ތީ ފުރާނައިގެ ދިރުމޭ މަގޭ... - 17

(20 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސަތާރަވަނަ ބައި

ޒިވިޔާއަށް ބައްޕަގެ އެ އިޝާރާތް ވިސްނުމުން އަޑުން އަޑު ނަގާ ރޮމުން މަޖީދު ގައިގާ އޮޅުލައިގަތެވެ. އެ ހިސާބުން ޚަބަރު ހުސްވެގެން ޒިވިޔާ މަޖީދުގެ އަތްމައްޗަށް ދެމިއްޖެއެވެ.

ޒިވިޔާގެ މަންމަ މި ދުނިޔެއާ އަލްވަދާޢު ކިއި ދުވަހުން ފެށިގެން ޒިވިޔާ މުޅިން މާޔޫސް ވެއްޖެއެވެ. ކުރިއަށްވުރެ ބޮޑަށް އެކަނިވެރި ވެއްޖެއެވެ. މަންމަ މިހާ އަވަހަށް މިދުނިޔެ ދޫކުރަން ޖެހުނު ސަބަބަކީ ޒިވިޔާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު މުޅިހަށިގަނޑު ތުރުތުރު އަޅައެވެ. ހިތް ފަޅައިގެން ދާކަމުގެ އިހުސާސުން މުޅި މީހާ ގަނޑުވެއެވެ. މިހާލުގައި ދިރިއުޅުމަށްވުރެ މަރުވުން ވެސް ހިތަށް މާފަސޭހައޭ ޒިވިޔާ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ. މަންމަގެ ހަނދާން އާވާ ކޮންމެ ފަހަރަކު އަމިއްލަ ނަފުސު ކުށްވެރި ކުރެވެނީ އިންތިހާއަށެވެ.

ބައްޕަގެ އެހީތެރިކަން ކިތަންމެ ބޮޑަށް ލިބުނަސް ޒިވިޔާގެ ދިރިއުޅުން މުޅިން ފުނޑުފުނޑު ވެއްޖެއެވެ. މަންމަގެ އެންމެ  ފަހުރޭ ޒިވިޔާއަށް ދިން ނަސޭޙަތްތައް އެއީ މަންމަ ކުރި ވަޞިއްޔަތެއް ކަމަށް ގަބޫލު ކުރެވުނަސް އެހާ ހިތްވަރެއް ޒިވިޔާގެ އެ ނިކަމެތި ވެފައިވާ ހަށިގަނޑަކު ނެތެވެ. ކެއުމެއް ބުއިމެއް ފެންވެރުމެއް ނެތެވެ. އަމުދުން މީހަކާ ވާހަކަދައްކާ ހިތެއް  ނުވެއެވެ. އަބަދު ބޭނުންވަނީ އޮށޯވެ އޮންނާށެވެ. ފިކުރުގެ ކަނޑަށް ފީނި ވަރަކަށް ޒިވިޔާގެ ހިތަށް ވަމުންދާ އުނދަގޫ ބޮޑެވެ. ބައެއްފަހަރު ނޭވާ ހާސްވެ މަރުވަނީހެން ހީވާ ފަހަރު ވެސް އާދެއެވެ. މިޙާލަތު މެދުވެރިވުމަށް ދިމާވި ސަބަބަކީ އަރުޝަދުކަމަށް ވުމުން ނަފުރަތާ ރުޅިއާ ޝަކުވާއިން ޒިވިޔާ ވަނީ ހަފުސްވެފައެވެ.

