(26 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޚާން އާޞިފް! އަޅުގަނޑު އެ ދުވަހު ކަލާޔާ އެކުއެއްވެސް ވިޔަފާރިއެއް ނުކުރީ މި ސަބަބާހުރެ. ކަލޭގެ މުދަލެއް ވަނީ އަޅުގަނޑުގެ ބާރުގެ ދަށުގައި. ނަމަވެސް އެ މުދަލަކީ އަޅުގަނޑުގެ ޙައްޤެކޭ އެންމެ ފަހަރަކުވެސް އަޅުގަނޑުގެ ހިތަކަށް ނާރުވަން. އެއީ އަޅުގަނޑުގެ އުޞޫލާ ޚިލާފުކަމެއް. އަޅުގަނޑަކީ އަޅުގަނޑުގެ ފުރާނަ ދޫކޮށްލައިގެން ވެސް އަޅުގަނޑުގެ މުވައްކިލް ސަލާމަތް ކޮށްދޭން ދަންނަ ވަކީލެއް. އަޅުގަނޑު އެ ގޮތަށް ކަންތައް ކުރިނަމަ މިހާރު ކަލާއަށް އެނގިލައްވާނެ."
"މިހާރު ކަންތައްތައް ހުރީ ކިހިނެއްތަ"؟
"ވަރަށް ރަނގަޅަށް ..އެކަމަކު ކަލާއަށް އެއްވެސް ޚިދުމަތެއް ކޮށްދެވޭކަށް އަޅުގަނޑަކަށް ނެތް."
"ކަލާއަކީ ވިސްނާ މީހެއް ނޫން..ޖަޛްބާތީ މީހެއް... މި ޒަމާނުގައި ކޮންމެ އިންސާނަކުވެސް ދިރިއުޅެނީ ހަމަ އެ މީހަކަށް ޓަކައި. މިއީ އެތައް މިލިއަން ރުފިޔާއެއްގެ ވިޔަފާރިއެއްނު. ފިފްޓީ ފިފްޓީ ހަދާލަމާ ހިނގާ! ދެ މީހުންގެ ޕާރޓްނަރ ޝިޕްގައި ވިޔަފާރި ހިންގަން... ދެން އޮންނާނީ އަނާގެ މައްސަލައެއްނު.... އޭނާގެ ޙައްޤު މަޤާމް އަހަރެމެން އޭނާއަށް ހޯދާވެސް ދޭނީ. އޭނާގެ ފިރިމީހާ އޭނާއަށް ލިބިދާނެ.. އަދި މާޖިދުގެ އަނެއް އަނބިމީހާ ވަރިކުރުވިދާނެ! ބުނެބަލަ މި ގޮތަށް މި ވިޔަފާރި ޤަބޫލު ކުރަންތަ؟"
ޘަނާ ހީނލާފައި ބުންޏެވެ.
