ހިތުގެ ވިންދު - 11

(28 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރާމް އެދިޔައީ ކޮންތާކަށްކަމެއް އެނގޭ މީހަކު އެގެޔަކު ނެތެވެ. އަންޖަލީގާތުވެސް ، އޭނާދާ ވަކިތަނެއް ނުބުނެއެވެ. އަދި އެދަނީ ކިހާ ދުވަހަކަށްކަމެއްވެސް ނުބުނެއެވެ. ހަމަގައިމުވެސް ، އޭނާއެދަނީ ވިޔަފާރީގެ ކަމެއްގައި ނޫންކަން އެންމެންނަށްވެސް އެނގެއެވެ. ރާމް ގެއިން ނުކުމެގެން އެދަނީ ، އޭނާގެ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންކަން ކިރިޔާވެސް ރެޔަކާލާނީ އަންޖަލީއަށެވެ. އޭނާއާ ގާތްނުވުމަށް އިންޒާރުކޮށް ، ރާމްއާ ދިމާއަށް އެންމެފަހުން އަންޖަލީ ބުނި ނުރުހުމުގެ ބަސްތައް އަންޖަލީގެ ހަނދާނުގައި ހަރުލާފައި އަދިވެސް އެބަހުއްޓެވެ. ރާމް ގެއިން ނުކުމެގެން ދިއުމުގެ ސަބަބަކީ އެއީކަމަށް ވެދާނެ ބާވައެވެ ؟

ރޭގަނޑު ، އެންމެން ނިދާ ފައިހިލަވަޅު އޮބިއްޖެއެވެ. އެގާރަޖަހާ ބޮޑުވެއްޖެއެވެ.  ފޯނުގެ ރަނގަބީލުވާ އަޑު އަންޖަލީއަށް އިވުނެވެ. އަންޖަލީ ފޯނުނެގިއެވެ. އެއީ ބޮބީގެ ފޯނެކެވެ. ބޮބީ ބޭނުންވީ ، އޭނާ އެހުރިތަނަށް ފަހަރިދައްތަ އައިސްލަ ދިނުމަށެވެ. ރޭގަނޑުގެ އެގަޑީގައި އެހާބޮޑުކަމެއް އެއީ ކޮންކަމެއްތޯ އަންޖަލީ ސުއާލުކުރިއެވެ. އޭނާ އެގުޅީ ވަރަށްބޮޑު ކަމެއްގައެވެ. އޭނާގެ ކިޔެވުމުގައި ޖަވާޞު ނުދެވި އޮތް ސުއާލަކަށް އަންޖަލީގެ ޚިޔާލެއް ބޭނުންވީއެވެ. އޭނާގާތަށް އާދެވިދާނެތޯ ބޮބީ ސުއާލުކުރުމުން ، އެންމެ ރަނގަޅުކަމަށްބުނެ އަންޖަލީ ދިޔައެވެ.

އަންޖަލީ ، ބޮބީ އެހުރިތަނަކަށް އައިސް ވަތްއިރު ބޮބީ ފެންނާކަށް ނެތެވެ. އަންޖަލީ ބޮބީއަށް ގޮވައިލިއެވެ. އެވަގުތު ، އޭނާގެ ފުރަގަހުން އިވުނު އަޑަކަށް އަންޖަލީ ސިއްސައިގެން ދިޔައެވެ. އަންޖަލީއަށް އިވުނީ އެ ކޮޓަރީގެ ދޮރުލައްޕައި ތަންޑު އެޅުވި އަޑެވެ. އެއީ ކޮންކަމެއްތޯ އަންޖަލީ ސުއާލު ކުރިއެވެ.

ބޮބީގެ ނިޔަތް ވަރަށް ގޯހެވެ. މަޑުމަޑުން އަންޖަލީއާ ދިމާއަށް ހިނގާލާފައި ބޮބީ އައެވެ. އަދި ، އެރޭ އަންޖަލީ ފެންނަނީ ވަރަށް ޢިޝްޤީ ގޮތަކަށްކަމުގައި ބޮބީ ބުންޏެވެ. ބޮބީ އެބުނި ބަހުގެ މާނަޔަކީ ކޮބައިތޯ އަންޖަލީ ސުއާލު ކުރިއެވެ. އަދި ބޮބީގެ މަޤްޞަދަކީ ކޮބައިތޯ އެހިއެވެ.

