އަނާ - 53

(30 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޘަނާ އިމްތިޔާޒުގެ އަތްއެއްލައިގެން ހުރެ އަނާޔާއެކުގައި ކުރިއަށް ދިޔައެވެ.

"މިއީ ކަލާވަރަށް ރަނގަޅަށް ކުރެއްވިކަމެއް އަޅުގަނޑަށް މި ދެމަފިރީން ފެންނަނީ ވަރަށް ރަނގަޅު ދެ މީހުންކަމަށް." ޘަނާ ވާހަކަ ދައްކަމުން ގެންދިޔައީ އަނާއާ މުޙާތަބުކޮށެވެ.

"އެ މީހުންނަށް ކުއްޖަކު ނުލިބޭ... އެ މީހުން މިގެއަށް ފޮނުވަން ހުށަހެޅީ މިސްޓަރ ޙަޔާމް."

"އެހެންވީމާ މިދުވަސްކޮޅު އޭނާ ކުންފުނީގެ މަސައްކަތް ނުކުރަނީތޯ؟"

"ނޫން... އިމްތިޔާޒް ކޮންމެ ދުވަހަކަވެސް މެންދުރުކުރީގައި ކުންފުނީގެ މަސައްކަތްކޮށްފައި ހާފްޑޭ ނަގައިގެން އަންނަނީ. އަޅުގަނޑުމެންނަށް ވުރެ ކުރީން އެ މީހުން މި ގޭގައި އެ އުޅެނީ އެހެންވީމާ."

"ވަރަށް ރަނގަޅު. "އެ ދެ މީހުންގެ ސަބަބުން ކަލާގެ އެކަނިވެރިކަންވެސް ފިލާނެނޫންތޯ؟"

 އަނާ ނިދާކޮޓަރިއަށް ހިނގައްޖެއެވެ. ޘަނާވެސް އޭނާއާއެކު އެކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ހަތަރު ފަރާތަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު ބުންޏެވެ.

"ކަލާ މިހިރީ ހާދަ އަވަހަށް ޑެކަރޭޓްވެސް ކޮށްލައްވާފައި ދޮގެއްތޯ؟!"

"އެއީވެސް މިސްޓަރ ޙަޔާމްގެ އޯގާތެރިކަން!"

"ޙަޔާމްއަކީ އާސިފްޚާންގެ ވަރަށް ޚާއްޞަ މީހެއް."

"އެހެންވެދާނެ. އެކަމަކު އަޅުގަނޑަށްވާނީ ކޮންތަފާތެއް؟ އޭނާގެ ފުށުންވެސް ބޮޑަށް ގެއްލުންވާކަމަށް ފެނިއްޖެނަމަ އޭނާވެސް ދޫކޮށްލާނީ..."އަނާ ގޮނޑިސެޓްގައި އިށީންނަމުން ބުންޏެވެ.

ޘަނާވެސް ގޮނޑިސެޓްގެ އެހެން ގޮނޑިއެއްގައި އިށީންދެއްޖެއެވެ. އެތަންވަޅު އޭނާ ކޮންމެވެސް އެއްޗެއް ބުނަން ޤަސްދުކުރިތަނާ ބޭރުން މީހަކު ހިނގާފައި އަންނައަޑު އިވިގެން އެއްޗެއް ނުބުނެ ހިމޭންވެއްޖެއެވެ.

އެއީ ހީވަނީ މާޖިދުހެން އަނާގެ އަޑުގައިވަނީ ބިރުގެންފައިވާ ކަހަލަ ގޮތެކެވެ. އޭނާގެ މޫނުމަތިންވެސް ޢަޖައިބުވާ ކަހަލަ އަސަރެއް ފާޅުވެގެން ދިޔައެވެ. ޡަނާވެސް އެކަންތައް ފާހަގަ ކުރުމާއެކު ރައްކާތެރިވެލިއެވެ. ބޭރުން އައި މީހާގެ ފިޔަވަޅުގެ އަޑު ކޮޓަރީގެ ދޮރާހަމައިން އައިސްފައި ހުއްޓިއްޖެއެވެ. އެކަމަކު އެއީ ހަމަ ދާދި ކުޑަ ހިނދުކޮޅަކަށްޓަކައެވެ. އަނެއް ހިނދުކޮޅުގެ ތެރޭގައި މާޖިދު ކޮޓަރީގެ ތެރެއަށް ވަދެއްޖެއެވެ. އަދި ބުނެލިއެވެ.