"އަޅުގަނޑު ހިތާމަކުރަން މިސްޓަރ ޚާންއާޞިފް. ތިޔަ ހުރިހާ ކަމެއް ނިންމުމަކީވެސް އަނާޖީ ކުރައްވަންޖެހޭ ކަމެއް. އަޅުގަނޑުގެ އިޚްތިޔާރުގައި އެއްވެސް ކަމެއްނެތް. އަޅުގަނޑަކީ ހަމައެކަނި އޭނާގެ ވަކީލު. އަދި އެއްވެސް ވަކީލެއް އޭނާގެ ޙައްދުން ބޭރަކަށް ނުނިކުންނާނެ. އެކަމަކު... އަޅުގަނޑަށް ފައިސާއާ މުދާ ބޭނުންވާނަމަ އަޅުގަނޑު ކުރާނެ ވިޔަފާރިއެއް ކުރާނީ އަނާޖީއާ އެކުގައި. އެހެންގޮތަކަށް ބުނާނަމަ އަޅުގަނޑު އަނާ ކުންފުނިން ބޭރުކޮށްލާފައި އަޅުގަނޑު އަމިއްލައަށް ކުންފުނީގެ މައްޗަށް އަތްގަދަކޮށްލާނީ އެހެން އެކަންއޮތްއިރު އަޅުގަނޑު ކަލާއާއެކު ވިޔަފާރި ކުރަންވީ ކީއްކުރަން؟"
"އަސްލުގައި އަހަރެން ކަލޭގެ ކިބައިން މި އެދެނީ އަހަރެން ވެސް ދިރިއުޅުނަ ދިނުމަށް. އަހަރެމެން އަތުގައި މިހާރު އެއްވެސް އެއްޗެއް ނެތްކަންވެސް އަހަރެން ޤަބޫލުކުރަން. ނަމަވެސް ޚާންއެންޓަރޕްރައިޒްގެ އަސްލުވެރިޔަކީ އަހަރެންކަން ކަލެއަށްވެސް އެނގޭނެ. އަހަރެން އަތުގައި މި ހުރިހާ އެއްޗެއް އަތުލާފައި އަހަރެން މަރުވާން މަޖްބޫރު ކުރުންއެއީ އަނިޔާއަކަށް ނުވާނެތަ!"
"ތިޔަ ވާހަކަ ކަލާއަށް އަނީޖީއާވެސް ދެއްކެވިދާނެ. އެ ގޮތަކީ އެކަން ގުޅިފައިވަނީ ހަމައެކަނި އޭނަޔާ"
ކުއްލިއަކަށް ޚާންއާޞިފް ޘަނާގެ ލޮލާދިމާއަށް ބަލަން އިނދެ ބުނެލިއެވެ.
"އަނާއަކީ ވަރަށް ރީތި އަންހެނެއް."
ޘަނާ ޚާންއާޞިފާ ދިމާއަށް ކަޅިއަޅާލާފައި ބުންޏެވެ.
"އެކަމަކު އޭނާއަކީ ކަލާގެ ޅީދަރިކަނބަލުން ނޫންތޯ؟ މާތްކޮންމެ މީހަކަށްވެސް އޭނާގެ ޅީދަރިފުޅު ވާނީ ހަމައޭނާގެ އުފަން ދަރިފުޅަކަށް، އަދި އެއްވެސް މީހަކު އެ މީހެއްގެ ދަރިފުޅުގެ ރީތިކަމާމެދު ދުރުހިލޭ މީހުންގެ ކުރިމަތީގައި ތާރީފު ކުރާތަން މިއަދާ ހަމައަށް އަޅުގަނޑު ދެކިފައެއްނެތް."
ޚާން އާޞިފް ޘަނާއާ ދިމާއަށް ބަލާލިއެވެ. އަދި ސުއްޓާއެއް ނަގާފައި ރޯކޮށްލިއެވެ.
ކުޑައިރުކޮޅަކު ޘަނާއާ ދިމާއަށް ބަލަން އިނުމަށްފަހު ބުންޏެވެ.
