އަލިފާންކޮކާ - 5

(8 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާއަށް އޭނާ ބޭނުންވެގެން އުޅޭ ރަނގަޅު ދިރިއުޅުން ލިބުނީއެވެ. އޭނާ ވިސްނަމުން ދިޔައެވެ.

ހެނދުނު އޭނާއަށް ހޭލެވުނީ ލަހުންނެވެ. އޭރު އޮފީހުގެ ގަޑިވެސް ޖެހިގެން ހިނގައްޖެއެވެ. އޭނާ އަވަސްއަވަހަށް ތައްޔާރުވެގެން އޮފީހަށް ދާން ނުކުމެއްޖެއެވެ. އެ ދުވަސްވަރު އޮފީހުގެ ވޭން އޮތީ ހަލާކުވެގެން ހަދާން ގެންގޮސްފައެވެ. އެހެންވީމާ އޭނާއަށް ދާން ޖެހުނީ އަމިއްލައަށެވެ. އޭނާ ނުކުމެ، އޮޓޯ ރިކްޝާއަކަށް އަރައިގެން  ވިއްސަކަށް މިނިޓުގެ ތެރޭގައި އޮފީހަށް ހިނގައްޖެއެވެ. އޭނާ ދިޔައީ ކާޝިފްގެ ކުރިމަތީގައި ވީހައި ގިނައިރު ހުރެވޭނޭ ގޮތެއް ވޭތޯ ވިސްނަމުންނެވެ. އެކަމަކު އެކަހަލަ ތަދުބީރެއް އޭނާގެ ސިކުނޑިއަކަށް އަންނަ ގޮތެއް ނުވިއެވެ. އޮފީހަށް ވަނުމާއެކު ކާޝިފް އޭނާއަށް ގޮވައިލިއެވެ. އޭނާގެ ނަސީބު އައިސް އަތުގައި ހިފިލެއް އަވަސް ކަމުން އޭނާ ހުރީ ޙައިރާންވެފައެވެ.

"މިއަދު އޮފީހަށް ތިޔަ އައީ ގަޑި ޖެހިގެންނެއްނު؟" ކާޝިފް ބުނެލިއެވެ.

ކާޝިފް އެ ވަގުތު ހުރީ އެއްވެސް މަސައްކަތެއް ކުރާކަށް ނޫނެވެ.

"އާދެ." އޭނާ ކިތަންމެ ހިތްވަރު ކުރިކަމުގައި ވިޔަސް އެވަގުތު ވަރަށް ބޮޑަށް ހާސްވިއެވެ.

"އެއީ ކީއްވެގެން؟"

"އަޅުގަނޑު ކުޑަކޮށް ބަލިވެ އުޅޭތީ."

ރޭގަނޑު ހަތަރު ދަމު ހޭލައި އޮތުމާއި، ހެނދުނު ލަހުން ތެދުވުމުގެ ސަބަބުން މޫނު މައްޗަށާއި ލޮލަށް އައިސްފައިވާ ބަދަލުގެ ސަބަބުން އޭނާގެ ދޮގު ފޮރުވޭ ގޮތްވިއެވެ.

"އެހެންވެއްޖެއްޔާ އޮފީހަށް އައީ ކީއްކުރަން؟"

"ސަރ. ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް ހުރީމާ."

"މަސައްކަތް ހުންނާނެ... އެ މަސައްކަތްތައް އެހެން މީހަކު ލައްވައިވެސް ކުރުވިދާނެ... އެހެން މީހުންވެސް އޮފީހުގައި އެބަ އުޅެއެއްނު؟"

"އާދެ." އޭނާ ތެޅެމުން ފޮޅެމުން އޮފީހަށް އައީ ކާޝިފާ ހެދިއޭ އޭނާ ބުނާނީ ކިހިނެއް ހެއްޔެވެ؟

"އިށީނދޭ." އޭނާ ގާތު އިށީންނާށޭ ބުނެފައި ކާޝިފް އިންޓަކަމުން ގުޅާފައި ސައި ގެންނާން އަންގައިފިއެވެ.

"މިތާނގައި ވަޒީފާ އަދާ ކުރާތާ ކިހައި ދުވަހެއްވެއްޖެ؟"

"ހައެއްކަ މަސް ދުވަސް ވެދާނެ." އޭނާގެ ހާސްކަން އަދި ވެސް ނުފިލައެވެ. "މިހާރު އޮފީހަށް އަންނާނެ ގޮތެއް ނެތީމާ ވަރަށް ގިނަ އުނދަގޫ ތަކާ ކުރިމަތިލާން ޖެހޭނެކަން އަހަންނަށް އެނގޭ."