މާ ނޭނގޭކަމަށް ހަދާނެ ކަމެއްނެތްކަމަށް ބޮބީ ބުންޏެވެ. ބޭބެއާ އަންޖަލީއާ ދެމީހުންގެ ގުޅުން އޮތްގޮތް ، ބޮބީއަށް އެނގޭކަމަށް ބޮބީ ބުންޏެވެ. އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކު އެރޭ އެގަޑީގައި އެދެމީހުންގެ ދެމެދުގައި ކަންތައްތަކެއް ކޮށްލެވިދާނެއެވެ. އަދި ، އެކަން އެއްވެސް އިތުރު މީހަކަށް ނޭނގޭނެއެވެ. އެކަމަށް ބޮބީ ވަޢުދުވިއެވެ. ބޮބީގެ ނިޔަތަކީ ކޮބައިކަން ، އޭނާގެ ހަވަނަ ޙިއްޞު އަންޖަލީއަށް ވިސްނައިދިނެވެ. އެހެންކަމުން ، ބޮބީގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް އަންޖަލީ ތައްޔާރުވެލިއެވެ.

ރާމް އެދިޔަތަނަކަށް ގޮސް އުޅުމަށްފަހު ، ގެޔަށް އައިސް ޑްރައިވަރު ގެޔަށް ފޮނުވައިލިއެވެ. އޭރު ، ބޮބީއާ އަންޖަލީއާ ދެމެދު އެހިނގާކަމެއް ހިނގަމުން ދެއެވެ.

" ތިއީ ހާދަ ގޮތްކުޑަ އިންސާނެކެވެ. ތިކަހަލަ ވާހަކަ އަހަރެންގާތު ދައްކާކަށް ބޮބީ ލަދެއްވެސް ނުގަނޭ ހެއްޔެވެ ؟ ތިކަހަލަ ވިސްނުމެއް ބޮބީގެ ހިތަށް އައިކަން އެއީ ބޮބީގެ ގޮތެއްފޮތެއް ނެތްކަމެވެ. އަހަރެންގެ ކުރިމަތިން ދުރަށްގޮސް އަހަރެން ދާން ތަން ދައްކާށެވެ ! " ރުޅިއައިސް ރަތްވެފައިހުރެ ، އަންޖަލީ ، ބޮބީއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

ނޫނެކޭ ބުނެ ، ބޮބީ ، އަންޖަލީގެ ކުރި ބެއްދިއެވެ. އެވަގުތު ، އަތުގައިހުރި ބާރެއްލާފައި ބޮބީގެ ކަންކަށިމަތީގައި އަންޖަލީ ޖެހިއަޑު މުޅިގޭތެރެޔަށް އިވިގެންދިޔައެވެ. ގޭތެރެޔަށް ވަދެގެން އައި ރާމްއަށް އެއަޑު އިވުނެވެ. ރާމްގެ ހިނގުމަށް ހުއްޓުން އެރިއެވެ. އަދި ، އެއަޑު އިވުނު ދިމާއަށް ބަލައި ލެވުނެވެ. އެއީ އެގެއިން އިވެންވާނެ އަޑެއްނޫނެވެ. އެއަޑު އައި ދިމާއަށް ރާމް ހިނގައިގަތެވެ. އަދި އޭނާގެ ފައިން ދޮރުގައި ބާރަށްޖަހައި ދޮރުހުޅުވައިލިއެވެ. އަންޖަލީއާއި ބޮބީ އެކަކު އަނެކަކަށް ޒުވާބެއްގެ ތެރޭގައި ތިބިތަން ރާމްއަށް ފެނުނެވެ. ދެމީހުންވެސް ތިބީ ނިދާ ހެދުމުގައެވެ. ރޭގަނޑުގެ ދަންވަރު ، އެގަޑީގައި އަދި އަމްދުން ނިދާހެދުމުގައި އަންޖަލީ އެކޮޓަރީގައި ހުންނަންޖެހޭ ސަބަބެއް ރާމްއަކަށް ނުވިސްނުނެވެ. ރާމްއަށް ލިބުނު ސިހުމުގައި އެދެމީހުންނާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ.

