(10 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މިއަދު ޝެހެރޫޒް މާއަވަހަކަށް ގެއަށް އައީ ކިހިނެއް ވެގެން؟" އޭނާ އެންމެންގެ ތެރޭގައި ހުރެފައި އަހައިލިއެވެ.
"މި އައީ ސީދާ އޮފީހުން ގެއަށް."
"އިތުރު ވަޒީފާ އަދާ ކުރާ ތަނަށް ނުދަނީތަ؟"
"އެއީ ވަގުތީ ވަޒީފާއެއް. އެކަން މިހާރު ނިމިއްޖެ." އޭނާ ބުނެލިއެވެ.
"މާދަމައިން ފެށިގެން އެހެން ވަޒީފާއެއް ލިބޭތޯ މަސައްކަތް މި ކުރަނީ. މިއަންނަ މަހު އަހަރެންގެ އަހަރީ ޗުއްޓީ ލިބޭނެ. ޗުއްޓީ ދުވަސްވަރާ ދިމާކޮށް ވަޒީފާއެއް ހަމަޖެހޭތޯ މި ބަލަނީ."
ޒާރާ އަނގައިންވެސް ނުބުނެ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
އެ ދުވަހުން ފެށިގެން ޒާރާ ހުރީ ޝެހެރޫޒްގެ ޗުއްޓީގެ އިންތިޒާރުގައެވެ. ޗުއްޓީ ހަމަ ލިބުމާއެކު މުލްތާނަށް ދާ ވާހަކަ ދައްކާން ފަށައިފިއެވެ.
"މި ދުވަސްވަރު އަހަންނަކަށް ނުދެވޭނެ."
"އެއީ ކީއްވެގެން؟"
"ޝަކީލާ އިންނަން އުޅޭ ކުއްޖާގެ ގޭގެ މީހުން މިހާރުވެސް ކާވެނި ލަސްވެގެން ވާހަކަ ދައްކާކަން ޒާރާއަށް ރަނގަޅަށް އެނގޭނެ."
"ދާނީ އެންމެ ހަފުތާއަކަށް. އެއް ހަފުތާގެ ތެރޭގައި ޝެހެރޫޒަށް ޤާރޫނުގެ ޚާޒާނާ އަނގަމަތި ކުރެވޭނެތަ؟"
"ޚަޒާނާ އަނގަމަތި ނުކުރެވުނަސް މުލްތާނަށް ގޮސްފައި އަންނާންވެސް ޚަރަދު ކުރަން ޖެހޭނެއެއްނު؟"
"އެކަމާ ފިކުރު ނުކުރޭ. އެއް ހަފުތާ ވާންދެން ބުރު ޖަހާފައި އަންނާނެހާ ފައިސާ އަހަރެންގެ އަތުގައި އެބަހުރި."
"ޒާރާ..." ޝެހެރޫޒް އެއްޗެކޭ ބުނަން އުޅެފައި ނުބުނެ ހުއްޓައިލިއެވެ.
"ޝެހެރޫޒް. ކާވެނި ކުރެވުނު ފަހުން އަދި ދެ މީހުން އެކީގައި އެއްވެސް ތާކަށް ނުދަން. މި ދުވަސްވަރު ފުރުސަތެއް ލިބުނީމާ އެ ފުރުސަތުގެ ބޭނުން ނުހިފައެއް ނުވާނެ. ފަހުން މި ކަހަލަ ފުރުސަތެއް ނުލިބިވެސް ހިނގައިދާނެ."
ޝެހެރޫޒް އަނގައިންވެސް ނުބުނެ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
"މިއީ ޝެހެރޫޒް ދައްކަން ޖެހޭ ވާހަކައެއް. އެކަމަކު މިވަގުތު ހާލަތު ހުރި ގޮތުން ޝެހެރޫޒަށް ތިޔަ ހުންނަނީ މަޖުބޫރު ވެފައިކަން އަހަންނަށް އެނގޭ. އެހެންވީމާ އަހަރެން ޝެހެރޫޒް ކުށްވެރި ކުރާކަށް ބޭނުމެއް ނުވޭ." އޭނާ ޝެހެރޫޒްގެ ކުށް އޮޅުންފިލުވައި ދިނީ ވަރަށް ރަނގަޅަށެވެ. އިލްޒާމް އަޅުވައިފައި އެ އިލްޒާމުން ސަލާމަތްވެސް ކޮށްދިނީއެވެ. "އަހަރެން މާދަމާ ޗުއްޓީގެ ވާހަކަ ދައްކާނަން. އަހަރެންނަށް ހީވަނީ ހަފުތާއެއްހައި ދުވަހުގެ ޗުއްޓީއެއް ލިބިދާނެހެން."
ޝެހެރޫޒް ބޭނުންވަނީ އެކަން މަނާކުރާށެވެ. އެކަމަކު މަނާ ކުރުމަކުން ކުރާނޭ ފައިދާއެއް ނެތްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް ޒާރާ ބޭނުންވާ ގޮތަކަށް ކަންތައް ކުރާނޭކަން އޭނާއަށް އެނގެއެވެ. ގޭތެރޭގައި ހަމަނުޖެހުމެއް އުފެދިދާނެތީ ބިރުން މަންމަ އެންމެ ފަހުން ހުއްދަ ދޭނޭކަންވެސް އެނގެއެވެ.