"އަހަރެން މިއައީ ކަލޭމެންގެ ފަހަތުން... ހާދަ ރީތި ގެއެކޭ!"

އަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ އިނީ ކަޅިޖަހާނުލާ މާޖިދާ ދިމާއަށް ބަލާށެވެ. މާޖިދު ކޮޓަރީގެ ހަތަރުފަރާތަށް ބަލާލުމަށްފަހު އަނެއްކާވެސް ބުންޏެވެ.

"ޙަޔާމަކީވެސް ވަރު ކަމުދާ މީހެއް ތިންހަތަރު ދުވަހުގެ ތެރޭގައި ގެއެއް ހޯދުމާއި އެ ގެ ޑެކެރޭޓްކުރުމާއި އެގެއަށް ބޭނުންވާ ސާމުނު ހޯދައި ހަމަކުރުމާއި މިހިރިކަންކަމަކީ ވަރަށް ބޮޑުކަމެއް." މިކަންތައް އޭނާ ކޮށްފައި މިހިރީ ވަރަށް ރަނގަޅަށް މާޖިދުގެ ވާހަކަ ހުއްޓާލާފައި އަނާއާ ދިމާއަށް ބަލާލިއެވެ. ދެން ޘަނާ އާ ދިމާއަށް އެނބުރިލިއެވެ. ދެން ޘަނާ އާއި ދިމާއަށް އެނބުރިލިއެވެ.

"އަހަރެން މިތަނަނަށް އައުން ކަލޭމެން މާ ޤަބޫލެއްނޫން ދޯ؟" ދެންވެސް އަނާ އެއްޗެކޭ ނުބުނެ ހިމޭނުންއިނެވެ. މިހާރުވެސް އޭނާ އިނީ މާޖިދާ ދިމާއަށް ބަލާށެވެ.

އަނާ އެއްޗެކޭ ނުބުނެ އޭނާއާދިމާއަށް ބަލަން އިނީމާ މާޖިދު ދެރަވާގޮތް ވެއްޖެއެވެ.

"އަހަރެންނަށް ހީވަނީ ކަލޭމެން ދެ މީހުންނަށް ޑިސްޓާރބްވާހެން... އަހަރެން އިހަށް މުޅިގެ ބަލާލަން ދާނަން އެ ވަގުތުކޮޅުގެ ތެރޭގައި ކަލޭމެން ކުރަންވީ ކަމެއްކޮށް ނިންމާލާނެކަމަށް އުއްމީދުކުރަން.."

އެހެންބުނެފައި މާޖިދު ކޮޓަރިން ނުކުމެއްޖެއެވެ.

ދެން އަނާ ފުން ނޭވާއެއްލިއެވެ. އަދި ޡަނާއާދިމާއަށް ބަލާލާފައި ބުންޏެވެ.

"އޭނާ އަހަރެމެންގެ ފަސްފަހަތުން ބަލަމުން މިހާތަނަށްވެސް އައީ އެއީ އެއްވެސް ކަމެއްނޫނެއް ނޫންތޯ؟ ކޮންމެ ގޮތެއްގައިވެސް އޭނާއަކީ މި ގޭގެ ވެރިމީހާ ނޫންތޯ؟"

"ވެރިމީހާއޭ!" އަނާ ސިއްސައިގެންދިޔަ ކަހަލައެވެ.

"އަޅުގަނޑު ބުނިއެއްޗެއްގެ މާނައަކީ ފިރިމީހާވާނީ ވެރިޔާކަމަށް ނޫންތޯއޭ!"

އަނާ އިރުކޮޅެއްވަންދެން ޡަނާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ދެން އިސްޖަހައިލިއެވެ.

ކަލާ ތިޔަ ބުނުއްވަނީ ހަމަރަނގަޅަށް. ފިރިމީހާވާނީ ހުރިހާ އެއްޗެއްގެ ވެރިމީހާއަށް އަދި މާޖިދުވެސް ވާނީ މިގޭގެ ވެރިމީހާއަށް.

މިފަހަރު ސިއްސައިގެން ދިޔައީ ޘަނާއެވެ. އޭނާ އަނާއާ ދިމާއަށް ބަލާލެވުނެވެ.

ނަމަވެސް...

