ބްލޫ ރިބަން: ކަނޑައިލުން

" ކަނޑައިލުން " މިބަހަކީ ވަރަށްގިނަ ގޮތްގޮތަށް ، ގިނަ މުނާސަބަތެއްގައި މީހުން ބޭނުންކޮށްއުޅޭ ބަހެކެވެ. ދިވެހިބަހުގެ ރަދީފަށް ބަލާއިރު ، ސިޔާސީ ވިޔަފާރިވެރިޔަކު ، ދާދިމިދާކަށްދުވަހު ، ޤައުމުގެ ވަލިއްޔުލްއަމުރަށް މުޚާތަބުކޮށް ، ހުތުރުގޮތަކަށް ބުނެފައިވާ ، " ގެޔަށް ކަނޑައިލުން " މިބަހެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން ގެޔަށް ކަނޑައިލުން ، މިބަސް ދޭހަކުރުމަށްޓަކައި ކަނޑައިލުން ބޭނުންކުރެވިފައި ހުންނަ ގޮތްގޮތަށް ބަލައިލުމަކީ މުހިންމު ކަމެކެވެ.

ކަނޑައިލުން : މާނަކުރެވެނީ ، ބުރިކޮށްލުމެވެ. އަދި ، ވަކިކޮށްލުމެވެ.

ދަރަނި ކަނޑައިލުން : މާނަކުރެވެނީ ، ދަރަނި މާފުކުރުމަށެވެ.

ގިޔަރު ކަނޑައިލުން : މާނަކުރެވެނީ ، ގިޔަރު ބޭނުންކޮށްގެން އިންޖީނުގެ ހިންގުމާއި ، ފުރޮޅު ނުވަތަ ބުރަފައްޗާ ގުޅުން ކަނޑައިލުމެވެ.

ޖަހަތުން ކަނޑައިލުން : މާނަކުރެވެނީ ، އެއްވެސް ގުޅުމެއް ނުވަތަ ގާތްކަމެއް ނޯންނަގޮތަށް ގުޅުން ނުވަތަ ގާތްކަން ކަނޑައިލުމެވެ.

ހަން ކަނޑައިލުން : މާނަކުރެވެނީ ، ނުކުޅަދާނަވަރުގެ މަސައްކަތެއްފަދަ ކަމެއް ޖެއްސުމެވެ. އަދި ، ގިނަޢަދަދަކަށް ފައިސާ ޚަރަދު ކުރުވުމެވެ. އަދި ހަމައެއާއެކު މީހަކަށް ކެއްސެއް ދިނުމެވެ.

ފަސްގަނޑު ކަނޑައިލުން : މާނަކުރެވެނީ ، ވެލިފުންޏެއް ޖަހަމުންދާއިރު ، ވެލިފުނީގައި ގުޅިފައި ހުންނަބައި އުދަލިން ކަފައިލުމެވެ. އަދި ، ކޮންނަމުންދާ ވަޅެއްގެ ކައިރިފަށް އުދަލިން ކަފައިލުމެވެ.

އެމީހަކު އެބުނި ބަސް ފުރިހަމަކުރުމަށްޓަކައި ދޭން އޮތީ ، ގެޔަށް ދިއުމެވެ. އޭގެމާނައަކީ ، ތިމާހުންނަ ތަނަކަށް ދިއުމެވެ. ނުވަތަ ތިމާގެ ވަޒަނަށް ދިއުމެވެ.

އެހެންކަމުން ، ސިޔާސީ ވިޔަފާރިވެރިޔާ ، ވަރަށް ހުތުރުގޮތަކަށް ، ހުތުރު ބަހުރުވަޔަކުން ، ބޭއަދަބީ ގޮތަކަށް ، އަޚުލާޤީގޮތުން ދަށުދަރަޖައެއްގައި ، ރާއްޖޭގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއާ މުޚާތަބުކޮށް އެބުނީ ، ރައީސުލްޖުމްހޫރިއްޔާ ހުންނަ ތަނަކަށް ނުވަތަ ވަޒަނަށް ދާށެވެ !

މިއީ ، ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ ފަރާތުން ، މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެކަން އިޢުލާންކޮށްފައިވާ މީހަކު ބުނަން އެއްވެސް ގޮތަކުން އެކަށީގެންވާ ބަހެއް ނޫނެވެ. އަދި އަމްދުން ، އެ ރައީސުލްޖުމްހޫރިއްޔާއެއްގެ ވެރިކަމުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮވެ ، ޕާޓީގެ އެތައްބަޔަކަށް ސިޔާސީ މަޤާމްތައްދީގެން ، ހިންގަމުންގެންދާ ސަރުކާރެއް ތަމްސީލުކުރާ ޕާޓީއެއްގެ އެންމެ އިސްމީހާގެ ދުލުން ބޭރުވާން ލަދުގަންނަންޖެހޭނެ ބަހެކެވެ. އެމީހާގެ ފެންވަރާއި އަޚުލާޤުގެ ދަށްމިނާއި ގޮތެއްފޮތެއްނެތްކަން ރައްޔިތުންނަށް ސާބިތުވާނީ މިވަރަށެވެ. އެއަށްވުރެ ، ތިމާމީހާގެ ޕާޓީން ސަރުކާރުގެ މަޤާމުތައް ދީފައިވާ މީހުންނާ ދިމާއަށް " " ގެޔަށް ކަނޑައިލާށޭ ބުނުން މާ ތާހިރުވީހެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެކަން އިޢުލާންކޮށްފައިވާ މީހެއްގެ ދުލުން ، މަތީގައި ޢިޝާރާތްކޮށްފައިވާ ޖުމްލަ އައިސްފައިވާގޮތް ނަކަލުކޮށްލާނަމެވެ.

