ފަލްސަފާ - 3

(1 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކައިވެންޏެއްގެ ކުރިން ، ނޫރު ދެކެމުންދާ ހުވަފެންތަކެއް އެބަހުއްޓެވެ. މުރުތަޟާގެ ކުރިމަތީ އިނދެ ، ނޫރު ކިޔައިދެމުން އެގެންދަނީ އެވާހަކަތަކެވެ. އޭނާގެ ދިރިއުޅުމުގައި ހަމަޖެހުމާއި ތަނަވަސްކަން އަދި އަމިއްލަ ފުދުންތެރިކަން އޮތުމަށް ނޫރު ބޭނުން ވެއެވެ. އެހެން މީހުންނަށް ބަރޯސާނުވެ ، ހަމަޖެހިލައިގެން ދިރިއުޅެވޭނެ މާޙައުލެއް އޮތުމަށް އޭނާ ބޭނުންވެއެވެ. އެއީ ، އޭނާގެ ޢާއިލާއަށް އަޅައިލައިގެން އެންމެން ގުޅިގެން އުޅެވޭފަދަ ދިރިއުޅުމަކަށްވާން ޖެހޭނެއެވެ. ކުޑައިރުއްސުރެ ، ދިރިއުޅެމުންއައި ނިކަމެތި ފަޤީރު ޙާލަތު ބަދަލުކޮށްލާފަދަ ވިސްނުންތަކެއް ، އަބަދުވެސް ނޫރުގެ ހިތުގައި ބިންވަޅުނެގިފައި އޮވެއެވެ. އެކަންކަން ޙާޞިލްކުރެވޭނީ ، ފައިސާއާއި މަޤާމާއި ތަނަވަސްކަން ލިބިގެންނެވެ. އަތުގައި ލާރިއެއްނެތްނަމަ ، މީހުންގެ އިޙްތިރާމެއް ނުލިބޭނެއެވެ. ޖަމާޢަތުގައި ޤަދަރުވެރިކަމެއް ނޯންނާނެއެވެ. މީހުން އަދަބުވެރިވެރިކަން އަދާކުރަން މަޖުބޫރުވާފަދަ މަޤާމެއް ނެތްނަމަ ، މީސްތަކުންގެ ރުހުމެއް ނުލިބޭނެއެވެ. މުރުތަޟާއިނީ ނޫރު ދައްކަމުންއެދާ ވާހަކަތައް އަޑުއަހަން ހިމޭންކަން މަތީގައެވެ.

ނޫރު ، އޭނާގެ މަސައްކަތް އަދި ހަމަ އެފެށީއެވެ. ވަރަށް އާދައިގެ ވަޒީފާއަކުންނެވެ. އެއީ އޭނާއަށް ފުދޭ މިންވަރެއްނޫނެވެ. އޭނާ ކުރަމުންގެންދާ ފޮނި ހުވަފެންތަކުގައި ކުލަޖެހެން އަދި ދުވަސްކޮޅެއް ނަގާނެއެވެ. ނޫރުގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ، ހިންމަތާއެކު ވަރުބަލިކަމެއްނެތި ، އޭނާ މަސައްކަތް ކުރާނެއެވެ.

ދެމީހުންނަށް ވިސްނާއިރު ، މުރުތަޟާ އެވަނީ ނޫރަށްވުރެ އެއްދަރަޖަ ދަށުގައެވެ. މުސާރަ ބޮޑުވެ މަޤާމު މަތިވެފައިވަނީ އިއްޔެއެވެ. އެވަރުންވެސް ނޫރަށް ލިބޭ މުސާރަޔަށްވުރެ މުރުތަޟާގެ މުސާރަ ކުޑައެވެ. މުރުތަޟާއަށް ލިބޭ މުސާރައިން ، މުރުތަޟާގެ އަމިއްލަ ޚަރަދުތައްވެސް ހަމައެއް ނުޖެއްސޭނެއެވެ. ދެމީހުންގެ ހަމަހަމަކަމެއް ނެތެވެ. އެއީ ، ކައިވެންޏަށްފަހު ، ދެމީހުންގެ މެދުގައި މައްސަލަތައް އުފެދެން ޖާގަލިބިގެންދާނެ ކަމެކެވެ. މިވަގުތު ، ކައިވެންޏެއްކޮށްފިނަމަ ، އިސާހިތަކު ދަރިންލިބި ޢާއިލާއެއް އުފެދޭނެއެވެ. މުރުތަޟާއަށް މިހާރު ލިބޭ މުސާރައިން ޢާއިލާއެއްގެ ޚަރަދުބަރަދު ހަމަޖެއްސުމަކީ ވާނެކަމެއްނޫނެވެ.