ޒާރާ ބޯ ޖަހައިލިއެވެ. ބޯ ޖަހައިލީގޮތުން އެބުނީ "އާނއެކޭ" ކަމެއް ނުވަތަ "ނޫނެކޭ" ކަމެއް  ނޭނގޭނެއެވެ.

ޕިޔޯނު އައިސް ސައި ތަބަށް ބަހައްޓައިފައި ދިޔައީމާ ކާޝިފް އަހައިލިއެވެ.

"ބޭސް ގުޅައެއް ގެނުވަންތަ؟"

"ނޫން. ބޭނުމެއް ނޫން."

"އެހެންވެއްޖެއްޔާ ސައިތަށި ބޮއިލާ."

ސައިތަށި ތުނބުގައި ޖައްސައިލީ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ކާޝިފް އެ އުޅެނީ އަހަރެންގެ ކުރިމަތީގައި ވަރަށް ރަނގަޅު މީހަކަށް ހެދޭން ވެގެންނެވެ. އެވަގުތު ކާޝިފްގެ މޭޒުމަތީގައި ހުރި ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އޭނާ ފޯނު ނަގައިގެން ވާހަކަ ދައްކާން ފަށައިފިއެވެ. އެ ވަގުތުކޮޅުގެ ބޭނުން ހިފައިގެން ޒާރާ ދިޔައީ ސައި ބޮމުން، ވިސްނަމުންނެވެ.

"ޒާރާ ގެއަށް ދާން ބޭނުމިއްޔާ..." ފޯނުގެ އަތްގަނޑު ބާއްވަމުން އޭނާ ބުނެލިއެވެ.

"ނޫން... އަޅުގަނޑަށް މިހާރު އޮފީހަށް އާދެވިއްޖެއެއް ނޫންތޯ؟ އެހެންވީމާ...

"އެންމެ ރަނގަޅު." އޭނާ ހިނިތުން ވެލިއެވެ. "އެކަމަކު، މާދަމައިން ފެށިގެން ދެ ދުވަހުގެ ޗުއްޓީއެއް ނަގައިގެން އަރާމުކޮށްލާ."

"ޝުކުރިއްޔާ، ސަރ." އޭނާ ތެދުވެއްޖެއެވެ. ހިނގައިފައި ގޮސް އެ ކޮޓަރީން ނުކުތުމުގެ ކުރީން އެނބުރި ކާޝިފާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ.

ޗުއްޓީއެއްގެ ގޮތުގައި ލިބުނު ދެ ދުވަހުގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފިއެވެ. ފުރަތަމަ އޭނާ ބެލީ އަޅައި އުޅޭ ހެދުން ރަނގަޅު ކުރެވޭތޯއެވެ. ގާތް މީސްމީހުންނާ ސުވާލުކޮށްގެންނާއި، ލޯގަނޑުދޮށުގައި ހުރެގެން އަމިއްލައަށް ބަލައިގެން ކަމުނުދާ ގޮތަށް ކަމެއެް ކުރެވިފައި އޮތިއްޔާ ރަނގަޅުކުރީއެވެ. ކާޝިފްގެ ފަރާތުން އޭނާއަށް ފެނުނު ކުޑަކުޑަ ގާތްކަމެއްގެ ސަބަބުން އޭނާގެ އުއްމީދު ވަނީ ވަރަށް ބޮޑަށް އާލާވާގޮތް ވެފައެވެ.

އޭނާގެ އިސްތަށިގަނޑު އެއްގޮތަކަށް އޮމާންކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ބޮލުގައި އަތްފުނާ އަޅަމުން އޭނާ ވިސްނައިލިއެވެ. އެ ޚިޔާލު ހިތަށް ވަނުމާއެކު، ބޯ އޮމާންކުރާ ގޮތް ބަދަލުކޮށްލާން ނިންމައިފިއެވެ.

ކާވެނި ޕާޓީން އޭނާއަށް ވަނީ ވަރަށް ގިނަ ގޮތްގޮތަށް ބޯ އޮމާންކޮށްގެން ތިބި ކުދިން ފެނިފައެވެ. ތިން ދުވަސް ފަހުން އޭނާ އޮފީހަށް ނުކުތީ މުޅީން އައު މީހަކަށް ވެގެންނެވެ. ބޯ އޮމާންކުރާ ގޮތްވެސް ހުރީ ބަދަލުކޮށްފައެވެ. ހެދުން އަޅާ ގޮތްވެސް ހުރީ ބަދަލުކޮށްފައެވެ. ކާޝިފްގެ ލޮލުގައި އަޅައިގަންނާނޭ ހުރިހައި ގޮތަކަށް އޭނާ ހުރީ ތައްޔާރުވެގެންނެވެ.