މައްސަލަ ވަރަށް ބޮޑުވެއްޖެއެވެ. ގޭގެ އެންމެން އެތަނަށް ޖަމާވިއެވެ. އަންޖަލީ އެހަދަނީ ދޮގުކަމުގައި މަންމަ ބުނަމުން ގެންދިޔައެވެ. ބޮބީއަކީ އެކަހަލަ ލަދުކުޑަ ޢަމަލެއް ކުރާނެމީހެއްނޫނެވެ.

އަންޖަލީ ހަދަމުން އެގެންދަނީ ހުސް ދޮގެވެ. ނިކީވެސް މަންމައާ އެއްބައިވިއެވެ. މަންމަ އެބުނަނީ ރަނގަޅަށްކަމުގައި ބުނެ މަންމައާ ބައިވެރިވެއެވެ. އެވާނީ އަންޖަލީ ކޮންމެވެސް ކަމެއް ކުރީކަމުގައި ބުނެ އަންޖަލީ ފަޟީޙަތް ކުރަމުން ގެންދިޔައެވެ. އެއީ ، އޭނާގެ ބޭބެ ހައްލައިލަން އަންޖަލީ ކުރިކަމެކެވެ.

އޭނާއާ އަންޖަލީ ދިމާކުރަމުންގެންދާތާ ކިތަންމެ ދުވަހެއް ވެއްޖެކަމުގައި ބޮބީ ބުނަމުން ގެންދިޔައެވެ.

" އެހަދަނީ ގޯހެއްކަމަށް އަހަރެން އަންޖަލީގާތު ބުނީމެވެ. އޭނާ ބުނިއެއްޗެއް މަންމަޔަށް އެނގޭ ހެއްޔެވެ ؟ އެއްވެސް މީހަކަށް އެކަމެއް ނާންގާނަމޭ އޭނާ ބުންޏެވެ. އަހަރެންހުރީ ހަދާނެގޮތް ބޮޑުވެފައެވެ. " ބޮބީ އޭނާގެ މަންމަޔަށް ކިޔައިދެމުން ގެންދިޔައެވެ.

އެތިންމައިންގެ ވާހަކަތަކުން ، އަންޖަލީ ފަޟީޙަތްކުރަމުން ގެންދިޔައިރު ، އަންޖަލީހުރީ ހަދާނެގޮތްބޮޑުވެގެންގޮސް ރޮވިފައެވެ. ބުނާނީވެސް ކީކޭކަން ނޭނގިއެވެ. އެމީހުންގެ ރޭވުންތެރިކަން އެހާ ފުރިހަމައެވެ.

އެހަދަނީ ދޮގެވެ. އެންމެންވެސް އެހަދަނީ ހުސް ދޮގެވެ. އަންޖަލީ ރާމްއަށް ގޮވައިލިއެވެ. އަދި ، އެތިންމީހުން ބައިވެރިވެގެން އެހަދަމުންގެންދަނީ ، ހުސް ދޮގުކަމުގައި އަންޖަލީ ބުނަމުން ގެންދިޔައެވެ. އޭނާއަށް އިތުބާރުކުރުމަށް އެދި ރާމްއަށް އާދޭސް ކުރަމުން ގެންދިޔައެވެ. ރާމްހުރީ އެމީހުން އެދައްކާ ވާހަކަތަކަށް ކަނުލައި އަޑުއަހަން ހަށަން ބަނދެލައިގެންނެވެ.

އަންޖަލީ އެހަދަނީ ތެދުކަމަށާއި އޭނާއަށް އިތުބާރުކުރުމަށް ރާމްގާތަށް ގޮސް އޭނާ ، ރާމްއަށް އާދޭސް ކުރަމުން ގެންދިޔައެވެ.