ޝެހެރޫޒް ވިސްނައިލިއެވެ. "އަހަންނަށް ކާވެނި މާ ބޮޑަށް އަވަސް ކުރެވުނީބާވައެވެ؟ ޒާރާގެ ގޮތާއި ބާވަތް ނުބަލައި ޅަ އެއްޗެއް އެޅުނީ ބާވައެވެ؟" އެކަމަކު ޒާރާގެ ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ކުރާކަށް އޭނާއަކަށް ނުކެރެއެވެ. ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ދިމާވިޔަސް ޚިޔާލު އެކި ގޮތްގޮތަށް އެނބުރެމުންގޮސް އެންމެ ފަހުން ޒާރާގެ ކޮޅަށް ޖެހިދެއެވެ.
މިފަހަރުވެސް ވީ އެހެންނެވެ. އޭނާގެ ހިތަށް އެރިއެވެ. ޒާރާއެ ދައްކަނީވެސް ދޮގު ވާހަކައެއް ނޫނެވެ. އަހަރެން އަދި ދުވަހަކުވެސް އޭނާ ގޮވައިގެން ތަނަކަށް ނުދަމެވެ. ކާވެނީގެ ކުރީކޮޅު ހަނީމޫންގެ ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް ހަމައެކަނި ވާހަކައަކުން އެކަންތައްވެސް ނިމިގެން ދިޔައީއެވެ.
"ތިޔަ ވިސްނަނީ ކޮންކަމަކާ؟" ޝެހެރޫޒް ހިމޭނުން ބަލަހައްޓައިގެން ހުންނާތީ އޭނާ އަހައިލިއެވެ.
"ނުވިސްނަން."
"އެހެންވެއްޖެއްޔާ މާދަމާ ޗުއްޓީގެ ވާހަކަ ދައްކަންތަ؟"
ޝެހެރޫޒް ފުން ނޭވައެއް ލައިފައި އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
ގޭގެ އާދަ އޮންނަ ގޮތުން މި ފަހަރުވެސް އޭނާގެ ޕްރޮގްރާމާ މެދު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެކޮޅެއް ނުހަދައެވެ. ނުރުހުމެއް ފާޅެއް ނުކުރެއެވެ. ހަމައެކަނި މިއެއް ނޫނެވެ. ނަބީލާއާއި ޝަކީލާގެ ފުށުން ފެނުނީ ރީތި އަޚުލާގުގެ ނަމޫނާއެކެވެ. ޒާރާގެ ދަތުރަށް ތައްޔާރުކޮށްދިނީވެސް އެ ދެ ކުދިންނެވެ. ފުރަން އޮތް ދުވަހު މަންމަ ބުނިހައިވެސް އެއްޗަކީ އަވަހަށް އާދެވޭތޯ ބަލައްޗޭއެވެ. އޭނާގެ މަގުސަދު ހާސިލުވުމުގެ ސަބަބުން ހިތަށް ވެރިވީ އުފަލެއްގެ ސަބަބުން ޒާރާ މަންމަގެ ވާހަކަ އަކަށް ޖަވާބެއް ވެސް ނުދެއެވެ.
ޝެހެރޫޒާއެކު ދިގު ދަތުރެއް ކޮށްފައި ގޮސް ސެހެރްގެ ގެއަށް ދެވިއްޖެއެވެ. އެ ދެ މީހުން ފެނުނީމާ ސެހެރް ވަރަށް ބޮޑަށް އުފާކުރިއެވެ. "ދައްތާ! އަހަރެން މިހުންނަނީ ގޭގެ އެއްވެސް މީހަކު ނުފެނިގެން ގިނަ ދުވަސްވާތީ ކަންބޮޑުވެފައި." އޭނާ ޒާރާގެ ގައިގައި އޮޅުލައިގެންފައި ބުންޏެވެ.
"ތިޔައީ އަޙްސަންގެ ކުށް. ސެހެރް އެންމެންނާ ވަކިކޮށްގެން ގެނައީ އޭނައެއްނު؟ އޭގެ ފަހުން އެއްވެސް މީހަކާ ބައްދަލުކުރަން ނުވެސް ފޮނުވައެއްނު؟" ތަނެއްގައި ހަމަޖެހިލައިގެން އިށީނދެވުމާއެކު ހުރިހައި އިލްޒާމެއް އަޙްސަންގެ ބޮލުގައި އަޅުވާން ޒާރާ މަސައްކަތް ކުރިއެވެ.
"އަޙްސަންގެ މަސައްކަތް ހުންނަ ގޮތުން ދެވެން ނޯންނަނީ."
"އޭނާ ކޮބާ؟"
"ގޭގައި ހުރެފައި ބޭރަށް އެނުކުތީ ހަމަ ދެންމެ. ދައްތަމެން އައުމުގެ ކުޑައިރުކޮޅެއް ކުރިން."
"މިހައި މާއިރާ އެ ދިޔައީ ކޮން ތަނަކަށް؟" އޭނާ ގަޑި ބަލައިލިއެވެ.
"ހަތެއް ޖަހާއިރު އޮފީހަށް ދާން ޖެހޭނެ."
"އެނބުރި އަންނާނީ ކިހައި އިރަކު؟"
"ބައެއް ދުވަސްދުވަހު މެންދުރު ކާން އަންނާނެ. ޢާންމު ގޮތެއްގައި މުޅީން ނިމިގެން އަންނާނީ ހަވީރު."
"ޝެހެރޫޒްބޭބެ ކިހިނެއް؟"
"އަސްތާ... އަހަރެންގެ މަތީން ތިޔަ ހަނދާންވީ ހާދަހާ އަވަހަކަށޭ."
"ނޫނޭ. ހަނދާން ނެތުނީއެއް ނޫން." ސެހެރް ލަދުން ހުރެ ބުނެލިއެވެ.
"ދެ މީހުން އަވަހަށް މޫނު ދޮވެލައިގެން އާދޭ. އަހަރެން ސައި ހަދާނަން."
