ތީ ފުރާނައިގެ ދިރުމޭ މަގޭ... - 15

(13 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަނަރަ ވަނަބައި

ގަޑިތައް ދުވަސްތަކަކަށް، ދުވަސްތައް ހަފުތާތަކަކަށް ބަދަލުވަމުން ދިއައިރު އަރުޝަދުގެ އެއްވެސް ޚަބަރެއް ނުވުމާ ޒިވިޔާއަށް ނޭނގި އެ ހަށިގަނޑުތެރޭ ވިންދު ޖަހަމުންދިޔަ ކުޑަ ކުޑަ ފުރާނައިގެ ސަބަބުން މީހާ މުޅިން މޯޅިވެއްޖެއެވެ. ނަފުސާނީ ގޮތުންނާ ޖިސްމާނީ ގޮތުން މީހާ މުޅިން ބަލިކަށި ވެއްޖެއެވެ. ހޮޑު ނުލެވުނަސް ހެނދުނުކޮޅު މީހާ ހުންނަނީ ވަރުބަލި ވެފައެވެ. ބައެއް ކާތަކެތި މީރުވެ ބައެއް ތަކެތީގެ ރަހަ ކަމު ނުދާން ފަށައިފިއެވެ.

ޒިވިޔާ ވެސް މަންމަ ވެސް ހީކުރީ ބަލިވެ އުޅޭތީ ވެގެން އުޅޭ ގޮތެއް ކަމަށެވެ. އެހެންނަމަވެސް މަހަކަށްވުރެ ތަންކޮޅެއް ދުވަސް ގިނަވުމުން ޒިވިޔާގެ ހިތުގައި ބިރުވެރިކަން އުފެދެން ފަށައިފިއެވެ. ހިތް ބުނަމުން ދިޔަ ވާހަކަ ޔަގީންކުރަން ރަށުގައި ހުރެ އުނދަގޫ ވާނެތީ އަނެއްކާ ވެސް ޑޮކުޓަރަށް ދެއްކުމުގެ ބަހަނާގައި މާލެ ދާން ނިންމިއެވެ. އެންމެ ބޮޑު ބޭނުމަކީ މިވަރުގެ ލަނޑެއް އަރުޝަދު ޒިވިޔާއަށް ދިން ސަބަބު ހޯދުމެވެ. ހާސްފަހަރު ލޯބިވާކަމަށް ވަޢުދާ ހުވާ ނުވިއެއްކަމަކު އަރުޝަދުގެ ވާހަކައިން ސީދާކޮށްނާ ނުސީދާކޮށް ޒިވިޔާ ދެކެ ލޯބިވާކަމަށް އަރުޝަދު ދެއްކި ވާހަކަތަކުގައި އޮތީ ކެހިވެރިކަންތޯ ސުވާލުކުރަން ޒިވިޔާ ނިހާޔަތަށް ބޭނުމެވެ. މިފަދަ ބަދުނާމެއް ޒިވިޔާގެ ބޮލުގައި އެކަނި އެޅުވުމުގެ އަރުޝަދަށް އޮތީ ކޮން ޙައްގެއްތޯ، އެޙައްގު ދިނީ ޒިވިޔާ އަރުޝަދު ދެކެ ހިތާ ފުރާނައިން ވީ ލޯބިތޯ ވެސް އަހަން ބޭނުމެވެ.

ޒިވިޔާ މާލެ ދާން ކިޔާވަރުން އެންމެ ފަހުން ޒިވިޔާގެ މަންމަ ހުއްދަ ދީފިއެވެ. އެހެންނަމަވެސް މި ފަހަރު މަންމަ ވެސް ދާ ގޮތަށެވެ. ޒިވިޔާއާ އެއްކޮށެވެ. އެހެން ބުނި ވަގުތު ޒިވިޔާއަށް ހަތަރު އުދަރެސް ފެނުޖެހުނެވެ.

މަންމަ ރަށުގައި މަޑުކުރަން އެއްބަސްވީ ޒިވިޔާ ދާތާ ހަފުތާ ނުވަނީސް އަންނާނެ ކަމަށް އެތައް ވައުދެއްވެ ވާހަކަ ދެއްކުމުންނެވެ. ފަހަކަށް އައިސް އަބަދު އަބަދު ޒިވިޔާ ބަލިވެ އުޅޭ މަންޒަރު ދެކޭކަށް މަންމައަށް ކުޅަދާނަ ނުވާނެކަން ޒިވިޔާއަށް ވެސް އެނގެއެވެ.