ޒިވިޔާ އުޅެމުންދާ ޙާލު ފެނުމުން މަޖީދުގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެހެންކަމުން އަންހެނުންނާ ރުޅި ހަދާލައިގެން އައިސް ހުއްޓަސް ޒިވިޔާއަށް މައެއްގެ ލޯބި ކިހާ މުހިންމުކަން ވިސްނި މަޖީދުގެ އަންހެނުން ޒުބޭދާއަށް ގުޅާ އެރަށަށް އައިސް ދިނުމަށް އެދުނެވެ. ވެގެން އުޅޭ ގޮތް ކުޑަގޮތަކަށް ކިޔައި ދިނުމުން ޒުބޭދާ ދެކޮޅު ހެދުމެއްނެތި އައީތީ މަޖީދު ވަރަށް އުފާވިއެވެ. އޭރު ޗުއްޓީ ހަމަވުމުން ޒިވިޔާ ހުރީ ވަޒީފާއިން ކެނޑެން ސިޓީ ލައިގެންނެވެ. ވެގެން އުޅޭ ގޮތެއް އޮޅުން ނުފިލާތީ އަސްލަމު ގުޅާ ގުޅާ ޒިވިޔާއާ ގުޅޭ ގޮތް ނުވުމުން ޒިވިޔާގެ ބައްޕައަށް ގުޅިއެވެ. ވީ ގޮތެއް ޒިވިޔާގެ ބައްޕަ ވެސް ނުބުނެއެވެ. ނުގުޅުނު ވާހަކަ ބުނުމުން މަޖީދު ބުނީ ޒިވިޔާގެ ފޯނު ގެއްލުނީކަމަށާ އިތުރު ފޯނެއް އަދި ޒިވިޔާ ނުގަންނަ ކަމަށެވެ. ބަލިވެ އުޅޭތީ އެހާ ވަރަށް ފޯނު ބޭނުން ނުކުރާތީ ފޯނެއްގެ ބޭނުން ނުޖެހެނީކަމަށް ވެސް އަސްލަމު ގާތު މަޖީދު ބުންޏެވެ. އަސްލަމު އޮޅުންފިލުވަން ބޭނުންވި ކިތަންމެ ކަމެއް އޮތެވެ. އެހެންނަމަވެސް އޭގެފަހުން އަސްލަމު ގުޅުމުން އެ ފޯނަކަށް މަޖީދު ވެސް ޖަވާބެއް ނުދެއެވެ. ޒިވިޔާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާތީއެވެ.

ދުވަސް ހަމަވުމުން ޑޮކުޓަރ ވިހާނެ ކަމަށް ބުނުއްވި ދުވަހުގެ ކުރީ ދުވަހު ޒިވިޔާ ލޯބި ލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. ދަރިފުޅު ފުރަތަމަ ލޮލުގައި ޖެހުނު ވަގުތުވެސް އަރުޝަދުގެ ސިފަ ޒިވިޔާގެ ކުރިމަތީ އެނބުރިގެން ދިއައެވެ. ހަމަ އެ ފަން ފަން އިސްތަށިކޮޅެވެ. މޫނުގެ ބައްޓަން ވެސް އެއްވެސް ތަފާތެއް ނެތެވެ. ދަރިފުޅަށްޓަކައި ޒިވިޔާގެ ހިތް ލޯބިން ފުރުނެވެ. މަންމަ ދުނިޔޭގައި ހުރިނަމަ ކިހާ އުފާވީސްހޭ ވެސް ބޭއިޚުތިޔާރުގައި ބައްޕަ ގާތުގައި ބުނެވުނެވެ.

ޢަމްރު ބޮޑުވަމުން އައީ ޒިވިޔާގެ ފުރިހަމަ ލޯތްބާ އަޅާލުމާ ތަރުބިއްޔަތުގެ މަތީގައެވެ. ބައްޕަ ކިޔަނީ ޒިވިޔާގެ ބައްޕައަށެވެ. މާމަ ކިޔަނީ ދޮންމަންމަ ޒުބޭދާއަށެވެ. ޢަމްރުގެ ވާހަކަ ދެއްކުމާ ކޮށްލާ ސަމާސާއިން ބައެއްފަހަރު ޒިވިޔާގެ ހިތުގައި ރައްކާ ކުރެވިފައިވާ އަރުޝަދުގެ ހަނދާންތައް އުތުރެއެވެ. ކިތަންމެ ހަނދާން ކުރަން ބޭނުން ނުވިއަސް ޢަމްރުގެ ސަބަބުން އެ ފޮނި ހަނދާންތައް މިހާރު ވެސް އަބަދުވެސް އާވެ އާވެ ހުރެއެވެ. އަރުޝަދު ކޮށްލާ ކުދި ކުދި ލާނެއް ކަންތަކެވެ. ބުނެލާ ހެއްވާ ބަސްތަކެވެ. އެ ހުރިހާ ކަމަކާ އެކުވެސް މީހާ ހުންނާނީ ގޮތުގައެވެ. ޢަމްރުގެ ފަރާތުން ވެސް އެ ސިފަތައް ޒިވިޔާއަށް ދިޔައީ ފެންނަމުންނެވެ.

ޢަމްރުއަށް ހަތަރު އަހަރަށް އޮތްވާ ޒިވިޔާ ބަލިވީއެވެ. ފުއްޕާމޭގެ އޮޕަރޭޝަނެއް ކުރަން ޖެހުނީއެވެ. މާލެ ގޮސް އެތެރެހަށީގެ ޑޮކުޓަރަކަށް ދައްކަން ޖެހުމުން ޑޮކުޓަރ ޒިޔާދުގެ މަތިން ޒިވިޔާ ހަނދާންވިއެވެ. އެހެންނަމަވެސް ޑޮކުޓަރަށް ދެއްކުމުގެ ކަންތަކާ ހަވާލުވީ މަޖީދެވެ.