"އާނ! އަހަރެން ބޭނުންވަނީ ފެންވަރައިލަން." ޒާރާ ޝެހެރޫޒަށް ވުރެ ކުރީން ތެދުވެއްޖެއެވެ.
ސައިބޮއި ނިމިގެން ޝެހެރޫޒް ދިޔައީ ނިދާށެވެ. ޒާރާއާއި ސެހެރާ ދެމީހުން ވާހަކަ ދައްކާން އިށީނީއެވެ. ވޭތުވެގެން ގޮސްފައިވާ ދުވަސްވަރު ހިނގާފައިވާ އެކި ކަންތައްތައް އެކަކު އަނެކަކަށް ކިޔައިދެނީއެވެ. ދެ މީހުން ވާހަކައިގެ ތެރެއަށް ގެއްލިފައި ތިބިވަރުން ވަގުތު ފާއިތުވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. ހޭވަރިކަންވީ ކައްކާން އުޅޭ މީހާ އައިސް މެންދުރުގެ ކެއުން ތައްޔާރުވެއްޖެއޭ ބުނީމައެވެ.
"ދައްތާ! ޝެހެރޫޒްބޭބެއަށް ގޮވާ. އަހަރެން އަޙްސަނަށް ފޯނު ކުރާނަން. ދައްތަމެން އައި ވާހަކަ އޭނާ ގާތު ބުނަންވެސް ވާނެއެއްނު؟"
"އެ ދެ މީހުން ބައިތިއްބާ! ޝެހެރޫޒް އަވަހަކަށް ނުތެދުވާނެ. އަހަރެމެން އައި ވާހަކަ އަޙްސަނަށް އަންގާނޭ ކަމެއް ނެތް."
"އެޔޯ؟ އޭނައަށް ކުއްލި ޙައިރާންކަމެއް ދޭން ބޭނުންވަނީތަ؟"
"އާނ!" ޒާރާ ސެހެރާއެކު ގޮސް ކާކޮޓަރިއަށް ވަދެއްޖެއެވެ.
"ދައްތާ. އަހަންނަށް ހީވަނީ އަޙްސަން ދައްތަޔާ ވަރަށް ބޮޑަށް ގަޔާވޭހެން." ސެހެރް މިހެން ބުނީ އާދައިގެ ރާގަކަށެވެ. އެހެންނަމަވެސް ޒާރާއަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. އޭނާ ފުންކޮށް ސެހެރާ ދިމާއަށް ބަލައިލިއެވެ.
"އާނ! އަހަންނަށް ވެސް ތިޔަކަން އެނގޭ. އޭނާ އަބަދުވެސް މަސައްކަތްކުރަނީ އަހަންނާ ގާތް ގުޅުމެއް ބާއްވައިގެން ސެހެރާ ގުޅުން އުފައްދަން."
"އެހެންތަ؟" ސެހެރް ހީނގަތެވެ. "އަހަރެން ތިޔަ ކަމެއް ނުދަންނަން."
"އެހެންތަ؟" މިހެން ބުނެލައިފައި ޒާރާ އެވާހަކަ ހުއްޓައިލިއެވެ. ސެހެރް އިނީ އޭނާގެ ވާހަކަ އަހާ ހިތުންނެވެ. އެހެން ނަމަވެސް ދައްތަ ހުއްޓައިލީމާ ވާހަކަ އިތުރަކަށް ކުރިއަކަށް ނުދިޔައެވެ.
ކައިނިމިގެން އައިސް އިށީނުމާއެކު އޭނާގެ ގާތަށްވެސް ނިދި އަތުވެއްޖެއެވެ. ސެހެރާ ވާހަކަ ދައްކާން ހުރެފައި އެންމެފަހުން ގޮސް ބޮޑު ކޮޓަރި ތެރޭގައި ހުރި ސޯފާ ގޮނޑިއެއްގައި އޮވެ ނިދައިފިއެވެ. ސެހެރް އޭނާއަށް ގޮވިއިރު އަސުރުން އިރު ތިރިވެއްޖެއެވެ. ލޯ ހުޅުވައިލުމާއެކު ސެހެރާ ދިމާއަށް ބަލާން ފަށައިފިއެވެ. އޭނާއަށް އޮވެވުނު ތަން ހަނދާން ނެތުނީ ކަހަލައެވެ. އެހެން ބަލަހައްޓައިގެން އޮވެފައި ކުއްލިއަކަށް ތެދުވެއްޖެއެވެ.
"އަހަނ! އަހަރެން ހަނދާން ނެތުނީ. އަހަރެން މި އޮތީ ސެހެރްގެ ގޭގައި ދޯ؟"
"މި ސައިތަށި ބޮއިލާ. އޭރުން ހުރިހައި ކަމެއް ހަނދާންވެދާނެ." ސެހެރް ހީނގެންފައި އޭނާގެ އަތަށް ސައިތަށްޓެއް ދީފިއެވެ.
"ޝެހެރޫޒް ތެދުވެއްޖެތަ؟" އޭނާ ސައި ކޯވަރެއް ބޮއިލުމަށްފަހު އަހައިލިއެވެ.
"އާނ. މީގެ ގަޑިއެއްހައި އިރު ކުރީން ތެދުވެގެން ކައިގެން ބޭރަށް ހިނގައްޖެ."
"ކޮން ތަނަކަށް؟"
"ބުނީ މިދަނީ ރަށު ތެރެ ބަލައިލާށޭ." މިހެން ބުނެފައި ސެހެރް ތެދުވެއްޖެއެވެ. "ދައްތަ ސައިބޮއި. އަހަރެން ފެންވަރައިލައިގެން އަންނާނަން."