މާލެ ގޮސް މިފަހަރު ޒިވިޔާ ހުރީ ޒީނާ ގާތުގައެވެ. އެހެންނަމަވެސް ވެގެން އުޅޭ އެއްވެސް ކަމެއްގެ ޚަބަރެއް ޒީނާ ގާތަކު ޒިވިޔާ ނުބުނެއެވެ. އެންމެ ގާތް ރަޙުމަތްތެރިޔާ ގާތު އޭނަގެ އަގު ވެއްޓެން ބޭނުން ނުވަނީއެވެ.

އެހެންނަމަވެސް ޒިވިޔާއަށް އައިސްފައި ހުރި ބޮޑު ބަދަލުގެ އަސްލަކީ ކޮބައިތޯ ޒީނާ ތަކުރާރުކޮށް އެހިއެވެ. ޒިވިޔާ ބުނަމުންދިޔައީ މާބޮޑަށް ބަލިވެ އުޅެންޖެހޭތީ ވީ ގޮތެއްކަމަށެވެ.

ޒިވިޔާ މާލެ ދިޔަ ދުވަހުގެ ހަވީރު ޒީނާގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން ބައްޕަ ގާތަށް ޒީނާ ލަންކާއަށް ފުރަން އޮތް ދުވަހެވެ. ޒިވިޔާ އެހާ ބަލިވެ އުޅޭއިރު ޒީނާ ނެތުމުން އުނދަގޫވާނެކަން އެނގޭތީ ގޭގެ ކަންތައް ބަލަހައްޓަން ހުންނަ ކުއްޖާ ގާތު ޒިވިޔާގެ ކަންތައް ކޮށްދޭން ޒީނާ ތަކުރާރުކޮށް ބުންޏެވެ. ޒީނާއާ އެކު ލަންކާއަށް ގޮސް ޑޮކުޓަރަށް ދައްކާލަފަ އަންނަން ވެސް ޒީނާ، ޒިވިޔާއަށް ޚިޔާލު ދިނެވެ. އެހެންނަމަވެސް ޒިވިޔާ އެ ގޮތާ އެއްބަސް ނުވީ ހޯދަން ޒިވިޔާ ބޭނުންވާ ފަރުވާ ލަންކައިން ނުލިބޭނެކަން އެނގޭތީއެވެ.

އެކުވެރިޔާގެ ދަތުރު އެރެހައްޓަން އެއަރޕޯރޓަށް ދާން ޒިވިޔާ ކިތަންމެ ބޭނުންވިޔަސް ހަށިގަނޑުގެ ވަރު ދެރަކަމުން ދެވޭހާ ހިތްވަރެއް ޒިވިޔާ ގަޔަކު ނެތެވެ. އެހެންކަމުން ގޭގައި މަޑުކުރީއެވެ. އެހެންވިޔަސް އަސުރުގެ ކުރިން ބޭރަށް ޖެހިލާ ފާރމަސީއަކުން ކިޓެއް ގަނެގެން އައިސް ޒިވިޔާ މަޑުކުރީ ޒީނާ ފުރަން ދިއުމުން ޓެސްޓު ހަދަން ވެގެންނެވެ. ކަމަކީ ގާތްގަނޑަކަށް ޔަގީން ކަމަކަށް ވާތީއާ ވެސް އެކުގައެވެ.

ޢަސުރުނަމާދުގެ ސަޖިދާގައި އޮވެވެސް ޒިވިޔާ ދުޢާ ކުރަމުން ދިޔައީ ކުރިމަތިވާން އުޅޭ ކަންތަކުގައި ހިތްވަރު ދެއްވުން އެދިއެވެ. އެއަށްފަހު ކިޓް ހިފައިގެން  ފާޚާނާއަށް ވަނެވެ.