ހޮސްޕިޓަލުގައި އެޑުމިޓް ކުރިތާ ދެވަނައަށް ވީދުވަހު ބައްޕަ ގާތު ބުނެގެން ޒިވިޔާ ޒީނާއަށް ގުޅިއެވެ. ޒީނާ ފޯނު ނެގީ މަޖީދު ގުޅާތާ އެތައް އިރެއް ފަހުންނެވެ. އެއީ ހެނދުނު ކޮޅެވެ. ހަވީރު ޒީނާ ދާނެ ވާހަކަ ބުނުމުން އެތައް އަހަރެއް ފަހުން ރަޙުމަތްތެރިޔާ ފެންނާތީ ޒިވިޔާ އޮތީ އުފާވެފައެވެ.

ޒީނާ އައީ ހަވީރު ހަތަރެއް ޖެހި ފަހުންނެވެ. އޭރު ޒިވިޔާ ގާތު އިނީ ދޮންމަންމަ ޒުބޭދާއެވެ. ޒީނާއަށް ދޮންމަންމަ ތަޢާރަފު ކޮށްދިނީ ދެވަނަ މަންމަގެ ގޮތުގައެވެ. ޒީނާ ޒުބޭދާއަށް ހީނލީ ހިތް ހެޔޮކަމާއެކުގައެވެ.

ދައްތަ ދާންވީނު ގެއަށް! އަހަރެން އިންނާނަން މިރޭ އަށެއް ޖަހަންދެން! ކާކު ދައްތައަށް ފަހު ޒިވީ ގާތު އިންނަނީ!'' ޒީނާ ސުވާލު ކުރީ ޒިވިޔާގެ އައިވީ ގުޅާފައިވާ އަތުގައި ހިފަހައްޓައިގެން އިނަސް ޒުބޭދާއާ އެވެ.

''ޒިވިޔާގެ ބައްޕަ ޢާންމުކޮށް ރޭގަނޑު އިންނަނީ!''

ޒުބޭދާ ޖަވާބު ދިނީ ވަރުބަލި އަޑަކުން އާ ފުރެމުންނެވެ.

"އެހެންތަ! ކީއްވެ ޒިވީ މާލެ އައިސް އަހަންނަށް ނުގުޅީ!''

ޒިވިޔާއާ ވީ ފަރާތުން މޫނު އަނބުރާލަމުން ޝަކުވާގެ ރާގުގައި ޒީނާ ވާހަކަދެއްކިއެވެ.

''މީގެ ފަހުން އަހަރެން ވެސް ޑިއުޓީ ކުރާނަމޭ ޒިވީ ގާތު!'' ޒީނާ ބުނެލީ ސަމާސާ ރާގަކަށެވެ.

ކުރީ ދެ ދުވަހެކޭ އެއްގޮތަށް މަޖީދު އައީ މިއަދުވެސް ޢަމްރު ގޮވައިގެންނެވެ. ޒީނާ ފެނުމުން ޢަމްރު ކުޑަކޮށް ކާފަގެ ފަހަތަށް ވަނދެ ބޮނދައިލިއެވެ. ނުދަންނަ މީހަކު މަންމަ ގާތު އިނުމުން ޢަމްރު ލަދު ގަތީއެވެ.

''ޒީނާ، މިއީ އަހަރެންގެ ދަރިފުޅު ޢަމްރު!''

ޒިވިޔާ ޒީނާއަށް ޢަމްރު ތަޢާރަފުކޮށްދިނީ ބައްޕަ ޒިވިޔާއަށް ބޯނެއެއްޗެއް ގަންނަން ކެންޓީނަށް ދިއުމުންނެވެ. ޒިވިޔާ ގާތު އެނދުގެ މަގަތުން އިށީނދެ އިން ޢަމްރުގެ ބޮލުގައި ފިރުމަމުން ޒިވިޔާ ބުނި އެއްޗަކުން ޒީނާ ދެލޯ ބޮޑުކޮށްލިއެވެ.

''ދަރިފުޅޭ!'' ޒީނާއަށް ލިބުނީ ޙައިރާން ކަމެކެވެ.

''އެނގޭ! ޒީ ޙައިރާން ވާނެ ކަން! މިވާހަކަ ދައްކަން އުދަނގޫ ވަރުން މިވާހަކަ ނުބުނެ މިހާ ދުވަސްވީ ވެސް! ސޮރީ'' ޒިވިޔާގެ އަޑުގައިވަނީ ލަދުވެތިކަމެވެ.