"ކޮއިފުޅާ....ކަލޭ ވަރަށް ބޮޑަށް ހިތާމަކުރަން ޖެހޭނެ ދުވަހެއް އަންނާނެ. އެއީ، ކީއްވެގެން ކަލޭ އޭނާދެކެ ލޯބިވާކަން. އަދި ކަލޭ އޭނާއަށް އެދޭކަން އަހަރެންނަށް އެނގޭ. ނަމަވެސް އޭނާއަކީ ފިރިންނަށް ވަފާތެރި ފިރިންދެކެ ލޯބިވާ އަންހެނެއް. ކަލޭ މިއަދު އަހަރެން ބުނާބަސް ނާހާ ތިޔަ ދޫކޮށްލަނީ. ނަމަވެސް ކަލޭ އަހަރެން ގާތަށް އަންނަންޖެހޭނެ ދުވަހެއް އަންނާނެ. އެހެންވާން ޖެހޭނީ އެފަދަ ބޮޑު ވިޔަފާރިއެއް ހިންގާ ކުންފުންޏެއް ކަލެއަށް ލިބުނު ގޮތަކާމެދު ސަރުކާރުން ކަލެއާ ސުވާލުކުރާނެތީ. އަދި އެ ކުންފުނީގެ އަސްލުވެރިޔަކީ ޚާން އާޞިފްކަމަށްވާތީ. އެ ދުވަހަކުން ކަލޭގެ ނަޞީބުގައި އޮންނާނީ ޖަލުގައި ހައްޔަރުވުން ކަންނޭނގެ. އަހަރެންގެ
ބަސްއަހައިގެން އަހަރެންގެ ޕާރޓްނަރަކަށް ވެގެން މަސައްކަތް ކުރަން ކަލޭ އެއްބަސްވާނެ ދުވަސް މާ ދުރެއްނުވާނެ."
އެހެންބުނެފައި ޚާންއާޞިފް ތެދުވެއްޖެއެވެ އަދި ޘަނާޔާ ސަލާމްކޮށްލިއެވެ. ޒަހަރުގެ އަސަރު ފެންނަ ކަހަލަ ހިނިތުންވުމަކާއެކު ހޮޓަލުން ނުކުމެގެން ހިނގައްޖެއެވެ.
ޘަނާ ފުންނޭވާއެއް ލިއެވެ. އަދި ބުނަން ފެއްޓިއެވެ.
"ޚާންއާޞިފް! ލޯބީގެ ޖަޛްބާތަކީ ކިހާ ބާރުގަދަ އެއްޗެއްކަން ކަލެއަށް އެނގޭނެތަ؟ އެ ޖަޛްބާތަކީ އޭގެ އިންޓްރެސްޓް ރޭޓްގެ މިންވަރެއް ކަނޑައެޅިފައިވާ އެއްޗެއް ނޫން. އެ ޖަޛްބާތަކީ އޭގެ ޒާތުގައި އަމިއްލަ ބާރެއް އޭގެ ޒާތުގައި މަސްތެއް. ކަލޭގެ ހުރިހާ ފައިސާއަކާ މުދަލަކީ އެ ޖަޛްބާތުގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫން ޚާން އާޞިފް!"
މި ޖަޛްބާތަކީ ބިންހެލުންތަކުގައްޔާއި ޠޫފާންތަކުގައިވެސް އޭގެ މަގުތައް ޤާއިމް ކުރާއެއްޗެއް. އޭގެ އަމިއްލަ ދުނިޔެއެއް ވާއެއްޗެއް ޚާން އާޞިފް ކަލެއަށް އެއާބެހޭ އެއްވެސް އެއްޗެއް އެނގިފައިނެތް. އަހަރެން ކުރިކަމެއް ވިއްޔާ ކޮށްފައި އެ ވަނީ އަނާޖީގެ އުފަލަށްޓަކައި. އަހަރެން މިހިރީ އަހަރެންގެ ދުނިޔެ ބަރުބާދުކޮށްގެން ދިރިއުޅުމުން ނާކާމިޔާބުވެގެން އަހަރެންގެ އުއްމީދުތަކަށް ސަލާންޖަހާ މީހަކަށް ވެގެން. ކަލެއަށް ތިޔައާދެވުނީ ސަލާންޖަހާ މީހެއްގެ ކައިރިއަށް. ސަލާންޖަހާ މީހަކަށް އަނެއް ސަލާންޖަހާ މީހާއަށް ދެވޭނީ ކޮންއެއްޗެއް؟"
ކުޑައިރުކޮޅަކު އެތާ އިނުމަށްފަހު ޘަނާ ގެއަށް ހިނގައްޖެއެވެ. ގެއަށް ދިޔައިރު އޭނާއަށް އައިސްފައި އޮތް ޓެލެގްރާމެއް އޮތެވެ.