އަންޖަލީއަށް ، ރާމް އިތުބާރު ކުރަންވީ ކީއްވެގެންތޯ މަންމަ ސުއާލު ކުރިއެވެ. އަދި ، ރާމް ޤަބޫލުކުރާނީ މަންމަގެ ބަސްކަމުގައި ބުންޏެވެ. އެހެންނޫންހޭ ބުނެ ރާމްއާ ދިމާއަށް ހެވިފައިހުރެ މަންމަ ދިޔައެވެ. ރާމް އޭނާގެ ދޮންމަންމައާ ދިމާއަށް އެނބުރިލިއެވެ.

" މަންމާއެވެ ! މަންމަ ތިހަދަނީ ދޮގެވެ. " ރާމް އޭނާގެ ދޮންމަންމައާ ދިމާއަށް ބުންޏެވެ.

އޭނާގެ ބަސް ޤަބޫލުނުކޮށް، ރާމް އެހަދަނީ ކިހިނެއްތޯ ، ދޮންމަންމަ ސުއާލުކުރިއެވެ. ރާމްގެ އަތް އޭނާގެ މަންމައާ ދިމާއަށް އުފުލައިލިއެވެ. އަދި ދެން ހުއްޓާލާށޭ ބުނެ ހަޅޭއްލަވައިގަނެ ދޮންމަންމަ މައިތިރި ކުރިއެވެ.

" ލައްކަ ދޮގުތައް ހަދައިފީމުއެވެ. ކަލޭމެން އެންމެން ތި ހަދަނީ ހުސް ދޮގެވެ. އަބަދުވެސް ކަލޭމެން ހަދަނީ ދޮގެވެ. ކިތައް ދުވަހު ، ކިތައްމަސް އަދި ކިތައް އަހަރުކަމެއްވެސް ނޭނގެއެވެ. ކަލޭމެން ތިއަންނަނީ ދޮގުގެ މައްޗަށް ދޮގުހަދަމުންނެވެ. އަހަރެން އަނގައިން ނުބުނެ ، ނޭނގޭކަމަށް ހަދައިގެން މަޑުން މިހުންނަނީ ، ކަލޭމެންގެ ހިތުގައި ތިއޮތް ރުޅިވެރިކަން ލޯތްބަށް ބަދަލުވެދާނެކަމުގެ އުއްމީދުގައެވެ. ކަލޭމެން ހަދާ ދޮގާ ، ކުރާކަންކަން ނޭނގޭތީއެއް ނޫނެވެ. " ރާމް އެމީހުންނާ ދިމާއަށް އިނގި ދިއްކުރަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

" އެކަމަކު ، މިހިސާބުން ، ކަލޭމެންގެ ކަންތައްތަކަށް އަހަރެންނަކަށް ކެތެއް ނުކުރެވޭނެއެވެ. އަންޖަލީ އެހަދަނީ ދޮގެއްނޫނެވެ. އަންޖަލީ ދޮގެއް ނުހަދާނެއެވެ. ކަލޭމެންކުރާ ކޮންމެކަމަކަށްވެސް އަހަރެން ކެތްކޮށްފާނަމެވެ. އެކަމަކު ، އަންޖަލީ ފަޟީޙަތްކޮށް އޭނާގެ އަބުރަށް އަރައިގަތުމަށް ތިދައްކާ ވާހަކަ ، އަހަރެން ޤަބޫލެއް ނުކުރާނަމެވެ. " ރާމް ބުންޏެވެ.

" އަހަރެމެންގެ ބަހަށްވުރެ ، މި އަންހެންކުއްޖާގެ ބަހަށް ޔަޤީންކަން ދެވެނީ ދޯއެވެ. އެހެންވިއްޔާ މިގޭގައި އަހަރެމެންނަށް އޮތީ ކޮންކަމެއް ހެއްޔެވެ ؟ މައްސަލައެއް ނެތެވެ. އަހަރެމެން މިގެ ދޫކޮށްފައި ހިނގައިދާނަމެވެ. އަހަރެމެން ފާރމްހައުސް އަށްގޮސް އެތާނގައި އުޅެފާނަމެވެ. އެންމެ ރަނގަޅު ހެއްޔެވެ ؟ " ދޮންމަންމަ ދެރަވެފައިހުރެ ބުންޏެވެ.