އަނާ މޭޒުމަތީގައި އޮތް މެގެޒީނެއް ނަގައިގެން އޭގެ ގަނޑުތައް އުކަމުންދަނީއެވެ. އެގޮތަށް ކުޑައިރުކޮޅަކު އިނދެފައި ބުންޏެވެ. "އަޅުގަނޑު ކަލާ ދުރުވަން ނަންގަތީ ކަލާ ބޭރު ޤަވްމުތަކަށް ފޮނުވުމަށް ޚިޔާލުކޮށްފައި މަހެއްހާ ދުވަހު ބޭރުގައި އުޅެދެއްވަން ބޭނުންވެގެން އަދި ކަލާ އެނބުރި ދުރުވަންވާނީ އެ ތަންތާނގެ ހުރި ވިޔަފާރިތައް ހުއްޓުވާލައްވާފައި ނުވަތަ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންނަވާފައި... ބޭރުގެ ހުރި ކުންފުނިތަކުގެ މައްސަލަ ގޯސްކުރަން އުޅޭކަމަށް އަޅުގަނޑަށް އެބަ ޝައްކު ކުރެވޭ..."

"އަޅުގަނޑު ދާންވީ ކޮންއިރަކުންތޯ؟"

"މާދަމާވެސް ދުރުވެވެންޏާ ރަނގަޅި ހަމަމާދަމާ ދުރުވުން އެތަންތާނގައި ހިނގަމުންދާ ވިޔަފާރި ރަނގަޅުވާނީ ހުއްޓާލިއްޔާތޯ ނުވަތަ ކުރިއަށް ގެންދިޔައްޔާތޯ، މިކަމާމެދު ކަލާގެ ޚިޔާލަކީ ކޮބައިތޯ؟"

"އަޅުގަނޑުމެން އަމަލު ކުރަންވީ ގޮތެއް ނިންމޭނީ އެތަންތަންހުރި ޙާލަތެއް ބަލާހަދާފައި މިވަގުތު ކަނޑައެޅިގެން ވަކި އެއްޗެއް ނަންގަންނަން އަޅުގަނޑަށް ދަތި. މާދަމާ އަޅުގަނޑު އެ ދަތުރަށް ފުރާނަން ނަމަވެސް ކަލާގެ ޞިއްޙަތާމެދު ހިތްހަމަޖެހޭވަރަށް ކަންތައްތައް ހަމަޖައްސުމަށްފަހުގައި."

"ކަލާ ތިޔަ ބުނުއްވީ ޑޮކްޓަރާ ބައްދަލު ކުރައްވާނެ ވާހަކަތޯ؟ "

"ލައްބަ ހަމަޔަޤީނުންވެސް އަޅުގަނޑު އެ ޑޮކްޓަރާ ބައްދަލުކުރާނަން އަދި އަޅުގަނޑު މިދަތުރުގެ ޕްރޮގްރާމް ފައްޓާނީ މިހާރު ކަލާގެ ފުރާނައަށް އެއްވެސް ކަހަލަ ނުރައްކަލެއްނެތް ކަމާއި ކަލާއަށް ލިޔެދީފައިވާ ބޭސް ބަރާބަރަށް ކަލާ ބޭނުންކުރައްވަމުން ގެންދަވާކަން އެ ޑޮކްޓަރ އަޅުގަނޑަށް ޔަޤީންކޮށްދިނީމަ."

"އެންމެ ރަނގަޅު.... ކަލާއަށް ފެނިލައްވާ ރަނގަޅު ގޮތަކަށް ކަންތައްތައް ގެންދަވާ...އާނ އަދި ކަލާގެ ބައްޕަގެ ޙާލަކީ ކޮބައިތޯ؟"

އެއީ އަޅުގަނޑުގެ ބައްޕައެއް ނޫން އެއީ އަޅުގަނޑު ބޮޑުކުރި މީހާ މިޔާންޖީ ޘަނާ ހީނލިއެވެ.

"އެހެންވެއްޖެއްޔާ މިޔާންޖީ އޭނާ ކޮންޙާލެއްތޯ؟ އަނާ ދެވަނަ ފަހަރަށް އަހާލިއެވެ. އޭނާގެ ޙާލު ރަނގަޅު އޭނާ މިހާރު ދުނިޔޭގައި އެހެރީ ހަމައެކަނި އޭނާގެ ޅީދަރިފުޅު ދުށުމަށްޓަކައި އޭނާގެ ޅީދަރިފުޅު އޭނާއަށް ކައްކާ ކާންދެނީ ހަދާނެ ދުވަހެއް އަދި ފަތިހު ތެދުވެގެން އޭނާގެ ހެނދުނުގެ ސައިތައްޔާރުކޮށްދީ ހަދާނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރުމުން ދަނީ ވަރަށް ބޮޑަށް."