ސެހެރް ދިޔައީމާ އޭނާ ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނާ އެވަގުތު އިށީނދެގެން އިނީ ޓީވީ ބަލަން ޚާއްޞަ ކޮށްފައިވާ ތަނެއްގައެވެ. އެ ތާނގައިވެސް ހުރީ ބޮޑެތި ގޮނޑި ބަހައްޓައި ޒީނަތްތެރި ކޮށްފައެވެ. އެ ތާނގައި ހުރި އެއްޗިއްސަކީ މާ އަގުބޮޑު އެއްޗެހި ނޫންކަމަށް ވިޔަސް ބަހައްޓައިފައި ހުރީ ވަރަށް ރީތި ތަރުތީބަކުންނެވެ. ދޮރުތަކަށް ލައްވައިފައިހުރީ ސާފު ބިއްލޫރިއެވެ. ކުޑަ ދޮރުތަކާއި ބޮޑު ދޮރުތައް ހުރީ ވަރަށް ރީތި ގޮތަކަށް ފަރުމާ ކޮށްފައެވެ. ކުއްލިއަކަށް އޭނާ ލޮލުގައި އަޅާއިގަތީ ބޭރު ފެންޑާއެވެ. އޭނާ އެ ގެއަށް ވަދެގެން އައީ އެ ފެންޑާއިން ލައިފައެވެ. އެކަމަކު އެވަގުތު އޭނާގެ ލޮލުގައި ފެންޑާގެ ރީތިކަމެއް އަޅައެއް ނުގަނެއެވެ. އޭނާ ސައިތަށި މޭޒުމަތީގައި ބަހައްޓައިފައި ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގައިފައިގޮސް ފެންޑާއަށް ނުކުމެއްޖެއެވެ. އެ ތަނަށް ނުކުމެވުމާއެކު ކުރީގެ ހަނދާންތައް އޭނާގެ ހިތުގައި އައުވާން ފަށައިފިއެވެ. އޭނާގެ ހިތުގެ އެދުންތަކުގެ މަތީން ހަނދާން ކުރެވޭން ފަށައިފިއެވެ. އޭނާގެ އުއްމީދުތައް ފުރިހަމަ ނުވެ ހުރި ކަމުގެ އިޙްސާސް ކުރެވޭން ފަށައިފިއެވެ. އޭނާ މަޑުމަޑުން ހިނގައިފައި ގޮސް ފިނިފެންމާ ގަހެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. ގަހުގައި އިން މަލެއް ބިނދެލާނަމޭ ހިތައި އެ މަލުގައި ހިފައިފިއެވެ. އެހެންނަމަވެސް ހިފުނީ ކަށްޓާއެކީގައެވެ. އަތް ޒަޚަމްވެއްޖެއެވެ. އޭނާ އަތްދަމައިގެންފައި އަތުން އައިސްއައިސް ހުރި ލެއަށް ބަލާން ފަށައިފިއެވެ. ހިތަށް އެރިއެވެ. އަހަރެންގެ އުއްމީދު ތަކަށް ވެސް ވެފައި ވަނީ މިކަހަލަ ގޮތަކަށެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ އޭނާގެ ޒަޚަމްވެފައިވާ އަތުގައި މީހަކު އަތް ޖައްސައިލީމައެވެ.
"އަހަނ... އަހްސަން އައީ ކޮންއިރަކު؟" އޭނާ އަތް ދަމައިގަންނަމުން އަހައިލިއެވެ.
"ތިޔައީ އަހަރެން ކުރާންވީ ސުވާލެއްނު؟"
"އަހަރެން އައީ ހެނދުނު. އަހްސަން ގެއިން ނުކުތްތާ ބައިގަޑިއެއްހައި އިރު ފަހުން."
"އެކަނިތަ؟"
"ނޫނޭ... ޝެހެރޫޒްވެސް އައި."
"އޭނާ ކޮބާ؟"
"ދެންމެ ބޭރަށް ހިނގައްޖެ."
"ސެހެރް ކޮބާ؟"
"ފެންވަރަނީ."
"މި ދުވަސްކޮޅު އައިކަން ވަރަށް ރަނގަޅު. ސެހެރް އުޅެނީ ފޫހިވާތީ."
މިހެން ބުނެފައި އަޙްސަން އިޝާރާތް ކުރީ އޭނާގެ އަތަށެވެ.
"އަތަށް ކިހިނެއްވީ؟"
ޒާރާ ހީނގަތެވެ.
"މާބިންނަން އުޅެނިކޮށް ކަށްޓެއް ހެރުނީ."
"އެހެންތަ؟" އޭނާގެ އަޑުގައި އެކުލެވިފައިވަނީ ޝައްކުގެ އަސަރެވެ.
ޒާރާއަށް މިހާރު ހުރީ އާދައިގެ ޙާލަތަކަށް އެނބުރި އާދެވިފައެވެ. އެހެންވީމާ އަޙްސަނުގެ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"އަތް ދައްކަބަލަ. އަތުގައި ކަށީގެ އެތިކޮޅެއް ނެތްތަ؟"
"ނެތް." އޭނާ މުށް ކަވައިލިއެވެ.
"ހިނގާ! ޒާރާގެ އަތް ސާފުކޮށްފައި ބޭސް އަޅައި ދޭށޭ އަހަރެން ސެހެރް ގާތު ބުނާނަން."
ދެ މީހުން ހިމޭންކަމާއެކު ހިނގައިގެންފިއެވެ.
"އަޙްސަން" ގޭތެރެއަށް ވަންނަމުން ޒާރާއަށް ގޮވައިލިއެވެ. އެޔަށް ފަހު އަހައިލިއެވެ. "މިއީ އަޙްސަން އުއްމީދުކުރި ކަހަލަ ގެއެއްތަ؟ ތިޔަ އުޅެނީ އުއްމީދުކޮށްގެން ހުރި ކަހަލަ ދިރިއުޅުމެއްގައިތަ؟"
"ކަން އޮތީ ތިޔަހެންނޭ ޒާރާއަށް ބުނެވިދާނެ."
