ފަލްސަފާ - 2

(25 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

(އާފަތިސް ވެބްސައިޓަށް އައި "ހަމަލަ'އަކާ ގުޅިގެން ދެތިން ދުވަހަކަށް މުޅި ސައިޓް މެދުކެނޑުމާއެކު މި ވާހަކަވެސް މެދުކެނޑުނީތީ ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ.)

ތަހުނިޔާހުރީ ، އޭނާބަލައި ބައްޕަ ނައިމަ އެކަމާ ފޫހިވެފައެވެ. ނޫރަށް އުނދަގޫކުރަންޖެހި ، އޭނާގެ ސަބަބުން މުރުތަޟާއާއި ނޫރުގެ ބައްދަލުވުން ކެންސަލްވެ ، އެދެމީހުންގެ މެދުގައި މައްސަލަ ޖެހުމުގެ ސަބަބަކަށް އޭނާވީކަން އެއީ ، އަދި ވަކިން ބޮޑަށް ، ތަހުނިޔާގެ ހިތަށް އުނދަގޫވި ކަމެކެވެ. އިރުއޮއްސެން ގާތްވެފައިހުއްޓާ ، ބައްޕަ އައިސް ގެޔަށް ވަތްތަނުން ތަހުނިޔާ ، ޝަކުވާބޮނޑިއެއް އޮއްސައިލިއެވެ.

ލެކަޗްރުވެސް އެހާ ދިގުވީއެވެ. ސުއާލާއި ޖަވާބުވެސް އެހާ ގިނަވީއެވެ. ތަނަކަށް ދާންއޮތިއްޔާ ކުދިންކުރާ ސުއާލުތައް ގިނަވެފައި އެތަނަކަށް ނުދެވޭނެ ހުރިހާކަމެއް ވާނެއެވެ. ތަހުނިޔާ ، ޢުޒުރެއްގެ ގޮތުގައި އޭނާގެ ބައްޕަ ކިޔައިދޭން އުޅުނު ވާހަކަތަކަކަށް މާބޮޑު ޝަޢުޤުވެރިކަމެއް ނުދިނެވެ. އެއަށްވުރެ ބޮޑަށް ތަހުނިޔާހުރީ ރުޅި އައިއްސައެވެ. އެތައްވަރަކަށް މާފަށް އެދުނުނަމަވެސް ، އެކަމުގައި ބައްޕައަށް މާފުކުރާކަށް ތަހުނިޔާ ބޭނުމެއްނޫނެވެ. ހަމައެއާއެކު ތަހުނިޔާގެ އެހެން ޝަކުވާތަކެއްވެސް އޮތެވެ. ބަނދެފައި އިންނަ ކުކުޅެއްހެން ، ގޭގައި އޭނާ އިންނަން ޖެހުމެވެ. އެކަނި އެއްވެސްތާކަށް ދާކަށް ބައްޕަމެންގެ ހުއްދައެއް ނޯވެއެވެ. ކާރުދުއްވަން ދަސްކުރަން އުޅުމުން އެކަންވެސް ހުއްޓުވައިފިއެވެ. އަމިއްލަ މިނިވަންކަމެއް ނެތެވެ. ނޭވާލާންވެސް ހުއްދައެއް ނަގަން ޖެހެއެވެ. މައިންބަފައިންނަށް އެހާވާރަށް ބަރޯސާވެގެން ، މިޒަމާނުގެ ކުދިންނަކަށް ނޫޅެވޭނެއެވެ. އެހެންނޫންނަމަ ، ނޫރު ގޮތަށް އޭނާއަށްވެސް ، އަމިއްލަޔަށް ކާރު ދުއްވާފައި ތަންތަނަށް ދެވޭނެއެވެ.