ކިޓްގެ ނަތީޖާ ދެއްކި ގޮތުން ޒިވިޔާގެ މުޅި ދުނިޔެ އެނބުރިގަތެވެ. ކިތަންމެ ހިތްވަރު ކުރިޔަސް މުޅި މީހާ ގައިން ވަރު ހުސްވެ ފާޚާނާގެ މުށިގަނޑު މައްޗަށް ދެމިއްޖެއެވެ. ޒިވިޔާއަށް މޫނުގައި ދެއަތް އަޅައި އަޑުން އަޑުނަގައި ރޮއެ ގަނެވިއްޖެއެވެ. މި އޮތްބޮޑު ދުނިޔެއަށް ޒިވިޔާ ފަޟީހަތްވެ ގިނަވީއެވެ. ރަށްމެދަށް ވިހޭކަމުގެ ސިއްކަ ޖެހުނީއެވެ. މައިން ބަފައިން ދިންހާ ނަސޭޙަތް ބޮލާލާ ޖެހިކަމުގެ ''ރީތި'' ނަންވެސް ލިބުނީއެވެ. އެންމެ ރެއެއްގެ މަދު މިނިޓު ކޮޅެއްގެ ތެރޭ ކުރެވުނު ފާފައެއްގެ ސަބަބުންނެވެ.

އެތައް ގަޑިއިރެއް ވަންދެން ފާޚާނާގެ މުށިގަނޑުމަތީ ކުރު ގެޅިގެން ޒިވިޔާ އޮތެވެ. ހަށިގަނޑުގައި ކޮޅަށް ހުރެވޭނެހާ ހަކަތަ ނެތިގެންނެވެ. އެހީއަކަށް މީހަކަށް ގޮވާލާނެހާ ހިތްވަރު ވެސް ނެތިއެވެ. މަޣުރިބަށް ގޮވިއަޑު އިވުމުން ހިތްވަރު ކޮށްލައިގެން ތެދުވެ ވުޟޫ ކޮށްލިއެވެ. އޭރު އެ ލޮލުގައި އިތުރަށް އޮހޭނެ ކަރުނައެއް ނެތެވެ. މަޣުރިބު ނަމާދުގެ ކޮންމެ ރަކުޢަތެއްގެ ސަޖިދާގައި ޒިވިޔާ ހެއްދެވި ފަރާތަށް ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަ ކުރިއެވެ. ބަނޑުގައިވާ ތުއްތު ފުރާނައަށްޓަކައި ހިތްވަރާ ކެތްތެރިކަމާ ގާބިލް ކަން ދެއްވުން އެދިއެވެ. މުޅި ދުނިޔެއާ ކުރިމަތި ލުމުގެ ކެރުންތެރިކަން ދެއްވުން އެދިއެވެ.

މަޣުރިބު ނަމާދުކޮށް ނިމުނު އިރު އެއީ މުޅިން އެހެން މީހެކެވެ. މަންމައަކަށް ވުމަށް ތައްޔާރު ވަމުން ދިއަ ހިތްވަރުގަދަ އަންހެން ކުއްޖެކެވެ.

މަޣުރިބު ނަމާދުން އަވަދިވުމުން ފޯނުހުޅުވާލާ ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔެވިއެވެ. ހިތަށް ލުޔެއް ލިބެންދެނެވެ. ދެން މަޑުމަޑުން ހޫރެމުން ކަހަލަ ގޮތަކަށް ގޮސް ބަދިގެއަށް ވަދެ އެއްޗެއް ކާލައިގެން އައިސް އެނދުގައި އޮށޯތީ ދެން ކަންތައް ކުރަންވީ ގޮތަކާމެދު ވިސްނުމަށެވެ.

އަރުޝަދާ ނުގުޅުނަސް އަރުޝަދު ގުޅުމެއް ނުބޭއްވިއަސް އަރުޝަދުގެ ގޭގެ ނަން އެނގޭތީ ޒިވިޔާ ގަސްދު ކުރީ އަދި އުފަން ނުވާ އެ ދަރިފުޅުގެ ހައްގުގައި އަރުޝަދަށް އެކަން އަންގާށެވެ.