މުރުތަޟާއަކަށް ނޫރުގެ ވާހަކަތައް ކަމަކު ނުދިޔައެވެ. ނޫރުގެ މުސާރަ ، އޭނާއަށްވުރެބޮޑުކަމަށް މުރުތަޟާވެސް ޤަބޫލުކުރެއެވެ. އެކަމަކު ، ކައިވެންޏަށްފަހު ، ނޫރަށްލިބޭ ފައިސާއަކު މުރުތަޟާއެއް ނުޖެހޭނެއެވެ. ނޫރު ހޯދާ ފައިސާއެއް ހުންނާނީ ނޫރު ބޭނުންގޮތަކަށް ، އޭނާގެ އަމިއްލަ އިޚުތިޔާރުގައި ޚަރަދު ކުރެވޭގޮތަށެވެ. އެއީ ދީނީގޮތުންވެސް ، އެކަން އޮންނާނެ ގޮތެވެ. އެހެންނަމަވެސް ، ދެމަފިރިންގެ ޚަރަދުބަރަދު ހަމަޖެއްސޭވަރަށް މުރުތަޟާއަށް ފައިސާ ލިބެއެވެ. މާމުއްސަނދި ދިރިއުޅުމެއް ނޫނަސް އާދައިގެ ދިރިއުޅުމެއްގައި ، އުފަލުގައި ދެމަފިރިންނަށް އުޅެވޭވަރަށް މުރުތަޟާ ފައިސާ ހޯދާނެއެވެ. ވަޒީފާއިން ލިބޭ މުސާރައިގެ އިތުރަށް ، އެހެން މަސައްކަތެއް ކޮށްގެންނަމަވެސް ، މުރުތަޟާ އެކަން ކުރާނެއެވެ.

ނޫރު ތަޢުލީމު ޙާޞިލްކުރީ ، ގޭގައިއުޅޭ އެންމެންނަށް ، ހެނދުނު ނާސްތާ ހަދައިދީފައި ރޭގަނޑުގެ ކެއުން ތައްޔާރުކުރަން ގޭގައި އިންނާކަށްނޫނެވެ. ދިރިއުޅުމުގައި ، ކާމިޔާބީތަކެއް ޙާޞިލް ކުރުމަށެވެ. ފަހި ދިރިއުޅުމެއް ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތްކޮށް ކާމިޔާބު އަންހެނަކަށް ވުމަށްޓަކައެވެ. ނޫރުގެ އުއްމީދުތަކާ ގުޅިފައިވާ ލަނޑުދަނޑިތަކެއް އެބަހުއްޓެވެ. މުރުތަޟާއާއެކު ދިރިއުޅުމަށް ކުރާ އުއްމީދުތަކެއް އެބަހުއްޓެވެ. މުރުތަޟާދެކެ ނޫރު ވަރަށް ލޯބިވެއެވެ. އެކަން ނޫރުގެ ހިތުގައި އަބަދުވެސް އޮންނާނެއެވެ. ކައިވެނި ލަސްވިނަމަވެސް ، ނޫރުގެ ހިތުގައި މުރުތަޟާގެ މައްޗަށްއޮތް ލޯބި އެގޮތުގައި ދެމިއޮންނާނެއެވެ. އިރާދަކުރެއްވިއްޔާ ކައިވެނިވެސް ކުރާނެއެވެ. ނޫރު ބޭނުންވަނީ ހަމައެކަނި ކުޑަ ވަގުތުކޮޅެކެވެ. އެއީ ، އޭނާގެ އުއްމީދުތަކުގައި ކުލަޖެއްސުމަށްޓަކައެވެ. އެއީ މުރުތަޟާއާއި ނޫރުގެ އަމިއްލަ އުފަލަށްޓަކައެވެ.