''ކީއްވެ އުނދަގޫ ވާންވީ! އަހަރެމެންގެ ތެރޭގައި ނޯންނާނެ ނުދެއްކޭ ވަރުގެ ވާހަކައެއް! ކޮބާ މިސޮރުގެ .....''

ޒީނާގެ ވާހަކަ ޒިވިޔާ ހުއްޓުވީ ޒީނާގެ އަތުގައި ބާރަކަށް ވިކައިގެންނެވެ. ހީވީ އެ ސުވާލަށް މާކުރިއްސުރެ ތައްޔާރު ވެގެން ހުރި ހެންނެވެ.

ޒީނާ ބަލައިލީ ޒިވިޔާގެ ކުލަ ފަނޑުވެފައިވާ ދެލޮލަށެވެ. ޒިވިޔާ އޭނާ އެ ހުއްޓުވީ ކީއްވެބާއޭ ޒީނާ ހިތަށް އެރިއެވެ.

އިރު އޮއްސޭތީ މަޖީދު ޢަމްރު ގޮވައިގެން ދާން އުޅެގަތުމުން ޒީނާ އެދުނީ މާދަމާ ޒީނާގެ ގެއަށް ހެނދުނުކޮޅު ޢަމްރު ލައިދިނުމަށެވެ. ޒީނާގެ ވެސް ގާތްގަނޑަކަށް އެ އުމުރުގެ ކުއްޖަކު ހުންނާތީ ދެކުދިން ވީމަ ފޫހިފިލާނޭ ކަމަށް ޒީނާ ބުނުމުން މަޖީދު ބަލައިލީ ޒިވިޔާގެ މޫނަށެވެ.

''މިހާރު ޒީއާ ޢަމްރުއާ ރައްޓެހި ވެސް ވެއްޖެނު. ބައްޕަވެސް ކުރަންޖެހޭ ކަންކަން ހުންނާނެނު! ދެ ގަޑި އެއްހާ އިރަށް ޒީމެންގޭގަ ކޮއްކޮ ބަހައްޓާ!''

ޒިވިޔާ ވާހަކަ ދެއްކީ ބައްޕައަށާ ޒީނާގެ މޫނަށް ބަލަމުންނެވެ. ޒީނާ ވެސް ޒިވިޔާގެ ވާހަކައާ އެއްބަސް ވުމުން މަޖީދު ނިކުމެގެން ދިޔައީ އެންމެ ރަނގަޅުކަމަށް ބުނެފައެވެ.

މަޖީދުއާ ޢަމްރު ހަމަނިކުތުމާއެކު ޒިވިޔާ ވަރުބަލި އަޑަކުން އެހެންނަމަވެސް ޝައުގުވެރިކަމާއެކު ސުވާލުކުރީ ޒީނާއާއެވެ.

''ޒީ ވެސް މީހަކާ އިން ވާހަކަ ބުނީ. ދަރިއަކު ލިބުނު ވާހަކައެއް ވެސް، ލައިފާ ބެހޭ އެއްވެސް ވާހަކައެއް އޭގެ ފަހަކުން ނުބުނަމެންނު!''

ޝަކުވާގެ ރާގުގައި ޒިވިޔާ ބުނި އެއްޗަކުން ޒީނާގެ މޫނަށް އެރީ އުފާވެރި ކުލަވަރެއް ނޫނެވެ.

''ޒިވީ! ކިހިނެތް މިވާހަކަ ކިޔައިދޭނީ ވެސް!. ލޯބި ނުވާ މީހަކާ އިނދެގެން އުޅުމަކީ ވޭން ހުރިކަމެއް!''

ޒީނާގެ ވާހަކަ ފަހުމު ވި ގޮތުން ޒިވިޔާ ކުރީ ސުވާލެކެވެ.

"ކީއްވެ ޒީ ލޯބި ނުވާ މީހަކާ އިނީ! ...... ކީއްކުރަން! .... އެހެންނޫނަސް ލޯބި... ލޯބި....... ދޯ!''

ޒިވިޔާގެ އަޑުގައިވަނީ ޖެއްސުމެވެ. ލޯތްބަށް އިތުބާރެއް ނެތްކަން އެ އަޑުން ފާޅުވެއެވެ. އެހެންނަމަވެސް އެކަން ޒީނާއަށް ނަގައެއް ނުގަނެވުނެވެ.

