ޓޮޓެންހަމް އިން އާސެނަލް ބަލިކުރިއިރު  މެން. ސިޓީ ލީޑް ފުޅާ ކޮށްފި

 ހެރީ ކޭން ދެވަނަހާފުގެ ކުރީކޮޅު ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިން ލަނޑުން ވާދަވެރި އާސެނަލް 0-1 އިން ބަލިކުރިއިރު މެންޗެސްޓަރ ސިޓީ ވަނީ 1-5 އިން ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ސޯޅަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ލަންޑަނުގެ ދެޓީމުކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް ބައްދަލުކުރިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ގޯލެއް ނުފެނުނު ނަމަވެސް، ޓޮޓެންހަމް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި އާސެނަލްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. މިހާފުގައި އާސެނަލްގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރަށް ދަށްކުޅުމެކެވެ. ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ.

ދެވަނަހާފު ފެށިގެން 4 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ލަނޑުޖަހައިދިނީ ބެން ޑޭވިސް ނަގައިދިން ހުރަހަކުން ހެރީ ކޭން އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 23 ވަނަ ލަނޑެވެ. މިލަނޑަށްފަހުވެސް ޓޮޓެންހަމް އިން ވަނީ ލަނޑު ޖަހާނެ ގިނަފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި ހަމަލަތާތަކުގެ ހުރަހަކަށްވީ އާސެނަލްގެ ތަޖުރިބާކާރު ކީޕަރު ޕީޓަ ޗެކް އެވެ. މެޗުނިމެން ވަރަށް ކައިރިވެފައިވަނިކޮށް އާސެނަލްގެ ފޯވަޑް އަލެކްސެންޑަރ ލަކަޒެޓް އަށް ވަރަށް ރަނގަޅު ހުސް ދެފުރުސަތު ލިބުނެވެ. ފުރަތަމަ ފޮނުވާލި ހަމަލާ ހުރަސް ދަނޑިމަތިން ދިޔައިރު ފަހުން ފޮނުވާލި ބޯޅަ ދިޔައި ދަނޑިކައިރިން ބޭރަށެވެ.

ސާޖިއޯ އަގުއޭރޯ ދެވަނަހާފުގައި ޖަހައިދިން 4 ލަނޑާއިއެކު މެންޗެސްޓަރ ސިޓީއިން 1-5 އިން ލެސްޓަރ ސިޓީ ގެ މައްޗަށް ބޮޑުމޮޅެއް ހޯދިއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކުރީ ރަހީމް ސްޓާލިންގ އެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމަށް ލީޑު ނަގައިދިނީ 3 ވަނަ މިނެޓުގައި ސްޓާލިންގ އެވެ. މިލަނޑުޖެހިތާ މާގިނައިރުނުވަނީސް ލެސްޓަރ ސިޓީގެ އިނގިރޭސި ފޯވަޑް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ 24 ވަނަ މިނެޓުގައެވެ. ފުރަތަމަހާފު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

ދެވަނަހާފު ފަށައިގެން ސިޓީއިން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމުގެ ދެވަނަ ލަނޑު 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައެވެ. މިލަނޑު ޖަހައިދިނީ ކެވިން ޑި ބްރައިނާ ދިން ބޯޅައަކުން އަގުއޭރޯ އެވެ. އޭގެ 5 މިނެޓުފަހުން އަގުއޭރޯ ވަނީ އިތުރު ލަނޑެއްޖަހައި ސިޓީއަށް ލީޑް ފުޅާކޮށްދީފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ލެސްޓަރގެ ކީޕަރ ކެސްޕާ ޝްމައިކަލްއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އަގުއޭރޯ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު އެންމެ ފަހުމިނެޓުގައި އެޓީމުގެ 5 ވަނަ ލަނޑުކާމިޔާބުކުރީވެސް  އަގުއޭރޯއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ސިޓީއިން ތާވަލްގެ އެންމެ ކުރީގައި 16 ޕޮއިންޓްގެ ލީޑެއްނަގާފައިވާއިރު ލެސްޓަރ އަދިވެސް އޮތީ 8 ވަނައިގައެވެ.

އިނގިރޭސި ލީގުގައި ރޭކުޅެވުނު އެހެންމެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެވަޓަން ވަނީ 1-3 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ވެސްޓްހޭމް ޔުނައިޓެޑް އަތުން ވަޓްފޯޑް 0-2 އިން ބަލިވިއިރު ސްވަންސީ ސިޓީ ވަނީ ބާންލީ އަތުން 0-1 އިން މޮޅުވެފައެވެ. މީގެއިތުރުން ސްޓޯކް ސިޓީ އާއި ބްރައިޓަން ހޯވް އަލްބިއަން ބައްދަލުކުރިމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.