ނޫރުގެ ވާހަކަތަކަށް ، މުރުތަޟާ ހިތްހަމައެއް ނުޖެހުނެވެ. ނޫރު ބޭނުންވާ މުއްދަތަކީ ކޮބައިތޯއާއި ، ޙާޞިލްކުރަން ބޭނުންވާ މަޤާމާ އަދި ލިބެންޖެހޭ މުސާރަޔަކީ ކޮބައިތޯ މުރުތަޟާ ސުއާލުކުރިއެވެ. ހަރުކަށި ގޮތެއްގައެވެ.

މުރުތަޟާ އެގޮތަށް ވާހަކަ ނުދެއްކުމަށް ނޫރު އެދުނެވެ. ދެމީހެއްގެ ދެމެދުގައި އުފެދޭ ކޮންމެ ގުޅުމަކީ ، ދެމީހުން ބޭނުންވާފަދަ އަދި އެކަމަށް ދެމީހުން އެއްބަސްވާންޖެހޭނެ ގުޅުމެކެވެ. ނޫރު އެހާމަކުރީ އޭނާގެ އުއްމީދުތަކެވެ. މުރުތަޟާއަކަށް ނޫރުގެ ވާހަކަތަކަށް ކެތެއް ނުކުރެވުނެވެ. އެކައިވެނި ލަސްކުރުމަކީ މުރުތަޟާ ބޭނުންވާ ގޮތެއްނޫނެވެ.

ނޫރު އެދެމުން އެދަނީ ކުޑަ ވަގުތުކޮޅަކަށެވެ. ކޮންމެހެން އުޑުން ތަރިބާލައިގެން ، އޭނާއަށް ގެނެސްދޭކަށްނޫނެވެ. ދުއްވައިލާނެ އަމިއްލަ ކާރަކާއި އަމިއްލަ ގެޔެއްލިބި ، ދަރަނިވެރި ނުވެ ، އުފަލުގައި ދިރިއުޅެވޭނެ މާޙައުލެއް އުފެއްދުމަށް ބޭނުންވާ ވަގުތު ކޮޅަކަށެވެ. ދިރިއުޅުމުގެ ހާސްކަމުގައި މުރުތަޟާ ކަންބޮޑުވެ ، އެދިރިއުޅުމަކީ އޭނާއަށް ތަކުލީފަކަށްވާކަށް ނޫރު ބޭނުމެއް ނުވެއެވެ.

ނޫރުގެ ވިސްނުން އެހާހިސާބަށް ހިނގައިދާނެކަމަށް މުރުތަޟާއަށް ޚިޔާލުވެސް ކޮށްލެވިފައެއް ނެތެވެ. ނޫރުގެ ވާހަކަތަކުން ، މުރުތަޟާއަށް ލިބުނީ ޝޮކެކެވެ. އޭނާގެ އުއްމީދުތައް އެއްކޮށް ގެއްލިގެންދިޔައެވެ. މުރުތަޟާއެއައީ ، ނޫރުއާ ވާހަކަ ދައްކައިގެން ، ކައިވެނީގެ ތާރީޚު ނިންމާށެވެ. އަނެއްކޮޅުން ، މުރުތަޟާގެ މަންމަ ،  ޙަފުޞާ މިހާރު އުޅޭނީ ނޫރުގެ ބައްޕައާ އެވާހަކަ ދައްކަން އެގެޔަށް ގޮހެވެ. މުޅި މަންޒަރު އެގޮތަށް ބަދަލުވެގެން ހިނގައިދާނެކަމަކަށް މުރުތަޟާ ވިސްނައިލާފައެއް ނެތެވެ.