ނޫރު އާއި މުރުތަޟާގެ ބައްދަލުވުމެއް ތަހުނިޔާއާހުރެ މިއަދު ، ކެންސަލް ވެއްޖެއެވެ. އެދެމީހުން އެތިބީ ރުޅިއައިއްސައެވެ. ބައްޕަ އޭނާ ބަލައި ގަޑިޔަށް އައިސްދިންނަމަ ، އެކަމެއް ކުރިމައްޗެއް ނުވީހެވެ. ތަހުނިޔާ އެހުރީ އޭނާގެ އަމިއްލަ ނަފުސަށްވެސް އެކަމާހުރެ ރުޅި އައިއްސައެވެ. އެހެންނަމަވެސް ، ތަހުނިޔާގެ ބައްޕަޔަށް އެއީ އެހާބޮޑުކަމަކަށް ނުވިއެވެ. ނޫރާއި މުރުތަޟާ އަކީ އެކަކު އަނެކަކަށް ރަނގަޅަށް ދަންނަ ދެމީހުންނެވެ. ކުޑައިރުއްސުރެ އުޅެމުން އެއަންނަނީ އެކީގައެވެ. ސަބަބުގައި ހިފައިގެން މައްސަލަތަޢް ޙައްލުކުރަން ދެމީހުންނަށްވެސް އެނގޭނެއެވެ. އެހުރިހާ ހިތްނުތަނަވަސްކަމެއް ބޮލުތެރެއިން ދުއްވާލާފައި ، އޭނާއަށް ސައިތަށްޓެއް ހަދައިގެން ގެނެސްދޭން ، ތަހުނިޔާގެ ބައްޕަ އެދުނެވެ.

އަވަސް އަރުވާލާފައި ، މުރުތަޟާގެ ގެޔަށް ވަދެގެން ދަނިކޮށް ގޯތިތެރެއިން ނޫރުއާ ފުރަތަމަވެސް ދިމާވީ މުރުތަޟާގެ ދައްތައާއެވެ. ދެމީހުން އަނގަތަޅަމުންގޮސް ، މުރުތަޟާއަށް ވަޒީފާގެ ކުރިއެރުން ލިބުނު ވާހަކައާއި މުސާރަ ބޮޑުވި ވާހަކަވެސް ޠާހިރާއަށް ބުނެވުނެވެ. އެޚަބަރު ވެގެންދިޔައީ ނޫރަށް ލިބުނު ޙައިރާން ކަމަކަށެވެ. މިއަދުގެ ބައްދަލުވުމަކީ ، އެންމެ ފުރަތަމަ ، ނޫރަށް އެޚަބަރު ދިނުމަށްޓަކައި މުރުތަޟާ ހަމަޖެއްސި ބައްދަލުވުމެއްކަން އެހިސާބުން ނޫރަށް އެނގުނެވެ. އެ ބައްދަލުވުން ކެންސަލްވެގެން ދިޔައީ ނޫރުގެ ސަބަބުންނެވެ. މުރުތަޟާއަށް އެކަމާ ރުޅިއައުމުގެ ފުރިހަމަ ޙައްޤު އެބައޮތެވެ. ދެން އޮތީ މުރުތަޟާ ހަމަޖެއްސުމެވެ. އޭނާއަށް ލިބުނު ނުތަނަވަސްކަން ފިލުވައިލުމެވެ. އެއީ ނޫރުގެ ކަމެކެވެ.

ޓަކިޖަހައިލުމަށްފަހު މުރުތަޟާގެ ކޮޓަރިޔަށް ނޫރު ވަނެވެ. ކޮޓަރީގައި އެއްވެސް މީހަކު ނެތެވެ. މުރުތަޟާއިނީ ބެލްކަންޏަށް ނުކުމެއެވެ. ނޫރު ، ކޮޓަރިޔަށް ވަތްތަން ފެނުމާއެކު ، މުރުތަޟާ ކަރުކެހިލައި އޭނާ ބެލްކަނީގައި އިންކަން އަންގައިލިއެވެ. މަޑުމަޑުން ހިނގާފައިގޮސް ބެލްކަންޏަށް ނުކުމެ މުރުތަޟާގާތު މަޑުކޮށްލިއެވެ. މީހަކު އެތަނަށް އައިކަމުގެ އިޙްސާސެއް މުރުތަޟާއަކަށް ނުކުރެވެއެވެ. އޭނާ އިނީ ބެލްކަނީން ދުރުބަލަހައްޓައިގެންނެވެ. ނޫރު ، އެތަނަށް އައިކަން ނޭނގޭކަމަށް ހަދައިގެންނެވެ.