" މިހާރު ދާންވީ ! ކަނޑައިލާންވީ ގެޔަށް. " އަދި ، " ވަރަށް ސާފުކޮށް މިބުނީ. މިހާރު ކަނޑައިލާންވީ ގެޔަށް "

މަތީގައި އެވަނީ ، ސިޔާސީ ވިޔަފާރިވެރިޔާ ، އޭނާގެ ޕާޓީގެ ކައުންސިލް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ދިމާއަށް ބުނެފައިވާ ، އަޚުލާޤީގޮތުން ދަށް ، ބޭއަދަބީ ޢިބާރާތެވެ. އެންމެ ހިތާމަހުރިކަމަކީ ، އެއަޑުއަހަން އެތަނަށް އެއްވެތިބި ޕާޓީގެ ކައުންސިލް މެންބަރުން ކޮޅަށް ތެދުވެ އަތްޖަހައި ، އެ ބޭއަދަބީ ޢިބާރާތްތަކަށް ފަޚުރުވެރިކަމާއެކު ތަރުޙީބުދީ ، ހިތްވަރު ދިނުމެވެ.  7 އަހަރުނުވާ ކުޑަކުއްޖަކަށްވެސް ، އެފަދަ ގޮތަކަށް ، ރައީސުލްޖުމްހޫރިއްޔާއަކާ މުޚާތަބުކުރާކަށް ނުކެރޭނެއެވެ. މިކަމުން ދައްކައިދެނީ ، މުޖުތަމަޢުގައި އަޚުލާޤީ ފެންވަރު ދަށަށްގޮސްފައިވާ މިންވަރެވެ. ރައީސްކަމަށް ކުރިމަތިލައިގެން އުޅޭ މީހާގެ އަގެއްނެތްކަމެވެ. ރައީސްކަމަށް ކުރިމަތިލައިގެން އުޅޭމީހާއަށް މަގުދައްކައިދީ ، އެހީތެރިވާން ތިބިބައެއްގެވެސް އަޚުލާޤީ ފެންވަރެއް އަދި ގޮތެއް ފޮތެއް ނެތްކަމެވެ. ރައްޔިތުންނަށް ނަމޫނާ ދައްކަންތިބޭ ބައެއްގެ އަދަބު އަޚުލާޤުގެ ފެންވަރެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ. މިފަދަ މީސްމީހުން ރައީސްކަމަށް އިސްކޮށްފިއްޔާ ޤައުމުގެ ޙާލަތު އޮންނާނެގޮތް ވިސްނާ ލައްވާށެވެ. އިޖްތިމާޢީ ފޭރާންވީދި ، އަދަބު އިޙްތިރާމުގެ ކަންފުޅެއްވެސް ނޯންނާނެއެވެ.

އެއީ މާބޮޑު މައްސަލަޔަކަށް ވެގެން ވާކަށްވެސް ނެތެވެ. މުއައްޒަފުންނާ ދިމާއަށް ބަޅު އަނބުރައި ، އެކުގައި މަސައްކަތްކުރާ ތިމާގެ މީހުންނާދިމާއަށް ލަދުޙަޔާތް ކިއުމުގެ ތާރީޚެއް އޮތްމީހެއްގެ ދުލުން ނުނުކުންނާނެ ހުތުރު ބަހެއް އިތުރަކަށް ނޯންނާނެއެވެ. ގިތެޔޮއެޅި ގުޅިޔަކުން ގިތެޔޮވަހެއް ނުކެނޑޭނެއެވެ. ރެހީގެ ގުދަކީ ، ކިތަންމެ ވަރަށް ކެއްކިޔަސް ފިލާނެ އެއްޗެއްނޫނެވެ. ބަޅެއްގެ ނިގުލަކީ ތެދުކުރެވޭނެ އެއްޗެއްނޫނެވެ.

ސިޔާސީ ބައެއްމީހުންގެ ބަސްމަގާއި ބަހުރުވަޔަކީ ، މުޖުތަމަޢު ބަލައިގަންނަ އެއްޗެއްނޫނެވެ. މިއީ ، ދިވެހި ރައްޔިތުން ވިސްނައި ފިކުރުކުރަންޖެހޭ ކަމެކެވެ. ޤައުމުގެ ލާބައާއި މަންފާއަށް އަދި ޤައުމުގެ ކުރިއެރުމާއި އަންނަންއޮތް ޖީލުގެ ފާގަތިކަމަށްޓަކައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.