ނޫރަކީ ، ހިތުގައި އޮންނަ ގޮތަށް ސީދަލަށް ވާހަކަ ދައްކާ ކުއްޖެކެވެ. މަސްލަޙަތަށް ވިސްނައިގެން ދޮގެއް ނުހަދާނެއެވެ. ކުރިމަތީ އިންނަމީހާ ހިތްހަމަޖެހޭގޮތަށް ވާހަކަ ދައްކާކަށް ނޫރަކަށް ނޭނގޭނެއެވެ. އެއީއޭނާގެ ޠަބީޢަތުގައިވާ ކަމެއްނޫނެވެ. ކުޑައިރުއްސުރެ އެއްކޮށް އުޅެވުނުނަމަވެސް ،  މުރުތަޟާއަކަށް ނޫރު ، ރަނގަޅަށް ދަސްވެފައެއް ނެތެވެ. ނުވަތަ އެދެމީހުންގެ މެދުގައި އުފެދިފައިއޮތް ލޯބީގެ ގުޅުމުގައި ، މުރުތަޟާގެބަސް ، ނޫރުގެ މައްޗަށް ހިނގައިފާނެކަމަށް މުރުތަޟާއަށް ބެލުނީއެވެ. ނޫރު ، އޭނާގެ ދިރިއުޅުމަށްކުރާ އުއްމީދުތަކެއް އޮތްކަން ވިސްނައިގަންނަން މުރުތަޟާއަށް ނޭނގުނީއެވެ. ހަމައެއާއެކު ، ވާހަކަ ދައްކައިގެން ވަކިގޮތަކަށް ދެމީހުން އެއްބަސްވާން މުރުތަޟާ ބޭނުން ނުވީއެވެ.

ނޫރުގެ ވިސްނުން އެހުރީ މިޒަމާނުގެ ޅަކުދިން ، ދިރިއުޅުމެއް ފެށުމުގެކުރިން ވިސްނުން ގެންގުޅޭނެ ގޮތަށެވެ. ވިސްނުމެއްނެތި ، ކައިވެންޏަކަށް ތައްޔާރުނުވެ ، މައިންބަފައިންގެ ނުފޫޒުގައި ، ކައިވެނިކޮށްގެން ނޫރުގެ ރައްޓެހި ކުދިންނަށް ކުރިމަތިވެފައިވާ ، ހާސްކަމުގެ ދިރިއުޅުމުން ތަޖުރިބާ ލިބިގެންނެވެ. އެކުދިން އެއުޅޭ ނިކަމެތި ޙާލާމެދު ނޫރު ކަންބޮޑުވެއެވެ. އެކުދިންނަށް އެކިގޮތްގޮތުން އެހީތެރިވެއެވެ. އެފަދަ ޙާލަތެއް އޭނާގެ ދިރިއުޅުމުގައި ކުރިމަތިނުވާނެ ގޮތްތަކަށް ނޫރުގެ ވިސްނުން ބަދަލުވަމުން އައި ސަބަބަކީ އެއީއެވެ. އެއްވެސް މީހެއްގެ ނުފޫޒަކުން ، އެއްވެސް ކަމެއްގެ މަޖުބޫރުން ، ނޫރު އޭނާގެ ވިސްނުން ބަދަލެއް ނުކުރާނެއެވެ. އެފަދަ ހިތްދަތި ދިރިއުޅުމަކަށް އޭނާގެ ދިރިއުޅުން އިޚުތިޔާރެއް ނުކުރާނެއެވެ. މުރުތަޟާއަށް އޭނާގެ ވިސްނުމާއި ފިކުރު ސާފުކޮށްދިނުމަށްޓަކައި ، ނޫރު އިތުރަށް ވާހަކަ ދައްކަމުން ގެންދިޔައެވެ.

މުރުތަޟާގެ ދައްތަ ޠާހިރާގެ ދެމައިންނާއި މަންމަ ، ޙަފުސާގެ ބަލަދުވެރިޔަކީ މުރުތަޟާއެވެ. އެމީހުންގެ ކަންތައްތައް ބަލާކަށް އެހެންމީހަކު ނެތެވެ. ހަމައެކަނި ހުރިމީހަކީ މުރުތަޟާއެވެ. ޠާހިރާގެ ފިރިމީހާގެ ދެފިހާރަޔަކުން ކޮންމެވެސް ވަރަކަށް އާމްދަނީއެއް ލިބެއެވެ. މަންމަޔަށް ޕެންޝަން ލިބެއެވެ. މަންމަ ނިޔާވެއްޖެނަމަ ޕެންޝަނުގެ ފައިސާއެއް ނުލިބޭނެއެވެ. ޠާހިރާގެ ދަރިފުޅު ސްކޫލަށް ފޮނުވައި ، ކިޔަވައިދިނުމުގެ ޚަރަދަކީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވެގެންދާނެ އެއްޗެކެވެ.

ކައިވެންޏާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. އޭނާގެ މުސާރަ ކުޑަކަންވެސް އަދި އޭނާގެ ކާރަކީވެސް ބާކާރެއްކަން މުރުތަޟާއަށް އެނގެއެވެ. ކައިވެންޏަށްފަހު ދިރިއުޅެންޖެހޭނީ މަންމައާއި ދައްތަގެ ދެމައިންނާއެކީކަންވެސް އެނގެއެވެ. އެގޭގެ ހުރިހާ ޒިންމާއެއް އޮތީ މުރުތަޟާގެ މައްޗަށެވެ. އިތުރު ފިރިހެނަކު އެގެޔަކު ނެތެވެ. ކައިވެންޏަށް އޭނާ ތައްޔާރުވީ ، އެހުރިހާ ޒިންމާއެއް އޭނާގެ ބޮލުގައި އެޅިފައި އޮތްކަން އެނގިއެވެ. ﷲ ގެ ރަޙުމަތްފުޅުން ، އެހުރިހާ ޒިންމާއެއް އޭނާ އެއަންނަނީ އުފަލާއެކު އަދާކުރަމުންނެވެ. ﷲ އަށް ވަކީލުކުރުމާއެކު ، އޭނާގެ ޤާބިލްކަމަށް މުރުތާޟާ އިތުބާރު ކުރެއެވެ. އަމިއްލަ ނަފުސަށް އެ އިތުބާރު އޮވެއެވެ. ކޮންމެ ޙާލެއްގައިވެސް އުފަލުގައި އުޅެން މުރުތަޟާއަށް އެނގެއެވެ. ކައިވެނި ކުރަން ނޫރު ބޭނުން ނެތިއްޔާ ، ކައިވެނި ނުކުރާންވީއެވެ.

ނޫރުގެ ވިސްނުމާއި ފިކުރުހުރިގޮތް ، މުރުތަޟާއަށް ވިސްނައިދޭން ނޫރުއަށް ނޭނގުނީކަމަށް ވެދާނެއެވެ. މުރުތަޟާއާ ކައިވެނިކުރަން ނޫރު ބޭނުން ވެއެވެ. މުރުތަޟާދެކެ އޭނާ ލޯބި ވެއެވެ. އެކަމަކުވެސް ، އެކައިވެންޏަށް ، ނޫރު އަދި ތައްޔާރެއްނޫނެވެ. އެކަމާބެހޭގޮތުން އިތުރަށް އޭނާއަށް އެއްޗެއް ވިސްނައިދޭން އުޅޭނެކަމެއްނެތޭބުނެ ، މުރުތަޟާ ތެދުވެ ، އެތަނުން ނުކުމެގެން ދިޔައެވެ. ހިތްހަމަ ނުޖެހުމާއި ފޫއްސާއި ނާއުއްމީދުން ހިތަށް އުނދަގޫ ވެގެންނެވެ. ނޫރު އެތައްވަރަކަށް މުރުތަޟާއަށް ގޮވައި ، އާދޭސް ކުރީމަވެސް މުރުތަޟާ މަޑެއް ނުކުރިއެވެ.