ދޮންމަންމަގެ މަޤްޞަދަކީ ، ރާމް ދެރަވެދާނެ ގޮތެއް ހަދައިގެން އޭނާގެ ކޮޅު މޮޅުކުރުމެވެ. އެމީހުން އެގެއިން ނުކުމެގެންދާން ރާމް އަށް އެންމެ ރަނގަޅު ނުވާނެކަމަށް ދޮންމަންމަ ހީކުރިއެވެ. އެހެންނަމަވެސް ، ދޮންމަންމަ ބޭނުމިއްޔާ ބޭނުންގޮތެއް ހަދަން ރާމް ބުންޏެވެ. މަންމަ ވަކިކަމެއް ވަކިގޮތަކަށް ކުރަން ނިންމައިފިއްޔާ އެގޮތަކަށް ރާމް ޤަބޫލުވާނެއެވެ. ގޯސްގޮތަކަށް މަންމައެއް ނުނިންމާނެއެވެ. އެގޭތެރޭގައި ފެށުނީއްސުރެ ކަންކުރެވެމުން އައި ގޮތަކީ އެއީއެވެ. ހުރިހާކަމެއްވެސް އޮންނާނީ މަންމަ ނިންމާ ގޮތަކަށެވެ. އެނިންމުން ބަދަލުކުރާކަށް އެއްވެސްމީހަކު ނޫޅޭނެއެވެ. އެއީ އެންމެ ފަހުގެ ނިންމުމެވެ.

ދޮންމަންމަގެ ފައިދަށުން ބިންގަނޑު ދެމިގަތެވެ. އެގެއިން ނުކުމެގެންދާކަށް އޭގެތެރެއިން އެކަކުވެސް ނޭދެއެވެ. ރާމްގެ ޖަވާބުން ލިބުނު ޙައިރާންކަމުގައި ދެން އިތުރަށް ކުރެވޭނެކަމެއް ނެތުނެވެ. އަމިއްލަޔަށް ނިންމި ނިންމުން ތަންފީޒުކުރަން އެއޮތީ މަޖުބޫރުވެފައެވެ. އަމިއްލަޔަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ވަނީއެވެ.

އަމިއްލަޔަށް ދެރަނުވާންވެގެން ، ނިކީއާއި ބޮބީގާތު ހިނގާށޭ ބުނެ ، ދޮންމަންމަ އެގެއިން ނުކުމެގެން ދިޔައެވެ. ރާމް އިސްއުފުލައި ބަލައިލިއެވެ. ރާމްއަށް އާދަވެފައިހުރީ ، މަންމަ ނިންމާ ގޮތަކަށް ޢަމަލު ކުރުމަށެވެ. އެކަމުގައިވެސް ރާމް އެ ޢަމަލުކުރީ މަންމަގެ ނިންމުމަށެވެ. އެކަމުން ރާމްއަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އޭނާހުރީ އެހުރިހާ ތަކުލީފަކަށް އާދަވެފައެވެ.

އަންޖަލީހުރީ ، ބުނާނެ އެއްޗެއް ނޭނގި ޙައިރާންވެފައެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އަންޖަލީއާވެސް އިތުރު ވާހަކައެއް ނުދައްކާ ރާމް ، އޭނާގެ ކޮޓަރިއާދިމާއަށް ހިނގައިގަތެވެ. އަންޖަލީ ، ރާމްގާތު ވާހަކައެއް ބުނަން ބޭނުންވިއެވެ. އަންޖަލީ ރާމްއަށް ގޮވައިލިނަމަވެސް ރާމް މަޑެއް ނުކުރެއެވެ. ދިޔަގޮތަށްގޮސް އޭނާ ، ކޮޓަރިޔަށް ވަނެވެ. ރާމްގެ ވާހަކަ އަންޖަލީގެ ކަންފަތުގައި ގުގުމައިލިއެވެ.