" ނުފެނިގެން ތި ހޯދާ ރީތި ކުއްޖާ ނޭވާފޯރާ ހިސާބުގައި ،  ޖެހިގެން މިހުރީއެވެ. " ނޫރު ބުންޏެވެ.

އެތައްފަހަރަކު ޓަކިޖެހިއިރުވެސް އަޑުނީވުނީތޯ ނޫރު ސުއާލު ކުރިއެވެ. އަމިއްލަ ކޮޓަރިޔަށް ވަންނަން އައިސް ޓަކިޖެހުމުގެ ބޭނުމެއް ނޯންނާނެކަން ، މުރުތަޟާވަނީ ކުރިންވެސް ނޫރުއަށް އެތައްފަހަރަކު ހަނދާން ކޮށްދީފައެވެ. އެކަމަކު ނޫރު އެކަން ހަނދާނެއް ނުކުރެއެވެ. އެއީ ކުރަން ހުއްދަ އޮތަސް އަދަބާ ޚިލާފު ކަމަކަށް ވާތީއެވެ.

އެތައް އިރެއްވަންދެން ، މުރުތަޟާ އިންތިޒާރުކޮށްގެން އިންއިރުވެސް ، އެއީ ކަމަކަށް ނުހަދައި ، ތަހުނިޔާ އާއެކީ ކާރުދުއްވަން ނޫރު ދިޔަކަމުގެ ޝަކުވާ މުރުތަޟާ ކުރިއެވެ. އެއީ ވަރަށް މުހިންމު ބައްދަލުވުމެކެވެ. ކުރީއްސުރެ ރާވައިގެން އެއްބަސްވެގެން އިންތިޒާމް ކުރެވުނު ބައްދަލުވުމެކެވެ. އެކަންވެސް ނޫރަކަށް ނުކުރެވުނެވެ. މުރުތަޟާ އަށް ނޫރުގެ ހިތުގައި ޚާއްޞަވެފައި އޮތް މަޤާމް ތަހުނިޔާ އެދަނީ އަތުލަމުނެވެ. އެހެނަސް ، މުރުތަޟާއަށް ނޫރުގެ ހިތުގައި ދެވިފައިވާ މަޤާމް އެހެން އެއްވެސް މީހަކަށް ނުލިބޭނެކަން ނޫރު ކަށަވަރު ކޮށްދިނެވެ. އަދި ތަހުނިޔާ ގޮވައިގެން އޭނާ ގެޔަށް ލައިދޭން ދާން އޭނާއަށް މަޖުބޫރުވިގޮތް ސާފުކޮށްދީ ، އޭނާއަށް މާފުކޮށް ، ރުޅިގަނޑު ހިތުން ފިލުވައިލުމަށް ނޫރު އެދުނެވެ.

އެއީ ހިތް ނުތަނަވަސްކުރަންވީ ވަގުތެއްނޫނެވެ. މުނާސަބަތު ފާހަގަ ކުރަންވީ ވަގުތެވެ. ކޮންމެވެސް މީހެއްގެ ވަޒީފާއަށް ކުރިއެރުންލިބި މުސާރަވެސް ބޮޑުވެއްޖެއެވެ. މާގިނަ ވާހަކަ ނުދައްކައި އޭނާއަށް އޮތް ހަދިޔާ ދިނުމަށް ނޫރު އެދުނެވެ. ހަދިޔާއަކީ ޙައިރާންކަމަކާއެކީ ދޭންޖެހޭ އެއްޗެކެވެ. ހަދިޔާ އެބައޮތޭ ބުނެ ، ނޫރުގޮވައިގެން ، މުރުތަޟާ ، ކޮޓަރިޔަށް ވަނެވެ. އަދި އެކޮޓަރިއަށް ބަލައިލުމަށް އެދުނެވެ. އެކޮޓަރި ނޫރަށް ކަމުދެއެވެ. މާބޮޑު އުނިކަންތައްތަކެއް ، އެތަނަކުން ނޫރަކަށް ފާހަގައެއް ނުކުރެވެއެވެ.