ކާރަކަށް އަރައިގެން ޒިވިޔާ އަރުޝަދުގެ ގެއަށް ދިއައީ ވަރަށް ފޮނި އުންމީދު ތަކެއްގައެވެ. ޓެކްސީ މަޑުކުރުމުން ލާރި ދިނުމަށްފަހު ގޭގެ ނަން ދެފަހަރަކު ވެސް ކިޔައިލިއެވެ. އެއީ ހަމަ އެނަމެވެ. އެއީ އަރުޝަދުގެ ގެއެވެ. ދޮރާށީގެ ބޭރުގައި ހުރި ރަނގަބީލަށް ފިތާލުމުން ނުކުތީ ދިވެހި އަންހެނެކެވެ. އަންހެނެކޭ ބުންޏަސް ޒިވިޔާއާ ދާދި އެއް އުމުރުގެ ކުއްޖެކެވެ.

އަންހެންކުއްޖާ ބޯދިއްކޮށްލުމަށް ފަހު ޒިވިޔާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުނެވެ.

''އަރުޝަދު އުޅޭތޯ! އަރުޝަދާ ބައްދަލުކޮށްލަން!''

ޒިވިޔާ ހިތާމައާ މޮޅިވެރިކަން އެކުލެވިފައިވާ އަޑަކުން އައި ބޭނުން ސާފުކޮށްދިނެވެ.

''ތިހެން ބުނެގެން ކިހިނެތް އެނގޭނީ! މިއީ އެތައް ބުރީގެ އިމާރާތެއް! އެންމެ ކުޑަމިނުން ތިބުނާ މީހަކު އުޅޭ އެޕާޓުމެންޓް ވެސް އެނގިގެންނު ކާކުކަން އެނގޭނީ!''

އެ ކުއްޖާ އެ ބުނީ ތެދެކެވެ. ޒިވިޔާ ކަހަލަ މާލެ އުޅެ ބޮޑުވެފައި ހުރި މީހަކު ކުރަން ނުޖެހޭ ސުވާލެއްކަން ވެސް އެނގުނީ އެ ކުއްޖާ އެ ވަރު ވިސްނައި ދިނުމުންނެވެ. އެހެންނަމަވެސް ޒިވިޔާ އައި ބޭނުން ފުރިހަމަ ކުރުމަށް ބޭނުންވާ އެއްވެސް މައުލޫމާތެއް ޒިވިޔާއަކަށް ނުދެވޭނެއެވެ. ނޭނގޭތީއެވެ.

ދިރުމެއް ނެތް ހީނލުމަކުން ކުޑަކޮށް ހީނލުމަށްފަހު ޒިވިޔާ އެ ކުއްޖާ ހުޅުވައިގެން ހުރި ދޮރުން އެތެރެއަށް ދެމިގަތެވެ.

ހަށިގަނޑުގައި ހަކަތައެއް، ބާރެއް ނެތް އެ ނިކަމެތި އަންހެންކުއްޖާ އެ ފަސްބުރީގެ ގޭގެ ކޮންމެ ފްލޯއެއްގައި ހުރި ހުރިހާ އެޕާޓުމެންޓަކަށް އަރުޝަދު ހޯދަން ހިނގިއެވެ. އެންމެންގެ ޖަވާބަކީ ވެސް އެމީހުންނަކީ އެ އެޕާޓުމެންޓް ތަކުގައި ކުއްޔަށް ތިބޭ މީހުންކަމެވެ. އެއިން އެއްވެސް ބަޔަކުން އަރުޝަދު ދަންނަ މީހަކާ ދިމައެއް ނުވިއެވެ. އެއީ އެ ގެއާ އެއްވެސް ގުޅުމެއް ހުރި މީހެއްކަން އެނގޭ މީހަކު ވެސް ނެތެވެ.

ގެއަށް ދާން ޒިވިޔާ އެގޭގެ ދޮރުން ނިކުމެ އަނެއްފަހަރު ވެސް އެގޭގެ އެޑްރެހަށް ބަލައިލިއެވެ. އެއީ މީގެ ހަތަރުވަރަކަށް މަސް ކުރިން އަރުޝަދުގެ އައިޑީކާޑުގައި އޮތްވާ ޒިވިޔާ ދުށް ނަމެވެ. އެކަން ޒިވިޔާއަށް ޔަގީނެވެ.