" ކަލޭމެންކުރާ ކޮންމެކަމަކަށްވެސް އަހަރެން ކެތްކޮށްފާނަމެވެ. އެކަމަކު ، އަންޖަލީ ފަޟީޙަތްކޮށް އޭނާގެ އަބުރަށް އަރައިގަތުމަށް ތިދައްކާ ވާހަކަ ، އަހަރެން ޤަބޫލެއް ނުކުރާނަމެވެ. "

އަންޖަލީހުރީ ފެންކަޅިވެފައެވެ. ދެރަވެފައެވެ. އެއްވެސް ވަރަކަށް އޭނާއާ ސުއާލުކުރުމެއްނެތި ، އެހާބޮޑު އިތުބާރެއް އޭނާގެ މައްޗަށް ރާމްގެ ހިތުގައިއުފެދިފައި އޮތަތީ އޭނާ އުފާކުރިއެވެ. އަދި ، އެވަރުގެ މާތް އިންސާނަކާ ދޭތެރޭ އަންޖަލީއަށް ކަންތައް އެކުރެވެނީ ރަނގަޅަށްނޫންކަމުގެ އިޙްސާސް ކުރެވުނެވެ. އެވަގުތު އޭނާއަށް ރާމްއާއެކު އެހެން ދުނިޔެއަކަށް ދެވުނެވެ. ހޭލާހުރެ ފެންނަފަދަ ހުވަފެނީ ޢާލަމަކަށެވެ. އެ ޢާލަމުގައި ، ފުރޮޅިގެން ނިއުޅެމުން ، ހާމަވަމުން އެދަނީ އަންޖަލީގެ ހިތުގައި ރާމްއާމެދު އަލަށް އުފެދުނު އިޙްސާސްތަކެވެ. އޭނާގެ ހިތާއި ސިކުނޑި މަސައްކަތް ކުރަމުން އެގެންދަނީ ލޯބީގެ މިސްރާބަކަށް އެއްކޮޅަށް ދުއްވާ މަގަކުންނެވެ.

އަހަރެންނަށް ލޯބި ވެވިއްޖެއެވެ. އަހަރެންނަށް ލޯބި ވެވިއްޖެއެވެ. އަންޖަލީގެ ޚިޔާލީ ދުނިޔޭގައި އޭނާގެ ކުރިމައްޗަށް މިހާރު އައިސް އެ ހުއްޓެނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ، ދޭވްއެއް ނޫނެވެ. އޭނާގެ ފިރިމީހާ ރާމް އެވެ.

އެތައްފަހަރަކު ، ނޫނެކޭ ބުނަމުންގޮސް އަޅެ ، އަހަރެންނަށް އެ ، ލޯބި ވެވުނީއެވެ. އަހަރެންނަށް ލޯބި ވެވިއްޖެއެވެ. އަންޖަލީއަށް ގޮސް ރާމްގެ މޭމަތީގައި ބޯއަޅައިލެވުނެވެ. ރާމްހުރީ ކޮލުދަތަށް ދަންދެން ފެންނަވަރަށް ހިނިއައިއްސައެވެ. ރާމްވެސް ބުނަމުން ގެންދިޔައެވެ.

އެތައް ފަހަރަކު ، ނޫނެކޭ ބުނަމުންގޮސް ، އަޅެފަހެ ، އަހަރެންނަށް ލޯބި ހޯދިއްޖެއެވެ. ކަލާ ތިކުރި އިތުބާރުން އަހަރެން ޤުރުބާން ވެއްޖެއެވެ.

މި ޖެހެމުންދާ ވައިރޯޅިއާއި ފަޒާ އެއްވަސްވެފައިވަނީ މީރުވަސްދުވާ ހުވަނދުންނެވެ. މޮޔަވެފައިވާ މި ޖައްވު ބުނެ އެހެކިވަނީ އެވާހަކައެވެ. އަހަރެމެން މިތިބީ އެކަންޏެވެ. އަހަރެން ކަލާގެ އުނގުތެރެޔަށް ލާށެވެ. ތަފާތު އިޙްސާސްތަކެއް އުފެދިއްޖެއެވެ.

އަންނާށެވެ ! އަހަރެން ލަދުގަންނުވައިލާށެވެ. އަހަރެން ، ކޮންމެވެސްތާކު ކަލާ ފޮރުވާނަމެވެ. އަހަރެންގެ ހިތުގެ ވިންދު ބުނަނީ ދެން ދުރަށް ނުދާށޭ އެވެ.