އެ ޓެލެގްރާމު ލާފައި އޮތް އުރައަށް އޭނާ ބަލާލީ ވަރަށް ހައިރާންކަމަކާ އެކުގައެވެ. ސަބަބަކީ އެ ޓެލެގްރާމް ފޮނުވާފައިވާ ފަރާތަކީ އަނާ ކަމަށްވާކަމެވެ.
ޓެލެގްރާމްގައިވާ މެސެޖް ކިޔާލުމުން އޭނާ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.
"އަޅުގަނޑަށް ކަލާ ބޭނުންވެއްޖެ. އަވަހަށް ދުރުވޭ!"
ވަރަށް ކުރުކުރު އެންމެ ފޮޅުވަތެއްގެ މެސެޖެކެވެ. ނަމަވެސް އެމެސެޖުގެ ސަބަބުން ޘަނާގެ ހަށިގަނޑުގައި ދިރިހުރުމުގެ ވިންދު ޖަހާލިއެވެ.
އެއީ ހަވީރުގެ ވަގުތެވެ. ނަމަވެސް ޘަނާ ޤަސްދުކުރީ ހަމައެވަގުތުންވެސް ދަތުރު ފައްޓާށެވެ. ނަމަވެސް.....
އަނެއް ދުވަހުގެ ހެނދުނެވެ.
ޘަނާ ކުންފުންޏަށް ހިނގައްޖެއެވެ.
އެ ތަނުން އެންމެ ފުރަތަމަ އޭނާއާ ބައްދަލުވީ ބިއްލާއެވެ. އޭނާ ފެނިފައި ބިއްލާ ވަރަށް އުފާވިއެވެ.
"ކަލާ ފިލާ އުޅުއްވަނީ ކޮންތާކުތޯ؟ ޘަނާ ބާބޫ...!" އޭނާ ވަރަށް ގާތް ގޮތެއްގައި އަހާލިއެވެ..
"މުހިއްމު ކަމެއް ކޮށްލަންޖެހުނީ، ބިއްލާ! އެހެންވެގެން ދިޔައީ ކަލޭގެ މައިބާޕް ކިހިނެއްތަ؟"
"އުޅުއްވަނީ ބަލިވެ." ބިއްލާ ބުންޏެވެ.
"އަދި ބުނަން އޭނާ ވަރަށް ރީތި ގެއެއް ބައްލަވައިގެންފި. މިހާރު އުޅުއްވަނީ ޚާން އާޞިފްގެ ގެއަކުނޫން. އަހަރެން ދެކޭގޮތުގައި މިއީ މައިބާޕް ކުރެއްވި ވަރަށް ރަނގަޅުކަމެއް. އަހަރެން އެ ގޭ މީހުން ދެކެ ވަރަށް ފޫހިވޭ."
"އާނ.... އެކިހަލަ މީހުންވެސް އުޅޭނެ." ޘަނާ ހިނިތުންވުމާއެކު ބުނެލިއެވެ.
"މި ދުވަސްވަރު ކަލޭ ކޮށްއުޅެނީ ކޮން މަސައްކަތެއްތަ!"
ބިއްލާ ހީނގަތެވެ.
"މިހާރު އަހަރެންނަކީ މުޅި ކުންފުނީގެ ސުޕަވައިޒަރ. މައިބާޕް އެހެން ހައްދަވާ ދެއްވީ. އަހަރެންނަށް ބޮޑު ކޮޓަރިއެއްވެސް ދީފައިހުރޭ. މި ތާނގައި އުޅޭ ނުވަދިހައެއްހާ އަންހެނުންނާ ފިރިހެނުންނަށް މުސާރަދީ އެ މީހުންގެ ކަންތައްތައް ބެލެހެއްޓުން. އެއީ މިހާރު އަހަރެންގެ ޒިއްމާގައި އޮންނަކަމެއް. މިތާނގެ ކަންތައްތައް އިންތިޒާމު ކުރުމާއި އެ މީހުން ބޭނުންވާ ކަންތައްތައް ހަމަޖައްސައި ދިނުމަކީވެސް އަހަރެންގެ ޑިއުޓީއެއް. އަހަރެން ކަމެއް ނުކޮށްހުންނަން މައިބާޕް ޤަބޫލު ނޫނީ ކަންނޭނގެ."