އިސްޖެހިފައި ހުރި ޒިވިޔާ މަޑުމަޑުމަޑުން ކުރިއަށް ހިނގައިގަތީ ހުއްޓުން އަރާފައިވާ އޭނަގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުންނެވެ. ދެން ހަނދާނެ ގޮތެއް ވިސްނުމަށް ނައުމުން ގެއާ ދިމާއަށް މިސްރާބު ޖެހީ ލިބުނު ނާކާމިޔާބީގެ ސަބަބުން ހިތް ކުދިކުދިވެފައިވާ ހާލުއެވެ. ހިތާމަޔާ ހިތްދަތިކަމަކީ ކޮބައިކަން ނޭނގި ދިރިއުޅުމުގެ މިހިސާބަށް އައި  ޒިވިޔާ ވަނީ ހުރިހާ ގޮތަކުން ވެސް ބަލިކަށިވެފައެވެ. މަންމައާ ބައްޕަ ވަކިން އުޅުނަސް އެދެފަރާތުގެ ލޯބި އަބަދު ވެސް ޒިވިޔާއަށް އައީ ލިބެމުންނެވެ. ޒިވިޔާ ކޮންމެ ތާކު އުޅުނަސް އެ އުޅުނު ތަނަކުން ލިބެމުން އައީ ލޯތްބާ އެކުވެރިކަމާ ރުހުމެވެ. އެހެންމީހުންގެ އިތުބާރާ އިހުތިރާމެވެ. އެކަމަކު މިއަދު ދުނިޔެ އޭނައަށް މިދެއްކީ މުޅިން ތަފާތު ކުލައެކެވެ.

މި ކުލައަށް ހޭނެން  އޭނާ ބޭނުމެވެ. ދިރިއުޅުން ކިތަންމެ ބުރަނަމަވެސް އެ ބުރަ އުފުލަން ވެސް ބޭނުމެވެ. މިހާރު ދެން އެންމެ ސަބަބަކަށްޓަކައެވެ.

ގެއަށް ގޮސް ވަނުމާއެކު އަނެއްކާވެސް އޭނަގެ ހިތްވަރު އެލިއްޖެއެވެ. އެނދުމައްޗަށް ވެއްޓި އެތައް އިރެއްވީއިރު ވެސް ރުއިން ހުއްޓައެއް ނުލެވުނެވެ. ހިތްވަނީ ޝަކުވާއިން ފުރިފައެވެ. އެހެންނަމަވެސ ޒިވިޔާގެ ޝަކުވާގެ އަޑުއަހާނީ ކާކުހެއްޔެވެ! އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނީ ވަކި ކާކުހެއްޔެވެ! މި ދުނިޔެއިން ބޭނުންވަނީ އެންމެ ފަރާތެއްގެ އެހީތެރިކަމެވެ. އެދެވެނީ އެންމެ ފަރާތެއްގެ އަޅާލުމަށެވެ. އެ ފަރާތުގެ އޯގާތެރި އެންމެ ލަފުޒަކުން ވެސް ޒިވިޔާއަށް މުޅި ދުނިޔެއާ ކުރިމަތިލެވޭހާ ހިތްވަރު ލިބޭނެއެވެ.

''އަރޫ! އަޅޭ ކޮންތާކުތަ! އެންމެ ފަހަރަކު އަހަންނަށް ގުޅާލަބަލަ! ހަމަ އެންމެ ފަހަރަކު ...... ޕްލީޒް، މިހާވަރަށް އަހަރެން ދެރަ ނުކުރޭ! ހިތަށް ހާދަ ތަދެއް އެބަވެޔޭ! އަރޫ ކީއްވެތަ  ތިހެން ތި ހަދަނީ! މި ހިތްދަތި ކަމުގައި އަހަރެން މަރުވެދާނެ! ..... އަރޫ، ....... ޒިވީ ދެކެ ލޯބި ނުވަނީތަ!''

އެންމެ ފަހުން ރޮމުން ރޮމުން ގޮސް ޒިވިޔާއަށް ގިސްލެވެން ފަށައިފިއެވެ. އެހެން އޮވެ ނިދުނީއެވެ. ނިދިފައި އޮތް އިރުވެސް ޒިވިޔާއަށް ގިސްލެވެއެވެ.