"އަޙްސަން އެހެން ނުބުނަނީ ކީއްވެގެން؟"
"ޙަޤީޤަތް އޮޅުން ފިލުވާން ބޭނުމިއްޔާ އަޑުއަހާ. އަހަރެން އުފާވެރި ދިރިއުޅުމެއްގެ އުއްމީދުކުރީ ޒާރާއާ އެކު."
"ވިޔާނުދާ ވާހަކަ ނުދައްކާ." ޒާރާ ވައި އަޑުން ބުނެލިއެވެ.
"ޒާރާއަށް ރަނގަޅަށް އެނގޭނެ އަހަ..."
"ނޫން." އޭނާ އަޙްސަންގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަންނަށް އެނގޭހައި ވެސް ކަމަކީ އަހަރެން ދުވަހަކުވެސް އަޙްސަނާ މެދު ތިޔަ ކަހަލަ ޚިޔާލެއްކޮށްފައި ނެތްކަން."
"އަހަރެން މި ކުރާ ސުވާލަށް ނިކަން ތެދުބަހުން ޖަވާބެއް ދީބަލަ." އަޙްސަން ސީދާ އޭނާގެ މޫނަށް ބަލައިލިއެވެ. "އެ ދުވަހު އަހަރެންގެ ޙާލަތު މިހާރު މިހިރަ ފެންވަރުގައި ހުރިނަމަ ޒާރާ އަހަންނާ މެދު ޚިޔާލެއް ނުކުރީމުސްތަ؟"
"ނުކުރާނަން."
"އެއީ ކީއްވެގެން؟ މިއީ ޒާރާ އުއްމީދު ކުރިކަހަލަ ދިރިއުޅުމެއްނު؟"
"އާނ! ތިޔައީ ތެދެއް. އެކަމަކު އެ ދުވަހު އަހަރެން އެހެން ވާހަކައެއްވެސް ބުނީމެއްނު؟ އަހަރެންގެ ހިތުގައި އަޙްސަންގެ މައްޗަށް ތިޔަ ބުނާ ކަހަލަ ޝުޢޫރެއް އުފެދިފައި އޮތް ނަމަ އަހަރެންގެ އެދުންތައް ޤުރުބާން ކޮށްލެވިއްޖައީހޭ އަހަރެން ބުނިން. ޝެހެރޫޒާ ޖެހުނީމާ އަހަރެން ހެދީ އެހެން؟"
"ޝެހެރޫޒާއެކީ ތިޔަ އުޅެނީ ހިތްހަމަޖެހިގެންތަ؟"
"އާނ." އޭނާ މިހެން ބުނެފައި އިރުކޮޅެއް ވާންދެން އަޙްސަނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު ބޯ ހޫރައިލިއެވެ. "އަހަރެންގެ ވާހަކަ އަޙްސަން ގަބޫލު ނުކުރިޔަސް އަހަރެންނަށް ހެޔޮ." އޭނާ ކޮނޑު ހިއްލައިލިއެވެ.
"ގަބޫލު ކުރާ ކަހަލަ ވާހަކައެއް ނަމަ އަހަރެން ގަބޫލު ކުރީމުސް. ޒާރާގެ ކުރިމަތީގައި އެންމެ މުހިއްމު އެއްޗަކީ ފައިސާކަން އަހަރެން ދަންނަން."
"ފައިސާގެ މުހިއްމުކަމާ މެދަކު އަހަރެން މިއަދުވެސް ދެކޮޅެއް ނުހަދަން. އެކަމަކު ނިކަން ވިސްނާލަބަލަ. ފައިސާޔާއެކު ލޯބިވާ ބައިވެރިއަކު ލިބިއްޖެއްޔާ ދިރިއުޅުން ކިހައި އުފާވެރިވާނެ."
"އެހެންވެއްޖެއްޔާ ޒާރާ ލޯބިވާ މީހާ ޒާރާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެނީ ކޮން ދުވަހަކު؟" އަޙްސަން މަލާމާތުގެ ރާގަކަށް އަހައިލިއެވެ. "ލޯބޯ ކޮށިވެ، މުސްކުޅިވާ ދުވަހަކުންތަ؟"
"އަޙްސަން." ޒާރާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ. އެހެން ނަމަވެސް އެ ވަގުތު ސެހެރް އެތަނަށް އަތުވެއްޖެއެވެ. އެހެންވީމާ ބުނާން އުޅުނު ވާހަކަ ނުބުނެ ހުއްޓައިލީއެވެ.
"އަހަނ... އަޙްސަން ދުރުވީ ކޮންއިރަކުތޯ؟" ސެހެރް އަހައިލިއެވެ.
"ދެންމެ." އޭނާ ބޮލުގައި އޮތް ތޮފި ނަގައި ސެހެރްގެ ބޮލުގައި އަޅުވަމުން ބުނެލިއެވެ. "އަހަރެންނަށް ފޯނުކޮށްފައި ޒާރާއައި ވާހަކަ ބުނި ނަމަ މެންދުރު ގެއަށް އައީމުސް."
"އަޅުގަނޑު އެހެން ހަދަން އުޅުނިން. ދައްތަ މަނާ ކުރީ."
"އެއީ ކީއްވެގެން؟"
ޒާރާ އަނގައިން ނުބުނެ ހެމުން ހެމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ދެން އޭނާ ނުކުތީ ޝެހެރޫޒް އައީމައެވެ. ރޭގަނޑުގެ ކެއުމަށްފަހު ހަތަރު މީހުން ވަރަށް ގިނަ އިރު ވާންދެން ތާސްކުޅެން ތިއްބެވެ.