ހީކުރިގޮތާ ޚިލާފަށް އޭނާ ފެނުނީމާ ކާޝިފް ދިޔައީ ސިއްސައިގެންނެވެ. އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ޙައިރާން ކަމުގެ އަސަރުތަކެވެ.

"ޒާރާ މޭޒުދޮށަށް ދޭ." ހަރުކަށި ރާގަކަށް މިހެން ބުނެފައި އޭނާ ފައިލެއްގެ ތެރެއަށް ގެއްލިއްޖެއެވެ. ކާޝިފްގެ ރުޅީގެ ސަބަބަކީ ކޮބައިތޯ އޮޅުން ފިލުވައިލާން ކުޑަ އިރުކޮޅަކު މަޑުކޮށްލާނަމޭ އޭނާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް ކާޝިފްގެ މޫނުމަތީން ފެންނާން ހުރި ނުރުހުމުގެ އަސަރުތައް ފެނުނީމާ މަޑުކުރަން ނުކެރުނީއެވެ.

އޭނާ އައިސް މޭޒުދޮށުގައި އިށީނދެއްޖެއެވެ. އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ކާޝިފް ރުޅި އައިކަމަށް ހެދުނީއެވެ. އޭނާ އަމިއްލަ ނަފްސަށް އޮޅުވައިލެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަމުގައި މާ ބޮޑު ކާމިޔާބީއެއް ލިބޭ ގޮތެއް ނުވިއެވެ. މަސައްކަތް ބުރަކަމުން ކާޝިފަށް އޭނާޔާ ވާހަކަ ދައްކައިލާނޭ ފުރުސަތެއް ނެތީއެވެ. އެކި ގޮތްގޮތަށް ވިސްނަމުން ގޮސް އެންމެ ފަހުން އޭނާއަށް ނުބައި ފިޔަވަޅެއް އެޅިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ދެން އޭނާ ވިސްނާން ފެށީ ކާޝިފްގެ އުނި ސިފަތަކާ މެދުގައެވެ. ހިތަށް އެރިއެވެ. އޭނާގެ ކިބައިގައި ހުރީ ރީތި ކޮން ސިފައެއް ހެއްޔެވެ؟ އޭނާގެ އަތުގައި ފައިސާ ހުރީމާ ގިނަ މީހުން އޭނާގެ ފަހަތުން އެނބުރެނީއެވެ. އެންމެ ފަހުން ގޮސް ޒާރާގެ ވިސްނުން ގުޅުނީ އާދައިގެ މަތީން ފައިސާޔާއެވެ.

ފައިސާވެރިން މިރަށަކު މަދެއް ނޫނެވެ. ޓައިޕްރައިޓަރަށް ކަރުދާސްގަނޑު ލައްވަމުން އޭނާ ވިސްނައިލިއެވެ. ކޮންމެވެސް އެހެން މީހަކު ލިބިދާނެއެވެ.

ހަވީރު އޭނާ ގެއަށް އައިއިރު އަޙްސަން އުޅެއެވެ. އޭނާ ހުރީ މަންމަޔާ ވާހަކަ ދައްކާށެވެ. ޒާރާވެސް އައިސް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"ކިހިނެއްވީ؟" އަޙްސަން އޭނާޔާ ދިމާއަށް ބަލާ ވަރުން އުނދަގޫވެގެން އޭނާ އަހައިލިއެވެ. މި ސުވާލު ކުރި އިރުވެސް އޭނާ އެ ބަލަނީ ބޯ ކޮށައިފައި ހުރީމާކަން އޭނާއަށް އެނގެއެވެ.

"އަޙްސަން... ކިހިނެއްވީތަ؟"

"ހޫނ..." އަޙްސަން ދިޔައީ ސިއްސައިގެންނެވެ. "މާބޮޑު ކަމެއް ނުވޭ. އަހަރެން ބޮޑުދައިތަ ގާތު މި ދައްކަނީ ސާޖިދާގެ ކާވެނީގެ ވާހަކަ."

"އޭނާ ދެވާނޭ މީހަކުވީތަ؟"

"ނޫނޭ އަދިއެއް ނުވޭ. އަހަރެން މިދަނީ ރަނގަޅު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން."

"ކޮން މަސައްކަތެއް؟"

"ދެތިން ގެއަކުން އިޝާރާތް ވެއްޖެވެސްމެ. އަހަރެން މިދަނީ އެމީހުންގެ ކަންތައްތައް ހުރިނެތް ގޮތްވެސް ބަލަމުން."

"ތިޔަ ބެލުމެއް ބަލަބަލައި ހުއްޓާ އަޙްސަން މުސްކުޅި ވެދާނެ." އޭނާގެ ވާހަކައިގައި ހުރީ ސުވާލުގެ ރާގެވެ.