ޒިވިޔާއަށް ހޭލެވުނީ ފުދޭވަރަކަށް ލަހުންނެވެ. ފޯނުނަގާ ބަލައިލީ މަންމަ ގުޅާނެ ކަން އެނގޭތީއެވެ. ފޯނު ނުނެގުމުން ޒިވިޔާގެ ޚަބަރެއް ނުވީމާ މަންމަ ކިހާ ކަންބޮޑުވާނެ ކަން އެނގޭތީ މަންމައަށް ގުޅާލިއެވެ. ދެ ތިން ރިންގާއެކު މަންމަ ފޯނު ނެގުމުން ނިދުނީކަމަށް ބުންޏެވެ. ކައިފިތޯ އެހުމުން ނަމާދުކޮށްލައިގެން ކާނޭކަމަށް ބުނެ މަންމަގެ ހިތްހަމަޖައްސައި ދިނެވެ.

ކަންތައް ކުރީވެސް އެހެންނެވެ. އޭގެ ފަހުގައި އެރޭ ޒިވިޔާގެ ލޮލަކަށް ނިންޖެއް ނައެވެ. ވިސްނީ ކުރިއަށް އޮތް ދުވަސްތަކާ ޒިވިޔާ ކުރިމަތިލާނޭ ގޮތަކާ މެދުގައެވެ.

ހެނދުނު ތެދުވެ އެންމެ ފުރަތަމަވެސް ގުޅީ ޒިވިޔާގެ ބައްޕައަށެވެ. ޒިވިޔާއަށް ރަށަށް ދެވޭނެ ގޮތް ޒިވިޔާގެ ބައްޕަ ހަމަޖައްސައިދިނުމުން އޭގެ ދެ ދުވަސް ފަހުން މާލެ ދޫކޮށް ޒިވިޔާ ފުރައިގެން ދިއައީ ރަށަށެވެ. އެކަމަކު މިފަހަރު ބައްޕަގެ ރަށަށެވެ. މާލެ އައުމުގެ ހަގީގީ ބޭނުން ނުފުދި މާޔޫސްކަމާއެކު އެނބުރި ދިއުން ނޫން ގޮތެއް ޒިވިޔާގެ ނަސީބުގައި މިވަގުތަކު ނެތެވެ.

ޒިވިޔާ ފެނުމުން ޒިވިޔާގެ ބައްޕައަށް އަނގަމަތީ އަތް އަޅާލެވުނެވެ. އިއްޔެއާ ހަމައަށް ޝާއްބަކަމާ އެކު ފަރިވެ ފޮޅެމުން އައި ލޮޓަސްމަލެއް ފަދަ ޒިވިޔާ، އެއްވެސް ޚިޔާލެއް ފިކުރެއް ނެތި، ކޮކާލެއް ހެން މިނިވަންކަމާއެކު އުދުހި އުޅުނު ޒިވިޔާ، މަޖީދުގެ ދަރިފުޅުގެ ކުލަ ގެއްލި ވަޅުވަނދެފައިވާ ދެލޮލުން އެކަނި ވެސް ޒިވިޔާގެ ބައްޕަ ވަރަށް ގިނަ ކަންކަން ދެނެގެންފިއެވެ. އިޚުތިޔާރުން ބޭރުން ދަރިފުޅާއޭ ކިޔައި މަޖީދަށް ގޮވައިލެވުނެވެ. އެ އަޑު އިވުމުން އެކަނި ވެސް ބައްޕައަށް ކުރި އަސަރު ޒިވިޔާ ދެނެގެންފިއެވެ. ބައްޕަގެ ލޮލުން ފެނުނު ސުވާލުމާކަށް ދޭނެ ޖަވާބެއް ނެތުމުން ޒިވިޔާ އިސްޖަހާލިއެވެ.

ގެއަށް ވަދެވުމާއެކު ޒިވިޔާ އެދުނީ މަންމަ ވެސް އެރަށަށް ޒިވިޔާ ގާތަށް ގެނެސް ދިނުމަށެވެ. ވީ އެންމެ އަވަހަކަށެވެ. އެ ވަގުތު ވެސް މަޖީދު ޒިވިޔާއަށް ބަލަން ހުރީ ވީ ކީއްތޯ އަހާފަދަ ނަޒަރަކުންނެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.