* * *
އޭނާ ސެހެރްގެ ގެއަށް އައީ އަންނަ ހިތުންނެވެ. އެހެންނަމަވެސް މި ގެއަށް އައުމާއެކު އޭނާގެ ހިތުގައި ވަޅުޖަހައިފައި އޮތް އުއްމީދު އާވެގަތީއެވެ. އެކަން ވެގެން ދިޔައީ ވަރަށް ބޮޑަށް އުނދަގޫ ވެގެން ދިޔަ ކަމަކަށެވެ. އަނެއްކޮޅުން އަޙްސަން ކަންތައް ކުރާގޮތް ވެސް އޭނާއަށް ވެފައި ވަނީ އޮޅުން ނުފިލާ ކަހަލަ އަރަތަކަށެވެ. ފުރުސަތެއް ލިބުމާއެކު އޭނާ ހާސްވާ ކަހަލަ ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. ކުރީން އަޙްސަން އޭނާ ލިބިގަތުމުގެ އުއްމީދުގައި މަސައްކަތް ކުރިކަން އޭނާއަށް އެނގެއެވެ. އެހެން ނަމަވެސް މިހާރު އޭނާއަކީ ޒާރާގެ ކޮއްކޮގެ ފިރިމީހާއެވެ. އެހެންވީމާ މާޒީގެ ކަންތައްތައް މިހާރު ޖެހޭނީ ހަނދާން ނައްތައިލާށެވެ.
އަހްސަން އެންމެ ފަހުން އޭނާޔާ ދިމާއަށް ބުންޏެވެ.
"ސެހެރާ ދިމާއަށް ބަލައިފައި ޒާރާގެ ސޫރަ ސިފަ ކުރަމުން ގޮސް އަހަރެން މިހާރު މޮޔަވާ ހިސާބަށް ހިނގައްޖެ."
"މޮޔަވާ ހިސާބަށް ހިނގައްޖެއޭ ނުބުނޭ. އަޙްސަން ތިޔަ ހުންނަނީ ހަމަ ރަނގަޅަށްވެސް މޮޔަވެފައި."
އަޙްސަންގެ ވާހަކަތައް އޭނާ މަޖަލަކަށް ހަދައިލައިފައި ހަނދާން ނައްތައިލަނީއެވެ. ދަތުރަށް ފެށުމުގެ ކުރިން މަންމަ ބުނެފައި އޮތީ އެއް ހަފުތާކޮށްފައި އަންނާށޭއެވެ. އެހެންނަމަވެސް އޭނާ އައީ ފަނަވަރަކަށް ދުވަސް ކޮށްފައި ނޫނީ ނުދާން ހިތުގައި ކަނޑައަޅައިގެންނެވެ. އެކަމަކު މިހާރު ކަންތައްތައް ދިމާވާ ގޮތުން އެއް ހަފުތާ ވާންދެން ހުރުންވެސް އޭނާއަށް ވަނީ ބުރަ ކަމަކަށް ވެފައެވެ. އެހެންވީމާ ވަރަށް އަވަހަށް ދާ ވާހަކަ ދައްކާން ފަށައިފިއެވެ.
"މިހައި ދުރަށް އައިސްފައި އެހައި އަވަހަށް ދަނީ ކީއްވެގެން؟ އަދި ކުޑަދުވަސްކޮޅަކު މަޑުކޮށްލާ!" އޭނާ ދާން ތައްޔާރުވީމާ އަޙްސަނާއި ސެހެރާ ދެ މީހުން ބުންޏެވެ.
"އަހަރެންގެ ޗުއްޓީ ހަމަވެއްޖެ! އެހެންވީމާ ދެނެއް މަޑެއް ނުކުރެވޭނެ. ދެން އަޙްސަންމެން އަހަރެމެންގެ ގެއަށް އާދޭ!"
"އަހަންނަކަށް އަދި ދެވޭކަށް ނެތް. އަހަރެން މި މަސައްކަތް ކުރަނީ އެކޮޅަށް ބަދަލުވެވޭތޯ އެހެންވެއްޖެއްޔާ ދާނީ އެކީ އެކައްޗަކަށް." އަޙްސަން ޒާރާއާ ދިމާއަށް ބަލައިލިއެވެ. "އަދި ޒާރާ ހައްޔަރުކުރުމުގެ ވޮރަންޓެއް ނެރުމަކީވެސް އަހަރެން ކުރަން ޖެހިފައި އޮތް ކަމެއް."
ޒާރާ އަނގައިވެސް ނުބުނެ ދަބަސް ނަގައިގެން އެންމެންގެ ކުރީގައި ހުރެގެން ހިނގައިގެންފިއެވެ.
* * *
ދިރިއުޅުމުގެ މާނައެއް، މަގުސަދެއް ނެތޭ އަނެއްކާވެސް އޭނާގެ ހިތަށް އަރާން ފަށައިފިއެވެ. ހިތަށް އެރިއެވެ. އަހަރެމެންގެ އަތަކު އެއްވެސް އެއްޗެއް ނެތެވެ. ފައިސާ ނެތި އެއްވެސް އެއްޗެއް ނުވެސް ހޯދޭނެއެވެ. ހުރިހައި އުފަލަކާއި އަރާމެއް ލިބޭން އޮތީ ފައިސާ ލިބިގެންނެވެ. އެންމެ ފުރަތަމަ މި ޚިޔާލުތައް އެނބުރުނީ އޭނާގެ ސިކުނޑީގައެވެ. އެހެންނަމަވެސް ފަހުން އެ ވާހަކަތައް ދުލާ ހަމައަށް ވެސް އަތުވެއްޖެއެވެ.