"އަނާޖީ ކަލެއަށް ރަނގަޅަކަށް ތިޔަގޮތް ހައްދަވާ ދެއްވީ ކަމަށްވާނީ ކަލެއާ އެންމެ އެކަށީގެންވާ މަސައްކަތަކަށް ވާނީވެސް ތިޔަކަހަލަ ކަންތައް ކަންނޭނގެ."
ބިއްލާ ހިނިތުންވެލިއެވެ.
"މައިބާޕްގެ ކަންތައް އެނގޭނީ ހަމައޭނާއަށް."
ޘަނާވެސް ހީނލާފައި ކުރިއަށް ހިނގައިގެންފިއެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ އަނާގެ ކޮޓަރިއަށް ވަދެއްޖެއެވެ،
އަނާ.....
ބޮޑު މޭޒެއްގެ ކައިރީގައި އިނެވެ. އޭނާގެ ކުރިމަތީގައި ޢަދަދު ނުކުރެވޭހާ ގިނަ ލިޔުންތައް ހުއްޓެވެ. އަދި ފައިލުތަކެއްގެ ފުންޏެއްވެސް މޭޒުމަތީގައި ހުއްޓެވެ. ޘަނާ ފެނިފައި އޭނާ ހަމަޖެހިލިއެވެ،
އަދި..... ހިނިތުންވުމުގެ ކުޑަކުޑަ މިންވަރެއް އޭނާގެ ތުންފަތުން ފެނިގެން ދިޔައެވެ. އެކަކު އަނެކަކާ ދިމާއަށް ބަލަމުން ދަނީއެވެ. ފުރަތަމަ ވާހަކަ ދެއްކީ އަނާއެވެ.
"ރަނގަޅު ރަޙްމަތްތެރިން ތިޔަހެނެއް ނުހަދާ ޘަނާ!"
"އެ މީހުން ހަދާނީ ކިހިނެއްތޯ؟" ޘަނާ އަނާގެ ލޮލަށް ބަލާލިއެވެ،
އަނާގެ ނަޡަރު އެހެން ފަރާތަކަށް ބަދަލުކޮށްލިއެވެ.
"އިށީންނަވާ!" މޭޒުގެ އަނެއްފަރާތުގައި ހުރިގޮނޑިއަށް އިޝާރާތްކޮށްލިއެވެ. ޘަނާ އޭނާގެ ކުރިމަތީގައި އިށީނދެއްޖެއެވެ. އަދި މޭޒުމަތީގައި ހުރިފައިލުތަކަށް ބަލާލާފައި ބުންޏެވެ.
"މީ އަރާމު ކުރައްވަނީތޯ؟"
"ކަލާ މިތާގައި ހުންނެވިނަމަ ކުޑަދުވަސްކޮޅަކު އަރާމު ކުރުމުގެ ނަސީބު ލިބުނީސް. ނަމަވެސް ކަލާ ފިއްލެވީމާ.. ދެން ކޮންމެއަކަސް މިހާރު އަޅުގަނޑު އަނެއްކާ ކަލާ މި ގެނައީ.. އަޅުގަނޑަކީ ހާދަ އަމިއްލަ އެދުން ބޮޑުމީހެކޭ ކަލާ ހީކުރައްވާނެ ކަންނޭނގެ."
ޘަނާ އެއްވެސް އެއްޗެއް ނުބުނެއެވެ.
(ނުނިމޭ)
haadha reechey shukuran