މުރުތަޟާ ބޭނުންވީ ، ނޫރު އެގެޔަށް އައުމުގެ ކުރިން އެކޮޓަރި ބަދަލުކޮށްލައި ، ނޫރު ހިތްހަމަޖެހޭ ގޮތަކަށް ކޮޓަރި ތަރުތީބު ކޮށްލުމަށެވެ. އެކަމަށްޓަކައި ނޫރުގެ ވިސްނުންހުރިގޮތެއް ސާފުކުރަން މުރުތަޟާ ބޭނުންވިއެވެ. ނޫރު ބޭނުންވީ ކޮޓަރީގެ ބަދަލުގައި އެދެމީހުން ދިރިއުޅުމަށްޓަކައި އާ ގެޔެއް ހޯދުމަށެވެ. މުރުތަޟާ އެކަންވެސް ކުރާނެއެވެ. އެހެންނަމަވެސް ، ފެށުމަކަށް އެކޮޓަރިޔަކީ އެދެމީހުންގެ ފުރަތަމަ މަންޒިލެވެ. ނޫރު ބޭނުންވާ ގޮތަކަށް އެކޮޓަރި ޒީނަތްތެރިކޮށް ނަލަކޮށްލުމަށް މުރުތަޟާ ލަފާދިނެވެ. ގެޔެއް ހޯދައިގެން އެހުރިހާކަމެއް ކުރަން ވަގުތެއް ނެތެވެ. ކައިވެނި އެދަނީ ތައްޔާރު ވަމުންނެވެ. 

ނޫރުގެ ވިސްނުމުގައި ، ކައިވެންޏަށް އަދި ވަރަށް ވަގުތު އެބައޮތެވެ. އެހިސާބަށްދާއިރު ، ގެޔެއް ހޯދައިގެން އެދެމީހުންގެ ދިރިއުޅުން ފަށައިގަންނާނީ މަޖަލާއި އުފާވެރިކަމުގައި ބާއްޖަވެރި ފެށުމަކުންނެވެ. އެ ކޮޓަރިޔަކާ އަދި ކުޅޭނެކަމެއްނެތެވެ.

މުރުތަޟާގެ މަންމަ ، ނޫރުގެ ބައްޕަ ވަސީމަށް ފޯނުކޮށް ، މުހިންމު ވާހަކައެއް ދައްކައިލުމަށް އެރޭ އެގެޔަށް ދިއުމުގެ އިޒުނަޔަށް އެދުނެވެ. އެކަމާގުޅިގެން ، ކޮންމެވެސް ވަރެއްގެ ތައްޔާރީތަކެއް ވާންޖެހޭނެއެވެ. ރަނގަޅު އެއްޗެއް ކައްކައި ރޭގަނޑުގެ ކެއުން ، ރަނގަޅަށް ތައްޔާރުކުރުމަށް ، އޭނާގެ ޅީދަރިފުޅު ރައިދާ ގާތު ، ވަސީމު އެދުނެވެ. އެވާހަކަ ދެކެވުނުއިރު ، ތަހުނިޔާ ހުރީ އެގޭގައެވެ. އޭނާއަށްވެސް އެޚަބަރު ލިބުނެވެ. އެވާނީ މުރުތަޟާއާއި ނޫރުގެ ކައިވެނީގެ ވާހަކަ ދައްކަން އަންނަނީކަމަށެވެ. އެކަމާ ތަހުނިޔާ ވަރަށް އުފާވިއެވެ. އަދި އެ ޚަބަރު ނޫރަށް ދޭންވެގެން ދުއްވައިގަތްތަނާ ރައިދާ އެކަން މަނާކުރިއެވެ. އެއީ ނޫރަށް ދޭ ސަޕްރައިޒެއްކަމުގައި ބުންޏެވެ.