"ޝެހެރޫޒް. އަހަރެމެން މި ގޮތަށް މައްސަލަތަކާއި ހިފަހިފައި ތިބޭނީ ކިހައި ދުވަހެއް ވާންދެން؟" އެއްދުވަހަކު ޝެހެރޫޒާ ދިމާއަށް ބުނެލިއެވެ. ކުރުވަން އޮތީއަކީ ހަމައެކަނި ޝަކީލާގެ ކައިވެންޏެއް ނޫން. އޭނާގެ ހަގަށް ވެސް ތިން ކުދިން އެބަތިބި. ތިޔަ ކަންތައްތަކުގެ ތެރޭގައި އުޅެ މުޅިއުމުރު ދުވަސް ހޭދަވެގެން ހިނގައިދާނެ. އަހަންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭ ދުވަސް އަންނައިރު ޝެހެރޫޒް ހުންނާނީ މުސްކުޅިވެފައި. އަހަރެންގެ ހުރިހައި އުއްމީދެއް ފެނަށް ވެގެން ހިނގައިދާނެ."
"ޒާރާ. އަހަރެންގެ ޙާލަތު ހުރިގޮތް އަހަރެން ކުރިން ބުނިން."
"އާނ! ބުނި. އެކަމަކު އޭގެ މަނާއަކީ އެއްވެސް ކަމެއް ނުކޮށް ހުރުމެއް ނޫނެއްނު؟ އެހެން މަސައްކަތްވެސް ކުރަން ޖެހޭނެ."
"މިހާރުވެސް ދެ ތަނެއްގައި ވަޒީފާ އަދާކުރަމެއްނު؟ ދެން އިތުރަށް ކުރަންވީ ކަމަކީ ކޮބާ؟"
"އަމިއްލަ ވިޔަފާރިއެއް ފަށްޓާ!"
"ވިޔަފާރިއެއް ކުރަންވެސް ފައިސާ ބޭނުންވާނެ."
"ފައިސާ ބޭނުން ނުވަނީ ކޮންކަމަކަށް؟ ކޮންމެ ކަމަކަށްވެސް ފައިސާ ބޭނުންވާނެ. ކޮންމެވެސް ތަނަކުން ފައިސާ ހޯދާ. ޝެހެރޫޒަކަށް އެއީ އުނދަގޫ ކަމަކަށްވެސް ނުވާނެ. ޢިމާރާތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް..."
"ޒާރާ." އޭނާ ދެކޮޅު ހެދިއެވެ. "އަހަންނަށް ނުބައި މަގު ދައްކަން މަސައްކަތް ނުކުރޭ."
"އެއީ ނުބައި މަގެއް ކަމަށް ދެކެނީ ޝެހެރޫޒް އެކަނި. އެމަގުން ގޮސްގެން މީހުން ކުރިއަށް ގޮސްފައިވާ މިންވަރު ޝެހެރޫޒަށް އެނގޭނެ. ހަމައެކަނި ތަނަވަސް ކަމެއް ނޫން... އެ މީހުން އެތިބީ އިއްޒަތާއި ގަދަރުވެސް ހޯދައިގެން."
"ތިޔަ ބުނާ ޢިއްޒަތަކީ ހަމައެކަނި މި ދުނިޔެއަށް އޮތް އެއްޗެއް."
"ޝެހެރޫޒް ދެކެނީ މި ދުނިޔޭގެ ދިރިއުޅުމަކީ ބޭނުމެއް ނެތް ދިރިއުޅުމެއް ކަމަށްތަ؟"
"އަހަރެން އެހެންނެއް ނުބުނަން. އެކަމަކު ދުނިޔޭގެ ފަހަތުން ދުވަންވާނީ އަހަރެމެންގެ ރީތި އަޚުލާގު ނަގައިނުލައި. ފަހުން އަންނާނެ ބަޔަކު އަހަރެމެންގެ ވާހަކަ ދައްކާއިރު ހުތުރު ސިފައަކަށް ވާހަކަ ނުދައްކާނޭ ގޮތް ހެދޭތޯ ބަލަން ވާނެ. އަހަރެމެންގެ ބޮލުގައި ބޮޑު ބުރައެއް ނާޅާ ފަރުޖެހޭނީ އޭރުން."
"ބުރައޭ؟" އޭނާ ތުންއަނބުރައިލާފައި ގައިގައި ރަޖާ އަޅައިގެން އޮށޯވެއްޖެއެވެ.
"ޒާރާ." ޝެހެރޫޒް އޭނާގެ ގައިގައި އަތްޖައްސައިލިއެވެ. "ޒާރާއަށް އެއްވެސް ކަމެއްކޮށް ނުދެވޭކަން އަހަންނަށް އެނގޭ. އަހަރެން މަސައްކަތް ކުރާނަން."
އޭނާގެ ވާހަކަ ނުނިމެނީސް ޒާރާ އަނެއް ފަރާތަށް ފުރޮޅިގެންފިއެވެ.
އެ ދުވަސްވަރު ޒާރާއަށް މާބޮޑަށް ވަރުބަލިކަމުގެ އިޙްސާސް ކުރެވޭން ފަށައިފިއެވެ. ޑަކްޓަރަށް ދެއްކީމާ އެނގުނު ގޮތުގައި އޭނާ އިނީ ބަލިވެއެވެ.
"ގެއަށް އަނެއްކާވެސް ބޮލެއް އިތުރުވަނީ." މިއީ ހަމައެކަނި ޒާރާގެ ޚިޔާލެއް ނޫނެވެ. އޭނާ ޝެހެރޫޒާ ދިމާއަށް މިހެން ބުނެވެސްފިއެވެ.