"ފަސް ކޮއްކޮއިން މީހުންނާ ދެވަން އެބަޖެހޭ." އަޙްސަން އޭނާގެ ސުވާލު ވިސްނިގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.

"ޒާރާ. ކަލޭ މިތާނގައި މަޑުކޮށްލާ." މަންމަ ބުނެލިއެވެ. "އަޙްސަން. އަހަރެން މި ދަނީ ކައްކަން. ދާންވާނީ މިރޭ ކައިގެން."

"ނޫނޭ ބޮޑުދައިތާ. އަހަންނަކަށް މާ ގިނަ އިރަކު ނުހުރެވޭނެ."

"އެއީ ކީއްވެގެން؟"

"އަވަހަށް އަންނާށޭ މަންމަ އޮތީ ބުނެފައި."

"މައްސަލައެއް ނެތް. އަޙްސަން ވީ މިގޭގައިކަން މަންމައަށް އެނގޭނެއެއްނު؟"

މަންމަ ތެދުވެގެން ބަދިގެއަށް ހިނގައްޖެއެވެ. ޒާރާއާއި އަޙްސަނާ ދެ މީހުން އެކަނިވީއެވެ.

"ޒާރާ ތިޔަ ހުންނަނީ ކޮން ވައްތަރެއް ޖައްސައިގެން."

"މިއީ ވައްތަރެއްތަ؟ ކަމު ނުދަނީތަ؟"

"އަހަރެންނަށް ރަނގަޅީ އިސްތަށިގަނޑު ދިގުކޮށް އޮތީމާ. ޒާރާޔާ ގުޅެނީވެސް އެހެން އޮތީމާ."

"އެހެންތަ؟" އޭނާ ހީނގަތެވެ. "ޙިނާގެ ކާވެނި ޕާޓީގައިވެސް އަހަރެންގެ އިސްތަށިގަނޑު ރީތިވެގެން ވަރަށް ގިނަ ކުދިން އުޅުނު."

އަޙްސަން އަނގަޔަކުން ނުބުނެއެވެ.

އަނެއްކާވެސް ވާހަކަ ދައްކާން ފެށީ ޒާރާއެވެ. "ސިފައިންގެ ތެރެއަށް ވަންނާން އިމްތިޙާނު ހަދާ ވާހަކަ މަންމަ ބުނި."

"އާނ. އެއީ ތެދެއް."

"އެއީ ކީއްކުރަން ކުރާ ކަމެއް؟"

"އެއީ ހަމަ ހެޔޮ މަގުސަދެއްގައި ކުރާ ކަމެއް."

"އާނ. ރަނގަޅު. ކުރިއަށް ދާނޭ މަގެއް ފެންނާނީ އޭރުންތާ ދޯ؟"

"ޒާރާ." އަޙްސަން ކުއްލިއަކަށް ގޮވައިލިއެވެ. "އަހަރެން ކުރިއަށްދާ ދުވަހެއް ފެންނާންދެން ޒާރާ އިންތިޒާރުކުރާނަންތަ؟"

"އަޙްސަނަށް ކަމެއް ކުރެވޭވަރު ވާނީ އަދި ވަރަށް ގިނަ ދުވަހުން."

"އެހައި ގިނަ ދުވަހެއް ނުވާނެ." އޭނާ އުއްމީދުން ފުރިފައިވާ ގޮތަކަށް ޒާރާ އާދިމާއަށް ބަލައިލިއެވެ.

"އަހަރެން މިބުނި އެއްޗެއް އަޙްސަނަކަށް ނުވިސްނުނު. އަހަރެން މިބުނީ ގޭގެ ޒިންމާއިން އަތް ދޮވެލެވޭނީ އަދި ލައްކަ ދުވަހުންނޭ."

ޒާރާ ތެދުވެއްޖެއެވެ. ކުޑަ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުނެލިއެވެ. "އަޙްސަނާއި އަހަރެންނާ ދެ މީހުންގެ ވާހަކަ އެއްކަލަ ދުވަހު ނިމިއްޖެ. އެ ވާހަކަ އަލުން ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަޙްސަންވެސް އެ ވާހަކަ ނުދައްކާތި. އެ ވާހަކަ އަލުން ފަށައިފިއްޔާ އަހަންނަށް ނުދައްކާން ހުންނަ ވާހަކަވެސް ދެއްކިދާނެ. އަހަރެން މިއީ އެއްވެސް ފޮރުވުމެއް ނެތި ވާހަކަ ދައްކާ މީހެއްކަން އަޙްސަނަށް އެނގޭނެ."

މިހެން ބުނެފައި އޭނާ އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.