ނޫރުމެންގެ ގޭތެރޭގައި ދެކެވެމުން ދާވާހަކަތައް ، އެންމެފަހުން ކައިވެނީގެ ތާރީޚާ ހިސާބަށް ހިނގައްޖެއެވެ. ކުރިޔަށް އޮތް ޝައްވާލުމަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަހެކެވެ. އެދުވަހު ރަން ކިޔާފައި ، ދެން އަންނަ ހުކުރު ދުވަހު ކައިވެނީގެ ރަސްމިއްޔާތު ބާއްވާނީއެވެ. އޭރަށް ހޮނިހިރާ އާދީއްތަ ދުވަހު ، ބަންދުތެރޭގައި ވަރުބަލިވެސް ފިލުވައި ލެވޭނެއެވެ. ރަން ކިޔުމަށްފަހު ، ކައިވެނީގެ ރަސްމިއްޔާތަށް ތައްޔާރުވުމަށް ހަފުތާއެއް ފުދޭނެއެވެ. ރަންކިޔާ ދުވަހާއި ކައިވެނިކުރާ ދުވަހާމެދު މަޝްވަރާކޮށް ދެޢާއިލާއިންވެސް އެ ތާރީޚުތަކަށް އެއްބަސްވިއެވެ. އެހެންނަމަވެސް ، އެތާރީޚުތައް މުޅިން ނިންމާނީ މުރުތަޟާއާއި ނޫރު ގެޔަށް އައިމަ އެމީހުންގެ ބަހެއް ހޯދާފައެވެ. އެދެމީހުންވެސް އެވަގުތު ރެސްޓޯރެންޓެއްގައި ބައްދަލުކުރަމުން ގެންދާކަން ދެޢާއިލާއަށްވެސް އެނގެއެވެ. އެދެމީހުންވެސް ބޮޑަށް ވާހަކަ ދައްކާނީ ކައިވެންޏާ ބެހޭގޮތުންނެވެ. އެމީހުން ގެޔަށް އަންނާނީ ވަކިގޮތަކަށް ނިންމައިގެންނެވެ.

އެވަގުތު ، ނޫރު އައިސް ގެޔަށް ވަނެވެ. ގޭތެރޭގައި ހިނގަމުން އެދަނީ ކޮންކަމެއްކަމެއް ނޫރަކަށް ނޭނގެއެވެ. ޙަފުޞާއާއެކު އެމީހުން އެވާހަކަ ދައްކަމުން ގެންދަނީ ނޫރާއި މުރުތަޟާގެ ކައިވެނީގެ ތާރީޚާ ބެހޭގޮތުންކަމުގައި ނޫރުގެ ބައްޕަ ސާފުކޮށްދިނެވެ. ގޭތެރޭގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ވަކިން ޚާއްޞަކޮށް ، މުރުތަޟާގެ މަންމަ ޙަފުޞާގެ މޫނުމަތީގައިވާ އުފާވެރިކަން އަދި މާބޮޑެވެ. ގޭތެރެޔަށް ވަދެގެން އައި ނޫރުގެ ހިނގުމަށް ހުއްޓުން އެރިއެވެ. ހައިރާންކަމާއެކު ، އެންމެންނާ ދިމާއަށް ވަކިވަކިން އޭނާ ބަލައިލިއެވެ.

ނޫރުވެސް އައިސް އެތަނުގައި އިށީނދެލުމަށް ވަސީމު އެދުނެވެ. އެހެންނަމަވެސް ، ވަރުބަލިވެފައިހުރީމާ އޭނާ ދާންބޭނުމީ ކޮޓަރިޔަށްކަމުގައި ނޫރުބުންޏެވެ. އަދި ކައިވެންޏާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން އޭނާ ބޭނުންނުވާކަމަށް ބުނެ ކޮޓަރިޔަށް ވަދެގެން ދިޔައެވެ.

ނޫރުގެ ވާހަކަ ހުރިގޮތުން ، އެންމެންގެ މޫނުމައްޗަށް ޙައިރާންކަމެއް ވެރިވިއެވެ. އެންމެންގެވެސް ބަސްހުއްޓުނެވެ. މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. ނޫރުއަށް އެވީ ގޮތަކާމެދު އެންމެން ޙައިރާން ވެ އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެވަގުތު ، މުރުތަޟާގެ ފޯނެއް ހަފުސާއަށް އައެވެ. މުރުތަޟާ އެއުޅެނީ ކޮންތާކުތޯ އަހައި އެގެޔަށް އައިސްދިނުމަށް ޙަފުޞާ އެދުނެވެ. މުރުތަޟާއާއި ނޫރުގެ ކައިވެނީގެ ތާރީޚު ކަނޑައަޅަން އެގޭގައި އެމީހުން މަޝްވަރާ ކުރަމުން ގެންދާކަމުގައިވެސް ބުންޏެވެ.