"ޒާރާ. ތިޔަ ކަހަލަ ވާހަކަ ނުދައްކާ. ދުނިޔެއަށް އަންނަ ކޮންމެ މީހަކު އަންނާނީ އެ މީހެއްގެ ރިޒުގާއެކު."
ޝެހެރޫޒް ހުރީ އުފަލުންނެވެ. ގޭގެ މީހުންނަށް އެނގުނީމާ އެ މީހުން ވެސް ވަރަށް ބޮޑަށް އުފާކުރިއެވެ. މީގެ ކުރީންވެސް ގޭގެ މީހުން ޒާރާއަށް ދީފައިވަނީ އާދަޔާ ޚިލާފު ސަމާލުކަމެކެވެ. މިހާރު އެ ސަމާލުކަން ދެ ގުނައަށް އިތުރުވެގެން ހިނގައްޖެއެވެ. އޭނާ މަސައްކަތު ދިއުމުން މަންމަ މަނާކޮށްފިއެވެ. އޭނާވެސް މިހާރު ވަޒީފާ އަދާކުރާކަށް ބޭނުމެއް ނުވެއެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑު ކަމެއްގެ ސަބަބުން މިހާރު މަސައްކަތެއް ނުކުރެވެއެވެ. އެހެންވީމާ ދެކޮޅު ނުހަދައި މަންމަގެ ބަސް ގަބޫލުކުރީއެވެ. އެކަމަކު އޭނާ އެ ވަގުތުން ފެށިގެން ޝެހެރޫޒަށް އޭނާގެ ޒިންމާގެ މަތިން ހަނދާންކޮށް ދޭން ފަށައިފިއެވެ. އަދި މައްސަލަތައް ހައްލުކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމާއި، އަންނާން އުޅޭ މެހްމާނަށްޓަކައި އުފާވެރި ދިރިއުޅުމެއް ބިނާ ކުރުމަކީ ޝެހެރޫޒް ކުރަން ޖެހޭ ކަމެއްކަންވެސް ހަނދާން ކޮށްދޭން ފަށައިފިއެވެ. އެ ދުވަހު ޝެހެރޫޒް އޮފީހަށް ދާން ތައްޔާރުވާން އުޅެނިކޮށް އޭނާ އަތުވެއްޖެއެވެ. އެހައި ހެނދުނު އޭނާ ފެނުނީމާ ޝެހެރޫޒް ހައިރާންވިއެވެ.
"ޙާލު ރަނގަޅުތަ؟ މިހައި ހެނދުނާ..."
"އަހަރެން އައީ ޝެހެރޫޒް އައިސްބަލާށޭ މަންމަ ބުނީމާ އެވާހަކަ ބުނަންވެގެން."
"ކިހިނެއްވީ؟"
"އަސްމާ ދެކެންވެގެން ބަޔަކު އަންނަނީ. މަންމަ ބުނީ ޝެހެރޫޒްވެސް އެ މީހުންނާ ބައްދަލުކޮށްލާން ވާނެއޭ؟"
އޭނާ ޝެހެރޫޒާ ދިމާއަށް ބަލާން ފަށައިފިއެވެ.
"ޒާރާ ދޭ. އަހަރެން ހަވީރު އޮފީސް ނިންމާފައި އަންނަމުން ބަލައި ދާނަން."
"އެކަމަކު ޝެހެރޫޒް ހަވީރު އެހެން ތަނަކަށް މަސައްކަތު ދާން ޖެހެއެއްނު؟"
"މިއަދު ޒާރާއަށްޓަކައި ހަވީރު މަސައްކަތު ނުދާނީ."
"އެހެންތަ؟"
އޭނާ ދާން ތައްޔާރުވާން ފަށައިފިއެވެ. ގެއިން ނުކުތީ ޝެހެރޫޒާއެކީގައެވެ. ބަލިވެ އުޅޭތީ އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. މަންމަގެ ގެއަށް ގޮސްވެސް އޮށޯވެގެން އޮތީއެވެ. މަންމަ އޭނާގެ ކައިރިއަށް އައީމާ އޭނާ އަސްމާ ދެކެން އަންނަ މީހުންނާ ބެހޭ މަޢުލޫމާތު އޮޅުން ފިލުވިއެވެ. އަސްމާ އައިސް އޭނާގެ ކައިރީގައި އިށީނީމާ ދައްކާން ފެށީ ސެހެރްގެ ވާހަކައެވެ. ސެހެރްގެ ގޭގެ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާއަކަށް އޭނާގެ އުއްމީދުތަކުގެ އަސަރު ސިއްރެއް ނުކުރެއެވެ.
"ދައްތާ ބުނަންތަ؟" އަސްމާ ބުންޏެވެ. "ސެހެރްވެސް އިނީ ހަމަ ދައްތަހެން ބަލިވެ."
"އެހެންތަ؟ އެކަން އެނގުނީ ކިހިނެއް؟" ޝައުގުވެރިކަމާ އެކު އަހައިލިއެވެ.
"ސެހެރްގެ ސިޓީއެއް ލިބުނު. އޭނާ އޮތީ މަންމަ އަންނާށޭ ލިޔެފައި. އަޙްސަންބޭބެ އޭނާ ފޮނުވާނެކަމެއް ނޭނގެއޭވެސް ލިޔެފައި އޮތް."
"އަޙްސަނަށް ޖެހޭނީ އޭނާ ފޮނުވަން. އެހެންނޫނީ އެކަނި ހުރެގެން މޮޔަވެދާނެ."
(ނުނިމޭ)
varh varHves reethi