"ނަމަވެސް އޭނާގެ މިއެދުން ފުރިހަމަ ނުވެވެސް ހިނގައިދާނެ ކަންނޭނގެ."

ކަލާ މީހަކާ ކައިވެނި ކުރައްވަވަންވީ ނޫންތޯ އަނާ ބުނެލިއެވެ.

"ކައިވެންޏޭތޯ؟" ޘަނާ ސިއްސައިގެން ދިޔަކަހަލައެވެ.

"އެކަމަކު.... އަޅުގަނޑު ކައިވެނި ކުރާނީ ކާކާތޯ؟" ޘަނާ އަނާއާ ދިމާއަށް ބަލާލިއެވެ.

"ކޮންމެވެސް ރަނގަޅު އަންހެން ކުއްޖަކާ..."

"ރަނގަޅު..." ޘަނާ ހިތާ ދެކޮޅަށް ހިނިތުންވެލިއެވެ.

"ކަލާ ހޯއްދަވާ ދެއްވަންވީނު!"

"އެންމެ ރަނގަޅު މަސައްކަތް ކުރާނަން.."

އެ ހިސާބަށް ވާހަކަ ދިޔަތަނާ ނިސްރީން ސައި ހިފައިގެން ކޮޓަރިތެރެއަށް އަތުވެއްޖެއެވެ. އޭނާ ވަރަށް ތަރުތީބު ގޮތަކަށް ތަކެތި އަތުރާލާފައިވާ ޓްރޭއެއް މޭޒުމަތީގައި ބަހައްޓައިފިއެވެ. އަނާ އޭނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

"މިތާނގައި އަދި މީގެ އިތުރަށްވެސް އެހެން މެހެމާނަކު އެބައުޅޭ އޭނާ މިހާރުވަނީ މިގޭގެ ކޮންމެވެސް ތަނެއްގައި އޭނާ އިމްތިޔާޒާ ވާހަކަ ދައްކަވަން އެބަހުންނެވި." ނިސްރީން ބުންޏެވެ.

"އޭނާ އެއީ އަހަރެންގެ ފިރިމީހާ. އޭނާއާ މެދުފަރުވާ ބަހައްޓަވަންވާނެ. ލައްބަ އިމްތިޔާޒް އަޅުގަނޑު ގާތުގައި އެވާހަކަ ބުނެފި އޭނާ މިހާރު  ސައިބައްލަވަނީ. އަދި ބުނަން މިސްޓަރ ޘަނާގެ ކޮޓަރި ތައްޔާރުވެއްޖެތަ؟ ލައްބަ ހުރިހާ ކަމެއް ފުރިހަމަކޮށް ތައްޔާރުވެއްޖެ. ކަލާ ދުރުވެ ބައްލަވާލަންވީނޫންތީ؟ ނޫން.. ކޮންމެހެން ބޭނުމެއްނޫން ކަލާ އެ ކޮޓަރި ތައްޔާރުކޮށްފައި ހުންނާނީ އަހަރެން ނޯޓްކޮށްފައިދިން ގޮތަށް ކަމުގައި އަހަރެން އުއްމީދުކުރަން."

"ޝުކުރިއްޔާ ސާހިބާ ކަލާ ތިޔަ ގޮތަށް އިތުބާރުކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!" ނިސްރީން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

"މިތާނގައި އަޅުގަނޑުވެސް މުޅީން ވަކީން ހުންނަވަންވީތޯ؟" ޘަނާ އަހާލިއެވެ.

"ކަލާ ޢިއުތިރާޞު ނުކުރައްވާނަމަ ކަލާ އެދިލައްވާ އެއްވެސް ކަމަކާމެދު އަޅުގަނޑަކަށް އިޢުތިރާޞެއް ނުކުރެވޭނެ."

އެހެންބުނެފައި ޘަނާ ސައިތަށި ނަގައިފިއެވެ. އަދި ދެ މީހުން ސައިބޯން ފަށައިފިއެވެ. ސައިތަށި ހުސްކޮށްލާފައި ޘަނާ ތެދުވެއްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.