މުރުތަޟާ އޭނާގެ މަންމަ ގާތު ބުނީ އެގެއިން އަވަހަށް އައުމަށެވެ. އޭނާ އެގެޔަށް ނުދާނެ ކަމުގައެވެ. މުރުތަޟާހުރީ ވަރަށް ކަންބޮޑުވެފައެވެ. ޙަފުޞާގެ ފަރާތުން އެއިވުނު ވާހަކަތަކުން ، އެންމެންނަށް ލިބުނީ މާބޮޑު ޙައިރާން ކަމެކެވެ. ވެގެން އުޅެނީ ކީއްކަމެއް އެކަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް ، މުރުތަޟާއާއި ނޫރު އާ ދެމެދު ކޮންމެވެސް ދެބަސްވުމެއް ހިނގައިފިކަމުގައި ޝައްކު ކުރެވުނެވެ. ޙަފުޞާވެސް ، އަވަސް އަވަހަށް ތެދުވެ ، އެވާހަކަ ފަހުން ދައްކާނީއޭ ބުނެ އެގެއިން ނުކުތެވެ.

ނޫރުގެ ފަހަރި ރައިދާ އަވަސް އަވަހަށް ގޮސް ނޫރު އާ ވާހަކަ ދައްކަން ފެށްޓިއެވެ. ނޫރު ހުރީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިއެވެ. އޭނާގެ ކައިވެނީގެ ތާރީޚު ކަނޑައެޅިއިރު ، ނޫރުކުރެން އެއްވެސް މީހަކު ނާހައެވެ. އެއީ އޭނާގެ ދިރިއުޅުމެވެ. އެވަރުގެ ބޮޑުކަމެއް އޭނާކުރެން ނާހައި ވަކި ގޮތަކަށް ނިންމުމުގެ ޙައްޤެއް އެއްވެސްމީހަކަށް ލިބިގެންނެއް ނުވެއެވެ. އެކަން ނޫރުއަށް ޤަބޫލެއް ނުކުރެވެއެވެ.

ރައިދާ ބުނިގޮތުގައި ، އެންމެންވެސް ބޭނުންވީ ނޫރުއަށް ސަޕްރައިޒެއް ދޭށެވެ. އެވާހަކަ ކުރިން އޭނާކުރެން ނޭހިސަބަބަކީ އެއީއެވެ. މުރުތަޟާއާއި ނޫރު ރައްޓެހިވެގެން އުޅޭކަން އެންމެންނަށްވެސް އެނގެއެވެ. ދެ ޢާއިލާއިންވެސް ބޭނުންވީ އެދެމީހުން އަވަހަށް ކައިވެނި ކުރުމަށެވެ.

އެއީ ނޫރުއަށް ޙައިރާންކަން ލިބުނު ކަމެއްނޫނެވެ. އެއީ އޭނާގެ ދިރިއުޅުމަށް އައި ތޫފާނެކެވެ. ނޫރު އޭނާގެ ވިސްނުން ފަހަރިޔަށް ސާފުކޮށްދިނެވެ. ނޫރުއާއި މުރުތަޟާއާ ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާކަމަށް ނޫރުވެސް އެއްބަސްވިއެވެ. އަދި ކައިވެނިކުރަން ބޭނުންވާކަންވެސް ސާފުކޮށްދިނެވެ. އެކަމަކު ، ކައިވެނިކުރާނެ އިރެއް ނިންމާނީ އެދެމީހުންނެވެ. އެދެމީހުން ވާހަކަ ދައްކައިގެން ވަކިގޮތަކަށް އެއްބަސް ވެގެންނެވެ. އެހެން މީހުން އެކަން ކުރަން އުޅެންޏާ އެއީ އެދެމީހުންގެ ޙައްޤަކަށް އަރައިގަނެވެނީއެވެ. އެދެމީހުންގެ ދިރިއުޅުން ފަށާނީ އަދި އާބާދު ކުރާނީ ، އެހެންމީހުން ނިންމާ ނިންމުމަކަށް ނޫނެވެ. އެކައިވެންޏަށް ، ނޫރު އަދި ތައްޔާރެއްނޫނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.