ކަލާގެ ތިލޯބި ބަސްތައް އަހާފައި ، އަހަރެންގެ ލޯ ކަރުނައިން ފުރިއްޖެއެވެ. ތިކުރީ ކީއް ހެއްޔެވެ ؟ އަހަރެންގެ ލޯތްބާއެވެ.

އަހަރެން ކަލާދެކެ ލޯބިވާނަމެވެ. ކަލާއަށް އިޙްތިރާމް ކުރާނަމެވެ. ކަލާއަށް އަޅުދާސް ވާނަމެވެ. މިހިތް އަބަދުވެސް ދުޢާކުރާނީ ، ކަލާގެ އުނގުތެރޭގައި އޮވެ މަރުވުމަށެވެ.

އުޑާއި ބިން ބުނަމުން އެ ގެންދަނީ ، ކަލާ ދުނިޔެއަށް އުފަންކުރައްވާފައިވަނީ އަހަރެންނަށް ޓަކައި ކަމުގައެވެ. މިއީ ލޯބީގެ އަލިކަމެވެ.

އަހަރެން ހިތާއި ނަފުސުން ކަލާގެ މައްޗަށް އެއްކޮށް ފިދާވެއްޖައިމެވެ. އަހަރެންނަށް ކަލާދެކެ ލޯބި ވެވިއްޖެއެވެ.

އަންޖަލީ އޭނާގެ ލޯބީގެ ޢާލަމުން ނުކުތީ ، އެދެމަފިރިންގެ ހަނީމޫންގެ ދުވަސްތައް ދުނިޔޭގެ ރީތި އެކިތަންތަނަށް ގެންގޮސް އެލޯބި ދައްކައިދީ ، ރީތިވެގެންވާ ކަނޑުތަކާއި ހަވަޔާއި ފަރުބަދަތަކަށް ދާންދެން އެކަމަށް ހެކި ކުރުވާފައެވެ. އޭނާއަށް ރާމްދެކެ ލޯބި ވެވިއްޖެކަމުގެ އިޢުލާން ، ދުނިޔޭގެ ހުރިހާ ބައްރަކަށް އިޢުލާން ކޮށްފައެވެ. އަންޖަލީގެ ދުނިޔެ މިހާރު އެވަނީ ބަދަލުވެފައެވެ. ރާމްއަށް ޓަކައެވެ. ރާމްގެ އިޚުލާޞްތެރިކަމާއި އޯގާތެރިކަމާއި ، އަޚުލާޤުގެ މާތް ސިފަތަކުން ، އަންޖަލީއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެވެ. އޭނާގެ ހިތުގައި އެންމެ ފުރަތަމަ އުފެދުނު ލޯބި ، ހިތުގެ އެއްފަރާތެއްގައި ބާއްވާފައެވެ. އެއީ ތަފާތު ދެމީހަކަށް ޚާއްޞަކުރެވިފައިއޮތް ތަފާތު ދެލޯތްބެކެވެ. ކުރީގެ ލޯތްބަށްވުރެ މިހާރުގެ ލޯބިން ހިތަށް އެލިބޭ ހަމަޖެހުމާއި އުފަލާ އަދި އަރާމު މާ ފޮންޏެވެ. މާ މަތިވެރިއެވެ. އިޙްތިރާމާއި ޤަދަރުން ފުރިގެންނެވެ. އަޅައިލުމާއި އޯގާތެރިކަމުގެ ޙައްދެއް ނެތިއެވެ. އެއީ ، އޭނާގެ މަންމައާއި ބައްޕަ  އޭނާއަށް ހޯދައިދިން އެންމެ އަގުބޮޑު ހަދިޔާއެވެ. މަންމައާއި ބައްޕަ ބޭނުންވާފަދަ ޤަދަރުވެރި ، މަތިވެރި ލޯތްބެކެވެ. ފަޅު ސިކުންތަކަށްވެސް ، އަންޖަލީގެ ހިތަށް ތަކުލީފެއްގެ އަސަރުވެސް ނުފޯރާފަދަ އަގުހުރި ލޯތްބެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.