއަށް ހިބަކޮށްދީފީމެވެ."
- عُثْمَانُ بنُ عَفَّان رَضِيَ اللَّهُ عَنْهُ އަކީ، ދީލަތިކަމުގެ ވަރަށްފުރިހަމަ ނަމޫނާއެކެވެ. މަދީނާއަށް އައި ތަދުމަޑު ދުވަސްވަރެއްގައި އެކަލޭގެފާނުވަނީ، ޝާމްކަރައިން އައި، އެކަލޭގެފާނުގެ ވިޔަފާރި ޤާފިލާ، މުއްސަނދި ވިޔަފާރިވެރިން، އެކަކަށްވުރެ ބޮޑު އަގު އަނެކަކު ހުށައަޅަމުންދަނިކޮށް، މާތް ﷲއަށްޓަކައި، މަދީނާގެ ފަޤީރު ނިކަމެތީންނަށް، ޤާފިލާ އެއްކޮށް ޞަދަޤާތްކުރައްވާފައެވެ. އަދި މިފަދަ އެތައް ހޭދައެއް، އެކަލޭގެފާނު ކުރައްވާފައިވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ތަބޫކު ހަނގުރާމައިގެ ލަޝްކަރުގެ ދެބައިކުޅަ އެއްބައިގެ ޚަރަދުގައި ހިއްޕެވި ހިއްޕެވުމެވެ.
އަދި މިނޫނަސް، ދީލަތިކަމުގެ މިފަދަ އެތަކެއް ނަމޫނާއެއް، އިސްލާމީ ތާރީޚުން ފެންނަން އެބަހުއްޓެވެ. ނަމަވެސް ހިތާމައަކީ، މިއަދުގެ މުސްލިމުން، މިފަދަ ނަމޫނާތަކާ އެއްގޮތަށް އެމީހުންގެ ސުލޫކު ހިފެހެއްޓުމަށް މަސައްކަތް ނުކުރާކަމެވެ.
******
mifadha liyunqtakun vvv.ibraiy libigannaane shukiran