އޮފީސް ނިންމާފައި ތަންކޮޅެއް އަވަހަށް ، އެދުވަހު ގެޔަށް އައުމަށް ވަސީމު ފޯނުކޮށްފައި ނޫރުގާތު ބުންޏެވެ. ބައްޕަ އެދުނުގޮތަށް ތަންކޮޅެއް އަވަހަށް އޮފީސް ނިންމާލާފައި ނުކުތްތަނުން ، މުރުތަޟާއާ ދިމާވިއެވެ. އަދި އޭނާއާއެކީ ތަނަކަށް ދިއުމަށް އެދުނެވެ. ނޫރަށް ހަދާނެގޮތް ބޮޑުވިއެވެ. ބައްޕަ އޮތީ އަވަހަށް ގެޔަށް އަންނާށޭ ބުނެފައެވެ. އަނެއްކޮޅުން މުރުތަޟާ އެއެދެނީ އޭނާއާއެކީ ދާށެވެ. ނޫރުގެ ކަންބޮޑުވުން މުރުތަޟާއަށް އެނގުމާއެކު ، ބައްޕަޔަށް ފޯނުކޮށްފައި އޭނާ އެކަން ހަމަޖައްސާނެކަމަށް ބުނެ ނޫރު ، ކާރަށް އެރުވިއެވެ.

މުރުތަޟާގެ މަންމަ ، ޙަފުޞާ ، ނޫރުމެންގެގެޔަށް އައިސް ވަނުމާއެކު ، އެމީހުން އެގެޔަށް އައިސް ނޫޅޭތީ ވަސީމު ޝަކުވާ ކުރިއެވެ. އެދެގެ އެހުންނަނީ އެންމެ ހަތަރު ފިޔަވަޅު ދުރުގައެވެ. އެކަމަކުވެސް ޙަފުޞާ އެގެޔަށް ވަދެނުލާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނޫރުމެންގެ ޢާއިލާއަށް ދިމާވި ނިކަމެތި ޙާލަތުގައި ، ޙަފުޞާގެ އިޙުސާންތެރިކަމާއި އަޅައިލުން ވަރަށް ބޮޑެވެ. ނޫރުގެ މަންމަ ނިޔާވުމާއެކުއެކުގައި ބައްޕަގެ ވަޒީފާވެސް ގެއްލުނެވެ. އެޢާއިލާ ނިކަމެތިވި ދުވަހު އަޅައިލީ ޙަފުޞާއެވެ.

އޭރު ، ނޫރުމެންގެ ޢާއިލާގައި ތިބީ ކުޑަކުޑަ ނޫރާއި ދިހަވަރަކަށް އަހަރުގެ ބޭބެ ޙާރިސާއި ވަސީމެވެ. އަންހެނުން ޝާދިޔާ ނިޔާވުމާއެކު ، ވަސީމުގެ ދިރިއުޅުން އަނދިރިވެގެންދިޔައީ ، އުއްމީދުގެ އެއްވެސް އަލިކަމެއް ލޮލުކޮޅުންވެސް ނުފެންނަ މިންވަރަށެވެ. އެޢާއިލާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އަވަށްޓެރި ހަފުޞާއެވެ. ނޫރާއި ޙާރިސްގެ ކިޔެވުމުގެ ޚަރަދާއި ، އެގޭގެ އެހެނިހެން ޚަރަދުތައް ހަމަޖައްސަން އެހީތެރިވެދިނީ ޙަފުޞާއެވެ. އެންމެ ދެރަވެގެން އެ ތިންބަފައިން ކާނެ އެއްޗެއް ނެތް ޙާލުގައި ކާންބޯންދީ ، ތިންބަފައިން ބެލެހެއްޓީ ޙަފުޞާއެވެ. އެހެންކަމުން އެގޭގައި ނޫރާއި ޙާރިސް އަށް އެއީ އެމީހުންގެ މަންމައެއްފަދަ މީހެކެވެ. އެދެމީހުން ޙަފުޞާއަށް މުޚާތަބުކުރަނީ ޙަފުސައްތަގެ ނަމުންނެވެ.

ގިނަދުވަސްތަކެއްވުމަށްފަހު ، ދެޢާއިލާގެ މީހުން ބައްދަލުވުމާއެކު ، އަނގަތަޅަން އެތައް އިރެއް ވިއެވެ. އެއަށްފަހު ، ޙަފުޞާ އޭނާއައި ބޭނުމުގެ ވާހަކައިން ފެށްޓިއެވެ. ހަފުސާގެ ވާހަކަ ފެށްޓިތަނާ ، ޙަފުޞާއައީ ކޮންބޭނުމެއްގައިކަން އެނގޭކަމުގައި ވަސީމު ބުންޏެވެ.