''މި ބުނީ އަހަރެން ލޯބި ނުވާ ވާހަކައެއް ނޫނޭ! ........ އޭނަ އަހަރެން ދެކެ އެއްގޮތަކަށް ވެސް ލޯބިވާ ހެނެއް ހިއެއް ނުވޭ އަދިވެސް.!..... މެރީ ކުރިތާ މިހާރު ހަތަރު އަހަރު ވާން މިއުޅެނީ! އޭނައަކަށް އެއްވެސް ބަދަލެއް ނާދޭ! އަހަރެން ހީކުރީ މެރީ ކުރީމަ އޭރު ލޯބި ނުވިއަސް ފަހުން އޭނަ ވެސް އަހަރެން ދެކެ ލޯބި ވެދާނެ ކަމަށް! އެކަމަކު އެ ދުވަހެއް ނައި!''

ޒީނާގެ އަޑުގައިވަނީ ރިހުމެވެ.

ޒިވިޔާ އޮތީ ރަޙުމަތްތެރިޔާގެ ދިރިއުޅުމުން ހުޅުވައިލި މި ހިތްދަތި ސަފުޙާގެއަޑު އިވުމުން ދެރަވެފައެވެ. ޒިވިޔާ ހީކުރީ ހިތާމާގައި އުޅެނީ އޭނާ އެކަނި ކަމަށެވެ. ހިތާމަ ކުރަން ޖެހުނު ސަބަބު ތަފާތަސް ދެމީހުނަކީ ވެސް ދިރިއުޅުމުގައި އުފަލޭ މިކިޔާ ބައި މަދު ދެމީހުންކަން އެ ހިސާބުން އެނގުނެވެ. ކޮންމެ ގޮތެއްވިޔަސް ލޯބިވާ ރަޙުމަތްތެރިޔާގެ ހާލާމެދު ޒިވިޔާ ވަރަށް ދެރަވިއެވެ.

''އެނގި އެނގި ހުރެ....... ތި ކީއްކުރަން ކުރި ކައިވެންޏެއް! ތިވެސް ދެން ކުރާ ކަހަލަ ކަންތައް؟"

ޒިވިޔާ ހުރީ ޒީނާގެ އެކައިވެންޏާ މެދު ހިތްހަމަ ނުޖެހިއެވެ.

"ކިޔައިދީބަލަ ތި ކައިވެންޏެއް ކުރަން ޖެހުނު ގޮތެއް!'' ޒިވިޔާ ބޭނުންވީ ޒީނާގެ އެ ހިތްދަތި ދިރިއުޅުމުގެ އިތުރު ތަފުސީލެވެ. ޒީނާ ބަލައިލީ ރަޙުމަތްތެރިޔާގެ މޫނަށެވެ. ދެން އިރުކޮޅަކު އިސްޖަހާލައިގެން އިނުމަށްފަހު ވާހަކަ ދެއްކަން ފެށިއިރު ރަޙުމަތްތެރިޔާގެ އަޑުގައިވަނީ މާޔޫހެވެ. ހިތްދަތިކަމެވެ.

''އެއްކަލަ ފަހަރު ޒިވީ ހުއްޓާނު ބައްޕަ ބަލިވެގެން އަހަރެން ފުރައިގެން ލަންކާއަށް ދިޔައީ! ލަންކާ ހޮސްޕިޓަލުގައި ބައްޕަ ބާއްވާފަ އޮތް ވޯޑުގައި ހަސަން ވެސް އޮތީ! ދިމާވި އެކުސިޑެންޓެއްގެ ސަބަބުން ބޮލަށް ލިބުނު ގެއްލުމުގައި އޭރު ހަސަން ކޯމާގައި އޮންނަތާ ދެ ހަފުތާވަރު ވެދާނެ ހެން ހީވަނީ! ނުވަތަ އެއަށްވުރެ ތަންކޮޅެއް ގިނަ ދުވަސް ވެސް ނުވާކަމެއް ނޭނގެ!..... ހަސަން ގާތުގައި އުޅުނީ ހަސަން މަންމަ! އެހެން އުޅެން ޖެހުނީމަ ހަސަން މަންމައާ އަހަރެންގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ވަމުން ދިޔަ! އަހަރެންގެ މަންމަ ވެސް ދުނިޔޭގައި ނެތުމުން މައެއްގެ ލޯބި ހަސަން މަންމަ ދެކެ ވެވުނު! އެއީ ވަރަށް ރަނގަޅު މައިދައިތައެއް! ހަސަން ކޯމާއިން އެނބުރި އައީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ފަހުން! އޭރު އަހަންނަށް އޮތީ ހަސަން ދެކެ ލޯބި ވެވިފަ!

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.