ޙަފުޞާއެއައީ ، ނޫރުލްޢައިނާއި މުރުތަޟާގެ ކައިވެނީގެ ތާރީޚު ކަނޑައެޅުމަށެވެ.

" އެއީ ޙަފުޞާގެ އަމާނާތެކެވެ. ބޭނުން އިރަކު  ބޭނުން ގޮތަކަށް ގެންދަންވީއެވެ. " ވަސީމު ޖަވާބު ދިނެވެ.

ޙަފުޞާގެ ވާހަކައިން މުޅިގޭތެރެ ، އުފާވެރިކަމުން ފޮޅިގެންދިޔައެވެ. އެކަން އެއީ ކޮންމެވެސް އެއްދުވަހަކުން ވާނެކަމެއްކަން އެންމެންނަށްވެސް އެނގެއެވެ. އަދި އެކަން ލަސްވަމުންދާކަންވެސް އެންމެން ދަނެއެވެ. މިއަދަކީ އެމީހުންގެ އެ އިންތިޒާރަށް ނިމުން އައި ދުވަހެވެ.

މުރުތަޟާ ، އޭނާގެ ކާރަށް ނޫރު އަރުވައިގެން ގެނެސް ، ރެސްޓޯރެންޓްގައި ވާހަކަ ދައްކަން ތިއްބެވެ. މުރުތަޟާ އެއައީ ، ނޫރުގާތުގައި ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެގެންނެވެ. އެވާހަކަ އަޑުއެހުމަށްޓަކައި ، ނޫރު އިނީ ކެތްމަދުވެފައެވެ. މުރުތަޟާ ދައްކަން އައި މުހިންމު ވާހަކަޔަކީ ކޮބައިތޯ ، އެންމެފަހުން ، ނޫރު ސުއާލު ކުރިއެވެ. ކައިވެންޏަށް ކުޑަދުވަސްކޮޅަކަށްވެފައި އޮއްވައި ، މުރުތަޟާ ދައްކާނީ ، އެނޫން ކޮން ވާހަކައެއް ހެއްޔެވެ ؟ އޭނާ ފެށީ އެދެމީހުންގެ ކައިވެނީގެ ވާހަކައިންނެވެ.

" މުރުތަޟާ ތިދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ ؟ ކައިވެންޏަށް މަދު ދުވަސްކޮޅެއް އޮތްވާހަކަ ހެއްޔެވެ ؟ އެކަމާބެހޭގޮތުން ، މުރުތަޟާގެ މަންމަ ، އަހަރެންނަކާ އެއްވެސް ވާހަކައެއް އަދި ނުދައްކައެވެ. " ނޫރު ސުއާލު ކުރިއެވެ.

މުރުތަޟާއިނީ އެވާހަކަ ފަށައިގެން ކުރިޔަށް ގެންދާނެގޮތެއް ނޭނގިފައެވެ. ދެމީހުން އެކުގައި އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމަށް ނޫރުވެސް އެއްބަސް ވެއެވެ. އެހެންނަމަވެސް ، ލޯބީގެ ޖަޒުބާތާއި އިޙުސާސް އެއީ ނޫރުގެ ހިތަށް އަދި ނުވަންނަ އެއްޗެކެވެ. ކުޑައިރުއްސުރެ ދެމީހުން އުޅެމުން އެއަންނަނީ އެކީގައެވެ. ބޮޑެތިވެ ފިރިފުރާ ވަރަށް އެޅުމުން ، އެކީގައި އުޅެވޭ ވަގުތުތައް ، އަދި ވަކިން ގިނަވިއެވެ. އެހެނަސް ، ކައިވެންޏަކާ ހަމަޔަށްދާން އެދެމީހުންނަށް އަދި ދިގުރާސްތާއެއް އޮތްކަމަށް ނޫރަށް ފެނެއެވެ. ކައިވެންޏަކީ ނޫރަށް ވަރަށް ބޮޑު ކަމެކެވެ. އެއީ ، ކުޅިކުޅިވަރަށް ކުރަން ބޭނުންވާ ކަމެއްނޫނެވެ. އެހާބޮޑު ނިންމުމެއް ނޫރުކުރެން ނާހައި މުރުތަޟާ ނިންމާނެ ކަމަކަށް ނޫރުއަށް ޤަބޫލެއް ނުކުރެވުނެވެ.

ނޫރު އެދައްކާ ވާހަކައެއް މުރުތަޟާއަކަށް ނުވިސްނުނެވެ. އަދި ، ނޫރު އެދައްކާ ވާހަކަ ، އޭނާއަށް ތަންކޮޅެއް ސާފުވާނެ ގޮތަކަށް ބުނެދިނުމަށް މުރުތަޟާ އެދުނެވެ.

" ކުރުކޮށް ފޮނިކޮށް ބުނަންޏާ ، އަހަރެން މިދައްކާ ވާހަކަޔަކީ ، ކައިވެންޏެއްކުރަން އަހަރެން މިވަގުތު ބޭނުންނުވާ ވާހަކައެވެ. " ނޫރު ބުންޏެވެ.

ނޫރުގެ ޖަވާބުން ، މުރުތަޟާއަށް ވީގޮތް ޚުދު އޭނާއަށްވެސް ނޭނގުނެވެ. އެހެނަސް ، ނޫރުގެ ކުރިމަތީގައި އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ހިތަށް ލިބުނު ކުއްލި ތަދު ، އޮބެހެއްޓުމަށްޓަކައި ، އޭނާ އިށީނދެއިން ގޮނޑީގައި ބުރަކަށި ޖައްސާލައި ހަމަޖެހިލިއެވެ.

އަނެއްކޮޅުން ، ޙަފުޞާއާއި ވަސީމު ، އެދެމީހުންގެ ކައިވެނީގެ ތާރީޚު ކަނޑައަޅައި އެކަމާބެހޭ މަޝްވަރާތައް ކުރިޔަށް އެބަގެންދެއެވެ. އެދެމީހުންނަށް ލިބޭ އެ އުފާވެރިކަން ފުރިހަމަކުރުމަށް ދެމީހުންވެސްތިބީ ކެތް މަދުވެފައެވެ. ކައިވެންޏަށް ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާ ނަގާނީ ޙަފުޞާއެވެ. ނޫރުގެ ޢާއިލާއިން އެކަމާ ވިސްނާނެކަމެއް ނެތެވެ. އެއީ އަބަދުވެސް އެއްބަޔެކެވެ. މާކުރީއްސުރެ ގުޅިފައި އޮތް ބަޔެކެވެ. ދެގެ އެހުންނަނީ ހަތަރުފިޔަވަޅެއް އަޅާހާ ދުރުމިނުގައެވެ. ޙަފުޞާމެންގެޔަށް ބަދަލުވާކަށް ނޫރުއަކަށް އެހާ ދުރަށް ހިނގާކަށް ނުޖެހޭނެއެވެ. މުރުތަޟާއަކީވެސް މިހާރު ރަނގަޅު މުސާރައެއްލިބޭ ރަނގަޅު ވަޒީފާއެއްގައި އުޅޭ މީހެކެވެ. ނޫރު މަސައްކަތެއް ނުކުރިޔަސް ، އެދެމަފިރިންނަށް ފަހި ދިރިއުޅުމެއް އުޅެވޭވަރަށް މުރުތަޟާއަށް ލާރިވެސް ލިބެއެވެ. އެއީ ޙަފުޞާއަށް ލިބޭ ފަޚުރެކެވެ. އެ ކައިވެންޏަށް ދެފަރާތުގެ ޢާއިލާގެ އެންމެންގެ ރުހުންވެސް އެބަ އޮތެވެ. ކައިވެނީގެ އެ މަޝްވަރާ ބައްދަލުވުމުގައި ޢާއިލާގެ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކުރިން އުފެދިފައި އޮތް ގުޅުން ، އިތުރަށް ބަދަހިވަމުންދާ މަންޒަރެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.